މި ސަރުކާރަކީ، ޙަޤީޤީ ތަރައްޤީއަކީ އިންސާނާ ތަރައްޤީވުންކަން ދެނެވަޑައިގެން، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ނުކުމެ އޮތް ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، މިއަދު ހެނދުނު ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި،       މި ސަރުކާރަކީ، ބޮޑުހިލައާއި ކޮންކްރީޓުން ތަރައްޤީ މިނާ ސަރުކާރެއް ނޫންކަމަށާއި، މި ސަރުކާރުން ތަރައްޤީ މިނަނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާގެ އަދަދުން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުން މުއްސަނދި ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

 
ރައްޔިތުން ތަރައްޤީ ކުރުމަށްޓަކައި، ރައްޔިތުން ދޫކޮށްލައި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.          މި މިނިވަންކަމާއި ޙައްޤުތަކަކީ، ހަމައެކަނި ޤާނޫނުއަސާސީގައި އެކަންކަން ބަޔާންކުރުމަކުން ލިބޭ މިނިވަންކަމަކާއި، ޙައްޤުތަކެއް ނޫންކަމާއި، ކުރީގެ ޤާނޫނުއަސާސީގައިވެސް، އަދި މިހާރު ތަންފީޒު ކުރަމުންދާ ޤާނޫނުއަސާސީން މި މިނިވަންކަމާއި ޙައްޤުތައް، ރައްޔިތުންނަށް ލިބިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މީގެކުރިން ރައްޔިތުންނަށް މި ޙައްޤުތައް ފުރިހަމަގޮތުގައި ލިބިފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް މި ފުރުޞަތުތައް ލިބިފައި މިވަނީ ގިނަ ޕާޓީތައް ބައިވެރިވާ ސިޔާސީ ނިޒާމުގެ ސަބަބުންނެވެ. ކުރިއާއި މިހާރުގެ ހަމައެކަނި ބަދަލަކީ، މިހާރު ސިޔާސީޕާޓީތަކަށް ރާއްޖޭގައި ފުރުޞަތު ލިބިފައިވާކަމެވެ. 
 
މީގެއިތުރުން، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި، ތަޢުލީމީ ސިޔާސަތާއި، އަދި ސަރުކާރުގެ ހުރިހާ ވަޢުދެއްވެސް ގުޅިފައިވަނީ އިންސާނާ ތަރައްޤީ ކުރައްވައި، ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރު ކުރެއްވުމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުއްސަނދިކަމުގެ       98 އިންސަންތަ ޙިއްޞާ ކުރަނީ ރާއްޖޭގެ އެންމެ ދެ ޕަސެންޓް ރައްޔިތުންކަން ބަޔާންކުރައްވަމުން، ރާއްޖޭ ގިނަ ރައްޔިތުންނަކީ ނިކަމެތިން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، އެމީހުން ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ސަރުކާރުން ވަޢުދު ވެވަޑައިގެންނެވީ، ރައްޔިތުންނަށް އެމީހުންގެ ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށްދެއްވައި، އެމީހުންގެ ޙައްޤުތައްވެސް ރައްކާތެރިކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން، ކުޑަހުވަދޫގެ 450 ރައްޔިތަކަށް މަދަނައިގެ ދަށުން އަހަރަކު ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ދެހާސްރުފިޔާގެ ޕެންޝަން އެރަށުގެ     122 މީހަކަށް ލިބެމުންދާތާ ދެ އަހަރު ވެފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
ސަރުކާރުން ކުޑަހުވަދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، އެރަށުގެ ބޭރުތޮށި ހެދުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނި، މިއަހަރު އެ މަސައްކަތް ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ، ކުޑަހުވަދުއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އަމިއްލަ ފަރާތަކުން ހިންގަވާ، މަސްވެރިންނަށް ބޭނުންވާ ތެލާއި، އައިސް އަދި މަސްވެރިކަމަށް ބޭނުންވާ އެހެން ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެއް ބައްލަވާލެއްވިއެވެ.