"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މި މަޝްރޫޢުތައް ނިންމެވީ، މިއަދު ބޭއްވެވި       އެ މަޖިލީހުގެ ޖަލްސާގައި، "ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ކުރައްވަން ހުރި އިތުރު ކަންތައްތަކާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

 
މިގޮތުން ނިންމެވި އެއް މަޝްރޫޢަކީ، ތިލަފުށީގައި ކޮންޓެއިނަރ ޕާކެއް ޤާއިމު ކުރެއްވުމުގެ މަޝްރޫޢެވެ. މިކަމާބެހޭގޮތުން މެންބަރުން ވާހަކަފުޅުދެއްކެވުމަށްފަހު، ކަމާގުޅޭ ދާއިރާތަކާ މަޝްވަރާ ކުރައްވައިގެން، ނިންމަވަންޖެހޭ ކަންތައްތައް ނިންމަވައި، ކޮންޓެއިނަރުގައި ތިލަފުށްޓަށް މުދާ ބޭލުމާއި، މުދާ ކްލިއަރ ކުރުމުގެ ކަންތައްތައް ރަނގަޅު އުސޫލުތަކެއްގެ މަތިން ކުރައްވަމުން ގެންދެވުމަށް ކަނޑައެޅުއްވިއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ކަމާގުޅޭ އެހެނިހެން ދާއިރާތައް ގުޅިގެން، ބޯޑަރ ކޮންޓްރޯލްގެ ކަންތައްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރެއްވުމަށްވެސް ނިންމެވިއެވެ.
 
އަނެއް މަޝްރޫޢަކީ، ވިލިނގިލީގައި ލައިޓް އިންޑަސްޓްރިއަލް ޕާކެއް ޤާއިމު ކުރެއްވުމުގެ މަޝްރޫޢެވެ. މި ޕާކްގެ މަސައްކަތް ކުރިއަށް ގެންދެވުމަށާއި، ސްކޫލާއި ޞިއްޙީ މަރުކަޒާ ދުރު ހިސާބެއްގައި މިތަން ހެއްދެވުމަށާއި، ވީހާވެސް ގިނަ ބަޔަކަށް މި ޕާކުގެ ބޭނުން ކުރެވޭނެ ގޮތަކަށް މިތަން ފަރުމާ ކުރުމަށް ނިންމެވިއެވެ.
 
"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ޓީ-ޖެޓީ، ވިޔަފާރި އުސޫލުން ހިންގުމަށް ދޫކުރެއްވުމާބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވިއެވެ. މިކަމާބެހޭގޮތުން، މަޝްވަރާ ކުރެއްވުމަށްފަހު، ޓީ-ޖެޓީއާއި، މާލޭގެ ވަށައިގެން ހުރި އެހެން ބަނދަރުތައް ބެލެހެއްޓުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކުރެއްވުމަށް ނިންމެވިއެވެ.
 

"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން، މާލޭ ލޯކަލް މާރުކޭޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ. މިގޮތުން ނިންމެވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މާރުކޭޓުތައް ހަދާ ފެންވަރަށްމާލޭގައިވެސް މިފަދަ މާރުކޭޓެއް ޤާއިމު ކުރެއްވުމަށެވެ.