28 ޑިސެމްބަރ 2010 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު" އާއި، "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު" އާއި، "ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އަދި  މި ބިލުތަކަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މި ތިން ބިލު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

 
މި ތިން ބިލާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތިން ސިޓީފުޅުގައި، މި ބިލުތަކަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، އެ ބިލުތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތައް ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ.
 
"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު" ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އަދި ބައެއް ޤާނޫނުތަކާ ފުށުއަރާ މާއްދާތަކެއް ބިލުގައި ހުރިކަމަށާއި، އެހެންކަމުން، އެބިލު ތަޞްދީޤުކުރައްވައިފިނަމަ އެތައް ބައެއްގެ އަދި މުއައްސަސާތަކެއްގެ ގިނަ ޙައްޤުތަކަށާއި މިނިވަންކަމަށް އަސަރުފޯރާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފާހަގަކުރައްވާފައިވާ ކަމަށް މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި އެބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ ފޮނުވާލުމަށް، އެކޮމިޝަންގެ އިތުރުން، ޢާންމުންގެ ގިނަ ފަރާތްތަކަކުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރައްވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
 
"ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު" އާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވި ކަންތައްތަކުގެ އިތުރުން، މިބިލު ޤާނޫނަކަށް ވެގެންދިއުމުން، މި ބިލުގައިވާ ކަންކަން ކުރެއްވުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާނެތީ، އެކަންކަން ކުރެއްވުމަކީ، ދައުލަތުގެ މައްޗަށް ދަތި އުނދަގޫ ކަމަކަށް ވާނެކަމަށާއި، އެކަމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއްކަމަށްވާތީ، މި ބިލު ޤާނޫނަކަށް ވުމުން ދަތިތަކެއް ދިމާވެދާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ބިލުގައި ދިވެހިބަހުން ލިޔެވިދާނެ ގިނަ އިނގިރޭސި ބަސްތަކެއް ހިމަނާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
 
"ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ގެ 6 ވަނަ މާއްދާގެ (ހ) ގައި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ނަމުގައި، ސެންޓަރެއް މި ޤާނޫނުގެ މި މާއްދާގެ ދަށުން  މި އުފެއްދީ ކަމަށް ބަޔާންކޮށްފައިވާކަމާއި، ބިލުގެ 6 ވަނަ މާއްދާގެ (ށ) ގައި، އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒު އުފެދުމާއެކު، މިހާރު ނޭޝަނަލް ތެލަސީމިއާ ސެންޓަރުގެ ނަމުގައި ހިންގަމުން އަންނަ މަރުކަޒުގެ އެންމެހައި އިޚްތިޞާޞްތަކާއި ވަސީލަތްތަކާއި ބާރުތައް އެމަރުކަޒުގެ ދަށަށް ބަދަލުވެ ނޭޝަނަލް ތެލަސީމިއާ ސެންޓަރު އުވުނީކަމަށް ބަޔާންކޮށްފައިވީނަމަވެސް، ނޭޝަނަލް ތެލަސީމިއާ ސެންޓަރަކީ މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެވި އެކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ތަނަކަށްވާތީ، ބިލު ފާސްވިއިރު އެހެން ކުންފުންޏެއްގެ ދަށުގައި ހުރިތަނެއް ސަރުކާރަށް އަނބުރާ ނެންގެވުމަކީ ޤާނޫނީގޮތުން ކުރެއްވިދާނެކަމެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް އެޓަރނީ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ނޭޝަނަލް ތެލަސީމިއާ ސެންޓަރުފަދަ ޞިއްޙީ ޚިދުމަތްދޭ ތަންތަން، މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި އޮތް، ޞިއްޙީ ޚިދުމަތްދޭ ތަންތަން ސީދާ ހިންގުމާބެހޭ މުވައްޒަފުން، އަދި އެކަމާބެހޭ އޮނިގަނޑު މިހާރު ވަނީ އުވާލެވިފައިކަމަށް، ކަމާބެހޭ ސަރުކާރުގެ ވުޒާރާކަމަށްވާ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.