މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު ހަވީރު އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

 
މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާކުރަތު ތަރައްޤީ ކުރެއްވުމުގެ ވިސްނުމެއް އެބައޮތް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މާކުރަތުގެ ވަޒީފާގެ ފުރްޞަތުތައް ވަރަށްމަތީ ދަރަޖައަކަށް ގުޅިފައިވަނީ ހުއިފިލަނޑާގެ މަސައްކަތާއި، އިހި ނެގުމާއި އެހެންވެސް އަކުއާކަލްޗަރގެ މަސައްކަތާކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ކަނޑުމަހުގެ މަސްވެރިކަން ދިރުވުމާއެކު، ކަނޑުފަރުގެ ދިރުން އާލާކުރުމުގެ ވިޔަފާރި ތަރައްޤީ ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނ. އަތޮޅުގެ ވަރަށްގިނަ ރަށްރަށުގައި ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތް ފެށި، އެކަމުގެ ސަބަބުން، އެ ރަށްރަށަށް ތަރައްޤީގެ ފުރްޞަތުތައް ފަހިވެފައިވާ ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ، މާކުރަތަށްވެސް އެފުރްޞަތުތައް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރެއްވުމަށްޓަކައި، އެރަށްރަށަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ކަމުގައިވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ޚިދްމަތަކީ، ރައްޔިތުންނަށް ކޮންމެހެން ފޯރުއްވައި ދެއްވަންޖެހޭ ޚިދްމަތްތައް ކަމުގައި ވިދާޅުވިއެވެ. ދެމެހެއްޓެނިވި ގޮތުގައި ހުއްޓުމެއްނެތި އަދި ހެޔޮއަގުގައި ހުރިހާ ރަށެއްގައި ކަރަންޓާއި، އަދި އެހެނިހެންވެސް އަސާސީ ޚިދްމަތް ފޯރުކޮށްދެއްވޭނެ އިންތިޒާމެއް، ޔޫޓިލިޓީޒް ކުންފުނިތަކުގެ ގޮތުގައި، ސަރުކާރުން އެކުލަވާލައްވާފައިވާ ކަމަށާއި، އެ ނިޒާމުގެ ތެރެއިން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، ވަރަށް ރަނގަޅަށް އަދި ވަރަށް ހެޔޮއަގުގައި ކަރަންޓްގެ ޚިދްމަތް ލިބެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބުގެ މައްޗަށް ބައްލަވައިލައްވަމުން، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމަށް ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުގެ ތެރެއިން، މާކުރަތުގެ 150 ރައްޔިތަކަށް މަދަނައިގެ ތެރެއިން އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މީގެއިތުރުން، ޢުމުރުން 65 އަހަރުން މަތީގެ އާމްދަނީ މަދު ކޮންމެ ރައްޔިތަކަށް، މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މާކުރަތުގެ 58 ރައްޔިތަކަށް މަހަކު ދެހާސް ރުފިޔާ ދެއްވެމުން ގެންދެވޭކަމީ، ސަރުކާރަށް ހިތްހަމަޖެހުމާއި ހިތްވަރު ލިބޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމް ކުދިންނާއި، އެކަނިވެރި މައިންނަށް ދެއްވާ ޢިނާޔަތް، މާކުރަތުގެ 16 ރައްޔިތަކަށް ސަރުކާރުން މިހާރު ދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
 

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ތެރެއިން، މާކުރަތު ހިމެނޭ އުތުރު ޕްރޮވިންސްގައި، ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރެއްވުނު ފަހުން، 1037 ރައްޔިތުން މާކުރަތުން ދަތުރު ފަށްޓައި، އަދި 967 ރައްޔިތުން، މާކުރަތަށް ދަތުރު ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.