ކައުންސިލް އިންތިޚާބަށް ވާދަކުރާ ފަރާތްތަކުން ވާދަވެރިކަމާއި ޞުލްހަވެރިކަމާ އެކީގައި ކެމްޕެއިންތައް ކުރެވެމުން ގެންދެވޭކަމީ، ރާއްޖޭގެ ޑިމޮކްރަސީ ތަޞައްރުފް ފުދިގެން އަންނަ މިންވަރު ދައްކައިދޭ ވަރަށް ރަނގަޅު މިންގަނޑެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އަންނަ މަހު ބޭއްވޭ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ތައްޔާރުވުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ކެމްޕެއިންގައި އެކިބޭފުޅުންނާ ބައްދަލުކުރައްވައި އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މަސައްކަތުގައިވެސް އުޅުއްވާކަން ފާހަގަކުރައްވަމުން، މިކަން ކުރަމުން ގެންދަން ޖެހޭނީ، ޑިމޮކްރަސީއެއްގައި އެކަންކުރާ އުޞޫލުން ކަމުގައި ވިދާޅުވިއެވެ.

 
އެއިރެއްގައި ސަރުކާރު ހިންގަވާ ޕާޓީއެއްގެ ރައީސް ނުވަތަ ބޮޑުވަޒީރު ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގަންނަވާ މިންވަރަށް، ބައިވެރިވެވަޑައިގަންނަވާ އުޞޫލުން އަޅުގަނޑުމެންވެސް އެކަން ކުރަމުން ގެންދަންޖެހޭނެ ކަމަށާއި، އެއީ މިހާރުގެ ސިޔާސީ ޙަޤީޤަތް ކަމަށާއި، އެއީ މި ރާއްޖޭގެ ޤާނޫނުއަސާސީގެ ރޫޙު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކެމްޕެއިންގެ މަސައްކަތް ކުރަމުންދާއިރު، ނުކުރާންވީ ކޮންކަމެއްކަން އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގޭ ކަމަށާއި، ނުކުރާންވީ ކަމަކީ، ދައުލަތުގެ އާރާއި ބާރު ބޭނުންކޮށްގެން، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަންނަފަދަ ކަމެއް ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޑިމޮކްރަސީއަކަށް ހިނގާ ވެރިކަމެއްގައި އަދި ޑިމޮކްރަސީއަކަށް ހިނގާ މުޖްތަމަޢެއްގައި، ތަރައްޤީއަށް ބެލިކަމުގައި ވިޔަސްވެސް އަދި އެހެން ކޮންމެ ކަމަކަށް ބެލިކަމުގައި ވިޔަސްވެސް، އެންމެ ފުރަތަމަ އަސާސަކީ އިންތިޚާބެވެ. އެ އިންތިޚާބު ބިނާވެފައި އޮންނަނީ، ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުގެ މައްޗަށެވެ. އެ އިންތިޚާބީ ޙައްޤަށް ބަދަލު ނާންނަހާ ހިނދަކު، އެއިންތިޚާބާ ގުޅޭ އެއްވެސް ކަމަކަށް ބަދަލު އަންނާނެ އެއްވެސް ސަބަބެއް ޤައުމުތަކުގައި ފެނިފައެއް ނެތެވެ.
 
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް ބައްލަވާލައްވައި، އެ ވަޢުދުތައް ފުރިހަމަވަމުންދާކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ވެވަޑައިގެންނެވި ވަޢުދަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުއްވައިދެއްވުމުގެ ވަޢުދު ކަމަށާއި، ސަތޭކައަކުން ގުނަނީނަމަ، މި ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމަށް 70 ޕަސެންޓް މިހާރު ލިބިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޯގާތެރި ސަރުކާރެއް، އޯގާތެރި ވެރިކަމެއް، ހެޔޮވެރިކަމެއް ހިންގެވުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރާއްޖޭގެ ގިނަ ރައްޔިތުން ހެކިވާނެ ކަމަށާއި، މިމަސައްކަތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ރާއްޖޭގެ ރަށްތައް، ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެއްވުމުގެ ވަޢުދަށް ބައްލަވާލައްވަމުން، މާލެއާއި ހުޅުމާލެއަށް ކުރާ ދަތުރާއި، މާލެއާއި ވިލިނގިއްޔަށް ކުރާ ދަތުރުނުލައި، މިހާތަނަށް ތިންލައްކަ ފަސްދޮޅަސްހާސް ހަސަތޭކަ އަށްޑިހަ އަށްދަތުރުވެރިން، މިނިޒާމް ބޭނުންކޮށްފައިވާކަމީ، ވަރަށްބޮޑު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރަށްރަށުގެ މެދުގައި ޤާއިމްކުރެވޭ ފެރީ ނިޒާމްގެ އިތުރުން، ރާއްޖެ ފެރީއެއްވެސް ޤާއިމް ކުރެވޭނެ ކަމަށް ވިދާޅުވެ، އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެކުގައި ގުޅާލެވޭނެ ނިޒާމެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އޭގެއިތުރުން، ސައުތު އޭޝިޔާ ފެރީއެއްގެ މަޝްރޫޢާ ގުޅޭގޮތުން ސާކާ ވާހަކަ ދެކެވެމުން އެބަދާ ކަމަށާއި، މިފަހަރުގެ ސާކް ސަމިޓް، އައްޑުއަތޮޅުގައި ބޭއްވޭއިރު، ސައުތު އޭޝިޔާ ފެރީގެ ނިޒާމާ ގުޅޭގޮތުން، ޤައުމުތަކުގެ މެދުގައި އެއްބަސްވެވިގެން، ސާކް ޤައުމުތަކުގެ ރައްޔިތުންނަށްދެވޭ ޚިދްމަތަކަށް، މިޚިދްމަތް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.