އައްޑުއަތޮޅު ގަމުގައި ޤާއިމް ކުރެވިފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން ތަރައްޤީކޮށް، ހިންގުމުގެ އެއްބަސްވުމުގައި، ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ.) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތުގައި، މިއެއްބަސްވުމުގައ ސޮއިކުރެއްވީ، ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ ޗެއަރމަން މުޙަންމަދު ނަޞީރާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން އިބްރާހީމް ސަލީމާއި އަދި އެސް.ޓީ.އޯ.ގެ ފަރާތުން އެކުންފުނީގެ ޗެއަރމަން ފާރޫޤް އުމަރެވެ.
 
މި އެއްބަސްވުމުގައި ވާގޮތުން، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި، ގަން އެއަރޕޯޓްގެ ފީޒިބިލިޓީ ސްޓަޑީއެއް ހަދައި، އިންވެސްޓްމަންޓް ޕްލޭނެއް އެކުލަވާލައި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ފައިސާގެ މިންވަރު ކަނޑައަޅަން ޖެހެއެވެ. އަދި މި އެއްބަސްވުމުގައިވާގޮތުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގާނީ، ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި، އެސް.ޓީ.އޯ. ގުޅިގެން އުފައްދާ ކުންފުންޏަކުންނެވެ.
 
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވުމަކީ ހަމައެކަނި އައްޑޫއަށް ލިބޭ ތަރައްޤީއެއް ނޫންކަމަށާއި، މިއީ، މުޅި ސަރަޙައްދުގެ ތަރައްޤީއަށާއި، ހުވަދުއަތޮޅުގެ ތަރައްޤީއަށްވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މުޙަންމަދު ޢާދިލް ސަލީމް ވިދާޅުވިއެވެ. މީގެއިތުރުން، މި އަހަރު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށްޓަކައިވެސް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ފުރިހަމަ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ޢާދިލް ސަލީމް ވިދާޅުވިއެވެ.
 
މި އެއަރޕޯޓް ފުރިހަމަ ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީވުމަކީ، ރާއްޖޭގެ ދެކުނު ސަރަޙައްދު ދުނިޔެއަށް ހުޅުވާލެވިފައިވާ މިންވަރު އިތުރުވެ، އައްޑޫއާއި ރާއްޖޭގެ ދެކުނުގައި ޓުއަރިޒަމް އިތުރަށް ފުޅާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެއެވެ.