ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ޚިދްމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑުތައް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ކަނޑައެޅުއްވުމާ ގުޅިގެން، އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމަށް ކަނޑައަޅުއްވައި، އެރަށް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިޓީ ކައުންސިލެއް މިއަދު ވަނީ އުފައްދަވާފައެވެ.

 

ސިޓީ ކައުންސިލް އުފެއްދުމުގެ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދެވިފައިވާ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ. އަދި މިކަން މިގޮތަށް ގެންދެވުމަކީ، ކަންކަން ހުއްޓުމަކަށް ނައިސް، ސަރުކާރުގެ އަމާޒު ޙާސިލުވާނެ ކަމެއްވެސް މެއެވެ. މިކަމާ ގުޅިގެން، އިސްތިއުނާފުގެ ފުރުޞަތު ނުވަތަ އެހެން ޤާނޫނީ ފިޔަވަޅެއް އެޅުއްވުމުގެ ފުރުޞަތު ސަރުކާރުން ބޭނުންކުރައްވާނީ، މި މަސައްކަތަށް ޤާނޫނީ އެއްވެސް ހުރަހެއް ކުރިމަތިވެއްޖެކަމުގައިވާނަމައެވެ.