2010 މާޗް 15 ވި ހޯމަ ދުވަހު، ދި ޓީވީގެ މުވައްޒަފުންތަކަކަށާއި، ހަވީރު ނޫހުގެ މުވައްޒަފަކަށް ދިން ޙަމަލާތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައެވެ.

ރާއްޖޭގައި މިއަދު މީޑިއާގެ މިނިވަންކަން މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައެވެ. މި މިނިވަންކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގައި ނޫސްވެރިންނާއި ޚަބަރުފަތުރާ އެހެން ވަސީލަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ، ސަރުކާރުން އަބަދުވެސް ތަރުޙީބު ދެއްވާނޭ މަސައްކަތްތަކެކެވެ. އަދި މި މިމަސައްކަތްތަކާއި ހޭދަތަކަކީ، އެކަންކަމުގެ އަގު ސަރުކާރުން އަބަދުވެސް ވަޒަން ކުރާ ކަންކަމެވެ. އެހެންކަމުން، ޚަބަރު ފަތުރާ ވަސީލަތްތަކާއި، ނޫސްވެރިކަމުގެ ދާއިރާގައި ޚިދްމަތް ކުރަމުންދާ ފަރާތްތަކަށް، މިނިވަންކަމާއެކު ޚަބަރު ފެތުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް އެއްވެސް ސިފައެއްގައި ހުރަސް އެޅުމާއި ބިރުދެއްކުންފަދަ ޢަމަލުތައް ހިންގުމަކީ ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލު ކުރައްވާނެ ކަންކަމެއް ނޫނެވެ. އެފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯއްދަވައި، ތަޙުޤީޤު ހިންގެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވުމަށް މި ފުރުޞަތުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.

ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި އަދި ނޫސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް، އެފަރާތްތަކުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައި ހިތްވަރު ދެއްވައެވެ.