އެމެރިކާގެ ރަސްމީ އޭޖެންސީއެއް ކަމުގައިވާ އޯވަރސީޒް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން (އޯޕިކް)ގެ ޕާޓްނަރ ޤައުމަކަށް ދިވެހިރާއްޖެ ވުމާއެކު، އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން ހާމަކުރަން ފަށައިފިއެވެ. މިގޮތުން، ޓޫރިޒަމް ދާއިރާގެ އެމެރިކާގެ ބޮޑު ކުންފުންޏެއް ކަމުގައިވާ މެރިއޮޓް ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ކަންކަމާމެދު ފެހި ސިގްނަލް ދީފައިވަނީ، ޔޫ.އެސް. އޯވަރސީޒް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަނާއެކު ރާއްޖޭގެ ފަރާތުން ސޮއިކުރުމުންނެވެ.

އެމެރިކާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުވެ، އެމެރިކާގެ އިންވެސްޓަރުން ރާއްޖެ އައުމުގެ އިތުރު ހިތްވަރަކަށް މިއެއްބަސްވުން ވެގެންދާނެއެވެ. މިއެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި އެމެރިކާގެ ވިޔަފާރިވެރިން ކުރާ ހުރިހާ އިންވެސްޓްމަންޓްތަކަށް އިންޝުއަރެންސާއި އެހެނިހެން ފަންނީ އެހީ އޯޕިކް އޭޖެންސީ މެދުވެރިކޮށް ހުޅުވިގެންދާނެއެވެ.
އަލަށް ހުޅުވާލެވުނު މިފަދަ ބޮޑު ފުރްޞަތެއްގެ ބޭނުމާއި ފައިދާ އެކިގޮތްގޮތަށް ނެގުން ބިނާވެފައި އޮތީ، ދިވެހި ވިޔަފާރިވެރިންގެ މަސައްކަތްތައް، އެގޮތަށް އަމާޒު ކުރެވިގެންނެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް ޕެޓްރީޝިއާ ބޫޓެނިސްއެވެ.