ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާގެ އޮރެގަން ސްޓޭޓްގެ ސެނެޓަރ ޖެކްލިން ޑިންގފެލްޑަރއާއި، ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގެ ޑިމޮކްރެޓިކް އިޞްލާޙީ ބަދަލުގެ މަސައްކަތް މިހާރު ހިނގަމުންދާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާގޮތް، އޮރެގަން ސްޓޭޓްގެ ޤާނޫނު ހަދާމަޖިލީހުގެ ދެބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. އަދި ޑިމޮކްރަސީގެ ފުރިހަމަ ފައިދާ، ދިވެހިރައްޔިތުންނަށް ލިއްބައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތާއި، އެމަސައްކަތް ކާމިޔާބު ކުރައްވަމުން ގެންދަވާ މިންވަރާބެހޭ މަޢުލޫމާތު މި ދެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރެއްވިއެވެ.

މި ދެބޭފުޅުން ރާއްޖެއަށް ކުރައްވާ ޒިޔާރަތަކީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކާއި، އެމެރިކާ އެމްބަސީ މެދުވެރިވެވަޑައިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެހީގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ދެމެދު، ތަޖުރިބާއާއި މަޢުލޫމާތު ބަދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އޮރެގަން ސްޓޭޓްގެ ސްޓޭޓް ސެނެޓަރ ޖެކްލިން ޑިންގފެލްޑަރއަކީ، އޮރެގަން ސްޓޭޓް ސެނެޓްގެ ތިމާވެށްޓާއި ޤުދްރަތީ ވަސީލަތްތަކާބެހޭ ކޮމިޓީގެ ޗެއަރގެ އިތުރުން، ސެނެޓްގެ ޖުޑީޝިއަރީ ކޮމިޓީގެވެސް މެންބަރެކެވެ. ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަންއަކީ، އޮރެގަން ސްޓޭޓްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ތިމާވެށްޓާއި ފެނާބެހޭ ކޮމިޓީގެ ޗެއަރއެވެ.