ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

”ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ހިޖުރީ އާ އަހަރު ގުޅފައިވާއިރު، މި ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މާތް ގުޅުމުގެ މަތިން ހަނދާންކޮށްދޭ ހާދިސާއެކެވެ.

އެހެންކަމުން، ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ. ޢާއިލާއެއްގެ ތެރޭގައިވެސް އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އުފެދިފައިވާ އެކިއެކި މައްސަލަތައް ޙައްލުކޮށް، އެއް މިޞްރާބަކަށް ދަތުރުކުރުމުގެ މަގު ފަހިވެފައިއޮތުމަކީ، ރާއްޖެ މިއަދު ދެކެމުންމިދާ ޙަޤީޤީ ކުރިއެރުމަށް ވާޞިލުވުމަށް އެޅޭނެ ވަރަށް މުހިންމު ބިންގަލެކެވެ.

އަޅުގަނޑުގެ ދުޢާއަކީ، މި ފެށުނު ހިޖުރީ އާ އަހަރަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުމެވެ. އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި އުފާވެރިކަން މިންވަރުކުރެއްވުމެވެ."

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިންވެސް މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.