މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ، މި މައްސަލައަކީ، މުޅި ދުނިޔޭގެ މައްސަލައެއް ކަމަށް ބަލައިގެން މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބީ.ބީ.ސީ.އިން މިއަދު ހެނދުނު ފޮނުވި "ހާރޑްޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ، މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކާ ދެމެދު ނުވަތަ ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮތް ބަޙުޘެއް ކަމަށް ނުދެކި، މިއީ، މުޅި ދުނިޔޭގެ މައްސަލައެއްގެ ގޮތުގައި އެބަ ދެކެން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރިހާ ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން މެނުވީ މިމައްސަލައަށް ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތައް ކުރިއެރުމެއް ނުލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ވަރަށް ގިނަ ޤައުމުތަކުން މި ޙަޤީޤަތް މިހާރު ގަބޫލުކޮށް، މި މަގުން ހިނގަންފަށާފައިވާ ކަމަށާއި، ތަރައްޤީވަމުން އަންނަ ވަރަށްގިނަ ޤައުމުތަކުން ކާރބަން މަދުން ބޭނުންކޮށްގެން ތަރައްޤީ ޙާޞިލު ކުރުމުގެ މަގު ޚިޔާރުކޮށް، ތަރައްޤީގެ އެފަދަ ސްޓްރެޓެޖީތައް އެކަށައަޅަން ފަށާފައިވާ ކަމުގައި ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި، އެމެރިކާއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން، އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ، ދުނިޔޭގެ ވިޔަފާރީގެ ވާހަކަތައް ނުވަތަ ހަތިޔާރު މަދުކުރުންފަދަ ސިޔާސީ މައްސަލަތަކާމެދު ބަހުޘްކުރާ ފަދައިން ބަޙުޘް ކުރެވޭނެ މައްސަލައެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ބޮޑެތި ޤައުމުތައް ކަމުގައިވާ ޗައިނާއާއި، އިންޑިޔާއާއި، ބްރެޒީލާއި، ދެކުނު އެފްރިކާ އަދި ޔޫރަޕުގެ ޤައުމުތަކުން ކޯޕަންހޭގަން ސަމިޓުގެ ފަހުން، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، އެމެރިކާއިން އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އެމެރިކާގައި ޢާންމުން މިމައްސަލައިގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ޖެހޭކަމަށާއި، މި މައްސަލައިގެ މުހިންމުކަން ހުރިހާ ރައްޔިތުންނަށް އަންގައިދޭން ޖެހޭކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިހާރު މެކްސިކޯގެ ކަންކުންގައި ހިނގަމުންދާ އ.ދ.ގެ މޫސުމާބެހޭ ވާހަކަތަކަށް، ތަރައްޤީވަމުންއަންނަ ޤައުމުތަކާ ތަރައްޤީވެފައިވާ ޤައުމުތަކުގެ ބަޙުޘްގެ ހިޔަނި އެޅިފައިވާތީ، މި ސަމިޓުން އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެކަމަށް ގަބޫލުފުޅުކުރައްވަންތޯވެސް ރައީސް އަރިހުގައި ސުވާލު ދެންނެވިއެވެ. މި ސުވާލަސް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރު ކޯޕަންހޭގަންގައި ވެވުނު އެއްބަސްވުންތައް، މިހާރު ކަންކުންގައި ހިނގަމުންދާ ބައްދަލުވުމުގެ ތެރެއިން، އ.ދ. ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ތެރޭގައި ހިމެނިއްޖެނަމަ، ޖެހިގެން އަންނަ އަހަރު ސައުތު އެފްރިކާގައި ބޭއްވޭ މޫސުމާބެހޭ ސަމިޓުގައި، މޫސުމާބެހޭ އާ ޤާނޫނީ އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަގޮތެއްގައި ކުރައްވާ މަސައްކަތްޕުޅާ ބެހޭގޮތުން މައިގަނޑު ގޮތެއްގައި ސުވާލު އަމާޒުވި މިޕްރޮގްރާމްގައި، މޫސުމާ ބެހޭ މައްސަލައިގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދާއި، ސިޔާސީ މަސްރަޙާއި، އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ކުރެއްވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.

ބީ.ބީ.ސީ.ގެ "ހާޑްޓޯކް" ޕްރޮގްރާމަކީ، އެކި ދާއިރާތަކުން ދުނިޔޭގައި ފާހަގަކުރެވޭ މުހިންމު ޝަހްޞިއްޔަތުތަކާ އިންޓަރވިއު ކުރާ ޕްރޮގްރާމެކެވެ.