ރާއްޖޭގައި ޓޭބަލް ޓެނިސް ކުޅެން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށާއި، މި މުނާސަބަތާ ގުޅިގެން ބޭއްވި ގޯލްޑަން ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރޭ ބޭއްވެވި ޙަފްލާގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވުނު މި ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޓޭބަލް ޓެނިސް ކުޅުން މަޑުޖެހިފައި އޮތުމަށްފަހު، މިހާރު އަނެއްކާވެސް އެ ކުޅިވަރަށް ރާއްޖޭގައި ޝައުޤުވެރިކަން ހުންނަ މީހުން އިތުރުވަމުން އަންނަންފަށާފައިވާކަން ފާހަގަކުރެއްވޭ ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ފަސޭހައިން ދިރުވިދާނެ ކުޅިވަރެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން މި ކުޅިވަރު، އަތޮޅުތެރޭގައި އާލާކުރެއްވުމަށްޓަކައި، އިތުރު ބާރެއްއަޅުއްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓް، ނައިބު ރައީސް އިފްތިތާޙްކޮށްދެއްވިއެވެ. އަދި ރާއްޖޭގެ ޓޭބަލް ޓެނިހަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ދެއްވާ ޚާއްޞަ އެވޯޑް އެބޭފުޅުންނަށް ދެއްވީ ނައިބު ރައީސެވެ.