ކެޑޭޓް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރަމުންގެންދާ ވަފްދާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ވަފްދުގައި ހިމެނެނީ، އިންޑިޔާ، ސްރީލަންކާ، ބަނގްލަދޭޝް އަދި ސިންގަޕޫރުގެ ކެޑޭޓުންނާއި އޮފިސަރުންނެވެ.

ނައިބު ރައީސްގެ ރަސްމީގެ ހިލާލީގޭގައި މިއަދު ހަވީރު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމްގެ ބައިވެރިން ރާއްޖެއަށް މިކުރާ ޒިޔާރަތަކީ، މި ބައިވެރިންގެ ޤައުމުތަކުގެ ޘަޤާފަތާއި އާދަކާދައާއި، އަދި ވަކިން ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޘަޤާފަތާއި އާދަކާދައާބެހޭ މަޢުލޫމާތު ހޯދުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތް ކުރުމުން، ރާއްޖޭގެ ދިރިއުޅުމާއި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމެއްގެ މާޙައުލާއި، މިފަދަ ޤައުމެއްގައި ދިރިއުޅުމުގައި ހުންނަ ޚާއްޞަ ސިފަތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު މިވަފްދުގެ ބައިވެރިންނަށް ލިބިގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާއި، ވަކިން ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތައް މި ވަފްދުގެ ބައިވެރިންނަށް އެނގިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.