ރާއްޖޭގެ މަތީ ތަޢްލީމުގެ މުސްތަޤްބަލް ގުޅިފައިވަނީ، ރާއްޖޭގެ ޑިމޮކްރަސީގެ މުސްތަޤްބަލާ ކަމަށާއި، ހަރުދަނާ ތަޢްލީމީ ނިޒާމަކާނުލައި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއަކަށް ދެމިނޯވެވޭނެ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ވާރލްޑް ބޭންކްގެ އެހީގައި މިހާރު ހައްދަވަމުން ގެންދަވާ ރާއްޖޭގެ މަތީތަޢްލީމާބެހޭ ދިރާސާގެ ބައެއްގެ ގޮތުގައި، ރާއްޖޭގެ މަތީ ތަޢްލީމާބެހޭ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯއްދެވުމަށް ބޭއްވެވި ވަރކްޝޮޕް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި ޓްރޭޑަރސް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މުޖްތަމަޢުގެ އެންމެ އަސާސީ ފިލޯސަފީގެ މައްޗަށް ފިކުރު ހިންގޭ ފެންވަރުގެ ތަޢުލީމީ ބަޔަކު މިޤައުމުގައި ނުއުފެދޭނަމަ، ޑިމޮކްރަސީއެއްގައި މުހިންމު، ތަފާތު ޚިޔާލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޢިލްމީ މާޙައުލެއް ޤާއިމް ނުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޤާއިމް ކުރަން އަޅުގަނޑުމެން މި އެދޭ، މިނިވަން ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ޤާއިމް ނުކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަދަ ޢިލްމީ މުޖްތަމަޢެއް އުފެއްދުމަށްޓަކައި، ފަށާ ތަޢްލީމާއި، އަދި މަތީ ތަޢްލީމުގެ ނިޒާމުގެ ތެރޭގައި، ލިބަރަލް އާރޓްގެ މާއްދާތައް ކިޔަވައިދިނުމަށް އިސްކަން ދިނުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޤައުމީ ޔުނިވަރސިޓީއެއް ޤާއިމް ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޔުނިވަރސިޓީއެއް ހުރުމުގެ މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ރާއްޖޭގައި ޔުނިވަރސިޓީއެއް ހުރުމުގެ ބޭނުމަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމާއި، އަދި ޢިލްމީ ފެންވަރެއްގައި މުޖްތަމަޢުގެ ކަންކަމާ ބެހޭގޮތުން ބަޙުޘް ކުރެވޭފަދަ މަޢްލޫމާތު މުއްސަނދި މުޖުތަމަޢެއް ރާއްޖޭގައި ޤާއިމް ކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޚާއްޞަ އަދި އެހެން ޤައުމުތަކާ އަޅާބަލާއިރު، ރާއްޖެއާ ބޮޑަށް ގުޅުންހުރި ރާއްޖެއަށް އެދާއިރާތަކަށް ޚާއްޞަ ޚިދްމަތްތަކެއް ފޯރުވައިދެވިދާނެ ދާއިރާތަކަށް ޚާއްޞަ ތަޢްލީމީ މަރުކަޒެއް ޤާއިމް ކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ވަރކްޝޮޕަކީ، ރާއްޖޭގައި މަތީ ތަޢްލީމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް އަމާޒު ކުރައްވައިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ވާރލްޑް ބޭންކުގެ އެހީގައި މިހާރު ކުރިއަށް ގެންދަވާ ރާއްޖޭގެ މަތީ ތަޢްލީމާބެހޭ ދިރާސާގައި، ރާއްޖޭގައި މިދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހިމެނުމަށް ހިންގެވި އެއްދުވަހުގެ ވާރކްޝޮޕެކެވެ.