މާލޭ ދެކުނުފަރާތު ފަތާ ސަރަޙައްދު ސާފުކުރުމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސްއާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިވަޑައިގެން މިއަދު ހިންގެވި މާލޭ ދެކުނު ފަރާތު ފަތާ ސަރައްޙައްދު ސާފުކުރުމުގެ ޕްރޮގްރާމް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ހެނދުނު މާލޭ ދެކުނު ފަރާތު ފަތާ ޓްރެކް ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޢާންމުގޮތެއްގައި ގިނަ ބަޔަކު ބޭނުންކުރާ ތަންތަނަކީ، ޤަވާޢިދުން ސާފުތާހިރުކޮށް ބަލަހައްޓަން ޖެހޭ ތަންތަންކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޢާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ތަންތަން ސާފު ތާހިރުކޮށް ބެލެހެއްޓުމަކީ، ދިވެހިންގެ ޘަޤާފީ އަދި އާދަކާދައާ ގުޅިފައިވާ ކަމެއް ކަމަށާއި، އަޅުގަނޑުމެންނަށް ތަރައްޤީ އައުމަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅު އާދަކާދަތައް ނެތިގެން ދިއުމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަރައްޤީ އައުމަކީ، މި ފަދަ ރަނގަޅު އާދަކާދަތައް ވަރުގަދަކޮށް، މިޒަމާނުގެ ކަންކަމާ ގުޅޭގޮތުން އެ އާދަކާދަތައް ބަދަލުކޮށް އޭގެމައްޗަށް އިތުރަށް ތަރައްޤީ ގެނައުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު ބޭއްވުނު މި ސާފުކުރުމުގެ ޕްރޮގްރާމްގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ޑައިވާރޒް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، ސްވިމިން އެސޭސިއޭޝަންގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ.