ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެ، ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ އިރުކޮޅެއް ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގައި، ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ފައިސާގެ މުޢާމަލާތުގެ އެއްބަސްވުމަކާބެހޭ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެ، މިދަތުރުފުޅުގެ އިތުރު ތަފްޞީލު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލްވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. މިދެބޭފުޅުން، ދިވެހި ވަފްދާ ގުޅިވަޑައިގަންނަވާނީ، ސްރީލަންކާއިންނެވެ.