ސަރުކާރުގެ އަމާޒަކީ، ސްރީލަންކާ ފައިސާ ރާއްޖެއިން ގަންނަން ލިބި، ދިވެހި ފައިސާ ސްރީލަންކާއިން ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ފުރާވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، މިދަތުރުފުޅާބެހޭ މަޢްލޫމާތު ދެއްވަމުންނެވެ.

ސްރީލަންކާއަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އަދި އޭގެއިތުރުން، ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ފައިސާގެ މުޢާމަލާތުގެ އެއްބަސްވުމާބެހޭ މަޝްވަރާތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. މި އެއްބަސްވުމާބެހޭ މަޝްވަރާތައް ކުރެވެމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، މިދަތުރުފުޅުގައި މިފަހަރު މި މަޝްވަރާތައް ނިމި، ދާދި އަވަހަށް އެގްރީމަންޓަކާ ހަމައަށް އާދެވިދާނެ ކަމަށް އުންމީދު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި އެގްރީމަންޓްގެ ދަށުން ސިލޯން ސަރުކާރުން، ސިލޯން ސެންޓްރަލް ބޭންކުން ދިވެހިރާއްޖެއަށް ދުއިސައްތަ މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ޤާއިމްކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށާއި، އަމާޒަކީ، ސްރީލަންކާ ފައިސާ، ރާއްޖެއިން ގަންނަން ލިބޭނެގޮތްވެ، ދިވެހި ފައިސާވެސް، ސްރީލަންކާއިން ލިބޭނެގޮތް ހަމަޖެހުން ކަމުގައި ވިދާޅުވިއެވެ. މިއިންތިޒާމް ހަމަޖެއްސުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ، އެއްބަސްވުމުގެ އޮނިގަނޑެއް ޤާއިމް ކުރެއްވުމަށް ކަމަށާއި، މިދަތުރުފުޅުގައި، މިކަންތައް އިރާދަކުރެއްވިއްޔާ، ކޮޅެއްގައި ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ފެށޭ ހަފްތާގެ ތެރޭގައި، ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްޞީލުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިފަހަރު ރާއްޖޭގެ ރަށްރަށަށް ވަކިވަކިން ކުރެވޭ ބަޖެޓްގެ ޢަދަދު، އެހެން އަހަރުތަކާ އަޅާބަލާއިރު، ވަރަށްބޮޑުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަހަރުގެ ބަޖެޓްގައި، އެންމެ މުހިންމު ސަމާލު ކަމެއް ދެއްވާފައިވަނީ، ކުދި ވިޔަފާރި ތަރައްޤީ ކުރެއްވުމަށް ކަމަށް ވިދާޅުވެ، ކުދި ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި ހިމަނާފައިވާ ލޯން ފައިސާ ނުވަތަ ސަރުކާރުން ދޫކުރައްވަން ނިންމަވާފައިވާ ލުއި ލޯނުގެ ޢަދަދުވެސް ބޮޑުވާނެކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް އަދި އިދާރީ ދާއިރާތައް ހިންގުމުގެ އިންތިޚާބު ކުރިމަތިވަމުން އަންނައިރުގައި، އިންތިޚާބުގެ މުހިންމު ކަމަށާއި، އެއިންތިޚާބު ރިވެތިކޮށް ގެންދިޔުމަށް، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް، ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރުއްވުމުގައި، ޕާޓީތަކުގެ ޢާންމު މެންބަރުންގެ ބައިވެރިވުން ވީހާވެސް ބޮޑުކުރައްވައިގެން، މެންބަރުން ކަނޑައަޅުއްވައި، ޑިމޮކްރަސީގެ އުޞޫލުތައް އަށަގެންނެވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.