ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، ޢާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

އެގޮތުން، އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ޞިއްޙަތާބެހޭ ސިޔާސަތުތަކާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.

މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވަނީ، މީގެ ކުރިން ރާއްޖޭގެ ސިއްޙީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތީން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި، މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ޤައުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފައެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އެކުއެކީގައި ކުރެއްވުމުގެ މަޤްޞަދަކީ، ރާއްޖޭހެ ޞިއްޙީ ދާއިރާއަށާއި، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، މާނަހުރި، މިންކުރެވޭފަދަ، އަދި ވިލުންތެރި ކުރިއެރުންތަކެއް ހޯދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައިވަނީ، ޞިއްޙީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ޞިއްޙީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތްތަކެވެ. މި ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ޞިއްޙި ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ޞިއްޙީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހުމިއްޔަތެވެ.

ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވަރލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައިވެއެވެ.