ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 އަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ޝްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމުގެ އިތުރުން، މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.