بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާފަންނަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނާއި، ދައުލަތުގެ އެކިއެކި މަގާމުތައް ކުރިން ފުރުއްވާފައި ތިއްބެވި އެންމެހައި ޚިދުމަތްތެރި އިސް ރަށްވެހިން، މިހާރުވެސް ދައުލަތުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ، މި އަވަށަށް ނިސްބަތްވާ އެންމެހައި ބޭފުޅުން، މާފަންނުގެ ލޮބުވެތި އެންމެހައި ރައްޔިތުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މާލޭގެ އެކި އަވަށްތަކާ މިގޮތަށް މި ބާއްވާ ސިލްސިލާގެ ތެރެއިން، މިރޭ މި ބޭއްވެނީ މާފަންނުގެ ބައްދަލުވުން. ވަގުތު ހުސްކުރައްވައި ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މި އަވަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ޖާގައިގެ ދަތިކަން ފާހަގަވެގެންދޭ. ބޭރުގައިވެސް ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. އާދެ، އަޅުގަނޑު މިވަގުތު ފުރަތަމަ މާގިނަ ވާހަކަތަކެއް ނުދަންނަވާ، ތިޔަބޭފުޅުންނަށް ފުރުޞަތު އަރުވާނީ. އޭގެފަހުން، ތިޔަބޭފުޅުން ވިދާޅުވާ ކަންކަމަށް ޖުމްލަގޮތެއްގައި، އަދި ބައެއް ކަންކަމަށް ސީދާ އެއްޗެއް ދެންނެވޭތޯ ބަލާނަން. އެހެންނަމަވެސް، އެހިސާބަށް އެގޮތަށް ފުރުޞަތު ހުޅުވައިލުމުގެ ކުރީގައި، އެއްޗެއް ދަންނަވައިލާނަން.

އާދެ، މި ސިޓީގައި ހުރި ހުރިހާ މައްސަލަތަކަކީ، އެކަމަކަށްޓަކައި ސަރުކާރުން ވަރަށް އިސްކަންދީގެން ޙައްލުކުރަން މަސައްކަތްކުރާ ކަންކަން. މިއީ، އެންމެ ބޮޑު އަވަށް. އެންމެ އާބާދީ ބޮޑު އަވަށް. އެހެންވީމާ، މާލޭގައި ހުރި މައްސަލަތައް އެންމެ ގިނަވާނީ، ނިސްބަތުން މި އަވަށުގައި. އެންމެ ގިނަ ރައްޔިތުން އުޅޭ ތަނެއްގައި، އެންމެ މައްސަލަ ގިނަވާނީ. ބޯހިޔާވަހިކަން ކަމުގައިވިޔަސް، އިޖުތިމާޢީ ގޮތުން ހުރި އެކިކަހަލަ މައްސަލަތައް ކަމުގައި ބެލިނަމަވެސް، މަގުމަތީގައި ހުންނަ އެކިކަހަލަ ދަތިތައް ކަމުގައިވިޔަސް، ދެން ޖުމްލަކޮށް ހަމަ ކޮންމެ ކަމެއްގައިވިޔަސް. އެހެންވީމާ، އެކަންކަން އެގޮތުގައި ހުރިކަން އެނގިގެން، އެއިން ކޮންމެ ކަމަކަށް ރަނގަޅު ޙައްލެއް ގެނެސްދިނުމަކީ، ސަރުކާރުގެ ސިޔާސަތު. ކައުންސިލުން ޑެޕިއުޓީ މޭޔަރ އެ އިންނެވީ. ކައުންސިލުންވެސް ގެންދަވާ މަސައްކަތް ކުރައްވަމުން. ސަރުކާރުން ފުރިހަމަ އެއްބާރުލުން، ކައުންސިލުން ބޭނުންވާ ކަމެއްގައިވިއްޔާ ދޭ. އަދި ސީދާ، އެކި މިނިސްޓްރީތަކުގެ ޛަރީޢާއިން، ސަރުކާރުންވެސް މަސައްކަތްތައް ކުރެވޭތޯ ބަލަމުން މިދަނީ.

މިހާރު އެގޮތުން، ބޯހިޔާވަހިކަމާ ގުޅޭގޮތުން، މުޅި މި ސިޓީގެ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް އެވަނީ، އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ތަފުސީލުތައް އިޢުލާނުކުރެވި، ފުރުޞަތު ހުޅުވައިލުމާ ބެހޭ ކަންކަންވެސް، އުސޫލުތައް އިޢުލާނުކުރެވި، އެ މަރުޙަލާއަށްވެސް ގޮސްފައި. އަދި ބޯހިޔާވަހިކަމާ ގުޅޭގޮތުން، ބިން ހިއްކުމުގެ އެކިކަހަލަ މަޝްރޫޢުތައްވެސް އެދަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް. އާދެ، އަޅުގަނޑު ރިޕީޓް ނުކުރާންވެގެން ތަފުސީލުތަކުގެ ތެރެއަށް މި ނުދިޔައީ.

އެހެންނަމަވެސް، ތިޔަބޭފުޅުން ވިދާޅުވާ ކޮންމެ ކަމަކަށްވެސް، އަޅުގަނޑުމެން ވަރަށް ސީރިއަސްކަމާއެކީގައި، އެއަށް އީޖާބީ ގޮތެއްގައި، ކަންތައްތައް ޙައްލުކޮށްދިނުމުގެ މަސައްކަތް ކުރާނަން. ކަންބޮޑުވުމެއް ކަމުގައިވިޔަސް، ހިތްހަމަނުޖެހޭ ކަމެއް ކަމުގައިވިޔަސް، މައްސަލައެއް ކަމުގައިވިޔަސް، ޚިޔާލެއް ކަމުގައިވިޔަސް، މަޝްވަރާއެއް ކަމުގައިވިޔަސް، ތިޔަބޭފުޅުން މިތާނގައި ހަމަ ވިދާޅުވެދެއްވަންވީ. އަދި ނިމިގެން، ތިޔައިން ބޭފުޅަކު، އެ ބޭފުޅެއްގެ އަމިއްލަ ކަމެއްގައިވިޔަސް، އަދި އެހެން ކަމެއްގައިވިޔަސް، އަޅުގަނޑާ ހަވާލުކޮށްލަން ބޭނުންވާ ލިޔުމެއް އޮތް ކަމުގައިވިޔަސް، އެހެންކަހަލަ ސިޓީއެއް، ކޮންމެ ފަދަ ލިޔުމަކުން ތައްޔާރުކޮށްފައި އޮތް ޑޮކިއުމަންޓެއް ކަމަށްވަންޏާ ހަވާލުވެސް ކޮށްލެވޭނެ. މިހާތަނަށް މިގޮތަށް ބޭއްވި ހުރިހާ ބައްދަލުވުމެއްގައިވެސް، އެއީ ކޮންމެހެން މާލެ އެކަންޏެއް ނޫން. ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. މިއިން ކޮންމެ ރަށެއްގައި އަޅުގަނޑާ ބައްދަލުވި ހުރިހާ ރައްޔިތުންވެސް، އެއިން ކޮންމެ ބޭފުޅަކު، އެ ބޭފުޅަކު އަޅުގަނޑާ ހަވާލުކުރެއްވި، އެ ބޭފުޅަކު އެ ބޭނުންފުޅުވާ ކަންކަން ބަޔާންކޮށްފައިވާ ސިޓީތަކަށްވެސް މިދަނީ، ވަރަށް ސަމާލުކަންދީގެން އެޓެންޑްވަމުން، ޙައްލުކުރެވޭތޯ ބަލަމުން. ބައެއް ކަންކަން ވަރަށް ގިނަ ރައްޔިތުންނަށް ޙައްލުވެސް ކޮށްދެވިއްޖެ. ގިނައީ، އެ ބޭފުޅެއްގެ އަމިއްލަ ކަންކަން. ނޫނީވިއްޔާ، މުޖުތަމަޢާ ގުޅޭ ކަންކަންވެސް އެބަހުރި.

ހަމަ އެގޮތަށް، މިހާތަނަށް މާލޭގެ ދެ އަވަށެއްގެ ބައްދަލުވުން ބޭއްވިގެންދިޔައިރުގައި، އެގޮތަށް ލިބިފައިވާ އެކިކަހަލަ ސިޓީތަކާއި، ވިދާޅުވެފައިވާ ކަންކަން ވީހާވެސް ރަނގަޅަކަށް ކޮށްދެވޭތޯ ބަލަމުން މިދަނީ. އަޅުގަނޑާ އެކީގައި ބައްދަލުކުރުމަށް، ވަކިވަކިން އެޕޮއިންޓްމަންޓަށްވެސް ވަރަށް ގިނަ ބޭފުޅުން އެދިވަޑައިގަންނަވާ. އެކަމުގައި، ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި އެގޮތަށް އެދިވަޑައިގެންނެވި ބޭފުޅުންނަށާއި، އަދި މިރޭވެސް އެދިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެވޭ ބޭފުޅުންނަށް، އަދި ކުރިއަށް އޮތް އަވަށްތަކުގެ ބައްދަލުވުމުގައިވެސް، ހަމަ ޔަޤީން މިކަމަށް އެދިވަޑައިގަންނަވާނެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހަމަ ވަގުތު ވީވަރަކުން އެކަންވެސް ކުރާނަމޭ. އެކަމަކު، ވަރަށް މަދުން ވަން ޓު ވަން ބައްދަލުވުންތަކަށް އަޅުގަނޑަށް ވަގުތުވަނީ. އެހެންނަމަވެސް، ބައްދަލުކުރަން. ގާތްގަނޑަކަށް، ފަސް މިނިޓް، ދިހަ މިނިޓެއްހާއިރު ކޮންމެވެސްވަރަކަށް އަޅުގަނޑު ސީދާ ބައްދަލުކުރަން. އަދި ބައެއް ކަންކަން ހުރޭ، ކަމާބެހޭ ވުޒާރާގެ ވަޒީރު، ނޫނީ ރައީސް އޮފީހުގެ މިނިސްޓަރަކާ ބައްދަލުކޮށްގެން، އަޅުގަނޑު އެކަމަކަށް ސީދާ އެޓެންޑްވެގެން، ޙައްލުކޮށްދެވޭތޯ ބަލާ ކަންކަންވެސް. އެހެންވީމާ، އެއްވެސް ރިކްއެސްޓެއް ދޫކޮށްނުލާ، ޕޮއިންޓަކީ މިއީ. ދޫކޮށްނުލާ އިރާދަކުރެއްވިއްޔާ އެކަމަކަށް އެޓެންޑްވާނަމޭ. ވަގުތުން ކޮށްދެވެން ހުރި ކަމެއްވިއްޔާ އެގޮތަކަށް ކޮށްދޭނަން. އަދި އެ އޮންނަ އިޖުރާޢަތްތަކުން ކުރިއަށް ގެންގޮސް ނިންމެން ހުރި ކަމެއްވިއްޔާ އެގޮތަކަށް ދާނެ. އެހެންވީމާ، އެ ވާހަކަ ޖުމްލަގޮތެއްގައި ތިޔަބޭފުޅުންނަށް، ދަންނަވާލާފައި، އަދި ޢިއްޒަތްތެރި މެންބަރުންވެސް ކުޑަކުޑަ އެއްޗެއް ދަންނަވާލަން އަޅުގަނޑު ފުރުޞަތު އަރުވާނަން. ކުރީ ދެ ބައްދަލުވުމުގައިވެސް އަޅުގަނޑު އެގޮތަށް ހަމަ ކުރިއަށް ގެންދިޔައިން. ތިޔަބޭފުޅުންގެ ބައްދަލުވުން މިއީ. ތިޔަބޭފުޅުން ވިދާޅުވާން ބޭނުންވާ ކަންކަމަށް، އެއަށްފަހު ފުރުޞަތު ހުޅުވައިލާނަން.

އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުން ވަޑައިގެންނެވީތީ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ބައްދަލުވުން ނިންމަވަމުން ދެއްކެވި ވާހަކަފުޅު:

އަދިވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެކި ބޭފުޅުން އެދިވަޑައިގެންފައި އެބަވޭ ފުރުޞަތަކަށް. އެހެންނަމަވެސް، އަޅުގަނޑު ހިތުން ވަގުތަށްވެސް ބަލަންޖެހޭނެ. ޙަޤީޤަތުގައި، އަޅުގަނޑަށް ދެން އެހެން ބޭފުޅުންގެ ވާހަކަ ދަންނަވާކަށް ނޭނގެ. އެހެންނަމަވެސް، މީގެކުރިން މިކަހަލަ ފުރުޞަތުތައް ރައްޔިތުންނަށް ލިބިފައި ނެތީމަ، މިހެން ލިބޭ ފުރުޞަތެއްގައި ހުރިހާ ބޭފުޅުންވެސް އެއްޗެއް ވިދާޅުވާން ބޭނުންވާނެ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކޮށްގެން ވާހަކަ ދައްކަން، ނޫނީވިއްޔާ ފުރުޞަތު ދީގެން މަސައްކަތް ކުރަން. އެހެންވީމާ، މި ފުރުޞަތު މިދިނީ. މިއީ ނިމުމެއް ނޫން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ، އަދި މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ، ވަގުތު އޮތްވަރަކުން، އަޅުގަނޑު ބައްދަލުކުރަމުންދާނަން. އެހެންވީމާ، މި ލިބުނު ފުރުޞަތުގައި، މިވަގުތުގެ ބޭނުން މިހާރު ހިއްޕަވައިގެން، ވާހަކަފުޅުތައް ވިދާޅުވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ކުރިން ފަށްޓަމުން ދެންނެވި ގޮތަށް، އެއިން ކޮންމެ ކަމެއް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގައިގެން، އެކަމަކަށް އެޓެންޑް ކުރާނަމޭ. މިއިން ކޮންމެ ކަމަކީ ލިޔެވި، އެއިން ކޮންމެ ކަމެއް ވަކިވަކިން، ރައީސް އޮފީހުގެ ތެރެއިން ބަލާނެ ކަންކަން. އަޅުގަނޑު ސީދާ އެކަންކަމަށް އެޓެންޑް ކުރާނީ. ކަމާބެހޭ ވުޒާރާތަކަށާއި، ކުންފުނިތަކަށާއި މުއައްސަސާތަކަށް، އެ އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން، އެކަންކަން ފޮނުވައިގެން، ބަލަންޖެހޭ ކަމެއްވިއްޔާ ބަލައި، އެކަންކަން ކުރަމުން ގެންދާނެ ކަންކަން. އާދެ، އެހެންނަމަވެސް، މި ދެންނެވީ ޖުމްލަކޮށް ބައެއް ވާހަކަތައް. އަދި ސްޕެސިފިކް ބައެއް ކަންކަން އަޅުގަނޑު ދަންނަވާލާނަން.

އާދެ، ފުރަތަމަވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު މި ފުރުޞަތު، ނޫނީވިއްޔާ މިގޮތަށް މި ބައްދަލުވުންތައް މި ބާއްވަނީ، ހުރިހާ ވާހަކަތަކެއްވެސް ވިދާޅުވާން ފުރުޞަތު ދިނުމުގެ ގޮތުންނޭ. އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑެއްނުވޭ، އަޅުގަނޑާ ޚިޔާލު ތަފާތުވާ ބޭފުޅަކު އެއްޗެއް ވިދާޅުވެގެން. އަޅުގަނޑު މަރުޙަބާވެސް ކިޔަން އެގޮތަށް ވާހަކަފުޅު ވިދާޅުވާން. ބޭނުންވާ ކޮންމެ ވާހަކައެއްވެސް ވިދާޅުވާންވީ. ކުރިން ދެންނެވި ފަދައިން، ކުރީގައި މިގޮތަށް އެހެން ބޭފުޅުން ފުރުޞަތު ނުދެއްވުމަކީ، އަޅުގަނޑަށް އެކަމުގައި އެއްޗެއް ދެންނެވޭނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ފުރުޞަތު ދެމުން ދާނަން، ކުރިއަށް އޮތް ތާނގައިވެސް. ކޮންމެފަދަ ޚިޔާލެއްގެ ބޭފުޅަކަށްވެސް، އެ ބޭފުޅަކު ބޭނުންވާ ކަމެއް ވިދާޅުވާން. އަދި، އެކަމަކަށް ދޭންޖެހޭ ޑިއު ރެސްޕެކްޓް، ޑިއު ވެއިޓް، އެ ބޭފުޅެއްގެ ސިޔާސީ ފިކުރަކަށް ނުބަލާނެ، އެ ބޭފުޅެއްގެ ޖިންސަކަށް، އެ ބޭފުޅެއްގެ ޢާއިލާއަކަށް، ހަސަބަކަށް، ނަސަބަކަށް، މުއްސަނދި ކަމަކަށް، އެހެން ކަމަކަށް ނުބަލާނަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ކޮންމެ ބޭފުޅަކީ އަޅުގަނޑަށް ހަމަހަމަ ރައްޔިތެކޭ. އެއިން ކޮންމެ ބޭފުޅަކަށްވެސް، އެ ބޭފުޅެއްގެ ޙައްޤުތައް ފޯރުކޮށްދިނުމުގައި، ހޯދައިދިނުމުގައި ސަރުކާރުން ކަންކަން ކުރަމުންދާނީ، ޢަދުލުވެރިކަމާއެކީގައި، ހަމަހަމަކަމާއެކީގައޭ. އެހެންވީމާ، ވިދާޅުވެލެއްވި، ޚިޔާލުފާޅުކުރެއްވި، ކަންބޮޑުވުންތައް ޙިއްޞާކުރެއްވި ހުރިހާ ބޭފުޅުންގެ، ހުރިހާ ވާހަކަފުޅުތަކަކަށް، ޖުމްލަކޮށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެސް ދަންނަވަން.

އާދެ، އެގޮތުން ބަލާއިރުގައި، އަޅުގަނޑު މީގެތެރެއިން ބައެއް ކަންކަމަށް ފުރަތަމަ ބަލައިލާނަން. އާދެ، ބައެއް ކަންކަމުގައި ސްޓެޓިސްޓިކްސް ދަންނަވާލަންޖެހޭތީ، ފޯނުން ދެންމެ މަޢުލޫމާތު ހޯދާލީ. އާދެ، ވާނުވާ މައްސަލައިގައި ފުރަތަމަ އެއްޗެއް ދަންނަވާލާނަން. އެއީ ހަމައެކަނި މި އަވަށާ ބެހޭކަމެއް ނޫން. މާލެއާ އެކަނި ގުޅިފައިވާ ކަމެއްވެސް ނޫން. މުޅި ރާއްޖެއާވެސް ގުޅިފައިވާ ކަމެއް.

އާދެ، މިކަމުގައި ދަންނަވާލަން ބޭނުންވަނީ، ތެދުފުޅެއް! މިކަން ކުރީގައި އޮތީ، ހަމަ ވާނުވާ ގޮތުގައި. އެ ހައްޔަރު ކުރެވިފައި ތިބި މީހުންގެ މައްސަލަތައް އެއްގޮތަކަށްވެސް ނިމޭނެ ދުވަހެއް، އެ މީހުންގެ މައްސަލަތަކުގެ ޝަރީޢަތް ބޭއްވޭނެ ދުވަހެއް، މިއިން އެއްވެސް ކަމެއް ނޭނގި، ވާނުވާ ގޮތަކަށް އޮތް ކަމެއް މިކަމަކީ. އެހެން އެ ވެފައި އޮތް ސަބަބުތައް އަޅުގަނޑުމެން ބެލިން. އަޅުގަނޑަކީ، ވީ ކޮންމެ ވަޢުދެއް ފުއްދާނެ މީހެއް. އެ ވަޢުދުތައް ފުއްދަމުން މިއަދާ ހަމައަށްވެސް މިއައީ. ކުރިއަށް އޮތްތާވެސް ފުއްދާނަން. މި ވާނުވާ މައްސަލަ ނިމުމުގައި، ސަރުކާރުގެ ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް، މިއަދާ ހަމައަށް އައިއިރުގައިވެސް ވަރަށް ސީރިއަސްކަމާއެކީގައި ކުރަމުން މިއައީ.

މިގޮތުން ބަލާއިރުގައި، އެންމެ މުހިންމީ ކްރިމިނަލް ކޯޓު. ކްރިމިނަލް ކޯޓު، އަދި ޑްރަގް ކޯޓު، މި ތަންތަން ހިންގުމަކަށް އެ ބޭފުޅުންނަކަށް ޖާގައެއް ނެތް، މި ސަރުކާރު އައިއިރުގައި. މީގެކުރީގައި ވެފައިހުރި ގޮތުގެ ވާހަކަ ދައްކާކަށް ނޫން. ތަންއޮތީ ވީރާނާވެފައި. އެހެންވީމާ، ކޯޓުތެރެއިން އެކި ފަނޑިޔާރުންނަށް މައްސަލަތައް ނުބެލި، ފުނިޖެހެމުން، ޖެހެމުން ގޮސް، ވާނުވާގައި އެތައް ސަތޭކަ ބަޔަކު ތިބި ބަންދުކޮށްފައި އޭރުގައި. އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްގެން، މިހާރު އެވަނީ، މި ދެ ކޯޓު ހިންގާނެ ތަން ހަމަޖައްސައިދީ، ހުރިހާ ފެސިލިޓީޒް ހަމަޖައްސައިދީފައި. މިގޮތަށް، މި ވާނުވާ ގޮތުގައި ތިބި ކޮންމެ މީހެއްގެ ޝަރީޢަތް ހިނގާނެ ދުވަހެއް، ތާވަލުކުރާނެ ދުވަހެއް، އެއްވެސް ކަމެއް ނޭނގި، ވާނުވާ ގޮތުގައި ތިބުން ނިމުމަކަށް ގެނެސް، މިއިން ކޮންމެ މީހެއްގެ ޝަރީޢަތް ތާވަލުކުރެވޭނެ ދުވަހާއި، މި މައްސަލަތައް އަވަހަށް ބެލޭނެގޮތް ހަމަޖެހިގެންދިޔުމާއި، މިކަންކަން ކޯޓުތެރެއިން އެބަ ގެންދާ ކަމުގެ މަޢުލޫމާތު، އަޅުގަނޑަށް ދެންމެ އެޓަރނީ ޖެނެރަލް ޙިއްޞާކޮށްދެއްވި.

މިހާރު ވަރަށް ގިނަ މައްސަލަތައް އަވަސްކުރެވި، ނޫނީވިއްޔާ މިދެންނެވިހެން، ފުނިޖެހިފައި ހުރި ވާނުވާގެ މައްސަލަތައް ބެލެމުން އެދަނީ. ކުރީގައި ކެޕޭސިޓީ ނެތީ، ޖާގަ ނެތީ، ވަސީލަތް ނެތީމަ، ނުބެލިފައި ހުރި ކަންތައްތައް. ދެންމެ ބޭފުޅަކު އެ ވިދާޅުވިހެން، ފަސް މިނިޓް ތެރޭގައި މި އެންމެން ދޫކޮށްލެވިދާނެއޭ. ކީއްވެހޭ ދޫކޮށްނުލަނީ؟ އާދެ، ފުރަތަމަ ކަމަކަށް، މިހާރު މިގޮތަށް ޝަރީޢަތް ނިންމަންޖެހި، ބަންދުކުރެވިފައި ތިބި މީހުންގެ އަދަދަކީ 347. 347 މީހުންގެ ތެރެއިން، މިހާރު ވަރަށް ގިނަ މީހުންގެ މައްސަލަ ނިންމިފައި ހުރީ.

މީގެ ބާވަތްތައް އަޅުގަނޑު ދަންނަވާލާނަން، މިކަމުގައި ހުރި ކަންބޮޑުވުންތައް ދަންނަވާލުމުގެ ގޮތުން. މީގެތެރޭގައި، މަރުގެ މައްސަލަ، މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި، 29 މީހުން އެބަތިބި ބަންދުކޮށްފައި. ޓެރަރިޒަމްގެ މައްސަލަތަކުގައި، 20 މީހުން ބަންދުކޮށްފައި އެބަތިބި. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި، 117 މީހުން އެބަތިބި، 117 މީހުން. ސީދާ މަރުގެ އިތުރަށް، މާރާމާރީ ހިންގުމުގެ މައްސަލައިގައި، 70 މީހުން އެބަތިބި. ޑްރަގް ޓްރެފިކިންގގެ 116 މީހުން އެބަތިބި. ފަސް މިނިޓް ތެރޭގައި، އަޅުގަނޑު މި މީހުން ދިވެހި މުޖުތަމަޢު ތެރެއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ؟ ވާނުވާގައި ތިބި އެހެން މީހުންގެ ތެރޭގައި، މަނީ ލޯންޑްރިންގ، ވައްކަން ކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕް ކުރުން، ހިއުމަން ޓްރެފިކިންގ، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން، ސްމަގްލް ކުރުން، މިކަހަލަ މައްސަލަތަކުގައި ތިބި މީހުން ހިމެނޭ. އެއީ ކުރީގައި ޝަރީޢަތް ބޭއްވޭނެ ދުވަހެއް ނޭނގޭ، އެ ވާނުވާގައި ތިބި މީހުންގެ. މިހާރު ކޯޓުން އެ މަޢުލޫމާތު ދެނީ، ތާވަލުކުރާ ދުވަސްތަކާއި، ދެން އޮންނާނެ ދުވަހާ، ކުރިއަށްވުރެ މާ ރަނގަޅަށް ތިމަންނަމެން އެބަ ޙިއްޞާކުރަމުން ދަމޭ.

މި ސަރުކާރަކުންނެއް ޖުޑީޝަރީއަކަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ، ޙަޤީޤީ މާނައިގައި މިނިވަންކޮށްދޭން. މިނިވަންކޮށްދޭން ކޮން ކަމެއްތޯ ސަރުކާރުން ކުރަންޖެހޭނީ؟ ޖުޑީޝަރީ ފަންކްޝަން ކުރެވޭނެގޮތް ހަދައިދޭނީ. ކުރީގައި އޮތީ ތަޅުއަޅުވާފައި. މަސައްކަތް ކުރެވޭނެ ގޮތެއް ނެތް. ޖާގައެއްވެސް ނެތީ މަސައްކަތް ކުރަން. އިމާރާތް ބޮލަށް ވެއްޓިފައި ހުރީ. އިމާރާތް މި ހަދައިދިނީ. ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓު. ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އަޅައިދޭންވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށަނީ ވަރަށް އަވަހަށް. ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުނީމަ، އެތަނަށް އެ ތަންތަންވެސް ބަދަލުވާނެ. އެހެންވީމާ، ވަސީލަތްތައް ޤާއިމުކޮށްދެނީ. އިރާދަކުރެއްވީތީ ޕޭ ހަރމަނައިޒް މި ކޮށްދިނީ. ދެން، ބަޖެޓުވެސް މި ވަކިކޮށްދިނީ. ބަޖެޓު ވަކިކުރުމަކީވެސް، މިނިވަންކުރުމަށް ވަރަށް މުހިންމު ކަމެއް. އެއީ ކީއްވެތޯ؟ އަބަދު އެހެން އޮފީހެއްހެން، ފިނޭންސް މިނިސްޓްރީއަށް ކޮންމެ ދުވަހަކު ފޮނުވަންވީ، އެހެންގޮތަކަށް ދަންނަވަންޏާ، އާދޭސްކުރަންވީ. މިހާރު، އެމް.އެމް.އޭ.ގައި ވަކި އެކައުންޓެއް ހަދައިދީ، ފައިނޭންޝަލް އިންޑިޕެންޑެންސް މިދިނީ. ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވީ. އެންމެފަހުން އެންމެ ބޮޑުކޮށް މިހާތަނަށް ދިން ބަޖެޓަށްވުރެ، 100 މިލިއަން ރުފިޔާ އިތުރަށް ބަޖެޓުދީފައި، ދުވަހަކު ނުދޭވަރުގެ ބޮޑު ބަޖެޓަކާ އެކީގައި ވަކި އެކައުންޓެއް އެމް.އެމް.އޭ.ގައި ހުޅުވާފައި، ބަޖެޓު މިނިވަންކޮށްދިނީމަ، އެޑްމިނިސްޓްރޭޓިވްލީ، ޖުޑީޝަރީ ފަންކްޝަން ކުރެވޭގޮތްވެސް މިނިވަން މި ކޮށްދިނީ. ކީއްކުރަން؟ ނުފޫޒުން އެއްކިބާކުރަން. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކަމަކީ، ނުފޫޒުން އެއްކިބާކޮށްދީފައި، ފެސިލިޓީތައް ޤާއިމުކޮށްދީފައި، މިނިވަން މި ކޮށްދެނީ. އެހެންވީމާ، ޖުޑީޝަރީ ދެން ހިނގަންޖެހޭނީ، އެ ބޭފުޅުންގެ މައްޗަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ހިންގަން ފުރުޞަތު ނުދޭން. އަޅުގަނޑަށް ޔަޤީން، ކުރިއަށް އޮތް ތާނގައި އެގޮތަށްކަން އެ ބޭފުޅުން ގެންދަވާނީވެސް.

މީގެ ކުރީގައި ކަންކަންވާގޮތާ މިހާރު ތަފާތު. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑު ވަރަށް އުފާކުރަން، މިހާރު ކުރިއަށްވުރެ ގިނައިން ޑްރަގް މައްސަލަތަކާ ގުޅޭ ކަންތައްތައް އެބަ ނިންމައިދޭ. ދެން، މިހެންހުރި މާރާމާރީ، މިހެން ކިޔާނެ ކަމެއްނެތް، އެއްވެސް ނުފޫޒެއްނެތި، މީހާއަށް ނުބަލާ، އެދަނީ ނިންމަމުން. އަޅުގަނޑު ގަބޫލުކުރަނީ، އެކަންކަން އެވަނީ އެ މިނިވަންކަމާއި، މިކަންކަން ދޭތީ ކަމަށް. އަދި ސަރުކާރުގެ އެއްވެސް ދިމާއަކުން، ވަކި މީހެއްގެ މައްސަލަ އަވަސްކުރަން، ނޫނީވިއްޔާ ލަސްކުރަން، ޚާއްޞަކޮށް އެއްވެސް ގޮތަކަށް ނިންމަން ނުބުނާކަމާއި، މިކަންކަމަށް ހުރިހާ ފަނޑިޔާރުން ހެކިވާނެ. މިކަންކަން ނުކުރާތީ، ޖުޑީޝަރީ މިނިވަންވެފައި އެވަނީ. ކުރިއަށް އޮތް ތާނގައިވެސް، އިތުރަށް ފުރުޞަތުތައް ދީގެން މިނިވަންކުރާނީ. އެހެންވީމާ، ވާނުވާގެ މައްސަލައިގައި، މި ބާވަތްތައް މި ކިޔައިދިނީ.

އެހެންވީމާ، މި މީހުންގެ ކަންތައްތައް، މިހާރު މި ފެސިލިޓީތައް ޤާއިމުކޮށްދިނީމަ، ކުރިއަށްވުރެ އަވަސްކުރެވި، ފާސްޓްކުރެވި، ވާނުވާ ގޮތަކަށް މި ކޯޓު ކޭސްތައް ތާވަލުކުރެވޭނެ ދުވަސް ނޭނގި، ވާނެގޮތެއް ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާގޮތް އެނގި، މާދަން ތިމަންނާއަށް ތާވަލުވާކަން، ނޫނީ މިވެނި ދުވަހަކަށް ތިމަންނާގެ މައްސަލަ އެބަ ތާވަލުވާކަން އެނގޭ ހިސާބަށް، ސަރުކާރުން އެއޮތީ ގެންގޮސްދީފައޭ. ސަރުކާރަކުން ގޮސް އެމީހާ މިނިވަންކުރާކަށް، ނޫނީވިއްޔާ އޭނާއަކަށް ޙުކުމެއް ނުކުރާނެ، ޙުކުމް ނުކުރާކަށްވެސް ނުނިންމާނެ. މި ސަރުކާރަކުން ޖުޑީޝަރީ ތެރެއަކަށް ނުވަންނާނެ.

އަޅުގަނޑުގެ މި ވަޢުދު އަޅުގަނޑު ފުއްދާނަން. އަދި އެއްވެސް ބޭފުޅަކު، ސިޔާސީ ވިސްނުމެއްގައި، ޒިންމާދާރުކަން ކުޑަގޮތެއްގައި މިހެން ވިދާޅުވާ އެއްޗަކަށް، އަޅުގަނޑު އެއަކު ނުޖެހޭނަން. ފަސް މިނިޓެއް ނޫން، އެއް ސިކުންތުގައި ދޫކޮށްލެވޭނެއޭ ވިދާޅުވިޔަސް، ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގާފައި ހުރި ކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމްގެ ޢަމަލެއް ހިންގާފައި ހުރި މީހެއް، މާރާމާރީ، ނޫނީވިއްޔާ މަރުގެ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރުން އެއީ، އަޅުގަނޑު ހިތުން، އަޅުގަނޑުގެ ޙައްޤެއް ނޫން. އަޅުގަނޑަށް ލިބިފައި އޮތް ފުރުޞަތެއްވެސް ނޫން. އަޅުގަނޑު ކޮށްގެން ވާނެ ކަމެއްވެސް ނޫން އެއީކީއެއް. އެހެންވީމާ، އެކަން ނުވަނީ.

ދެން، ވަރަށް ގިނަ ކަންކަން ތިޔަބޭފުޅުން ފާހަގަކުރެއްވި. އަޅުގަނޑު ވަރަށް ގިނަ ކަންކަން ނޯޓްކުރިން އިނގޭތޯ. ދެން، ހައުސިންގގެ ވާހަކަ ދަންނަވާލާފައި އެހެން ކަމަކަށް ދާނީ. ކޮންމެ ރެޔަކުވެސް މި ވާހަކަ އަޅުގަނޑު ދަންނަވަން އެބަ. އަޅުގަނޑަށް އެނގޭ، ތަކުރާރުކޮށް ދެންނެވިޔަސް، މީޑިއާއިން މި ކެޗް ނުކުރެވި، ނޫނީވިއްޔާ ބައެއް ބޭފުޅުންނަށް ބައްލަވައިނުލެއްވި އޮވެދާނެތީވެ، މި ރިޕީޓް ކޮށްލަނީ. އެއް ވާހަކައެއް ދައްކަން އޮތީ. ވިލިނގިލީ ޖަލްސާގައިވެސް، އަދި މައްޗަންގޮޅީ ޖަލްސާގައިވެސް ދެއްކި ވާހަކަ ހަމަ މިކަމުގައި ދަންނަވަން އޮތީ. ފާހަގަކުރެވޭ، އެކި ބޭފުޅުން އެބަ ވިދާޅުވޭ، ހުޅުމާލެ 3، ގިރާވަރުފަޅު، ގުޅީފަޅު، ކިހިނެއްހޭ ވަނީ. ކޮންއިރަކުހޭ ހިއްކެނީ. އަޅުގަނޑު މިދޭތެރެއިން އެއޮތީ، ތަފުސީލުތަކާ އެކީގައި ޓުވީޓެއްވެސް ކޮށްފައި. މިކަމާ ބެހޭގޮތުން، ޑޭޓްތަކާ އެކީގައި، ނޫނީވިއްޔާ ޑިއުރޭޝަނާ އެކީގައިވެސް، ދޮގެއްތޯ؟

މިހާރު މީގައި ވާގޮތަކީ، އެއްވެސްވަރަކަށް ރައީސް އޮފީހުން، ނޫނީވިއްޔާ ހައުސިންގ މިނިސްޓްރީން ބުނާ އެއްޗެއް ދިމާނުވަނީކީއެއް ނޫން. އެއް ބޭފުޅަކު ވިދާޅުވި ދިމައެއްނުވެއޭ. ނޫން! އެހެނެއްނޫން އެވަނީކީއެއް. އެއްފަހަރާ މާގިނަ ޑްރެޖަރު ގެނެސްގެން މިއުޅެނީ. އެހެންވީމާ، ހީވަނީ އޮޅޭހެން. މިހާރު، ހުޅުމާލެ 3 ހިއްކަނީ ދެ ޑްރެޖަރަކުން. އެއްފަހަރާ ބޮޑު ދެ ބޯޓު ގެނެސްގެން، ހުޅުމާލެ 3 ހިއްކަމުން އެދަނީ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މި ބަލަނީ، މިމަސް ނިމޭއިރަށް ހުޅުމާލެ 3 އެކީގައި ހިއްކާ ނިންމާލަން. އެހެންވީމާ، އެގޮތަށް އެ މަސައްކަތް އެދަނީ. ކޮންއިރަކުންތޯ ގޯތި ލިބޭނީ؟ ހުޅުމާލެ 3 ހިއްކާ ނިމުނީމާ، އެތަނުން ގޯތި ލިބިފައި ތިބި މީހުންނަށް، ގޯތިތައް އަޅުގަނޑުމެން ހަވާލުކުރާނަން.

އަޅުގަނޑު އެ ސުވާލު އެކީގައި ނިންމާލަން. ދެން، އެ ޓުވީޓްގައި އަޅުގަނޑު ދެންނެވިން، ހުޅުމާލެ 3 ހިއްކާ ދެ ޑްރެޖަރު، ހިއްކާ ނިމުނީމަ ދާނީ ގިރާވަރުފަޅަށޭ. އެހެންވީމާ، ޖަނަވަރީ ކުރީކޮޅަށް އެދަނީ. ޓޫ ޓު ތްރީ މަންތްސްއޭ ނަގާނީ. އެހެންވީމާ، ފަހަރެއްގައި ދެމަސް ތެރޭގައިވެސް ނިމިދާނެއޭ. އެހެން އަޅުގަނޑު އޮންނާނީ ދަންނަވާފައި. މި ވާހަކަ ކުރީ ރޭގެ ޖަލްސާގައިވެސް ދެންނެވިން. އެހެންވީމާ، ޖަނަވަރީއާއި، ފެބުރުވަރީއާއި، ނޫނީވިއްޔާ ފަހަރެއްގައި މާރިޗު ތެރެއަށް، ގިރާވަރުފަޅު އެކީގައި ހިއްކާ ނިމޭނެއޭ. ނިމުނީމަ، ސުވާލުގެ ޖަވާބު، ކޮންއިރަކުންތޯއޭ ގޯތި ލިބޭނީ. އެހިސާބުން ގޯތިތައް ހަވާލުކުރާނެއޭ. އެހެންވީމާ، އެކަންތައް އެއޮތީ އެގޮތަށް.

ދެން، ގުޅީފަޅުން ގޯތި ލިބުނު އެންމެންނަށް ބްރިޖު ސައިޓާއި، މިހެންހުރި ސައިޓުތަކުގައި ހުރި ގޯތިތައް ފިޔަވައި، ހަވާލުކުރަމުން މިހާރު އެދަނީ. ނުގުޅޭ ފަރާތްތައް އަދި ތިބީމަ، ނޫނީވިއްޔާ ކޮންޓެކްޓް ނުވާ ފަރާތްތަކަށްދޭ ފުރުޞަތު އެކަނި މިހާރު، ނުދެވި އޮތީ. ދެން، މި އަހަރުގެ ބަޖެޓުގެ ތެރެއިން، އަޅުގަނޑުމެން އިންފްރާސްޓްރަކްޗަރގެ މަސައްކަތް މި ފަށަނީ. އެތަނުގެ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މި ހުރިހާ ކަމެއްވެސް. އެހެންވީމާ، މިގޮތަށް މިއޮތީ، އެ ތިން ތަން ތާވަލުކުރެވިފައި.

ދެން، ހަމަ އެއް ވަގުތެއްގައި، ރަސްމާލެ ހިއްކަމުންވެސް އެދަނީ. ރަސްމާލެއަށްވެސް ދެ ޑްރެޖަރު އެބައޮތް އައިސް. އެއްފަހަރާ ހިއްކަމުން އެދަނީ. ޕެރެލަލީ މި ހުރިހާ ތަނެއް ހިއްކަމުން މިދަނީ. އެހެންވީމާ، މިގޮތަށް މާލެ ސަރަޙައްދުގެ ބިން ހިއްކުން މިދަނީ. ގޯތިތައް ހަވާލުކުރަމުން މިދަނީ. ދެން، ރަސްމާލޭގައި މި ހިއްކާ ބިމުން، 15,000 ގޯތި ދޫކުރުމަށްޓަކައި އުސޫލު އިޢުލާނު ކުރެވިފައި އެވަނީ. ދެން، ޖަނަވަރީ ފަސްޓް ވީކް ހިސާބުގައި، އަޅުގަނޑުމެން އެޕްލިކޭޝަނަން ހުޅުވާލަނީ. މީގެ ނަތީޖާއަކަށް ވާނީ، ފުރަތަމަ ފިޔަވަހި، އެއީ 10,000 ގޯތީގެ ތެރެއިން، އަޅުގަނޑުމެން މި ބަލަނީ، ގޯތި ދީ ނިމޭއިރުގައި، ކިތައް މީހުންތޯ ދެން ބާކީ ތިބޭނީ، މާލޭގައި ފުރަތަމަ ހޯމް، ފަސްޓް ހޯމް ނުލިބޭ، 18 އަހަރުން މަތީގެ، އަޅުގަނޑުގެ ވަޢުދުގައި ބުނާ. އޭރުން ދެވަނަ ފިޔަވައްސަކަށް، އަދި އިތުރަށް 10,000 ގޯތި އޮންނާނީ. ޖުމްލަ 25,000 ހިމެނޭނެ.

ދެން، ވަރަށް ގިނަ ބޭފުޅުން ފާހަގަކުރެއްވި، އެއް ކޮޓަރީގެ ފްލެޓުގެ ވާހަކަ. ތިކަން ކުރީ ދުވަހުވެސް އެހެން ބޭފުޅުންވެސް، މައްޗަންގޮޅީ ޖަލްސާގައިވެސް ފާހަގަކުރެއްވި. ސަރުކާރުން ތިކަމާ ސީރިޔަސްކޮށް ވިސްނާނަން. ތިޔަ އެއް ކޮޓަރީގެ ފްލެޓް، ސަރުކާރުގެ ހައުސިންގ ސްކީމަކުން ލިބިފައިވާ ފަރާތްތައް، އެތަން ދޫކޮށްލާފައި، މިއަށް އެޕްލައި ކުރެވޭނެތޯ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަންތަކަށް، އީޖާބީ ގޮތެއްގައި، ޕޮޒިޓިވް ގޮތެއްގައި ރަނގަޅު ޙައްލެއް ގެނެސްދޭން، ސަރުކާރުގެ ތެރެއިން މިހާރު އެކަން ބަލަމުން މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމާ ބެހޭގޮތުން އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާފައި، ރައްޔިތުންނަށް އެކަންތައްވެސް ހާމަކުރާނަން. އަޅުގަނޑަށް އެނގޭ، އެކަމުގައި ހުރި ކޮމްޕްލެކްސިޓީ. އެހެންވީމާ، އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލާފައި، ގޯއްޗަށްލުން. އެކަމަށް ރަނގަޅު ޙައްލެއް، އިރާދަކުރެއްވިއްޔާ ގެނެސްދޭން މަސައްކަތް ކޮށްދޭނަން.

އެހެންވީމާ، މިކަހަލަ ގޮތަކަށް މި ގޯތީގެ މައްސަލަ ޙައްލުވާއިރު، މާލޭގެ ރަށްވެހިންނަށް ޚާއްޞަކުރެވިގެން، މި 15,000ގެ ތެރެއިން، 10,000 ގޯތި މިވަނީ. މާލޭގެ ރަށްވެހިން އެއީ، މާލޭގެ އުފަން ރަށްވެހިން، މާލޭގައި އުފަންނުވިޔަސް މާލޭގެ ރަށްވެހިން، މާލޭގެ ގޯއްޗެއްގައި ރަޖިސްޓަރީ ވެފައިވާ މާލޭގެ ރަށްވެހިން، މާލޭގެ ދަފުތަރުގައި ޖެހިފައިވާ ރަށްވެހިން ހިމެނޭހެން، މާލޭގެ ރަށްވެހިންނަށް 10,000 ގޯތި މިވަނީ. ދެން، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންނަށް 3,000 ގޯތި. އޭގެއިތުރަށް، މުޅި ގޯތި އެކީގައި ދޫކޮށްލާފައި، ގޯތީގެ ކޮންމެ ބެހެނިވެރިޔަކަށް 1,250 އަކަފޫޓު. ދެންހުރި ގޯތިތައްވެސް އެއީ 1,250 އަކަފޫޓުގެ ގޯއްޗެއް ލިބޭގޮތަށް ދޭ، ލާޖައްސާ އުސޫލުން ދޭގޮތަށް، އިތުރު 1,500 ގޯތި. ދެން، މައިމުޅަވެފައިވާ ފަރާތްތަކަށް ދޫކުރާ 450، އަދި އިތުރު 50 ގޯތި. އެންމެ ނިކަމެތި، އެންމެ ނީޑީ، ސޯޝަލް ކެޓަގަރީއަކަށްވެސް ފިޓްނުވާ، ޚާއްޞަ ފަރާތްތައް ތިބޭ، އެއްވެސް ކެޓެގަރީއަކަށް ލައްވައިނުލާ. އެއީ، ސޯޝަލް މިނިސްޓްރީއާ ހަވާލުކޮށްގެން އަޅުގަނޑުމެން ދޭ ގޯތިތަކެއް. އެހެންވީމާ، މިގޮތަށް މިއޮތީ އިޢުލާނުކުރެވިފައި ދޮގެއްތޯ؟ އެހެންވީމާ، މި 15,000 ގޯތި ދީ ނިމޭއިރުގައި، އިރާދަކުރެއްވިއްޔާ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން، ގިނަ ބައެއްގެ ގޯތީގެ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް އަންނާނެ.

ދެން، ފްލެޓް ޕްރޮޖެކްޓެއްވެސް އެވަނީ އިޢުލާނު ކުރެވިފައި. ކޮންމެހެން ތަފުސީލު ދަންނަވާކަށް ނޫން. އޭގެވެސް ޝަރުޠުތަކާއި، ހުރިހާ ކަމެއް ކަނޑައެޅިފައި އެވަނީ. އެންމެ ނީޑީ މީހާއަށް، ނޫނީވިއްޔާ އެއްވެސްވަރަކަށް ގޯއްޗެއް ނެތް، ދެމަފިރިންކުރެ މީހަކަށްވެސް ނެތް މީހާއަށް އިސްކަންދިނުމުގެ ގޮތުން.

ދެން، އެކި ސުވާލުތައް އެއްކޮށްލާފައި އަޅުގަނޑު ޖަވާބު ދިނުމުގެ ގޮތުން، ކުރިން ވިދާޅުވެއްޖެ ބޭފުޅަކު، އަލަތު ކައިވެނީގެ ކެޓަގަރީއަށް ކިހިނެއްތޯ ވަނީ؟ ކުރީގެ ސަރުކާރުން، ރައީސް ޔާމީން ސަރުކާރުއިރުގައި، އޭރުގައި އަޅުގަނޑުމެން އެއް ކެޓަގަރީއަކަށް ދޫކުރީ އެ ކެޓަގަރީ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގައި އެ ކެޓަގަރީ އުވިގެންދިޔައީ. ދެން ކިހިނެއްތޯވީ. އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑުވެސް ދިޔައިން އެ ތަންތަން ބަލައިލަން. ހުރިތޯ ބަލައިލަން. މޭޔަރަކަށް ހުރިއިރުގައި. ގޮސް ބަލައިލިއިރުގައި، އެ ފްލެޓްތައް އެބަހުރި އަޅާފައި. އެއް ކޮޓަރީގެ ފްލެޓްތައް. އެކަމަކު، އެ ސަރުކާރުން އޭރުގައި އެތަންތަން އެ ދިން ބަޔަކަށްދީ ނިންމާފައި އެހެރީ. އެ ތަންތަނެއް ނެތް އެހެންވީމާ މިހާރަކުއެއް. އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި، މިދިޔަ ސަރުކާރުން އެ ފްލެޓްތައް ދޭނެ ބަޔަކަށްދީ ނިންމާފައި އެހެރީ. އެހެންވީމާ، އެ ތަންތަން ނެތީ.

އެހެންނަމަވެސް، އަޅުގަނޑުމެން ވެފައި އޮތް ވަޢުދެއް އެއީ، މިދިޔަ ސަރުކާރުގެ ކުރިން، ރައީސް ޔާމީންގެ ވެރިކަމުގެ ސަރުކާރުން ދިން ބަޔަކަށްވިއްޔާ، މިދިޔަ ސަރުކާރުން ނުދީ، އަތުލާފައިވަންޏާ، މި ސަރުކާރުން އަޅާ ފްލެޓްތަކުގެ ތެރެއިން، ނޫނީވިއްޔާ ހައުސިންގ ޕްރޮޖެކްޓްތަކުގެ ތެރެއިން، އެ ފަރާތްތަކަށް ދޭނަމޭ. އެ ވަޢުދު އެބައޮތް. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެހެންވީމާ، އެއްވެސް ފަރާތެއް އަތުން އަތުލާފައި އޮތް އެއްޗެއްވިއްޔާ، އެ ގެއްލިގެނެއް ނުދާނެއޭ. އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް، އެ ފަރާތްތަކަށް އެ ފުރުޞަތުތައް ލިބިގެންދާނެއޭ. ދެން މިސާލަކަށް، މިދިޔަ ސަރުކާރުގެ ފަހި ދިރިއުޅުމުގެ 4,000 ފްލެޓްސްގެ ތެރެއިން މިހާރު ލިބިފައިވޭތޯ، ނުވޭތޯ، އެކަހަލަ ކަންތައް އަޅުގަނޑުމެން ބަލައިލާން ޖެހޭނީ. ނޫނީވިއްޔާ ގޯއްޗެއް ލިބިފައިވޭތޯ، ނޫންތޯ. އެހެންވީމާ، މިކަހަލަ ކަންކަން އަޅުގަނޑުމެން ބަލާނީ. އެހެންނޫނީވިއްޔާ ވަޢުދު އޮތްގޮތަށް އަޅުގަނޑުމެން ފުއްދަމުން ދާނަން.

އެހެންވީމާ، ހައުސިންގ ކަންތަކުގައި، މައިގަނޑު ގޮތެއްގައި ވަރަށް ގިނަ ކަންކަން ފާހަގަކުރެއްވި. ޖުމްލަކޮށް ދަންނަވަންޏާ، ހައުސިންގގައި ހަމަ ސްޕެސިފިކް ކަމެއް އޮތީވިއްޔާ، އެކަމަކަށްވެސް އަޅުގަނޑުމެން އެޑްރެސް ކުރާނަން އިނގޭތޯ. މީގެ މައިގަނޑު ބޭނުމަކީ، މާލޭގައި ދިރިއުޅޭ، މާލެ މި ކިޔަނީ، މާލޭ ސިޓީ އެކީގައި. ވިލިމާލެ، ހުޅުމާލެ ހިމެނޭހެން، ހައުސިންގ މައްސަލަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލުކުރާނަން. ހަމަ މި ދައުރު ތެރޭގައި، އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް. އަޅުގަނޑަށް ޔަޤީންކަން އެބައޮތް، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި، އަޅުގަނޑުމެން މި ހިންގާ ހުރިހާ މަޝްރޫޢެއްގެ ތެރެއިން، އެއީ ބިން ކްރިއޭޓް ކޮށްގެންނާއި، ފްލެޓް އަޅައިގެންނާއި، އަދި ފްލެޓްއަޅަން ދޫކުރާ ލޯނުތަކުގެ ތެރެއިން. ދެން މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، ލޯނުގެ ވާހަކަ. ތެދުފުޅެއް! މިއީ ފުރަތަމަ އަހަރު. ފުރަތަމަ އަހަރު ތެރޭގައި އަޅުގަނޑުމެން ދޫކުރި ލޯނު، އޭގައި ތަންކޮޅެއް އުނދަގޫ ގޮތްތަކެއް އެބަހުރި. އެ ވިން ކުރުން، ނޫނީވިއްޔާ އެފަރާތަކަށް އެވޯޑް ކުރުމުގައި ހުރި ޝަރުޠުތަކުގައި. އަޅުގަނޑުމެން، ސަރުކާރުން މިހާރު އޮންނާނީ، ބީ.އެމް.އެލް.ގައި ދަންނަވާފައި، ދެވަނަ ބުރަށް މި ހިޔާވަހި ލޯން ސްކީމް ހުޅުވައިލާއިރުގައި، އެއަށް ލުއިތަކެއްދޭ ގޮތަށް. އެހެންވީމާ، އެ ސުވާލުކުރެއްވި ބޭފުޅާއަށްވެސް ދަންނަވާލަން، އަޅުގަނޑުމެން ނިންމާފައި އޮތްގޮތް އެއީ. އިތުރަށް އޭގައި ވަރަށް ބޮޑަށް އެފޯރޑެބިލިޓީ އިތުރުކުރެވިގެންދާ ގޮތަށް، އެ ލޯނު ސްކީމްވެސް ބަދަލުވާނެ، ކުރިއަށް އޮތް އަހަރު ހުޅުވައިލާއިރުގައި. އެހެންވީމާ، ލޯނު ސްކީމްތަކުގެ ތެރެއިންނާއި، ފްލެޓް އަޅައިގެންނާއި، ގޯތިދީގެން، އިރާދަކުރެއްވިއްޔާ މި މައްސަލަ ވަޢުދާ އެއްގޮތަށް، ޙައްލުވެގެންދާނެ ކަމެއް މިއީ. އެހެންވީމާ، މައިގަނޑު ގޮތެއްގައި ހައުސިންގ ކަންތަކުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ވާހަކަ.

ދެން، އެކި ބޭފުޅުން ފާހަގަކުރެއްވި ވަރަށް ގިނަ ކަންތައް. ހުޅުމާލޭގައި، އަދި ގުޅީފަޅުން އެކި ތަންތަނުގެ ރަޖިސްޓަރީގެ ވާހަކަ. ރަޖިސްޓަރީތައް ހަދައިދެމުން އެދަނީ، މި ބިން އޮތް ތަންތަނުން. ބިން އޮތްތާކުން ރަޖިސްޓަރީ މި ލިބެނީ. އެހެންނޫނީވިއްޔާ، ލިޔުމެއް ދެވޭނީ. އެހެންވީމާ، ފޭސް 3 ގައި ރަޖިސްޓަރީ ހަދައިދީފައި، ގުޅީފަޅުގައި ރަޖިސްޓަރީ ހަދައިދެވޭ. އެހެންނަމަވެސް، ގިރާވަރުފަޅުގައި ރަޖިސްޓަރީ ހަދައިދެވޭނީ، ބިން ހިއްކާފައި، ގޯތި ހަވާލުކޮށްފައި. އެހެންވީމާ، އެގޮތަށް ފޭސް 3 ވެސް ހިއްކާ ނިމުނީމަ، ގޯތި ހަވާލުކޮށްފައި، ރަޖިސްޓަރީ ހަދާނީ. އެހެންނަމަވެސް، ފޭސް 2ން ގޯތި ލިބުނު ފަރާތްތަކަށް އަޅުގަނޑު ހިތުން، ރަޖިސްޓަރީ ލިބުމުގެ ދަތިކަމެއް ނޫޅޭނެ މިހާރަކުއެއް. އުޅެންޏާ، އެކަމެއް ޙައްލުކޮށްދޭނަން.

ދެން، މާލޭގެ ދަތި ކަންކަމުގެ ތެރެއިން ފާހަގަކުރެވޭ އެއްކަމެއް މިއީ، ޓެކްސީގެ ކަންތައް. އަޅުގަނޑުމެން ސަރުކާރުން، އެނަރޖީ އެފިޝަންޓް 150 ކާރު މިގެންނަނީ. ޓެކްސީ ލައިނެއް މި އުފައްދަނީ. އެމް.ޓީ.ސީ.ސީ. މެދުވެރިކޮށް މިހާރު ވާނީ، 400 ވަރަކަށް ޑްރައިވަރުން ހޯދަން އިޢުލާނުވެސް ކޮށްފައި. މި ޓެކްސީ ލައިނަށް އިރާދަކުރެއްވިއްޔާ، ޖަނަވަރީ މަސް ނިމޭއިރަށް، ފުރަތަމަ ގެންނާނީ، 90 ކާރު އަޅުގަނޑު ހިތުން. ދެން ފެބުރުވަރީ މަސް ތެރޭގައި، 60 ކާރު ގެނެވި، 150 ކާރު ގެނެވިގެންދާއިރުގައި، މާލެތެރޭގައި ޓެކްސީގެ މި އޮތް މައްސަލައަށް ވަރަށް ބޮޑު ޙައްލެއް އަންނާނެ އިރާދަކުރެއްވިއްޔާ. ޓެކްސީ ޑްރައިވަރުންނަށްވެސް ގެރެންޓީޑް އާމްދަނީއެއް ލިބޭނެ. ކޮންމެގޮތެއްވިޔަސް، ކޮންމެ ދުވަހަކު އެ ކުރާ މަސައްކަތް ބަރާބަރަށް ކުރައްވާނެ. އެއްވެސްވަރަކަށް ތަފާތުކުރުމެއްނެތި، އެ އޮންނަ އުސޫލުން މުސާރަ ލިބެމުންދާނެ. އެހެންވީމާ، ވިންވިންއެއް މިއީ ޓެކްސީ ޑްރައިވަރުންނަށްވެސް، އާންމު ރައްޔިތުންނަށްވެސް. ޓެކްސީ ސަރވިސްގައި މިހާރު ދިމާވާ ހުރިހާ މައްސަލައެއްގެ ބޮޑު ބައެއް ޙައްލުވާނެ. 150 ކާރަކުން މާލެއަކަށް ނުއެއްވާނެ. އެހެންނަމަވެސް، މިއީ ފެށުމެއް. އެހެންވީމާ، އެއީ ސަރުކާރުގެ ޕްރޮގްރާމް. ދެން، އެ ޕްރޮގްރާމްގެ ތެރެއިން، ޓެކްސީ ސަރވިސްއަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް އެކަމަކީ.

ދެން އަޅުގަނޑު އިތުރަށްވެސް ބައެއް ކަންކަން ފާހަގަކޮށްލާނަން. ޑިސްއެބިލިޓީ ވާހަކަ ފާހަގަކުރެއްވި. ޑިސްއެބިލިޓީ ތެރަޕީ ހެދުމުގައި، އާސަންދަ ލިބުމުގެ ދަތިކަން ހުރި ވާހަކަ ފާހަގަކުރެއްވި. އެކަމަށް ޙައްލެއް ގެންނަން މިހާރު މިއޮތީ އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށްފައި. ތިޔަބޭފުޅުންނަށް ފާހަގަވާނެ. އަދި އަޅުގަނޑުމެން އިޢުލާނުވެސް ކޮށްފައި އޮންނާނީ، މި އަންނަ އަހަރަށް މި ފާސްކުރި ބަޖެޓުގެ ތެރެއިން، ދެހާސް ރުފިޔާގެ އެލަވަންސެއް އެ ފަރާތްތަކަށް ލިބޭނެއޭ، ޖަނަވަރީން ފެށިގެން، ތެރަޕީ އެލަވަންސެއްގެ ގޮތުގައި ލިބޭ އެލަވަންސެއް. ދެހާސް ރުފިޔާ. އެހެންވީމާ، އެ ލިބިގެންދިޔައިމާ، ހަމަ ވަރަށް ބޮޑުތަނުން އެ ޕޭކުރަންޖެހޭ ޕޭމަންޓަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ.

ހަމައެގޮތަށް، ތެލެސީމިއާ އެލަވަންސެއްވެސް އެވަނީ ތަޢާރުފުކޮށްފައި. އެވެސް ދެހާސް ރުފިޔާގެ އެލަވަންސެއް. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ ވީވަރަކުން، ކޮންމެ މާރޖިނަލައިޒް ކެޓަގަރީތަކަށް، ކޮންމެ ފަރާތަކަށްވެސް އެ ދޭންވާ ޑިއު ފޯކަސް، ޑިއު އެޓެންޝަން ދީގެން، އެ ފަރާތްތަކަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް. އެއްވެސް ފަރާތެއް ނިގްލެކްޓް ވެފައި، ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެން. ހުރިހާ ފަރާތްތަކަކަށް ހަމަހަމަކަމާއެކީގައި ކަންކަން ވެގެންދާން. މީގެ ކުރީގައި މި ހުރިހާ ފަރާތްތަކެއް ހުރީ ބާކީވެފައި. ހެލްތު ދާއިރާގެ ވަރަށް ގިނަ ކަންތައްތައްވެސް އޮތީ މުޅިން ގޯސްކޮށް. އެހެންވީމާ، މިހާރު ވަރަށް ގިނަ ކަންކަން މިދަނީ. އާ ޚިދުމަތްތައްވެސް ތަޢާރުފު ކުރެވިގެން، އައި.ވީ.އެފް.އާއި، އައި.ޔޫ.އެފް.އާއި މިހެން ކިޔާނެކަމެއް ނެތް، އެތައް ކަމެއް ކުރެވި، އެތައް ބަޔަކަށް މީގެ ފައިދާވަމުން އެބަދޭ. ސޮސައިޓީ ތެރޭގައި ވަރަށް ގިނަ މައްސަލަތައް ހުރި އެތައް ކަމެއް ޙައްލުކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން އެބަ ކުރިއަށް ގެންދެވޭ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލާނަން، މީގެ ތެރެއިން އަދިވެސް ހަމަ ބައެއް ކަންކަން. ދެން މި ހުރިހާ ކަމަކަށް ޚަރަދުކުރާއިރު، ކިހިނެއްތޯ ބަޖެޓުގެ ޑެފިސިޓް ކުޑަކުރަން މަސައްކަތެއް ނުކުރޭތޯ؟ ނޫން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މި އަހަރުގެ ބަޖެޓު އަޅުގަނޑުމެން ކަނޑައެޅިވަރަށް އެވަނީ ޑެފިސިޓް ކުޑަކޮށްފައި. އަދި ކުރިއަށް އޮތް ތިން އަހަރަށްވެސް އަޅުގަނޑުމެންގެ ބަޖެޓް ޕްލޭން ވަރަށް ސާފުކޮށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ބަޖެޓު އިޢުލާނުކުރެވިފައި އޮތްގޮތުން. އޭގެތެރޭގައި ހުރި ތަފްސީލުތަކުން. މި އަންނަ އަހަރުގެ ސުކޫކުވެސް ރީފައިނޭންސް ކުރުމުގެ ކެޕޭސިޓީ ސަރުކާރުގައި އެބަހުރި. އެކަމަށް ހުރިހާ ޕްލޭނެއް އިރާދަކުރެއްވީތީ ހެދިފައި އެހުރީ. ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން މިވަނީ މިހާރު، މި އިޤްތިޞާދު އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތް އަނދަވަޅުން ނަގައި ކޮޅަށްޖަހާފައި. އިރާދަކުރެއްވިއްޔާ ރަނގަޅު މިޞްރާބަށް މިދަނީ. ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް، މީގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމަކަށް ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދީގެން. އެހެންވީމާ، ބަޖެޓުވެސް އިރާދަކުރެއްވިއްޔާ އެވަނީ ރަނގަޅަށް ތަރުތީބުކުރެވިފައި. އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަންބޮޑުވާ އެއްކަމެއްވެސް އެކަމުގައި ނެތް.

އާދެ، މާލޭގެ މަގުތަކުގެ ވާހަކަ ދައްކާއިރުގައި، ޗައިނާގެ ގްރާންޓް އެއިޑެއް، ހިލޭ އެހީ ހަމަޖެހިފައި އޮތް ކަމެއް. އެކަމުގެ ޢަމަލީ މަސައްކަތް އަދި ނުފެށޭ. އެކަމަށް ވަގުތު އެބަ ނަގާ. އެހެންނަމަވެސް، އޭގެ ޑިއު ޕްރޮސެސް އެބަ ކުރިއަށްދޭ. އެކަން ވަންދެންވެސް ބައެއް މަސައްކަތް ފަށައިފިން. އެ ޕްރޮޖެކްޓްގައި ނުހިމެނޭ މަސައްކަތްތައް ފަށައިފިން. މިސާލަކަށް، ބޭރުގެ ބޮޑުތަކުރުފާނު މަގު، މި ތަނުން ބޭފުޅަކު ފާހަގަކުރެއްވި އުތުރުފަރާތު މަގުގެ ވާހަކަ. އެ މަގު ހަދަން މިހާރު އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން، އެ ބޭފުޅުން މިއަދު ފުރަތަމަ ސެގްމަންޓްގައި ތާރުއަޅައި ނިންމައިފި އެމް.އެމް.އޭ. ކުރިމަތީގައި. ދެން އަޅުގަނޑުމެން މި ބަލަނީ އެހިސާބުން ގޮސްފައި އެމް.ޕީ.އެލް. ސަރަޙައްދާ ހަމައަށް، މަސްމާރުކޭޓް ސަރަޙައްދު އެކީގައި މަގު ފުޅާކުރުން، ރޯދަމަސް އަންނަންވާއިރަށް ނިންމާލެވޭތޯ. އޭރުން އެމަގުގައި ކޮޅަކަށް ދެ ލޭނު އޮންނާނެ އިރާދަކުރެއްވިއްޔާ. މިހާރަށްވުރެ އެތައް ގުނައަކުން ފުޅާވާނެ. އެހެންވީމާ، ރޯދަ އަންނަންވާއިރަށް އެ ސަރަޙައްދު އެކީގައި ފުޅާކޮށް ނިންމާލާނަން.

ދެން މަސައްކަތް ކުރާއިރު ހަމަ ޔަޤީނުންވެސް ދަތިވާނެ. އެހެންވީމާ، މިތަނުން ބޭފުޅަކު ފާހަގަކުރެއްވި ދަތީގެ ވާހަކަ. އެކަމަކު އެ ދަތި ޙައްލުކުރާށޭ ކިޔާފައި، މުޅި އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ޢާއިލާތަކާއި ކުޑަކުދިންނަށް ފަސޭހަވާގޮތަށް ކޮށްފައި ހުންނަ މަސައްކަތްތައް ރޫޅާލާކަށް ނުވާނެ. އެއް ބޭފުޅަކު ފާހަގަކުރެއްވި، ސަލްޓަން ޕާކުގެ ކުރިމަތީގައި އޮންނަ މައިދާނުގެ ވާހަކަ. ވަރަށްވެސް ހިތްފަސޭހަ ތަނެއް. ކުޑަކުދިން ގޮވައިގެން ޢާއިލާތައް ގޮސް، ބަންދެއްވާއިރަށް ގޮސް، އެތަނުގައި ކުޑަކުދިން ދޫކޮށްލައިގެން އެ ތިބެނީ، ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒު މައިދާނާއި، މުޅި އެ ސަރަޙައްދު އެކީގައި. ވަރަށް ވަރަށް ސޭފް ޒޯނެއް އެއީ. އެ މަގު ހުޅުވާލާ ވާހަކަ، އެއީކީ އަޅުގަނޑު ހިތުން ގިނަ ރައްޔިތުން ބޭނުންވާނެ ކަމެއްނޫން. ޒިންމާދާރު ގޮތެއްވެސް ނޫން. މި މާލެއަކީ ތޮއްޖެހިފައި އޮތް ތަނެއް. މިހާރުވެސް ޕާކުތައް މަދު.

ކުރީގައި އަޅުގަނޑުމެން ހެދިން މާލޭގައި އެގާރަވަރަކަށް ޕާކު އޭރުގައި. ދެން އޭގެފަހުން، މިދިޔަ ފަސް އަހަރު ތެރޭގައި މާލެއަކު ޕާކެއް ނަހަދާ. ދެން އެހެންނަމަވެސް، އަޅުގަނޑުމެން އަނެއްކާވެސް ޕާކުތައްވެސް އިތުރުކުރަން މިހާރު މި މަސައްކަތް ކުރަނީ. ސަލްޓަން ޕާކް އިޓް ސެލްފް އޮތީ ވީރާނާކޮށްލާފައި. އެހެންވީމާ، އެތަންވެސް ރެނޮވޭޓްކޮށް، އެތަނަށްވެސް އިތުރު ކުޅޭ އެއްޗިއްސާއި، އެތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށައިގެން މިއުޅެނީ. ޖުމްހޫރީ މައިދާންވެސް އޮތީ ހަލާކުވެފައި. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެތަން މިހާރު ބަންދުކޮށްގެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ހިނގާ. ރަސްފަންނުވެސް ކިހިނެއްވެފައިތޯ އޮތީ؟ ހަލާކުވެފައި. އޭރުގައި އަޅުގަނޑުމެން ހެދި ތަނެއް އެއީ. އެތަންވެސް މިހާރު އެވަނީ ހަލާކުވެފައި. އެހެންވީމާ، އަޅުގަނޑުމެން އެތަނަށް ފަސްއަޅައި، އެ ތަނުގައި ހުރި ހަޓުތަކުގެ ރޫފް ހަލާކުފައި ހުރުމުން، އެ އެއްޗެތިތައް ބަދަލުކޮށް، އެތައް މަސައްކަތެއް ކުރެވިފައި އެހުރީ. އިތުރު މަސައްކަތްތައްވެސް މިހާރު މިދަނީ ކުރަމުން.

ދެން ފެން ނުލިބޭ ވާހަކަ ފާހަގަކުރެއްވި. އެއީ، ޙަޤީޤަތުގައި ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން. އެހެންނަމަވެސް، ސަރުކާރުން މިހާރު އެކަންކަމާ ހަވާލުވެގެން ފަށައިގެން މިއުޅެނީ. އެހެންވީމާ، އެކަންކަންވެސް ޙައްލުކުރެވިގެންދާނެ. މާލެތެރޭގައި ގްރީން އޭރިއާޒް، އޯޕަން އޭރިއާޒް އިތުރުކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް. މިހާ ގިނަ ރައްޔިތުން އުޅޭ ތަނެއްގައި، މިހެން ހެދިފައި ހުރި ތަންތަން އަނެއްކާ ރޫޅާލާފައި މަގުހެދުމަކީ ރަނގަޅު ކަމަކަށް ނުވާނެ.

އެހެންވީމާ، ބޭރުމަގު ހެދުމުގެ މަސައްކަތް ދާއިރުގައި، ވާ ދަތިތައް ޙައްލުކުރުމަށްޓަކައި މަސައްކަތް ކުރެވޭނެ. އެހެންނަމަވެސް، ކުޑަދުވަސްކޮޅަކަށް، މި ކިޔަނީ ރޯދަމަހާ ހަމައަށް ދާންވާއިރަށް އެމް.ޕީ.އެލް. ސަރަޙައްދާ ހަމައަށް އެ މަގު ހަދައި ނިންމާށޭ މަސައްކަތް މި ކުރަނީ. އެހެންވީމާ، ކުޑަދުވަސްކޮޅެއް. ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކަށް އަމުދުން ދަތިވާނީވެސް. އެހެންނަމަވެސް، އެ ދައްޗަށްފަހު ދެން ހުޅުވޭއިރުގައި، ކޮޅަކަށް ދެ ލޭނު އޮތް އޮތުން ވާނެއޭ ވަރަށް ފަސޭހައަކަށް. އެހެންވީމާ، ކުޑަދުވަސްކޮޅަކަށް އެންމެންގެ އެއްބާރުލުމާއެކީގައި އެކަން ވާނީ. އަދި ވިސްނާވަޑައިގަންނަވާ، މުޅި މާލޭގެ ހުރިހާ މަގުތައް ހަދަން ފެށޭއިރަކުން ވަރަށް ދަތިތައް ވާނެ. ހަމަ ފޭސްއައުޓް ކޮށްގެން އެ މަސައްކަތްތައްވެސް ހިނގާނީ. އެހެންވީމާ، ތަރައްޤީގެ މަސައްކަތްތައް އަންނައިރުގައި، މަސައްކަތްކުރާ ދުވަސްކޮޅުވާ ދައްޗަކީ އަޅުގަނޑުމެން އެންމެން ގުޅިގެން، އެއްބާރުލުން ދީފިއްޔާ، އެއީ އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ ކަންކަން.

ދެން ރަސްފަންނުގެ ވާހަކަ ނިންމާލުމުގެ ކުރިން، ފިޝިންގ ޕްލެޓްފޯމްގެ ވާހަކަ ފާހަގަކޮށްލާނަން. ސަރުކާރުން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކޮށްދޭނެ. ދެން އެއީވެސް ހަމަ ރައްޔިތުންނަށް ވަރަށް ފައިދާވާނެ ތަނެއް. އެހެންވީމާ، މާފަންނު ހުޅަނގު ސަރަޙައްދުގައި ވަރަށް ގިނަ ރައްޔިތުން ބޭނުންކުރި ތަނެއް. އިރާދަކުރެއްވިއްޔާ، ސަރުކާރުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް، ނޫނީވިއްޔާ އެހެން އުސޫލަކުން ޕްރައިވެޓް ސެކްޓަރ ކުންފުންޏެއް މެދުވެރިކޮށް ނަމަވެސް، އެތާނގައި ހަމަ ރަނގަޅު ފެންވަރުގެ ފިޝިންގ ޕްލެޓްފޯމެއްވެސް ހަދައިދީފައި ނިންމާނީ. އެއްގޮތަކަށްވެސް ޑެޕިއުޓީ މޭޔަރ އެކަމާ ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. ސިޓީ ކައުންސިލް، ނޫނީވިއްޔާ ކައުންސިލްތައް މެދުވެރިކޮށް މަސައްކަތްކުރުމަކީ، އަޅުގަނޑުމެންގެ އަސާސީ އުސޫލަކީ. އެހެންނަމަވެސް، ކައުންސިލްތަކުގެ ތެރެއިން ކަންކަން ނުވަންޏާ، ސަރުކާރުން ކުރުމަކީ، އަޅުގަނޑުމެންގެ ނެކްސްޓް ޕްލޭން. އެހެންވީމާ، އެ ޕްލޭނަށް ދެން އަޅުގަނޑުމެން ދާން ނިންމާފައި މިއޮތީ، މާލޭގެ ގިނަ ކަންތައްތައް އެހެންއޮތީމާ.

އާދެ، ދެން ހަމަ އަޅުގަނޑު ފާހަގަކޮށްލާނަން. ތަކެތީގެ އަގު ބޮޑުވާ ވާހަކަ ފާހަގަކުރެއްވި. އާދެ، މީގެތެރެއިން އަސާސީ ކާބޯތަކެތި، ފުރަތަމަ ސްޓޭޕްލް ފުޑް، ކާޑުގެ ބާވަތްތައް އެސް.ޓީ.އޯ. އިން ގެންނަމުން މިދަނީ. ދެން އޭގެ ތެރެއަށް މިހާރު މިވަނީ، އެންމެ ގިނައިން ބޭނުންކުރާ ކާނާގެ ތެރެއިން މޭވާއާއި، ތަރުކާރީގެ 23 ބާވަތެއް އިތުރުކުރެވިފައި. މިހާރު އެސް.ޓީ.އޯ.އިން އެ 23 ބާވަތް ގެންނަމުން އެދަނީ. އޭގެ ސަބަބުން މާކެޓްގައި މިހާރު އެ 23 ބާވަތުގެ ތަކެތި ވަރަށް ރަނގަޅު އަގުގައި އެ ލިބެނީ. މިހާރު އެސް.ޓީ.އޯ.އިން ހޯލްސޭލް ކުރަންވެސް ފިހާރައެއް ހުޅުވައިފި. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާއަކީ އާންމު ރައްޔިތުންނަށް ފަސޭހަވެގެންދިޔުން. ކޮމްޕެޓިޝަން އުފެދޭނެ މި އަގުތަކާ އެއްވަރަށް ދެންހުރި ފަރާތްތަކުން އަގުތައް ތިރިކުރަމުން އެދަނީ. ދެން ޓީ.ޓީ. ހޯދަންވެސް ޑޮލަރު އެވެއިލަބިލިޓީވެސް ރަނގަޅުގޮތުގައި އެވަނީ ބޭންކުތެރެއިންވެސް ފަހިކޮށްދީފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމަކީވެސް މިހާރު ޙައްލު ލިބިފައިވާ ކަމެއް.

ދެން ޙައްޖުގެ ވާހަކަ ފާހަގަކުރެއްވި. ޙައްޖުގައި އަޅުގަނޑުމެން އެއްކަމަކަށް މިހާރު ފުރަތަމަ ޙައްޖުކުރާ ފަރާތްތަކަށް އިސްކަންދޭ އުސޫލު އެވަނީ ތަޢާރުފުކޮށްފައި. އެހެންވީމާ، ކުރީގައި ކިޔޫގައި ތިބި އެތައް ބަޔަކަށް ފުރަތަމަ ޙައްޖަށްދާ ފަރާތްތަކަށް އިސްކަންދޭން އެއޮތީ ނިންމާފައި. ދެން ފަޤީރުންނަށް އަޅުގަނޑުމެން ޙައްޖު ދަތުރު ދެމުން މިދަނީ. އެއަށްވެސް އަދި ކޮންމެ އަހަރަކު 50 ކަމަށް އެއީ، އަޅުގަނޑުމެން ކަނޑައަޅައި ނިންމާފައި އޮތް ގޮތެއްނޫން. އެހެންނަމަވެސް، އެއީވެސް އަޅުގަނޑުގެ ވަޢުދެއްވީމާ، އެކަންވެސް ހަމަ ފުއްދަމުން ގެންދާނަން. ދެން އަޅުގަނޑުމެން އެންމެ އިސްކަންދެނީ ފުރަތަމަ ޙައްޖުވާ ފަރާތްތަކަށް. ޙައްޖުގެ ކަންކަން މިދަނީ ވަރަށް ރަނގަޅު ކުރެވެމުން. އިރާދަކުރެއްވިއްޔާ، ސަޢޫދީ ސަރުކާރުން އެ ދެއްވާ އެހީތެރިކަމާއި، ރައްޔިތުންނަށް ދެއްވާ އަހަންމިއްޔަތުކަމުގެ ތެރެއިން ޚާއްޞަގޮތެއްގައި، މިކަމަށް ވަރަށް ރަނގަޅު ކުރިއެރުންތައް ލިބެމުންދާ ކަމެއް އެއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އިތުރަށްވެސް ޙައްޖުގެ ކަންކަން ފަސޭހަވަމުންދާނެ ކަމެއް އެއީ.

ދެން އިންޑިވިޖުއަލީ ވަކިވަކި ބޭފުޅުން ފާހަގަކުރެއްވި، އެ ބޭފުޅުންގެ ގޭގެއާ ބެހޭ ކަންކަން. މިސާލަކަށް، ކައިރީގައި ހުރި އިމާރާތް ނުރައްކާތެރިކޮށް ހުރުންކަހަލަ މައްސަލަ. މިކަންކަމަށް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް އެޓެންޑްވާނަން. ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އަދި ކައުންސިލްގައިވެސް ދަންނަވައިގެން، އިންސާނުންނަށް ގެއްލުންވާ ގޮތަށް ހުރި ކަންކަމަށް އަވަހަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްދޭނަން، މި ތަންތަން ހަދައިދިނުމަށްޓަކައި.

ދެން ހަމަ އެއާއެކީގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ވަޒީފާގެ ފުރުޞަތުތަކަށް ދަތިވާ ވާހަކަ ފާހަގަކޮށްލި މައްސަލައިގައި، އަޅުގަނޑުމެން ވަރަށް ގިނަ ފުރުޞަތުތައް އެބަ ހުޅުވާލަން މިހާރު. ވަޒީފާގެ ފުރުޞަތުތައް ދޮގެއްތޯ؟ ހަމަ ޒުވާނުންނަށް ޚާއްޞަކޮށްގެން އެކިކަހަލަ ފުރުޞަތުތައް އެބަ ހުޅުވާލަން. ވޮކޭޝަނަލް ޓްރޭނިންގއަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް. މިހާރު އޭލެވެލް ޕާތުވޭއަކަށްވެސް ހަދައިފިން ވޮކޭޝަނަލް ޕާތުވޭ. އެއް ޕާތުވޭއަކަށް. އެހެންވީމާ، ވޮކޭޝަނަލް ޕާތުވޭއިން ގޮސް، އޭލެވެލް ނިންމާފައި، ނުކުތުމުގެ ފުރުޞަތުވެސް އެބަ ލިބޭ. އަދި ސްކިލްސް ޑިވެލޮޕްމަންޓްގެ ތެރެއިންވެސް ވޮކޭޝަނަލް ފުރުޞަތުތަކެއް އެބަ ލިބޭ. ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށްޓަކައި ދިވެހިންނަށް ޚާއްޞަ އެތައް ދާއިރާއެއްވެސް ކަނޑައަޅާފައި މިވަނީ. ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި، އެ ދާއިރާތައް އެކީގައި ދިވެހިންނަށް ޚާއްޞަވެގެން އެބަދޭ. އެހެންވީމާ، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަކީ، އަޅުގަނޑުމެން އިރާދަކުރެއްވީތީ ވަރަށް ކާމިޔާބުކަމާ އެކީގައި ކުރާ ކަމެއް.

މީގެ ތެރެއިން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާ ދިނުންވެސް ވަރަށް އިސްކަންދީގެން މިގެންދަނީ، މިހާރު މިނިސްޓްރީތަކުން އެތައް ބަޔަކަށް އިރާދަކުރެއްވީތީ ވަޒީފާ ދީފިން. ހުރިހާ ކުންފުނިތަކުންވެސް މިހާރު އެދަނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާދެމުން. އެއީ، އަޅުގަނޑު ކުރިން ދެންނެވިހެން، ހަމަހަމަކަން ޤާއިމުކުރަންވެގެން. އެ މީހެއްގެ ހުރި ޖިސްމާނީ ނާޤާބިލް ކަމަކުން، އެމީހާގެ ސިފައަކުން، އެމީހާގެ ޖިންސަކުން، އެމީހާގެ އެއްވެސް ކަމަކީ، އެމީހަކަށް ވަޒީފާ ލިބުމުގައިވިޔަސް، ބޯހިޔާވަހިކަން ލިބުން ކަމުގައިވިޔަސް ތަފާތުވެގެންވާނެ ކަމަކަށް މި ސަރުކާރަކުން ނުދެކެން. އެހެންވީމާ، އެ ފުރުޞަތުތަކަށްވެސް ވަރަށް ބޮޑަށް އިސްކަން އެބަދެން، ރަނގަޅު ކޮށްދިނުމަށްޓަކައި.

ދެން ގާތްގަނޑަކަށް ވަރަށް ގިނަ ކަންކަމަށް ބަލައިލެވިއްޖެ. ދެންހުރި ކަންކަމަށް އަޅުގަނޑު ބަލައިލާއިރުގައި، ވަރަށް ގިނަ ބޭފުޅުން ބުޅަލުގެ ވާހަކަ ފާހަގަކުރެއްވި. މިކަމުގައިވެސް ބޮޑު މައްސަލައެއް މިއީ. ސިޓީ ކައުންސިލް އަދި ސަރުކާރުންވެސް ވަރަށް އިސްކަމެއްދޭ ކަންކަން. ސަރުކާރު އެކަމަށްޓަކައި ހެދި ފެސިލިޓީއަށް، އިތުރަށް އަޅުގަނޑުމެން މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ބަލަމުން ގެންދާނަން. އަދި މިކަމަކީ މުޅި ސޮސައިޓީ ގުޅިގެން ޙައްލުކުރެވޭނެ ކަމެއް. މީގައި އުޅޭ، މިކަމަށް ވަކާލާތުކުރާ ފަރާތްތައްވެސް. އެ ފަރާތްތަކުގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމެއް މިއީ. މި ސަރުކާރުން ބޭނުންވޭ މިކަމަށް ދާއިމީ ޙައްލެއް ގެންނަން. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ. ހަމަ ސީރިއަސް މައްސަލައެއް އެއީ. މީގެ ސަބަބުން ނުކުންނަ ބަލިތައް، އުފެދޭ ބަލިތައް ޚާއްޞަކޮށް، ވާރޭ ވެހުނީމާ، މަގުމަތީގައި މި ދިމާވާ ދަތިތައް އެއީ، ޙަޤީޤަތުގައި ވަރަށް ބޮޑަށް ޙައްލުކުރަން ޖެހިފައިވާ މައްސަލައެއް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން މަސައްކަތްކުރަމުން ގެންދާނަން.

އާދެ، ދެން މިތަނުގައި ނޫސްވެރިޔަކު ފާހަގަކުރެއްވި ވާހަކައެއް، ނޫސްވެރިންނަށް ފުރުޞަތު ނުދޭ ވާހަކަ. ދެން އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުޞަތުދޭ ސަރުކާރެއް ނެތޭ. އަޅުގަނޑު އެއްދުވަހަކު ބޭއްވިން ނޫސްވެރިންގެ ކޮންފަރެންސެއް. އަޅުގަނޑު އެތާ ހުރިން، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން. ދެން ނޫސްވެރިންގެ ހުރިހާ ސުވާލެއް ހުސްވީމާ، ނޫސްވެރިން ގެޔަށްދާން ބޭނުންވެއޭ ވިދާޅުވީމާ، އަޅުގަނޑު ހުއްޓާލީވެސް. ދެން ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު ހުންނާނަން ނޫސްވެރިން ފުރުޞަތުތައް ބޭނުންވެގެން ވިދާޅުވާއިރަކަށް.

ދެން ނޫސްވެރިކަމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހަމަ އެހެން ދާއިރާތައްހެން ވަރަށް ޕްރޮފެޝަނަލީ ހިންގަންޖެހޭނެ ދާއިރާއެއް. ޒިންމާދާރުކަމާއެކީ ކުރަންޖެހޭނެ ކަމެއް. ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ، ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ ކިޔާފައި އިޢުލާނުކުރީމާ، އެހިސާބުން އޭގެ ޕްރޮފެޝަނަލިޒަމް އެ ގެއްލުނީ. މިހެން މި ދަންނަވަންޖެހުނީ، އެންމެފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ވަޑައިގެން، އަޅުގަނޑާ އެކީގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ދެންމެ އަޅުގަނޑާ ސުވާލުކުރެއްވި ނޫސްވެރިޔާގެ އެޑިޓަރ، ނޫނީވިއްޔާ އިސްވެރިޔާ ވިދާޅުވީ، ތިމަންނަމެންގެ ނޫހަކީ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ނޫހެކޭ. އެހިސާބުން އޭގެ އަންބަޔަސްކަން ގެއްލުނީ. ވަކިއަތަކަށް ޖެހިފައި އެވަނީ. އެހެންވީމާ، އެ ޕޮލިސީ ކަނޑައަޅައިގެން ކުރިއަށްދާއިރަކު، ދެން އިދިކޮޅު ލެންސެއް ހުންނާނީ. އެހެންވީމާ، އެއީކީ ނޫސްވެރިކަމެއް ނޫން. އެއީ ޕޮލިޓިކަލް އެކްޓިވިޒަމް. ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ، ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ ރަސްމީކޮށް މީޓިންގގައި ވިދާޅުވީ. އެހެންވީމާ، އެހިސާބުން އެއޮތީ، ކަނޑައެޅިގެން ވަކިއަތަކަށް ޖެހިފައި. އެހެންވީމާ، އެއީކީ ނޫސްވެރިކަމެއް ނޫން.

ނޫސްވެރިކަމަކީ ފެކްޓް ބޭސް އެއްޗެއް. ދެފަރާތް ހަމަހަމައަށް ބަލައިގެން ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ކުރާ ކަމެއް ނޫސްވެރިކަމަކީ. ކޮންމެ ވާހަކައެއްގެވެސް ދެފަރާތް ގެންނަންޖެހޭނެ. ފަސް ކާފެއް އޮވޭ. ކޮންމެ ވާހަކައެއްގެވެސް ދެފަރާތް ގެންނަންޖެހޭނެ. ތެދުބަހުން ވާހަކަ ދައްކަންޖެހޭނީ. މިހާރު އެއޮތީ ނޫސްވެރިކަމާ ބެހޭ ޤާނޫނެއް ހަދާފައި، ކޮމިޝަނެއް އުފައްދާފައި. އެ ކޮމިޝަނުން މަސައްކަތްކުރަމުން އެދަނީ. އެއްވެސް ނޫހަކާ ދޭތެރޭގައި، ނޫނީވިއްޔާ އެއްވެސް މީޑިއާއަކާ ދޭތެރޭގައި އެ ބޭފުޅުން ފިޔަވަޅެއް އެޅިކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. އަޅުގަނޑަކަށް ހީއެއްނުވޭ ފިޔަވަޅެއް އެޅިހެނެއް. އެއްވެސް ފަރާތެއް ވިދާޅުވާން ބޭނުންވާ ވާހަކައަކަށް، މި ސަރުކާރުން ގައިމުވެސް ހުރަހެއްނާޅަން. ތަންމިނަށް އޮތީ ނޫސްވެރިކަމަށް މިނިވަންކަން ހުޅުވިފައި. ހަމައެކަނި ނެތްކަމަކީ، މިތާނގެ ޤާނޫނުއަސާސީއާ ޚިލާފަކަށް ވާހަކައެއް ނުދެއްކޭނެކަން. އިސްލާމްދީނުގެ ޙުދޫދާ ޚިލާފަށް ވާހަކައެއް ނުދެއްކޭނެ. އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުޞަތެއް މި ސަރުކާރަކުން ނުދޭނަން. ކޮންމެ ނޫސްވެރިއަކަށްވިޔަސް، ކޮންމެ ރައްޔިތެއްގެވެސް އަބުރަކީ ހަމަހަމަ އެއްޗެއް. ކޮންމެ ރައްޔިތެއްގެވެސް އަބުރު ހަމަހަމަ. އެއީ މަތިން ބާވައިލައްވާފައި އޮތް ޤާނޫނެއް. އެ ޤާނޫނާ ޚިލާފަކަށް، މިތާނގައި ކޮންމެ ކަހަލަ ލޭބަލެއް އަޅުވައިގެން، އެއްވެސް މީހަކު އަޔަސް، އެ ފުރުޞަތެއް މި ސަރުކާރަކުން ނުދޭނަން. އެއީ، އަޅުގަނޑަށް އޮތް ފުރުޞަތެއް ނޫން. އެހެނެއްނޫން، އެއްވެސްކަހަލަ ސިޔާސީ ވިސްނުމެއްނެތި، ދެފަރާތްވެސް ހަމަހަމަކަމާއެކީގައި ގެނެސްދޭ، ތެދުބަހުން ވާހަކަދައްކާ ގޮތަށް ވިދާޅުވާ ކޮންމެ ކަމަކަށް، ހަންޑްރެޑް ޕަސެންޓް އޯޕަން، ތަންމިނަށް ހުޅުވިފައި މި ސަރުކާރު މިއޮތީ. މި ސަރުކާރަކުން ނާޅާނެ އެއްވެސް ހުރަހެއް. އެއްވެސް ހުރަހެއް ނާޅާނެ ނޫސްވެރިކަމަކަށް. ނޫސްވެރިން ކުރިއަށް ވަޑައިގަންނަވަންވީ މި އުސޫލުން. ދިވެހި ރައްޔިތުން ބޭނުންވަނީ އެގޮތް. ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފު. އެހެންވީމާ، އެގޮތަށް ވަޑައިގަތީމާ، މި ސަރުކާރުވެސް އޮންނާނީ ނޫސްވެރިންނާ އެކީގައި.

އާދެ، އެހެންވީމާ، ދެން އޮންނަ ޖަލްސާއެއްގައި، ދެން އަންނަ އަވަށުގައިވެސް ހިމެނޭ ނޫސްވެރިން ވަޑައިގެން ހަމަ މިގޮތަށް ވިދާޅުވާ އެއްޗަކަށް އަޅުގަނޑު ދަންނަވަން އޮތީ ހަމަ މި ވާހަކަ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށްދާން. އެހެންވީމާ، ރައްޔިތުން ބޭނުންވާގޮތް މި ދަންނަވާލީ.

އާދެ، ދެން ހަމަ ވަކިވަކި ކަންކަން ދަންނަވާލަންޏާ ދެންނެވިދާނެ. އެހެންނަމަވެސް، ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ ވަގުތު މިތަނުގައި ތިއްބެވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އެއްވެސް ކަމެއް ދޫކޮށްލަނީކީއެއް ނޫން މިއީކީ އިނގޭތޯ. އެއްވެސް ކަމެއް ދުލެއްނުކޮށްލަން. ހަމަ ޖުމުލަކޮށް އަޅުގަނޑު ދެންނެވިން، ކޮންމެ ކަމަކަށްވެސް އަޅުގަނޑު އެޑްރެސްކުރާނަމޭ. އެއްވެސް ކަމެއް ވަކި ދޫކޮށްލާފައި ދަނީކީއެއް ނޫނޭ.

މި ސަރުކާރަކީ ކޮރަޕްޝަނާ މުޅިން ދެކޮޅު ސަރުކާރެއް. ވައްކަންކުރާ ފަރާތްތަކެއް އުޅެންޏާ، އެ ފަރާތްތަކަކަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރުން މިއަދާ ހަމައަށް ކުރިވަރަކަށް ދުވަހަކުވެސް އެއްވެސް ސަރުކާރަކުން ކޮށްފައެއް ނެތް. އަޅުގަނޑުމެން ނުބަލަން، އެއްވެސް ބަޔަކު ތަނަކުން ވައްކަމެއް ކުރީމާ، އެ މީހާއަކީ ކިހާވަރެއްގެ ވިޔަފާރިވެރިއެއްތޯ. އެމީހާ ނިސްބަތްވަނީ ކޮން ޢާއިލާއަކަށްތޯ. އެމީހާއަށް ތާއީދުކުރަނީ ކޮން ސިޔާސީ މީހެއްތޯއެއް ނުބަލަން. ތިޔަބޭފުޅުން ވިސްނާވަޑައިގެންފިއްޔާ ފާހަގަވެލައްވާނެ، މި ދެންނެވީ ތެދެއްކަން. މި ސަރުކާރުން ފުރުޞަތެއް ނުދޭނަން ވައްކަންކުރާކަށެއް. މި ސަރުކާރުން ފުރުޞަތެއް ނުދޭނަން ކޮރަޕްޝަން ހިންގާކަށެއް. އެއީ، ކޮންމެތާކުވެސް މިއަދާ ހަމައަށްއައިއިރު، މި ރާއްޖޭގައިވެސް މިއަދާ ހަމައަށްއައިއިރު، އޮތް ވަބާއެއް. އެހެން ޤައުމުތަކުގައިވެސް އޮންނަ ވަބާއެއް. މީގައި ކުރަންޖެހޭ ކަމަކީ ކޮންކަމެއް؟ އެކަމާ ދެކޮޅަށް ތެދުވުން.

އަޅުގަނޑު އިޢުލާނުކުރިން، އަޅުގަނޑުގެ ސިޔާސަތަކީ ކޮރަޕްޝަނާއި، ވައްކަމާ ދެކޮޅު ސިޔާސަތެކޭ. ގުޑް ގަވަރނަންސް ނިޒާމެއް ގެނައުމޭ. މި އަންނަ އަހަރު އަޅުގަނޑުމެން ފަށާ ބޮޑު ޕްރޮގްރާމް، މޯލްޑިވްސް 2.0 އަކީ ގަވަރނަންސް ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލާނެ އެންމެ ބޮޑު ޓްރާންސްފޮމޭޝަނަލް ބަދަލު. އެއީ ކީއްވެތޯ؟ ކުރީގައި ވެއްޖިއްޔާ، އަދި މިއަދާ ހަމައަށްވެސް ކަމެއް ކުރަން ވެއްޖިއްޔާ، އޮފީހެއްގެ ތެރެއިން ކޮންމެވެސް މީހެއް ކައިރީގައި ނޫންތޯ ބުނަންޖެހެނީ. އެމީހާ އެކަން ކޮށްދިނިއްޔާ މިވަނީ. އެހެންނަމަވެސް، ޑިޖިޓަލައިޒް ކުރެވުނީމާ، އެ ނިޒާމު ތެރެއަށް ވެއްދީމާ، ދެން އެމީހާ އޭގައި ކުރާނެ ކަމެއް ނޯންނާނެ. އަތްލެވޭނެ ކަންތައްތައް މަދުވާނެ. ކޮރަޕްޝަން ހިންގުމުގެ ފުރުޞަތު، ނިޒާމުގެ ތެރެއިން އެބަ ގެއްލޭ ވަރަށް ބޮޑަށް.

އެހެންވީމާ، ޙަޤީޤީ މާނައިގައި ކޮރަޕްޝަން ނައްތާލައި، ޙަޤީޤީ މާނައިގައި ގުޑް ގަވަރނަންސް ނިޒާމެއް ގެނައުމަށްޓަކައި، ވަރަށް ކެރިގެން މަސައްކަތް ކުރަމުން މިދަނީ. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މިއަދާ ހަމައަށް އައިއިރުވެސް މިހެންހުރި ކަމެއްގައި ވެއްޖިއްޔާ ސަރުކާރުން ފާހަގަކޮށް، ސަރުކާރަށް، ނޫނީވިއްޔާ ސަރުކާރުގެ އިދާރާއަކަށް، ފާހަގަވާ ކަމެއްގައި ވެއްޖިއްޔާ، އިސްވެ އޮންނާނީ ތެދުވެފައި. އަދި ހަމަ އެހެން ބޭފުޅުންވެސް، އާންމު ރައްޔިތުންވެސް ކަމެއް ފެނިވަޑައިގެންފިއްޔާ އޮންނަ އުސޫލުން މުއައްސަސާތަކަށް ހުށަހެޅުއްވީމާ، އެ މުއައްސަސާތަކުންވެސް ބައްލަވާނެ. މި ސަރުކާރަކުންނެއް އެއްވެސް މިނިވަން މުއައްސަސާއަކުން ކުރާ ކަމަކަށް ހުރަހެއްވެސް ނާޅާނެ. އަޅުގަނޑުމެން ބޭނުންވަނީ މިތަނުގައި ދެފުށް ފެންނަ، ޒިންމާދާރު ނިޒާމެއް އޮންނަން. މިނިވަންކަމާއެކީގައި ހިނގާ މުއައްސަސާތަކެއް ހުންނަން. އެ ނިޒާމުގެ ތެރެއިން ހުރިހާ މުއައްސަސާތައް ހިނގަމުން އެދަނީ. އެކަމަށް ހުރަސްއަޅާ ފަރާތެއްވާނަމަ، ޤާނޫނީ އުސޫލުގެ ތެރެއިން އޮންނަ ގޮތަކަށް އަޅުގަނޑުމެން ދާނީ އެ ފަރާތްތަކަށް ފިޔަވަޅު އަޅަމުން. ފިޔަވަޅު އަޅަންވެއްޖިއްޔާ އަޅުގަނޑު ނުބަލާނަން އެއީ ކާކުތޯއެއް. އެމީހަކަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން. އިރާދަކުރެއްވިއްޔާ އެކަން ކުރަމުން ގެންދާނަން.

އާދެ، އަޅުގަނޑު ހަމަ ބަލައިލަނީ އަޅުގަނޑު ނޯޓުކުރި އެއްޗިއްސަށް. އަޅުގަނޑު ހިތުން އެއްވެސް އެއްޗެއް ނުއެއްގެއްލޭކަންނޭނގެ. ދެން އެބައޮތް ކޮންމެވެސް ބޭފުޅަކު ވިދާޅުވެފައި ފުލުހުންނާއި ސިފައިންނަށް ސިސާސީ ނުފޫޒު ފޯރުވައޭ. ނުފޯރުވަން. މި ސަރުކާރަކުންނެއް ނުފޯރުވާނެ. ފުލުހުންނާއި ސިފައިން ހެކިވާނެ ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށް. އެ ބޭފުޅުން ވިދާޅުވޭ ނުފޯރުވައޭ. އެ ދެ މުއައްސަސާ އޮތީވެސް ހަމަ އިޤްތިޞާދު އޮތްހެން އަނދަވަޅަކަށް ވައްޓާލާފައި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި. ސިޔާސީވެސް ކޮށް އިންތިހާއަށް ގޮސްފައި. އެހެންނަމަވެސް، އަޅުގަނޑުމެން އެކަން ރަނގަޅުކޮށް، ދެތަން ހިނގާނެގޮތް މި ހަދައިދިނީ. ކެޕޭސިޓީ މި ބިލްޑްކޮށްދިނީ. އެ ތަންތަނަށް ބޭނުންވާނެ އެއްޗިއްސާއި، މުވައްޒަފުންނާއި، އިމާރާތާއި، އިންފްރާސްޓްރަކްޗަރއާއި، އަދި އެހެން ހުރިހާގޮތަކުން ދެ މުއައްސަސާވެސް މި ވަރުގަދަކޮށްދެނީ. އެއީ ކީއްވެގެން؟ އެއީ، ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ ފަޚުރު. ދިވެހިން އެތަންތަން ދެކެ ލޯބިވާންޖެހޭ، ދިވެހިން ފަޚުރުވެރިވާންޖެހޭ ތަންތަން. އެ ތަންތަން ހިނގަންޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ވަރަށް މިނިވަންކަމާއެކީގައި. އެ މީހުންގެ ޚިދުމަތް ރައްޔިތުންނަށް ދެވޭގޮތަށް ތައްޔާރުވެގެން. އެކަމެއް ނެތް އަޅުގަނޑުމެންނާ ހަވާލުވީއިރަކުއެއް. އެކަމަކު އެކަން ޤާއިމުކޮށްދެމުން މިދަނީ. އިރާދަކުރެއްވިއްޔާ އެކަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. ސިފައިން، އެމް.އެން.ޑީ.އެފް.އިންވެސް ފެނިވަޑައިގަންނަވާނެ. ފުލުހުންގެ މުއައްސަސާއިންވެސް ފެނިވަޑައިގަންނަވާނެ.

އަޅުގަނޑުމެން ފެށި ޤައުމީ ހަރަކާތް، މަގުމަތީގައި ގިނަވެފައި ތިބި އެތައް ޒުވާނުންނެއް، އަދި ގިނަވެފައި ނޫނަސް، ކުރިއަށްދާނެ މަގެއް ފެނިފައި ނެތް އެތައް ޒުވާނުންނެއް، މައިންބަފައިން ބޭނުންވެގެން އެންރޯލްކުރީ އެ ޕްރޮގްރާމަށް. އެތައް އެތައް ސަތޭކަ ޒުވާނުންނެއް އެންރޯލްކޮށްގެން، ފުރަތަމަ ބެޗަށް ނެގެންއޮތްވަރަށް ނެގީ. ނަގައިގެން، އެކުދިން އުފަލާއެކީގައި އެދަނީ ޓްރޭނިންގ ހަދަމުން. މިއިން ކޮންމެ ކުއްޖަކު އެ ނުކުންނަނީ ޤައުމުދެކެ ލޯބިވާ، ދީންދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ކަންކަން ކުރަން ދަސްވެފައި ތިބި ކުދިންގެ ގޮތުގައި. ދެން މީގެ ތެރެއިން ގިނަކުދިން ވަންނާނީ ހަމަ ޔަޤީން، އަޅުގަނޑުމެން ކަނޑައަޅާފައިވެސް އޮންނާނީ، ގިނަ ކުދިން ސިފައިންގެޔަށް. ދެން ބައެއް ކުދިން ފުލުހުންގެ މުއައްސަސާއަށް. އަދި ބައެއް ކުދިން ދެން އެ ކުދިން ނަގާ ޕާތުވޭއަކަށް ދާނެ. ކުރިއަށް އޮތް އަހަރު މި އަދަދު އެތައް ގުނައަކުން ބޮޑުކުރަން. އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ އަހަރަކަށް 1200 ކުދިން.

އެހެންވީމާ، މިކަހަލަ ޕްރޮގްރާމްތަކެއް ހިންގައިގެން މި މުއައްސަސާތައްވެސް މިދަނީ ވަރުގަދަކުރަމުން. މި ދެ މުއައްސަސާވެސް. އަދި ޒުވާނުންވެސް މިދަނީ އެމްޕަވަރ ކުރަމުން. އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުން އެމްޕަވަރ ކުރަން. ޑުރަގުގެ ވަބާއިންވެސް ޒުވާނުން ސަލާމަތްކުރަން. އެހެންވީމާ ނޫންތޯ، އަޅުގަނޑުމެން އޭގެ ރޫޓް ކޯސްއަށް ސީދާ މި އެޑްރެސްކުރީ. ރޫޓް ކޯސްއަކީ ކޮބާ؟ އެތެރެކުރުން. ޑުރަގް އެތެރެނުކޮށެއް، އެ ވިޔަފާރިއެއް ނުކުރެވޭނެ ނޫންތޯ. ޑުރަގް އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބުދޭން މިހާރު އެއޮތީ ޤާނޫނު ފާސްކޮށްފައި. ބިލް ފާސްކޮށްފައި އެއޮތީ.

އެހެންވީމާ، ޤާނޫނުގައި އޮތްގޮތަށް، އެ ބަލަންޖެހޭ ކަންތައް ބަލައި، ޤާނޫނާ އެއްގޮތަށް ދާނީ. އަޅުގަނޑުމެން ބޭނުންވަނީ، އަދަބެއް ދޭކަށެއް ނޫން. މިކަހަލަ އަދަބުތައް ކަނޑައެޅީމާ މިކަން ކުރާ މީހުން މަދުވާނެ. ދީނުގައިވެސް އެކަން އޮންނަނީ އެހެން. އަދަބުތައް ކަނޑައަޅާފައި އޮންނަނީ ޑިޓަރރެންޓެއްގެ ގޮތުގައި. އެކަން ކުރުމާ ދެކޮޅަށް. ނޫނީވިއްޔާ މީހުން އެކަން ކުރުން ހުއްޓުވުމަށްޓަކައި، ހުންނަނީ މި ކަހަލަ އަދަބުތައް. އެއީކީ އަދަބުދޭހިތުން، ނޫނީވިއްޔާ ދޭން ބޭނުންވެގެން ކުރާ ކަމެއްނޫން. އެކަމަށް އަދަބުދޭން ޖެހިއްޖެ މީހަކަށް ދިނުމަށް އޮންނަ އެއްޗެއް އަދަބަކީ. އެކަހަލަ ބޮޑެތި އަދަބުތައް ކަނޑައެޅީމާ ޑުރަގް އެތެރެކުރުން ހުއްޓޭނެ. ބޭނުމެއްނުވާނެ މަރުގެ އަދަބު ލިބޭކަށް. އެހެންވީމާ، އެކަހަލަ އަދަބުތައް މި ލަނީ.

އަނެއްކާ، ޑުރަގް ބޭނުންކުރުން، ޑުރަގް ވިޔަފާރިކުރުން، މި ހުރިހާ ކަމެއް ކުރާ އެންމެންނަށް، ކުރީގައި ވެއްޖިއްޔާ ކޮންއެއްޗެއް އޮންނަނީ؟ 25 އަހަރު އުމުރުދުވަހުގެ ޖަލަކީ. އެކަމަކު މިފަހަރު މި އިޞްލާޙުގައި ކިހިނެއްތޯ އޮތީ؟ އުމުރުދުވަހަކީ އެމީހާގެ އުމުރުގެ ނިމުމާ ހަމައަށް، މަރުވަންދެން ޖަލުގައި އޮންނާނީ. އެ މީހަކަށް މާފުވެސް ނުލިބޭނެ. މާފުވެސް ނުލިބޭނެ. އެހެންވީމާ، މިއީ ނޫންތޯ ޙަޤީޤީ މާނައިގައި މި ރޫޓްކޯސްއަށް އެޑްރެސްކުރުމަކީ. މި ޑުރަގުގެ މައްސަލަ ޙައްލުވާނެ މި ތަނުން. ހުރިހާ ރައްޔިތުން މިއަށް އެއްބާރުލުން ދެއްވަންވީ. ހުރިހާ ފަރާތްތައް އެއްބާރުލުން ދޭންވީ. ޖުޑީޝަރީން ޔަޤީނުންވެސް އެއްބާރުލުން ދެއްވާނެ. މިހާރު އެބަ ފެނޭ އެކަން. އެ ބޭފުޅުން ނުބައްލަވާ މިހާރަކު މިވެނި މީހެއްގެ މީހެއްތޯއެއް. އެ އޮންނަ ގޮތަށް ޙުކުމްކުރާތަން އެބަފެނޭ. އަޅުގަނޑު ވަރަށް އުފާކުރަން އެކަމަށް.

އެހެންވީމާ، ޖުޑީޝަރީންނާއި، މިނިވަން މުއައްސަސާތަކުންނާއި، އާންމު ރައްޔިތުންނާ އެއްބާރުލުން ދެއްވައިފިއްޔާ މައްސަލަ ޙައްލުވާނެ. ހަމަ ޔަޤީނުންވެސް ސަރުކާރުން މިއޮތީ ހަންޑްރެޑް ޕަސެންޓް މި މައްސަލަ ޙައްލުކުރުމުގައި. ޑުރަގުގެ ވަބާ ޙައްލުވާނެ. މިތާނގައި ބޭރު މީހުންގެ މައްސަލަވެސް ޙައްލުވާނެ. ދެންމެ މިތަނުގައި ފާހަގަކުރެއްވި ބޭރުމީހުން ކުރާ ކަންކަމުގެ ވާހަކަ. ބޭރު މީހުންނަށް ކިހިނެއްތޯ މިވަނީ؟ އެ މީހުންވެސް މިތަނަށް އައިސް ހިއުމަން ޓްރެފިކިންގގެ ތެރެއިން އެއޮތީ ދޫކޮށްލާފައި. އެހެންނަމަވެސް، ނެގެން ތިބި އެންމެންގެ ބަޔޯމެޓްރިކްސް އަޅުގަނޑުމެން ނަގައި ނިންމާފައި އެތިބީ. ދެން މަގުމަތިން ބަޔޯމެޓްރިކްސް ނުދީ ފިލައިގެން އުޅޭ، ނޫނީވިއްޔާ ނުގަވައިދުން އުޅޭ ބިދޭސީއެއް ފެނިއްޖިއްޔާ ކިހިނެއްތޯ އޭނާއަށްވަނީ؟ ވަގުތުން ޑީޕޯޓް މި ކުރަނީ. އެއީ ނޫންތޯ މިކަން ކުރަންޖެހޭގޮތަކީ. ދެން އެ މީހުން ހިންގާ ނުގަވައިދު ވިޔަފާރިތައް ހުއްޓުވުމާއި، އެ މީހުން ނުގަވައިދުން ކުރާ ކަންކަން ހުއްޓުވުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ތެދުވެގެން މަސައްކަތް މިފެށީ. ރައްޔިތުންގެ އެއްބާރުލުން މިކަމުގައިވެސް ބޭނުންވޭ.

ކިހިނެއްތޯ އެއްބާރުލުންދޭނޭ ގޮތަކީ؟ ޙަޤީޤަތް ގަބޫލުކުރަމާ ހިނގާ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ފަސޭހަގޮތް ޗޫޒްކުރަންވެގެން ހަދާގޮތަކީ، ކޮންމެވެސް ބޭރު މީހަކަށް އެތިކޮޅެއް ދީފައި، ވިޔަފާރި ހަވާލުކޮށްލަނީ. އެކަން އެބަޖެހޭ ހުއްޓާލަން. އެކަން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެން އަމިއްލައަށް އަމިއްލަ ނަފްސަށް ތެދުވެރިވީ ދުވަހަކުން މި ޤައުމުގެ ކަންކަން ޙައްލުވާނީ. އަޅުގަނޑުމެން އަމިއްލަ ނަފްސަށް އެބަޖެހޭ ތެދުވެރިވާން. ނުވެ، ސަރުކާރުން މިވެނިކަމެއް ކުރާށޭ ބުންޏަކަސް ނުވާނެ. އަޅުގަނޑު މިހުރީ ތެދުވެ، އަޅުގަނޑު މިހުރީ ރައްޔިތުންނާ އެކީގައި. ރައްޔިތުން ބޭނުންވެއްޖިއްޔާ، ޔަޤީނުންވެސް ޙައްލުވާނެ މި ހުރިހާ މައްސަލައެއް. ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. ރައްޔިތުން އެބަޖެހޭ ބުނަން، ތިމަންނަމެންގެ އަމިއްލަ ނަފްސަށް އެބަޖެހޭ ބުނަން، ތިމަންނަ ބޭނުމެއްނޫނޭ މި މައްސަލަތައް މިހެން ރާއްޖޭގައި ކުރިއަށްދާކަށް. ނުގަވައިދުން އުޅޭ ބޭރުމީހުން، ނޫނީވިއްޔާ ފަސޭހަކޮށްލަން ބޭރުމީހާ ލައްވައި، ކޮންމެފަދަ ކަމެއްވެސް ކުރަންވީ. މަސްދޯންޏަށްވެސް އަރުވަނީ. އަނެއްތާކަށްވެސް ފޮނުވަނީ. ކަންމަތީ ފިހާރަވެސް ހިންގަނީ. އެހެން ކަމެއްވެސް ކުރުވަނީ. މިކަން ހުއްޓާލާފައި ޒުވާނުންނަށް ވަޒީފާދޭން އެބަޖެހޭ. ދިވެހި ޒުވާނުންނަށް އެބަޖެހޭ ވަޒީފާގެ ފުރުޞަތު ދޭން.

ހަމައެކަނި ސަރުކާރަކުންނެއް ނޫނޭ ވަޒީފާ ދެވޭނީކީއެއް ރައްޔިތުންނަކަށް، ޒުވާނުންނަކަށް. ސަރުކާރުން ދޭނެ އެތައް ފުރުޞަތެއް މި ހުޅުވާލަނީ. އެކަމަކު އަމިއްލަ ކުދިކުދި ވިޔަފާރިތަކުންނާއި، މެދުފަންތީގެ ވިޔަފާރިތަކުންވެސް އެބަޖެހޭ، މިހާރު ޗޫޒްކުރަން، އަޅުގަނޑަށް އެނގޭ، މީގައި އެބަހުރި ޑިފިކަލްޓީސްތަކެއް. އަޅުގަނޑަށްވެސް އެނގޭ މީގައި ހުރި އިޝޫސްތައް. އެކަމަކުވެސް އެބަޖެހޭ މިހާރު ޤައުމީ ވިސްނުން އިސްކޮށްލައްވައިގެން، އެންމެން އެކައްޗެއް ކިޔަން، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރަން. އެއީ ނޫންތޯ އިލާހީ ޤާނޫނުގައިވެސް އޮތްގޮތަކީ. އަޅުގަނޑުމެންގެ ތެރޭގައި ބަދަލު ގެނައުމުގެ ޚިޔާލާތު، އަޅުގަނޑުމެން އިޞްލާޙުވުމުގެ ޚިޔާލާތު ނެތިއްޔާ، އެތަނެއް އިޞްލާޙެއް ނުވާނެއޭ އޮންނަނީ. އެހެންނަމަވެސް، އެ ބަދަލު ގެނައުމުގެ، އިޞްލާޙުވުމުގެ ޚިޔާލާތު، ނޫނީވިއްޔާ އެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި އޮތިއްޔާ އިސާހިތަކު ތަން އިޞްލާޙުވޭ އެބަ.

އެހެންވީމާ، އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިފިއްޔާ، މި ސަރުކާރު މިއޮތީ ރައްޔިތުންނާއެކީގައޭ. ރައްޔިތުން ހިނގާށޭ މިހިރަ ބޮޑެތި ކަންކަން، ބިދޭސީންގެ މައްސަލަ، ޑުރަގް މައްސަލަ، ގޭންގު މައްސަލަތައް ޙައްލުކުރަން. ގޭންގުތައްވެސް މަދުވެއްޖެ. ގޭންގުގެ ޝަރުޠުހަމަވާ ގޭންގެއް ވެއްޖިއްޔާ، ކޯޓަށް ފޮނުވައިގެން، މިހާރު އެކަންވެސް އެބަ ބަލަން. ހަމަ ނޮން ސްޓޮޕް ފުލުހުންގެ ތެރޭގައި ވަކި ޔުނިޓެއް ހަދައިގެން ގޭންގުތައް މޮނީޓަރ ކުރަމުން އެދަނީ. އެ އޮންނަ އުސޫލުން ޕީ.ޖީ.އަށް ފޮނުވައިގެން، ގޭންގެއް ވެއްޖިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ. އެކަމަކު އަޅުގަނޑުމެން ޔަޤީންކުރަނީ، މި ހަރުކަށިކަން ގެނައިމާ، ގޭންގު އޮޕަރޭޝަންވެސް މަޑުމަޑުން ދާނީ ހުއްޓެމުންނޭ. އެކަމަކު ރައްޔިތުން އެބަޖެހޭ މިއަށްވެސް އެއްބާރުލުންދޭން. ހުރިހާ ޒުވާނުން، މި ހުރިހާ ނުބައި އާދައަކުން ސަލާމަތްކޮށް، މެއިންސްޓްރީމް ކުރަން.

މި ތަނުން ކުއްޖަކު، ޒުވާނަކު ވިދާޅުވެއްޖެ، ތިމަންނަ ބޭނުމޭ އަމިއްލައަށް އުޅެން، ކުށުގެ ވެށްޓަކަށް ނުގޮސް. އެއީ ޙަޤީޤަތުގައިވެސް ޒުވާނުންގެ ވިސްނުން. އަޅުގަނޑު ގާތުގައިވެސް ސީދާ އެބަހުރި މިގޮތަށް ޒުވާނުން ބުނެފައި، ތިމަންނަމެން ބޭނުންވަނީ އަބުރުވެރި ޒުވާނުންނަށްވާށޭ. ބޭނުމެއްނޫނޭ މަގުމަތީގައި މިހެންމިހެން އުޅޭކަށެއް. އަދި އަމުދުން މައިންބަފައިން އަތުން ލާރިކޮޅެއް ހޯދާލައިގެން ގޮސް، މި ތަނުން ކާލައިގެން، އެތަނުން އެއްޗެއް ހޯދައިގެން އުޅޭކަށް. ތިމަންނާމެން މަސައްކަތްކޮށްގެން ބޭނުމޭ މައިންބަފައިންނަށް އެހީވާން. އަޅުގަނޑު ކައިރީގައި ސީދާ ބުނި. އެކަމަކު އެ ކުއްޖާވެސް އުޅެނީ އޭރުގައި، މިކަހަލަ ކޮންމެވެސް ނުބައި ކަމެއްގެ ތެރޭގައި. ބޭނުންވޭ ސަލާމަތްވާން. އެހެންވީމާ، މިކަން ކުރެވޭނީ އަޅުގަނޑުމެން އެންމެން އެއްބާރުލުންދީގެން.

ދެން އަޅުގަނޑު ވަރަށް ޖެނެރަލް ވާހަކަތަކެއް މި ދެއްކީ. ވަކި މާފަންނަށް ޚާއްޞަވެގެނެއް ނޫން. މާފަންނުގެ ރައްޔިތުންނަށް، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަ ޚާއްޞަ ވާހަކަތައް މިއީ. ދެން ސްޕެސިފިކް އެއްވެސް ސުވާލެއް އަޅުގަނޑަށް ޖަވާބުނުދެވި އޮތިއްޔާ އެއީކީ ޖަވާބު ނުދިނީކީއެއް ނޫނޭ. މިއިން ކޮންމެ ކަމަކަށްވެސް އެޑްރެސްކުރާނަން. އޮންނަ އުސޫލުތަކުގެ ތެރެއިން. އެ ބޭފުޅުންނާވެސް ކޮންޓެކްޓް ކުރާނެ. ދެން އަޅުގަނޑާ ބައްދަލުކުރަން ބޭނުންވާ ބޭފުޅުންނަށް، ކުރިން ފަށަމުން ދެންނެވިފަދައިން، އަޅުގަނޑަށް ވަގުތުވީވަރަކުން ބައްދަލުކުރަމުންދާނަން. ވަރަށް ވަރަށް ވަގުތުދެން. އެހެންނަމަވެސް، އޮންނަނީ ވަގުތު ނުވެފައި. ވަރަށް ކުޑަ ވަގުތުކޮޅެއް އޮންނަނީ. އަޅުގަނޑަކީ ހުރިހާ މަސައްކަތެއްގައި، އަދި ކޮންމެ ދުވަހަކު ހަމަ ހުރިހާ ކަމެއްގައި ވަރަށް ޑީޓެއިލްކޮށް ވަރަށް ބޮޑަށް ކަންތައްތައް ބަލާ މީހެއްވީމާ، މަސައްކަތުގައި ގިނަ ވަގުތު ދަނީ. މަސައްކަތް ކޮށްފައި، ދެން ލިބޭ ވަގުތެއްގައި ވަން ޓު ވަން އެޕޮއިންޓްމެންޓްސް، ނޫނީވިއްޔާ އެކި ފަރާތްތަކާ މީޓް ކުރެވޭތޯ ބަލަން.

އާދެ، މާފަންނުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ބާރަވެސް ޖަހަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ ވަޑައިގެންނެވީތީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.