2010 އޮކްޓޯބަރ 13ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި، އެކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މިޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ، ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، މިޤާނޫނުން ކަނޑައަޅާ ދަށުކޯޓުތަކަށާއި، އެހެން ޤާނޫނަކުން ކަނޑައަޅާ ދަށުކޯޓުތަކަށެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއްވެސް ނިންމަންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި އަނެއް ޤާނޫނަކީ، 2010 އޮކްޓޯބަރ 6ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ކޮޕީރައިޓާއި، އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިޤާނޫނުވެސް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އަދި އެއާގުޅޭ އެހެނިހެން ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި، އެފަދަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ، އެޅޭނެ ފިޔަވަޅުތަކާއި، އަދަބުތައް ކަނޑައެޅުމުގެ ޤާނޫނެވެ. މިޤާނޫނަށް ޢަމަލު ކުރަން ފެށުމުން، ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ ތަކެއްޗާއި، ދިވެހިރާއްޖެ ތަޞްދީޤު ކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްގައި ބަޔާން ކުރެވިފައިވާ ބަޔަކު އުފައްދާ ތަކެތި، މިޤާނޫނުގެ ދަށުން ޙިމާޔަތް ކުރެވޭނެއެވެ.