މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މޮރިޝަސް ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، މޮރިޝަސް ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މޮރިޝަސްގެ ސެކްރެޓަރީ ޓު ކެބިނެޓް އަދި ހެޑް އޮފް ދަ ސިވިލް ސަރވިސް މިސްޓަރ އެސް. ސީ. ސީބެލަކާއި، މޮރިޝަސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ރީޖަނަލް އިންޓިގްރޭޝަން އެންޑް އިންޓަރނޭޝަނަލް ޓްރޭޑްގެ އެމްބެސެޑަރ ޖޭ. ޑީ. ކޫންޖުލްއެވެ.
މި ބައްދަލުކުރެއްވުމުގައި، އެކި ދާއިރާތަކުން ރާއްޖެއާއި މޮރިޝަސް އާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ދެކުނާއި، މޮރިޝަސް އާ ދެމެދު ބައިނަލްއަޤްވާމީ ޝިޕިންގ ލިންކެއް ޤާއިމް ކުރެއްވުމަކީ، އެކަމުން ދެޤައުމަށްވެސް ފައިދާ ކުރާނެ ކަމެއްކަންި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގައި ހިނގާ ބަޙުޘްތަކާއި، މިކަމަށް ޙައްލެއް ހޯއްދެވުމަށް ދުނިޔޭގައި ކުރެވޭ މަސައްކަތްތަކުގައި ކުދި ޤައުމުތަކުގެ ފަރާތުން އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް)ގެ ދައުރު ފުޅާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް މޮރިޝަސް ސަރުކާރުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.އަދި، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދާ ބެހޭގޮތުން ރާއްޖެއިން އ.ދ.އަށް ހުށަހަޅާފައިވާ ހުށަހެޅުއްވުމާބެހޭ މަޢުލޫމާތުވެސް މިވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މޮރިޝަސް ސަރުކާރުގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި މޮރިޝަސްއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވެން ހުރި ދާއިރާތަކާ ބެހޭގޮތުން، ދެޤައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަން ވަފްދުގެ ބޭފުޅުން ހާމަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.