بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މައްޗަންގޮޅިއަށް ނިސްބަތްވެލައްވާ، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، މަގާމުތައް ކުރިން ފުރުއްވާފައި ތިއްބެވި ޚިދުމަތްތެރި ބޭފުޅުންނާއި، އިސް ރަށްވެހިންނާއި، ޒުވާނުންނާއި، ކަނބަލުންނާއި، ޖުމްލަކޮށް، މައްޗަންގޮޅީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން،
މި ބައްދަލުވުން އަޑުއައްސަވާ އަދި ބައްލަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރަން އަޅުގަނޑު ނިންމާ، އެކަންތައް ކުރީދުވަހު އިޢުލާނުކޮށް، މިހާރު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކޮށް، ދެން، މާލޭގެ ދެންހުރި އަވަށްތަކާ ބައްދަލުކުރުމުގެ ސިލްސިލާގެ ތެރެއިން، މި އަވަށުގެ ރައްޔިތުންނާ އެކީގައި މިރޭ މި ބައްދަލުވުން ބޭއްވިގެންދާއިރު، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ވަގުތު ހުސްކުރައްވައި، ވަޑައިގެންނެވި ކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ބައްދަލުވުމަކީ، ތިޔަބޭފުޅުން ޙިއްޞާކުރަން ބޭނުންވެލައްވާ މަޢުލޫމާތެއް، ކަންބޮޑުވުމެއް، އަދި މަޝްވަރާއެއް ކަމުގައިވިޔަސް، ކޮންމެ ކަމެއްވިޔަސް ޙިއްޞާކުރުމުގެ ފުރުޞަތު އޮތް، އަދި އެ ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް އަޅުގަނޑު އެދޭ ބައްދަލުވުމެއް. އެހެންނަމަވެސް، އަޅުގަނޑު ފުރަތަމަ ކުޑަ އެއްޗެއް ދަންނަވާލާފައި، ތިޔަބޭފުޅުންނަށް އެ ފުރުޞަތު އަޅުގަނޑު ދޭނަން.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މައިގަނޑު ގޮތެއްގައި ކޮންމެ ބައްދަލުވުމެއްގައިވެސް ދަންނަވަން އޮތް އެއް ވާހަކަ. އެއީ، މި މާލޭގެ ރައްޔިތުންނަށް ބޭނުންވާ، އަދި ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކަކީ، އަޅުގަނޑުމެން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި، މުއައްސަސާތަކުން ވަރަށް ސަމާލުކަންދީގެން ކޮށްދޭ، އަދި ކޮށްދޭން މަސައްކަތްތައް ކުރަމުންދާ ކަންކަން ކަން. ހުރިހާ ކަމެއްވެސް. އެއީ، ގެދޮރުގެ މައްސަލަ ޙައްލުކުރުން ކަމުގައިވިޔަސް، އަދި ދެންހުރި ކޮންމެ މައްސަލައެއް ކަމުގައިވިޔަސް. މީގެތެރެއިން، ވަރަށް ގިނަ ކަންކަމަކީ، އެކަމަށްޓަކައި މިހާތަނަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރި ކަންކަން. އެއީ، މި އަވަށަށްވެސް އަދި މުޅި މާލޭ ސިޓީއަށްވެސް ޝާމިލުވާ މުހިންމު ކަންތައްތައް. ޚާއްޞަކޮށް، ގެދޮރުގެ މައްސަލަ.

އާދެ، އަޅުގަނޑު ހިތުން މިރޭ މިކަމާ ބެހޭގޮތުންވެސް، ތިޔަބޭފުޅުންގެ ޚިޔާލު، ނޫނީވިއްޔާ ވާހަކަފުޅުތައް ވިދާޅުވެލައްވާނެ. އަޅުގަނޑު މިކަމާ ގުޅޭގޮތުންނާއި، އަދި މި ބައްދަލުވުމުގެ ތެރޭގައި ތަފުސީލުކޮށް ބައެއް ކަންކަން ދަންނަވައިލާނަން. އާދެ، އަވަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެއީ، މަގުތަކުގެ މައްސަލަ ކަމުގައިވިޔަސް، އަދި ތޮއްޖެހިފައި މިއޮތް އޮތުމަށް، ރަނގަޅު ޙައްލެއް ގެނައުމަށް ކުރަންހުރި ކަންކަން ކަމުގައިވިޔަސް، އަދި ދެންހުރި މައްސަލަތައް ކަމުގައިވިޔަސް.

އާދެ، މާގިނަ ތަފުސީލުތަކަށް މިވަގުތު އަދި ނުދިޔަނަމަވެސް، ބައެއް ކަންކަމަށް އަލިއަޅުވައިލާއިރުގައި، މިތާނގައި، މި ޖަލްސާ ބޭއްވޭ ސަރަޙައްދާ މާދުރުގައި ހުރި ތަނެއް ނޫން، މިތާ ކައިރީގައި މިހިރަ، ކުރީގައި ޢަރަބިއްޔާ ސްކޫލް ހިންގި އިމާރާތް. އެތަން ބާވެ، ނުރައްކާތެރި ޙާލަތަކަށް ދިޔުމުން، ހުސްކުރެވިފައި އެވަނީ. ދެން، އެތަން ތަޅާލުމުގެ މަސައްކަތް، ޕަބްލިކް ވަރކްސްއިން މިހާރު ފެށުމަށް އެއޮތީ ތައްޔާރުވެފައި. އެތަން ތަޅާލުމަށްފަހު، ތިޔަބޭފުޅުންގެ ޚިޔާލު ދެއްވުން އަޅުގަނޑު އެދެން. އަޅުގަނޑުމެން މިވަގުތަށް ވިސްނާފައި މިއޮތީ، މައިގަނޑު ދެ ބޭނުމެއް ހިފޭގޮތަކަށް، އެތަން ބޭނުންކުރުމަށް. އެއީ، އެ މުޅި ބިމަކީ، ނޫނީ ގޯއްޗަކީ ގާތްގަނޑަކަށް، 11,000 އަކަފޫޓުގެ ގޯއްޗެއް. އެތަނުގައި އެންމެ ފުޅާކޮށް، ނޫނީވިއްޔާ އެންމެ ބޮޑު ސަރަޙައްދެއް ޕާކިންގއަށް، ސައިކަލު ފަދަ ޕާކިންގއަށް ބޭނުންކުރެވޭނެ ގޮތަކަށް ކަނޑައެޅުމުގެ އިތުރަށް، ރެއިޒްޑް ލެވެލެއްގައި ޕާކިންގގެ އިތުރަށް، ރެއިޒްޑް ލެވެލެއްގައި ޕާކެއް، ކުޑަކުދިންނަށް، ނޫނީވިއްޔާ ސްކޫލްތަކަށް މި އަންނަ ކުދިންނަށާއި، ބެލެނިވެރިންނަށްވެސް ބޭނުންކުރެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި، ބޭނުންހިފޭ ކަހަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްޤީކުރުން. ޕާކިންގއާއި، ކޮމިއުނިޓީ ޕާކަކަށް ބޭނުންކުރެވޭ ކަހަލަ ގޮތަކަށް، ދެ ލެވެލަކަށް އަންނަ ކަހަލަ ތަރައްޤީގެ މަޝްރޫޢެއް ހިންގަން. މިކަމަށްޓަކައި، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް އަޅުގަނޑުމެން އެދެން. އެގޮތަށް ކަނޑައެޅުނީމަ، ނޫނީވިއްޔާ ކަނޑައެޅޭ ގޮތަކަށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް، ސަރުކާރުން މިހާރު އޮތީ ތައްޔާރުވެފައި. އަޅުގަނޑު ބޭނުންވަނީ، ވަރަށް ބާރު ސްޕީޑްގައި އެ މަސައްކަތް ގެންދަން. ގެންގޮސް، މި އަންނަ ރަމަޟާން މަސް އަންނަންވާއިރަށް، އެކަން ނިންމާލެވޭތޯ ބަލަން. އެހެންނަމަވެސް، ބޮޑު ޕްރޮޖެކްޓެއް ހިނގަންޏާ ގިނަ ދުވަސް ނަގާނެ. އެއަށްވުރެ ބޮޑު ކޮންސެޕްޓެއްގައި، ނޫނީވިއްޔާ ސްކޭލެއްގައި ކުރަންޏާ. އެހެންނަމަވެސް، އޯޕަން އެންޑެޑްކޮށް އޮތް ކަމެއް މިކަމަކީ. އަޅުގަނޑުގެ ޚިޔާލު ޙިއްޞާ މިކޮށްލީ.

ދެން، މިގޮތަށް މުޅި އަވަށުގެ ތަރައްޤީއަށް ހުރި ސްޕެސިފިކް އޭރިއާތަކަށް، ލޮކޭޝަންސްތަކަށް ބޭނުންވާ ކަންކަމުގައިވިޔަސް، އަދި މުޅި އަވަށުގެ ޖުމްލަ ކަމެއް ކަމުގައިވިޔަސް، މުޅި މާލެއާ ގުޅޭ ކަމެއް ކަމުގައިވިޔަސް، އިންޑިވިޖުއަލް، ޕަރސަނަލް ކަމެއް ކަމުގައިވިޔަސް، ކޮންމެ ކަމެއްވިޔަސް ޙިއްޞާކުރުމަކީ، ތިޔަބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ކިޔާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު އެ ފުރުޞަތު ތިޔަބޭފުޅުންނަށް ދެމުން، މިވަގުތު އަޅުގަނޑު ކުރުކޮށްލާނީ.

މައިގަނޑުކޮށް ދަންނަވާލަން ބޭނުންވަނީ، ފަށަމުންވެސް ދެންނެވި ފަދައިން، ގެދޮރުގެ މައްސަލަ ކަމުގައިވިޔަސް، އަދި ދެންހުރި ކަމެއްގައިވިޔަސް، އިރާދަކުރެއްވިއްޔާ ސަރުކާރުން އަޅުގަނޑު ވީ ވަޢުދުތައް ޑެލިވަރ ކުރާނަމޭ. މިހާރު ބިން ހިއްކުމުގެ މަޝްރޫޢުތައް، ގެދޮރުގެ މަޝްރޫޢުތައް ހިންގަންޏާ، ބިން ހިއްކަންޖެހޭ. އެކަމަށްޓަކައި، މިހާރުވެސް މަސައްކަތްތައް ފެށިގެން އެދަނީ، އިތުރަށް ބޭނުންވާ ބިން އުފައްދަން. އަދި ހައުސިންގ މަޝްރޫޢުތައް ހިންގުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ މަސް ނިމެންވާއިރަށް މި ފެށޭ، 3,000 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، އަދި މި ސަރަޙައްދުންނާ އެކީގައި މި ހިންގޭ ރަސްމާލެއާއި، ގުޅީފަޅާއި، އުތުރުތިލަފަޅު، އަދި ގިރާވަރުފަޅު، މި ހުރިހާ ސަރަޙައްދަކުން މި އުފެދޭ ބިމުން، ކުރިން ދީފައި ހުރި ގޯތިތަކާއި، ފްލެޓްތައް ދިނުމުގެ އިތުރުން، ދެން އޮންނަ ޖާގައިން ގޯއްޗާއި، ފްލެޓް ދިނުމާއި، މިކަންކަން މިހާރު އެހުރީ އިޢުލާނު ކުރެވިފައި. އަދި ޖަނަވަރީ މަހުގެ ކުރީކޮޅު މި ހުޅުވައިލެވެނީ ކުރިމަތިލާން. އެހެންވީމާ، މިވަގުތަށް ތަފުސީލަށް ނުގޮސް، މި ކުރުކޮށްލަނީ، ތިޔަބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާއި، އެކި ކަންކަން ޙިއްޞާކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން.

އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ބައްދަލުވުން ނިންމަވަމުން ދެއްކެވި ވާހަކަފުޅު:

ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ގިނަ ވަގުތު ތިޔަބޭފުޅުން މިތާނގައި ތިއްބަވާ، ވަރަށް ގިނަ ކަންތައްތައް ޙިއްޞާކޮށްދެއްވައިފި.

އާދެ، އަޅުގަނޑު ނޯޓުކޮށްލިން، ހަމަ ހުރިހާ ކަމެއްހެން. ދެން، އަޅުގަނޑު ކުރުކުރުކޮށް ނޯޓުކޮށްލިޔަސް، ތިޔަބޭފުޅުން ވިދާޅުވި ހުރިހާ ކަމެއް ރަސްމީކޮށް ނޯޓުކުރެވި، މި އޮންނަ އުސޫލުގެ ތެރެއިން އެ ކަންތައްތަކަށް އަޅުގަނޑުމެން އެޑްރެސް ކުރާނަން. އެއިން އެއްވެސް ކަމެއް، ތިޔަބޭފުޅުން ވިދާޅުވި އެއްވެސް ބަސްފުޅެއް ގެއްލިގެނެއް ނުދާނެ. އެ ހުރިހާ ކަމަކީވެސް އަޅުގަނޑުމެން ލިޔެ، އެއަށް އެޑްރެސް ކުރާނެ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު އެކަން ދަންނަވާލަން. އެއީ، މި ބައްދަލުވުމުގެ ބޭނުމަކީ، ތިޔަބޭފުޅުން ވިދާޅުވާ ކޮންމެ ކަމަކަށް ސަމާލުކަންދީގެން، އެއީ އަމިއްލަފުޅު ކަމެއް ކަމުގައިވިޔަސް، އަވަށާ ގުޅޭ ކަމެއް ކަމުގައިވިޔަސް، މުޅި މާލެއާ ބެހޭ ކަމެއްވިޔަސް، ކޮންމެ ކަމެއްވިޔަސް، ސީރިއަސްކޮށް އެޓެންޑްވާން ބޭނުންވާތީވެ.

އާދެ، ދެން އެހެންނަމަވެސް، އަޅުގަނޑު ކޮންމެވެސްވަރަކަށް، އެޑްރެސްކޮށްލާނަން، ތިޔަ ވިދާޅުވި ކަންކަމުގެ ތެރެއިން، ޖުމްލަކޮށް ހުރިހާ ކަމެއް ހިމެނޭގޮތަށް. އެހެންނަމަވެސް، ބައެއް ކަންކަން، އެހާ ގިނަ ވަގުތު ހޭދަނުކޮށް، ކުރުކޮށްލުމުގެ ގޮތުން، ކޮންމެ ޕޮއިންޓަކަށް އަޅުގަނޑަށް އެޑްރެސް ނުކުރެވިދާނެ. އެހެންނަމަވެސް، ޖުމްލަކޮށް ކުރާނަން. ކުރިން އަޅުގަނޑު ފަށަމުންވެސް ދެންނެވި ފަދައިން، މައިގަނޑު ކަމަކީ، ގެދޮރުގެ މައްސަލަ. މިކަމުގައި ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. އެހެންނަމަވެސް، މައިގަނޑު ޕޮއިންޓްސްތަކަށް އަޅުގަނޑު ދާނަން.

އެއްކަމަކަށް، އަޅުގަނޑުމެން ވެރިކަން ފެށިގެން އައިއިރުގައި، ކުރީގެ ވެރިކަމުގައި ރައްޔިތުންނަށް ހަވާލުކުރަން، ނޫނީވިއްޔާ ދޭން ނިންމައި، ޕްލެޖް ކޮށްފައި ހުރި ގޯތިތައް، ފްލެޓްތައް. އެކަމާ ގުޅޭގޮތުން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވީ، އެގޮތަށް އެކަން ނިންމާނަމޭ. އެހެންވީމާ، އެކަން އެގޮތަށް މިދަނީ. މީގައި މިއޮތީ ދެ ކަމެއް. ގޯއްޗާއި، ފްލެޓާ. ކުރީ ސަރުކާރުން ގޯތި ދިނުމުގެ ސްކީމަކާއި، ފްލެޓް ދިނުމުގެ ސްކީމަކާ ފެށީ. ދެން، ވެރިކަން ބަދަލުވީއިރުގައި، އެތަންތަން ހަވާލުނުކުރެވި އޮތީ.

މީގެތެރެއިން، ގޯތިތަކާ ބެހޭގޮތުން އަޅުގަނޑު ފުރަތަމަ ވާހަކައެއް ދަންނަވައިލާނަން. ގޯތިތައް ދީފައި ހުރި ގިނަ ތަންތަނަކީ، އޭރުގައި އަދި ނުހިއްކާ ހުރި ތަންތަން. މިސާލަކަށް، ހުޅުމާލޭގެ ފަޅުތެރެ ނުހިއްކާ އޮތީ. ގިރާވަރު ނުހިއްކާ އޮތީ. މި ތަންތަން ނުހިއްކާ މިއޮތީ. ގުޅީފަޅުވެސް އެކީގައި ނުނިމި އޮތީ. ގިރާވަރުފަޅުގެ ބޮޑުބައި، އަދި ހުޅުމާލޭގެ ފޭސް 3 ނުހިއްކާ އޮތީ. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން މި ތަންތަން ހިއްކަން ފަށާފައިވާ ތަން. ފޭސް 2 ގައި ހިއްކާފައި އޮތް ބިމުން، ދެވެންހުރި ހުރިހާ ބިމެއް އެއޮތީ ގޯތިތައް ކަނޑައަޅާފައި، އިން ވަކިކޮށްފައި، އެ ތަންތަން ހުރިހާ ފަރާތްތަކަށް ދީފައި. ނޫނީވިއްޔާ ހަވާލުކުރުމުގެ މަރުޙަލާއަށް އެދަނީ. ދެން، ބައެއް ބޭފުޅުން ފާހަގަކުރެއްވި، ލިބުނު ތަންތާނގައި އިމާރާތްކުރުމުގެ ހުއްދަ ނުލިބޭ ވާހަކަ. ކަމާބެހޭ ބޭފުޅުން އެކަން ބައްލަވައިދެއްވާނެ. މިތަނުގައި ވަޑައިގެންވެސް ވަރަށް ގިނަ މިނިސްޓަރުން އެބަ ތިއްބެވި. ތިޔަބޭފުޅުން ފާހަގަކުރެއްވި ވަރަށް ގިނަ ކަންކަމާ ގުޅޭ މިނިސްޓަރުންނާއި، އެމް.ޑީޒް. އަދި އެކި ކަންކަމާ ގުޅިގެން ވަޑައިނުގެންނެވުނު ބޭފުޅުންވިޔަސް، ކުރިން އަޅުގަނޑު ދަންނަވާލި ފަދައިން، ތިޔަބޭފުޅުން ވިދާޅުވި ކޮންމެ ކަމަކަށް އަޅުގަނޑުމެން އެޑްރެސް ކުރާނަމޭ. އެހެންވީމާ، އެކަންވެސް ބަލައިދޭނަން. ގޯތީގައި އިމާރާތް ކުރުމުގެ ހުއްދަ ނުލިބުނީ ކީއްވެގެންތޯ.

ކޮންމެއަކަސް، ގޯތިތައް ފޭސް 2 ން ދީފައި، ފޭސް 3 ހިއްކުމަށްޓަކައި މިހާރު އެއޮތީ، މަސައްކަތް ފެށިފައި. މިރޭ އަޅުގަނޑު ޓުވީޓެއް ކުރިން މިކަމާ ގުޅޭގޮތުން. އިތުރު ޑްރެޖަރެއް މިހާރު އެއޮތީ މިއަދު އައިސްފައި. ދެން، މާދަމާ ފޭސް 3ގެ މަސައްކަތް ސްޕީޑްއަޕް ކުރުމަށްޓަކައި، ދެ ޑްރެޖަރު ޖައްސާނެ. އެ ދެ ޑްރެޖަރުގެ މަސައްކަތް ނޮންސްޓޮޕްކޮށް ކުރިއަށްގެންގޮސް، މި އަންނަ މަހުގެ ނިޔަލަށް، ފޭސް 3ގެ ފުލް ސްކޯޕް ހިއްކައި ނިންމާނެ. ނިންމާއިރު ދެން، ގިރާވަރުފަޅު ހިއްކުމަށްޓަކައި، މިހާރު އީ.އައި.އޭ.އާއި، ދެންހުރި މަސައްކަތްތައް ހިނގަނީ. ދެން، އެތަނަށް ބޭނުންވާ އިތުރު އިކްއިޕްމަންޓްސް ގެނައުމާއި، ހުރިހާ ކަމެއް ހިނގަނީ. މިހާރު މި ގެނެވުނު ދެ ޑްރެޖަރު، ފޭސް 3 ހިއްކައި ނިމެންވާއިރަށް، ގިރާވަރުފަޅުގެ ހިއްކަން ބޭނުންވާ ސަރަޙައްދު ފާހަގަކުރާ އިން، ނޫނީވިއްޔާ އިން ވަކިކުރުމުގެ އެ މަސައްކަތް، ނޫނީވިއްޔާ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ގެންދާނެ، އީ.އައި.އޭ. ފާސްވީމަ. މާދަމާ ދެ ޑްރެޖަރުން ފޭސް 3ގެ މަސައްކަތް ފަށައިގެން ގޮސް، މި އަންނަ މަހުގެ ނިޔަލަށް ނިންމާގޮތަށް ގޮސް ނިމުނީމަ، ދެން އެ ދެ ޑްރެޖަރު ދާނީ، ގިރާވަރުފަޅު ހިއްކަން. ގިރާވަރުފަޅުގެ މަސައްކަތް އެންޑް އޮފް ޑިސެންބަރ، އޮރ، އަރލީ ޖަނަވަރީގައި ފެށިގެން، މިރޭ އަޅުގަނޑު ޓުވީޓް ކުރިގޮތަށް، ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ. އޭގެ މާނައަކީ، ޖަނަވަރީއާއި، ފެބުރުވަރީއާ. އެހެންވީމާ، މާރިޗު މަހާ ހަމައަށްދާއިރު، ގިރާވަރުފަޅު ހިއްކައި ނިމޭނެ. އެހާ ތަފުސީލުކޮށް އަޅުގަނޑު އޮންނާނީ، މިރޭ އެކަން އިޢުލާނުކޮށްފައި، ޓުވީޓްކޮށްފައި. މި ކަންތައްތަކަކީ، އެގްރީމަންޓް ހެދި، ފައިސާ ދެވިގެން، ރަނގަޅަށް މިހާރު ތަރުތީބުވެފައި ހުރި ކަންތައްތައް. މާނައަކީ، އެ ތަންތަނުން ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތިތައް ހަވާލުކުރެވޭނެއޭ، އެ ތަންތަން ހިއްކައި ނިމުނީމާ. ކުރިން ގޯތި ދީފައި އޮތީކީ ތަން ހިއްކާފައެއް ނޫން. އެހެންވީމާ، އެ ގޯތިތައް ބޭނުންހިފޭގޮތް ނުވެފައި އޮތީމާ، އަޅުގަނޑު ވަޢުދުވިން، އެ ތަންތަން ހިއްކައިދީފައި، ގޯތި ދޭނަމޭ. އެހެންވީމާ، އެ ވަޢުދު މި ފުއްދައިދެނީ. އެއްވެސް ގޯއްޗެއް އަތެއްނުލަން.

ދެން ފްލެޓް. ފްލެޓްތައްވެސް ދިނީ ތަންތަން ނުނިމި. ދެން، އެހެންނަމަވެސް، ތަންތަން މިހާރު އެ ނިމެނީ. އެފް.ޑީ.ސީ.އިން މިހާރު އެ ތަންތަނުގައި ގުޅަންޖެހޭ ކަރަންޓާއި، އެ ހުރިހާ މަސައްކަތެއް އެ ނިންމަނީ. މި ޑިސެންބަރު ނިމޭއިރަށް، ގިނަ ފްލެޓްތައް، ނޫނީވިއްޔާ ޓަވަރުތައް ލިބިފައި ހުރި ފަރާތްތަކަށް ނިންމާފައި، ހަވާލުކުރެވޭނެ ކަމަށް، އެފް.ޑީ.ސީ.އިން މިރޭވެސް އަޅުގަނޑަށް ޔަޤީންކަން ދެއްވާފައި އެބައޮތް. ދެން، ނުނިމޭ ތަންތަންވެސް، ސްކޫލް ހުޅުވެންވާއިރަށް، ދިރާސީ އާ އަހަރު ހުޅުވެންވާއިރަށް، ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެކަމުގެ ޔަޤީންކަން ދެއްވާފައި ވަނީ. މި ތަންތަންވެސް އަޅުގަނޑުމެން އަތެއްނުލަން އެހެންނޫންތޯ؟ އަޅުގަނޑު ވަޢުދުވީ، ހަމަ އެއޮތް ލިސްޓަށް ގެންދާނަމޭ. ދެން، އެ ލިސްޓުގައި ހުރި އެކި އިޝޫޒްތައް އެއީ، އަޅުގަނޑުމެން ބޭނުންނުވީ ދެން އެކަމަށް އެއްގޮތަކަށްވެސް ބަދަލެއް ގެންނަން. އެހެންވީމާ، މިކަމުގައި އެއްގޮތަކަށްވެސް ވަޢުދުގައި އޮތްގޮތާ ޚިލާފު އެއްވެސް ކަމެއް ކުރަން ބޭނުންނުވާތީ، ހަމަ އެ ލިސްޓަށްދީ މި ނިންމަނީ. އެހެންވީމާ، އެއީ އެ ވަޢުދު.

ދެން، އިތުރަށް ގޯއްޗާއި ފްލެޓް ދިނުން، އިތުރަށް ގޯއްޗާއި ފްލެޓް ދިނުމަށްޓަކައި މިޖެހެނީ، އަނެއްކާވެސް ބިން ހިއްކަން، އިމާރާތްތައް އަޅަން. ބިން ހިއްކުމަށްޓަކައި، މިހާރު ގުޅީފަޅުގެ ދެން ބާކީ މިއޮތް ފުންތަން ހިއްކުމަކީ، އެއީ އަޅުގަނޑު ވެފައި އޮންނާނެ ވަޢުދެއް. އެކަން އަދި ކުރިއަށް އޮތީ ކުރުން. އެތަން ހިއްކުމުގެ ކުރީގައި، ފެބުރުވަރީގައި އަޅުގަނޑު ރިޔާސީ ބަޔާން އިއްވަމުން މަޖިލީހުގައި މިފަހަރު އޮންނާނެ ދަންނަވާފައި، މި އަހަރު ނިމުމުގެ ކުރީގައި، އުތުރުތިލަފަޅުން ހިއްކެން އޮތް ބައި، ހިއްކަން ފަށާނަމޭ. އެހެންވީމާ، އެ މަސައްކަތް އޮތީ ކުރިއަށް. އޭރުންވެސް އެ ކްރިއޭޓް ވަނީ ގާތްގަނޑަކަށް، 150 ހެކްޓަރުގެ ބިން. އެހެންވީމާ، އެތަނުން އުފެދޭ ބިމުންވެސް ގޯއްޗާއި ފްލެޓް ދިނުން އޮތީ ކުރިއަށް.

ދެން މި ސަރަޙައްދުގައި ހިއްކޭނެ ތަނެއް ނެތް. މިހާރު ހުޅުމާލެ ހިއްކައި ނިމުނީ. ގުޅީފަޅު ހިއްކައި ނިމެނީ. ގިރާވަރުފަޅު ހިއްކައި ނިމެނީ. ދެންއޮތީ، އުތުރުތިލަފަޅު. ދެންއޮތީ، ރަސްމާލެ ދޮގެއްތޯ؟ އެހެންވީމާ، ރަސްމާލޭގެ މަސައްކަތް އަޅުގަނޑުމެން މި ފެށީ. ރަސްމާލޭގެ މަސައްކަތް އެދަނީ ވަރަށް ބާރަށް. މިހާރު ތިން ސައިޓެއްގެ މަސައްކަތް އެއޮތީ، ތިން ދިމާއަކުން ހިއްކަމުން ދަނީ. އެއްދިމާއެއްގައި ނޮންސްޓޮޕް ކޮށް މަސައްކަތް އެބަ ހިނގާ ބާރަށް. ދެން، މި މަސް ނިމޭއިރަށް، ނޫނީވިއްޔާ ޑިސެންބަރުގެ ފަސްޓް ވީކްގައި، އެތަނުގެ މަސައްކަތް ދެގުނަ، ތިންގުނައަށް ބާރުވެގެންދާނެ، ވަރަށް ބޮޑު ޑްރެޖަރެއް އެބަ ގެންނަން. މިހާރު ހުޅުމާލޭގެ ފޭސް 3 މި ހިއްކާ ޑްރެޖަރުގެ ދެގުނައިގެ ސައިޒުގެ ޑްރެޖަރެއް. ފޭސް 3 ހިއްކަން މިހާރު ދެ ޑްރެޖަރު މި ޖައްސަނީ. އެއިން ކޮންމެ ޑްރެޖަރަކަށްވުރެވެސް، ދެގުނަ ބޮޑު ޑްރެޖަރެއް، ރަސްމާލެ ހިއްކަން މި އަންނަނީ. އައިސް، އިރާދަކުރެއްވިއްޔާ ރަސްމާލޭގެ މަސައްކަތް މިހާރު އެދާ ސްޕީޑަށްވުރެ ތިންގުނައަށް މަތިވެގެންދާނެ. އެ މަސައްކަތް އެ މީހުން ފަށާނެ، ޑިސެންބަރުގެ 7، ނޫނީވިއްޔާ 10 ހިސާބުގައި. ފަށައިގެން ގޮސް، މާރިޗު، ނޫނީވިއްޔާ އެޕްރީލް ހިސާބަށް ދާއިރުގައި، އެތަން އެކީގައި އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމޭއިރުގައި ހިއްކައި ނިމެނީ، ހުޅުމާލޭގެ ދެފިޔަވަހި އެއްކޮށްލީމަ، އެއޮތް ބިމަށްވުރެ، ދެގުނައަށްވުރެވެސް ބޮޑު ބިމެއް. އެހެންވީމާ، އެތަން އެ ހިއްކައި ނިމެނީ.

ދެން މި އަހަރު، މިތަނުން އެ އުފެދޭ ބިމުން، މިތަނުގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް، އިންޓަރނޭޝަނަލް ޑިޒައިން ކޮންސަލްޓެންޓެއް ހޯދަން އަޅުގަނޑުމެން މިހާރު އިޢުލާނުކޮށްގެން، ބަޔަކާ މި ހަވާލުކުރަނީ. އެތަނުގެ ޓޯޓަލް ރިކްއަރމަންޓްގެ ތެރެއިން. ހައުސިންގ ރިކްއަރމަންޓް އަޅުގަނޑުމެން އޮންނާނީ ކަނޑައަޅާފައި.

އަޅުގަނޑު ކުރީދުވަހު އިޢުލާނުވެސް ކުރިން. ޓޯޓަލް 25,000 ގޯތި އެތަނުން ނެގޭނެއޭ. ދެން، އެހެން ކަންކަމަށްވެސް ބިން ބޭނުންވާނެތީވެ. 25,000 ގޯތި، ކޮންމެ ގޯއްޗަކީ، 1,250 އަކަފޫޓުގެ ގޯތި. 25,000 ގޯތީގެ ތެރެއިން، ފުރަތަމަ ބުރުގައި މި ދޫކުރަނީ، 15,000 ގޯތި. މިހާރު މި އިޢުލާނުކުރީ، 15,000 ގޯއްޗަށް. މި 15,000 ގޯއްޗަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކުރެވޭ ގޯތިތައް. މިއީ މާލޭ ރަށްވެހިންނަށް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް، އަދި ޖުމްލަކޮށް މާލޭ ރައްޔިތުންނަށް. ދެން މީގައި، 15,000 ބަހައިލާގޮތްވެސް، ނޫނީވިއްޔާ ކެޓެގަރައިޒް ކުރާގޮތްވެސް އަޅުގަނޑުމެން މިއޮތީ އިޢުލާނުކޮށްފައި. 15,000 ގޯތީގެ ތެރެއިން، 10,000 ގޯއްޗަކީ، މާލޭގެ ރަށްވެހިން، އެއީ މާލެއަށް އުފަން ރަށްވެހިން، ދަފުތަރުގައި ޖެހިފައި ތިބި ރައްޔިތުން، ދެން، މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައި އޮތަސް، މާލޭގެ ރަށްވެހިންގެ ގޮތުގައި މިކިޔާ، މި ތިން ބައި ހިމެނޭހެން، މާލޭގެ ރަށްވެހިންނަށް 10,000 ގޯތި. އެހެންވީމާ، މި 10,000 ގޯއްޗަށް މި ހުޅުވާލަނީ. އަނެއް 5,000ގެ ތެރެއިން 3,000 އަކީ، މާލޭގައި އުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ، މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށުގެ ރައްޔިތުން. އެހެންވީމާ، ޖުމްލަކޮށް، 13,000 ގޯތި ދީ ނިމޭއިރުގައި، މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ރައްޔިތުންގެ ތެރެއިން، 13,000 ރައްޔިތުންނަށް، 13,000 ފެމިލީއަށް ގޯތި އެ ލިބެނީ. މި ދެންނެވިހެން، މި އަންނަ މާރިޗު، އެޕްރީލް ހިސާބަށް ދާއިރުގައި، ހިއްކާ ބިން ނިމޭއިރުގައި، އެތަނުން ގޯތި ލިބޭ، 13,000 މީހުންވެސް އޮންނާނީ، ހޮވާ ނިމިފައި. އެހެންވީމާ، އެގޮތަށް ތާވަލުކޮށްގެން މިގެންދަނީ. އިރާދަކުރެއްވިއްޔާ މި 13,000 ގޯތި ދީ ނިމޭއިރުގައި، ވަރަށް ގިނަ ރައްޔިތުން، މާލޭގެ އެއްވެސް ގޯއްޗެއް ނެތް، އެއްވެސް ކަހަލަ ބިންކޮޅެއް ނެތް، 18 އަހަރުން މަތީގެ، ދެމަފިރިންގެ ތެރެއިން އެކަކަށްވެސް ނުލިބޭ، މިގޮތަށްގޮސް، މި ކެޓެގަރީތަކުގައި މިހިރަ، މީގެތެރޭގައި، މައިގަނޑު ގޮތެއްގައި މިއޮތީ، މި ދެންނެވިހެން، މާލޭގެ ރަށްވެހިން ގޮތުގައި ބެލެވޭ ހުރިހާ ފަރާތްތަކާއި، މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ފަރާތްތަކާއި، މައިމުޅަވެފައިވާ ފަރާތްތަކާއި، މި ހުރިހާ ފަރާތްތައް. މި ހުރިހާ ފަރާތްތައް ކަނޑައަޅާފައި، އަދި މީގެއިތުރަށް، މައިމުޅަވެފައިވާ ފަރާތްތަކަށް، 450 ގޯތި އެތަނުގައި މިއޮތީ މި ބުރުގައި ކަނޑައަޅާފައި. އަޅުގަނޑު ވަޢުދުވީ، 500 ގޯތި ދޭނެ ކަމަށް.

ދެން، ލާޖައްސާ އުސޫލުން، މާލޭގައި ހުރި ހަނި ގޯޅިތަކުގައާއި، މިހެންހުރި ބޭންކަބަލް ޕްރޮޖެކްޓެއް ގޮތަށް ނެހެދޭނެ ކަހަލަ ގޮތްގޮތަށް ހުރި ތަންތާނގައި ހުރި ގޯތިތައް ލިބިފައި ހުރި ފަރާތްތައް، އެ ބެހެނިވެރިން، އެންމެންވެގެން މުޅި ގޯތި ދޫކޮށްލާފައި ބަދަލުވާން ބޭނުންވަންޏާ، ކޮންމެ މީހަކަށްވެސް، 1,250 އަކަފޫޓު ލިބޭގޮތަށް، ލާޖައްސާ އުސޫލުން، ނޫނީވިއްޔާ މާލޭގައި އޮތް ގޯތީގެ ބަދަލުގައި، އެތަނުން ގޯއްޗެއް ބޭނުންވާ ފަރާތްތަކަށް، 1,500 ގޯތި ހިމަނާފައި މިއޮތީ، އެތަނުގައި 15,000 ގޯތި ބަހާފައި، ނޫނީވިއްޔާ ކެޓެގަރައިޒް ކޮށްފައި. އެހެންވީމާ، މި ދެންނެވީ މިތަނުގައި، މާލޭގެ ކުދިކުދި ގޯޅިތަކުގައާއި، ތަންތާނގައި ހުރި، މިހެން ނެހެދިފައި ހުރި، ހަދަން ލޯނު ނުނެގޭކަހަލަ، ވެލިއު ނެތް، ނޫނީވިއްޔާ އެ ފުރުޞަތު ނެތް ތަންތަން ދޫކޮށްލާފައި، ގޯތީގެ ކޮންމެ ބެހެނިވެރިއަކަށް ގޯއްޗެއް ލިބޭގޮތަށް، 1,500 ގޯތި ކަނޑައަޅާފައި.

އެހެންވީމާ، ޖުމްލަކޮށް ވަރަށް ގިނަ ފަރާތްތަކަށް، އިރާދަކުރެއްވިއްޔާ ރަސްމާލޭގެ މި 15,000 ގޯތީގެ ތެރެއިން، ގޯތީގެ މައްސަލަ ޙައްލުވާނެ. އެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މި ފުރުޞަތަކީ، މިތަނުގައި ދެންމެ ވަރަށް ގިނަ ކަންކަން ފާހަގަކުރެއްވި ބޭފުޅުންނަށް، ގިނަ ޙައްލުތަކެއް އަންނާނެ ކަމެއް. މިތާނގައި ވާހަކަފުޅު ދެއްކެވި، ދަފުތަރުގައި ޖެހިފައިވާ ބޭފުޅުންވެސް، މާލޭ އުފަން ރައްޔިތުންވެސް، މާލޭގައި އުޅޭތާ ގިނަދުވަސްވީ ރައްޔިތުންވެސް. އަޅުގަނޑު މި ދެންނެވި އެކި ކެޓެގަރީތަކަށް ދިމާވާގޮތަށް، ބަލައިފިއްޔާ ފާހަގަވާނެ، އެކި ބޭފުޅުން ދެންމެ ވާހަކަ ދައްކަވައިފި މިތާނގައި. އެހެންވީމާ، އަޅުގަނޑަށް ހަމަ ޔަޤީން، މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ގޯތީގެ މައްސަލައިގެ ބޮޑުބައެއް ޙައްލުވާނެ.

ދެން، އެކަން ނިމުނީމަ ދެވަނަ ބުރަކަށް، ބާކީއޮތް، 10,000 ގޯތި އެއޮތީ ބާއްވާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލެ ކައިރިން މި އުތުރުތިލަފަޅުގަޔާއި، ރަސްމާލޭގައި މި އުފެދޭ ބިމުން ގޯތިދީ ނިމޭއިރުގައި، ގޯތި ބޭނުންވާ އެންމެންނަށް، މާލޭގައި ދިރިއުޅޭ އެންމެންނަށް ގޯތީގެ މައްސަލަ ޙައްލުވެގެންދާނެ.

ދެން މިއޮތީ ފްލެޓް. ފްލެޓް ދިނުމަށްޓަކައި، މިހާރު މި އަންނަ މަސް ނިމެންވާއިރަށް މި ފެށެނީ، 3,000 ފްލެޓްގެ ޕްރޮޖެކްޓެއް. ބީ.އެމް.އެލް.އާ މިހާރު އެވަނީ ސަރުކާރުން ބިން ހަވާލުކޮށްފައި. އެއީ، ހުޅުމާލޭގެ ފޭސް 3 އޭ މިކިޔާ ތަނުގައި އަޅާނެ، 2,700 ފްލެޓް، ވިލިމާލޭގައި 300 ފްލެޓް. އެހެންވީމާ، ޓޯޓަލް، 3,000 ފްލެޓްސް. މިއީ ހުސް ތިން ކޮޓަރީގެ ފްލެޓް. މި ތިން ކޮޓަރީގެ ފްލެޓްތައް މިއީ، ގިނަވެގެން 10,000 ރުފިޔާއަށްވުރެ ބޮޑުނުވާނެ، ރެންޓް އޯން މޮޑެލްގައި އަގު ދައްކަންޖެހޭ ގޮތަށް އަޅާ ފްލެޓްތަކެއް. އެހެންވީމާ، ސަރުކާރުން މި ހުޅުވާލި ފުރުޞަތުގައި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، މީގައި މިހިރީ ވަރަށް ގިނަ ކެޓެގަރީތަކެއް ކަނޑައަޅާފައި، ހޮވޭ ފަރާތްތަކަށް، މި 3,000 ފްލެޓް މި ހަވާލުކުރަނީ. އޭގެތެރޭގައިވެސް، މާލޭގައި ދިރިއުޅުން، މާލޭގެ ރަށްވެއްސަކަށްވުން، މި އަސާސީ ގިނަ ކަންކަން އެބަހުރި މީގައި ހިމެނިފައި. އިޢުލާނުގައި ހުންނާނެ މި ހުރިހާ ކަމެއް. މި 3,000 ފްލެޓްގެ ތެރޭގައި، އަދި އިތުރަށް އަޅުގަނޑުމެން މި އަންނަ އަހަރު ތެރޭގައި، އަދި އިތުރު 4,500 ފްލެޓްވެސް އެބައޮތް. ޖުމްލަ 7,500 ފްލެޓް ފަށާގޮތަށް. އެހެންވީމާ، މި 3,000 ފްލެޓް ތެރޭގައި، އެއްވެސްވަރެއްގެ ގޯއްޗެއް، ނޫނީވިއްޔާ ފްލެޓެއް ނެތް ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން، އެގޮތަށް އަޅުގަނޑުމެން އަސާސީ ޝަރުޠުތައް ކަނޑައަޅާފައި މިހިރީ. އޭގެ މާނައެއް ނޫން، މިސާލަކަށް، މިހާރު ސަރުކާރުގެ ސޯޝަލް ހައުސިންގއެއް ލިބިފައި ހުރި މީހެއް، ނޫނީ ދެމަފިރިންކުރެ މީހަކަށް، ފްލެޓެއް، ގޯއްޗެއް ލިބިފައި ހުރި މީހަކަށް، ކުރިއަށް އޮތް ތާނގައި ނުލިބޭނެއެކޭ. ނޫން، އެހެނެއްނޫން. މި ހުޅުވާލި ފުރުޞަތުގައި އެންމެ އިސްކަމެއްދީ، އެންމެ ނީޑީ މީހާ ޚިޔާރުކުރަނީ.

އަޅުގަނޑަށް އެނގޭ، މާލޭގެ ވަރަށް ގިނަ ރައްޔިތުން އުޅޭގޮތް. އަޅުގަނޑަށް އެކިފަހަރު މަތިން، މާލޭގެ ވަރަށް ގިނަ ގޭގެއަށް ދެވިފައި އެބަހުރި. ހައުސިންގ މިނިސްޓްރީގައި ހުރިއިރުގައިވެސް، އަދި މޭޔަރަކަށް ހުރިއިރުގައިވެސް. އަދި އަމުދުން، މައްޗަންގޮޅިއަކީ، ކަންދިމާކުރި ގޮތުން، މިގޮތަށް އަޅުގަނޑު އެކި ކަންކަމުގައި، ކެމްޕެއިންތަކުގައާއި، އެކި ގޮތްގޮތުން، އެންމެ ގިނަ ގޭގެއަށް ދެވިފައި ހުންނާނެ އަވަށަކީވެސް. މިތާނގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންނާވެސް އަޅުގަނޑާ ހަމަ ގޭތެރެއިން ދިމާވެފައި ހުރީ. އެހެންވީމާ، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އުޅުއްވާގޮތް. އެހެންވީމާ، އެންމެ ނީޑީ މީހާއަށް އެ ފުރުޞަތު ލިބުމަކީ، ފުރަތަމަ ފަށާ ފުރުޞަތުގައި އޮންނަންޖެހޭނެ ކަމެއް.

ދެން، މީގެތެރޭގައި އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ހިމަނާފައި އޮންނާނީ. މިސާލަކަށް، މިދިޔަ ސަރުކާރުން، އޭގެ ކުރީ ސަރުކާރުން ދިން ފްލެޓްތަކުގެ ތެރެއިން، އެއްވެސް ކަހަލަ އިންސާފެއް ނެތި ފްލެޓްތައް އަތުލި. އެ މީހުންނަށް ފްލެޓް ދިނުން އެއީ، އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް. އެހެންވީމާ، މިތާނގައި ދެތިން ބޭފުޅުން ސުވާލުކުރެއްވި، މިދިޔަ ސަރުކާރު ނޫން ކުރީ ސަރުކާރުގައި ދިން ފްލެޓް، މިދިޔަ ސަރުކާރުން އަތުލާފައޭ އޮތީ. ތިމަންނައަށް ލިބޭނެހޭ. އާދެ، ލިބޭނެ. އަޅުގަނޑު ވީ ވަޢުދެއް އެއީ. އެހެންވީމާ، މި ފްލެޓްތަކުގެ ތެރޭގައި އެބަ ހިމެނޭ، އެ ކެޓެގަރީވެސް. ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން، މިދިޔަ ސަރުކާރުން ފްލެޓް އަތުލި މީހުންނަށް ދިނުން. އެމީހުން އަތުން އަތުލީ، އެއްވެސްގޮތަކުން ބަލާފައެއް ނޫން. އެއްވެސް އިންޞާފެއްނެތި.

މިދަނީ ކުއްޔަށް ނަގައިގެން އުޅޭ ތަނަށް. ކުއްޔަށް ނަގާފައި ހުންނާނީ ރީތިކޮށް ހަދާފައި ހުންނަ ތަންތަން ގިނައިން. އެތާކު ނެތް ރެނދެއް. އެތާނގައި އޭ.ސީ. އެބަހުރި. އެތާ ޓީ.ވީ.އެއް އެބަހުރި. އެހިސާބުން އޭނަ ކެންސަލްވީ. އެހެންވެފައި ހުރީ ގިނަ މީހުންނަށް. އެކަމަކު މި މީހުންނަކީ ކުރީގެ ސަރުކާރުން ދާއިމީ ލިސްޓަށް އަރާފައި ތިބި މީހުން. އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ދާއިމީ ލިސްޓަށް އަރާފައި ހުރި، މިދިޔަ ސަރުކާރުން ފްލެޓް އަތުލި، ހިޔާ ފްލެޓުގެ މީހުންނަށް ފްލެޓް ދޭނަމޭ. އެހެންވީމާ، އެއީ އެކަން އޮންނާނެ ގޮތް.

އެހެންނަމަވެސް، މިފަހަރުގެ މި 4,000 ފްލެޓުގެ ތެރެއިން ލިބިފައި އޮވެއްޖިއްޔާ، އޭގައި ހަމަ އަޅުގަނޑުމެން ބަލައިލަންޖެހިދާނެ. އެހެންނޫނީވިއްޔާ، ހަމަ ޔަޤީނުންވެސް މިދިޔަ ސަރުކާރުން އަތުލާފައި ފްލެޓެއް އޮވެއްޖިއްޔާ، އެ ފްލެޓް ދިނުމަކީ އަޅުގަނޑުވީ ވަޢުދެއް. މިގޮތަށް ކޮންމެ ކެޓަގަރީއެއް. އަޅުގަނޑު ހުންނާނެ އެކިކަހަލަ ވަޢުދުވެފައި. މިސާލަކަށް ޒުވާނުން، ނުކުޅެދުންތެރިކަން ހުރި ފަރާތްތައް، އެކަނިވެރި މައިން، ބަފައިން. މިގޮތަށް އެތައް ފަރާތެއް. ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތައް. އެހެންވީމާ، އިޢުލާނުކޮށްފައި އެވަނީ އެ ހުރިހާ ކެޓަގަރީސްތަކެއް. ޖުޑިޝަރީގެ ފަރާތްތައް، ދެން މިހެންގޮސް އެކި ފަރާތްތައް.

މިތާނގައި ޓެކްސީ ދުއްވަވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ވާހަކަފުޅު ދެއްކެވި. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ސަރުކާރަށްވުރެ ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ބަޔަކު ނެތް. އެހެން ދެންނެވެން އެބައޮތް. އެއީ، އަޅުގަނޑު ވަޢުދުވިން، ޓެކްސީ ޑްރައިވަރުންނަށް ހައުސިންގ ޕްރޮގްރާމެއް ހިންގައިދޭނަމޭ. މިފަހަރު މިއަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކެޓަގަރީއަކަށް އޮންނާނެ، ޓެކްސީ ޑްރައިވަރު ކެޓަގަރީ ހިމަނާފައި. ޓެކްސީ ޑްރައިވަރުން ކުރާ މަސައްކަތް، ކޮންޓްރޮވަރޝަލް ގިނަ މީހުން ގަބޫލުނުކޮށްފާނެ. އެކަމަކު އަޅުގަނޑުވީ ވަޢުދެއްވީމާ، އެ ބޭފުޅުންގެ އަޑުއަހާފައި، ކެމްޕެއިން ތެރޭގައި އަޅުގަނޑު ދެންނެވިން، ތިޔަބޭފުޅުންނަށް އެކަން ހަމަޖައްސައިދޭނަމޭ. ހަމަ އެގޮތަށް، ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ކެޓަގަރީއެއް، އަޅުގަނޑު ވަޢުދުވި ކަމެއް. މަސްވެރިންނަށް، ދެން މިހެން އެކި ފަރާތްތައް. ތަފުސީލުކޮށް މިއޮތީ. އެންމެ ގިނަ ފްލެޓްތައް މާލޭގެ ރަށްވެހިން، އުފަން ރަށްވެހިން، މާލޭގައި ދަފުތަރުގައި ޖެހިފައި ތިބި ފަރާތްތަކަށް، މި 3,000 ނޫނީވިއްޔާ ޓޯޓަލް 7,500ގެ ތެރެއިން އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ ހަމަ ބޮޑު އަދަދެއް. ދެން މާލޭގައި ގިނަ ދުވަހު ދިރިއުޅޭ ރައްޔިތުން. ކޮންމެގޮތެއްވިޔަސް އަސާސީ ޝަރުޠަކީ، މާލޭގައި ދިރިއުޅުން މަދުވެގެން 15 އަހަރު. ދެން އެހެންވީމާ، މިގޮތަށް ކަނޑައަޅައިގެން އެހެރީ ވަރަށް ބޮޑު އަދަދެއް އަޅުގަނޑުމެން ކަނޑައަޅާފައި. މިހާރު މި ފެށޭ މަޝްރޫޢުތަކުގެ ތެރެއިން، ގޯއްޗާއި ފްލެޓް ދިނުމަށްޓަކައި.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެތެރެއިން، މިފަހަރު އަޅުގަނޑުމެންނަށް މި ދެވޭ ފްލެޓުތަކާއި، ގޯތިތައް، މި އެޅެން ފެށޭ 3,000 އާއި، އަދި މި އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިތުރު 4,500 ފްލެޓް ފަށަން މިއޮތީ އިންޑިއަން އެލް.އޯ.ސީ.ގެ ތެރެއިންނާއި އަދި އިތުރު ލޯނެއްގެ ތެރެއިން ހަމަޖެހިފައި. އެހެންވީމާ، އެ ޕްރޮޖެކްޓް އެއޮތީ ހަމަޖެހިފައި. ޖުމުލަކޮށް ވަރަށް ގިނަ ވާހަކަ މި ދެކެވުނީ. މިކަމުގައި ޖުމުލަކޮށް ދަންނަވަންޏާ، އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދު، ހައުސިންގ ވަޢުދަކީ ފުއްދޭނެ ވަޢުދެއް. ފުއްދާނެ ވަޢުދެއް. މިހާރުވެސް މިއޮތީ ވަރަށް ގިނަ މަސައްކަތް ކުރެވިފައޭ. ބިން ކްރިއޭޓް ކުރުމުގައި އެއޮތީ ހުރިހާ ކަމެއް ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ބިން ކްރިއޭޓް މިވަނީ. މި އަންނަ މާރިޗު، އެޕްރީލް ހިސާބަށް ދާއިރުގައި، މާލެ ސަރަޙައްދާއި، ރަސްމާލެ ހިމެނޭހެން ހުރިހާ ތަނެއްގައި ހިއްކެން އޮތް ހުރިހާ ބިމެއް ހިއްކައި މި ނިމެނީ. 15,000 ރައްޔިތުންނަށް ގޯތި ދީ މި ނިމެނީ.

އެހެންވީމާ، އެކަންވެސް އެ ނިމެނީ. އަދި އިތުރު ރިޒަރވަރ 10,000 ގޯތި އޮންނާނެ. އެކަން ހަމަޖެހިގެން އެދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ގޯތީގެ، ފްލެޓުގެ މައްސަލަ ހައްލުވެގެންދާނެ، މި ދައުރު ނިމޭއިރުގައި. މާލޭގައި ދިރިއުޅޭ، ހަމަ އެއްވެސްވަރެއްގެ ބޯހިޔާވަހިކަމެއް ނެތް، ފަސްޓް ހޯމް، އެއްވެސްވަރެއްގެ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ، އެކަން ހައްލުވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތީމާ، އަދިވެސް އެއްފަހަރު އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން. އެއީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ވަޢުދަކީ.

ދެން ހަމަ ވަރަށް ގިނަ ކަންކަން ފާހަގަކުރެއްވި. ދެންހުރި ކަންކަމަށްވެސް އެޑްރެސް ކުރެވިގެން އެބަދޭ. މަގުހެދުން. މަގަކީ ވަރަށް ބޮޑު މައްސަލައެއް. ގޯތި ގެދޮރަށްފަހު، މާލޭގައި ދިރިއުޅޭ އެންމެ ގިނަ ރައްޔިތުންނަށް އުނދަގޫވާ ކަމަކީ، މަގާ ގުޅިފައި ހުރި ގިނަ ކަންކަން. އޭގެ ތެރޭގައި މަގުގެ ފެންވަރު ދަށްވުން. މަގުގައި ފެންބޮޑުވުން. ޕާކިންގ މައްސަލަ. މިހެންގޮސް މަގުމަތީގައި ދިމާވާ އެކިކަހަލަ މައްސަލަތައް. މިހެންގޮސް ވަރަށް ގިނަ މައްސަލަތައް.

މަގު ހެދުމުގެ މަޝްރޫޢަކީ މިހާރު އިރާދަކުރެއްވިއްޔާ ފަންޑިންގގެ އެއްވެސް އިޝޫއެއް ނެތް، 100 ޕަސެންޓް ކޮންފަރމް ޕްރޮޖެކްޓެއް. ޗައިނީޒް ގްރާންޓް އެއިޑްގެ ތެރެއިން މުޅި މާލެސިޓީ އެއީ، ވިލިމާލެ ހިމެނޭހެން، މުޅި މާލޭގެ ހުރިހާ މަގުތަކެއް، ޗައިނާގެ ހިލޭ އެހީގައި ހަދައިދޭން، ޗައިނާ ސަރުކާރުން ނިންމާފައި އޮތް މަޝްރޫޢެއް. މިހާރު އޭގެ ޑިޒައިން ސްޓޭޖަށް އެދަނީ. ޑިޒައިން މަސައްކަތަށް ނަގާނެ ވަގުތުކޮޅެއް. އެހާތަނަށް ދަންދެންވެސް އަޅުގަނޑު އުންމީދުކުރަނީ، ސިޓީ ކައުންސިލުން ނުވެއްޖިއްޔާ، ޕަބްލިކް ވަރކްސްއިން ވިޔަސް، އަޅުގަނޑުމެން އެ މަސައްކަތް، މަރާމާތުގެ މަސައްކަތްތައް ކޮށްދޭން.

ޙަޤީޤަތުގައި އަޅުގަނޑު ހިތަށް އައި ޝުޢޫރެއް، ޑެޕިއުޓީ މޭޔަރުގެ އިޒުނައަކަށް އެދި އަޅުގަނޑު ދަންނަވާލާނަން. މިތާނގައި ދެކެވުނު ގިނަ ވާހަކަތަކުން އަޅުގަނޑަށް ފާހަގަވީ، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މާލޭގައި ލޯކަލް ލެވެލްއެއްގައި ކައުންސިލުން ކުރަންޖެހޭ ގިނަ ކަންކަމެއް ނުކުރެވި ހުރީމައޭ މަގު މަރާމާތު ނުކުރެވެނީ. އަރޓިފިޝަލް ބީޗްގައި ފެންމާގަނޑު ހަލާކުވީ. މިހެންގޮސްފައި ޕާކުތަކުގެ މައްސަލަތައް، ދެން އެއީ ލޯކަލް ގަވަރނަންސް ނިޒާމުން ކުރަންޖެހޭ ކަންކަން. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، މިއިން ކޮންމެ ކަމަކަށް ދިޔައީ އެޓެންޑްވަމުން.

އެހެންނަމަވެސް، މިކަންކަން މިދިޔަ ދެ އަހަރެއްހާ ދުވަހު ނުވެފައި އޮތް ކަމަށް، ޑެޕިއުޓީ މޭޔަރުގެ އިޒުނައާއެކީގައި، އަޅުގަނޑު މި ދަންނަވާލީ. އެހެންނަމަވެސް، ސަރުކާރުން މިއަށް ސްޓެޕްއިން ކޮށްގެންވިޔަސް މިކަންކަން ކޮށްދޭނަން. އަޅުގަނޑު މި ބައްދަލު މިކުރީ ތިޔަބޭފުޅުންގެ އަޑުއަހަންވެގެން. އެހެންވީމާ، ސަރުކާރުން، ދެންމެ މިތާނގައި ބޭފުޅަކު ފާހަގަކުރެއްވި، އާޓިފިޝަލް ބީޗްގެ ވާހަކަ. އާޓިފިޝަލް ބީޗަކީ ސިޓީ ކައުންސިލާ ހަވާލުވެފައި އޮތް ތަނެއް. ސިޓީ ކައުންސިލުން އެތަން މަރާމާތުކޮށް، އެތަން ޑިވެލޮޕް ކުރަންޖެހޭނެ. ރަސްފަންނުވެސް. އެހެންނަމަވެސް، މި ދެ ތަނުގައިވެސް، ދެންމެ ދެ ބޭފުޅަކު ދެ ތަން ފާހަގަކުރައްވައިފި. އެއް ބޭފުޅަކު އާޓިފިޝަލް ބީޗް، އަނެއް ބޭފުޅަކު ރަސްފަންނުގެ މޫދުގެ ވާހަކަ ފާހަގަކުރެއްވި. ރަސްފަންނުގެ ވާހަކަ ދައްކަންޏާވެސް، ހައުސިންގ މިނިސްޓްރީން އެންމެފަހުން އެއޮތީ އެތަނާ ވަގުތީގޮތުން ހަވާލުވެގެން، ވެލިއަޅާ، އެތާހުރި ހަޓުތައް ހަދައި، ހުރިހާ ކަމެއް ކޮށްފައި. މިހާރުވެސް އެ މަސައްކަތް އެ ކުރަނީ ހައުސިންގ މިނިސްޓްރީން. ހަމަ އެގޮތަށް، އާޓިފިޝަލް ބީޗްވެސް. ކައުންސިލުން އެކަން ނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޕަބްލިކް ވާރކްސް ފޮނުވައިގެން، އެތާނގެ ފެންމާގަނޑު ހަދައިދިނުން ކަމުގައިވިޔަސް، ދެންހުރި ކަންކަންވެސް ކުރާނަން.

އެހެންވީމާ، މިހެންހުރި ކޮންމެ ކަމަކާ މި އެޓެންޑްވަނީ. މި މަގުތައްވެސް މަރާމާތުކޮށްދިނުމުގެ މަސައްކަތް، މަރާމާތަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް. ޓޯޓަލް ޑިވެލޮޕްމަންޓަކަށް ދިޔައިމަ ސަރުކާރުން މި ކުރަނީ. މި ތަނުން ބޭފުޅަކު ފާހަގަކުރެއްވި، ވެސްޓްޕާކް ސަރަޙައްދުގެ ވާހަކަ. ތެދެއް. އެކީގައި ހަލާކުވެފައި އެތާނގެ ގާތައް އެހުރީ. ސިޓީ ކައުންސިލަކީ އާމްދަނީ ލިބޭ ކައުންސިލެއް. އަޅުގަނޑު އެތަން ހިންގި މީހެއްވީމާ އަޅުގަނޑަށް އެނގޭނެ ނޫންތޯ. އަހަރަކު 190 މިލިއަނެއްހާ ރުފިޔާ އާމްދަނީ ވަންނާނެ. މިއަކީ ސަރުކާރުން ދޭ ބަޖެޓެއްނޫން އަދި. ސަރުކާރުން ދޭ ބްލޮކް ގްރާންޓްގެ އިތުރަށް، 190 މިލިއަން ރުފިޔާގެ އާމްދަނީ. އެއީ، މާލޭގައި ދުއްވާ ހުރިހާ ވެހިކަލެއްގެ ވެހިކަލް ފީއެއްވެސް ލިބޭނީ ކައުންސިލަށް. ހުރިހާ ވެހިކަލް ފީއެއް ލިބޭނެ. އެއީ އޮޓޯއިން ޖަމާވާ އެއްޗެއް. އެހެންވީމާ، އެއިން އެކަނިވެސް ގާ ގަނެގެން އެކަން ކުރެވޭނެ. އާރު.ޑީ.ސީ.އިން ގާ ހޯދާކަށް ނުޖެހޭނެ އިނގޭތޯ.

ސަހަރާ މިސްކިތް، ފެން ފައިބަނީ. ސަހަރާ މިސްކިތަކީ އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި އެތަން ހަދަން ހަވާލުކޮށްގެން، ދެން އިހަށްދުވަހު މި ފަހުން ހެދިގެން، އެކަމަކު އެތަނުންވެސް ފެން ފައިބަނީ. އެހެންވީމާ، އެ ލިބޭ އާމްދަނީން އެތައްކަމެއް ކުރެވޭނެ އިނގޭތޯ ޑެޕިއުޓީ މޭޔަރ. އެހެންވީމާ، އެކަން ބަލާފައި، ކައުންސިލަށް ނުކުރެވެންޏާ ޕަބްލިކް ވާރކްސް ފޮނުވައިގެންވެސް އަޅުގަނޑުމެން ކުރާނަން އެކަހަލަ ހުރިހާ ކަމެއް. އެހެންވީމާ، ސަރުކާރުން އިރާދަކުރެއްވިއްޔާ، ކައުންސިލްތަކަށް ނުކުރެވޭ ކަންކަންވެސް ކުރަން މިތިބީ ތައްޔާރަށް. ލޯކަލް ގަވަރނަންސް ނިޒާމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމަ ފުލީ ފާމްލީ ގަބޫލުކުރާ ނިޒާމެއް، ލާމަރުކަޒީ ނިޒާމަކީ. އެ ނިޒާމުގެ ތެރެއިން ކުރަން ބޭނުންވަނީ. ނުކުރެވެންޏާ ސީދާ ޤައުމީ އިދާރާތަކުން، ޤާނޫނީގޮތުން ކިޔާ ނަން އެއީ. ނޫނީ މިނިސްޓްރީތަކުން އެއަށް ސްޓެޕްއިން ކޮށްގެން މަސައްކަތްކޮށްދޭނަން. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، މަގުތައް ހެދުން މިއޮތީ ހަމަޖެހިފައޭ. ފަންޑު ހަމަޖެހިފައޭ. 100 ޕަސެންޓް ކޮންފަރމް ގްރާންޓެޑް މުޅި މާލޭގެ ހުރިހާ ގޯޅިއެއް، ހުރިހާ މަގެއް. އެކަމަކު އެއަށް ނަގާ ވަގުތު މި ނަގަނީ، އެއީ ޑީޓެއިލް ޑިޒައިން ހަދައި، ހުރިހާ ކަމެއް ކުރެވެންދެންވެސް މިހެންހުރި މަރާމާތުތައް އަޅުގަނޑުމެން ކޮށްދޭން ބަލާނަން.

ދެން އޭގެ އިތުރަށް، މި އަވަށުގައި ހުރި އެހެން ކަންކަމަށް ބަލާއިރުގައި، ބާ ޖަމާލުއްދީން ފާހަގަކުރެއްވި. ބާ ޖަމާލުއްދީނަކީވެސް އޭގެ އެއްބައި އެއޮތީ ޖަމާލުއްދީނުގެ ބޭނުމަށް އަޅުގަނޑުމެން މިހާރު އިން ވަކިކޮށްދީފައި. ދެން އޮތް ބަޔަކީވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ބިމެއް. އެތަނަކީ، ހަމަ ރައްޔިތުންގެ ބައްދަލުވުމަކުން މި އަވަށުގެ ބައްދަލުވުމުގައި އައި ޚިޔާލާކާ އެއްގޮތަށް ކުޑަކުދިންނަށް ކުޅެވޭ، އެކި އުމުރުގެ ފަރާތްތަކަށް ބޭނުންކުރެވޭ ޕާކެއްގޮތަށް ހަދަން އޭރު ޑެސިގްނޭޓް ކޮށްފައި އޮތް ތަނެއް. ދެން އެހެންނަމަވެސް، ޑެޕިއުޓީ މޭޔަރ އެ ވިދާޅުވީ، އެކަމެއް ނުހިނގައޭ. ދެން ކައުންސިލުން އެކަން ނުކުރެވޭ ކަމަށްވަންޏާ، ސަރުކާރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް އަޅުގަނޑުމެން އެތަންވެސް ޑިވެލޮޕް ކޮށްދޭނަން. ދެން ކޮންމެއަކަސް، މުޅި ސަރަޙައްދަކީ ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތް ސަރަޙައްދެއް. އެހެންވީމާ، ޕާކިންގއާއި، ޓްރެފިކް ފްލޯރއަށް ވިސްނައިގެން ޑިޒައިން ހަދަންޖެހޭނީ. އެކިއެކި ކަންތައްތައް އެބަހުރި މީގައި އެޑްރެސް ކުރަންޖެހޭ.

އެހެންވީމާ، ތިޔަ ވިދާޅުވި ކަންކަމަށް، އަޅުގަނޑުމެން ސީރިއަސްކޮށް ބާ ޖަމާލުއްދީން ކަންތަކުގައިވެސް ބަލައިދޭނަން، ކޮބައިތޯ ގެނެވޭނެ ހައްލަކީ. މިތާ ބޭފުޅަކު ފާހަގަކުރެއްވި، ކުޅިވަރު ކުޅެވޭނެ ތަންތަން، އީ ސްޕޯޓްސް ކަހަލަ، އާކޭޑް ގޭމްސް ކަހަލަ ކަންކަމަށްވެސް ޖާގައެއް ނެތޭ. އަޅުގަނޑުގެ ވަޢުދެއް އެއީ، ސްޕޯޓްސް ކުރިއެރުވުން އިނގޭތޯ. އީ ސްޕޯޓްސް ކުރިއެރުވުމަކީ އަޅުގަނޑު ވީ ވަޢުދެއް. އީ ސްޕޯޓްސް އެރީނާ، ނޫނީވިއްޔާ ކުޅިވަރު ފެސިލިޓީސް. މިކަމަށް މިހާރު ކުރެވޭ އެއްކަމަކީ، ސަލްޓަން ޕާކުގައި ކުރިންހުރި ސްނޯ ކުޅިވަރު ކުޅޭ ޕާކެއް، ނޫނީވިއްޔާ ބިލްޑިންގއެއް. އެތަން މިހާރު މި ނަގަނީ. އެތަން ހުރީ ހަލާކުވެފައި. ނޫނީވިއްޔާ، ބޭނުންނުކޮށް މިދިޔަ ސަރުކާރުން ދިޔައިރު އެކީގައި އެތަން ހުރީ ހަލާކުވެފައި. އެހެންވީމާ، އަޅުގަނޑުމެން އަލުން އެތަން ހެދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވީމާ، އެތަން ނަގާފައި، އެތަނުގައި މި ހަދަނީ އީ ސްޕޯޓްސް، އީ ގޭމިންގ، އެސޯސިއޭޝަންގެ ލަފަޔާވެސް އެކީގައި، އެ ބޭފުޅުންގެވެސް ބައިވެރިވުމާ އެކީގައި ހަދާ އީ ގޭމިންގ މަރުކަޒެއް. އެހެންވީމާ، އެތަން ހެދިގެން ދިޔައިމާ، އެއީ އެއް ލޮކޭޝަން.

ދެން ހަމަ އޭގެ އިތުރަށް، އަޅުގަނޑުމެން ކުރީގެ އެމް.އެސް.އެލް. ފްލެޓްސްތަކާއި އަދި މިގޮތަށް ހުންނާނެ ބުރުޒުމަގުގައި ހުރި ބައެއް ގޯތިތައް. އެތަންތަން ތަޅައި ޑިމޮލިޝްކޮށް މި ނިމެނީ. ނިމޭއިރުގައި އެތަނުން އެއް ގޯތީގައި މި ހަދަނީ، އާކޭޑް ގޭމްސް ކުޅެވޭ ކަހަލަ މަރުކަޒެއް. އަޅުގަނޑު ބޭނުން، ޒުވާނުންނަށް ހުންނަ އެކިކަހަލަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބޭނުންވާ ފުރުޞަތުތައް ހޯދައިދޭން. އެތަނުން އަނެއް ގޯތީގައި މި ހަދަނީ، ކުޑަކުދިންގޮސް އެތަނުގައި ކުޅެވޭކަހަލަ އިންޑޯ އެކިކަހަލަ އެކްޓިވިޓީސްތަކުގައި ބައިވެރިވެވޭކަހަލަ، ބޭރުގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ހުންނަ ފެންވަރުގެ، ވަރަށް ރަނގަޅު ފެންވަރުގެ އިންޑޯ އެކިކަހަލަ ފަން އެކްޓިވިޓީސްތަކުގައި ބައިވެރިވެވޭކަހަލަ މަރުކަޒެއް. އެހެންވީމާ، މި ދެންނެވި އެމް.އެސް.އެލް. ފްލެޓްސްތައް ހުސްކުރާ ދެ ގޯތީގައި އެކަހަލަ މަރުކަޒުތަކެއް ހަދަން ނިންމާފައި މިއޮތީ. މާލެތެރޭގައި ކުދިން ނުކުންނާނެ ތަނެއް ނެތޭ. އެހެންވީމާ، ނެތީމާ އަޅުގަނޑުމެން ބޭނުންވަނީ، މިކަހަލަ ތަންތަން ކްރިއޭޓް ކޮށްދޭން. މިއީ އަޅުގަނޑުމެންގެ ޕްލޭނަކީ. މިކަހަލަ ބައެއް ކުޅިވަރު ކުޅެވޭނެ ތަންތަން ހަދައިދިނުން.

ދެން އޭގެ އިތުރަށް، ފުޓްސަލް ކުޅޭނެ މަރުކަޒުތައް، މި ދަނޑުތަކާއި، ނެޓްބޯލްއާއި މިކަހަލަ ކޯޓުގެތަކުގެ އިމާރާތްތަކުގެ ވާހަކަވެސް މިއީ އަޅުގަނޑު ވެފައިހުރި ވަޢުދުތަކުގެ ތެރޭގައި ހިމެނޭނެ ކަންކަން. ދެން އެ ހުރިހާ އެއްޗެއްގެ ތަފުސީލަށް އަޅުގަނޑު ނުދިޔައެއްކަމަކު، އެއީ އަޅުގަނޑު ހަމަ ފާހަގަކޮށްލި ކަމެއް.

ދެން އަދި އެއްފަހަރު، އަޅުގަނޑު ޓެކްސީ ޑްރައިވަރުންގެ ކޮންސަރންގެ އެއް ކަމެއް ދަންނަވާލާފައި ކުރިއަށްދާނަން. އެއީ، ޓެކްސީ ޑްރައިވަރުންނަށް އެކިކަހަލަ ހައްލުތައް ގެނެސްދިނުމަކީ އަޅުގަނޑުވީ ވަޢުދެއްވީމާ، އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް، ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް ވާނީ އިޢުލާނުކޮށްފައި. ހުޅުވާލާފައި. މިހާރުވެސް ސަތޭކައަށްވުރެ ގިނަ ޓެކްސީ ޑްރައިވަރުން ދަފްތަރުގައި ޖެހިއްޖެ. އެއީ، ޤާނޫނީ ހައިސިއްޔަތު ލިބިފައި އޮންނަ ދަފްތަރެއް. އޭގައި ޖެހުނީމާ މި ލިބޭ ފުރުޞަތުތަކަކީ، އެކިކަހަލަ ލުއި ލޯނުތަކަށް އެޕްލައި ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހައުސިންގ ސްކީމަށް އެޕްލައި ކުރުމުގެ ފުރުޞަތު ހޯދައިދިނުން. ދަފްތަރުގައި ޖެހޭ ޓެކްސީ ޑްރައިވަރުންނަށް، ހައުސިންގ ސްކީމަށް އެޕްލައި ކުރުމާ، މި ފުރުޞަތުތައް އެބަ ލިބޭ.

ދެން ސަރުކާރުން މި ފަށާ ޓެކްސީ ލައިނަކީ، އެއްގޮތަކަށްވެސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމެއްނޫން. އަޅުގަނޑުމެން ބޭނުންވަނީ، ބެސްޓް ސަރވިސް މާލޭގައި ރައްޔިތުންނަށް ޓެކްސީ ސަރވިސްއިން ލިބެން. ޓެކްސީ ޚިދުމަތުން. މިހާރު އެއޮތީ 407 ޑްރައިވަރުން ނަގަން އިޢުލާނުކޮށްފައި. އަޅުގަނޑުމެން މިގެންނަނީ 150 އީ ކާރު. އީ ވެހިކަލް. 150 ކާރު މިގެންނަނީ. މި އަންނަ ޖަނަވަރީ، ފެބުރުވަރީ މަސްތެރޭގައި ހުރިހާ ކާރެއް ގެނެސްގެން، 150 ކާރާއެކީ ފަށައި، އެމް.ޓީ.ސީ.ސީ.އިން ފަށާ ޓެކްސީ ސަރވިސްއަށް މި ހޯދަނީ، އިސްކަން މިދެނީ ޓެކްސީ ޑްރައިވަރުން، މިހާރުވެސް ޓެކްސީތަކުގައި ދުއްވާ ޑްރައިވަރުންނަށް. މިހާރު މިވާގޮތަކީ ޑްރައިވަރުންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާއަކީ، އެ ފަރާތްތަކަށް ސްޓެޑީ އިންކަމެއް ނުލިބޭތީ. އެހެންވީމާ، މިހާރު މި ހުޅުވާލި ފުރުޞަތުގައި، އެ އޮންނަ އުސޫލުގެ ތެރެއިން، ހަމަ ކޮންމެގޮތެއްވިޔަސް، އެ ލިބެންޖެހޭ ސްޓެޑީ، މަންތްލީ ލިބެންޖެހޭ، ނޫނީވިއްޔާ ވީކްލީ ލިބެންޖެހޭ އިންކަމް ލިބޭނެ. އެ މީހުންނަށް އެ މީހުންގެ ޢާއިލާތަކާއެކީ ވަގުތު ހޭދަކުރަން ފުރުޞަތު ލިބޭނެ. އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބޭ. ޓެކްސީއަށް އަރާ ފަރާތަށް ވަރަށް ރަނގަޅު ޚިދުމަތެއް އެބަ ލިބޭ. ވަރަށް ރަނގަޅު ފެންވަރުގެ ކާރުތަކުގައި ދުއްވެނީ. އެންވަޔަރަންމަންޓް ފްރެންޑްލީ ކާރުތަކެއް މި ދުއްވެނީ. ދެން މިކަހަލަ ވަރަށް ގިނަ ކަންތައް.

އެންވަޔަރަންމަންޓްގެ ވާހަކަ ދައްކާއިރު، މިތަނުގައި ގަސްކަނޑާ ވާހަކަ ދެއްކީމާ، އަޅުގަނޑު އޭގެ ޖަވާބަކަށް ޖެހިލާފައި ދާނަން. މި ސަރުކާރަކީ މިއަދާ ހަމައަށް އައިއިރުގައި ހަމަ ޔަޤީނުންވެސް ދަންނަވާނީ އަޅުގަނޑު ހިތުން އޮބްޖެކްޓިވްލީ، މި މައުޟޫޢަށް ބައްލަވާއިރު، ކޮންމެ ބޭފުޅަކުވެސް ގަބޫލުކުރައްވާނެ، އެންމެ ބޮޑަށް އެންވަޔަރަންމަންޓް ކޮންޝަސް ސަރުކާރު. އެއްކަމަކަށް މިސާލެއްގެ ގޮތުން ދަންނަވާލާނަން. 5 މިލިއަން ގަހުގެ ޕްރޮގްރާމް އެއީ، އަޅުގަނޑުގެ ވަޢުދެއް. 5 މިލިއަން ގަސް، 5 އަހަރުގެ ތެރޭގައި އިންދުން. ކުރީގެ އެއްވެސް 5 އަހަރެއްގެ ތެރޭގައި ކޮށްފައި އޮތް ކަމެއްނޫން މިއީކީއެއް. މިހާރު ގާތްގަނޑަކަށް 8 ލައްކަ ކޮންމެވެސްވަރެއްގެ ގަސް އިންދިއްޖެ. ގާތްގަނޑަކަށް 1 މިލިއަން އިންދުނީ. މި އަންނަ 3 އަހަރު ތެރޭގައި އަޅުގަނޑުމެން ކެޗަޕްކޮށްގެން، ނޫނީވިއްޔާ ސްޕީޑްއަޕް ކޮށްގެން، މި 5 މިލިއަން މި ހަމަކުރަނީ. ޕްލެޖްކޮށްފައި އެބަހުރި 6 މިލިއަނަށްވުރެ ގިނަ ގަހަށް އެކި ފަރާތްތަކުން. ބޭރުގެ ދޭދޭ ޤައުމުތަކުންނާއި، އެކިކަހަލަ އެން.ޖީ.އޯ.ތަކުންނާއި، އެކި ފަރާތްތަކުންވެސް. ސަރުކާރުގެ ބަޖެޓުގެ ތެރެއިން ޚަރަދުކޮށްގެންނާ އެކީގައި އަޅުގަނޑުމެން 5 މިލިއަން ގަސް ރާއްޖޭގައި އެބަ އިންދަން އެކި ތަންތާނގައި. ފެހިކުރުމުގެ ޕްރޮގްރާމެއް. އެއީ، އަޅުގަނޑު ގަބޫލުކުރާ އެންމެ މުހިންމު އެއްކަމަކީ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްވީމާ، މި ރާއްޖޭގައި ފެހިކަން އެއީ މުހިންމު ކަމެއް. އަޅުގަނޑުމެންނަކީ ފެހިކަމަށް ލޯބިކުރާ، ގަސްތަކަށް ލޯބިކުރާ ބައެއް.

އެހެންވީމާ، ގަސް ކެނޑުމާއި، މިކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެ ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާ ކަމަށްވަންޏާ، އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން ޤާނޫނީގޮތުންވެސް އިޖްރާޢަތްތައް ފުރިހަމަކުރެވިގެން، އެ އޮންނަ އުސޫލަކުން އެ ގަހެއް އެތަނުން ނެގުމަކީ އެއީ، ގަސްއިންދުމާ ދެކޮޅު ހެދީއެއްނޫން. 5 މިލިއަން ގަސް އިންދާ ވާހަކަ މި ދެންނެވީ. ދެން އެ ނަގާ ގަހެއްގެ ބަދަލުގައި 10، 12 ގަސް ޖަހަންޖެހޭނެ. 1 ގަސް ނަގައިފިއްޔާ، އެންމެ މަދުވެގެން 3 ގަސް ޖަހަންޖެހޭނެ. މިހާރު ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އަޅުގަނޑު އޮންނާނެ، އެންވަޔަރަންމަންޓް މިނިސްޓަރަށް ދަންނަވާފައި، މުޅި ވިލިމާލޭގައި މަދުވެގެން 300 ގަސް ޖަހަންވާނެއޭ. މަދުވެގެން 300 ގަސް. މިހާރު އެ ބޭފުޅުން އެ ޕްރޮގްރާމް އެ ފަށްޓަވަނީ. 2 ގަހުގެ ބަދަލުގައި 300 ގަސް. އެހެންވީމާ، އަޅުގަނޑުމެންނަކީ، ފެހިކުރުމަށް ލޯބިކުރާ ބައެކޭ. ރިނިއުބަލް އެނަރޖީއަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު.

މީގެކުރިން ދުވަހަކުވެސް އެހާ އިސްކަންނުދޭވަރަށް، އަޅުގަނޑުމެން އިސްކަންދީ، ކަނޑައެޅީ ކޮންކަމެއްތޯ؟ މި 5 އަހަރުގެ ތެރޭގައި އެއީ، 2028 އާ ހަމައަށްދާއިރު، އިލެކްޓްރިސިޓީ ރިކްއަރމަންޓްގެ 33 ޕަސެންޓަކީ ރިނިއުބަލް އެނަރޖީއަށް ހަދަން. އެކަން މިހާރު އެޗީވްވަމުން މިދަނީ. މިދިޔަ 2 އަހަރު ތެރޭ އެކަނި 100 މެގަވޮޓްސް އަޅުގަނޑުމެން ހަދައިފިން. މިދިޔަ 2 އަހަރު އެކަނި 100 މެގަވޮޓްސް ތްރޫ ސޯލާ ޕަވަރ. ދެން ބާކީއޮތް 3 އަހަރު ތެރޭގައި އަޅުގަނޑުމެން މުޅި ޓޯޓަލް އިލެކްޓްރިސިޓީ ޑިމާންޑް އިންކްލޫޑިންގ މާލޭސިޓީ. މުޅި ޤައުމުގެ އިލެކްޓްރިސިޓީ ރިކްއަރމަންޓްގެ ބޭރުން އަގުބޮޑުކޮށް ތެޔޮ އެތެރެކުރަން މި ކުރަންޖެހޭ ޚަރަދު އެއީ، އެންމެ ބޮޑު ޚަރަދު އަޅުގަނޑުމެން ބަޖެޓުން ރައްޔިތުންގެ ފައިސާއިން ކުރާ. އެ ޚަރަދުގެ 33 ޕަސެންޓް އުނިވެގެން އިރާދަކުރެއްވިއްޔާ މިދަނީ. މަދުކުރެވިގެންދާނެ ބޭނުންތެރި އެހެން ކަންކަމަށް. މި ރިނިއުބަލް އެނަރޖީއަށް އިންވެސްޓް ކުރެވުނީމަ. އެހެންވީމާ، އެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ސިޔާސަތު އަޅުގަނޑުމެން އެންމެ ބޮޑަށް މި ތަންފީޒުކުރާ ކަމަކީ. އެހެންވީމާ، އެ ވާހަކަ، ގަސްނަގާ ވާހަކަ ދެއްކީމާ، ގަސްނެގުމަކީ އެ ގަހުގެ ބަދަލުގައި މަދުވެގެން 10، 12 ގަސް ޖެހިގެންދާނެ ކަމެކޭ. އެހެންވީމާ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް، އިންސާނީ ދިރިއުޅުމަށް އުނދަގޫވަންޏާ، އެ ކުރަންޖެހޭ ކަމެއް ކުރުމަކީ، އެއީ ޒަރޫރީ ކަމެއް. އެހެންވީމާ، އެކަން ކުރެވިގެންދިޔުމަކީ ހަމަ އަޅުގަނޑު ހިތުން ޖާއިޒު ކަމެއް.

ދެން އަޅުގަނޑު ފާހަގަކޮށްލާނަން، ކުދި ވިޔަފާރިތަކާއި ބޭރު މީހުންގެ ވާހަކަ. ތެދުފުޅެއް. އެންމެ ބޮޑު އެއް މައްސަލަ. އަޅުގަނޑުމެންގެ ސަރުކާރުގައި ސޯޝަލް އިޝޫއަށް ބަލާއިރުގައި، ތިން ކަމެއް މިއޮތީ. އަޅުގަނޑު ކުރީ ރޭ، ނޮވެންބަރު 14ގެ ޖަލްސާގައިވެސް އަޅުގަނޑު ދެންނެވިން، މި ތިން ކަންތަކުގެ ވާހަކަ. ޑުރަގުގެ މައްސަލަ. ގޭންގުގެ މައްސަލަ. ބިދޭސީންގެ ވާހަކަ. މިހާރު މިއޮތީ ބަޔޯމެޓްރިކްސް ނެގުން ބަންދުވެފައި. މި ދެންނެވީ އެއްކަލަހެން، ކުރިން މަގުމަތިން ހޯދައިގެން ގެންނަ މީހުންގެ 10 އިނގިލީގެ ފިންގަރޕްރިންޓް ނެގުން. ދެން މަގުމަތިން ނުގަވައިދުން އުޅޭ މީހެއް ފެނިއްޖެނަމަ ޑީޕޯޓްކުރާނެ. މިހާރު މަގުމަތިން ނުގަވައިދުން އުޅޭ ބިދޭސީއެއް ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކުރާނެ މި ރާއްޖޭގައި. ދެން ނުލިބޭނެ އެ ފުރުޞަތެއް. އެއީ، އެއް މައްސަލަ. އެއީ، އެއް ކަންތައް.

އަނެއްކަމަކީ، މި ސިސްޓަމްތެރެއަށް ވަންނަ، ނޫނީވިއްޔާ ޑޭޓާބޭސްއަށް މި ވެއްދޭ މީހުން، އެ މީހުން ރެގިއުލަރައިޒް ކުރުން. ރެގިއުލަރައިޒް ކޮށްގެން، ނޫނީވިއްޔާ އެ މީހުން ފުރަން ބޭނުންވެއްޖިއްޔާ ފުރުވާލުން. މިއިން ކޮންމެ މީހަކު ކުރާ މަސައްކަތް ޤާނޫނީ އިމުގެ ތެރެއިން ކުރޭތޯ ބެލުން. މިހާރު ޕޮލިހުން މެދުވެރިކޮށް މި ފަށާފައި، އަދި އިމިގްރޭޝަނާ އެކީގައި ފަށާފައި އޮތް ޕްރޮގްރާމަކީ، ނޭޝަންވައިޑް ޕްރޮގްރާމެއް. ދެންމެ ތިޔަ ވިދާޅުވި ކަންތަކަކީ އެންމެ ބޮޑު އެއް ކަންތައް. ވިޔަފާރިތައް ހިންގުން. މި ވިޔަފާރިތަކަކީ ދިވެހިންނަށް ޚާއްޞަ ވިޔަފާރިތައް. މި ވިޔަފާރިތަކުގެ ތެރެއަށް ބިދޭސިންނަށް ވަދެވޭ އެއް ރީޒަނަކީ، އަޅުގަނޑުމެން އަމިއްލައަށް ވެއްދުން. އެކަން އަޅުގަނޑުމެން ހުއްޓަން މަސައްކަތްކުރަން އެބަޖެހޭ. އޭގައި އެބަހުރި ރީޒަންސް. އަޅުގަނޑު ގަބޫލުކުރަން، ރީޒަންސް އެބަހުރި ކަމަށް. ކުދިކުދި ކެޕިޓަލުން މި ފަށަނީ. ފަށާއިރުގައި ވަރަށް އުނދަގޫ މިކަމުގެ ތެރެއަށް ދިވެހިން ގެންދަންވެސް. އެހެންވިޔަސް، ނުގަވައިދުން ކަމެއް ކޮށްގެން ނުވާނެ.

އެހެންވީމާ، ބިދޭސީން ނުގަވައިދުން ވަޒީފާތަކުގައި ގެންގުޅުމާއި، އެ މީހުން ލައްވައި މަސައްކަތް ކުރުވުން، އަޅުގަނޑުމެންގެ ސޮސައިޓީ އޭޒް އަ ހޯލް އެބަޖެހޭ މިކަމުގައި އެކައްޗެއް ކިޔަން، ވިސްނަންވެސް. އެހެންވީމާ، އެންފޯސްކުރާ ފަރާތްތަކުން، އެންފޯސްމަންޓް ވަރުގަދަކުރާނެ. އެންމެ ފުރަތަމަ ދޮރު މި ބަންދުކުރީ. އެހެންނޫންތޯ؟ ނުގަވައިދުން އުޅުމުގެ ދޮރު. ބަންދުކޮށްފައި، ދެން އެ މީހުން ބޭރުކުރުމާއި، ދެން ތިބި ބަޔަކު ގަވާއިދުގެ ތެރެއިން މަސައްކަތްކުރެވޭނެ ގޮތް ހެދުމާއި، ރައްޔިތުންގެ އެހީތެރިކަމާއެކީގައި، މިކަމަށް ޓޯޓަލް ހައްލެއް އަންނާނީ. އެހެންވީމާ، ބިދޭސީންގެ މައްސަލަ. ދެން ހަމަ ދެންހުރި މައްސަލަތައް މި ފާހަގަކޮށްލީ.

އެހެންވީމާ، ވިޔަފާރިތައް ދިވެހިންނަށް ޚާއްޞަކުރުން އެއީ، އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް އިސްކަންދީގެން ކުރާ ކަމެއް. މިހާރު ދިވެހިންނަށް ޚާއްޞަ އެތައް ދާއިރާއެއް ކަނޑައަޅާފައި އެވަނީ. ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެށިފައި އެވަނީ. ދިވެހިންނަށް ޚާއްޞަކުރުމުގެ ގޮތުން ކަނޑައެޅި 33 ދާއިރާ. އެ ދާއިރާތަކަށް މީހުން ޑިވެލޮޕް ކުރުމަށްވެސް މިހާރު ފަށާފައި ވަނީ. އެކަން މިކުރަނީވެސް އަނެއްކާ. އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އެއޮތީ ޤާނޫނުގައި އެ އޮންނަ ގޮތަށް ކަނޑައަޅާފައި ވަކި ވިޔަފާރިތައްވެސް، ވަކި އަދަދުތަކެއް ދިވެހިންނަށް ޚާއްޞަކޮށްފައި. އެހެންވީމާ، މިކަންކަމަކީ އަޅުގަނޑުމެން އެންމެން އެކަމުގައި ގުޅިގެން މަސައްކަތް ކޮށްފިއްޔާ ހައްލުތައް އަންނާނެ ކަންކަން. ދެން އަޅުގަނޑަށް އެނގޭ، ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް. ވަރަށް ރަނގަޅު ޚިޔާލުފުޅެއް، މި މީރާއިން މިއަޅާ ހަރުކަށި ފިޔަވަޅުތަކާ، މިކަންކަމަށްވެސް އެބަޖެހޭ އެޑްރެސް ކުރަން. ވަރަށް ބިނާކުރަނިވި ޚިޔާލުތައް މިތަނުގައި ވަރަށް ސީނިއަރ ބޭފުޅުން ފާހަގަކުރައްވައިފި. ޖުޑީޝަރީއާ ބެހޭގޮތުންނާއި، އަދި މިހެންހުރި މުހިންމު ވަރަށް ގިނަ ކަންކަން، ވަރަށް ގިނަ ކަންކަން ފާހަގަކުރައްވައިފި. އެހެންވީމާ، ބިނާކުރަނިވި ވަރަށް ގިނަ ޚިޔާލުތައް ތިޔަބޭފުޅުން ތިޔަ ފާހަގަކުރެއްވީ. ކޮންމެ ކަމަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހަމަ އީޖާބީ ގޮތެއްގައި، ސީރިއަސް ގޮތެއްގައި، އެކަންކަމަކީ ހަމަ މުހިންމު ކަންކަމުގެ ގޮތުގައި ބަލައިގެން، ތިޔަބޭފުޅުން ތިޔަ ހޭދަކުރެއްވި ވަގުތަށް، ތިޔަ ފާޅުކުރެއްވި ޚިޔާލުތަކަށް، ދޭންޖެހޭ ސަމާލުކަންދީގެން، އެކަންކަމަށް އަޅުގަނޑުމެން އެޑްރެސްކުރާނަން. އެ ޔަޤީންކަން ހަމަ ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ، ދެން މަސައްކަތްތެރިންގެ ތެރެއިން ބައެއް ބޭފުޅުން ފާހަގަކުރެއްވި، ޕެންޑިންގ ބިލްތަކަށް ޕޭމަންޓް ނުލިބޭ ވާހަކަ. މިކަމަށްވެސް ހަމަ އެއްޗެއް ދަންނަވާލާފައި އަޅުގަނޑު ހިތުން ނިންމާލާނީ. މިއީ ހަމަ އެންމެންނަށްވެސް ގުޅިފައި އޮތް ކަމެއް. ސަރުކާރުގެ މަޝްރޫޢުތައް ނަގައިގެން އުޅޭ ފަރާތްތަކަށް ފައިސާ ނުލިބުން. ތެދުފުޅެއް. އޭގައި އެބައޮތް އިޝޫއެއް. މީގެ އެންމެ ބޮޑު އިޝޫއަކީ، މިކިޔާ ލެގަސީ ބިލްސް، ނޫނީވިއްޔާ އަޅުގަނޑުމެންނާ ހަވާލުވިއިރުގައި މިއޮތް ފުނިޖެހިފައި އޮތް ބިލްތައް. ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާގެ ފައިސާ ދައްކަން އެބަހުރި، ޕެންޑިންގ ބިލްސްތައް ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެ ކްލިއަރ ކުރަން ފަށައިގެން މިއުޅެނީ. ހަމަ އެވްރިޑޭ މިހާރު އެދަނީ އެ ޕޭމަންޓްސްތައް ހަދަމުން. އެސް.އޯ.އީ.ތަކުން އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތް މިއީ މައިގަނޑު ގޮތެއްގައި. ދެން މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތް. ހަމަ މިތާނގައި ޚިޔާލުފާޅުކުރެއްވި ބޭފުޅާ ހިމެނޭހެން، އެކި ފަރާތްތަކަށް ހަމަ މިހާރު މި ދޫކުރާ ފައިސާ ދޫކޮށް ނިމޭއިރުގައި، މިހާރު ހަމަ ކޮންމެ ދުވަހަކު އެބަ ކުރިއަށް ގެންދަން. މި ބަލަނީ މި އަހަރު ނިމެންވާއިރަށް އެކީގައި ކްލިއަރކޮށް ނިންމާލެވޭނެ ކަމަށް އިރާދަކުރެއްވިއްޔާ. ކޮށް ނިމުނީމާ، ދެން ފެށޭ މަރުޙަލާގައި، ބެކްލޮގް ކްލިއަރވީމާ، ދެން ވަރަށް އަވަހަށް އެ ކުރި މަސައްކަތަކަށް ފައިސާދޭން މި ފަސޭހަވަނީ.

ހަނދުމަފުޅު ހުންނާނެ، މަސްވެރިންނަށް ދިމާވި ކަންތައް. އަޅުގަނޑުމެން މަސްވެރިންނަށް ފައިސާ ދިނުމަށްވެސް ކިހިނެއްތޯވީ؟ އަޅުގަނޑުމެންނާ ހަވާލުވީއިރުގައި ވަރަށް ބޮޑު ބެކްލޮގެއް އޮތީ. ދެން އަޅުގަނޑުމެން އެ ކްލިއަރކުރީ. ދުއިސައްތަ ފަންސާހެއްހާ މިލިއަން ރުފިޔާ އޮތީ، ސަރުކާރާ ހަވާލުވިއިރުގައި މަސްވެރިންނަށް ނުދީ. ދެން އަޅުގަނޑުމެން ވަރަށް މަސައްކަތުން އެ ޕޭކުރީ. އަނެއްކާވެސް ބެކްލޮގެއް އައީ. އަނެއްކާ އެ ކްލިއަރ ކުރަން އެތައް ދުވަހެއް ނެގި. އަނެއްކާ ބެކްލޮގެއް. މިހެންދިޔައޭ ގާތްގަނޑަކަށް ސާދަވަރަކަށް މަސްދުވަސް. އެހެންނޫންތޯ؟ މިދިޔަ އަހަރުގެ ޑިސެންބަރު 10އާ ހަމައަށް އައިއިރުގައި އަޅުގަނޑުމެން މިކަން ހަމައަކަށް މި އެޅުވީ. ބެކްލޮގް ކްލިއަރކޮށްދީ، ދެން އެ ދުވަހުން ފެށިގެން މިހާރު މަސްވެރިންނަށްވެސް މިދެނީ ބަރާބަރަށް އެއްވެސް މެދުކެނޑުމެއްނެތި ފައިސާ ދެމުން. އެ ހިސާބަށް ގެންދެވޭނެއޭ، މި ޕެންޑިންގ ބިލްސްތައްވެސް. މި ބެކްލޮގް ކްލިއަރކޮށް ނިންމަނީ މިހާރު މި. ނިމޭނެ މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ. ނިމޭއިރުގައި ދެން ފަށައިގަންނައިރުގައި، އެކަހަލަ އެއްވެސް ކަހަލަ ބެކްލޮގެއް ނެތި ފަށައިގަތީމާ، އެ ޚިޔާލުފާޅުކުރެއްވި ބޭފުޅާގޮތަށް، ކުދިކުދި މަސައްކަތްކުރާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާ ދިނުމުގައި އަޅުގަނޑުމެންގެ އަމާޒަކީ، ބަރާބަރަށް އޮންޓައިމް ފައިސާ ދޫކުރުން. ގިނަވެގެން 7 ދުވަސްތެރޭގައި، ނޫނީވިއްޔާ އެންމެ ގިނަވެގެންވެސް 14 ދުވަހުގެ ތެރޭގައި ދޫކުރުން. އެހެންވީމާ، އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަކީ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ހަވާލުވީއިރުގައި އިޤްތިޞާދު އޮތް ޙާލަތު. ބަޖެޓް މެނޭޖްކޮށްފައި އޮތް ޙާލަތު. ބަޖެޓް މެނޭޖްކޮށްފައި އޮތީ، ސަޕްލިމެންޓްރީ ބަޖެޓުވެސް ފާސްނުކޮށް، ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްގެން ކުރަންޖެހޭ ކަންކަންވެސް ކޮށްފައި. އެހެންނޫންތޯ؟ އެކަހަލަގޮތަކަށް ނޫންތޯ ސަރުކާރު މެނޭޖްކޮށްފައި އޮތީ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ކަމެއް ހަމައަކަށް މި އެޅުވީ. އަޅުވައި ނިންމައިގެން މިހާރު މި ދެން ރައިޓް ޓްރެކަށް މިދަނީ ދޮގެއްތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން މިދަނީ. ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ ހަމަ ވަރަށް އުފާވެރި ދުވަސްތައް.

އަދިވެސް އެއްފަހަރު، މައްޗަންގޮޅީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަ ވިދާޅުވި ކޮންމެ ކަމަކަށް ސީރިއަސްކަމާއެކީ އެޓެންޑްވާނަން. އަޅުގަނޑުމެންގެ އުފަލަކީ ރައްޔިތުންގެ ޚިޔާލުތަކަށް، ތިޔަ ދެއްވި ވަގުތާ އެއްވަރަށް އެޓެންޑްވުން. އެ ޒިންމާ އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު. އަޅުގަނޑުމެންގެ ޓީމުގެ ޒިންމާއެއް އެއީ. މަސްއޫލިއްޔަތު. އެކަންކަމަށް ސީރިއަސްކަމާއެކީގައި، ވީ އެންމެ ފުރިހަމައަކަށް އެޓެންޑްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެމުން، އަދިވެސް އެއްފަހަރު، މައްޗަންގޮޅީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ.