ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"ގެ ނަމުގައި، މިއަދުން ފެށިގެން އޮފީހެއް އުފައްދަވައި، އެ އޮފީހަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކި އޮފީހެއް މި އުފެއްދެވީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ތަރިކައާއި، ދިވެހި އާދަކާދައާއި ޘަޤާފަތާ ގުޅޭގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ ޤައުމީ ދާރުލްއާޘާރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒަކީ، މިއަދުން ފެށިގެން ވަކި އޮފީހެއްގެ ހައިސިއްޔަތު ލިބިފައިނުވާ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބަލަހައްޓަވަމުން ގެންދަވާ ތަންތާނގެ ގޮތުގައިވެސްވަނީ ހަމަޖައްސަވާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ޤައުމީ އަރުޝީފަކީވެސް، މިއަދުން ފެށިގެން ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.