އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް ދެއްވި ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. ދެ ދުނިޔޭގެ ކާމިޔާބު އެންމެ ހެޔޮގޮތުގައި ހޯދާނޭ ގޮތް އުނގަންނަވައިދެއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ މާތް ދީނުގެ އުޞޫލުތަކުގެ މައްޗަށް އަނބުރައިލުންކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ ޢިބްރަތްތައް ގިނަގުނައެވެ. އެ ދުވަހުއްސުރެ، 9 ޤަރުނު ފާއިތުވާން މިދަނީ، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެއެވެ. އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމާއެކުއެވެ.

ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކްމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މި ދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި، ވެރީންނާއި، ޢާލިމުންނާއި، އެދުރުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވުމުގައި ހިންމަތްކުރެއްވި ކޮންމެ މުރައްބީއެއްގެ ޛިކުރާ އައުކޮށް، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެއިން ކޮންމެ އަޚަކާއި އުޚްތަކުމެ ލަހައްޓަވައި، ދަރުމަ އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަމެވެ.

އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ނަބަވީ ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ ޢަޤީދާއާއި، ރިވެތި އުޅުމާއި، މުޢާމަލާތު ދަސްކޮށްދެއްވުމުގައެވެ. ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ. ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމެވެ. އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ.

މި ވޭތުވި 9 ޤަރުނުގެ ތެރޭ، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިޚުން އެއްބަސްވާ އެއް ޙަޤީޤަތަކީ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަމެވެ. ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ މި ދެންނެވި ރީތި ސިފަތަކާވެސް އެކުއެވެ.

އިރާދަކުރެއްވިއްޔާ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަމެވެ.

އަޅުގަނޑުމެންނާ މިއަންނަ އަހަރު ބައްދަލުކުރާނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާއެވެ. މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސްކަމާމެދަކު ޝައްކެއްނެތެވެ. މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާ ވާހަކަ މި ފުރުސަތުގައި ވަރަށް އުފަލާއެކު ދަންނަވަމެވެ.

އިސްލާމްދީންމަތީ، ﷲގެ އޯގާވަންތަކަމާއި، ބަރަކާތާއި، މަދަދާއި، ރައްކާތެރިކަންމަތީ ތާއަބަދަށް މިލޮބުވެތި ވަޠަނާއި ދިވެހިރައްޔިތުން ލަހައްޓަވާށިއެވެ! އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ޤަދަރާއި އިޙްތިރާމް އިތުރުކުރައްވާށިއެވެ! އާމީން.