ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކުރައްވައި، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ހިއްސާކުރެއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއްކަމުގައި ވިދާޅުވެ، ޙައްޤުތަކާއި މިނިވަންކަން ކުރިއެރުވުމުގައި ދިވެހިރާއްޖެ އަދާކުރާ ދައުރު ފާހަގަކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގައި ޑިމޮކްރެސީ ކުރިއަރާ ގޮސްފައިވަނީ ރައްޔިތުންގެ ސާބިތުކަމާއި، އެއްބައިވަންތަކަމާއި، ޢަޒުމް ވަރުގަދަވުމުގެ ސަބަބުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވެރިކަން ހިންގުމުގެ ކޮންމެ ދާއިރާއެއްގައިވެސް، ރައްޔިތުންގެ އަޑު އުފުލައި، ރައްޔިތުންގެ އުންމީދުތައް ބަލައިގަނެ، އެ އުންމީދުތަކުގެ އަގު ވަޒަން ކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު، ޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ތަފާތު ބަދަލުތައް ގެނައުމަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އެގޮތުން މި ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ، ހައްޤުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްކަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް މިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ބައިވެރިވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުން ދައްކުވައިދެނީ، އިސްތިޤްލާލަށް ނުރައްކާވެފައިވާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށާއި، ޑިމޮކްރަސީ ހަރުދަނާކަމާއެކު މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމަށް ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީއިން ނިންމެވީ 2007 ވަނަ އަހަރުއެވެ. އަދި ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރ 2008 ގައެވެ. މިދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގެން ދުވަސް ކަމުގައިވާތީއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ޑިމޮކްރެޓިކް ވެރިކަމެއްގެ މުހިންމުކަން ހަނދާންކޮށްދީ، ސިޔާސީ މަރުހަލާތަކުގައި ރައްޔިތުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމެވެ.