بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيِّدالمرسلين، سيِّدنا محـمَّدٍ وعلـى آلـه وأصـحابه أجمـعـين.
އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމުގައި ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާ ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، މި މުނާސަބަތުގައި، ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާގެ މުއައްސިސުން ކަމަށްވާ، ޑޮކްޓަރ އަޙްމަދު ރާޟީއަށާއި، އަލްފާޟިލް ޢަލީ ޙުސައިނަށާއި، އަލްފާޟިލް ޙަސަން ޤާސިމަށާއި، އަލްފާޟިލް އަޙްމަދު ސަލީމަށާއި، ޖަމްޢިއްޔާގެ އެހެން މެންބަރުންނަށާއި އަދި ދިވެހިބޭސްވެރިކަމުގެ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ހަމައެހެންމެ، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށްވެސް މި މުނާސަބަތުގައި، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ދަންނަވަން.
އާދެ، ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާ ރަސްމީގޮތުން އިފްތިތާޙު މި ކުރެވެނީ މިރޭ. މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އެ ޖަމްޢިއްޔާ އިފްތިތާޙުކޮށްދިނުމަކީ، އަޅުގަނޑަށް މިރޭ ލިބޭ ވަރަށްބޮޑު އުފަލެއް. އެހެންނަމަވެސް، މި ޖަމްޢިއްޔާއަކީ، މިރޭ ނުވަތަ މިއަދު އުފެދުނު ޖަމްޢިއްޔާއެއް ނޫން. މި ޖަމްޢިއްޔާ އުފެދިފައި މިވަނީ، މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން. އާދެ، 2002 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު. ޖަމްޢިއްޔާ ރަޖިސްޓަރީ ކުރައްވައި ހިންގަވަން ފެށްޓެވީއްސުރެ، އަޅުގަނޑު މިކަހަލަ ބައްދަލުވުމަކަށް އައިސްދީ، އަޅުގަނޑު ޖަމްޢިއްޔާ ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަށް، އެ ފަރާތުންވަނީ އެދިވަޑައިގެންފައި. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތްތައް ހުރިގޮތުން ވަގުތެއްނުވެގެން މިހާތަނަށް ލަސްވެގެން މިދިޔައީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރަން. އެހެންނަމަވެސް، މިރޭ މި ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އަދި މި ޖަމްޢިއްޔާގެ މުއައްސިސުންނާއި، އެހެން މެންބަރުން، އަޅުގަނޑުގެ ޢުޛުރު ޤަބޫލުކުރެއްވި ކަމަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.
އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމުގައި، މި މުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން، އެ ޖަމްޢިއްޔާގެ ފަރާތުން އަޅުގަނޑަށް ވަރަށް ރީތިކޮށް ފަރުމާކުރެވިފައިވާ ހަނދާނީ ފިލައެއްވެސް ދެއްވައިފި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ވަޒީރަކީ ހަމައެކަނި ޞިއްޙަތާބެހޭ ޚިދުމަތްތައް ދެއްވާ ބޭފުޅެއްނޫން. އޭގެ އިތުރުން، އެ މަނިކުފާނަކީ ވަރަށް މޮޅު ފަންނާނެއް. އެ މަނިކުފާނު ފަރުމާކުރެއްވި ހަނދާނީ ފިލައެއްގެ ގޮތުގައި، އަޅުގަނޑަށް މި ފިލާ ސިފަވެގެން މިދިޔައީ. އެހެންވީމާ، އެ މަނިކުފާނު ކުރައްވާފައިވާ އެ މަސައްކަތަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދެންނެވުމާއެކީގައި، ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާއިން، މި ހަނދާނީ ފިލާ މިރޭ އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، މިރޭ އަޅުގަނޑު ދައްކާ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިއަދަކީ ވަރަށް މުހިންމު އުފާވެރި ދުވަހަކަށްވާތީ، އެ ވާހަކަވެސް ދަންނަވާލަން އަޅުގަނޑު އެބަ ބޭނުންވޭ. އާދެ، މިއަދަކީ ކުޑަކުދިންގެ ދުވަސް. ކުޑަކުދިންގެ ދުވަހަކީ، އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން އުފާކުރާ ދުވަހެއް. ވަރަށް ގިނަ ބަޔަކު ޝައުޤުވެރިކަމާއެކީގައި އިންތިޒާރުވެސް ކުރާ ދުވަހެއް. އަދި މި ރޭގެ މި އުފާވެރި ބައްދަލުވުމުގައި، ބައެއް މަދަރުސާތަކުގެ ދަރިވަރުން މިތާނގައި ތިބިކަން އެއީ، އަޅުގަނޑުހިތުން މި ޖަލްސާއަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެއް. އަދި ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، އެކުދިން އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން ތިބުން އެއީވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި، އުފަލެއް އިޙްސާސްވެގެންދާ ކަމެއް. އެހެންވީމާ، މިތާ މިތިބި ދަރިވަރުންނަށާއި، ރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު އަދާކުރަން. ހަމައެއާއެކީގައި، ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ޢާއިލާތަކަށާއި އަދި ކުޑަކުދިންގެ ކަންތަކާ އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށްވެސް، މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.
އާދެ، މިރޭ ރަސްމީގޮތުން ވުޖޫދަށް މިއައި، ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާ އުފެއްދެވުމުގައި، އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އެ ބޭފުޅުން އެ އިސްނެންގެވި އިސްނެންގެވުމަށް، އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔައި، ޝުކުރު ދަންނަވަން. ދިވެހިބޭސްވެރިކަމަކީ، ޒަމާންވީ ބޭސްވެރިކަމެއް. މި ބޭސްވެރިކަން ދިރުވައި، އިތުރަށް ކުރިއަށް ގެންދެވޭނެ މަގުތައް ހޯއްދަވައިދެއްވައި، އަދި މި ބޭސްވެރިކަމަކީ ގިނަ ބައެއްގެ ގާތުގައި މަޤްބޫލު ބޭސްވެރިކަމަކަށް ހެއްދެވުމަށްޓަކައި، މި ޖަމްޢިއްޔާއިން ކުރައްވަމުން ގެންދަވާ، އަދި މުސްތަޤްބަލުގައި ކުރައްވަމުން ގެންދަވާނެ ޚިދުމަތްތަކަށް ވިސްނާލާފައި، އެ ހުރިހާ ޚިދުމަތްތަކަކަށް އަޅުގަނޑު ހަމަ މިރޭގެ މި ޖަލްސާގައި ޝުކުރު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ޖަމްޢިއްޔާއެއް އުފެދުމުން، ދިވެހިބޭސްވެރިކަމަށް އިތުރު ދިރުމެއް ލިބިގެންދާނެ. އެއިން އިތުރު ކުރިތަކެއް ފަޅާނެ. މުސްތަޤްބަލުގައި ދިވެހިންނަށް، ވަރަށް ގިނަ ފައިދާތަކެއް ކުރަމުންދާނެ. އެހެންވީމާ، ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާ އުފެއްދެވި ބޭފުޅުން އެ ނެންގެވި އިސްނެންގެވުމަކީ، އަޅުގަނޑުމެންގެ ޤައުމަށް ވަރަށް ފައިދާހުރި، ވަރަށް ބޭނުންތެރި އިސްނެންގެވުމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
އާދެ، ބޭސްވެރިކަމަކީ، ވަރަށް ޤަދީމީ މަސައްކަތެއް. އެކަން ބިނާވެފައި މި އޮންނަނީ، ޢިލްމީ ހޯދުންތަކާއި އަދި ތަޖުރިބާގެ މައްޗަށް. އިންސާނުން މި ދުނިޔެމަތީގައި އުޅެންފެށީއްސުރެ، މީހުން ބަލިވެސްވާނެ. ބަލިވީމާ، އެ ބަލިން ޝިފާ ލިބޭތޯ މަސައްކަތްތަކެއްވެސް ކުރާނެ. އެހެންވީމާ، ބޭސްވެރިކަމަކީ އިންސާނުން ދުނިޔޭގައި ދިރިއުޅެން ފެށީއްސުރެ، ހިނގަމުން އަންނަ ކަމެއްކަމުގައި އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރަންޖެހޭ.
އާދެ، ބޭސްވެރިކަން ތަފާތު ޤައުމުތަކުގައި ތަފާތު ގޮތްގޮތަށް ކުރިއަށް ގޮސްފައި އެބަހުރި. އަޅުގަނޑުމެން މިހާރު މިކިޔާ، މިޒަމާނުގެ ގޮތަށް ދަންނަވާނަމަ، ޑޮކްޓަރީ ބޭސްވެރިކަމާއި، އޭގެއިތުރުން، ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި، ތަފާތު އެހެން ބާވަތްބާވަތުގެ ބޭސްވެރިކަމަށްވެސް މަރުޙަބާ ކިޔަމުންގެންދޭ. ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި އެކަމަށް އިޝާރާތް ކުރައްވައިފި. އެ ބާވަތްބާވަތުގެ ބޭސްވެރިކަމަކީ، މިހާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވެސް ގަބޫލުކުރާ، އަދި ދުނިޔޭގެ ޤައުމުތަކުގައި ވަރަށް ބޮޑު ޝައުޤުވެރިކަމަކާ އެކީގައި ކުރިޔަށްގެންދާ ބޭސްވެރިކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެ. އާދެ، އޭގެތެރޭގައި އެބަހުރޭ، ވަރަށް ގިނަ ވައްތަރުވައްތަރުގެ ކަންތައްތައް. އޭގެތެރޭގައި، ކަށި ބޭނުންކޮށްގެން ކުރާ ބޭސްވެރިކަމެއްވެސް އޮވޭ. އަދި އެނޫންވެސް ކަންތައްތައް، ހޯމިޔޯތެރަޕީ ކަހަލަ ބޭސްވެރިކަންވެސް ހިމެނޭ. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި، އަޔުރުވެޑިކް ބޭސްފަރުވާވެސް ކުރަމުން އެބަގެންދޭ. އަދި ޔޫނާނީ ބޭހާއި، ޙަކީމީ ބޭހާ، މިހެންގޮސް އަޅުގަނޑުމެންނަށް، ނަންއިވޭ، ވަރަށްގިނަ ބާވަތްބާވަތުގެ ބޭސްވެރިކަންވެސް ދުނިޔޭގައި ތަޢާރުފްވެ، ކުރިއަށް އެބަގެންދޭ.
އެހެންވީމާ، ރާއްޖޭގައިވެސް މި ބޭސްވެރިކަން އުފެދިގެން އައިސްފައި މިވަނީ، ވަރަށް ކުރިއްސުރެ ފެށިގެން ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހޭ. އަދި ދިވެހިބޭސްވެރިކަމަކީ، ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަރުޙީބުދޭ ބޭސްވެރިކަމަކަށްވެސް ޒަމާނުއްސުރެ އޮންނަނީ ވެފައި. ޚާއްޞަކޮށް، ބައެއްކަހަލަ ބަލިބައްޔަށް ބޭސްކުރުމުގައި، ބައެއްމީހުން ޑޮކްޓަރީ ބޭސްވެރިކަމަށްވުރެވެސް ދިވެހިބޭސްވެރިކަން މޮޅުކަމަށްވެސް ބުނަމުން އެބަގެންދޭ. އެކަމަކު އޭގެ ދެން ޙަޤީޤަތެއް އަޅުގަނޑަށް އެނގެނީކީނޫން. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ދިވެހިބޭސްވެރިކަމަކީ، ދިވެހިންގެ ގާތުގައި ޒަމާނުއްސުރެ ވަރަށް މަޤްބޫލު ބޭސްވެރިކަމެކޭ. އެހެންވީމާ، އެ ބޭސްވެރިކަމުގެ މުސްތަޤްބަލެއްވެސް އޮންނަންޖެހޭނެއޭ. އަދި އެ ކުރިއަށް ގެންގޮސް، އެކަމުގެ ފެންވަރު މަތިކޮށް، އޭގެ ފައިދާތައް ޢާންމުވާ ގޮތަކަށް ކަންތައްތައް ގެންދިޔުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެން ކުރަންޖެހޭނެ ކަމެކޭ. އެހެން ދަންނަވާލަން އަޅުގަނޑު މި ފުރުޞަތުގައި ބޭނުންވަނީ.
އާދެ، ދެން ދަންނަވާލަން ބޭނުންވަނީ، ބޭސްވެރިކަމާ ބެހޭގޮތުން ބައެއްމީހުންގެ ހިތުގައި އުފެދިދާނެ ސުވާލެއް. އާދެ، އެއީ، ދީނީ ނަޒަރަކުން ބަލާއިރު، ބޭސްވެރިކަން އެއީ ކޮންކަހަލަ ކަމެއްބާވައޭ، ބައެއްމީހުން ހިތަށްއެރުން އެކަށީގެންވޭ. އަޅުގަނޑުމެން އެންމެން ހިތުގެއަޑިން ޤަބޫލުކުރާގޮތުގައި، މީހުން ދުނިޔޭގައި ދިރިދެމިތިބުމާއި، މަރުވުމާއި، ބަލިވުމާއި، ބަލިން ފަސޭހަވުމާ، މިކަންކަމަކީ اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާ ގޮތެއްގެމަތިން ހިނގަމުންދާ ކަންތައްތަކެއް. އެކަންކަމަކީ އުލޫހިއްޔަތުގެ ތެރެއިން ހިމެނޭ ކަންކަން. އިލާހުވަންތަކަމުގެ ތެރެއިން ހިނގަމުންދާ ކަންތައްތަކެއް. އެކަން އެހެން އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން ބަލިވެއްޖިއްޔާ، ބޭސްކުރަން މިޖެހެނީ ކީއްވެގެންބާވައޭ، ބައެއްމީހުންގެ ހިތަށްއެރުން އެކަށީގެންވޭ. އެހެންނަމަވެސް، ދީނީ ނަޒަރަކުން ބަލާއިރު، މިކަމާ ދޭތެރޭގައިވެސް ފުންކޮށް ވިސްނާލައިފިއްޔާ، ބޭސްކުރުމަކީ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުންވެސް އަދި މާތް ރަސޫލާގެ ސުންނަތުންވެސް ވަރަށް ޞައްޙަގޮތެއްގައި ސާބިތުވެ، އެނގިފާޅުވެގެންވޭ.
އާދެ، ދެންމެ މި ޖަލްސާ އިފްތިތާޙުކުރުމުގެ ގޮތުން، އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ކިޔަވާވިދާޅުވި އާޔަތްތަކުގެ ތެރޭގައި، އިބްރާހީމްގެފާނުގެ ވާހަކަ އެބައާދޭ. އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކެއް، ކީރިތި ޤުރްއާނުގައި މާތްﷲ އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައި އެވަނީ. އޭގައި އިބްރާހީމްގެފާނު ވިދާޅުވެފައި މިވަނީ، ތިމަންކަލޭގެފާނު ހެއްދެވީ މާތްﷲއޭ. ތިމަންކަލޭގެފާނަށް ހިދާޔަތު ދައްކަވަނީ މާތްﷲއޭ. ތިމަންކަލޭގެފާނަށް ފަރިއްކުޅުވާ ތަކެއްޗާއި، ހިއްޕަވާ ތަކެތި މިންވަރުކޮށްދެއްވައި، ރިޒްޤުކޮށްދެއްވަނީ މާތްﷲއޭ. ތިމަންކަލޭގެފާނަށް އާލާސްކަންފުޅެއް މެދުވެރިވެއްޖެނަމަ، އެއަށް ޝިފާދެއްވަނީ މާތްﷲއޭ. ތިމަންކަލޭގެފާނު ދިރިދުނިޔޭގައި ލަހައްޓަވަނީ، އަދި ތިމަންކަލޭގެފާނުގެ މަރުހިއްޕަވަނީ މާތްﷲއޭ. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް އޮޅުމެއްނެތި އެނގެން އޮތް ޙަޤީޤަތެއް. އެހެންނަމަވެސް، ދުނިޔޭގައި ކަންތައްތައް ހިނގަމުން މިދަނީ، އިލާހީ ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެމަތިން. މާތްﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ، އެ އިލާހީ ޤާނޫނުތަކުގެ ސިއްރުތައް ހޯދުމަށް. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރުގެ ބޭނުންކޮށްގެން، އަދި ތަޖްރިބާގެ އަލީގައި، ދުނިޔޭގައި ކަންތައްތައް ވަމުންދަނީ ކީއްވެގެން، ކިހިނަކުންތޯ ބަލައި، އޭގެ ސިއްރުތައް ހޯދައި، އެ ސިއްރުތައް ދެނެގަނެ، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތްކުރަން ދީނުގައި ވަނީ އަންގަވާފައި.
މިގޮތުން، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް މަސައްކަތްކުރުމަށް ދީނުގައި ވަނީ އަންގަވާފައި. ސާފުތާހިރުކަމަކީ، އޭގެ އެންމެ މުހިންމު އެއް ބިންގާ. އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންގެ ދިރިއުޅުން ބިނާވެފައި މި އޮންނަނީ، ހުރިހާ ކަމެއްގައިވެސް ސާފުތާހިރުކަމުގެ މައްޗަށް. އަޅުގަނޑުމެންގެ ހަށިގަނޑުވެސް ހުންނަންޖެހެނީ އަބަދުވެސް ސާފުކޮށް، ރީތިކޮށް. އަޅުގަނޑުމެން ބޭނުންކުރާ ފޭރާން، އަޅުގަނޑުމެން އަޅާ ހެދުންވެސް ހުންނަންޖެހެނީ، ރީތިކޮށް، ސާފުކޮށް، ޠާހިރުކޮށް. އަޅުގަނޑުމެން ދިރިއުޅޭ ތަނާއި، އަޅުގަނޑުމެންގެ މާޙައުލާއި، މި ހުރިހާ ތަނެއް ހުންނަންޖެހެނީ އެގޮތަށް. އަޅުގަނޑުމެން ކާންގެންގުޅޭ ތަކެއްޗާއި، ބޯންގެންގުޅޭ ތަކެތި ގެންގުޅެންޖެހެނީ ވަރަށް ސާފުކޮށް، ރީތިކޮށް.
ހަމައެހެންމެ، ޞިއްޙަތަށާއި ހަށިގަނޑަށް ގެއްލުންހުރި ތަކެތިން އަޅުގަނޑުމެން ދުރުހެލިވުމަށް ވަނީ، ދީނުގައި އަންގަވާފައި. އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމުގައިވިޔަސް ނުވަތަ އެހެން ބާވަތެއްގެ އެއްޗެއް ކަމުގައިވިޔަސް، ހަށިގަނޑަށް ގެއްލުމެއް ލިބޭ އެއްޗެއް ކެއުމަކީ، ދީނުގައި ހުއްދަކަމެއް ނޫން. ހަށިގަނޑަށް ނުވަތަ ސިކުނޑިއަށް އެއްވެސްކަހަލަ އުނިކަމެއް އަންނާނެ ދިޔާއެއްޗަކީ ނުވަތަ ދުމަކީވެސް ދީނުގައި ހުއްދަ ކުރައްވާފައިވާ އެއްޗެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް، ދީނުގައި މިއޮތީ، ވަރަށް ރަނގަޅަށް އިރުޝާދު ދެއްވާފައި. ހަމައެހެންމެ، ބަލިވެއްޖިއްޔާ ބޭސްކުރަންވެސް އޮތީ އަންގަވާފައި.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާ، އައްސަވާފައި އޮންނާނެ، ޙަދީޘެއްގައި. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވޭ، "ތިޔަބައިމީހުން ތިބި ތަނެއްގައި ޠާޢޫނުބަލި ފެށިއްޖެނަމަ، ތިޔަބައިމީހުން އެ ބިމަކުން ނުނިކުންނާށޭ. އެހެން ބިމެއްގައި ޠާޢޫނުބަލި ފެށިއްޖެކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖިއްޔާ، އެ ބިމަކަށް ނުދާށޭ". އާދެ، މިއީ ރައްކާތެރިކަމުގެ ގޮތުން، ކީރިތި ރަސޫލާ ދެއްވާފައިވާ، ވަރަށް މަތިވެރި އިރުޝާދެއް. އާދެ، އަޅުގަނޑުމެން ތިބި ތަނެއްގައި ނުރައްކާތެރި ބައްޔެއް ފެތުރިއްޖިއްޔާ، އެތަނުން ނުކުމެގެން ނުދިޔުމަށް އިރުޝާދު ދެއްވަނީ. އެއީ، އަޅުގަނޑުމެންގެ އެ ބަލި، ބޭރު ތަންތަނަށް ގެންދެވޭނެތީ. އޭގެ ޖަރާސީމު ހިފައިގެން އަޅުގަނޑުމެން އެހެން ތަންތަނަށްގޮސް، އެ ބަލި އަޅުގަނޑުމެންގެ ވާސިޠާއިން ފެތުރޭނެތީ، އެ އަންގަވަނީ، ތިޔަބައިމީހުން ތިބި ތަނެއްގައި އެފަދަ ނުރައްކާތެރި ރޯގާއެއް ފެށިއްޖިއްޔާ އެތަނެއްގައި ތިބޭށޭ. އެހެން ތަނެއްގައި އެފަދަ ނުރައްކާތެރި ވަބާއެއް ފެތުރިއްޖެކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖިއްޔާ، އެ ތަނަކަށް، ދަތުރުކޮށްފައި ނުދާށޭ. މިހިރީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ކީރިތިރަސޫލާ އަންގަވާފައިވާ ގޮތް.
ހަމައެހެންމެ، އެކަލޭގެފާނުގެ ޞައްޙަ ޙަދީޘްފުޅެއްގައި ވާރިދުވެފައިވޭ، މާތްﷲ އެ ބައްޔަކަށް ޝިފާއެއް ނުލައްވާ ބައްޔެއް ލައްވާފައެއްނުވެއޭ. މާތްﷲ އެ ބައްޔަކަށް ޝިފާއެއް ލައްވާފައިނުވާ ބައްޔެއްނުވެޔޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެންނަ ކޮންމެ ބައްޔަކީ، އަދި އެއީ އަލަށް ފެންނަ ބައްޔެއް ކަމުގައިވިޔަސް، އެއަށް ޝިފާއެއް އޮންނާނެކަން އެބަ އެނގޭ. އަޅުގަނޑުމެންގެ މަސައްކަތަކަށްވާންވީ އެ ހޯދުން. އަޅުގަނޑުމެންނަށް ދެއްވާފައި މިވާ، ވިސްނުމުގެ ބާރާއި، ސިކުނޑީގެ ބާރާއި، ޙިއްސުތަކުގެ ބާރާއި، ޢިލްމާއި، ތަޖުރިބާޔާއި، ހުނަރާއި، މި ހުރިހާ އެއްޗެއް ބޭނުންކޮށްގެން، އަޅުގަނޑުމެންވީ އެއްކަލަ ބަލީގެ ސިއްރު ހޯދަން. އެ ބަލީގެ ސިއްރު ހޯދާފައި، އެއަށް އެކަށީގެންވާ ފަރުވާއެއް ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. އެހެންވީމާ، ދީނީގޮތުންވެސް، ބޭސްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަން، ވަރަށް ރަނގަޅަށް މިކަންކަމުން އެބަ ސާބިތުވޭ.
އާދެ، ދިވެހިބޭސްވެރިކަމާއި، ޑޮކްޓަރީ ބޭސްވެރިކަމާއި، ނުވަތަ މި ދެންނެވީ، މިހާރުގެ މިޒަމާނުގެ ޑޮކްޓަރީ ބޭސްވެރިކަމާއި، އޯލްޓަރނޭޓިވް މެޑިސިންގެ ގޮތުގައި މި ބެލޭ ބޭސްވެރިކަމާ ހުރި، އެއްތަފާތަކަށް ވެދާނެކަންނޭނގެ. މި ޑޮކްޓަރީ ބޭސްވެރިކަމަކީ، ވަރަށް ބޮޑަށް ރިސާރޗް ކުރެވިގެން، ޢިލްމީ ހޯދުންތަކެއް ހޯދައިގެން، އޭގެ މައްޗަށް ބިނާވެފައިވާ ބޭސްވެރިކަމަކަށްވާކަން. އެހެންވީމާ، އަޅުގަނޑު ހިތުން ބޭނުންވަނީ، އެނޫން ބޭސްވެރިކަމުގެ ބާވަތްތައް ކުރިއަރުވާއިރުވެސް އެކަމާބެހޭ ރިސާޗް ކުރެއްވުން. ހޯދުންތައް ހޯދުން. އަޅުގަނޑުމެން ދިވެހިބޭހުގެ ގޮތުގައި މި ބޭނުންކުރާ ތަކެތީގެވެސް ހަށިގަނޑަށް ކުރާ އަސަރަކީ ކޮބައިތޯ ރަނގަޅަށް ބެލެންވެއްޖެ. ރަނގަޅަށް ދިރާސާކޮށް، ބަލައި އެކިއެކި ސާރވޭތައް ހަދައިގެން، އޭގެ ނަތީޖާ އަޅުގަނޑުމެން ހޯދަން އެބަޖެހޭ. ހޯދާފައި، އޭގެ މައްޗަށް ބިނާކޮށް، ބޭސްވެރިކަން ކުރިއަށް ގެންގޮސްފިނަމަ، ޝައްކެއްނެތް، އެއިން ލިބެންޖެހޭ ފައިދާ އަޅުގަނޑުމެންނަށް ލިބޭނެ.
އާދެ، އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، ދިވެހި ބޭސްވެރިކަން ދިރުވައި އާލާކުރުމަކީ، ދިވެހިބޭސްވެރިކަމުގެ ޖަމްޢިއްޔާއިން ކުރައްވަމުން ގެންދަވާނެ ކަމެއް. ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި އެ ވާހަކަ ވިދާޅުވެއްޖެ. ސަރުކާރުންވެސް ޑޮކްޓަރީ ބޭސްވެރިކަން ފިޔަވައި، އެހެން ހުރިހާ ބޭސްވެރިކަމަކަށްވެސް ތަރުޙީބުދޭ ވާހަކަޔާއި، އެކަން ކުރިއަރުވަން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި، ސަރުކާރަށް ވެދެވެން އޮންނަ އެހީއެއް ވެދޭނެކަމުގެ ވާހަކަ މިނިސްޓަރުވެސް ވިދާޅުވެއްޖެ. އެކަންއޮތީވެސް އެހެން. ވަރަށް ކުރިއްސުރެ ދިވެހިބޭސްވެރިން އެ ކުރައްވާ ޚިދުމަތުގެ އަގު ސަރުކާރުން މިގެންދަނީ ވަޒަންކުރަމުން. އޭގެ ދަލީލެއްގެ ގޮތުގައި ދަންނަވާލަން އޮތީ، ޢާންމު ޚިދުމަތުގެ އިނާމު ކޮންމެ އަހަރަކުވެސް ލިބިވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި، ދިވެހިބޭސްވެރިކަމުގެ ރޮނގުންވެސް ޢިނާމު ޙާޞިލްކުރައްވާ ބޭފުޅުން އެބަ ތިއްބެވިއޭ. އެހެންވީމާ، އެއީ، ސަރުކާރުން މިކަމަށްދޭ އަހަންމިއްޔަތު ބަޔާންވެގެންވާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެނޭ.
އާދެ، ދިވެހިބޭސްވެރިކަން ދިރުވައި، އިތުރަށް ތަރައްޤީކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން ވަރަށް މުހިންމު. އޭގެތެރޭގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ކަނޑައަޅުއްވަންޖެހޭ މިންގަނޑުތަކެއް ކަނޑައެޅުއްވުން ހިމެނޭ. ހަމައެހެންމެ، ދިވެހިބޭހަށް ބޭނުންވާނެ ތަފާތު ވަސީލަތްތަކާއި، ތަކެތި އަބަދުވެސް ލިބޭނެ ގޮތެއްގެ އިންތިޒާމު ހަމަޖެއްސުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް. އާދެ، ފަތްޕިލާވެއްޔާއި، އަދި އެނޫންވެސް ބޭނުންކުރާ އެއްޗެތި ރާއްޖެއިން ލިބެން ހުންނަން އެބަޖެހޭ. އޭގެތެރޭގައި، ރާއްޖޭގައި އުފެދޭ ތަކެތި ރާއްޖެއިން އުފައްދަން އެބަޖެހޭ. ރާއްޖޭގައި ނުއުފެއްދޭ ކަހަލަ އެއްޗެތި ބޭރުން ގެނެސްގެން ނަމަވެސް، އެ އަޅުގަނޑުމެންނަށް ލިބޭގޮތަކަށް އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން އެބަޖެހޭ. އަޅުގަނޑު ހިތުން މިކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އަދި ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވީމާ، އެދެވޭ ހެޔޮ ނަތީޖާ ފެނިގެން ހިނގައިދާނެ.
ހަމައެހެންމެ، ދިވެހިބޭސްވެރިކަމުގެ ފެންވަރު ހިފަހައްޓަން އެބަޖެހޭ. އަދި މަތިކުރަންވެސް އެބަޖެހޭ. ކޮންމެ ކަމަކީވެސް ތަރައްޤީކުރެވޭނެ އަދި ކުރެވެންޖެހޭނެ ކަމެއް. އެއްވެސް ކަމެއް އޮތް ފެންވަރަކަށް އަބަދަކު އެކަމެއް މިހާރަކު ދެމިއެއްނޯންނާނެ. އަދި އޮވެގެންވެސް ނުވާނެ. ކޮންމެ ކަމެއްވެސް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ދެނެގަނެ، އެ މަސައްކަތްތައް ކުރަންވާނެ. އެގޮތުން، ދިވެހިބޭސްވެރިކަމުގެ ފެންވަރު މިހާރަށްވުރެ މަތިކުރުމަށާއި، އެ ފެންވަރު ހިފެހެއްޓުމަށް ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާއިންނާއި، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރައްވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއެއް މި އުފެދެނީ، ވަރަށް މުހިންމު ރޮނގެއްގައި ޚިދުމަތް ކުރެއްވުމަށް. އެއީ ޢާންމުންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމާއި، ބޭސްފަރުވާ ކުރުމާއި، ޞިއްޙީ ހޭލުންތެރިކަން އުފެއްދުމާ، މިކަންކަން. މި ރޮނގުން މިހާރު މަސައްކަތް ކުރައްވާ، އަމިއްލަ ވަރަށް ގިނަ ފަރާތްތައް އެބަހުރި. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. މިސާލަކަށް، ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، ޑައެބެޓިކްސް އެންޑް ކެންސަރ ސޮސައިޓީ. އަދި އައި ސޮސައިޓީ އޮފް މޯލްޑިވްސް، މިކަހަލަ ޖަމްޢިއްޔާތަކެއް ރާއްޖޭގައި އުފެދިގެން، އެ ޖަމްޢިއްޔާތަކުގެ ޚިދުމަތް ޢާންމުންނަށް ލިބެމުން އެބަދޭ. އެހެންވީމާ، އެ ހުރިހާ ޖަމްޢިއްޔާތަކަކުން އެ ކުރައްވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އަޅުގަނޑު އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، މި ދެންނެވި ޖަމްޢިއްޔާތަކުގެ އިތުރުން، އަމިއްލަ އަފްރާދުންވެސް މި މަސައްކަތް އެބަ ކުރައްވާ. އޭގެތެރޭގައި، ޑޮކްޓަރުންނާއި އަދި އެނޫން ބޭފުޅުންވެސް ހިމެނޭ. މި ދެންނެވީ، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ޓެލެވިޜަނާއި ރޭޑިއޯ މެދުވެރިކުރައްވައި ތަޤްރީރުކުރައްވައި ހައްދަވާ. އަދި ނޫސްތަކުގައި ލިޔުއްވައި ހައްދަވާ. މަޖައްލާތަކުގައި ލިޔުއްވައި ހައްދަވާ. އަމިއްލަ ފަރާތްތަކުން. އެހެންވީމާ، އެބޭފުޅުން އެކުރައްވާ މަސައްކަތަކީވެސް އަޅުގަނޑުހިތުން މި ރޮނގުން ވަރަށް މުހިންމު މަސައްކަތްތަކެއް. އެކަމަށްޓަކައި، އެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ދެންމެ ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާގެ އެއް މުއައްސިސް ކަމުގައިވާ ޑޮކްޓަރ އަޙްމަދު ރާޟީގެ ވާހަކަފުޅުގައިވެސް އަދި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ޢަބްދުﷲގެ ވާހަކަފުޅުގައިވެސް އިޝާރާތްކުރެއްވި، ބައެއް ބާވަތުގެ ދިވެހިބޭސް މިހާރު އެކްސްޕޯޓް ކުރަމުންދާ ދިޔުމާ ބެހޭގޮތުން. އަޅުގަނޑުހިތުން އެއީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް އުފާކުރަންޖެހޭނެ ކަމެއް. ރާއްޖޭގެ އުފެއްދުމެއް، ދުނިޔެ ޤަބޫލުކުރާ ފެންވަރަށް އުފެއްދިގެން، ބޭރުގެ ޤައުމުތަކަށް ބޭރުކުރެވޭ ކަމަށްވަންޏާ އެއީ، ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމާ، އެކަން ކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔައި، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ދުނިޔެ ޤަބޫލުކުރާ ފެންވަރަށް، މިކަހަލަ އުނދަގޫ ދާއިރާއެއްގައި މިފަދަ ކުރިއެރުމެއް ޙާޞިލްކުރެއްވި ކަމަށްޓަކައި، އެކަން ކުރެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި އެބޭފުޅުން އެ ކުރައްވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރައްވައި، އިތުރަށް ކުރިއަށްގެންދަވައި، ރާއްޖޭގެ ބޭސް މިހާރަށްވުރެ ބޮޑަށް ދުނިޔޭގެ އެހެން ތަންތަނަށް ފޮނުއްވޭނެ ގޮތުގެ އިންތިޒާމު ހަމަޖެއްސެވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.
އާދެ، ދެން ދަންނަވާލަން އޮތީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ގޮތުން ދަންނަވާލާ ވާހަކައެއް. އެއީ، ދިވެހިބޭސްވެރިކަން ތަރައްޤީކުރެއްވުމަށް، ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާއިން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން ދެވެންހުރި އެހީތަކާއި، ކޮށްދެވެންހުރި ކަންތައްތައް ކޮށްދެމުން ގެންދާނެ ވާހަކަ. އާދެ، މިފަދަ އަމިއްލަ ޖަމްޢިއްޔާތަކުން އެ ކުރައްވާ މަސައްކަތަކީވެސް ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރައްވާ މަސައްކަތްތަކެއް ކަމަށްވާތީ، އެކަމުގައި ސަރުކާރުން ވަރަށްބޮޑަށް ބައިވެރިވާން ބޭނުން. އެހެން ރޮނގު ރޮނގުން ސަރުކާރުން ބައިވެރިވާ ފަދައިން، ބޭސްވެރިކަމުގެ ރޮނގުންވެސް އެފަދަ ޚިދުމަތް ދެއްވާ ފަރާތްތަކާ ބައިވެރިވެގެން، އެ ބޭފުޅުންގެ މަސައްކަތް ފަސޭހަކޮށް، ލުއިކޮށްދީ އަދި ކުރިއަށް ގެންދެވޭނެ ގޮތްތައް ރާވައި ހިންގައިދިނުމުގައި، ސަރުކާރުން ވެވެންއޮތް އެހީއެއްވުމަކީ އަޅުގަނޑު ހިތުން ހަމަ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި، މިނިސްޓްރީ އޮފް ހެލްތުގެ ބެއްލެވުމުގެ ދަށުން ކުރަމުން ގެންދާނެ ވާހަކަ ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން.
އާދެ އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން. އާދެ، އަޅުގަނޑުމެންގެ ހަށިގަނޑުގެ ޞިއްޙަތާއި، ސިކުނޑީގެ ޞިއްޙަތާއި، ރޫޙާނީ ޞިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، ކުރިއަށްގެންދެވޭނެ މަގުތައް އެކަލާނގެ ތަނަވަސްކޮށްދެއްވައި، އަޅުގަނޑުމެންނަށް އެކަމުގެ އިލްހާމް ދެއްވުން. ހަމައެހެންމެ، އަޅުގަނޑުމެން މި ރޮނގުން ކުރާ ހުރިހާ މަސައްކަތްތަކެއްގައި، މާތްﷲ ބަރަކާތްލައްވައި، އެކަމުގެ ކާމިޔާބު ދިވެހި ޤައުމަށް މިންވަރުކޮށްދެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.