بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދަކީ، ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ޙާދިޘާއިން اللهُ سُبْحَانَهُ وَتَعَالَى ރާއްޖެ ސަލާމަތްކުރެއްވި ކަމުގެ ހަނދާނުގައި މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ފާހަގަކުރާ ނަޞްރުގެ ދުވަސް.
ޝައްކެއްނެތް، اللهُ سُبْحَانَهُ وَتَعَالَى އެދުވަހު ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް އެ މިންވަރުކުރެއްވި މަތިވެރި ނަޞްރަކީ، ދުވަހަކުވެސް ދިވެހި ތާރީޚުން ފިލައިގެންދާނެ އެއްޗެއް ނޫން. އެ މަތިވެރި ނަޞްރު އަޅުގަނޑުމެންނަށް އެކަލާނގެ ދެއްވިކަމުގެ އުފާފާޅުކޮށް، އެކަމުގެ ހަނދާން އާކުރުމުގެ ގޮތުން، އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ނަޞްރުގެ ދުވަސް މި ފާހަގަކުރަނީ.
އާދެ، 3 ނޮވެމްބަރ 1988 އެއީ، ދިވެހި ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ލިޔެވިފައިވާ ދުވަހެއް. އެ ދުވަހުގެ ހަނދާންތަކަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެއް. އެހަނދާންތައް ފޮހެވިގެންދިޔުމަކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނޭ އަޅުގަނޑަށް ދެންނެވޭނީ. ހަމަގައިމުވެސް އެދުވަހު މާލޭގައި ހުރި މީހަކު، އެދުވަހު ރާއްޖެއަށް އެ ކުރިމަތިވި ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ ހަނދާންތައް، އެމީހެއްގެ ހިތަކުން ފިލައިގެނެއް ނުދާނެ. އާދެ، އެކަން އެހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑުމެން މިދުވަސް މިފާހަގަކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، މިއަދަކީ ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ނިޢުމަތާއި ރަޙްމަތް އަޅުގަނޑުމެންގެ ރާއްޖެއަށްވާކަން ހާމަވެގެންދިޔަ، ވަރަށް މުހިންމު ތާރީޚީ ދުވަހަކަށްވާތީ، ﷲގެ ރަޙްމަތާއި ނިޢުމަތް ހަނދާންކުރުމުގެ ގޮތުން.
އާދެ، އެދުވަހު ދިވެހިރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވީ، ދިވެހި ރައްޔިތުންނަކީ، މިނިވަންކަމަށް ލޯބިކުރައްވާ، ޤައުމުގެ ދިފާޢުގައި ހަށިގަނޑާއި ފުރާނައިން ކެރިގެން ތިބެ ޤުރްބާންވާން ތައްޔާރަށް ތިބި ބައެއްކަން. ދިވެހި ރައްޔިތުންގެ ސާބިތުކަމާއި، ދިވެހި ރައްޔިތުންގެ ޖިހާދުން މާތްﷲގެ ވާގިފުޅާއެކު އެދުވަހު ދިވެހިރާއްޖެއަށް ނަޞްރު ލިބުނީ. އެދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލަ ނެތިކޮށްލައި، މުޅި ދުނިޔެއަށް ފަޚުރުވެރިކަމުގެ މިސާލެއް ޖަހައިދިނީ.
އާދެ، ނަޞްރުގެ ދުވަހު އަޅުގަނޑުމެންގެ ހިތްތަކަށް ވަންނަ ޝުޢޫރުތައް ވަރަށްގިނަ. އަޅުގަނޑުގެ ހިތުގައި އެދުވަހާ ބެހޭގޮތުން އުފެދިފައިވާ ޝުޢޫރުތައްވެސް ހަމަ އެހާގިނަ. އަދި މިފަދަ މުނާސަބަތެއްގައި ދަންނަވާލަން ބޭނުންވާ، ވަރަށްގިނަ ވާހަކަތަކެއް ހުންނާނެކަން ތިޔަބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ. އެހެންނަމަވެސް، މިއަދުގެ ޖަލްސާ މިހާރުވެސް ވަރަށް ބޮޑަށް ދިގުވެގެން ގޮސްފައި ވުމާއެކު، އަޅުގަނޑަށް ޖެހެނީ އަޅުގަނޑުގެ ވާހަކަކޮޅު ވަރަށްބޮޑުތަން ކުރުކޮށްލަން. އާދެ، އަޅުގަނޑު ޚިޔާލުކޮށްގެން އައި ކިތަންމެ ނުކުތާއަކާ ދޭތެރޭގައި މިއަދު އެއްޗެއް ދަންނަވާލުމަކީ، ތިޔަބޭފުޅުންގެ ވަގުތު އިތުރަށް ހޭދަވެގެންދާނެ ކަމެއް. އަދި މިހާގިނަ ވަގުތު ޖަލްސާގައި ހޭދަކުރެއްވުމަށްފަހު އަދި ހަމަ އެހާގިނަ ވަގުތު އަނެއްކާ މިޖަލްސާގައި ހޭދަކުރެއްވުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު އެދޭގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާފައި، ވަރަށް މުހިންމު ދެތިން ކަމެއްގެ މައްޗަށް އެއްޗެއް ދަންނަވާލާނަން.
އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ދިފާޢުގައި، ނޮވެމްބަރު 3، 1988 އެދުވަހު ޖިހާދުކުރި ވަރަށްގިނަ ފަރާތްތަކެއްވެއޭ. އޭގެތެރެއިން އެއްބައި ފަރާތަކީ އަޅުގަނޑުމެންނަށް އެނގޭ ފަރާތްތަކެއް. އަނެއްބައި ފަރާތަކީ، އަޅުގަނޑުމެންނަށް އަދިވެސް ނޭނގޭ ފަރާތްތަކެއް. އެއީ، އަޅުގަނޑުމެން މިއަދު ހަނދާންކުރަންޖެހޭނެ ޙަޤީޤަތެއް. އެހެން މިދެންނެވީ، ޢާންމުންގެ ތެރެއިން އެދުވަހު ދިވެހި ޤައުމަށްޓަކައި، ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި މިފަސްގަނޑުގެ އަބުރަށްޓަކައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ތެރެއިން، ވަރަށްގިނަ ބޭފުޅުންގެ ނަންތައް މިޖަލްސާގައި އިވިގެން ހިނގައްޖެ. އަދި އެބޭފުޅުންނަށް ޙައްޤުވާ ހަނދާނީ ލިޔުމާއި، ހަނދާނީ އައްޑަނަ އެބޭފުޅުންނަށް ރައްދުކުރެވިއްޖެ. ހަމައެއާއެކުގައި، އެކިއެކި ތަންތާނގެ ގޮތުގައި އާދެ، އެކިއެކި އޯގަނައިޒޭޝަންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ނަންތައްވެސް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެހެންނަމަވެސް، މިކަހަލަ ކޮންމެ ކަމެއްގައިވެސް ދިމާވާ ފަދައިން، މިކަމުގައިވެސް ހިތްހަމަޖެހޭ ފަރާތްތަކާއި، ހިތްހަމަނުޖެހޭ ފަރާތްތައް ތިބޭނެ. ހުންނާނެ. އެއީ، ހަމަ ޠަބީޢީ ކަމެއް. އިމްތިޙާނުގެ ނަތީޖާ ފާޅުކުރީމާ، ކިޔަވާ ކުދިންގެ ތެރެއިން ބައެއް ކުދިން ވަރަށް އުފާވާނެ. ވަރަށް ހިތްހަމަޖެހޭނެ. އެކުދިން ދެކޭގޮތުގައި، އެކުދިން ކުރި މަސައްކަތުގެ ރަނގަޅު ނަތީޖާ އެކުދިންނަށް ވަނީ އެދުވަހު ފެނިފައި. އަނެއްބައި ކުދިން ހިތްހަމަނުޖެހޭ ގޮތެއްވާނެ. އޭގެތެރެއިން ބައެއް ކުދިންނަށް ހީވާނެ، ތިމަންނަމެން ކުރި މަސައްކަތުގެ ނަތީޖާއެއް ނުފެނުނޭ. ދިމާވި ކޮންމެވެސްގޮތަކުން މާކްސް ލިބުމުގައި، ކޮންމެވެސް އޮޅުމެއް އަރައިގެން ނަމަވެސް، އެކަށީގެންވާ ކާމިޔާބީއެއް ޙާޞިލެއް ނުކުރެވުނޭ. އާދެ، އެފަދަ ގޮތެއް މިކަހަލަ ކަންތައްތަކުގައި ދިމާވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑު އެހެން މިދަންނަވަނީ، މިއަދު އަޅުގަނޑުމެން މި ފާހަގަކޮށް، އެކިއެކި ހަނދާނީ ލިޔުމާއި ޝަރަފް އެރުވި ބޭފުޅުންގެ އިތުރަށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ޤައުމަށްޓަކައި މަސައްކަތް ކުރެއްވި އަދި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް އަޅުގަނޑުމެންނަށް ފާހަގަނުކުރެވި ދިޔުމަކީ އެކަށީގެންވާ ކަމަކަށްވާތީ. އެހުރިހާ ފަރާތްތަކެއްގެ ކިބައިން އަޅުގަނޑު އެދެނީ، ވަރަށް ދީލަތި މަޢާފަކަށް.
އާދެ، މިޖަލްސާގައި ތިޔަބޭފުޅުން ތިޔަ އެއްސެވި ފަދައިން، މިއަދު މިފާހަގަކުރެވުނީ، އެބޭފުޅުންގެ ޚިދުމަތް އަދި އެތަންތާނގެ ޚިދުމަތް، އިތުބާރުހުރި ގޮތެއްގައި ސަރުކާރަށް އެކަމުގެ މަޢުލޫމާތު ލިބިފައިވާ ބޭފުޅުންނާއި ފަރާތްތައް. އެހެންވީމާ، އިތުބާރުހުރި ގޮތެއްގައި، ސަރުކާރަށް އެބައެއްގެ ޚިދުމަތް ނުވަތަ އެބޭފުޅުންގެ ޚިދުމަތް ނުލިބިވާ ބޭފުޅުންތަކެއް ތިބުމަކީވެސް އެކަށީގެންވާ ކަމެއް. އަދި ފަރާތްތަކެއް ވުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އެފަދަ ފަރާތްތައް ދެނެގަންނާނެ ގޮތެއް ހަމަޖެހިފައި ނެތީމާ ނުވަތަ ތަނަވަސްވެފައި ނެތީމާ، އެބޭފުޅުންގެ ނަންތައް ފާހަގަނުކުރެވިގެންދިޔައީ ކަމަށް އެބޭފުޅުން ހީކުރެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.
އާދެ، ކޮންމެއަކަސް، ސަރުކާރުން ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން، ވަރަށް ގިނަ ފަރާތްތަކަކާ ގުޅައިގެން މިއަދު މި އިނާމު އަދި ޝަރަފް އެރުވި ބޭފުޅުންގެ ނަންފުޅުތަކާއި، އެބޭފުޅުންގެ ޚިދުމަތްތައް ފާހަގަކުރެވިގެން މިދިޔައީ. އާދެ، އެބޭފުޅުންގެ ޚިދުމަތްތައް ފާހަގަކުރެވުނު ކަމުގައިވިޔަސް، މިދެންނެވީ ސަރުކާރުގެ ލިޔުންތަކުން ފެންނަން ހުރި ކަމުގައިވިޔަސް، މިތާނގައި އެޚިދުމަތްތަކުގެ ވާހަކައެއް ނުދެންނެވޭ. އާދެ، އެސަބަބަކީ އެއީވެސް ޖަލްސާ ވަރަށް ދިގުވެގެންދާނެ ކަމަކަށްވާނެކަން. އެހެންވީމާ، މިތާނގައި ތިޔަބޭފުޅުން ތިޔަ އެއްސެވީ ހަމަ ބޭފުޅުންގެ ނަންފުޅުތަކާއި، އެކިއެކި އޯގަނައިޒޭޝަންތަކުގެ ނަންތައް. އޭގެއިތުރުން، އެ އޯގަނައިޒޭޝަނުން ކުރެއްވި މަސައްކަތްތަކެއް ނުވަތަ އެބޭފުޅުން ކުރެއްވި ޚިދުމަތްތަކެއްގެ ތަފްޞީލް ތިޔަބޭފުޅުންނަކަށް މިއަދު އިވިވަޑައެއްނުގަންނަވާނެ. އެއީ، ދެން މިކަހަލަ ޖަލްސާއެއްގައި އެކަން ވާނެގޮތް. އެހެންނަމަވެސް، އަޅުގަނޑު ހިތުން އެޚިދުމަތްތައް އެއީ، ދިވެހި ތާރީޚުގައި އަބަދުވެސް ލިޔެވިފައި އޮންނާނެ ނުވަތަ ހުންނާނެ ޚިދުމަތްތަކެއް.
އާދެ، މިއަދު ޝަރަފް ލިބިވަޑައިގެންނެވި ފަރާތްތަކާ ދޭތެރޭގައި ވިސްނާލާއިރު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތުން ހިމެނޭގޮތަށް، ވަރަށްގިނަ ފަރާތްތަކެއްގެ ނަން ފާހަގަކުރެވިގެން ހިނގައްޖެކަން. އޭގެތެރޭގައި އެބަ ތިއްބެވި، ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން. ސަރުކާރުގެ އެނޫން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން. ސަރުކާރުގެ ވަރަށް އާދައިގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން. އަދި ޢާންމު ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުން. އޭގެތެރޭގައި އެބަ ތިއްބެވި، ޢުމުރުން ދުވަސްވީ ބޭފުޅުން. ވަރަށް ޒުވާން ބޭފުޅުން. އޭގެތެރޭގައި އެބަ ތިއްބެވި، ވަރަށްގިނަ ޢަދަދަކަށް އަންހެން ބޭފުޅުން. އަދި ފިރިހެން ބޭފުޅުން. އެހެންވީމާ، މިއިން ދައްކާ އެއްޗަކީ، ޙަޤީޤަތުގައި އެދުވަހު ދިވެހި ޤައުމުގެ ދިފާޢުގައި، އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢުގައި، އަޅުގަނޑުމެންގެ އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތަށްޓަކައި މަސައްކަތްކުރީ ހަމަ މުޅި ދިވެހި ރައްޔިތުންނޭ. ދިވެހި ރައްޔިތުންގެ ތެރެއިން ވަކި ބައެއް ނޫނޭ.
އާދެ، މީގެތެރެއިން ބައެއް ބޭފުޅުން ޚިދުމަތް ކުރެއްވީ، އެބޭފުޅުންނަށް ޤަބޫލުކުރެއްވޭ ގޮތުގައި، އެއީ، އެބޭފުޅުން ތިއްބެވި މަޤާމުތަކުގެ ގޮތުން، އެޚިދުމަތް ކުރައްވަންޖެހޭނެތީ. އަނެއްބައި ބޭފުޅުން ޚިދުމަތްކުރެއްވީ އެގޮތަކަށެއް ނޫން. އެބޭފުޅުންނަކީ ދިވެހި މުވާޠިނުން ކަމުގައިވީތީ، ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އެމީހަކު އެދުވަހު ކުރަންޖެހޭނެ ކަމަށް ފެނުނު މަސައްކަތެއް، އެމީހަކު ކުރަމުން ގެންދިޔައީ. އެހެންވީމާ، އަޅުގަނޑު ހިތުން މިއަދު އެބޭފުޅުންގެ ނަންތައް ފާހަގަކުރެވިގެންދިޔަ ބޭފުޅުންގެ ތެރޭގައި، ބައެއްކަހަލަ މައްސަލަތަކުގައި، އެހެން ގޮތްތަކެއް ދިމާވެފައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިސާބަކަށް ތިއްބަވާނެ. އެހެންނަމަވެސް، އެދުވަހު އެމީހަކަށް ކޮންމެގޮތެއް ދިމާވެފައި އޮތް ކަމުގައިވިޔަސް، އެމީހާގެ ނަޒަރުގައި އެންމެ މުހިންމު ކަމަކީ، ޤައުމު ޙިމާޔަތްކުރުމަށްޓަކައި، ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، މަސައްކަތެއް ކުރުން ކަމަށް ފެނިއްޖެ މީހަކު، އެދުވަހު އަމިއްލައަށް ނުކުމެ، އެމަސައްކަތެއްގައި އުޅުނީ. އެހެންވީމާ، އެފަރާތްތައް މިއަދު އަޅުގަނޑުމެން މިފާހަގަކުރީ.
ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އެދުވަހުގެ މަސައްކަތުގައި އެންމެ ބުރަކޮށް އުޅުއްވި ފަރާތްތައް ވަނީ މީގެކުރިން ފާހަގަކުރެވިފައި. އާދެ، އެއީ އަޅުގަނޑުމެންގެ ސިފައިން. ސިފައިންގެ އިސް އޮފިސަރުންނާއި، ސިފައިންގެ އެހެން މީހުން. ސިފައިން ކުރި ޚިދުމަތް ވަނީ 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޤައުމީ ފެންވަރެއްގައި ފާހަގަކުރެވިފައި. ސިފައިންގެ ތެރެއިން އެދުވަހު ޚިދުމަތުގައި އެންމެ ބުރަކޮށް އުޅުނު އެންމެ އިޚްލާޞްތެރި ޚިދުމަތްތަކެއް، އެބައެއްގެ ފަރާތުން ޤައުމަށާއި ރައްޔިތުންނަށް ލިބުނު ބައެއްގެ ނަންތައް ފާހަގަކުރެވި، އެމީސްމީހުންނަށް ޙައްޤުވާ މެޑެލާއި ކުލަޔާއި ޝަރަފް ވަނީ މީގެކުރިން ދެވިފައި. މީގެކުރިން އެފަދަ ޝަރަފެއް ނުދެވި ވަނީ، ސިފައިން ނޫން އެހެން ފަރާތްތަކަށް. އެހެންވީމާ، ކުރިންވެސް އިޢުލާނު ކުރެވިފައިވާ ގޮތުގެ މަތިން، މިއަދު އެ ޤައުމީ ވާޖިބު ސަރުކާރުން މި އަދާކުރީ.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، މިއަދަކީ އަޅުގަނޑުމެން ހަނދާންނެތިގެން ދާނެ ދުވަހެއް ނޫން. މިއަދޭ މިދެންނެވީ، އެދުވަހެއްގެ ހަނދާން މިއަދު އަޅުގަނޑުމެން މި އާކުރާ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް. އެހެންނަމަވެސް، ޤައުމީ ފެންވަރެއްގައި ކޮންމެ އަހަރަކުވެސް އެކަން ހަނދާންކުރަންޖެހޭ ސަބަބަކީ، މިކަހަލަ ނުރައްކާތެރި ކަންތައްތައް އެއީ، މިއަދުގެ ދުނިޔޭގައި ޢާންމުވެފައިވާ ކަމަކަށްވާތީ، އެކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ހޭލާ ތިބެންޖެހޭނެތީ. އަޅުގަނޑުމެންގެ ޤައުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކާ ވަކިން ތަންކޮޅެއް ދުރުގައި، އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތެއް ވޭތުކުރަމުންދާ ޤައުމެއް ކަމުގައިވިޔަސް، މިއަދުގެ ދުނިޔޭގައި އުޅޭ އެކިއެކި އޮއިވަރުތަކަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ނުފޯރާނެ އޮއިވަރުތަކެކޭ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ. އޭގެ ދަލީލެއް އަޅުގަނޑުމެންނަށް މީގެ ތިން އަހަރު ކުރިން ފެނިގެން އެދިޔައީ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެކަމަކީ މިހިސާބުގަނޑުގައި އުޅޭ ހަމަނުޖެހުންގަނޑެއްގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހިންގެ ބަޔަކު، އެ ހަމަނުޖެހުން އުފައްދައިގެން އުޅޭ ބައެއް ފަރާތްތަކާ ގުޅައިގެން ހިނގި ކަމެއް އެއީ. އެހެންވީމާ، މިއަދުގެ ދުނިޔޭގައި އެކަހަލަ ބިރުވެރި ކަންތައްތައް ވަރަށް ގިނައިން ހިނގަމުން އެބަދޭ. ބަލައިލި ކޮންމެ ދިމާއަކުންވެސް އެކަހަލަ ކަންތައްތައް ފެނޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް ވަނީ އެކަހަލަ ބޮޑެތި ހަމަނުޖެހުންތައް އުފެދިފައި. ކޮންމެ ދުވަހަކު ޚަބަރުތަކުން އަޅުގަނޑުމެންނަށް އެނގޭ، އެތައް ބަޔަކު މަރުވެގެންދާކަން. އެތައް ބައެއްގެ ލޭ އޮހޮރިގެންދާކަން. އެތައް ތަނެއް ހަލާކުވެ، ވަރަށް ނުރައްކާތެރި ކަންތައްތަކެއް ހިނގަމުންދާކަން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި އެކަންތައްތައް އެހެންވަމުން އެބަދޭ. އެހެންވީމާ، މިއަދުގެ ދުނިޔޭގައި ގުޅުންތައް އޮތްގޮތުން އަޅުގަނޑުމެންގެ ރާއްޖެއާއި ބޭރު ދުނިޔެއާ ވަރަށް ބޮޑަށް ގުޅިފައިވާތީ، އެކަންތައްތަކުގެ އަސަރު އަޅުގަނޑުމެންގެ ރާއްޖެއަށް ނުފޯރާ ދާނެ ކަމަކަށް ހީކުރާކަށް ނުވާނެ. އަބަދުވެސް އަޅުގަނޑުމެން ޖެހޭނީ އެކަމަށް ވިސްނައި، އެކަމަށް ހޭލާ ތިބެން. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅުގަނޑުމެން އަޅަމުން ގެންދަންވާނީ.
އާދެ، ބައެއް މީހުން އަޅުގަނޑާ ކުރާ ސުވާލެއް އޮވޭ. ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި، ނޮވެމްބަރު 3ގެ ކަންތައްތަކާ ބެހޭގޮތުން ކުރާ ސުވާލުތަކުގެ ތެރޭގައި، ބޭރުގެ ބައެއް ނޫސްވެރިން ބުނެއުޅޭ. މިކަމަކީ ރާއްޖޭގެ ދާޚިލީ ކަމެއްހޭ؟ ރާއްޖޭގެ އެތެރޭގައި ހިނގާ ކަންތައްތަކެއްގެ ސަބަބުން ވެގެންދިޔަ ކަމެއްހޭ؟ އެއީ، މިސާލަކަށް، ސަރުކާރުން ހަމަނުޖެހޭ ކަންތައްތަކެއް ކުރަމުން ގެންދާތީ، އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި ބަޔަކު ނުކުމެގެން ކުރި ކަމެއްހޭ މިއީ؟ އަޅުގަނޑު އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައިފިން. އޭރުވެސް ވިސްނިން. އަދި މިހާރުވެސް ވިސްނަން. އެހެންނަމަވެސް، ހަމަ އިޚްލާޞްތެރިކަމާއެކު ދަންނަވަންޖެހެނީ، އަޅުގަނޑަކަށް އެއްގޮތަކަށްވެސް ޤަބޫލެއްނުކުރެވެއޭ، ނޮވެމްބަރު 3ގައި އެ ނުރައްކާތެރި ކަންތައްތައް އެ ހިންގި ބަޔަކު އެ ހިންގީކީ، ރާއްޖޭގެ ކަންތައްތައް އިޞްލާޙުކުރުމުގެ މަޤްޞަދުގައެކޭ. އިޞްލާޙުގެ މަޤްޞަދުގައި ކަންތައް ކުރާ ބަޔަކު އެގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ. ރޭގަނޑު އެންމެން ނިދާފައި ތިއްބާ، ދަންވަރު ރަށަކަށް އަރައި، އެގޮތްމިގޮތަށް ބަޑިޖަހަމަކުން ނުގެންދާނެ. އެތައް ބަޔަކު މަރަމަކުން ނުގެންދާނެ. އެއްވެސް ކުށެއް ނެތް މަޢުޞޫމް އެތައް ބައެއްގެ ލެއެއް ނުއޮހޮރުވާނެ. އަދި އަޅުގަނޑުމެންގެ އެންމެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަނުގެ ޙުރްމަތް ކަނޑައެއްވެސް ނަހަދާނެ. އިޞްލާޙު ކުރަން ބޭނުންވާ ބަޔަކު، އިޞްލާޙު ކުރަން ބޭނުންވާ ކަމެއް، އިޞްލާޙު ކުރުމުގެ މަގު، ޤާނޫނީގޮތުން ހަމަޖެހިފައި އޮންނާނެ. އޮމާންކަމާއެކީގައި، ޞުލްޙަވެރިކަމާ އެކީގައި އެމަގުން ހިނގައިފިނަމަ، އެބަޔަކު އެ އިޞްލާޙު ކުރަން ބޭނުންވާ ކަމެއް އިޞްލާޙުވެގެންދާނެ. އެހެނެއް ނޫން އެދުވަހުވީކީ. މިތާނގައި ވާހަކަފުޅު ދެއްކެވި ބައެއް އެހެން ބޭފުޅުންވެސް ވިދާޅުވިގޮތުގައި، އެއީ، ބައެއްގެ އަމިއްލަ އެދުން، ޤައުމުގެ މަޞްލަޙަތަށްވުރެ ކުރިއަށް ޖެއްސުމަށްޓަކައި ބަޔަކު ކުރި ކަމެއް. އެކަހަލަ މީހުންނަކީ ދުނިޔޭގައި އަބަދުވެސް އުޅޭނެ ބައެއް. ވަކި މިޒަމާނަކު ނޫން. އަޅުގަނޑުމެންގެ ތާރީޚުގައިވެސް އެކަހަލަ އެތައް ބަޔަކު ފާހަގަވެގެންވަނީ ގޮސްފައި. ރާއްޖެއަށް ޚިޔާނަތްތެރިވި، އަމިއްލަ އެދުން ކުރިއަށް ނެރުމުގެ ސަބަބުން ރާއްޖެއަށް ހިތާމަތައް ކުރިމަތިވި އެތައް ބަޔަކު އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަވެގެން ގޮސްފައިވޭ. އެހެންވީމާ، މިއީ އެކަހަލަ ކަމެއް. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތަކެއް ގޯސްކޮށް ހުރެގެން، އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައި، ބަޔަކު ރާވައިގެން ހިންގި ކަމެއް ނޫން. އެއީ، އަޅުގަނޑުމެން ފަހަރެއްގައިވެސް ޤަބޫލުކޮށްގެން ވާނެ ކަމެއް ނޫން.
ކޮންމެއަކަސް، އެދުވަހު ކުއްލިއަކަށް އެދިމާވި ޙާދިޘާގައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު ހުރި ތަނެއްގައި ހުރެގެން ކަންތައްތަކެއް ކުރަން އޮތީ ޖެހިފައި. އެދުވަހު ކަންދިމާވިގޮތުން އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެޔޮފުޅުކަމުންނޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އަޅުގަނޑަށް ހުރެވުނީ މިހާރުވެސް މިހުރި މަޤާމުގައި. ރާއްޖޭގެ ރައީސްގެ މަޤާމުގައި. އެމަގާމުގައި ހުންނަ މީހަކު، ޤައުމަށް އެކަހަލަ ކަމެއް ކުރިމަތިވެއްޖެނަމަ، ކަންތައް ކުރަންޖެހޭނެގޮތް އެއީ، އެއްވެސް ފޮތެއްގައި ލިޔެވިފައިވާ އެއްޗެއް ނޫން. އެއީ، އެއްވެސް ފިލާވަޅަކުން ބަޔަކަށް ދަސްވާނެ އެއްޗެއް ނޫން. އެވަގުތަކު އެމަޤާމުގައި ހުރި މީހަކު ޖެހޭނީ އެމީހެއްގެ ވިސްނުން ފޯރިވަރަކުން ވަގުތުން ފިޔަވަޅު އަޅަން. އެކަހަލަ ނާޒުކު ދަނޑިވަޅަކާ އަޅުގަނޑަށް ކުރިމަތިލާންޖެހުނީ. އެ ދުވަހު ﷲގެ ނިޢުމަތާއި ރަޙްމަތުން ކަންތައް ކުރެވުނުގޮތް، އަޅުގަނޑު ހިތުން ފަހުން ސާބިތުވިގޮތުގައި ވަރަށް ރަނގަޅު. ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރެވުނު. ރާއްޖޭގެ ރައްޔިތުން ދިފާޢުކުރެވުނު. އަޅުގަނޑުމެންގެ މާތްވެގެންވާ ދީން ރައްކާތެރިކުރެވުނު. ބޭރުގެ ޢަދުއްވުންގެ އަތްމަތިން ދިވެހި ފަސްގަނޑު ސަލާމަތްކުރެވުނު.
އެދުވަހު އަޅުގަނޑު ނިންމަންޖެހުނު އެންމެބޮޑު އެއްކަމަކީ، ބޭރުގެ އެހީއަށް އެދޭނީތޯ ނުވަތަ ނޫންތޯ؟ މި ސުވާލުގެ ޖަވާބު ހޯދުން. އަޅުގަނޑު މަޝްވަރާކުރާނެ މާގިނަ ފަރާތްތަކެއް އެވަގުތަކު އެތާކު ނެތް. ރޭގަނޑުގެ ފަތިހުގެ އެވަގުތުގައި، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މަގުމަތީގައި ބަޔަކު ބަޑިހިފައިގެން ދުވެ ބަޑިޖަހަމުން ގެންދާއިރަކު، ޖަލްސާއެއް ނުކުރެވޭނެ. ވަޒީރުންގެ މަޖިލީހެއް ނުބޭއްވޭނެ. ރައްޔިތުންގެ މަޖިލީހެއް ނުބޭއްވޭނެ. އަދި އެނޫންގޮތަކުންވެސް އަޅުގަނޑު މަޝްވަރާ ކުރަން ބޭނުންވާ ބޭފުޅުންކޮޅަކާ މަޝްވަރާއެއް ނުކުރެވޭނެ. ކުއްލިއަކަށް ގޮތެއް ނިންމަންޖެހެނީ. އެހެންވީމާ، އަޅުގަނޑަށް ފެނުނީ، އެދުވަހު ބޭރުގެ އެހީއަށް އެދެން. އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް ނޭނގެ، އެދުވަހު އަޅުގަނޑުމެންނަށް އެވަގުތުގައި ކުރިމަތިލާން މިޖެހޭ ދުޝްމަނުންގެ ބާރުހުރިވަރަކީ ކޮބައިކަމެއް. ކިތައް މީހުންކަމެއް އައިސްގެން އުޅެނީ. ކޮންކަހަލަ ހަތިޔާރުތަކެއް ކަމެއް ގެންގުޅެނީ. އެމީހުންގެ ފަހަތުގައި ތިބީ ކޮންބައެއް ކަމެއް އެއްގޮތަކަށްވެސް ނޭނގޭ. އެކަން ސާފުވަންދެން ނުވަތަ އޮޅުންފިލަންދެން ފިޔަވަޅެއް ނާޅައި ހުރެއްޖެނަމަ، ދެން ދިމާވާނީ ކޮންފަދަ ނުރައްކަލަކާ ކަމެއްވެސް އެވަގުތަކު އަޅުގަނޑަކަށް އެއްގޮތަކަށްވެސް ވިސްނާކަށް ނޭނގުނު. ނުވެސް އެނގޭނެ. އެހެންވީމާ، އެހެން ތަރައްދުދުގައި ވަކިގޮތެއް ހަދަން ނުނިންމައި، ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި، ﷲގެ ޙަޟްރަތަށް އިޢްތިމާދުކޮށް ވަކީލުކޮށް، އަޅުގަނޑު ނިންމީ ބޭރުގެ އެހީއަށް އެދެން. އޭގެ ނަތީޖާ ކޮންމެގޮތަކަށްދިޔަ ކަމުގައިވިޔަސް، އެކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އަޅުގަނޑުގެ ބޮލުގައި އެޅުމަށް ތައްޔާރުވެހުރެ.
އާދެ، ކޮންމެއަކަސް އެގޮތަށް ނިންމި ނިންމުމާ ގުޅިގެން، ބޭރުގެ ފަރާތްތަކާ ގުޅިން. އަޅުގަނޑު ގުޅީކީ ހަމައެކަނި އިންޑިޔާ ސަރުކާރަކާ ނޫން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކުރިންވެސް މިވާހަކަ ދެންނެވިފައި އޮތުން އެކަށީގެންވޭ. އަޅުގަނޑުމެންނާ ރަޙްމަތްތެރިކަން އޮންނަ ވަރަށްގިނަ ޤައުމުތަކާ އަޅުގަނޑު ގުޅިން. އޭގެތެރޭގައި، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމު ކަމުގައިވާ އެމެރިކާއާވެސް އަޅުގަނޑު ގުޅިން. އެމެރިކާ ސަރުކާރާ. އިނގިރޭސިވިލާތާ އަޅުގަނޑު ގުޅިން. ސިންގަޕޫރާ ގުޅިން. މެލޭޝިޔާއާ ގުޅިން. އިންޑިޔާއާ ގުޅިން. ޕާކިސްތާނާ ގުޅިން. ޝްރީލަންކާއާ ގުޅިން. މިހުރިހާ ފަރާތްތަކުގެ އެހީއަކަށް އެދުނިން. އެއްގޮތަކަށްވެސް އޭގެ ބޭނުމަކީ، އެ ހުރިހާ ފަރާތްތަކުން އަޅުގަނޑުމެންގެ ދިފާޢުގައި ސިފައިން ފޮނުއްވައިދެއްވުމެއް ނޫން. އެއީ، އެވަގުތު އެހެން އެދޭއިރު، ކޮންބަޔަކަށްކަން ވަގުތުން އާދެވޭނީ އެއީ، އެއްގޮތަކަށްވެސް އަޅުގަނޑަށް އެނގޭ އެއްޗެއް ނޫން. އެހެންވީމާ، އެހުރިހާ ފަރާތްތަކަކާ ގުޅީމާ، ވަރަށް އަވަހަށް ހަމަޖެހިގެންދިޔައީ، އިންޑިޔާގެ އެހީ ލިބޭ ގޮތަކަށް. އެކަން އެހެން އެ ހަމަޖެހުނީ، އިންޑިޔާއަކީ އަޅުގަނޑުމެންނާ ވަރަށް ކައިރީގައި އޮންނަ އަދި އެޤައުމެއްގެ ޢަސްކަރީ ޤާބިލިއްޔަތު، އެހެން ޤައުމުތަކަށްވުރެ މަތީ ފެންވަރެއްގައި ހުރި ޤައުމަކަށްވާތީ. އެހެން އެއްވެސް ޤައުމަކަށް އަޅުގަނޑުމެންނާ ހަމަޔަކަށް އެހާ އަވަހަކަށް އާދެވޭފަދަ ފެންވަރެއްގައެއް ނޫން، އެހެން ޤައުމުތަކުގެ ޢަސްކަރީ ބާރުތައް އޮތީކީ. އެހެންވީމާ، އިންޑިޔާގެ އެހީ އަޅުގަނޑުމެންނަށް އެހާ އަވަހަށް ލިބުނީ. އިންޑިޔާއިން އެހީ ފޮނުވާކަން އެނގުމާއެކީގައި، އެހެން ހުރިހާ ފަރާތްތަކަކުންވެސް އެކަމަށް ތާއީދުކުރި. މިއީވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް. އެއީ، ބައެއް މީހުން ހީކޮށްފާނެ، އިންޑިޔާ އެމީހުންގެ އަމިއްލަ ބާރު ގަދަކުރަންވެގެން އަވަހަށް މިތަނަށް އައީއޭ. އެގޮތަށް އެ ދުވަސްވަރު ކިތަންމެ ބަޔަކު ހީކުރި. ވާހަކަވެސް ދެކެވުނު. އެހެންނަމަވެސް، އަޅުގަނޑަށް އޭގެ ޙަޤީޤަތް އެނގޭ. އެހެނެއްނޫންކަން އެކަންވީކީ.
އިންޑިޔާގެ ސިފައިން ރާއްޖެއަށް އައީ، އެމެރިކާއާއި އިނގިރޭސީންގެ ފުރިހަމަ އެނގުމާއި، އެމީހުންގެ ތާއީދާވެސް އެކީގައި. އިނގިރޭސިވިލާތަށްވެސް އެކަން އޮތީ އެނގިފައި. އެމެރިކާއަށްވެސް އޮތީ އެނގިފައި. ސިންގަޕޫރަށް، މެލޭޝިޔާއަށް، އެ ހުރިހާ ތަނަކަށް އޮތީ އެނގިފައި. ޝްރީލަންކާއަށްވެސް އޮތީ އެނގިފައި. އެހެންވީމާ، އެމީހުންނަށް އެކަން އޮތީ އެނގިފައި. އަދި އެމީހުންގެ ތާއީދުވެސް އެކަމަށް ލިބުނު. އެއީ، ރާއްޖޭގައި އޮތީ ޤާނޫނީ ސަރުކާރަކަށްވާތީ. ރާއްޖޭގައި އޮތީ ޤާނޫނާ ޚިލާފަށް އުފެދިފައިވާ ސަރުކާރެއްނަމަ، އެއްވެސް ފަރާތަކުން އެހީއެއްނުވީސް. އެހެންނަމަވެސް، އެމީހުން ދެކޭގޮތުގައިވެސް ރާއްޖޭގައި އޮތީ ޤާނޫނީ ސަރުކާރެއް. ރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބު ކުރެވިފައި ހުރި ރައީސެއް، ރައީސްކަމުގެ މަޤާމުގައި ހުރީ. އަދި އެމީހަކު، ޤާނޫނުގައިވާ ގޮތުގެ މަތިން އުފައްދާފައިވާ ސަރުކާރެއް ރާއްޖޭގައި އޮތީ. އެހެންވީމާ، ޤާނޫނީ ސަރުކާރެއް އޮތް ތަނަކުން ބޭރުގެ އެހީއަކަށް އެދިއްޖެނަމަ، އެހީ ލިބުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެކަން އެހެން އޮތުމާ އެކީގައި، އަޅުގަނޑު މިދެންނެވިހެން މިހުރިހާ ފަރާތްތަކުން ވާހަކަވެސް ދައްކާފައިވާ ކަމަށް އަޅުގަނޑަށް ފަހުން އެނގުނީ. ވާހަކަވެސް ދައްކާފައި، އިންޑިޔާ ސިފައިން ދިޔުމުން، ކަންތައް ހަމަޖެހޭނެ ކަމަށް ވިސްނިގެން، އެހެން އެއްވެސް ފަރާތަކުން ދެން އެހީއެއް ނުފޮނުވީ. ހުރިހާ ކަމެއް ނިމިގެންދިޔައީވެސް ހަމަ އެގޮތަށް. އިންޑިޔާ ސިފައިން ފުރަތަމަ އައިއިރުވެސް، އެރޭ އެއީ، ނޮވެމްބަރު 3 ވަނަ ދުވަހުގެރޭ މެންދަމުން އަލިވިފަހުން. އެހެންވީމާ، އެއޮތީ 4 އަށް އަޅާފައި. އެރޭ ފަތިހު އަޅުގަނޑު ސީދާ އިންޑިޔާގެ ބޮޑުވަޒީރާ ފޯނުން ވާހަކަ ދެއްކިން. ވާހަކަ ދައްކައިގެން، އެއްބަސްވެފައި އޮތީ، އަޅުގަނޑު އެދުނުހާ އަވަހަކަށް، ދިވެހި ސަރުކާރުން އެދުނުހާ އަވަހަކަށް އިންޑިޔާ ސިފައިން ފައިބައިގެންދާ ގޮތަށް. އިންޑިޔާ ސިފައިން ފޮނުއްވީވެސް ހަމަ އެގޮތަށް، އެ އެއްބަސްވުން އެހެން އޮވެގެން. އެއީ، ލިޔުމުން އޮންނަ އެއްބަސްވުމެއް ނޫން. އެއީ، ވާހަކަ ދައްކައިގެން އޮންނަ އެއްބަސްވުމެއް. ކޮންމެހެން އެއްބަސްވުމަކީ އެއީ ލިޔުމުން އޮންނަންޖެހޭނެ އެއްޗެއް ނޫން. އެގޮތަށް އެއްބަސްވެގެން އިންޑިޔާ ސިފައިން ރާއްޖެއައީ. ހަމަ އެގޮތަށް، ކަންތައްތައްވެ ނިމިގެންދިޔައީވެސް. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރި، ދެން އެމީހުން ފައިބައިގެނެއް ނުދާނޭ. ކުލީ ސިފައިންގެ އަތްދަށުން ސަލާމަތްވެގެން މިދިޔައީ މާބޮޑު ބާރެއްގެ އަތްދަށަށޭ. އެހެން ހީކުރި މީހުންވެސް ތިބި. އެހެންނަމަވެސް، އަޅުގަނޑު އެއްގޮތަކަށްވެސް އަޅުގަނޑުގެ ހިތުގައި އޮތް ޔަޤީންކަމަކަށް ބުރުލެއްނާރާ. އިރާދަކުރެއްވީތީ ހުރިހާ ކަމެއްވެސް ހަމަ ރޭވިގެންދިޔަ ގޮތަށް ދިޔައީ. އިންޑިޔާ ސިފައިންވެސް ދިވެހި ސަރުކާރުން އެދުނު އެންމެ އަވަހަކަށް ރާއްޖެ ފައިބައި، ރާއްޖެ ދޫކޮށްފައި ދިޔައީ.
އެހެންވީމާ، އަޅުގަނޑުމެން މިއަދު މިތިބީ ހަމަ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި. އެއްގޮތަކަށްވެސް އެހެން ބައެއްގެ ނުފޫޒު އަޅުގަނޑުމެންގެ މައްޗަށް ފޯރާ ނުވަތަ ހިނގާ ޤައުމެއްގެ ގޮތުގައެއް ނޫން. އެހެން ދެންނެވި ކަމުގައިވިޔަސް، މިއަދުގެ ގުޅުންތަކަކީ ވަރަށް ޚާއްޞަ ގޮތަކަށް އޮންނަ ގުޅުންތަކެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޮންމެ ޤައުމެއްވެސް އެހެން ޤައުމުތަކާ ސިޔާސީގޮތުން ގުޅިފައި އޮންނަ ގުޅުމާއި، އިޤްތިޞާދީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ގުޅިފައި އޮންނަ ގުޅުމާ، މި ގުޅުންތަކުގެ އަލީގައި ކޮންމެ ބަޔަކުވެސް، އެބައެއްގެ ސިޔާސަތު ކަނޑައަޅަނީ. އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތު ކަނޑައަޅާއިރުވެސް ކަނޑައަޅަނީ މިކަންތައްތަކަށް ބަލާފައި. އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ކަމެއްނުކުރާނަން، އެކަމެއްގެ ސަބަބުން ދިވެހިރާއްޖެއަށް، ރާއްޖޭގެ ސިޔާސީ މިނިވަންކަމަށް ނުވަތަ ރާއްޖޭގެ އިޤްތިޞާދަށް ނުވަތަ ވިޔަފާރިއަށް ނުވަތަ ރާއްޖޭގެ ކުރިއެރުމަށް އެއްވެސް ގެއްލުމެއް ލިބޭގޮތަކަށް.
އާދެ، އެއީ އަޅުގަނޑު އެދުވަހު ނިންމަންޖެހުނު އެންމެ މުހިންމު އެއް ނިންމުމަކީ. ދޭތެރެދޭތެރެއިން އެސުވާލު އަޅުގަނޑާ ކުރެވޭ. އަދި ތާރީޚަށްޓަކައި އެކަން ރައްޔިތުންނަށް ހާމަކޮށްދީފައި ބާއްވަންވެސް އަޅުގަނޑު ބޭނުން.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، މިއަދުގެ ވަގުތު އަޅުގަނޑުމެންނަކަށް ތަނެއްނުދޭ، މާގިނައިރު ދެން މި ޖަލްސާގައި ތިބޭކަށެއް. އެހެންވީމާ، ދެން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން ޤަޞްދުކުރަނީ. އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާއިރު، ދަންނަވަން ބޭނުންވާ އެއް ނުކުތާއަކީ، މިއަދުގެ ދުނިޔޭގައި ކަންތައްތައް ހުރިގޮތުން، ބޭރު ޤައުމުތަކާ ގުޅާއިރު ނުވަތަ ބޭރުގެ އެކިއެކި ޖަމާޢަތްތަކާ ގުޅައިގެން އެކި ކަންތައްތައް ކުރާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވާނޭ. އަޅުގަނޑުމެން އެފަދަ ގުޅުންތައް ބަހައްޓަންވާނީ، އެއްވެސް ޙާލެއްގައި ދިވެހިރާއްޖެއަށް ގެއްލުމެއްނުވާގޮތަކަށޭ. އެއީ، ހަމައެކަނި ސަރުކާރުން ބޭރު ދުނިޔެއާ ގުޅާއިރު ވިސްނަންވީ ނުކުތާއެއް ނޫން. އަޅުގަނޑުމެން އަމިއްލަ އަފްރާދުން، އެކި ކަންކަމުގައި، ވިޔަފާރީގެ ކަންކަމުގައި ގުޅާއިރުވެސް ނުވަތަ އެނޫން ކަމެއްގައި ބޭރުގެ ފަރާތްތަކާ ގުޅައިގެން މަސައްކަތް ކުރާއިރުވެސް، އެނުކުތާ އަޅުގަނޑުމެންގެ ހިތުގައި ބާއްވަންވާނެ. އެހެންނޫނީ ވާގޮތަކީ، ބޭރު މީހުންނަށް އަޅުގަނޑުމެންގެ ރާއްޖެއާ ބެހުމަށް ފުރުޞަތު ދެވެނީ. ދާދިފަހުން އެކަހަލަ ކަންތައްތަކެއް ހިނގައިފި.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ނޭދެވޭ ޢަމަލުތަކެއް ވަނީ ކުރެވިފައި. އާދެ، މާލޭގައި ޓެރަރިޒަމްގެ ޙަރަކާތްތަކެއް ބަޔަކު މީހުން ހިންގި މިދިޔަ އަހަރު. ތަންތާނގައި ރޯކޮށް، ބައެއް ތަންތާނގައި ބޮމް ބަހައްޓައިގެން ގޮއްވާ، އަދި އެކަމަށް ރާވައި މިކަހަލަ ކަންތައްތަކެއް ހިންގި. އެހެންވީމާ، ރާއްޖޭގެ ދިފާޢުގައި، ރާއްޖެ ސަލާމަތްކުރުމަށްޓަކައި، ތަނުގެ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހުނު. އެ ފިޔަވަޅުތަކުގެ ތެރޭގައި، އެކަން ކުރާ މީހުން ހިފައި ހައްޔަރުކޮށް، އެމީހުންނާ ބެހޭގޮތުން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ. އެމީހުން ހެދިގޮތަކީ، އެމީހުންނާއި އެމީހުންގެ ޢާއިލާތައް ބޭރުގެ ފަރާތްތަކާ ގުޅަން ފެށީ. އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދޭ ކަމަށް ދަޢުވާކުރާ ބޭރުގެ އެކިއެކި ޖަމާޢަތްތަކާ ގުޅައިގެން، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށެއްނުހިތައޭ، މީހުން ހިފައި ހައްޔަރުކޮށް ގެންދަނިއްޔޭ ކިޔައިގެން، އެއްވެސް ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނޭ އެކަން ކުރަނީކީ ކިޔައިގެން، މިކަހަލަ ވާހަކަތަކެއް ބޭރުގެ ޖަމާޢަތްތަކަށް ހުށަހަޅައި ހެދި. އެމީހުންނަށް ވާނެގޮތަކީ، އެކަހަލަ ވާހަކަތަކެއް އެނގުނީމާ، އެމީހުންނަށް ޤަބޫލުކުރެވޭނީ. އެވާހަކަ ދައްކާނީ. އެހެންނަމަވެސް، ޙަޤީޤަތުގައި އެއްގޮތަކަށްވެސް އެކަންދިޔައީކީ އެހެނެއް ނޫން. ކުށް ނުކުރާ މީހަކު ހައްޔަރެއް ނުކުރޭ. އަދި ތުހުމަތެއް ވެގެން މީހަކު ހައްޔަރުކުރެވުނު ކަމުގައިވިޔަސް، އެމީހަކާ ބެހޭގޮތުން ތަޙްޤީޤު ހިންގާފައި، އެމީހެއްގެ ކުށެއް ސާބިތުނުވާ ކަމަށްވަންޏާ، އެމީހަކު ވަނީ ވަގުތުން ދޫކޮށްލެވިފައި. އެގޮތުގެ މަތިން، މިދިޔަ އަހަރުގެ މިދެންނެވި ކަންތައްތަކުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރެއްވި ވަރަށްގިނަ ބަޔަކު މިއަދު ވަނީ ދޫވެގެން ގޮސްފައި. އެމީހުންނާ ބެހޭގޮތުން އިތުރު ކަމެއް ނުހިނގާ. އެމީހުން އެތިބީ މިނިވަން ދިވެހި ރައްޔިތުންގެ ގޮތުގައި. އެހެންނަމަވެސް، އެކަހަލަ ދަނޑިވަޅެއްގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަންޖެހޭނެކަން އެއީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނެ ކަމެއް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން ކުރާނީ އެހެން.
ދެން ކުށް ސާބިތުވި މީހުންގެ މައްސަލަ ޤަވާޢިދުން ޝަރީޢަތަށް ހުށަހެޅިގެން، ޝަރީޢަތަށް ސާބިތުވެގެން އެމީހުންނަށް އަދަބު ދެވެމުންދަނީ. އެއާ ޚިލާފަށް، އެއްވެސް ކަމެއް ނުހިނގާ. އަދި ތަޙުޤީޤުގެ ތެރޭގައިވެސް، ދުނިޔޭގެ އެހެން ތަންތާނގައި ހިނގާކަހަލަ ނޭދެވޭ ކަންތައްތަކެއް މި ރާއްޖެއަކު ނުހިނގާ. އަޅުގަނޑު ހަމަ ފުރިހަމަ ޔަޤީންކަމާއެކު އެވާހަކަ ދަންނަވަން ކެރިދާނެ. އެއީ، ބައެއް ތަންތާނގައި ސިޔާސީ ކުށް ކީއްކުރަންތޯ، އާދައިގެ ކުށްކުށް ކުރާ މީހުންވެސް މިސާލަކަށް، ވައްކަންކުރާ މީހުންވެސް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް، އެމީހުން ފުލުހުންނާ ހަމަޔަށް ދާއިރު އޮންނާނީ އެމީހުންނަށް ވާނެގޮތެއް ވެފައި. އަތުލައިގަންނަ މީހުން އެމީހުންނަށް ވަރަށް ބޮޑަށް އަނިޔާކުރޭ. އަދި ފުލުހުންވެސް އެހާ އަނިޔާކުރޭ. ފުލުހުންގެ އަނިޔާވެރިކަން އެއީ، ހަމައެކަނި ކުދިކުދި ޤައުމުތަކުގައި ފާހަގަކުރެވޭ ކަމެއް ނޫން. އެއީ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް. އެމެރިކާގައިވެސް، އިނގިރޭސިވިލާތުގައިވެސް، ފަރަންސޭސިވިލާތުގައިވެސް. އެކަމަކު އެކަހަލަ ކަންތައްތަކެއް މިރާއްޖެއަކު އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުކުރަމު. އެހެންނަމަވެސް، މިއާޚިލާފަށް، މީހުން ވާހަކަ ފަތުރާ ހަދާނެ. ބޭރު ތަންތަނާ ގުޅައިގެން ރާއްޖެ ބަދުނާމުކޮށް، ސަރުކާރު ބަދުނާމުކޮށް، މިހެން ހެދުމަށްޓަކައި މިކަހަލަ ކިތަންމެ ވާހަކައެއް ހަދައިގެން ބޭރުގެ ފަރާތްތަކަށްދީ ހަދާ. އެހެން ހެދުމުން ވާގޮތަކީ، އަޅުގަނޑު މިދަންނަވާ ގޮތް. އަޅުގަނޑުމެންގެ ކަންތައްތައް ބޭރު ބައެއްގެ އަތްމައްޗަށް ދޫކުރެވެނީ. އެބަޔަކު އަޅުގަނޑުމެންގެ ތެރެއަށް އައިސް، އެބައެއްގެ ނުފޫޒު އަޅުގަނޑުމެންގެ ތެރޭގައި ހިންގޭގޮތް ވަނީ. އެއީ، އަޅުގަނޑު ދަންނަވާނީ، އެކަން ދިމާވެފައިވާ ބަޔަކަށް ވަގުތީގޮތުން ފައިދާހުރި ކަމެއް ކަމުގައި އެމީހުން ދުށްކަމުގައިވިޔަސް، އޭގެ އާޚިރު ނަތީޖާއަކަށްވާނީ، ސަރުކާރަށާއި ރައްޔިތުންނަށް އެއިން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުން. ޤައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުން. ޤައުމުގެ މިނިވަންކަމަށް، ޤައުމުގެ އިސްތިޤްލާލަށް ކޮންމެވެސްވަރެއްގެ ހުރަހެއް އެޅޭގޮތްވުން.
އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އެދުމަކީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ބޭރުގެ ފަރާތްތަކާ އެކިއެކި ގުޅުންތައް ބަހައްޓާއިރު، އެއްގޮތަކަށްވެސް މި ދެންނެވި ކަހަލަ ގޮތަކަށް އެގުޅުންތައް ނުގެންދިޔުން. އަޅުގަނޑުމެންގެ ރާއްޖޭގެ މަޞްލަޙަތަށް އަބަދުވެސް ވިސްނައިގެން، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމަށާއި، އަޅުގަނޑުމެންގެ ހަމަޖެހުމަށާއި، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް އޮތްގޮތަށް ވިސްނައިގެން އެކަހަލަ ގުޅުންތައް ބެހެއްޓުން.
އާދެ، މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަމުންވެސް، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޝަހީދުވެގެންދިޔަ އެންމެންގެ ފުރާނަޔަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އެމީހުންގެ ފުރާނައިން ރާއްޖެއަށްޓަކައި ޤުރުބާންވެގެންދިޔަކަން އެއީ، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރާނެ ކަމެއް. އެމީހުންގެ ލޭތައް އޮހޮރިގެން އެދިޔައީ ޤައުމުގެ ދިފާޢުގައިކަން، ރައްޔިތުންގެ ސަލާމަތަށްޓަކައިކަން އެއީ، އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާންނައްތާލައިގެން ވާނެ ކަމެއް ނޫން. ހަމައެއާއެކުގައި، އެ ޝަހީދުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީއާއި އިޙްސާންތެރިކަމުގެ ޝުޢޫރުތައް މިއަދުވެސް އަޅުގަނޑުމެން ފާޅުކުރަން. އެޝުޢޫރުތައް އެއީ، މުޅި ދިވެހި ރައްޔިތުން އަބަދުގެއަބަދަށް ފާޅުކުރާނެ ޝުޢޫރުތަކެއް ކަމުގެ ޔަޤީންކަން، ޝަހީދުންގެ ޢާއިލާތަކަށް އަޅުގަނޑު އަރުވަން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މިނިވަންކަންމަތީ ލެހެއްޓެވުން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އަލީގައި އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތަކައިގެން ކުރިއަށްދާދިޔުމުގައި، ބޭރުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނާންނާނެ ގޮތެއްގެ މަތިން ކަންތައްތައް އެކަލާނގެ މިންވަރުކުރެއްވުން. ދިވެހި ރައްޔިތުންނާއި ސަރުކާރާއި ޤައުމުގެ އިޞްލާޙަށްޓަކައި އަދި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ ހުރިހާ މަސައްކަތެއްގައި އެކަލާނގެ ބަރަކާތް ލެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.