بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް. ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު މިދަންނަވާ ތަހުނިޔާއާއި މުބާރަކްބާދީގައި ރާއްޖޭގެ އެންމެހާ ރައްޔިތުން ހިމަނަން. ރާއްޖޭގައި ތިބި މީހުންނާއި، ދިރިއުޅުމުގެ އެކި ކަންކަމުގައި ނުވަތަ އެނޫންވެސް އެހެން ބޭނުންތަކުގައި ރާއްޖެއިން ބޭރުގައިވާ ދިވެހިންވެސް މިތަހުނިޔާއާއި މުބާރަކްބާދީގައި އަޅުގަނޑު ޝާމިލްކުރަން.

އާދެ، ދުވަހަކީ ޤައުމީގޮތުން ބަލާއިރު މުހިންމު ދުވަހެއް. އެދުވަހު އަޅުގަނޑުމެން ޚިޔާލުކޮށް ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެބަހުރި. އޭގެތެރެއިން ވަރަށް މުހިންމު ބައެއް ކަންތައްތަކާ ދޭތެރޭގައި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުން ވަރަށް ފުރިހަމަގޮތެއްގައި ބައްލަވައިލައްވައިފި. ޖުމްހޫރީ އުޞޫލުގެ މާނަ. ކީއްވެގެންކަން ޝާހީ ވެރިކަމަކުން ޖުމްހޫރީ ވެރިކަމަކަށް ދިވެހި ވެރިކަން ބަދަލުވެގެންދިޔައީ. އަދި އެކަން ދެފަހަރަކަށް އެހެންވާން ދިމާވި ސަބަބު. އަދި ރަސްކަމާއި ޖުމްހޫރީ ވެރިކަމާ ހުރި ތަފާތު. އެހެންކަމުން، އެކަންކަމާ ދޭތެރޭގައި އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަން ކަމަށްވާތީ އަދި ރައްޔިތުން އެދޭގޮތަށް ހިންގާ ވެރިކަމެއް ކަމަށްވާތީ، އެބޭފުޅުންގެ ވާހަކަފުޅާ ގުޅިގެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުން.

އާދެ، ރައްޔިތުންގެ ވެރިކަމުގެ މާނައަކީ ކޮބައިތޯ؟ ރައްޔިތުންގެ ވެރިކަމުގެ މާނައަކީ، ކޮންމެ ކަމަކާ ބެހޭގޮތުންވެސް ހުރިހާ ރައްޔިތުން ޚިޔާލުފާޅުކޮށް، އެމީހުންނަށް ފެންނަގޮތަށް ކަންތައް ކުރުންތޯ؟ ނުވަތަ ރައްޔިތުންގެ ވެރިކަމަކީ، އެހެން ކުރެވޭނެ ކަމަކަށް ނުވާތީ، އެހެން ގޮތަކަށް އޮންނަ ކަމެއްތޯ؟ މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއް.

އާދެ، ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެހެންނަމަވެސް، ރައްޔިތުންގެ އެންމެން، އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް ހުއްޓާލާފައި، ދައުލަތް ހިންގުމާބެހޭ ކަންކަމުގައި ކޮންމެ ދުވަހަކު ބައްދަލުކޮށް، ހުރިހާ ކަމެއް ގެންދާނެގޮތާ ދޭތެރޭގައި ވާހަކަދައްކައި، ގޮތްތަކެއް ކަނޑައެޅުމަކީ އެކަށީގެންވާ ކަމެއްނޫން. އެއީ، މުސްތަޙީލު ކަމެއް. އެހެންވީމާ، ރައްޔިތުންގެ ވެރިކަން ބިނާވެފައި އޮންނަނީ ރައްޔިތުން އިންތިޚާބުކުރާ ބައެއް، އެމީހުންނަށް ޤާނޫނު ލިބިދީފައިވާ ބާރުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ނިންމުމުގެ މައްޗަށް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަން އޮތީ އެހެން. އަޅުގަނޑުމެންގެ ރާއްޖޭގައި ހުންނަ އެންމެމަތީ ވެރިޔަކީ، ރައްޔިތުން ސީދާ އިންތިޚާބުކުރާ މީހެއް. އެމީހަކު ރައްޔިތުން އިންތިޚާބު ކުރަނީ ވަކި މުއްދަތަކަށް. އެ މުއްދަތުގެ ތެރޭގައި، ރާއްޖޭގެ ޤާނޫނުއަސާސީއާއި، އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ވެރިކަން ހިންގަމުން ގެންދިޔުމަށްޓަކައި. ހަމައެއާއެކީގައި، ރައްޔިތުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އިންތިޚާބުކުރޭ، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން. އެމެމްބަރުންނަކީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި އެކިއެކި ޤާނޫނުތައް ހެދުމަށް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ބައެއް. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އަދި އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ތަޞްދީޤުކުރާ ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން، ވެރިކަން ހިންގަންޖެހެނީ.

އެހެންވީމާ، ރައްޔިތުންގެ ވެރިކަމަކީ، މިދެންނެވި އުޞޫލުން ހިނގާ ކަމެއް. ރައްޔިތުން އިންތިޚާބުކުރާ ބަޔަކު، އެތަނެއްގައި ހަމަޖެހިފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ވެރިކަމެއް.

އާދެ، މިވާހަކަ އަޅުގަނޑު ދަންނަވާލަން މިޖެހެނީ، ބައެއް ކަންތައްތަކާ ދޭތެރޭގައި ރައްޔިތުންގެ މެދުގައިވެސް ޚިޔާލުތަފާތުވުން ހުންނާނެ. ސަރުކާރުން އެކަމެއް ގެންދާގޮތަކާ ދޭތެރޭގައި ރައްޔިތުންގެ ބަޔަކު ނުރުހިފައި ތިބެދާނެ. އެހެންކަމަށްވަންޏާ، އެބަޔަކު ބުނެފާނެ، ސަރުކާރުން މިވެނި ކަމެއް އެގެންދަނީ ރައްޔިތުން އެދޭގޮތަކަށެއް ނޫނޭ. އެހެންވީމާ، ޖުމްހޫރީ ވެރިކަމެއް ކަމުގައިވިޔަސް، އެއޮތީކީ ޙަޤީޤީ ރައްޔިތުންގެ ވެރިކަމެއް ނޫނޭ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ އެއީ، ވަރަށް ބޮޑު އޮޅުމެކޭ. ނުވަތަ އޮޅުވާލުމެކޭ. އެއީ، ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުންގެ ވެރިކަން މިހިންގަނީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކު، ތަނުގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އަދި އޭގެ މައްޗަށް. ރާއްޖޭގައި ނަމަ، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން. އެގޮތަށް ކަންތައް ހިންގަމުންގެންދާ ކަމުގައިވަނީނަމަ، އެ ވާނެ ރައްޔިތުންގެ ވެރިކަމަކަށް. ސަރުކާރުން ގެންދާ އުޞޫލުތަކާ ޚިލާފުވާ މަދުބަޔަކު ތިބިކަމުގައިވިޔަސް، އެތަންކޮޅު އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ. ރައްޔިތުންގެ ވެރިކަމުގެ ވާހަކަ ދައްކާއިރު.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިފަދަ މުހިންމު ޤައުމީ މުނާސަބަތަކީ، ޤައުމީ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރަންޖެހޭނެ މުނާސަބަތެއް. މިހާރު ކަންތައްތައް ވަމުންދާގޮތާއި އަދި މުސްތަޤްބަލްގައި އަޅުގަނޑުމެން ކަންތައް ކުރަން ބޭނުންވާގޮތާ ދޭތެރޭގައި ވިސްނަންޖެހޭނެ މުނާސަބަތެއް. އަދި އެމުނާސަބަތަކީ ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި، މުޅި އުންމަތުގެ މަޞްލަޙަތަށްޓަކައި މަސައްކަތް ކުރުމުގެ އާ ޢަޒުމްތަކެއް ކަނޑައަޅަންޖެހޭނެ މުނާސަބަތެއް.

އާދެ، މިގޮތުން އަޅުގަނޑުމެން ވިސްނާލާއިރު، ޤައުމަށް ޚިދުމަތް ކުރުމަކީ، ކޮން ފަރާތެއްގެ ކަމެއްތޯ ބަލައިލަން އެބަޖެހޭ. ޤައުމަށް ޚިދުމަތް ކުރުމަކީ، ކުރިން ދެންނެވި އުޞޫލުން ރައްޔިތުން އިންތިޚާބުކުރާ ފަރާތްތަކުގެ ވާޖިބެއް އެކަނިތޯ، ވިސްނާލަން އެބަޖެހޭ. ނުވަތަ ޤައުމަށް ޚިދުމަތް ކުރުމަކީ، އެ ޤައުމަކަށް ނިސްބަތްވާ އެންމެންގެ ވާޖިބެއްތޯ. ޝައްކެއްނެތް، ޤައުމަށް ޚިދުމަތް ކުރުމަކީ، އެޤައުމަކަށް ނިސްބަތްވާ އެންމެންގެ ވާޖިބެއް. އޭގެތެރޭގައި ސަރުކާރު ހިމެނޭ، ސަރުކާރު ނޫން އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހިމެނޭ. އަމިއްލަ އަފްރާދުން ހިމެނޭ. މިއީ އަޅުގަނޑުމެން ދަންނަންޖެހޭނެ ކަމެއް. ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ ޤައުމުގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީކޮށް، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، ކަންތައްތައްކޮށް، އެހުރިހާ ކަމެއް ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ނުވަތަ ޒިންމާ ބޮލުގައި އަޅަންޖެހޭ ފަރާތަކީ ހަމައެކަނި ސަރުކާރޭ. އެކަން އޮތީކީ އެހެނެއްނޫން. އޮންނަންޖެހޭނީކީވެސް އެހެނެއްނޫން. ޤައުމަށް ޚިދުމަތް ކުރުމަކީ އެންމެންގެ ވާޖިބެއް. ކޮންމެ މީހަކަށްވެސް، އެމީހެއްގެ ދާއިރާގައި، އެމީހަކަށް ލިބިފައިވާ ޤާބިލިއްޔަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކިތަންމެ ފުރިހަމަކޮށްވެސް ޤައުމަށް ޚިދުމަތް ކުރެވިދާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތަކުވެސް، އެއީ ފިރިހެނަކު ކަމުގައިވިޔަސް، އަންހެނަކު ކަމުގައިވިޔަސް، ޒުވާނަކު ކަމުގައިވިޔަސް، މުސްކުޅިޔަކު ކަމުގައިވިޔަސް، އަދި ކީއްތޯ، ކުޑަކުއްޖަކު ކަމުގައިވިޔަސް، ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި، އެމީހަކަށް ބާރުފޯރާ މިންވަރުން ނުވަތަ އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ޤައުމަށް ޚިދުމަތް ކުރަންވާނެ. އޭރުން ޤައުމު ކުރިއަށްދާނީ. އަޅުގަނޑުމެން އެދޭ އަމާޒުފަތްގަނޑުތަކާ ހަމައަށް އަޅުގަނޑުމެންނަށް ދަތުރުކުރެވޭނީ.

އާދެ، މިއަދަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް 23 އަހަރު ފުރޭ ދުވަސް. މި ޖުމްހޫރިއްޔަތުގެ ޢުމުރުން 24 ވަނަ އަހަރާ ކުރިމަތިލާ ދުވަސް. އަދި މިއަދު މި ދިމާވަނީ، އަޅުގަނޑު މި މަޤާމުގައި ހުންނަތާ 13 އަހަރު ހަމަވެގެން، 14 ވަނަ އަހަރަކާ ކުރިމަތިލާ ދުވަހާ. އަޅުގަނޑަށް ދަންނަވަން ޖެހެނީ، މިއީ ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް މުހިންމު ދުވަހެކޭ. އެހެންވީމާ، ދިވެހި ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ތާއީދާއި އިތުބާރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަދި މާތްﷲގެ ވާގިފުޅާއި، އެކަލާނގެ ހެޔޮ ތައުފީޤާއެކު، އަޅުގަނޑު މިމަޤާމުގައި ހުރެގެން 14 ވަނަ އަހަރަކާ ކުރިމަތިލާ ދުވަހު، އަޅުގަނޑުގެ ހިތުގައި އާވެގެންދާ ޢަޒުމްތަކެއްގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

އާދެ، މިގޮތުން އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ތިން ކަމެއްގެ ވާހަކަ. އޭގެތެރެއިން ފުރަތަމަ ކަމަކީ، އަޅުގަނޑުމެން ސަރުކާރުގެ ފެންވަރުގައިވެސް، އަދި އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުގެ ފެންވަރުގައިވެސް އަދި ރައްޔިތުންގެ އަމިއްލަ އަފްރާދުންގެ ފެންވަރުގައިވެސް، އަޅުގަނޑުމެން ކުރާ ކަންތައްތަކުގަޔާއި، ހިންގާ މުޢާމަލާތުތަކުގައި ޤައުމުގެ މަޞްލަޙަތު ކުރިއަށް ނެރެންޖެހޭނެއޭ. އާދެ، ޤައުމުގެ މަޞްލަޙަތު އެއީ ކޯއްޗެއްތޯ؟ "މަޞްލަޙަތު" އެ ލަފްޒު އެއީ، އަޅުގަނޑު ހިތުން ބައެއް މީހުންނަށް ހިސާބަކަށް ނަމަވެސް އޮޅިފައިވާ އެއްޗެއް. މަޞްލަޙަތަކީ ހެޔޮގޮތް. ރަނގަޅުގޮތް. ޤައުމުގެ މަޞްލަޙަތަކީ ޤައުމަށް ރަނގަޅުވާނެ ގޮތް. ޤައުމަށް ފައިދާކުރާނެ ގޮތް. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުގެ ފެންވަރުގައި ކުރާ ކަންތައްތަކުގައިވެސް، އަދި އަމިއްލަ ރައްޔިތުން، އެމީހުންގެ އަމިއްލަ ފެންވަރުގައި ކުރާ ކަންތައްތަކުގައިވެސް، ސަރުކާރުން ކުރާ ކަންތައްތަކުގައިވެސް، ޤައުމުގެ މަޞްލަޙަތު އޮތީ ކޮންގޮތެއްގައިކަން ސަރުކާރުން ވިސްނަންޖެހޭނެ. އަދި އަމިއްލަ އަފްރާދުން، އެމީހުންގެ އަމިއްލަ ކަންތައްތައް ކުރާ ކުރުމުގައިވެސް، ޤައުމުގެ މަޞްލަޙަތު އޮތީ ކޮންގޮތެއްގައިކަން ވިސްނަންޖެހޭނެ. އަދި އެގޮތަކަށް ސަރުކާރުންވެސް އަދި އަމިއްލަ އަފްރާދުންވެސް އަދި އެނޫން ފަރާތްތަކުންވެސް، މިދެންނެވީ ވަކިން އުފެދިފައިވާ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކާއި އަދި އެނޫންވެސް ފަރާތްތައް، ވިޔަފާރިކުރާ ތަންތަނާއި، އެހުރިހާ ތަނަކުންވެސް ކަންތައް ކުރަންޖެހޭނީ މިދެންނެވި އުޞޫލުގެ މަތިން.

އާދެ، އަޅުގަނޑުމެން މިހާރު މިތިބީ ބޭރު ދުނިޔެއަށް ނުކުމެފައި. ބޭރު ދުނިޔޭގެ ޙަރަކާތްތަކުގައި އަޅުގަނޑުމެން މިގެންދަނީ ބައިވެރިވަމުން. އ.ދ. މަޖިލިސްގެ މެމްބަރެއް ދިވެހިރާއްޖެއަކީ. ވަކިފަރާތަކަށް ނުޖެހޭ ޖަމާޢަތުގެ މެމްބަރެއް ދިވެހިރާއްޖެއަކީ. އިސްލާމީ ކޮންފަރެންސްގެ މެމްބަރެއް ދިވެހިރާއްޖެއަކީ. ކޮމަންވެލްތުގެ މެމްބަރެއް ދިވެހިރާއްޖެއަކީ. އަދި ސާރކުގެ މެމްބަރެއް ދިވެހިރާއްޖެއަކީ. އަދި ބައިނަލްއަޤްވާމީ މިނޫންވެސް އެހެނިހެން ޖަމާޢަތްތަކާއި، ސަރަޙައްދީ ޖަމާޢަތްތަކުގެ މެމްބަރެއް ދިވެހިރާއްޖެއަކީ. އެހެންކަމުން، އަޅުގަނޑުމެން މިދެންނެވި ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދާއިރުވެސް ޤައުމުގެ މަޞްލަޙަތު އޮތީ ކޮންގޮތަކަށްތޯ ވިސްނާފައި، އެގޮތަކަށް އަޅުގަނޑުމެން ޢަމަލުކުރަންޖެހޭނީ. ޤައުމުގެ މަޞްލަޙަތު އޮތްގޮތެއް ބަލާއިރު، އެގޮތަކީ ޤައުމުގެ ޤަދަރު އުފުލޭގޮތް ކަމުގައި ވާންޖެހޭނެ. ބޭރު ދުނިޔޭގައި އެކިއެކި ކަންތައްތައް ހިންގާއިރު، ރާއްޖޭގެ ޤަދަރު އުފުލޭނީ ކޮންގޮތަކަށްތޯ ބަލާފައި، އެގޮތަކަށް އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނީ. މިދެންނެވީ ރަސްމީ ސިފައެއްގައި ކުރާ ކަންތައްތަކުގައިވެސް އަދި އަޅުގަނޑުމެން އަމިއްލަ އަފްރާދުންގެ ގޮތުގައި ހިންގާ އެކިއެކި މުޢާމަލާތުތަކުގައިވެސް މިކަމަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ.

އާދެ، އަޅުގަނޑުމެންނަކީ ކުރިން ދެންނެވި ފަދައިން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެކިއެކި ޖަމާޢަތްތަކުގައި ބައިވެރިވެފައިވާ ޤައުމެއް. އަދި އެ ޖަމާޢަތްތަކުގައި އަޅުގަނޑުމެންނާ އެކަށީގެންވާ މިންވަރަކަށް ޙަރަކާތްތެރިވަމުންދާ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އަޅުގަނޑުމެންގެ ޤައުމަށް ރަނގަޅުވާނީ ކޮންގޮތެއްތޯ ވިސްނާފައި، އެކަމަކުން އަޅުގަނޑުމެންގެ ޤައުމަށް ރީތި ނަމެއް ލިބޭނީ ނުވަތަ އަޅުގަނޑުމެންގެ ޤައުމުގެ ޤަދަރު އުފުލޭނީ ކޮންގޮތަކަށްތޯ ބަލާފައި، އެގޮތަކަށް އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނީ. އާދެ، މިސާލަކަށް، ބައިނަލްއަޤްވާމީ ދާއިރާއެއްގައި ބަޙުޘްކުރެވޭ މައްސަލައަކާ ބެހޭގޮތުން ވާހަކަދައްކަން ޖެހިއްޖެނަމަ، އަޅުގަނޑުމެންގެ ޚިޔާލުފާޅުކުރުމަކަށް އަޅުގަނޑުމެން ފަސްޖެހިގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ މުސްތަޤިއްލު، ކިތަންމެ ކުޑަ ނަމަވެސް، އަމިއްލަވަންތަ ޤައުމެއްކަން އަޅުގަނޑުމެން ސާބިތުކޮށްދޭންޖެހޭނެ. އެހެން އެއްވެސް ބަޔަކު ބުނާގޮތަކަށް، މަޖުބޫރުން އަޅުގަނޑުމެން އެއްޗެއް ބުނެގެނެއް ނުވާނެ. އަޅުގަނޑުމެންގެ އަމިއްލަ ވިސްނުން ހުރިގޮތް ޞަރީޙަކޮށް ބަޔާންކުރުމުގެ ހިތްވަރު އަޅުގަނޑުމެންގައި ހުންނަންވާނެ. ބައިނަލްއަޤްވާމީ އެއްވެސް ޖަމާޢަތެއްގެ މަޤާމަކަށް އިންތިޚާބުވުމުގެ ފުރުޞަތު ލިބިއްޖެނަމަ، އެކަމަށްވެސް އަޅުގަނޑުމެން ކުރިމަތިލާންވާނެ. އެކަންވެސް ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ޤައުމުގެ ޤަދަރަށް އުނިކަމެއް ލިބޭނެ ކަމަކަށް ނޫނީ ނުވާނެ. އަދި ދުނިޔޭގެ އެފަދަ ތަންތާނގައި އެހެން ޤައުމުތަކަށް ލިބޭ ފެންވަރަށް އެކިއެކި ކަންތައްތައް އަޅުގަނޑުމެންނަށް ހަމަޖެހިފައި ހުންނަންވާނެ. އެނޫންގޮތަކަށް ހަމަޖެހިފައި ހުރެއްޖެނަމަ، އެކަން އިޞްލާޙު ކުރެވޭތޯ އަޅުގަނޑުމެންނަށް ވެވުނުވަރަކުން މަސައްކަތް ކުރަންވާނެ.

ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އެދޭގޮތް ބަޔާންކުރުމުގައި، އަޅުގަނޑުމެން ފަސްޖެހިގެނެއް ނުވާނެ. އާދެ، ބައެއްފަހަރަށް އަޅުގަނޑުމެންނަށް ވާގޮތަކީ އަޅުގަނޑުމެން އެދޭގޮތް ބުނަން ފަސްޖެހެވެނީ. އެއީ، އަޅުގަނޑުމެން އެގޮތް ހާމަކޮށްފިނަމަ، ދެންތިބި މީހުން، ތިޔަހެން ތިކަން ކުރެވޭކަށް ނޯންނާނެއޭ، އެހެން ބުނެފާނެތީ، އެމީހުންގެ އެ ޚިޔާލު އަޅުގަނޑުމެންނަށް ވިސްނޭތީ އަޅުގަނޑުމެންނަށް ފެންނަގޮތް ބުނަން އަޅުގަނޑުމެންނަށް ނުކެރެނީ. އެއީ، އެކަމަކު އެކަން ވާންވީ ގޮތެއްނޫން. އެމީހުން ބޭނުންވާ އެއްޗެއް ބުނުމުގެ އިޚްތިޔާރު އެމީހުންނަށް އޮންނާނެ. އެމީހުންގެ ފަރާތުން އަޅުގަނޑުމެން އެމީހުންގެ ރައުޔު ދިފާޢުކޮށްދޭކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް ޖެހޭނީ އަޅުގަނޑުމެންގެ ރައުޔު، އަޅުގަނޑުމެންގެ ޚިޔާލު ބުނެފައި، އަޅުގަނޑުމެންގެ ރާއްޖެއަށް އެދެވޭގޮތް ސާފުކޮށް ބުނަން. އޭގެފަހުގައި އެކަން އެހެންގޮތަކަށް ބަދަލުވެގެންދިޔަނަމަވެސް، އެއީކީ ދެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މާބޮޑު ވިސްނުމެއް ބަހައްޓަންޖެހޭނެ ކަމެއްނޫން.

އާދެ، އަމިއްލަ އަފްރާދުންގެ ފެންވަރުގައި ކަންތައްކުރާއިރުވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ އަޅުގަނޑުމެންގެ ރާއްޖެއަށް ރަނގަޅުގޮތް. އެގޮތަށް ވިސްނާފައި، އެއާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން ކަންތައްތައް ކުރަންވާނީ. އަޅުގަނޑުމެންގެ ރާއްޖެއަކީ މިހާރު އިޤްތިޞާދީ ގޮތުން ދުނިޔޭގެ ވަރަށް ގިނަ ތަންތަނާ ގުޅިފައިވާ ޤައުމެއް. ބޭރުގެ މީހުން ރާއްޖެއަށް އައިސް އެކި ކަންކަމުގައި އިންވެސްޓްކޮށްގެން މަސައްކަތްކުރަމުން އެބަގެންދޭ. ޚާއްޞަކޮށް، ޓޫރިޒަމްގެ ދާއިރާގައި. އަދި އެނޫން އެހެން މަސައްކަތްތައްވެސް އެމީހުން ހިންގަމުން އެބަގެންދޭ. މިކަންތައްތައް ހިންގަމުން ގެންދާއިރުވެސް އެމީހުންނާ ބައިވެރިވެގެން ކަންތައްކުރާ ދިވެހިން، އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި ގޮތް ހޯދޭތޯ ބަލަންޖެހޭނެ. އެއްވެސް ޙާލެއްގައި ބޭރު މީހުން ބޭނުންވާހާ ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ދޫކޮށްލައިގެނެއް ނުވާނެ. ރާއްޖެއިން ލިބެން ހުންނަ އިޤްތިޞާދީ ހުރިހާ ފައިދާއެއް، އެމީހުންގެ އަތްމައްޗަށް ދާގޮތަކަށް އަޅުގަނޑުމެންނަށް ރުހެވިގެނެއް ނުވާނެ. އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ މިއީ ފަސޭހަކަމެއް ނޫންކަން. އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށް ވެފައި، އަޅުގަނޑުމެންގެ ފައިސާގެ ތަނަވަސްކަމާއި، އެހެނިހެން ކަންތައްތައްވެސް ހުރިލެއް މަދުކަމުން، މިދެންނެވި އުޞޫލުން ކަންތައް ގެންދިޔުމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ނުވާނެ. އެހެންނަމަވެސް، އެގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކޭ އަޅުގަނޑު މިދަންނަވަނީ. އަދި ބޭރު މީހުންނާ ގުޅިގެން ހިންގާ ކަންތައްތަކުގައި، ދިވެހި ރައްޔިތުންނަށް ރަނގަޅުވާނެގޮތާ ދޭތެރޭގައި ވިސްނާފައި، އެގޮތަށް ކަންތައް ކުރެވޭތޯ އަޅުގަނޑުމެން ބަލަންވާނެ.

އަޅުގަނޑުމެންނަށް އެހެނެއް ނުހެދޭ. ސަރުކާރުގެ ބައެއް ފަރާތްތަކަކަށްވެސް، އެގޮތަކަށް ޢަމަލެއް ނުކުރެއްވޭ. އެއީ، ބޭރު ބަޔަކު ރާއްޖޭގައި ކަމެއް ހިންގާނަމަ، އެމީހުން އެ ދޭ ޚިދުމަތެއްގެ އަގު ރައްޔިތުންގެ އަތުން ނަގާއިރު، ކިތަންމެ ބޮޑު އަގަކަށް ނެގިޔަސް އަޅުގަނޑުމެންނަކަށް ބުނެވޭ އެއްޗެއް ނޯވޭ. ހައްތާވެސް އަޅުގަނޑުމެންނަށް ހީވަނީ އަޅުގަނޑުމެން ބުނާ އެއްޗެއް އެމީހުންނެއް ޤަބޫލެއްނުކުރާނެހެން. ދެން އެމީހުންގެ ޚަރަދުތަކާއި، އެމީހުން އެކަމަކަށް ކުރަންޖެހޭ މަސައްކަތާ، މިހުރިހާ އެއްޗަކަށް ބަލާފައި، އެއްގޮތަކަށްވެސް ދިވެހިންގެ އަތުން އެ ނަގާ އެއްޗެއް، އެއަށްވުރެ މަދުން ނަގާކަށް އެއްބަހެއް ނުވާނެހެން އަޅުގަނޑުމެންނަށް ހީވާތީ، އެވާހަކަ ނުބުނެ ދޫކޮށްލަނީ. އަޅުގަނޑު ދަންނަވަން މިއުޅެނީ އެއީކީ އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތެއްނޫނޭ. އަޅުގަނޑުމެން އެދޭގޮތް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލުއިވާނެގޮތް، ފަސޭހަވާނެގޮތް، ޚަރަދުކުޑަކޮށް ކަންތައް ކުރެވޭނެގޮތް ބުނަންޖެހޭނެ އެމީހުން ގާތުގައި. ބުނީމާ އެކަން ހަމަޖައްސައިދެވެން ނެތް ކަމަށް ބުނާނީ އެމީހުން. އެއީ، އަޅުގަނޑުމެން އިސްވެ ބުނަންޖެހޭނެ އެއްޗެއް ނޫން. ވިސްނަންޖެހޭނެ އެއްޗެއް ނޫން.

އަޅުގަނޑު އެހެން މިދަންނަވަނީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް މިގޮތަށް ކަންތައް އޮންނާތީ. އެތަނުގެ ރައްޔިތުންނަށް ޚާއްޞަ އަގުތަކެއް ކޮންމެ ތަނެއްގައިވެސް އޮވޭ. ބޭސްކުރުމުގައިވެސް އޮވޭ. ތަޢުލީމު ޙާޞިލުކުރުމުގައިވެސް އޮވޭ. އެނޫން ކަންތައްތަކުގައިވެސް އޮވޭ. ތަނުގެ ރައްޔިތުންނަށް އޮންނަ އަގަކާއި، ބިދޭސީންނަށް އޮންނަ އަގަކާ ވަރަށް ތަފާތު ބޮޑުކޮށް ބައެއް ތަންތާނގައި އެބަހުރި. ކުޑަކުޑަ މިސާލެއް ދަންނަވަންޏާ، އިނގިރޭސިވިލާތުގައި ތަޢުލީމު ޙާޞިލުކުރާއިރު، ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލުކުރާ އިނގިރޭސި ޠާލިބުންގެ އަތުން ނަގާ އަގުގެ ނުވަތަ ފީގެ ފަސްގުނަ ބިދޭސީ ޠާލިބުންގެ އަތުން ނަގާ. މިގޮތަށް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންތައް ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ހިތަށްއަރައިގެން ނުވާނެ، އަޅުގަނޑުމެން ދިވެހިންގެ އަތުން މި ނަގާ އަގޭ، ބޭރު މީހުންގެ އަތުން ނަގަންޖެހޭނީ. އެހެނެއްނޫން އެހެން ތަންތާނގައި ކަންތައް ކުރަނީކީ. އެކަން އެހެން ކުރާކަށް އަޅުގަނޑުމެން ފަސްޖެހިގެނެއް ނުވާނެއޭ އަޅުގަނޑު މިދަންނަވަނީ. އެއީ، އަޅުގަނޑުމެން އިސްކުރަންޖެހޭނީ އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތޭ، ޤައުމަށް ރަނގަޅުވާނެ ގޮތޭ. ޤައުމަށް ރަނގަޅުވާނެ ގޮތަކީ ޤައުމުގެ ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ލިބޭގޮތް.

އާދެ، ދާދި މިދާކަށް ދުވަހު ނުވަތަ އިހަކަށް ދުވަހަކު އަޅުގަނޑުމެން އުޅުނީ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާ އާދެ، "ސާރކް"ގެ 6 ވަނަ ސަމިޓް ކޮޅުނބުގައި ބޭއްވޭތޯ. އެމަސައްކަތް އަޅުގަނޑުމެން ކުރީ. އެހެންނަމަވެސް، ކަންދިމާވިގޮތުން އެސަމިޓެއް ނުބޭއްވުނު. އޭގެ ސަބަބު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެކަމާ ބެހޭގޮތުން ސްރީލަންކާ ސަރުކާރާއި ރައްޔިތުން ކުރަމުން ގެންދިޔަ މަސައްކަތް ކުރަމުން ގެންދިޔަ ގޮތުގެ ވާހަކަ. އެމީހުންގެ ޤައުމަށް ލިބޭ ޤަދަރެއް ކަމަށްވާތީ، އެކަމަށް އެމީހުން ތައްޔާރުވި ތައްޔާރުވުމާއި، އެސަމިޓް ކޮޅުނބުގައި ބޭއްވޭތޯ ކުރި މަސައްކަތާއި، އަދި އޭގެފަހުން ނުބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންނަށް ދިމާވި ކަންތައްތަކުގައިވެސް އެމީހުންގެ ޚިޔާލާއި، އެމީހުން މިކަން ދެކޭގޮތް ދިފާޢުކުރުމަށްޓަކައި މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ، މިހުރިހާ ކަމަކަށް ބަލައިލިޔަސް އެއީ، ވަރަށް ވަރުގަދަ ޤައުމީ ބިންގަލެއްގެ މަތީގައި އެމީހުން ކުރަމުންދިޔަ ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް އެނގޭނެ. އާދެ، ވަރަށްބޮޑަށް ޝްރީލަންކާ ތައްޔާރުވެފައި އޮތީ މި ސަމިޓަށް. ހުރިހާގޮތަކުންވެސް ވަރަށްގިނަ ޚަރަދުކޮށްގެން ވަރަށްގިނަ ކަންތައްތައް ކޮށްފައި އޮތް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަޅުގަނޑުމެން ފަޚްރުވެރިކަމާއެކު ދަންނަވަންޖެހޭ، މިދިޔަ އަހަރު ބޭއްވުނު ސަމިޓަށް އަޅުގަނޑުމެންގެ ރާއްޖެ ތައްޔާރުވީވެސް ވަރަށް ފުރިހަމަކޮށް. އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމަގޮތެއްގައި ސަރުކާރަށް ލިބިގެން. ސަރުކާރާ ރައްޔިތުން އެކިއެކި ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ރީތި ނަމެއް ލިބިގެންދިޔަ ގޮތަކަށް އަޅުގަނޑުމެންނަށް އެސަމިޓް ބޭއްވިގެން ހިނގައްޖެ. ހަމަ އެއާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް މޮޅަށް ޝްރީލަންކާ ތައްޔާރުވަމުން ގޮސްފައިވަނީ. އާދެ، އެމީހުންނަކީ އަޅުގަނޑުމެންނަށްވުރެ ބޮޑު ޤައުމެއް. އެމީހުންގެ ތަނަވަސްކަން އަޅުގަނޑުމެންނަށްވުރެ ބޮޑު. އެމީހުންގެ މީހުންގެ މުއްސަނދިކަންވެސް އަޅުގަނޑުމެންނަށްވުރެ ބޮޑު. ތަޢުލީމު ޙާޞިލުކޮށްފައި ތިބި ވަރަށް މަތީ ފެންވަރެއްގެ ވަރަށް ގިނަ ބަޔަކު އެތާނގައި ދިރިއުޅޭ. އެހެންވީމާ، އެކަންތައްތައް އެހެންހުރުމާއެކުގައި، އަޅުގަނޑުމެންނަށް ތައްޔާރުވެވުނު ވަރަށްވުރެ ބޮޑަށް، އެއަށްވުރެ ފުރިހަމަކޮށް އެމީހުންނަށް ތައްޔާރުވެވުން އެއީ، ހަމަ އެކަން ޠަބީޢީގޮތުންވެސް ވާނެގޮތް.

އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، އެހެންނަމަވެސް މުޅި ޤައުމުގެ ހުރިހާ ރައްޔިތުންގެ ހެޔޮއެދުމާއި އެއްބާރުލުން، އެސަމިޓް ކާމިޔާބުވުމަށްޓަކައި ޝްރީލަންކާގައި ތަމްސީލު ވެގެންދިޔަ ގޮތާއި، އަޅުގަނޑުމެންގެ ރާއްޖޭގައި ދިޔަގޮތާ ދޭތެރޭގައި ތަފާތެއް އެބަހުއްޓޭ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޝްރީލަންކާގައި ވަރަށް ބޮޑު ދާޚިލީ ހަމަނުޖެހުމެއް ހިނގަމުންދާތާ އެތައް އަހަރެއް ވެއްޖެކަން. އެ ހަމަނުޖެހުމަކީ ހަމައެކަނި ޚިޔާލުގެ ތަފާތުވުމެއް ނޫން. އެ ހަމަނުޖެހުމަކީ ވަރަށް ބޮޑު ފިތުނައެއް. އެ ހަމަނުޖެހުމުގެ ސަބަބުން ބާރުގެ ބޭނުންކޮށްގެން ވަރަށްގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ލޭއޮހޮރި، ޤައުމުގެ އެތަން މިތަން ޚަރާބުވެ ސުންނާފަތިވެގެން ގޮސްފައިވާ ހަމަނުޖެހުމެއް އެއީ. އަދި މިހާރު އިޢުލާނު ކުރެވިފައިވާ ހަނގުރާމައަކަށްވެސް އެ ހަމަނުޖެހުން ބަދަލުވެގެން ހިނގައްޖެ. ޝްރީލަންކާ ސަރުކާރުގެ ލަޝްކަރާއި، ތަމަޅަ ބާޣީންގެ ލަޝްކަރާ ދޭތެރޭގައި މިހާރުވެސް ހަނގުރާމަ ހިނގަމުން އެބަދޭ. އެހެންނަމަވެސް، ސާރކް ބޭއްވުމުގެ މައްސަލައިގައި، އެކަމަށް ހުރަސްއަޅާކަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތަމަޅަ ބާޣީންނަކީ އަދިވެސް ވަރަށް ބާރުހުރި ބައެއް. އެމީހުން ބޭނުންވާ ކަންތައްތައް މިހާރުވެސް ކޮޅުނބުގައި ކުރަމުން ގެންދޭ. ދާދިފަހަކާ ޖެހެންދެންވެސް އެމީހުން ބޭނުންވާ ކަންތައްތައް ކުރަމުން ގެންދިޔަ. ބޭނުންވި ހިނދެއްގައި، ބޭނުންވި ބޭފުޅަކު އަވަހާރަކޮށްލާ، ބޭނުންވި ތަނެއް ގޮއްވާލާ، މިކަންތައްތައް ކުރުމުގެ ކުޅަދާނަކަން އަދިވެސް އެމީހުންނަށް ލިބިގެންވާ ކަމަށް ވަރަށްގިނަ ބަޔަކު ދެކޭ. އެކަން އެހެންއޮތްއިރު، މިސަމިޓް ހުއްޓާލުމަށްޓަކައި، އެއަށް ހުރަސްއެޅުމަށްޓަކައި އެމީހުންނަށް އެގޮތުން ކުރެވިދާނެ ކިތަންމެ ކަމެއް ހުރި. އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް އެމީހުން ނުކުރި. އަޅުގަނޑު ކޮޅުނބަށް ގޮސްފައި މިއައީ. ކޮޅުނބު އޮތީ ވަރަށް ހަމަހިމޭންކޮށް، އެންމެންގެ އެއްބާރުލުން ވަރަށް ފެންނަ ގޮތެއްގައި. އެއްވެސް ކަމެއް، ޝްރީލަންކާގެ އެއްވެސް ރައްޔިތަކު މިކަމަށް ހުރަސްއެޅުމުގެ ގޮތުން ކޮށްފައެއް ނެތް.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަކީ ޝްރީލަންކާގައި މިހާރު ހިނގަމުންދާފަދަ ހަމަނުޖެހުމެއް ހިނގަމުން އައިސްފައިވާ ތަނެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ހަމަނުޖެހުމުގެ ސަބަބުން މީހަކު މަރުވެފައެއް ނެތް. މީހެއްގެ ލޭ އޮހޮރިފައެއް ނެތް. އެއީ، އަޅުގަނޑުމެން އެކަމަށްޓަކައި ﷲގެ ޙަޟްރަތަށް ކިތަންމެ ބޮޑަކަށްވެސް ޙަމްދާއި ޝުކުރު ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް އަމާންކަމާއި، އެކުވެރިކަމާއި، އެއްބަނޑުއެއްބަފާކަން މިގޮތަށް ދެމިއޮތުމަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް. އެންމެބޮޑު ނަޞީބު. އެހެންނަމަވެސް، ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ ޤައުމު ސާރކަށް ތައްޔާރުވަމުންދިޔަ ދިޔުމުގައި، ބަޔަކު މީހުން ނޭދެވޭ ޢަމަލުތަކެއް ކުރިއޭ. އެކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބައެއް ތަންތާނގައި ބޮންގޮއްވާ ހެދި. އަދި އަޅުގަނޑުމެން މިހާރު މި ޖަލްސާކުރާ ހޯލުގައި އެއްޗެއް ގޮއްވާލަންވެސް މަސައްކަތްކުރި. އެހެންނަމަވެސް، ﷲގެ ރަޙްމަތްފުޅުން އެކަން އެމީހުން ބޭނުންވިގޮތަށް ނުކުރެވުނީ. އެއީ، އަޅުގަނޑު މިދަންނަވާ ތަފާތަކީ. ޤައުމުގެ ކަންތައްތަކަށް ޝްރީލަންކާ މީހުން އިސްކަންދިނުމާއި އަދި އެންމެންވެސް އެއީ، ޤަބޫލުކުރާ އުޞޫލަކަށްވާތީ، ޤައުމަށް ލިބޭ ފަޚްރަކަށް ހުރަސްއަޅާކަށް، އޭގެތެރެއިން އެއްވެސް ބަޔަކު ބޭނުމެއްނުވި. އެއީ، އަޅުގަނޑުމެންވެސް ކަންތައް ކުރަންވާނެ ގޮތަކީ. ކޮންމެ ކަމެއްގައިވެސް ޤައުމަށް ޤަދަރެއް ނުވަތަ ޝަރަފެއް ލިބެން އޮތް ކަމެއްގައި އެ ޤަދަރެއް ނުވަތަ ޝަރަފެއް ލިބުމަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހުރަސްއަޅައިގެން ނުވާނެ. އަދި އެމީހަކާ ސަރުކާރާ ދޭތެރޭގައި ކިތަންމެބޮޑު މައްސަލައެއް އޮތް ކަމުގައިވިޔަސް. އެއީ، ދެން މުޅިން އެހެން ކަމެއް. މިކަހަލަ ކަންތައްތަކުގައި ޤައުމުގެ މަޞްލަޙަތު ޖެހޭނެ އެންމެން އިސްކުރަން.

އާދެ، ދެން މިސަމިޓް ނުބޭއްވުމުގެ ސަބަބުން މިހާރު ހިނގަމުންދާ ކަންތައްތަކުގެ ތެރޭގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ކަމެއް އެބައޮތް. އެއީ، މިސަމިޓް ނުބޭއްވުމަށް ދިމާވި ސަބަބަކީ، އެއް ޤައުމެއްގެ އެންމެ އިސްވެރިޔަކަށް އެ ޖަލްސާއަށް ވަޑައިގެންނެވެން ނެތްކަން. ދެން އޭނާގެ ބަދަލުގައި، ސަރުކާރު ހިންގާ ވެރިއެއްގެ ފެންވަރުގައި ހުންނެވި ބޭފުޅަކު ފޮނުއްވެވެން ނެތްކަން. މީގެކުރިން ބޭއްވުނު ޖަލްސާތަކުގައި، ޤައުމުގެ އެންމެ އިސްވެރިޔާއަށް ވަޑައިނުގެންނެވުނު ކޮންމެ ހިނދެއްގައި، ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔަކު ނުވަތަ ބޮޑުވަޒީރަކު ބައިވެރިވެވަޑައިގަތުމުން އެއޮތީ އެކަންތައް ފުރިހަމަވެފައި. އެހެންވީމާ، މިނޫންގޮތަކަށް ދިމާވާތީ، ސާރކްގެ ޗާޓަރ ބުނާގޮތުން، ސަމިޓެއް ނުބޭއްވޭނެ ކަމަށް ބައެއް ޤައުމުތަކުން ދުށީ. އަދި ސާރކްގެ ކޮންމެ ކަމެއްވެސް ނިންމަންޖެހެނީ ހުރިހާ އެންމެން އެއްބަސްވާގޮތަކަށް ކަމަށްވާތީ، އެއްބަޔަކުވެސް މިކަމާ ދޭތެރޭގައި، އެބައެއްގެ ޚިޔާލު ތަފާތުވެއްޖެނަމަ، އެއަކަށް ޢަމަލެއްނުކުރެވޭނެ. އެހެންވީމާ، އެގޮތުގެ މަތިން މިފަހަރުގެ ސަމިޓް ނުބޭއްވުނީ. އެހެންނަމަވެސް، ޝްރީލަންކާއިން މިކަން ދެކެނީކީ އެހެނެއްނޫން. އެއީ، އެމީހުންނަށް ވާނެވެސް ގޮތް. މިއީ ޝްރީލަންކާގެ ދައުރު ކަމަށްވާތީ، އެތާނގައި މިސަމިޓް ބޭއްވުމަކީ، އެމީހުންގެ ޤައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އެމީހުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. މިކަހަލަ ޤާނޫނީ ނުކުތާއެއް ނުވަތަ ޗާޓަރާ ބެހޭ ކަމެއްގައިވެސް މިކަހަލަ ޝަރުޠެއް އޮވެގެން، އެ ޝަރުޠު ފުރިހަމަނުކުރެވިގެން ޖަލްސާ ނުބޭއްވުނުކަން އެއީ، އެމީހުންނަށް މާފަސޭހައިން ޤަބޫލުކުރެވޭ ކަމަކަށްނުވޭ. އެހެންވީމާ، މިހާރުވެސް ދަންނަވަން މިއުޅެނީ އެތާނގެ ނޫސްތަކުގައި އެވާހަކަ އެހެން ޖަހަމުން އެބަގެންދެއޭ. އެނޫސްތަކަކީ ކޮބައިތޯ؟ އެނޫސްތަކަކީ އެއީކީ ސަރުކާރަށް ތާއީދުކުރާ ނޫސްތަކެއް ނޫނޭ. ސަރުކާރަށް ތާއީދުކުރާ ނޫހާއި، ސަރުކާރާ ދެކޮޅުހަދާ ނޫހާ، ހުރިހާ ނޫހެއްގައިވެސް މިވާހަކަ ޖަހަނީ އެއްގޮތަށް. އެއީ، ޝްރީލަންކާއަށް ބޭނުންވާގޮތަށް، އެމީހުންގެ ޤަދަރު އުފުލޭގޮތަށް. އަދި އެނޫހުގައި އެވާހަކަ ޖަހަނީ ހަމައެކަނި ނޫހުގައި ލިޔާ މީހުންނެއް ނޫން އިނގޭތޯ. ހަމައެކަނި އެޑިޓަރާއި އަދި އެނޫހުގައި ލިޔެއުޅޭ އެހެން ކަރެސްޕޮންޑެންޓުންނާއި، ނުވަތަ ރިޕޯޓަރުންނާއި ނުވަތަ ނޫސްވެރިންނާއި، އެމީސްމީހުން އެކަންޏެއްނޫން. ޝްރީލަންކާގެ ކަމުވޮށިގެންވާ ހަމަ ކޮންމެ މީހަކުވެސް ލިޔެފައި އެބައޮތޭ، އަޅުގަނޑަށް ދަންނަވަން ޖެހިދާނެ. ނުވަތަ ދެންނެވުމަކީ މާބޮޑު ދޮގަކަށް ނުވާނެ. އެހެން މިދެންނެވީ، ޔުނިވަރސިޓީގެ ޕްރޮފެސަރުންނާއި، އެކިއެކި ޤާނޫނީ ވަކީލުންނާއި، މިހެންގޮސް ވަރަށްގިނަ ތަޖްރިބާކާރުންނާއި މާހިރުން ނޫސްތަކުގައި ލިޔަމުން އެގެންދަނީ. އެއީ މި ކޮންމެހެން ބޭއްވެންޖެހޭނޭ، ޤައުމުގެ އެންމެ އިސްވެރިޔަކު ވަޑައިނުގެންނެވުނަސް، އޭނާ ފޮނުއްވާ މަންދޫބަކު ބައިވެރިކޮށްގެން އެޗާޓަރުގެ ދަށުންވެސް އެކަން ހަމަޖެހޭނޭ. އެމީހުންގެ ޚިޔާލު މިކަމުގައި މިހާރުވެސް ކުރިއަށް ނެރެނީ. ލިޔަމުން އެގެންދަނީ. އެއީ، އެމީހުން ދެކޭގޮތުގައި، އެމީހުންގެ ޤައުމުގެ މަޞްލަޙަތު އެގޮތަށް އޮތީމާ. އަޅުގަނޑުމެންގެ ރާއްޖޭގައި އެހެނެއްނުވޭ. އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު ކުރިއަށްނެރޭކަށް، ޤައުމު ދެކޭގޮތް، ކަމެއްގައި ބަޔާންކުރާކަށް މާގިނައެއްކޮށް އަޅުގަނޑުމެންނަކަށް ނޫހެއްގައި ނުލިޔެވޭ. އެކަމަކާ ނުވެސްއުޅެވޭ. ސަމާލުކަމެއް ނުދެވޭ. ބޭރު ތަންތާނގައި، ވަރަށް އާދައިގެ ކަންތައްތަކުގައިވެސް މިސާލަކަށް، ކުޅިވަރު މުބާރާތެއްގައިވެސް އެބަޔަކަށް ލިބޭ ކާމިޔާބީއަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރާ އެއްޗެއް. ބައެއް ތަންތާނގައި ޗުއްޓީވެސްދޭ. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމަކުން، ކްރިކެޓް ޓެސްޓް މެޗެއްގައި އެންމެ ފުރަތަމަ ކާމިޔާބީއެއް ލިބުނުފަހަރު، އަނެއްކާ އެމީހުންގެ އެކިއެކި ކުޅިވަރު ޓީމުތައް ހޯދާ ކާމިޔާބީތަކާބެހޭ ވާހަކަ ނޫހުގައި ވަރަށް ގިނައިންޖަހާ، އެ މީހުންނަށް އެފަޚުރު ލިބޭގޮތަށް މަސައްކަތް ކުރަމުން ގެންދަނީ. އަޅުގަނޑުމެންނަކަށް އެހެނެއްނުހެދޭ. އަޅުގަނޑުމެންނަށް ކާމިޔާބީއެއް ލިބިއްޖިއްޔާ ވަރަށް ކުޑަކުޑަކޮށް، ނުވަތަ އެއްދުވަހަކު ޖަހާލަފާނެ. ދެން ގިނައިން ޖެހިފައި ހުންނާނީ އެކިއެކި މަލާމާތުގެ ވާހަކަ. އެއީއެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ ޤައުމީ ގޮތުން އަޅުގަނޑުމެންގެ ޝުޢޫރު ހުންނަންވީ ގޮތަކީ. ޤައުމަށް ފަޚުރެއް ލިބޭ ކަމެއްގައިވިއްޔާ، ވާނެ އެކަން ރައްޔިތުންނަށް ބަޔާންކޮށްދޭން. އެ ފަޚުރު އަޅުގަނޑުމެން ލިބިގަންނަންޖެހޭނެ. އެއީ، ދުނިޔޭގެ އެހެން ތަންތާނގެ ކުރިމަތީގައި ރާއްޖެއަކީވެސް އޮތް ތަނެއްކަން، މުސްތަޤިއްލު ޤައުމެއްކަން، އަޅުގަނޑުމެންނަށްވެސް ކުރެވޭ ކަންތައް އެބަހުރިކަން ދައްކަންޖެހޭނެ.

އާދެ، އެއީ އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވި ފުރަތަމަ ވާހަކައަކީ. ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ ޒުވާނުންނާބެހޭ ވާހަކައެއް. ޒުވާނުންނާބެހޭ ވަރަށް މުހިންމު ވާހަކައެއް. އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ، މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެމުން އަޅުގަނޑު އިއްވި ޕްރެޒިޑެންޝަލް އެޑްރެސްގައި، ޒުވާނުންނާ ބެހޭގޮތުން ވާހަކައެއް ދަންނަވާފައި އޮންނާނެ. އަޅުގަނޑު ދަންނަވާފައި އޮންނާނީ، ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އިޞްލާޙުކޮށް، އެމީހުންނަކީ ޤައުމަށް ފައިދާކުރާ، ހަރުދަނާ ބަޔަކު ކަމުގައި ހެދުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ޤަޞްދުކުރެއޭ. އާދެ، އެމަސައްކަތް ސަރުކާރުން ވަނީ ފަށާފައި. މިހާރުވެސް އެމަސައްކަތް ހިންގަމުން މިގެންދަނީ. އެންމެ ފުރަތަމަ އެކަމާބެހޭ ކޮމިޓީއެއް އުފެއްދީ. އެކޮމިޓީން ދިރާސާ ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ކިޔަވާ ކުދިންނާއި، ޒުވާނުންނާ ބެހޭ ކަންތައްތައް ތަރައްޤީކޮށް، ޒުވާނުންގެ މެދުގައި ހުންނަ ނޭދެވޭ ކަންތައްތައް އިޞްލާޙުކޮށް، އެމީހުންގެ ފުރިހަމަ ފައިދާ ޤައުމަށް ލިބޭނީ ކޮންކޮން ފިޔަވަޅުތަކެއް ސަރުކާރުންނާއި އަދި ރައްޔިތުންނާ އަޅައިގެންތޯ؟ މި މުހިންމު މައުޟޫޢުގެ މައްޗަށް ކޮމިޓީން ދިރާސާކުރައްވައި، 8 ބައެއްގެ މައްޗަށް ބައްލަވަމުން އެބަ ގެންދަވާ. އޭގެތެރޭގައި، ކިޔަވާކުދިން އިޞްލާޙުކުރުމާއި، މަދަރުސާތަކަށް ނުދާ ކުދިން، ކިޔަވާ ޢުމުރުގެ، އެހެންނަމަވެސް، މަދަރުސާތަކަށް ނުދާ ކުދިން އިޞްލާޙުކުރުމާއި، ޒުވާނުންގެ ތެރެއިން ކުށްކުރާ ޒުވާނުން، އެކުށް ކުރަނީ ކީއްވެތޯ ބަލައި، އޭގެ ސަބަބުތައް ހޯދުމާއި، އެމީހުން އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމާއި، ޒުވާނުން އިޞްލާޙުކުރުމުގައި، މައިންބަފައިންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މައިންބަފައިންނަށް އެކަމުގައި ކުރެވޭނީ ކޮންކަމެއްތޯ ބެލުމާއި އަދި މާލޭގައި ނަމަ، މާލޭގެ އަވަށުއޮފީސްތަކުންނާއި، ރާއްޖެތެރޭގައި ނަމަ، ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކުން މިކަމުގައި ކުރެވޭނީ ކޮންކަމެއްތޯ؟ އަދި މީގެއިތުރުން، ޚަބަރުފަތުރާ ވަސީލަތްތަކުން ކުރެވޭނީ ކޮންކަމެއްތޯ؟ ޓެލެވިޜަން، ރޭޑިޔޯ، ނޫސްތައް، މިހުރިހާ ފަރާތަކުން ކިޔަވާކުދިންނާއި ޒުވާނުން އިޞްލާޙުކޮށް، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ، ކުރަން މިހާރު ޖެހިފައިވަނީ ކޮންކޮން ކަންކަމެއްތޯ ބަލައި، އެކޮމިޓީން ދިރާސާ ކުރައްވަނީ. އެކޮމިޓީގެ މަސައްކަތް މިހާރު ނިމުމަކާ ވަރަށް ކައިރިއަށް ހިނގައްޖެ ކަމަށް އަޅުގަނޑަށް އެނގިފައިވަނީ.

އާދެ، މިމަސައްކަތް ކުރަންޖެހޭ ސަބަބު ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކު ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ނޭދެވޭ ކަންތައްތައް ހިންގާ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މިހާރު އެބައުޅޭ. އެއްވެސް މަސައްކަތެއް ނުކުރާ ވަރަށްގިނަ މީހުންވެސް އެބަތިބި. ވަކި ޢުމުރެއްގެ ޒުވާނުން. ގާތްގަނޑަކަށް 17 އަހަރުން ފެށިގެން، 17، 18، 19، 20، 21، 22 ގާތްގަނޑަކަށް އެހިސާބުގަނޑުގައި އެބައުޅޭ އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކު. އެމީހުން އެއްވެސް މަސައްކަތެއް ނުކޮށް، އެހެން ވީއްލިފައި ތިބުމުގެ ސަބަބުން، އެކިއެކި ގޯސް ކަންތައްތަކަށް އެމީހުންނަށް ލެނބެވެނީ. ޤައުމަށާއި ރައްޔިތުންނަށް ގެއްލުންހުރި ކަންތައްތަކެއްގައި އެމީހުންނަށް އުޅެވޭގޮތްވަނީ. މިކަމުގެވެސް ސަބަބެއް އޮންނާނެ. އެހެންވީމާ، އެސަބަބުތައް ހޯދަން އެބަޖެހޭ. އެސަބަބުތައް ހޯދާފައި، މިދެންނެވި ޒުވާނުންނަކީ އެމީހުންނަށްވެސް ފައިދާ ލިބޭ، އެމީހުންނަށްވެސް ފައިދާހުރި، އެމީހުންގެ ޢާއިލާތަކަށްވެސް ފައިދާހުރި، އަދި ޤައުމަށްވެސް ފައިދާހުރި ބަޔަކު ކަމުގައި ހެދޭތޯ ވަރަށްގިނަ މަސައްކަތްތަކެއް މިއަދުވަނީ ކުރަންޖެހިފައި.

އަޅުގަނޑުމެންގެ އާބާދީއަށް ބަލާއިރު، ކުޑަކުދިންނާއި ޒުވާނުންނަކީ ވަރަށް ބޮޑު ބައެއް. އަދި އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މުސްތަޤްބަލްގައި ކުޑަކުދިންނާއި ޒުވާނުން މިހާރަށްވުރެވެސް އިތުރުވެގެންދާނެކަން އެއީ، ހަމަ ޔަޤީންވާ ކަމެއް. އެކަން އެހެން އޮތްއިރު، އާބާދީގެ މިހާބޮޑު ބައެއްގެ ޢަމަލުތައް ވަކިގޮތަކަށް ހުންނައިރު، އެކަންތައްތައް ރަނގަޅުކުރުމަށް މިހާރުއްސުރެ މަސައްކަތެއް ނުފަށައިފިނަމަ، މުސްތަޤްބަލްގައި އަޅުގަނޑުމެން ވަރަށް ބޮޑެތި ހިތާމަތަކަކާ ކުރިމަތިލާންޖެހިދާނެ. އެހެންވީމާ، އެއީ، މިމަސައްކަތް ސަރުކާރުން ކުރަން ޤަޞްދުކުރި ސަބަބަކީ. އެވާހަކަ މިއަހަރުގެ ޕްރެޒިޑެންޝަލް އެޑްރެސްގައި އަޅުގަނޑު ބުނެފައި އެވަނީ އެ ސަބަބަށްޓަކައި. އަދި އޭގެފަހުން މިދެންނެވި ފިޔަވަޅުތައް މިހާރު އަޅުމުން މިގެންދަނީ.

އަޅުގަނޑު މިހާރު ޤަޞްދުކޮށްފައި އޮތީ، މިދެންނެވި ކޮމިޓީގެ ރިޕޯޓް ލިބުމުން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ކުރީކޮޅު ޒުވާނުންނާބެހޭ ޤައުމީ ޖަލްސާއެއް ބާއްވަން. އާދެ، މިއަހަރު އަޅުގަނޑުމެން ބޭއްވީމު، ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް. އެޖަލްސާ ހިމެނިގެންދިޔައީ ވަރަށް ކާމިޔާބު ޖަލްސާއެއް ކަމުގައި. ވަރަށް ގިނަ ފަރާތްތަކުން، އެފަރާތްތަކުގެ ޚިޔާލު ވަރަށް ސާފުކޮށް ވިދާޅުވެދެއްވި. އަދި އޭގެ ސަބަބުން މުޅި މައުޟޫޢަށް ވަރަށް ބޮޑު އައްޔެއް އެޅިގެންދިޔަ. އަދި ކުޑަކުދިންގެ ކަންތައްތައް ތަރައްޤީކޮށް، އެކުދިންގެ ދިރިތިބުމާއި ޙިމާޔަތަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް ކަނޑައެޅުނު. އެކަމުގެ ޤައުމީ ޕްލޭނެއް މިހާރު އޮތީ ރޭވިފައި. އެޕްލޭނާ އެއްގޮތަށް މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި އެއާ އެއްގޮތަށް ކަންތައް ކުރައްވަމުން ގެންދަވާނީވެސް. އޭގެ ސަބަބުން އެބައި އަޅުގަނޑު ހިތުން ވަރަށް ރަނގަޅަށް މުސްތަޤްބަލްގައި ހަމަޖެހިގެންދާނެ. އެ ތަޖްރިބާއަށް ބަލާފައި އަޅުގަނޑަށް ޔަޤީންކުރެވެނީ، ޒުވާނުންނާބެހޭ ޤައުމީ ޖަލްސާއެއް ބޭއްވުމަކީ ވަރަށް ބޭނުންތެރި އަދި ވަރަށް ފައިދާހުރި ކަމަކަށް ވާނެކަމަށް. އެހެންވީމާ، މިދެންނެވި ފަދަ ޤައުމީ ޖަލްސާއެއް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ބޭއްވޭނެ. އެޖަލްސާއަށް ހުށަހެޅުމަށްޓަކައި މިހާރު ޒުވާނުންގެ މަރުކަޒުން ތައްޔާރުކުރައްވާފައިވާ ކަރުދާހެއްވެސް އެބައޮތް. އޭގައި ޒުވާނުންނާ ބެހޭގޮތުން ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން، ކަނޑައެޅިފައި އޮންނާނެ. އަދި އެސިޔާސަތުގެ ދަށުން އެކިއެކި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކަނޑައެޅިފައި އޮންނާނެ. މިދެންނެވި ސިޔާސަތާއި، އެ ސިޔާސަތުގެ ދަށުން ކުރަންޖެހޭ ކަންތައްތަކާއި، މިކަމާ ދޭތެރޭގައި ވީހާ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް، ވީހާ ފުޅާ ދާއިރާއެއްގައި ޚިޔާލުތައް ލިބިގެން، އެހުރިހާ ކަމެއްގެ މައްޗަށް ބަލައި، ސަރުކާރުން ގޮތެއް ނިންމުމަށްޓަކައި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މިދެންނެވި ޖަލްސާ ބާއްވަން ޤަޞްދުކޮށްފައިވަނީ.

އަދި މިއަންނަ އަހަރަކީ އާދެ، 1992 ވަނަ އަހަރަކީ ކޮމަންވެލްތުގެ ޒުވާނުންނާބެހޭ ވަޒީރުންގެ އެންމެ ފުރަތަމަ ޖަލްސާ ބޭއްވޭ އަހަރު. ކޮމަންވެލްތް ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުންގެ ޖަލްސާއެއް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރު. އާދެ، އެއަހަރު އެ ޖަލްސާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި. އެހެންވީމާ، އެގޮތުންވެސް އެ ޖަލްސާ ބޭއްވުމުގެ ކުރިން އަޅުގަނޑުމެންގެ ޒުވާނުންނާބެހޭ ސިޔާސަތެއް ކަނޑައެޅި، އޭގެ ދަށުން ޕްލޭނެއް ރޭވިފައި އޮތުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޭނުންތެރި ކަމެއް. އާދެ، މިއީ މިއަދުގެ ވާހަކައިގައި އަޅުގަނޑު ދަންނަވާލަން ބޭނުންވި ދެވަނަ ކަމަކީ.

މިއަދުގެ މުނާސަބަތުގައި އާދެ، ކުރިއަށް އޮތް އަހަރު ކަންތައްތައް ކުރަން ޤަޞްދުކުރާ ގޮތާ ދޭތެރޭގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ތިންވަނަ ވާހަކައަކީވެސް އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ވާހަކައެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން ޢާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި އަސާސީ ޚިދުމަތްތަކެއް ކޮށްދެމުން އެބަގެންދޭ. އަދި ކުރިއްސުރެ ކޮށްދެމުން އައިސްފައިވަނީ، އޭގެތެރޭގައި ކާޑުގެ ތަކެތި ރައްޔިތުންނަށް ފަސޭހަގޮތެއްގައި ލިބެވޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނޭ. ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކުރުން ހިމެނޭ. ރާއްޖޭގައި ރައްޔިތުންނަށް، އެމީހުންގެ އާމްދަނީ އިތުރުކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއެރުމަށް ބޭނުންވާނެ ކަންތައްތައް ހަމަޖައްސައިދީ، އެކަމުގެ މަގުފަހިކޮށްދިނުން ހިމެނޭ. ސަރުކާރުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން ވިޔަފާރި ކުރިއަށްދަނީ. އިޤްތިޞާދު ކުރިއަށްދަނީ. އެކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްދޭތީ. އަދި ރައްޔިތުންނަށް ބޭނުންވާ، ވަރަށް އަސާސީ ޚިދުމަތްތަކެއް ކަމަށްވާ ތަޢުލީމާއި ޞިއްޙަތުގެ ކަންތައްތައްވެސް ސަރުކާރުން މިގެންދަނީ ކުރަމުން. ރާއްޖޭގެ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިދެވޭތޯ ސަރުކާރުން މަސައްކަތްކުރޭ. ބަލިމީހުންނަށް ބޭސްކޮށްދިނުމުގެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސާފައިވޭ. ގޯތިގެދޮރާއި، މުދަލާއި އަދި އެނޫންވެސް މީސްމީހުންގެ ޙައްޤުތަކާބެހޭ ކަންތައްތައް، ޝަރީޢަތް މެދުވެރިކޮށްގެން ނިންމޭނެ އިންތިޒާމެއްވެސް ވަނީ ހަމަޖެހިފައި. ދޭދޭމީހުންގެ މެދުގައި ނުކުންނަ މައްސަލަތައްވެސް، ޝަރީޢަތް މެދުވެރިކޮށްގެން ނިމޭގޮތަށް އިންތިޒާމު އޮންނަނީ ހަމަޖެހިފައި. އަދި ރާއްޖެއާއި ބޭރު ޤައުމުތަކާ ގުޅޭނެ އެންމެ މިޒަމާނުގެ ވަސީލަތްތަކާއި ފަސޭހަތައް ޙާޞިލްކޮށް، ރައްޔިތުންނަށް އޭގެ ބޭނުންކުރުމުގެ މަގުވެސް ވަނީ ސަރުކާރުން ތަނަވަސްކޮށްދީފައި. މިގޮތުން، ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދެމުންގެންދޭ. މިއީ ހަމަ ވަރަށް ބޮޑެތި އަސާސީ ޚިދުމަތްތަކެއް، ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުން ގެންދާ. އަދި މިދެންނެވި ޚިދުމަތްތަކުގެ އިތުރުންވެސް، ވަރަށް ގިނަ ކަންތައްތައް ހުންނާނެ. މިފަދަ ޖަލްސާއެއްގައި އެ ހުރިހާ ކަމެއްގެ ވާހަކަ ދެންނެވުމަކީ ބޭނުން ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން.

އާދެ، ކޮންމެއަކަސް މިދެންނެވި ޚިދުމަތްތައް ސަރުކާރުން ރައްޔިތުންނަށް ފޯރުވައިދިނުމުގައި ދިމާވާ ދަތިތަކެއް ހުރޭ. އަދި ރައްޔިތުން އިޙްސާސް ކުރަންޖެހޭ ދަތިތަކެއްވެސް ހުރޭ. އޭގެތެރޭގައި، ރައްޔިތުން ސަރުކާރަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބުދިނުން ލަސްވުމާއި، ރައްޔިތުން އެދޭގޮތަށް ކަންތައްތައް ނިންމައިދިނުމުގައި ދިމާވާ ދަތިތައް ވަރަށްގިނައިން ހުރޭ. ވަރަށް ގިނަ މީހުންގެ ޝަކުވާ އަޅުގަނޑަށް ލިބޭ. އެކި ކަންކަމުގައި، މައްސަލަ ހުށަހަޅައިގެން، ހަމައެކަނި މައްސަލަ ނުނިމި ލަސްވެގެންނެއްވެސް ނޫން. މައްސަލަ ނުނިމި ލަސްވުމާއެކުގައި އަދި އެމީހާއަށް އެކަމައިގެން ކުރިއަށްދާނެ އަލިމަގެއްވެސް ނުފެނިގެން. އަޅުގަނޑަށްވެސް އެނގޭ، ސަރުކާރުގެ މިނިސްޓްރީތަކުންނާއި އޮފީސްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން. ފަހަރެއްގައިވެސް އެބޭފުޅުންނަށް ބޭއިންޞާފު ބަހެއް ރައްދުކުރާކަށް އަޅުގަނޑު ބޭނުމެއްނޫން. އެހެންނަމަވެސް، މިދެންނެވި ޝަކުވާތައް ވަރަށް ގިނައިން އާދޭ. ގޯތިގެދޮރުގެ ކަންތައްތަކުގައިވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މައްސަލަ ނުނިމިގެން ލަސްވެގެން، ދަތިވެގެން މީހުން ލިޔޭ. ޝަރީޢަތަށް މައްސަލަ ހުށަހަޅައިގެން ނުނިމިގެން ލަސްވެގެންވެސް ލިޔޭ. އަދި މިނޫންވެސް ވަރަށް ގިނަ ކަންތައްތައް ހުރޭ، ސަރުކާރުގެ ހުއްދައަށް ބޭނުންވާ ކަންތައްތަކުގައި، އެހުއްދައަކަށް އެދިގެން ހުއްދަ ނުލިބިގެން، ސަރުކާރުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ރަޖިސްޓަރީ ކުރަން ހުށަހަޅައިގެން އެކަން ނުވެގެން، މިކަހަލަ ވަރަށް ގިނަ ދަތިތަކެއް ރައްޔިތުންނަށް އިޙްސާސް ކުރަންޖެހޭ.

އާދެ، އެދަތިތައް އިޙްސާސް ކުރަންޖެހޭ އެއް ސަބަބަކީ ކޮންމެ ކަމަކަށްވެސް ޤަވާޢިދެއް ހެދިފައި އޮންނާތީ، އެ ޤަވާއިދުގެ މަތިން ކަންތައް ކުރަންޖެހޭތީ. ޤަވާޢިދެއް ހެދުމުގެ ބޭނުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީ، އެންމެންނަށް ހަމަހަމަގޮތެއްގައި ކަންތައް ކޮށްދިނުމަށްޓަކައި. އެކުރާ ކަމެއްގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ވިޔަނުދިނުމަށްޓަކައި. އެހެން ފަރާތެއްގެ މަޞްލަޙަތަށް އުނިކަމެއް އަޔަނުދިނުމަށްޓަކައި ކޮންމެ ކަމަކަށްވެސް ޤަވާޢިދެއް، އުޞޫލެއް ހެދިފައި އޮންނަންޖެހޭ. އެހެންވީމާ، އެޤަވާޢިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައް ގެންދާތީ، ކަންތައްތައް ލަސްވާގޮތެއް ދިމާވޭ. އަދި މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން މަދުވުމާއި އަދި ބައެއް މުވައްޒަފުން، އެމީހުންގެ ވާޖިބު އަދާކުރުމުގައި އެކަށީގެންވާ ފަރުވާތެރިކަމެއް ނުބެހެއްޓުމާއި، މިކަހަލަ ކިތަންމެ ކަމެއް ހުރުމުގެ ސަބަބުން މައްސަލަތައް ލަސްވަމުންދޭ. އާޚިރު ނަތީޖާއަކީ ރައްޔިތުންނަށް ދަތިތަކެއް އިޙްސާސްކުރަން ޖެހުން.

އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ މިހާރު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދެވޭ މިދެންނެވި ފަދަ ޚިދުމަތްތައް މިހާރަށްވުރެ އަވަހަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމެއް ރޭވޭތޯ ބެލުމަށް. އެމަސައްކަތް ﷲގެ ވާގިފުޅާއެކު މިހާރު އަޅުގަނޑުވަނީ ފަށާފައި. ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް އަޅުގަނޑު ސިޓީއެއް ފޮނުވާފައި ވާނެ. ހުރިހާ މިނިސްޓްރީތަކަށާއި ހުރިހާ އޮފީސްތަކަކަށް. އެތަންތަނުން ކުރައްވާ މަސައްކަތާއި، އެތަންތަނުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ މައްޗަށް ވަރަށް ރަނގަޅަށް ވިސްނާފައި، މިހާރަށް ބޭނުންވާގޮތަށް އެޚިދުމަތްތައް މިހާރަށްވުރެ އަވަހަށް، މިހާރަށްވުރެ ލުއިފަސޭހަކޮށް ރައްޔިތުންނަށް ދެވޭނީ ކޮންކަހަލަ އިންތިޒާމެއް ހަމަޖައްސައިގެންތޯ، ކޮންމެ އޮފީހަކުންވެސް އަޅުގަނޑު ގާތުގައި ވިދާޅުވުމަށް. އަދި ޚިދުމަތުގެ ދާއިރާ ފުޅާކުރަންޖެހޭ ކަމެއް އޮތްނަމަ، ފުޅާކޮށްގެން، މިހާރު ނުދެވޭ ޚިދުމަތެއް، އެހެންނަމަވެސް، އެއީ މިހާރަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތެއްވިއްޔާ އެއީ، ކޮން ޚިދުމަތެއްތޯވެސް، ކޮންމެ އޮފީހަކުންވެސް ބައްލަވާފައި، އެއޮފީހަކުން އަޅުގަނޑަށް ލިޔުއްވުމަށް. އަދި އެޚިދުމަތެއް ދެއްވުމަށާއި، މިހާރު ދެއްވާ ޚިދުމަތްތައްވެސް މިހާރަށްވުރެ ހަލުވިކޮށް ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބިދެއްވުމަށްޓަކައި އަޅުއްވަންޖެހޭނެ ފިޔަވަޅުތަކާއި، މުވައްޒަފުން އިތުރަށް ބޭނުންވަންޏާ، ވާނެވަރަކާއ، އިތުރަށް ޚަރަދުތަކެއް ހިނގާނެ ކަމަށްވަންޏާ، އެވާނެ ޚަރަދަކާއި، މިހުރިހާ މަޢުލޫމާތެއް ބައްލަވާފައި، އަޅުގަނޑަށް މިމަސް ހުސްވުމުގެ ކުރިން އަންގަވައިދެއްވުމަށް އަޅުގަނޑުވާނީ މިހާރު ހުރިހާ މިނިސްޓަރުންނަށްވެސް އަދި ސަރުކާރުގެ އެހެން އޮފީސްތަކުގައިވެސް ދަންނަވާފައި.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ޤަޞްދުކުރަނީ ހުރިހާ މިނިސްޓްރީތަކުން އެމަޢުލޫމާތުތައް އަޅުގަނޑަށް ލިބުމުން، އެކަމާމެދު އަޅުގަނޑު ވިސްނާފައި އަދި އަޅުގަނޑު އެކަންޏެއްނޫން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެ މަޝްވަރާކޮށްފައި، ވަޒީރުންގެ މަޖިލިސްގެ ޖަލްސާއަށް ހުށަހަޅައިގެން އެކަންތައްތައް މުސްތަޤްބަލްގައި ގެންދާނެ ގޮތެއް ރާވައި، އެގޮތެއްގެ މަތިން އެކަންތައް ގެންދިޔުމަށް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ސަރުކާރުން އެންމެބޮޑު އިސްކަމެއްދޭ އެއްކަމަކަށްވާނެ، ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް މިހާރަށްވުރެ ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނަށް ލިބިދެވޭނެ ގޮތެއް ރާވައި، އެކަންތައް އެގޮތަށް ހިންގުން. އާދެ، މިވާހަކަ މިހެން ދަންނަވާއިރު، ރާއްޖެތެރެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ގަސްދުކުރެވިފައިވާ ވާހަކަވެސް ދަންނަވާލަން.

އާދެ، ރާއްޖެތެރޭގެ ރައްޔިތުންނަށް، އަދި މާލޭގެ ރައްޔިތުންނަށްވުރެ މާ ބޮޑެތި ދަތިތަކަކާ ކުރިމަތިލައްވަންޖެހޭ ބައެއް ކަންތައްތައް ނިންމުމުގައި. މިސާލެއް ދަންނަވަންޏާ، ހުސްބިން ހުންނަ ރަށްރަށުން ގޯއްޗަށް އެދޭ މީހުންނަށް ގޯތި ނުލިބި ލަސްވެފައި ހުރޭ. އަދި ގޯތި ލިބިފައިވެސް ރުއްގަހުގެ މައްސަލަ ޝަރީޢަތުން ހަމަނުޖެހިގެން، އެއްވެސް ކަމެއް ނުކުރެވިފައި ތިބެން އެބަޖެހޭ. އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުމަށްވެސް މާލެ އަންނަންޖެހޭތީ، އެކަންވެސް އެމީހުންނަށް އޮންނަނީ ދަތިކަމަކަށް ވެފައި. އަދި އިންޖީނު ދޯންޏަށް ދައްކަންޖެހޭ ފައިސާވެސް މާލެއަށް ޓްރެޜަރީ ޑިވިޜަނަށް ދައްކަންޖެހޭތީ، އެވެސް އޮންނަނީ ދަތިކަމަކަށްވެފައި. ރާއްޖެތެރޭގައި ހުންނަ މަދަރުސާތަކަށް އެކަށީގެންވާ ފެންވަރެއްގެ ޓީޗަރުން ނުލިބޭތީ އެއީވެސް ވަރަށް ބޮޑު ދައްޗެއް. އަދި ޓެކްސްޓް ފޮތްތައްވެސް ރަށްރަށުން ލިބެން ނުހުންނާތީ އެއީވެސް ރައްޔިތުންނަށް ދަތިވެފައި އޮންނަ ކަމެއް. ޞިއްޙީ ޚިދުމަތްދޭ ތަންތާނގައިވެސް ބޭސް ނުހުންނަކަން ނުވަތަ އެޚިދުމަތްދޭ ތަންތަނުގައި، ކަމަށް އެކަށީގެންވާ މީހުން ނުތިބޭކަން. މިއީވެސް ރާއްޖެތެރޭގެ ރައްޔިތުންނަށް ވަރަށްބޮޑަށް އެކަމުގެ ދަތި އިޙްސާސް ކުރަންޖެހޭ ކަމެއް. މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް ހުރޭ. ރާއްޖެތެރޭގެ ރައްޔިތުންނަށް މާލެއަށްވުރެ މާބޮޑަށް ދަތިވާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ އިރާދަކުރެއްވިއްޔާ މިދެންނެވި އުޞޫލުން މިއަންނަ އަހަރު މަސައްކަތްތަކެއް ކުރާއިރު، ރާއްޖެތެރެއަށް ވަރަށް ޚާއްޞަ ނަޒަރަކުން ބަލައި، ރާއްޖެތެރެއަށް އެކަށީގެންވާ ގޮތެއްގައި ހެޔޮ ބަދަލުތަކެއް ގެނެވޭތޯ ބަލަން.

އާދެ، އަޅުގަނޑު މިދަންނަވާލީ މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ޤަޞްދުކުރި ވާހަކަތައް. ކުރިންވެސް ދެންނެވި ފަދައިން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުން، ސަރުކާރުން މިއަންނަ އަހަރަށް ރާވައި ހިންގަން ޤަޞްދުކުރާ ބައެއް ކަންތައްތަކުގެ ވާހަކަ ދަންނަވާލުމަކީ، މިއަދުގެ އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރާތީ އެވާހަކަތައް މިދަންނަވާލީ.

އަޅުގަނޑު އެދެނީ، ރާއްޖެއަށް އިތުރު ތަނަވަސްކަމާއި ފާގަތިކަން. މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި ރާއްޖޭގެ ރައްޔިތުން ތެދުވެރިކަމާއެކު ފައިތިލަ ސާބިތުކުރައްވައި ތިއްބަވައިގެން ޤައުމާއި ރައްޔިތުންގެ ތަރައްޤީއަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވަމުން ގެންދެވުން. އަދި އެކަމުގެ ފުރުޞަތު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން. ރާއްޖެއަކީ ރައްޔިތުންގެ ވެރިކަމެއް ހިނގާ، ރައްޔިތުން އެދޭގޮތަށް ކަންތައްތައް ވަމުންދާ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ރައްޔިތުންގެ އަމަންއަމާންކަމާއި ޞުލްޙަވެރިކަމަށް އިސްކަންދޭ ޤައުމަކަށް ހެދުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.