‎ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ޕްލީނަރީ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައިވެރިވެވަޑައިގަންނަވައިފިއެވެ.

‎"ވޯލްޑް ގަވަމަންޓްސް ސަމިޓް 2025" ފޯރަމަކީ ތަޖުރިބާކާރުންގެ ތަޖުރިބާތަކާއި ވިސްނުމާއި ގޮންޖެހުންތަކާއި ކާމިޔާބީތައް ހިއްސާކުރުމަށް ފަރުމާކޮށްފައިވާ މަންސައެކެވެ. މި ފޯރަމްގައި ތަފާތު ސިނާއަތްތަކުގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، ހަގީގީ ދުނިޔޭގެ ތަޖުރިބާތަކާއި، އީޖާދީ ސިޔާސަތުތަކާއި އަގުހުރި ފިލާވަޅުތައް ހިއްސާކުރާނެއެވެ. އަދި، ތަރައްޤީވަމުން އަންނަ ދުނިޔެއެއްގައި ސަރުކާރުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދުމަށް ބާރުވެރިކުރުމަށް މި ފޯރަމުން އެހީތެރިވެދެއެވެ.

‎މި ސަމިޓުގައި، މައިގަނޑު ގޮތެއްގައި އިސްކަންދީފައިވަނީ، އިންސާނިއްޔަތަށްޓަކައި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވާ ހަ ދާއިރާއެއްގެ މައްޗަށެވެ. އޭގެތެރޭގައި، ހެއު ވެރިކަމާއި ޖަވާބުދާރީކުރުވުމާއި، ކުރިމަގަށާއި ދުނިޔޭގެ އިގުތިޞާދަށް ފައިނޭންސް ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި ވިލުންތެތި ސިޓީތަކާއި، ކުރިމަގަށްޓަކާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމާއި ޤާބިލުކަން އިތުރުކުރުމާއި ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޞިއްޙީ ބަދަލުތަކާއި ކުރިމަގުގެ އައު އީޖާދީ ޓެކްނޮލޮޖީ ފަދަ ދާއިރާތައް ހިމެނެއެވެ.

‎މި މަހުގެ 11 އިން 13 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.