بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އުނގޫފާރުގެ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ. މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް، އަދި އަތޮޅު ކައުންސިލް މެންބަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ ވެރިން، އުނގޫފާރުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ލޮބުވެތި ރައްޔިތުން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދުގެ ހަވީރު އަޅުގަނޑަށް އަދި އަޅުގަނޑާއެކީ މި ރަށަށް ވަޑައިގެންނެވި ބޭފުޅުންނަށް، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ، ދެވަނަފަހަރަށް މި އާދެވުނީ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށްވެސް ގިނަގިނައިން އައުން އޮތީ.
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން އަޅުގަނޑުމެން މިހާރު ހަދަން ފަށާފައިވާއިރުގައި، އަޅުގަނޑު ދުރު ރާސްތާއަށް ވިސްނައިގެން، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި އަދި ވަކިން ބޮޑަށް ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ރާއްޖެ ތަރައްޤީ ކުރުމުގައި ވިސްނުންތަކެއް ވާނީ އިޢުލާނުކޮށްފައި. އެއީ، ހަމަ ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރާހިނދު އަދި އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް ހަމަ ކޮންމެ ރަށެއްގައިވެސް އެންމެ ބޮޑު ރަށު ރައްޔިތުންނެކޭވެސް އެއްގޮތަށް، އެއްހަމައެއްގައި އެއްވަރެއްގެ ޚިދުމަތް ލިބެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާހިނދުވެސް އެކަންކަން އެގޮތަށް ކޮށްދެމުންވެސް ދެމެހެއްޓެނިވި ގޮތެއްގައި ދުރު ރާސްތާއަށް ވިސްނާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެމަތީ ފެންވަރެއްގައި ހުރިހާ ޚިދުމަތެއް ދެވޭނީ، ރާއްޖޭގެ ޖިއޮގްރަފިކަލް ރިއަލިޓީވެސް ގަބޫލުކޮށް، އަދި އެކިއެކި ޙަޤީޤަތްތައް ގަބޫލުކުރާހިނދު، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ބައެއް ސަރަޙައްދުތައް ތަރައްޤީކޮށްގެން. އަދި ބައެއް ރަށްތައް އެންމެމަތީ ފެންވަރުގައި ޚިދުމަތްތައް ދެވޭ ތަންތަން ގޮތުގައި ތަރައްޤީކޮށްގެންކަން އެއީ، އަޅުގަނޑު އިޢުލާނުކޮށް އަދި އަޅުގަނޑު ގަބޫލުކުރާގޮތް. އަދި ސަރުކާރުގެ ސިޔާސަތު.
އެގޮތުން، އެންމެމަތީ ފެންވަރުގެ ޚިދުމަތްތައް، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ދިނުމަށް، އަރބަން ސެންޓަރުތައް ގޮތުގައި ހަތް ރަށެއް އަޅުގަނޑު ވާނީ އިޢުލާނުކޮށްފައި. އެއީ، ޢުމްރާނީ ތަރައްޤީގެ ދާއިރާތައްވިޔަސް، ތަޢުލީމީގޮތުންވިޔަސް، ޞިއްޙީ ދާއިރާއިންވިޔަސް، އިޖުތިމާޢީ އެކިއެކި ދާއިރާތަކުން ކަމުގައި ބެލިނަމަވެސް، އިޤްތިޞާދީ އެކިކަހަލަ ފުރުޞަތުތައް ކަމުގައި ބެލިނަމަވެސް، އެންމެ ފެންވަރު ރަނގަޅުކޮށް ކަންކަން ކުރެވިފައި ހުންނަން ޖެހޭނެ ތަންތަން ގޮތުގައި ކަނޑައަޅައިގެން ތަރައްޤީ ކުރަން. އެއީ، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމަކީ.
މިގޮތުން، އުނގޫފާރަކީ މިފަދަ އަރބަން ސެންޓަރެއް ގޮތުގައި އަޅުގަނޑު ވާނީ ކަނޑައަޅާފައި. އަދި އިޢުލާނުކޮށްފައި. އެ މަސައްކަތަކީ ބުރަ މަސައްކަތެއް. މުޅި ސަރުކާރު އެކުއެކީގައި ގުޅިގެން، ކައުންސިލާއި ރައްޔިތުންނާ ގުޅިގެން ކުރެވިގެން ދާންޖެހޭ ކަމެއް. އެ މަސައްކަތް އަޅުގަނޑު ވާނީ ފަށާފައި. އަދި މި އަހަރާއި އަދި ކުރިއަށް އޮތް އަހަރުތަކުގައި މިކަން ޙަޤީޤަތަކަށް ހެދުމުގައި ވަރަށްގިނަ މަސައްކަތްތަކެއް މި ރަށުގައި ކުރިއަށް ގެންދާނަން. އަދި ހަމަ މިކަން ދެންއޮތް އަރބަން ސެންޓަރުގައިވެސް ހިނގާނެ. އާދެ، އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދުތައް ވީ އެ ވިސްނުމުގައި. އެގޮތަށް މި ރަށް ތަރައްޤީ ކުރުމުގެ ވިސްނުމުގައި.
އާދެ، އެހެންވީމާ، ޖުމްލަގޮތެއްގައި އަޅުގަނޑު މިރޭ ދެން ދައްކަންހުރި ހުރިހާ ވާހަކައެއްގެވެސް ސަމަރީއަކީ، ޚުލާޞާއަކީ، މިއަދު އަޅުގަނޑު މި ރަށަށް މިއައި މަޤްޞަދަކީ، އަޅުގަނޑު އިޢުލާނުކޮށްފައިވާ ގޮތަށް އަދި ސަރުކާރުން ކަނޑައަޅާފައި މިއޮތް ސިޔާސަތާ އެއްގޮތަށް މި ދައުރުގެ ތެރޭގައި، މި ރަށް، އަރބަން ސެންޓަރެއްގައި ހުންނަން އަޅުގަނޑުމެން ކަނޑައަޅާފައިވާ މިންވަރަށް ހުރިހާ ޚިދުމަތެއް ޤާއިމުކޮށްދިނުމުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ގިނަ މަސައްކަތްތައް ކޮށްދީ ނަތީޖާ ނެރެދޭނަމޭ ދަންނަވާލުން.
މިގޮތުން ބަލާއިރުގައި، މިހާރުވެސް މިދިޔަ އަހަރުގެ ތެރޭގައިވެސް ކޮންމެވެސް މަސައްކަތްތަކެއް ކުރެވިފައި އެހެރީ. އަދި މިރޭވެސް އަޅުގަނޑުމެން ބައެއް ޚިދުމަތްތައް ދޭން ފަށާފައި މިވަނީ. މިރޭ މި ފެށި ބައެއް ޚިދުމަތްތަކަކީ، އަޅުގަނޑު ކަނޑައަޅާފައި އޮންނާނީ، ކޮންމެ އަތޮޅެއްގައިވެސް ހިނގާނެ، ފަށާނެ ޚިދުމަތްތަކުގެ ގޮތުގައި. އަދި ވަރަށްގިނަ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށްވެސް އަޅުގަނޑުމެން ކަނޑައަޅާފައި ވާނެ.
މިރޭ އަޅުގަނޑު ބޭއްވިން، ކައުންސިލާއި އަދި މުއައްސަސާތަކުގެ ބޭފުޅުންނާ އެކުގައި މަޝްވަރާ މަސައްކަތު ބައްދަލުވުމެއް. އަޅުގަނޑު އެ ބައްދަލުވުމުގައި އެ ބޭފުޅުން ވިދާޅުވި ކަންކަމަށް ވާނީ އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ވަޒީރުން ޖަވާބު ދެއްވައި، އަދި މަޝްވަރާތައް ކުރެވި، ކަންކަން ކުރިއަށް ގެންދިޔުމުގައި އެއްބަސްވެވޭނެ ގޮތްތަކާއި އަދި ކުރެވޭނެ ގޮތްގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައި.
އަޅުގަނޑު މި ދަތުރުތަކުގައި މި މަސައްކަތްތައް މި ކުރަނީ، އެންމެ އަވަހަށް ނަތީޖާ ނެރެވޭނީ ކިހިނެއްތޯ ވިސްނައިގެން. އަޅުގަނޑު އެކަނި މިތަނަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކޮށްވެސް މަސައްކަތް ކުރެވިދާނެ. އެކަމަކު އަޅުގަނޑު ބޭނުންވީ، ރަށެއްގެ ތަރައްޤީގައި އެންމެ ގިނަ މަސައްކަތްތައް ޝާމިލުވާ ވުޒާރާތަކުގެ ވަޒީރުންނާ އެކީގައި ރައްޔިތުން ގާތަށް އައިސް، ރައްޔިތުންގެ ފަރާތުން ތިއްބެވި މަންދޫބުންނާއި، މުއައްސަސާތަކުގެ ވެރިންނާ އެކީގައި، އެއް މޭޒެއްގެ ކައިރީގައި އިށީނދެ ކުރެވޭނެ ކަންތައްތައް ކުރެވޭނެގޮތާއެކު މަޝްވަރާކޮށް، ގޮތްގޮތް ނިންމައިގެން ނުކުންނަން. އެހެންވީމާ، އެގޮތަށް މި މަސައްކަތް މި ހިނގަނީ. މި ދަތުރުތައް މި ބާއްވަނީ. އެގޮތަށް މަޝްވަރާތައް ކުރެވިފައި ވާނެ.
މި ރަށުގެ ބިން ހިއްކުމުގައި ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް، ބިން އިތުރުކުރަން ވަޢުދުވެ، އެކަން ކުރިން. ނަމަވެސް، ކޮންމެވެސްވަރަކަށް ގިރައިގެން އެދަނީ. އަޅުގަނޑުމެންނަށް ޝޯ ޕްރޮޓެކްޝަން، ނޫނީވިއްޔާ ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމަށް ޖަހަންޖެހޭ ތޮށީގެ މަސައްކަތް، ދިމާވި އެކި ކަންތައްތަކާ އެކުގައި، ދެފަހަރެއްގެ މަތިން އެކަން ކުރަން އުޅެ، ބައެއް ހާދިސާތައް ދިމާވެ، ލަސްވެގެން ނުވި. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް މޫސުމީގޮތުން ކުރެވޭނެގޮތް މަގުފަހިވީހާ އަވަހަކަށް ކުރެވޭއިރުގައި، އެ ގެއްލިގެންދިޔަ ސަރަޙައްދުވެސް ހަމަ ފުރިހަމަކުރެވި، އަޅުގަނޑު ވަޢުދުވީ ގޮތަށް، ހަމަ އެ މިނަށް، އެ ސަރަޙައްދުގެ ބިން ފުރިހަމައަށް ހިއްކައި ތޮށިލެވިގެން، ނޫނީވިއްޔާ ޝޯ ޕްރޮޓެކްޝަން ސަރަޙައްދު ރައްކާތެރިކުރުމުގެ މަޝްރޫޢާ އެކީގައި އެކަން ނިމިގެންދާނެ.
އަދި އެއާއެކީގައި، މި ރަށަކީ އަރބަން ސެންޓަރެއް ގޮތުގައި އަޅުގަނޑު ކަނޑައަޅާފައި އޮތް ރަށަކަށްވާއިރުގައި، އެންމެ މުހިންމު އެއްކަމަކަށް ވާނީ، ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް، ނޫނީވިއްޔާ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން ކުރުން. މި އަހަރުގެ ބަޖެޓުގެ ތެރޭގައި ކުރާކަށް، މި އަހަރުގެ ތެރޭގައި މި ރަށުގައި މަޝްރޫޢު ހިންގަން ސީދާ އަޅުގަނޑު އިޢުލާނުކޮށްފައެއް ނުއެއް އޮންނާނެ. އެހެންނަމަވެސް، މި އަހަރުގެ ބަޖެޓަކީ، އާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު، ހައުސިންގ ދާއިރާއިން، ގެދޮރު ބިނާކުރުމުގެ ދާއިރާއިން ހިންގަން އަޅުގަނޑުމެން ކަނޑައެޅި ބަޖެޓެއް.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރާއި މި އަންނަ އަހަރު، މި ދެ އަހަރު ދުވަހުގެ ތެރެއިން މި ރަށުގައި އަޅުގަނޑުމެން ގެދޮރު ބިނާކުރުމުގެ މަޝްރޫޢެއް ފަށާނަން. އަދި އިރާދަކުރެއްވިއްޔާ، މި ދައުރުގެ ތެރޭގައި މި ރަށުގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އެކަމަށް ބޭނުންވާ ބިމާއި، އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް، ކައުންސިލާއި، ކަމާބެހޭ ވުޒާރާތަކާ އެކުގައި ކޮށްގެން ނިންމުނުހާ އަވަހަކަށް އަޅުގަނޑުމެން އެކަމައިގެން މަސައްކަތް ފަށާނަން. އެއީ، މި ރަށަށާއި، މި ރަށުގައި ޚިދުމަތް ހޯދަން އަންނާނެ ފަރާތްތަކަށާއި އަދި ހިޖުރަކުރާނެ ފަރާތްތަކަށް، މި ހުރިހާ ފަރާތްތަކަށްވެސް ރަށުގެ ރައްޔިތުން ކަނޑައަޅާ ގޮތަކަށް އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންހިފަން، ބޭނުންކުރެވޭނެ އަދި މި ރަށުގެ ތަރައްޤީއަށް މުހިންމު ކަމަކަށް ވާނެ.
މުޅި ރާއްޖޭގެ ތަރައްޤީގައިވެސް ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ޙައްލުވުން. މި އަހަރުގެ ބަޖެޓުން 1500 މިލިއަން ރުފިޔާ ކަނޑައެޅީ ގެދޮރުގެ މަޝްރޫޢުތައް ހިންގަން. ކެމްޕެއިންގައި އަޅުގަނޑު ވީ ވަޢުދުތައް، އެކި ރަށްރަށުގައި ގެދޮރުގެ މަޝްރޫޢުތައް ހިންގަން ވީ ވަޢުދުތައް ފުއްދުމަށް. މި މަސް ނިމުމުގެ ކުރިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިޢުލާނު ކުރާނަން، އެ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް. އެ މަސައްކަތްތައް މި އަހަރު ތެރޭގައި އެކި ރަށްރަށުގައި ފެށިގެންދާނެ.
މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވާލަނީ، މިކަން މިގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށް ގެންދާނެ ވާހަކަ. މި އަހަރު ތެރޭގައި އަޅުގަނޑު އެކި ރަށްރަށުގައި ކެމްޕެއިންގައި ވީ ވަޢުދާ އެއްގޮތަށް، ވަޢުދުވީ ޢަދަދާ އެއްވަރަށް، ވަޢުދުވީގޮތަށް ހައުސިންގ މަޝްރޫޢުތައް ޢަމަލީގޮތުން ފެށިގެންދާނެ. އަދި މި ދައުރުގެ ތެރޭގައި، އެ ހުރިހާ މަޝްރޫޢުތަކެއް ނިންމުމަކީ، މި ސަރުކާރުގެ އެންމެ އިސް ތަރައްޤީގެ ވާޖިބު. އެކަން އިރާދަކުރެއްވިއްޔާ ހާސިލުކޮށްފައި އަޅުގަނޑުމެން ރައްޔިތުންނަށް ދައްކައިދޭނަން. އަދި އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބޭނެކަން އެއީ، ފުރިހަމަ ޔަޤީންކަމާއެކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެކަން އަޅުގަނޑުމެން ކޮށްދޭނަން.
ދެން މި ރަށުގެ ތަރައްޤީއަށް ހުރި އެހެން ކަންކަމަށް ބަލައިލާނަން. ގެދޮރުގެ މަޝްރޫޢުތަކަށްފަހު، މި އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދެނީ ތަޢުލީމާއި، ޞިއްޙީ ދާއިރާ ކުރިއަރުވަން. ތަޢުލީމާއި ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް މި ރަށުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މިހިރީ. މިހާރު ފެށިފައިވާ މަޝްރޫޢު ނިމުނަސް، 8 ކްލާސްރޫމަކުންވެސް އެކަމެއް ނުއެއްވާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާފައި ވާނެ، މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި، ކަމާބެހޭ ވުޒާރާއާއެކީ، އެޑިޔުކޭޝަން މިނިސްޓްރީއާ އެކީގައި ކައުންސިލުން، ސްކޫލުން މަޝްވަރާތައް ކޮށް، ސްކޫލްގެ ގޯތީގެ ތެރޭގައި އިތުރަށް ކްލާސްރޫމްތައް، އިތުރު އިމާރާތް އެންމެ ރަނގަޅަށް އެޅޭނެގޮތެއް ކަނޑައަޅައިގެން، އެކަން އެއްބަސްވެލެއްވުމަށް، އެކަން ކުރާނެގޮތެއް. އަޅުގަނޑު ވަޢުދުވިން، 16 ކްލާސްރޫމް އިތުރުކުރަން.
މައިގަނޑު ގޮތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަރބަން ސެންޓަރެއް ގޮތުގައި މި ރަށް ކަނޑައެޅިފައިވާތީ، އެ ބޭނުންވާ ޢަދަދަށް، އެއް ދަންފަޅިއަކަށް ކިޔަވައިދެވޭގޮތަށް، އަދި ކުރިއަށް އޮތް މުސްތަޤްބަލަށްވެސް ވިސްނައިގެން، މި ރަށުގެ ސްކޫލަށް ބޭނުންވާނެ ކްލާސްރޫމާއި، ދެންވެސް ބޭނުންވާނެ، އެ ފެންވަރުގެ ސްކޫލެއްގައި ހުންނަންޖެހޭނެ ހުރިހާ ވަސީލަތްތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރަށުގައި، މި ދައުރުގައި ފުރިހަމަކުރާނަން.
ހަމައެއާއެކީގައި، ޞިއްޙީ ދާއިރާގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ކުރަން ރާވާފައިވަނީ ހަމަ އެގޮތަށް. ޞިއްޙީގޮތުން ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭނެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނަން.
އާދެ، ދެންމެ މި ދެންނެވީ، ޓަރޝަރީ ހޮސްޕިޓަލެއް ގޮތުގައި މި ރަށުގެ ހޮސްޕިޓަލް ތަރައްޤީ ކުރުމަކީ، އަޅުގަނޑު ނިންމާފައިވާ ގޮތް. ހުރިހާ އަރބަން ސެންޓަރުތައް ގޮތުގައި ކަނޑައަޅާފައި ހުރި ތަންތަނުގައި އެއީ، ސިޔާސަތަކީ. އެހެންނަމަވެސް، ވަރަށްގިނަ ކަންކަން ފުރިހަމަވާންޖެހޭ. އެހެންވީމާ، ތިން އަހަރު ދުވަހުގެ ޕްލޭނެއް އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ. ޚިދުމަތުގެ ގޮތުން، ޖާގައިގެ ގޮތުން، ވަސީލަތްތަކުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އެބަހުރި. އެކިކަހަލަ ބަލިތަކަށް އެކިކަހަލަ ޚިދުމަތްތައް ޤާއިމުވެފައި ހުންނަންޖެހޭނެ، އެ ފެންވަރުގެ ހޮސްޕިޓަލެއްގައި. އެހެންވީމާ، އެއީ، އެއް އަހަރުން ވާވަރުގެ ކަންކަމެއް ނޫން. ތިން އަހަރުގެ ބަޖެޓަކަށް ބަހާލައިގެން އަޅުގަނޑުމެން އެކަން ކުރަން ނިންމާފައި މިއޮތީ. އެހެންވީމާ، އެކި ބަލިތަކާ ބެހޭ ބައެއް ޚިދުމަތްތައް އިރާދަކުރެއްވިއްޔާ މި އަހަރު ފުރިހަމަވެގެންދާނެ. މި އަންނަ އަހަރު އެކި ޚިދުމަތްތައް، ދެން އަހަރު އަހަރު އެކީގައި ނިމި، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި، މި މަސައްކަތްތައް ނިމިގެންދާއިރުގައި، ޓަރޝަރީ ފެންވަރުގައި އެ ކަނޑައަޅާފައި، ޓަރޝަރީ ފެންވަރެއްގައި ހުންނަ ހޮސްޕިޓަލްގައި، ޓަރޝަރީ ހޮސްޕިޓަލެއްގައި ހުންނަންޖެހޭ ފެންވަރަށް ތަރައްޤީވެފައިވާ ޓަރޝަރީ ހޮސްޕިޓަލެއް މި ރަށުގައި ހުންނާނެ.
އާދެ، ދެން އެއާއެކުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި، ކުޅިވަރާއި، އިޖުތިމާޢީ އެކިއެކި ދާއިރާތަކުން ކުރަންހުރި ކަންކަން ހުންނާނެ. އަޅުގަނޑު ވަޢުދުވިން، ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅަ ދަނޑެއް ޤާއިމުކުރަން. މިއަދު އެކަމާ ގުޅޭ ބައެއް މަޝްވަރާތައްވެސް ކުރެވިގެންދިޔަ. ކުޅިވަރާބެހޭ ވަޒީރު، ރ. ކައުންސިލާ އެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޢުދުވީ ގޮތަށް، އެކަން ހަމަ ޔަޤީނުންވެސް ކޮށްދޭނެކަން އަޅުގަނޑު މިރޭ ހަމަ ރިޕީޓްކޮށްލަން ބޭނުން.
އަދިވެސް، އަދިވެސް ކުޅިވަރުގެ ވަރަށްގިނަ ފެސިލިޓީޒްތައް ޤާއިމުކުރެވިގެންދާނެ. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން، މި ދެންނެވި ފުޓްބޯޅަ ދަނޑުގެ އިތުރަށް، އެކިކަހަލަ ކުޅިވަރުތައް ކުޅެވޭ ވަސީލަތްތައް މި ރަށުގައި ޤާއިމުކުރާނަމޭ. އެކަން ހަމަ އަޅުގަނޑު ހަނދާނުގައި އެބަހުރި. އަދި އެއީ، ހަމަ ސަރުކާރުގެ ރަސްމީ ސިޔާސަތަކީ. އެކަން އެގޮތަށް އަޅުގަނޑުމެން ކުރިއަށް އޮތް އަހަރުތަކަށް ބަހާލައިގެން މި ރަށުގައި ޤާއިމުކޮށް ނިންމޭނެ. އަޅުގަނޑު ޖުމްލަކޮށްވެސް ހަމަ ދަންނަވަން އޮތީ، އަރބަން ސެންޓަރަކީ، މި ދެންނެވި ކަހަލަ ހުރިހާ ދާއިރާތަކަކުން އެންމެ ފެންވަރު ރަނގަޅުކޮށް ހުރިހާ ޚިދުމަތެއް ޤާއިމުކުރުމަށް، އެ ބޭނުމުގައި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް މިންގަނޑެކޭ. އެހެންވީމާ، އެގޮތުގައި ހުރިހާ ކަމެއް ޤާއިމުވެގެންދާނެ.
ބަނދަރަށް ބަލާއިރުގައި، ބަނދަރުގައިވެސް އެބަހުރި، ވަރަށްގިނަ ކަންތައްތަކެއް ކުރަން. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން، ބަނދަރު ބޮޑުކުރާނެ ވާހަކަ. މިރޭ އަޅުގަނޑު ދެންނެވިން ކައުންސިލަށް، ކޮންސްޓްރަކްޝަން މިނިސްޓަރާ އެކީގައި، އަޅުގަނޑުމެން މި ރަށުން މާދަން ފުރުމުގެ ކުރިން މިރޭ ހަމަ މަޝްވަރާ ކުރައްވާށޭ، ކަންތައްތައް ފައިނަލް ކުރަން. ކޮންމެގޮތެއްވިޔަސް އެބަހުރި، ހަމަ މަޝްވަރާކޮށްގެން ނޫނީވިއްޔާ، ދުރު ރާސްތާއަށް ވިސްނާއިރުގައި ބޭނުންވެލައްވާ ގޮތަށް އެކަން ކުރުމުގައި ނުނިންމޭނެ ކަންކަން. އެހެންވީމާ، ކައުންސިލުން ރައްޔިތުން ބޭނުންވާގޮތަށް، ކައުންސިލާއި މިނިސްޓްރީއާ އެކީގައި މަޝްވަރާ ކުރެވިގެން ދިޔައިމަ، ތިޔަބޭފުޅުން ބޭނުންވާގޮތަށް އިރާދަކުރެއްވިއްޔާ އެކަމަކީވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، ވީހާވެސް އަވަހަކަށް އެ މަޝްރޫޢު ހަމަ މި އަހަރުގެ ތެރޭގައިވެސް ކުރެވެންހުރި ކަންކަމާ އެކީގައި އަޅުގަނޑުމެން ކުރާނެ ކަމެއް.
އެހެންވީމާ، ޖުމްލަ ގޮތެއްގައި ރަށުގެ ތަރައްޤީއަށް ބޭނުންވެފައި މިހިރަ ކަންކަން މިއީ ކެމްޕެއިންގައިވެސް އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ކަމުގައިވާތީ، އެކަންކަން އިރާދަކުރެއްވިއްޔާ ކުރާނެކަން އެއީ، ހަމަ އަޅުގަނޑު ޔަޤީންކަމާއެކީ ތިޔަބޭފުޅުންނަށް ދަންނަވާ ކަމެއް.
އާދެ، ހުރިހާ ކަމެއް، ފަހަރަކު ކަމެއް އަޅުގަނޑު ހަމަ ނުދެންނެވި ނަމަވެސް، ޖުމްލަކޮށް އެކަންކަން މި ފާހަގަކޮށްލީ. އަދިވެސް ހަމަ ވަރަށްގިނަ ކަންކަން އެބަހުރި. މި ރަށުގައި ތަޢުލީމީ ދާއިރާއިން ބަލާއިރުގައިވެސް އަޅުގަނޑުމެން ކުރަން ވިސްނާފައި ހުރި ވަރަށްގިނަ ކަންކަން އެބަހުރި. އަދި ހަމައެއާއެކީގައި، އިޤްތިޞާދީ ނަފާ ލިބޭނެކަހަލަ ފުރުޞަތުތައް ހޯދައިދިނުމުގައިވެސް ކުރެވިދާނެ އަދި ކުރަން ރައްޔިތުން ބޭނުންވެލައްވާ ވަރަށްގިނަ ކަންތައްތައްވެސް އެބަހުރި.
އާދެ، މިއަދު އަޅުގަނޑު ސަލާންކުރަން ސަފުގައި ހުރިއިރުގައި، އެކި ކުދިން، ކުދިކުދި ކަރުދާސްކޮޅުކޮޅު އަޅުގަނޑު އަތަށްދިން. އަޅުގަނޑު ގޮސް ބަލައިލިއިރުގައި، ރަށަށް ބޭނުންވާ އެކިކަހަލަ ކަންކަން ބަޔާންކޮށްފައި ހުރީ. އެހެންވީމާ، އަޅުގަނޑު ދެންމެ މި ދެންނެވި ގޮތަށް މިހާރު އެކަންކަމަށް އަލިއަޅުވައިލެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެ ކަރުދާސްކޮޅުތައް ދިން ކުދިންނަށާއި މައިންބަފައިންނަށް އަޅުގަނޑު ހިތުން އެ މެސެޖް ދެވިއްޖެ. ދެންމެ މި ދެންނެވި ހުރިހާ ކަމެއްގެ ތެރެއިން ބައެއް ކަންކަން އޭގައި ހުރި ފާހަގަކޮށްފައި. މިތަނުގައި ހިނގަމުންދިޔަ ބައެއް ޔުނިވަރސިޓީގެ ޑިގްރީ ކޯސްތަކާއި، ބައެއް ނަރސިންގ ކޯސް ހިންގުމާއި، މިކަހަލަ ކަންކަން އަލުން ފަށައިދިނުމާއި، މިކަހަލަ ކަންކަމަށްވެސް ރިކްއެސްޓް އައިސްފައި ހުރީ.
އެހެންވީމާ، ޖުމްލަކޮށް އެންމެމަތީ ފެންވަރުގައި ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ކުޅިވަރާއި، އިޖުތިމާޢީ ކަންކަމާއި، އިޤްތިޞާދީ ކަންކަން ޤާއިމުވެގެން ދިޔުމަކީ، މި ދެންނެވި ހަތް ސަރަޙައްދުގައި އަޅުގަނޑުމެން ކަނޑައަޅާފައި އޮތްގޮތް.
އެހެންވީމާ، ސަރުކާރުގެ ރިސޯސަސްތައް ފޯކަސް ކުރާނެ މިކަންކަމަށް. ހަމައެއާއެކުގައި، އެންމެ ކުޑަ ރަށުގައިވެސް ކަންތައްތައް ކުރިއަށްދާނެ. ބައެއް މީހުން އޮޅުވައިލުމަށް ބައެއް ވާހަކަ ދައްކާ. އަޅުގަނޑުމެން ބައެއް ރަށްތައް ދޫކޮށްލާފައި މިކަން ކުރަނީއެއް ނޫން. އެހެނެއް ނޫން. ހަމަ އެންމެ ކުޑަ ރަށަށްވެސް ބޭނުންވާ ކަންކަން، އެ ރަށުގެ ރައްޔިތުން ތިބޭހާ ހިނދަކު ހުންނަންޖެހޭނެ އެ ރަށެއްގެ ނިސްބަތުން ޤާއިމުކުރެވިފައި. ޤާނޫނުއަސާސީގައިވެސް އެކަން އޮންނަގޮތް އެއީ. އަދި އަޅުގަނޑުމެންގެ ސިޔާސަތަކީވެސް އެއީ. އެހެންނަމަވެސް، މެދު އަދި ދުރު ރާސްތާއެއްގެ ވިސްނުމެއްގައި ސަރަޙައްދީ ތަރައްޤީ، އާބާދީއާއި ތަރައްޤީ އެއްފަސްވުން އެއީ، ރާއްޖެއަށް އޮތް ހަމައެކަނި ޙައްލު. އެނޫން ޙައްލެއް ނެތް. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރަންޖެހެނީ. މިއީ އިންވެސްޓްމަންޓެއް. މިއީކީ ބޭކާރު ޚަރަދެއް ނޫން.
އަޅުގަނޑު އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބަށް ކެމްޕެއިނަށް ބޭއްވި ފުރަތަމަ ޖަލްސާގައިވެސް ދެއްކި ވާހަކަ މިއަދު މިތާވެސް މި ދައްކަނީ. ތަފާތެއް ނާދޭ. އެހެންވީމާ، އެންމެ ކުޑަ ރަށުގެ ރައްޔިތުންނާވެސް އަޅުގަނޑު އެބަ ބައްދަލުކުރަން. ހުރިހާ ރަށަކަށް އެބަ ދަން. ހުރިހާ ރަށެއްގައިވެސް އެ ރައްޔިތުން ބޭނުންވާ ކަންކަން، އެ ރަށަކަށް ބޭނުންވާ ނިސްބަތުން ހަމަ ކޮށްދޭނެ ވާހަކަ ދަންނަވަމުން، ކުރަމުން މިދަނީ. އެހެން ނަމަވެސް، ދުރު ރާސްތާއަށް އަދި މެދުރާސްތާއަށް ވިސްނާއިރުގައިވެސް، އެކި ސަރަޙައްދުތައް ތަރައްޤީވާންޖެހޭ. އެހެންވީމާ، މިގޮތަށް ހަތް ރަށެއް ކަނޑައަޅައި، އަދި އެންމެ އުތުރުން ތިން އަތޮޅާއެކު، އެންމެ އުތުރުގެ ހއ. ހދ. ށ. ނ. އެކުގައި އެއް ރީޖަން ގޮތުގައި، ދެކުނުން އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދުއަތޮޅުގެ ދެބުރިއާ އެކީގައި، މި ކޮންމެ ކޮޅަކުން ހަތަރު އަތޮޅު ހިމެނޭ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއްވެސް ކަނޑައަޅައި، އެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް މި ކުރަނީ. އެހެންވީމާ، މިގޮތަށް ސަރަޙައްދުތަކެއް ތަރައްޤީ ކުރެވި، ރަށްތަކެއް ތަރައްޤީކުރުމަކީ، ޙަޤީޤަތުގައި ޒިންމާދާރުކަމާއެކީގައި ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމަކީ. އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެންގެ ޕްލޭން މިއޮތީ. އަދި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްދާނީވެސް. އާދެ، އެހެންވީމާ، މި މަސައްކަތްތައް އަޅުގަނޑުމެން ތަރައްޤީގެ ކަންކަން ކުރިއަށް މިގެންދަނީ ހަމަ އެ ވިސްނުމުގައި.
ދެން އަޅުގަނޑުމެން މި ދަތުރުގައި، މި އަތޮޅުގެ ހުރިހާ ރަށަކަށް ނުއެއްދަން. މިހާރު މިކުރާ ދަތުރުތައް ގިނައިން މި ކުރަނީ، ނޫނީ އިސްކަން މިދެނީ، އަޅުގަނޑަށް މި އަހަރު، މިދިޔަ އަހަރާ އެކީގައި ނުކުރެވި ހުރި ދަތުރުތައް، ނޫނީ ނުދެވިހުރި ރަށްތަކަށް އިސްކަންދީގެން. އެހެންވީމާ، ނުދެވޭ އަދި އޮންނާނެ މި އަތޮޅުގައި ހަތަރު ރަށެއް.
ދެން އޭގެތެރެއިންވެސް، ދުވާފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރުވެސް އިންނެވުމާ އެކީގައި، ދުވާފަރާ ބެހޭގޮތުން އަޅުގަނޑު އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދިލައްވާ އެއް ކަންތަކުގައި އެއްޗެއް ދަންނަވާލާނަން.
އެއީ، ބީ.އެމް.އެލް.ގެ ބްރާންޗް ޤާއިމުކުރުމުގެ ކަންތައް. ކައުންސިލާ އެކީގައި، ބީ.އެމް.އެލް.އިން އެކަމާބެހޭ އެގްރީމަންޓަކަށް ވަރަށް އަވަހަށް އަޅުގަނޑު ގަބޫލުކުރެވެނީ، މި އަންނަ ހަފްތާގައި އަންނާނެ. އައިސް މިހާރު އެ ބްރާންޗްގެ އިމާރާތާބެހޭ ޕްރީފެބް މަސައްކަތްތައް ފެށިފައިވާކަން، މިރޭ އަޅުގަނޑު ޖަލްސާއަށް އައުމުގެ ކުރިން ޔަޤީންކުރިން ބީ.އެމް.އެލް.އިން. ޖުމްލަގޮތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދެވީ އެ ބޭންކުން. ދަންނަވާލަން ބޭނުންވަނީ، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ދުވާފަރުގައި އެ ބްރާންޗް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާނަމޭ.
އާދެ، ވަރަށް ބޮޑަށް މާފުކުރައްވާތި، އަޅުގަނޑަށް ނުދެވޭ އެހެން ރަށްތަކުގެ މަޢުލޫމާތު، ނޫނީވިއްޔާ މަޝްރޫޢުތަކުގެ ތަފްޞީލު ނުދެވިދާނެތީ.
އާދެ، ޖުމްލަކޮށް މި އަތޮޅުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންކަން ހަމަ އެގޮތުގައި ވަޢުދުވެފައި ހުރި ގޮތަށް ހިނގާނެ.
ޓޫރިޒަމް ދާއިރާއަށް ބަލައިފީވިއްޔާ، އަޅުގަނޑު ވަޢުދުވިން، ވަރަށްގިނަ އިތުރު ރަށްތައް ޓޫރިޒަމަށް ހުޅުވާލާނެ ވާހަކަ. ނުހެދި ހުރި ބައެއް ރަށްތައް، ނުހަދާ ބައެއް މީހުން، ބައެއް އިންވެސްޓް ކުރަން ނަގާފައި ހުރި ރަށްތައް ނުހެދި ހުރި ސަބަބު ބަލައި، އެކަންކަމަށްވެސް ޙައްލުގެނެސް، އިތުރަށް ޓޫރިޒަމްގެ ދާއިރާ ކުރިއަށް ގެންދާނެ ވާހަކަ. އިތުރު އެއަރޕޯޓެއް އަޅާނެ ވާހަކަ. މިހިރީ ވެފައި ހުރި ވަޢުދުތައް.
މި ރަށުގެ، މި އަތޮޅުގެ ތަރައްޤީއަށް ބަލާއިރުގައިވެސް ވަރަށް މުހިންމު ކަމެއް، ދަތުރުފަތުރުގެ ނިޒާމަކީވެސް. އާރު.ޓީ.އެލް.ގެ ޚިދުމަތަކީ، ބައެއް އަތޮޅުތަކުގައި އަދި ނުދެވޭ ޚިދުމަތެއް. އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ، މި އަހަރު ނިމުމުގެ ކުރީގައި މިގޮތަށް ޚިދުމަތް ނުދެވިހުރި ހުރިހާ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ އާރު.ޓީ.އެލް.ގެ ޚިދުމަތް އަޅުގަނޑުމެން ފަށާނަމޭ. އެގޮތުން، ދެން އެންމެ އަވަހަށް މި ޚިދުމަތް ޤާއިމުވެގެންދާނެ އަތޮޅަކީ، މި އަތޮޅުކަން އަޅުގަނޑު ދަންނަވާލަން. މި އަތޮޅާ އެކީގައި، ބ. އަތޮޅުވެސް ހިމެނޭހެން. މި އަހަރުގެ ޖޫންމަސް ނިމުމުގެ ކުރީގައި، ޖޫން މަހުގައި މި އަތޮޅުގައި، ބ. އަތޮޅުގައި ޖުލައި މަހުގައި. އެހެންވީމާ، މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރީގައި މި ދެ އަތޮޅުގައި އާރު.ޓީ.އެލް.ގެ ޚިދުމަތް ފަށާނެކަން އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވާލަން. އާދެ، ދެން ހަމަ އެހެން އަތޮޅުތަކުގަޔާ އެކީގައި، މި އަހަރު ނިމިގެންދާއިރުގައި، ޚިދުމަތް ޤާއިމުކުރެވިގެންދާނެ.
އާދެ، އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް، މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ކެމްޕެއިން ތެރޭގައި ވީ ވަޢުދުތަކާއި، އަދި އޭގެއިތުރަށްވެސް މި ރަށުގެ ރައްޔިތުން އުންމީދު ކުރައްވާ ކަންކަމުގައި ކުލަ ޖައްސައިދިނުމަކީ، އަޅުގަނޑުގެ ޒިންމާއެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަމޭ. ސަރުކާރުން އިރާދަކުރެއްވިއްޔާ ކަންކަން ކުރިއަށް ގެންދާނީ އެގޮތަށޭ.
ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުން، ރާއްޖޭގެ ރައްޔިތުންވެސް ބައްލަވަމުން ގެންދަވާ ޖަލްސާއެއްވީމަ، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ ބެހޭ ބައެއް ވާހަކަތައްވެސް.
އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ، ސަރުކާރުން ޚިދުމަތް ދޭންވާނީ، ކޮރަޕްޝަން ނައްތައިލެވޭގޮތަށް ކަންކަން ބައްޓަންކޮށްގެން ކަމުގައި. އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތައް ފަށައިފިން މިކަމަށް. ސަރުކާރުގެ ނިޒާމުގެ ތެރޭގައި، މި ނުބައި ޢަމަލު މިއީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް. އެހެންނަމަވެސް، އެއީ، އެހެން އޮންނަންޖެހޭނެ ކަމެއް ނޫން. އެކަމަށް ހުރަސްއެޅުމަށްޓަކައި ކަންކަން ކުރެވޭ ކަމުގައިވާނަމަ، ހެޔޮ ނިޔަތުގައި ކުރާކަމުގައިވާނަމަ، ކޮރަޕްޝަންގެ ޢަމަލުތައް ނައްތައިލެވޭނެ. ނޫނީވިއްޔާ މަދުކުރެވޭނެ.
އެގޮތުން ބަލާއިރުގައި، އެންމެ މުހިންމު، އެންމެ ފަސޭހަ، ނޫނީވިއްޔާ އެންމެ ރަނގަޅަށް އެކަމަށް ކުރެވޭނެ އެއްކަމަކީ، މުޅި ދައުލަތުގެ ހުރިހާ ޚިދުމަތްތަކެއް، ހުރިހާ މަސައްކަތްތަކެއް އެއީ، ޑިޖިޓަލައިޒް ކުރެވިގެން ދެވޭ ޚިދުމަތްތަކުގެ ގޮތުގައި ޤާއިމުކުރުން. އިންސާނުންގެ ހިއުމަން އިންޓަރވެންޝަނުން ޢަމަލީ މަސައްކަތްތަކެއް ކޮށްގެން ކުރާ މަސައްކަތް މަދުކުރެވުނުވަރަކަށް، ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވި، ކުރެވޭ ކޮންމެ ކަމެއްގެ ރެކޯޑިންގ ބެލެހެއްޓޭ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވިގެން ދިޔައިމަ، ވަރަށް ބޮޑަށް އެކަން ހުއްޓުވޭނެ.
އެހެންވީމާ، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން މުޅި ރާއްޖޭގެ ޕަބްލިކް ސަރވިސް ހުރިހާ ކަމެއް، އެއް ވިއުގައަކުން ގުޅުވައިލެވިފައި އޮންނަ އެންމެ ޒަމާނީ ފެންވަރުގައި މުޅި ރާއްޖޭގެ މި ރަށްތައް ހިމެނޭހެން، ކައުންސިލްތަކުގެ ޚިދުމަތްތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތެއް ޤާއިމުކުރުމުގެ ބޭނުމުގައި، އަޅުގަނޑު މިދޭތެރެއިން އެސްޓޯނިއާގެ ރައީސް ދެއްވި ދަޢުވަތަކަށް މިއައީ އެ ޤައުމަށް ގޮސްފައި.
އެނގިވަޑައިގަންނަވާނެ ފަދައިން، މުޅި ދުނިޔޭގައިވެސް އެންމެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލައިޒް ކުރެވިގެން ޚިދުމަތްދޭ އެއް ޤައުމަކީ އެއީ. އަދި 100 ޕަސެންޓް ހުރިހާ ޕަބްލިކް ސަރވިސްއެއް ޑިޖިޓަލައިޒް ކޮށްގެން ދޭ ޤައުމެއް. އެ ޤައުމުގެ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރޭ، އެ ޤައުމުގެ ނިޒާމަށް.
އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، އެތާނގައި އެކަން ކުރާގޮތަށް މި ޤައުމުގައިވެސް އެކަން ކުރަން. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެގުނަ އާބާދީ ބޮޑު ރަށެއް، 1.3 މިލިއަން ރައްޔިތުން. ރާއްޖޭގައި ފަސްލައްކައެއްހާ ރައްޔިތުން. ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ރާއްޖޭގެ އާބާދީ ކުޑަ. އަޅުގަނޑުމެންނަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް. އެހެންވީމާ، އެންމެ ރަނގަޅަށް ޑިޖިޓަލައިޒް ކުރެވިގެން ޚިދުމަތްދޭ ޤައުމުގައި އެކަން ކުރާގޮތަށް ކުރުމުގެ ނިޔަތުގައި، އެ ދަތުރު ކޮށްގެން ވަރަށްގިނަ ކަންކަމަށް އަޅުގަނޑުމެންނަށް މަގުފަހިވެފައި ވަނީ. ކަމާބެހޭ އެމް.އޯ.ޔޫ.އެއްގައިވެސް ސޮއިކުރެވި، ވަރަށްގިނަ ކަންކަމުގައި އެހީތެރިކަން ދެއްވަން އެ ބޭފުޅުން އެ ތިއްބެވީ. މިސާލަކަށް، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ބޭންކިންގ ދާއިރާ. ހުރިހާ ދާއިރާތަކެއް ލިސްޓްނުކުރިޔަސް.
މިގޮތުން ބަލާއިރުގައި، އިރާދަކުރެއްވިއްޔާ އެންމެ ފުރަތަމަ ކުރާނެ ކަންކަމުގެ ގޮތުގައި، ޑިޖިޓަލް އައި.ޑީ. ކާޑެއް، އައި.ޑީ. ކާޑު ނިޒާމެއް އަޅުގަނޑުމެން ތަޢާރުފް ކުރުން އެއީ" ކުރާނެ ކަމެއް. ޑިޖިޓަލް އައި.ޑީ. ކާޑު އެއީ، އެސްޓޯނިއާގައި އެކަން ކޮށްފައިވާ ފެންވަރުގައި އަޅުގަނޑުމެން ކުރާނެ ކަމެއް. ކުރެވުނީމަ، އޭގެ ވަސީލަތުން، އޭގެ ޒަރީއާއިން ދެންހުރި ހުރިހާ ކަމަކަށް އެކްސެސްވެވޭ. ވަރަށް ފުރިހަމައަށް އިންޓަރގްރޭޓް ކުރެވިފައިވާ ވިއުގައަކުން ގުޅައިލެވިފައި ހުންނަ ނިޒާމެއްގެ ތެރެއިން އެކަން ކުރާނީ. ކުރިއަށް އޮތް ހަތަރު އަހަރަށް ބަހާލެވިގެން، މިކަމުގެ ތަފްޞީލީ ޕްލޭނަކާ އެކީގައި އަޅުގަނޑު މިކަން ކުރިއަށް ގެންދާނީ. މިކަމުގައި ބޭނުންވަނީ އެއްބާރުލުން. މުއައްސަސާތަކުގެ ވެރިންނާއި، މުއައްސަސާތަކުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ އެއްބާރުލުން. މިއީ ވަރަށް ބޮޑު ބަދަލެއް. އެކި މުއައްސަސާތަކުގައި އެކިވަރަށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ޚިދުމަތް އެބަދޭ. ވަކިވަކި ސައިލޯސްތައް. ވަކިވަކިން ހުރި. މިގޮތަކަށް ނޫން މިކަން ކުރަނީކީއެއް. އެ ޤައުމަކީ މިހާރު ކޮރަޕްޝަން އެންމެމަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. އެއީ، އެގޮތަށް އެ ނިޒާމު ޤާއިމުކޮށްފައި އޮތީމަ.
ޚިދުމަތެއް ދޭއިރުގައި، އެ މީހަކު ބޭނުންވާގޮތަކަށް މީހުން އަތުން ރިޝްވަތު ނަގައިގެން، ކަންކަން އަވަސްކޮށްދިނުމާއި، ކަންކަމުގައި ވަކި އިސްކަމެއް ދިނުމާއި، މިކަންކަން ނައްތައިލެވޭ، މި ނިޒާމު ޤާއިމުވީމަ. އަޅުގަނޑު ބޭނުންވަނީ، ދެ ފުށް ފެންނަ، ކޮރަޕްޝަން ނެތް ސަރުކާރެއްގެ ގޮތުގައި އަދި ދައުލަތްވެސް ހިނގަން.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ކައުންސިލްތަކުގައިވެސް އަދި މިނިސްޓްރީތަކުގައިވެސް، ކުންފުނިތަކުގައިވެސް އަދި އެކިކަހަލަ ސަރވިސް ޕްރޮވައިޑަރުންވެސް ޚިދުމަތް ދޭނީ، އަދި މިކަމަށް ޚާއްޞަ ޤާނޫނުތައް، އެ ޤައުމުގައި ޤާއިމުކޮށްފައި އޮތްގޮތަށް، އެ މީހުންގެ ތަޖުރިބާއާ އެކީގައި، އެ މީހުންގެ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން ޤާނޫނުތައްވެސް ތަޢާރުފްކޮށް، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ނިޒާމުން ބަދަލުކުރާނީ. މިކަމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި އެންމެ ރަނގަޅު މަގުން ޤައުމު ހިންގުމުގައި އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުގެ މެނިފެސްޓޯގައިވެސް މައިގަނޑު ގޮތެއްގައި މި ސިޔާސަތު އޮންނާނެ. އެހެންނަމަވެސް، މީގެ ތަފްޞީލަށް އަޅުގަނޑުމެން މިހާރު މިދަނީ. މިކަމުގައި ބޭނުންވަނީ ސަރުކާރަށް، އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރެއްވުން. އަޅުގަނޑުމެން މިކަން ކުރާނީ ދެފުށް ފެންނަ ގޮތުގައި. ކައުންސިލްތަކުގައިވެސް އަދި ހުރިހާ މުއައްސަސާތަކެއްގައިވެސް މިކަން ކުރިއަށް ގެންދެވޭނީ އޭރުން. އޭރުން އިރާދަކުރެއްވިއްޔާ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ މުޅި ޚިދުމަތުގެ ނިޒާމު، ކޮރަޕްޝަނުން ވަރަށްބޮޑުތަނުން ސަލާމަތްކުރެވޭނެ. މިކަމުގައި އަޅުގަނޑަށް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން އެއްބާރުލުން ދެއްވުމަކީ، އަޅުގަނޑު އެދޭ އިލްތިމާސް. އަދި އަޅުގަނޑު ޔަޤީންކުރާ ކަމެއް.
އެހެންވީމާ، މި ވާހަކަ އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވީ، އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑްގައި މިކަން ކުރިއަށް ގެންދަން ބޭނުންވާތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރުމުގައި ސަރުކާރުން އެއަށް ދޭންޖެހޭ ހުރިހާ އިސްކަމެއް އަޅުގަނޑުމެން ދޭނީ، އޭގެ ޓެކްނިކަލް ކެޕޭސިޓީ ބިލްޑް ކުރުމުގައިވެސް. އަދި ފިޒިކަލް ރިސޯސަސް އިތުރުކުރުމުގައިވެސް، ހުރިހާ ކަމެއް ކުރުމުގައި އަޅުގަނޑުމެން ކަންކަން ކުރާނީ އެންމެ އިސްކަންދީގެން. އެއީ، އަޅުގަނޑުމެން ބޭނުން، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރަން، އެންމެ ރަނގަޅު ގޮތުގައި. އެންމެ ރަނގަޅު ގޮތުގައި ތަރައްޤީ ކުރާއިރުގައި، ޑިޖިޓަލް ދާއިރާއިން އަޅުގަނޑުމެން މި މަގުން ދާންޖެހޭ. ކިޔަވާކުދިން ކިޔެވުމުގައި ބޭނުންކުރާ ނިޒާމުގެ ތެރޭގައިވެސް މިކަން މިގޮތަށް ދާންޖެހޭ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން، ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން ލިބިގެން އެކަން ވާނީ. މިކަން އެމްބްރޭސް ކޮށްގެން ފުރިހަމަގޮތުގައި.
އާދެ، އަޅުގަނޑު ވާނެ އިޢުލާނުކޮށްފައި، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ ތަރައްޤީ ކުރުމުގައި، ރައްޔިތުންގެ އެއްބާރުލުމާއި ޚިޔާލާއި މަޝްވަރާއާ އެކީގައި ކުރާނެ ޕްލޭނެއް ހަދާ ވާހަކަ. އޭގެ ނަތީޖާއަކަށް ވާނީ، 2040އާ ހަމަޔަށްދާއިރުގައި، މި ޤައުމަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމަކަށް ހެދުމޭ. އެކަން ކުރުމުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ޤައުމު ތަރައްޤީވާންޖެހޭ.
އެހެންވީމާ، މިކަން ކުރުމުގައި ރަށްރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެގެންދާނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ، މި ދެންނެވި ފަދައިން، ކޮރަޕްޝަން ނައްތައިލެވިފައިވާ ޤައުމަކަށް، ނޫނީވިއްޔާ ވަރަށް ބޮޑަށް ނައްތައިލެވިފައިވާ ޤައުމަކަށް މި ޤައުމު ހެދުން.
އާދެ، މިއާއެކީގައި ދެންވެސް ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެންގެ ސިޔާސަތު ތެރެއިން މި އަންނަނީ ކުރަމުން. މިކަންކަމުގައި ރައްޔިތުންގެ ތާއީދު އަދި އިތުބާރު އަޅުގަނޑަށް ދެއްވުމަކީ އަޅުގަނޑު އެދޭ ކަންތައް. ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުން. ވޭޕް ބޭނުންކުރުމުގެ ކަންތައް ޙައްލުކުރުން. މިކަމުގައި މިއީ ޖީލެއް ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ކުރިއަށް އޮތް މުސްތަޤްބަލަށް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޒުވާން ޖީލުގައި އެކަން އަށަގަންނަމުންދިޔަލެއް ބާރުމިނުގައި އެކަން ދިޔަނަމަ، ދޫކޮށްލެވިފައި އޮތްނަމަ، ދެން އަޅުގަނޑުމެންނަށް އެ އަތުނުޖެހޭ ހިސާބަށް ދާންއޮތް ކަމެއް ހުއްޓުވުމަށް އަޅުގަނޑުމެން ކުރި ކަމެއް.
ހަމަ އެއާއެކީގައި، ދެންހުރި ކަންތައްތައްވެސް. އަޅުގަނޑުމެން ވޭޕް މަނާކުރުމުގެ ކަންތައް ކުރުމާ އެކީގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި، އެކަމުން ދުރުހެލިވުމަށް ފިޔަވަޅުތަކެއް މި އެޅީ، ބައެއް ބޭފުޅުން ވިދާޅުވަނީ، ވަކި ބަޔަކަށް ފައިދާކުރާށޭ. ނޫން އެހެންނެއް ނޫން. އަޅުގަނޑު ބޭނުމެއް ނޫން، އެ ދާއިރާއިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރާކަށް. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ، ދުންފަތުގެ ބާވަތްތައް ގަނެގެން، އެ އިތުރުވާ، އިމްޕޯޓްކޮށްގެން އިތުރުވާ ޓެކްސް އެއީ، އެއަށް ބަރޯސާވެގެނެއް ދައުލަތުގެ އާމްދަނީއެއް ކަލްކިއުލޭޓް ނުކުރާނެ މިހާރު. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ކޮންމެ މީހަކީ، ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށްވާން. އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތު، އަޅުގަނޑުމެން އަމިއްލައަށް ސަލާމަތްކުރާ ބަޔަކަށްވާން. އެކަމަށް ބާރުއެޅުމުގެ ގޮތުން، އެކަމުން ދުރުވުމަށް ބާރުއެޅުމުގެ ގޮތުން، އެކަމުގެ އެ ހެޔޮ ނިޔަތުގައި އަޅުގަނޑު އެކަން ކުރަން ނިންމީ. އެހެންނަމަވެސް، ވޭޕާ މުޅިން ތަފާތު. އެއީ، ވަރަށްފަހުން އައި ކަމެއް. އެހާބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮތް ކަމެއް ނޫން. ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަހެނެއް ނޫން.
އެހެންވީމާ، ދެ ކަންތައް އެއްފަހަރާ، ނޫނީވިއްޔާ އެއްގޮތަކަށް މަނާކުރުމަކީ، އެގޮތަށް ކުރެވޭނެ ކަމެއް ގޮތަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ، ސްޓެޕް ބައި ސްޓެޕް ކުރަންޖެހޭނެ ކަމެއް ގޮތުގައި ގަބޫލުކުރެވޭތީ، އެގޮތަށް ފިޔަވަޅު އެޅީ.
އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ވަރަށްގިނަ ރައްޔިތުންނަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ހަމަ ވަރަށް ބޮޑަށް އާދަވެފައި ތިބި ބައެއްކަން. އަޅުގަނޑުމެން މިހާރު ސަރުކާރުން ވަރަށް އިސްކަންދީގެން، ކޮންމެ ރަށެއްގައި، ރަށު ލެވެލްގައި އެކަމުން ދުރުވެވޭނެ ގޮތްތައް، ޞިއްޙީ މަރުކަޒުތަކުގަޔާ އެކީގައި ޓޮބޭކޯ ސެސޭޝަން ކްލިނިކްތަކެއް ޤާއިމުކުރެވި، ޚިދުމަތް ދޭންވެސް މިވަނީ ފަށާފައި. އަދި ކުރިއަށް އޮތް ތާނގައި އިތުރުވެސްކުރާނަން. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުން އެކަމުން ދުރުވާން. މިއީ އެއްގޮތަކަށްވެސް އަޅުގަނޑު އެންމެ ދެކެން ބޭނުންނުވާ ކަންތައް، އަޅުގަނޑުމެންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކޮށްގެން ލިބޭ ގެއްލުންތަކުން އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންނަށް އެކިކަހަލަ ސަލާމަތްނުވެވޭ ބަލިތައް ކުރިމަތިވެގެންދިޔުން. އެ ބަލިތަކުގައި އުޅެ ޙަޔާތް ނިމިގެންދިޔުން.
އެހެންވީމާ، ޕްރިވެންޓިވް ހެލްތް ކެއަރ އެއީ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް ދެންނެވިން، އެންމެ ބޮޑަށް އިސްކަންދޭނެ އެއް ކަންތައް ކަމަށް. އަބަދު ބޭސްފަރުވާގެ ދާއިރާ އެކަންޏެއް ނޫނޭ، ކިއުރެޓިވް ހެލްތް ކެއަރ އެކަންޏެއް ނޫނޭ. ބަލިޖެހުމުގެ ކުރިން، ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުން ސަލާމަތްކުރުމަކީ، އަޅުގަނޑުގެ ޞިއްޙީ ދާއިރާގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް އަޅުގަނޑު އިޢުލާނު ކުރިން. އޭރާއި މިހާރާ މި ދައްކަނީ ހަމަ އެއް ވާހަކައެއް. އެންމެ ބޮޑެތި މައްސަލަތައް މި ދިމާވަނީ ދުންފަތުގެ އިސްތިޢުމާލުކޮށްގެން.
އެހެންވީމާ، އެ ބިހޭވިއަރއިން ދުރަށްދިޔުމަށް ބާރުއެޅުމުގެ ގޮތުން އަޅުގަނޑު އެ ބާވަތްތަކުން އަގު މައްޗަށް ޖެއްސީ. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، ފަހަރަކު މެޝަރއެއް، ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އެއްބާރުލުމާ އެކީގައި ކުރިއަށް ގޮސް، އިތުރު ފިޔަވަޅުތައްވެސް އެޅޭ ހިސާބަށް ހިނގައްޖިއްޔާ، އަޅައި، ރައްޔިތުން މިކަމުންވެސް ސަލާމަތްވެ، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް، ޤައުމުގައި ޤާއިމުވެގެންދިޔުން. އެހެންވީމާ، އަޅުގަނޑުގެ ނިޔަތް މިކަމުގައި އޮތްގޮތް ހަމަ ވަރަށް ސާފުކޮށް މި ދެންނެވީ.
އެހެންވީމާ، އަޅުގަނޑު އެދެނީ، ރަށްރަށުގައި މިކަމުގައި ރައްޔިތުންގެ ކިބައިންވެސް ވަރަށް ބޮޑަށް ރަށުގެ ރޫޙެއް މިކަމުގައި އުފައްދައިގެންވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުން އެއީ، ރަށަށްވެސް ލިބޭ ކުރިއެރުމެއް ގޮތުގައި ބައްލަވައިގެން، ސޮސައިޓީ ލެވެލްގައި މަސައްކަތްތަކެއް ކޮށްގެން، އެކަން ކުރައްވަން. ތިމަންނަމެންގެ ރަށަކީ އެއްގޮތަކަށްވެސް ދުންފަތުގެ އިސްތިޢުމާލު ނުކުރާ މުޖުތަމަޢެއް ގޮތުގައި، އެ ލޭބަލް، ނޫނީވިއްޔާ އެ ލަޤަބު ހޯދުމަކީ، ތިމަންނަމެންނަށް އޮތް ފަޚުރެއް ގޮތުގައި ގަބޫލުކޮށް، ތިމަންނަމެންނަށްޓަކައި ތިމަންނަމެން ކުރާ ކަމެއް ގޮތުގައި ގަބޫލުކޮށް، އެކަހަލަ މަސައްކަތްތަކެއް ކުރެއްވުމަށް.
އާދެ، އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ، މިކަމުގައިވެސް ބައެއް ފަރާތްތަކުން ޑައުޓް އުފައްދަން، ނޫނީވިއްޔާ ޝައްކު އުފައްދައިގެން ކަންތައްތައް ކުރާތީވެ. އަޅުގަނޑު މިކަންކަން މި ދަންނަވަނީ، ހަމަ ވަރަށް ސާފުކޮށް އެކަން އޮތްގޮތަށް.
އާދެ، އެ ވާހަކައާ އެކީގައި، މުޅި ރާއްޖޭގެ ރައްޔިތުންނާ ގުޅިފައިވާ އެ ސިޔާސަތަކާ ބެހޭ އެކަހަލަ ބައެއް ވާހަކަތައް އަޅުގަނޑު މި ދަންނަވާލީ.
އަދިވެސް ނިންމާލުމުގެ ކުރިން، މި ރަށުގެ ތަރައްޤީއާ ސީދާ ގުޅިފައި ހުރި ކަންކަމަށް އެނބުރިލާނަން.
އަޅުގަނޑު ފަށަމުންވެސް ދެންނެވި ގޮތަށް، އަދި ތަފްޞީލު ދިންގޮތަށް، މި އަހަރު، ކުރިއަށް އޮތް މަސްތަކުން ފެށިގެން މި އަހަރުގެ ބާކީއޮތް ދުވަސްތަކާއެކު، އަދި ކުރިއަށް އޮތް އަހަރާއި، ދެން އޮތް އަހަރު، ތިން އަހަރަށް ބަހާލެވިގެން، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ހުރިހާ ދާއިރާއެއްގެ ތަރައްޤީގެ ކަންތައްތައް، އިރާދަކުރެއްވިއްޔާ ސަރުކާރުން އެންމެ އިސްކަންދީގެން ކުރާނަން. އަދި އޭގެ ނަތީޖާއަކަށްވާނީ، ކޮންމެ ދާއިރާއަކުންވެސް، ތަޢުލީމީ، ޞިއްޙީ، ޢުމްރާނީ، އިޖުތިމާޢީ، އިޤްތިޞާދީ، ހުރިހާ ދާއިރާއަކުންވެސް މި ރަށުގައި އެންމެމަތީ ފެންވަރުގައި، މި ދައުރުގެ ތެރޭގައި ކަންކަން ޤާއިމުވެ ފުރިހަމަވެގެންދިޔުން. އެ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަކީ، އަދަށްވުރެ އުފާފާގަތި ޤައުމެއްގެ ގޮތުގައި މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި ލެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.