بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރަސްގެތީމު ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ.ގެ މެންބަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޒީރުން، ކުންފުނިތަކުގެ ވެރިން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން، ރަށުގެ ލޮބުވެތި ރައްޔިތުން، އަދި ޖަލްސާ ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު މި ރަށަށް އަޅުގަނޑުމެންނަށް އާދެވުމުން، ރަށުގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ، ބާރު ސްޕީޑުގައި މި އަހަރުގެ ތެރޭގައި ކޮށްދިނުމުގެ ފުރިހަމަ ޔަގީންކަމާއެކީގައި، އެ ވާހަކަ ތިޔަބޭފުޅުން ގާތުގައި ދަންނަވާލަން ބޭނުންވެގެން މި ރަށަށް މިއައީ.
މިދިޔަ އަހަރު ތެރޭގައި، ޖުމްލަކޮށް ހަމަ މުޅި ރާއްޖޭގައިވެސް އަޅުގަނޑުމެންނަށް ކަންކަން ކުރެވުނުވަރާއި، ނުކުރެވުނު ސަބަބު، ހަމަ މި ރަށަށްވެސް ޝާމިލުވެގެންދޭ. އަޅުގަނޑުމެންނާ ޤައުމު ޙަވާލުވެގެން ދިޔައިރުގައި އިޤްތިޞާދީ ގޮތުން އަރައިގަތުމަށް ނުހަނު ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރަންޖެހުނު. އަދިވެސް މިދަނީ ގިނަ ކަންތައްތަކެއް އެގޮތުން ހަމަ ކުރަމުން.
އެހެންވީމާ، އެ މަސައްކަތްތަކުގެ ތެރެއިން އައިސް، މިއަދު މި ހިސާބަށް މި އާދެވުނީ. ނިމިގެންދިޔަ އަހަރާ ޚިލާފަށް، މިއަހަރު ތެރޭގައި، އަޅުގަނޑު ކެމްޕެއިންގައި ތިޔަބޭފުޅުން ގާތުގައި ދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ކޮށްދޭނަން. އެގޮތުގެމަތިން ބަލާއިރުގައި، އަޅުގަނޑު ދެންނެވި ހުރިހާ ކަމެއްހެން މިއަހަރު ތެރޭގައި ފަށައި، އަދި ގިނަ ކަންކަން ނިންމައިދިނުމަކީ، ސަރުކާރުގެ ޢަޒުމަކީ އަދި ޕްލޭނަކީވެސް.
ބަނދަރުގެ ގިނަ ކަންތައްތަކެއް ކުރަންޖެހިފައި ހުރި. އަދި އެކަމާ ގުޅިގެން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވެސް އެބަހުރި. އަޅުގަނޑު ވަޢުދުވީ ފަދައިން، އެ މަސައްކަތްވެސް މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރާނަން.
އަދި ހަމަ އެއާއެކީގައި، ސްކޫލުގެ ޖާގަ އިތުރުކުރުމަށްޓަކައި އަޅުގަނޑު ވަޢުދުވީ ގޮތަށް، ކްލާސްރޫމާއި، ހޯލުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ކޮށްދީ ނިންމައިދިނުމަށް.
ހަމަ އެއާއެކީގައި، ކުޅިވަރުގެ ދާއިރާއިން، ފުޓްސަލް ދަނޑާ ގުޅިފައިވާ މަސައްކަތްތަކާއި އަދިވެސް އެފަދަ ގިނަ ކަންތައްތައް. ކުޅިވަރާ ގުޅޭ އެކި ކަހަލަ މަޝްރޫޢުތައް ހިންގުމަށް.
ކުނި މެނޭޖްކުރުމަށްޓަކައި، ކޮށްދޭނެކަމަށް އަޅުގަނޑު ދެންނެވި މަސައްކަތްތަކާއި، އަދި އެއާއެކީގައި، ފެނާއި ނަރުދަމާގެ މަޝްރޫޢުގައި މިހާރު ހުރި މައްސަލަތައް ޙައްލުކޮށްދިނުމާ އެކީގައި، މައި މަގުތައް ހެދުމުގެ މަޝްރޫޢާއި، ޖުމްލަކޮށް މުޅި ރާއްޖޭގައިވެސް ދަތިކަމެއް ގޮތުގައި އޮތް ކަރަންޓުގެ މައްސަލަ ޙައްލުކޮށްދިނުމާއި، އަދި ހަމަ އެއާއެކީގައި، ހެލްތް ސެންޓަރުގެ މައްސަލައާ، މިހުރިހާ ކަމަކީ، އަޅުގަނޑު ކެމްޕެއިން ތެރޭގައި ވެފައި ހުރި ވަޢުދުތަކެއް.
މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، މިއަހަރުގެ ތެރޭގައި، މި ކަންތައްތައް ކުރިއަށް އޮތް މަސްތަކުގައި ވަރަށް އިސްކަމެއްދީގެން މި ރަށުގައި ފެށި، އަދި ނިންމައިދޭނެކަން. އެކަމުގެ ފުރިހަމަ ޔަގީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އަޅުގަނޑާ އެކީގައި މި ދަތުރުގައި އެބަ ބައިވެރިކުރަން، މި ރަށުގެ ތަރައްޤީއާ ގުޅިފައި ހުރި ހުރިހާ މަސައްކަތަކަށް ޒިންމާވާ ވަޒީރުން. އެ ބޭފުޅުން ގޮވައިގެން ތިޔަބޭފުޅުން ގާތަށް މިއައި ސަބަބަކީވެސް އެއީ. މިއަދު ބޭއްވުނު ބައްދަލުވުމުގައި، މި ކަންކަމާ ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް މަޝްވަރާ ކުރެވި، ކަންކަން ޙައްލުކުރާނެގޮތާ ބެހޭގޮތުންވެސް ވަނީ ވާހަކަ ދެކެވިފައި.
އެހެންވީމާ، މި މަސައްކަތްތައް މިގޮތުގައި ކުރެވިގެންދާނެކަން އެއީ، އަޅުގަނޑު ހަމަ އަނެއްކާވެސް ދޭ ޔަގީންކަމެއް. އާދެ، އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ކައުންސިލާއި، އަޅުގަނޑުމެންގެ އެކިއެކި މިނިސްޓްރީތަކާއި، ކުންފުނިތަކާ ގުޅިގެން މި ކަންކަން ތަރުތީބުވެގެންދާނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ، ގިނަދުވަސްތަކެއް ވަންދެން މި ރަށުގައި ނުކުރެވި މިހިރަ ކަންކަން މިއަހަރު ނިމިގެންދާއިރުގައި ޙައްލުކުރެވި، އުފާފާގަތިކަން ލިބި، ކުރިއެރުންތައް ލިބިގެންދިޔުން.
ރަސްގެތީމުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަންކަމަކީ، އަޅުގަނޑަށް ހަމަ އެހެން ކޮންމެ ރަށެކޭވެސް އެއްފަދައިން، އެއް ފެންވަރެއްގައި، އެއް އިސްކަމެއް ދެވޭ ކަންކަން. އެހެންވީމާ، އެގޮތުން ހަމަ އެ ކަންކަން ކުރިއަށް ގެންދާނަން.
އާދެ، އަޅުގަނޑު މާގިނަ ވާހަކަތަކެއް މިގަޑީގައި، މާގިނައިން ތަކުރާރުނުކޮށް، ހަމަ މި ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ މި އަހަރަކީ، މި ރަށުގެ ތަރައްޤީގައި ޙަޤީޤީ ކުލަ އަޅުގަނޑުމެން ޖައްސައިދޭނެ އަހަރެއްކަމުގެ ފުރިހަމަ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އަދި އިރާދަކުރެއްވިއްޔާ، މި ދެންނެވި ގިނަގުނަ މަސައްކަތްތައް މި އަހަރު ނިންމައިދީ، އޭގެ ގިނަ ކަންކަން ނިމުން ފާހަގަކުރުމަށް ތިޔަބޭފުޅުން ބޭނުންވެލައްވާނަމަ، އަނެއްކާވެސް ވަރަށް އަވަހަށް އައުމުގެ އުންމީދުގައި އަޅުގަނޑު ވަކިވެލަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރައްވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.