بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު މި ހުޅުވެނީ ރާއްޖޭގެ ތަރައްޤީއާބެހޭ ވަރަށް ބޭނުންތެރި މަރުކަޒެއް. "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން." އެމް.ސީ.އެމް.އޭ. މި މަރުކަޒު މި ހުޅުވެނީ ރާއްޖޭގެ ވަރަށް ޚާއްޞަ ބޭނުންތަކެއް ފުއްދުމުގެ މަޤްޞަދުގައި. އާދެ، މި މަރުކަޒުގެ މަޤްޞަދާއި، މަރުކަޒުގެ ފަރާތުން ހިންގާނެ ޙަރަކާތްތަކާ ބެހޭގޮތުން މާ ތަފްޞީލުކޮށް، އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނުޖެހޭ. ތިޔަ އެންމެ ބޭފުޅުން މިހާރުވާނީ އެ ކަންތައްތައް އައްސަވާފައި. އާދެ، އެ މަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ރަޝީދުގެ ވާހަކަފުޅުގައި، އެ ކަންތައްތައް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި.

ކޮންމެއަކަސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން ފަދަ، މުއްސަނދިކަމުގެ ވަސީލަތްތައް މަދު ޤައުމެއްގައި ކަންތައްތައް ހިންގާ މީހުންގެ ފެންވަރު މަތިކުރުމާއި، އެ މީހުންނަށް ކަންތައްތައް ހިންގުމުގެ ހުނަރުވެރިކަން ޙާޞިލްކޮށްދިނުމާއި، އެ މީހުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާނެ ކަމެކޭ.

އާދެ، ދިވެހިރާއްޖެއަކީ، މުއްސަނދިކަމުގެ މާގިނަ ވަސީލަތްތަކެއް ހުރި ތަނެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުންގެ ޢަދަދުވެސް މާގިނައެއް ނޫން. ދުނިޔޭގެ ބައެއް އެހެން ޤައުމުތައް ކުރިއަރަމުންދަނީ، އެ ތަންތާނގައި ހުންނަ މުއްސަނދިކަމުގެ ވަސީލަތްތައް ގިނަކަމުން. ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ގިނަކޮށް ހުންނަ ތަންތަނުން އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެނަމަ، އެ ތަންތާނގެ މުއްސަނދިކަން އިތުރުވެ، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދިޔުމަކީ، އެ ތަންތަނަކަށް ދަތިކަމަކަށްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކަހަލަ ކުދި ޤައުމުތަކުގައި، މީސްކޮޅު މަދު އަދި ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދު ތަނެއްގައި އަޅުގަނޑުމެން އެހެން ގޮތަކަށް ވިސްނަންޖެހޭ. އާދެ، އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އިންސާނީ މުއްސަނދިކަން އިތުރަށް ތަރައްޤީކުރުން. އަޅުގަނޑުމެންގެ ޤައުމުގެ އެންމެ ބޮޑު ރައުސްމާލަކީ، އަޅުގަނޑުމެން އިންސާނުން. ރައްޔިތުން. ރައްޔިތުންގެ ތެރޭގައި ކަންތައްތައް ހިންގުމަށް ކުރިމަތިލާ މީހުންގައި ހުންނަ ސިފަތައް ތަރައްޤީކޮށް، ކަންތައްތައް ރަނގަޅު ގޮތެއްގައި ހިންގުމުގެ ޤާބިލިއްޔަތު އެ މީހުންނަށް ދިނުން އެއީ ޝައްކެއްނެތްގޮތުގައި، ޤައުމުގެ ތަރައްޤީއަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަމަކީ. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ މީހުންގެ ޢަދަދުވެސް މާގިނައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަންތައްތައް ވަރަށްވެސް ގިނަ. ތަރައްޤީގެ މަގުގައި އެކިއެކި ފިޔަވަޅުތައް ރާއްޖެއިން އަޅަމުންދާއިރު، އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން. ސަރުކާރަށް ބަލައިލިޔަސް، މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނާނެ.

އާދެ، މީގެ ބާރަވަރަކަށް އަހަރު ކުރިން މުޅި ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު އުޅެނީ ގާތްގަނޑަކަށް ތިންހާހާއި ހަތަރުހާހާ ދޭތެރޭގައި. މިހާރު އޭގެ ހަތަރުގުނައަށް ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު އިތުރުވެގެން ހިނގައްޖެ. އާދެ، ސަރުކާރުގެ މުވައްޒަފުން، ބާރަހާސް ހަސަތޭކަ ކޮންމެވެސްވަރެއް މިހާރު އެބަތިބި އެއީ، މަސައްކަތްތައްވެސް އިތުރުވުމާ ގުޅިގެން ވަމުންދިޔަ ގޮތެއް. އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް އިތުރުވެ، ތަރައްޤީގެ މަގުގައި ހިންގާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ގިނަވަމުންދިޔުމުން، އެކަންކަން ހިންގާނެ މީހުން އަޅުގަނޑުމެން ހޯދަންޖެހޭ. އެހެންނަމަވެސް، މީހުން ހޯދޭނީވެސް ވަކިވަރަކަށް. މިހާރުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެންގެ އަމިއްލަ ކަންތައްތައް ހިންގަން ބޭނުންވާވަރަށް، ކަމަށް ޤާބިލް ދިވެހިން ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެންނަށް ޖެހިފައިވަނީ ވަރަށް ގިނަ ޢަދަދަކަށް ބޭރުން މީހުން ގެނެސްގެން އަޅުގަނޑުމެންގެ އެކިއެކި މަސައްކަތްތައް ހިންގަން. މިއީ ދުރަށް ވިސްނާއިރު، މާ ބުއްދިވެރި ގޮތެއްނޫންކަން، އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ. އެހެންނަމަވެސް، މިވަގުތު އެނޫންގޮތެއް ނެތިގެން އެގޮތަށް ކަންތައްތައް މިދަނީ. މުސްތަޤްބަލުގައި އަޅުގަނޑުމެން ވިސްނަންޖެހޭނީ، އަޅުގަނޑުމެންގެ ތެރެއިން ހިންގުންތެރިކަމާބެހޭ އެންމެންވެސް ހޯދުމުގެ މައްޗަށް. އަދި އަޅުގަނޑުމެންގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް، ޕްރޮގްރާމްތައް ހިންގާނެ މީހުންނާއި، އެކަމުގައި އެކުލެވިގެންވާ އެންމެންނަކީ، ދިވެހިން ކަމުގައި ހެދޭތޯ ބެލުމުގެ މައްޗަށް. އެކަންކަން އެހެން އޮތުމާއެކުގައި، އަޅުގަނޑުމެންނަށް މިއަދު ޖެހިފައިވަނީ، އަޅުގަނޑުމެންނަށް މިހާރު ލިބިފައި މިވާ އިންސާނީ މުއްސަނދިކަން، ވެވުނު އެންމެ ބޮޑަކަށް ތަރައްޤީ ކުރަން. އަޅުގަނޑުމެންގެ އަމިއްލަ ޤާބިލިއްޔަތު އިތުރުކުރުން. ސަރުކާރުގެ މުވައްޒަފުންގެ ޤާބިލިއްޔަތުވެސް އިތުރުކޮށްގެން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ގިނަ މަސައްކަތް ކުރެވޭގޮތަށް ރޭވުން. އަދި ސަރުކާރުގައި ބޭނުންކުރާ މުވައްޒަފުންގެ ޢަދަދުވެސް މަދުކުރަން. އެއީ އަޅުގަނޑުމެންގެ "ވާރކްފޯސް" ނުވަތަ އަޅުގަނޑުމެންގެ ރާއްޖޭގައި އިޤްތިޞާދީ ގޮތުން ޙަރަކާތްތެރިވާ މީހުންނަކީ، ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި އުޅޭ މީހުން ކަމުގައި ވެގެނެއްނުވާނެ. އޭގެ އިތުރުން، އަމިއްލަ ކަންތައްތަކުގައި ވަރަށް ގިނަ ބަޔަކު އުޅެންޖެހޭ. ތަނެއްގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީ ބިނާވެފައި އޮންނާނީ، އެ ތަނެއްގެ ރައްޔިތުން ކުރާ މަސައްކަތްތަކެއްގެ މައްޗަށް. އެހެންވީމާ، އެކަށީގެންވާ ޢަދަދަކަށް އަމިއްލަ މަސައްކަތްތަކުގައި، އަމިއްލަ ކަންތައްތަކުގައި އުޅެންޖެހޭ ގިނަ ޢަދަދެއްގެ ބަޔަކު، ކޮންމެ ޤައުމެއްގައިވެސް ތިބެންޖެހޭ. އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތަކުގައި ޙަރަކާތްތެރިވާ މީހުންގެ ގާތްގަނޑަކަށް ސަތޭކައަކުން ބާވީސް މީހުން އުޅެނީ ސަރުކާރުގައި. އެއީ، އަޅުގަނޑު ހިތުން ވަރަށް ގިނަ ޢަދަދެއް. އެ ޢަދަދު މަދުކުރެވޭތޯ ބެލުމަކީވެސް ހަމަ ބޭނުންކަމެއް. އޭރުން އެހެން ކަންތައްތައް ކުރަން މީހުން ލިބުމަކީ އެކަށީގެންވާ ކަމެއް.

ކޮންމެއަކަސް، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން ފަދަ ތަރައްޤީގެ ނުވަތަ މުއްސަނދިކަމުގެ ވަސީލަތްތައް މަދު ތަންތާނގައި ވިސްނަންޖެހޭ ގޮތްތަކާއި، މުއްސަނދިކަން ގިނަ ތަންތާނގައި ވިސްނަންޖެހޭ ގޮތްތަކާ ތަފާތުވާނެ. އަޅުގަނޑުމެން އެންމެ ބޮޑަށް ބަލަންޖެހޭނީ، އަޅުގަނޑުމެންގެ މީހުންގައި ހުންނަ ޤާބިލިއްޔަތު، ހުނަރުވެރިކަން އިތުރުކޮށްގެން، އެމީހުންގެ އުފެއްދުންތެރިކަން އިތުރުކުރެވޭތޯ. މީގެ އެންމެ ރީތި މިސާލެއް ކަމުގައި އަޅުގަނޑަށް ދަންނަވަން ޖެހެނީ ސިންގަޕޫރު. ސިންގަޕޫރަކީވެސް ދުނިޔޭގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ޤައުމެއް. އަދި އެތާނގައި ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ވަރަށް މަދު ތަނެއް. އެހެންނަމަވެސް، މިއަދު ސިންގަޕޫރު ހިމެނިފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގައި އޮތް ތަރައްޤީވެފައިވާ، އެންމެ ފާހަގަކުރެވޭ އެއް ޤައުމު ކަމުގައި. އާދެ، އެއީ އެ މީހުންގެ ހިންގުންތެރިކަމުގެ ހުނަރުވެރިކަން އިތުރުކުރުމުންވީގޮތް. އެ މީހުންނަކީ ތަޢުލީމީ ގޮތުން ބަލާއިރު، ވަރަށް މަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލްކޮށްފައިވާ ބައެއް.އެ މީހުންގެ ހިންގުންތެރިކަމުގެ ޤާބިލިއްޔަތު ވަނީ ހަމަ އެހާ މަތީ ދަރަޖައަކަށް ގެންގޮސްފައި. އޭގެ ސަބަބުން، ކިތަންމެ މަދު މީސްކޮޅަކު ތިބެގެން ނަމަވެސް، އެ ޤައުމު ތަރައްޤީވަމުން އެދަނީ ވަރަށް ބޮޑު ހަލުވިކަމަކާ އެކުގައި. ސިންގަޕޫރު މިއަދު ހިމެނެނީ، ކުރިންވެސް ދެންނެވިފަދައިން، ދެކުނު އިރުމަތީ އޭޝިޔާގައި އޮތް އެންމެ ތަރައްޤީވެފައިވާ، އެންމެ މުއްސަނދި އެއް ޤައުމު ކަމުގައި. ހުރިހާ ގޮތަކުންވެސް އެންމެ ކުރިއަށް ގޮސްފައިވާ އެއްޤައުމު ކަމުގައި. އެއީ، އެމީހުންގައި ހުރި ހިންގުންތެރި ކަމުގެ ޤާބިލިއްޔަތު އިތުރުކުރުމުން ވީގޮތެއް.

އަޅުގަނޑުމެންގެ ރާއްޖެވެސް ވިސްނަންޖެހޭނީ އެފަދަ ގޮތަކަށް. އެކަން އެހެން އޮތުމާއެކުގައި މިއަދު މި މަރުކަޒު މި ޤާއިމުކުރެވުނީ، މާތްﷲގެ ވާގިފުޅާއެކު. އާދެ، މިކަމަކީ ނުވަތަ މިފަދަ މަރުކަޒެއް ޤާއިމުކުރުމުގެ ޚިޔާލަކީ ހަމައެކަނި މިއަދުގެ ޚިޔާލެއް ނޫން. މިކަމާ ދޭތެރޭގައި ސަރުކާރުން ވިސްނައި، އެކި ކަންތައްތައް ރާވަމުން ގެންދާތާ އެތައް ދުވަހެއްވެއްޖެ. އާދެ، އެންމެ ފުރަތަމަ އަޅުގަނޑަށް ދަންނަވަންޖެހެނީ، ރާއްޖޭގެ ސަރުކާރުގެ މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ޚިޔާލުކުރެވުނީ، 1970ގެ އަހަރުތަކުގެ މެދުތެރޭގައޭ. އޭރު ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި. އާދެ، އ.ދ. މަޖިލީހުގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމްގެ އެހީގައި ރާއްޖެއަށް އައި ތަޖުރިބާކާރެއް. އޭނާ ދިން ރިޕޯޓެއްގައިވެސް ފާހަގަކޮށްފައިވާ ގޮތުން، ސަރުކާރުގެ މުވައްޒަފުންގެ ޤާބިލިއްޔަތު އިތުރުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެހެންނަމަވެސް، އެ ރިޕޯޓާ ދޭތެރޭގައި މާބޮޑު ސަމާލުކަމެއް ނުދެވި އޮތުމަށްފަހުގައި، 1982 ވަނަ އަހަރު މިކަމުގެ މުހިންމުކަން ސަރުކާރަށް އިތުރަށް ވަޒަންކުރެވިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމާބެހޭ ސެކްޝަނެއް އުފެދުނީ ''ނޯޕާރ''ގެ ނަމުގައި. ކުރުކޮށް ދަންނަވަންޏާ. ނޯޕާރއިން މަސައްކަތް ކުރަމުން ގެންދިޔައީ، ސަރުކާރުގެ މުވައްޒަފުންނަށް ތަމްރީނުދީ، އެ މީހުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގެވުމުގެ މައްޗަށް. އެ މަސައްކަތް ކުރައްވަމުން ގެންދެވުމުގެ ތެރޭގައި، މިފަދަ މަރުކަޒެއް، އާދެ، އޮފީސްތައް ހިންގުމާ ބެހޭގޮތުން މުވައްޒަފުންނަށް ތަމްރީނުދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމުވެފައި ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ފެނުނީ. ފެނިގެން އެ މަޝްރޫޢެއްގެ ފެށުން އަޅުގަނޑުމެން މި ފާހަގަކުރާ މަޝްރޫޢު ފެށިގެންދިޔައީ. އެއީ، 1988 ވަނަ އަހަރުގެ ތެރޭގައި.

އޭރުން ފެށިގެން މިކަމާބެހޭ ހޯދުންތައް ހޯދައި، ބޭރުގެ ފަރާތްތަކުގެ އެހީ ހޯދައިގެން، އެފަރާތްތަކުން ތައްޔާރުކުރި ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން މިއަދު އެ މަރުކަޒެއް ޤާއިމުކުރުމުގެ އުފާ މި ޙާޞިލްކުރާ ''މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން''ގެ ކަންތައް ފެށުނީ. އާދެ، ތިޔަބޭފުޅުންނަށް ތިޔަ އިވިވަޑައިގެންނެވި ފަދައިން، މިއަދު މި ހުޅުވޭ މަރުކަޒުގައި ސަރުކާރުގެ ތަފާތު ފެންވަރުތަކުގެ މުވައްޒަފުންނަށް، ހިންގުމުގެ ދާއިރާގައި ތަފާތު ތަމްރީނުތަކެއް ދެވޭނެ. އެ ތަމްރީނުތަކުގެ ބޭނުމަކީ، ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި، އ.ދ.ގެ ތަރައްޤީއާބެހޭ ޕްރޮގްރާމްގެ މާލޭގައި ހުންނަވާ މަންދޫބުގެ ވާހަކަފުޅުގައި ވަރަށް ކުރުކޮށް ވިދާޅުވިފަދައިން، މުވައްޒަފުންނަކީ ޒިންމާ އުފުލާ ކުޅަދާނަ ބައެއް ކަމުގައި ހެދުން. އެއީ، މުޅި މަޤްޞަދަކީ. މުވައްޒަފުންނަކީ ޒިންމާ އުފުލާ ކުޅަދާނަ ބައެއް ކަމުގައި ހެދުން. މިހާރު އަޅުގަނޑުމެންގެ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތަށް ބަލާއިރު، މި ދެންނެވި ދާއިރާގައި ކަންތައްތައް ފެންނަނީކީ، މާ އުފާކުރުން އެކަށީގެންވާ ގޮތަކަށެއް ނޫނޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރޭގައި ޒިންމާ އުފުލުމުގެ ކަންތައް އޮންނަނީ މާމަތީ ފެންވަރެއްގައޭ ދެންނެވޭކަށް ނެތް. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުޅަދާނަކަން ވަނީވެސް މާމަތީ ފެންވަރެއްގައޭ ދެންނެވޭކަށް ނެތް. އޭގެ ނަތީޖާއަކަށްވަނީ، އޮފީސްތަކުގެ ކަންތައްތައް ހިންގުން ލަސްވުން. ނުވަތަ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން ދަތިވުން. އޭގެ ނަތީޖާއަކާ ހަމަޔަށް ދިޔުން އެއީ، ދަތިކަމަކަށްވާތީ އޮފީސްތަކަށް މުވައްޒަފުން އިތުރުކުރަނީ. ގިނަ އޮފީސްތަކުން އެހެން ހައްދަވަމުން ގެންދަވަނީ. ކަމެއް ރަނގަޅަށް ނުހިނގާ ކަމަށްވަންޏާ އެއީ، މުވައްޒަފުން މަދުވުމުން ކަމަށް ދެކެވަޑައިގެން، އިތުރަށް މުވައްޒަފުން ލައްވަނީ. 15 ކާތިބުން ތިބެގެން ނުވާކަމަށްވަންޏާ،
20 ކާތިބުންނަށް އިތުރުކުރައްވަނީ. އެހެންނަމަވެސް، އެއިން ކޮންމެ ކާތިބަކު އެ ކުރާ މަސައްކަތެއް ބެލޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނޯވޭ. ކިހާވަގުތަކުތޯ، އެ ކާތިބަކު މަސައްކަތުގައި އުޅެނީ. އޭނާ ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ކިހާ ކަމެއް ނިންމާތޯ. އެއެއް ނުބެލޭ. އެ ފެންވަރުގައިވެސް، އަދި އެއަށްވުރެ ދަށަށްދާ ކަމުގައިވަންޏާ، ޕިޔޯނުންގެ ފެންވަރުގައިވެސް، އަޅުގަނޑަށް ދަންނަވަންޖެހޭނީ އެކަމެއް ނުބެލެއޭ. ޕިޔޯނުން އަބަދުވެސް އޮންނަނީ މަދުވެފައި. އަޅުގަނޑުވެސް އެއްބަސް، މިހާރު އެކަށީގެންވާ ވަރަށްވުރެ މާ މަދުން ސަރުކާރަށް ލިބޭ ބައެއް އެއީ. އެހެން އެކަން އޮތް ކަމުގައިވިޔަސް، އެތިބޭ މަދު ޕިޔޯނުންވެސް، އެ މީހުންގެ މަސައްކަތް ބަރާބަރަށް ކުރޭތޯ، އެ މީހުންގެ މައްޗަށް ހުންނަ ސަރުދާރު ބެލުން އެއީ، އަޅުގަނޑު ހިތުން މާބޮޑަށް ސަމާލުކަންދެވޭ ކަމެއްނޫން. ހަމައެފަދައިން، ސެކްޝަނެއް ހިންގަވަން ހުންނަވާ ވަކީލަކުވެސް، އެ ސެކްޝަންގެ މުވައްޒަފުން މަސައްކަތުގައި އުޅެނީ ކިހާ ވަގުތަކުތޯ، އެ މީހުން ކޮންމެ ދުވަހަކު ކުރަނީ ކިހާ މަސައްކަތެއްތޯ، އެ މީހުންގެ އުފެއްދުންތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ، މިކަންކަން ބައްލަވާ އުޞޫލެއް، އަޅުގަނޑު ހިތުން ގިނަ އޮފީސްތަކުގައި ހަމަޖެހިފައެއް ނޯވޭ. ދަންނަވަން އުޅޭ ވާހަކައަކީ، ސުޕަރވިޜަން ނުވަތަ އެ އޮފީހުގެ މީހުން މަސައްކަތްކުރާ ނުކުރާގޮތް ބެލުމުގެ އިންތިޒާމު ހަމަޖެހިފައި ނެތުމުގެ ސަބަބުން ނުވަތަ ވެރިން މަސްއޫލިއްޔަތު ނުއުފުއްލެވުމުގެ ސަބަބުން އަޅުގަނޑުމެންގެ މުވައްޒަފުންނަކީ ޒިންމާ އުފުލާ ބަޔަކު ކަމުގައި ނުވެޔޭ.

އަޅުގަނޑު މިހެން ދެންނެވިޔަސް، އަޅުގަނޑަށް އެނގޭ، ސަރުކާރުގެ ތަފާތު ފެންވަރުތަކުގައި ޒިންމާ އުފުއްލަވާ، ވަރަށް އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާ ގިނަ މުވައްޒަފުންތަކެއް އުޅުއްވާ. އެ ބޭފުޅުންނަށް އެއްވެސްކަހަލަ ކުޑައިމީސް ބަހެއް ރައްދުކުރުމުގެ ބޭނުމުގައެއް ނޫން އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑު މި ދަންނަވަނީ ޖުމްލަ ގޮތެއްގައި އޮފީސްތަކުގެ މަސައްކަތްތައް ލަސްވެ، ރައްޔިތުންނަށް ކޮންމެ އޮފީހަކުން ލިބިދޭންޖެހޭ ޚިދުމަތް ލަސްވުމުގެ އެންމެބޮޑު އެއްސަބަބަކީ، މި ދެންނެވި ގޮތަށް ޒިންމާ އުފުލާ މުވައްޒަފުން މަދުކަމޭ. ނުވަތަ އެމީހުން އެ އުފުލާ ޒިންމާގެ އަގުވަޒަންކުރާ ނުވަތަ އެމީހުން މަސައްކަތްކުރާ ގޮތް ދެކޭ ވެރިންވެސް މަދުކަމޭ.

އާދެ، ކޮންމެއަކަސް މިއަދު މި ހުޅުވޭ މަރުކަޒުގެ އެންމެބޮޑު މަޤްޞަދަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިންވެސް ޒިންމާ އުފުލާ، ކުޅަދާނަ، ޤާބިލް މީހުންތަކެއް އުފެއްދުން. ނުވަތަ އަޅުގަނޑުމެންގެ މުވައްޒަފުންގައި ހުރި މި ދެންނެވި ސިފަތައް މިހާރަށްވުރެ އިތުރުކުރުން. އާދެ، މި މަރުކަޒު ފެށޭ ތާނގައި، ހަމައެކަނި ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރި ކަމުގައިވިޔަސް، މުސްތަޤްބަލްގައި، އުންމީދު ކުރެވިފައި އޮތީ، ނުވަތަ މުސްތަޤްބަލަށް ރޭވިފައި އޮތީ ރާއްޖޭގެ ހުރިހާ ފަރާތްތަކަށްވެސް މި މަރުކަޒުގެ ޚިދުމަތްތައް ލިބިދޭ ގޮތަށް. އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނަށްވެސް މި މަރުކަޒުން ތަމްރީނު ލިބިގަނެވޭ ގޮތަށް. މި މަރުކަޒުގެ ޕްރޮގްރާމްތައް އެގޮތަށް ރޭވިގެން ހިނގަމުންދާ ގޮތަށް ހަމަޖެހިފައި ވަނީ.

އާދެ، އަޅުގަނޑު ކުރިންވެސް ދަންނަވާލިފަދައިން، ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު މިއަދުވަނީ ކުރިއާ އަޅައިބަލާއިރު، ވަރަށް ބޮޑުތަން އިތުރުވެފައި. އަޅުގަނޑު ކުރިން ދެންނެވި ކަހަލަ ސަބަބުތަކެއް ދިމާވެގެންވެސް އިތުރުވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންޖެހެނީ، އެއީ، ރަނގަޅު ގޮތެއްތޯ ނުވަތަ އަޅުގަނޑުމެންނަށް ޖެހޭނީ މުވައްޒަފުން މަދުކޮށްގެން މަސައްކަތް ކުރެވޭވަރު އިތުރުކުރެވޭތޯ ބަލަންތޯ. ޝައްކެއްނެތް، އަޅުގަނޑުމެންނަށް ޖެހޭނީ، ފަހުން މި ދެންނެވި ގޮތަށް ޢަމަލުކުރަން. އެއީ، ސަރުކާރު މާބޮޑުވެ ބުރަހެލިވުމަކީ، ސަރުކާރު ހިންގުމަށް އަޅުގަނޑު ހިތުން ހުރަސްއެޅޭނެ ކަމެއް. އޭގެ ބަދަލުގައި ޤާބިލް، ކަމަށްކަމޭހިތާ، އިޚްލާޞްތެރި، އުފެއްދުންތެރިކަން ބޮޑު މަދު މީސްކޮޅަކު ތިބެގެން ކަންތައް ކުރެވޭގޮތް ވެއްޖިއްޔާ ޝައްކެއްނެތްގޮތުގައި، ހުރިހާ ރޮނގަކުންވެސް މާ ފައިދާ ބޮޑުވާނެ.

އެހެންވީމާ، އެގޮތަށް ވިސްނާއިރު، އަޅުގަނޑުމެންނަށް ކަންތައްތައް ގެންދެވޭނީ، އަޅުގަނޑުމެންގެ މުވައްޒަފުންގައި އެކި ކަންކަން ހިންގުމަށް ހުންނަ ކުޅަދާނަކަން އިތުރުކޮށްގެން. އެ މީހުންގެ ޤާބިލިއްޔަތު އިތުރުކޮށްގެން. އެ މީހުންނަށް އެ މީހުން އެ ކުރަންޖެހޭ ކަންތައްތައް ވިސްނައިދީގެން. އެއީ، ކީއްވެގެން ކުރަންޖެހޭ ކަމެއްތޯ؟ އެކަން ކުރާނީ ކިހިނެއްތޯ؟ އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެންމެ ރަނގަޅަކަށް އެކަން ކުރާނީ ކިހިނެއްތޯ؟ އެގޮތް ދަސްކޮށްދީގެން، ތަފާތު ފެންވަރުތަކުގައި ސަރުކާރުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނީ.

އާދެ، އެހެންވީމާ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، މި މަރުކަޒުގައި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހަމަޖެހިފައި މިވަނީ ތަފާތު ފެންވަރުތަކަށް. ވެރިންގެ ފެންވަރުގައި ހިންގޭ ކޯސްތަކެއްވެސް އެބަހުރި. މެދު ފަންތީގެ މުވައްޒަފުންގެ ފެންވަރުގައި ހިންގޭ ކޯސްތަކެއްވެސް އެބަހުރި. އެއަށްވުރެ ދަށް ފެންވަރުގެ މުވައްޒަފުންގެ މެދުގައި ހިންގޭ ކޯސްތަކެއްވެސް އެބަހުރި. މި ހުރިހާ ކޯސްތަކުގެ ބޭނުމަކީ، އެބައެއްގެ ފެންވަރުގައި، އެބަޔަކު އެކުރަންޖެހޭ ކަންތައް ކުރުމަށް އިތުރު މަޢުލޫމާތުތަކެއް ދީ، އިތުރު ތަޖުރިބާތަކެއް ދީ، އެ ކަންތައްތައް އެންމެ އެކަށީގެންވާ، އެންމެ ރަނގަޅު ގޮތެއްގައި، އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެންމެ މޮޅު ގޮތަކަށް ހިންގާނެ ގޮތްތައް ދަސްކޮށްދިނުން. އޭގެ ޤާބިލިއްޔަތު މުވައްޒަފުންގައި އިތުރުކުރުން.

އެހެންވީމާ، އަޅުގަނޑު ހިތުން މިއަދު މި ހުޅުވޭ މަރުކަޒަކީ، ވަރަށް މުހިންމު މަރުކަޒަކަށް ވާނެ. މުސްތަޤްބަލުގައި ސަރުކާރުގެ ހިންގުމަށް މި މަރުކަޒުގެ ސަބަބުން އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ހަމައެފަދައިން، ސަރުކާރު ހިންގުމަކަށް އެކަންޏެއްނޫން. ރާއްޖޭގެ އިޤްތިޞާދު ހިންގުމަށްވެސް ރާއްޖޭގެ އިޖުތިމާޢީ ކަންތައްތައް ހިންގުމަށްވެސް، މި މަރުކަޒުގެ ސަބަބުން އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެއީ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ހިންގުންތެރިކަން އިތުރުކޮށްގެން ކުރިއަށްދާން ތިބި ބައެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދުކަމާއެކުގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، އަޅުގަނޑުމެންގެ އަމިއްލަ ކުޅަދާނަކަން އިތުރުކޮށްގެން.

އެހެންވީމާ، ހުރިހާ ފެންވަރެއްގައިވެސް، ހުރިހާ ދާއިރާއެއްގައިވެސް، އެއީ ސަރުކާރުގެ ދާއިރާ ކަމުގައިވިޔަސް، ނުވަތަ އަމިއްލަ ދާއިރާ ކަމުގައިވިޔަސް، އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާތައް ކަމުގައިވިޔަސް. މިސާލަކަށް، ޓުއަރިޒަމް ނުވަތަ މަސްވެރިކަން ނުވަތަ ވިޔަފާރި ނުވަތަ އެނޫންވެސް މަސައްކަތްތައް. އެ ހުރިހާ މަސައްކަތްތަކުގެ ދާއިރާގައިވެސް އަޅުގަނޑުމެންގެ އަމިއްލަ ޤާބިލިއްޔަތު އިތުރުކޮށްގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ. އަޅުގަނޑުމެންގެ މުވައްޒަފުންގެ ޤާބިލިއްޔަތުވެސް އިތުރުކޮށްގެން. އެ މީހުންނަކީ، އެ މީހުންނަށް ލިބޭ މުސާރަޔާ އެއްވަރު މަސައްކަތެއް، އެ މުސާރަ ދޭ ފަރާތަށް ކޮށްދޭ ބަޔަކަށްވެގެން. އެއީ، މި މަރުކަޒުގެ ބޭނުމަކީ.

އާދެ، މި މަރުކަޒު އުފެދިފައި މިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީގައި. ތިޔަބޭފުޅުންނަށް ދެންމެ އިވިވަޑައިގެންނެވި ފަދައިން، އޭގެ ތެރެއިން އެއްފަރާތަކީ، ޔޫ.އެން.ޑީ.ޕީ ނުވަތަ އދ. މަޖިލިސްގެ ތަރައްޤީއާބެހޭ ޕްރޮގްރާމް. އެފަރާތުގެ ވަރަށް ދީލަތި އެހީއެއް މިކަމަށް ވަނީ ލިބިފައި. ހަމައެފަދައިން، ޖަޕާނު ސަރުކާރުގެ އެހީވެސް ވަނީ ލިބިފައި. އަދި އައި.އެލް.އޯ. ނުވަތަ ބައިނަލްއަޤްވާމީ މަސައްކަތްތެރިކަމާ ބެހޭ ޖަމުޢިއްޔާ. އެ ޖަމުޢިއްޔާގެ ފަންނީ އެހީވަނީ މި ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ލިބިފައި. އެތާނގެ ފަރާތުން މާލެއަށް ވަޑައިގަންނަވާ މާހިރުންނާއި ތަޖުރިބާކާރުން އެއީ، މި މަރުކަޒުގައި ތަމްރީނުކޮށްދެވުމުގެ އެންމެ އިސްބައި އަދާކުރައްވާނެ ބޭފުޅުންނަކީ. އޭގެ އިތުރަށް، ކަމަށް އެކަށީގެންވާ ދިވެހިރާއްޖޭގެ ބޭފުޅުންވެސް އެތާނގައި ތިއްބަވާނެ.

އާދެ، އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް، އަޅުގަނޑުމެންނަށް މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި އެހީވެދެއްވާ ހުރިހާ ފަރާތްތަކަކަށް، އާދެ، ޔޫ.އެން.ޑީ.ޕީ.އަށް، އައި.އެލް.އޯ.އަށް، ޖަޕާނު ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެއާއެކުގައި، މިހާތަނަށް ދިވެހި ސަރުކާރުގެ ފަރާތުން މި ކަންތައްތައް ވަރަށް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ހިންގަވައިދެއްވި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށްވެސް އަދި އެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރަށާއި އަދި ޚާއްޞަކޮށް، މި މަރުކަޒު ހިންގެވުމާ ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ޢަބްދުﷲ ރަޝީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު މި ހުޅުވޭ މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ސަބަބުން ނުވަތަ އެމް.ސީ.އެމް.އޭ.ގެ ސަބަބުން އަޅުގަނޑުމެންގެ ސަރުކާރުގެ ހިންގުމަށް އިތުރު ހަލުވިކަމެއް އައުން. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތައް، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދިޔުން. ހަލުވިވަމުންދިޔުން. ހަމައެފަދައިން، މުޅި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްވެސް، މި މަރުކަޒުން ލިބިދޭ ޚިދުމަތްތަކުގެ ސަބަބުން އިތުރު ކުރިއެރުމެއް އައުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ.