بســم اللّـه الرّحمـن الرّحيــم
اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، މިރޭގެ މި ބައްދަލުވުމަކީ، ވަރަށް އުފާވެރި ބައްދަލުވުމެކޭ އަޅުގަނޑަށް ދަންނަވާލަންޖެހެނީ. ރާއްޖޭގެ ފަރާތުން އެންމެ ފުރަތަމަ އޮލިމްޕިކް މުބާރާތެއްގައި، ފުޓްބޯޅަ ކުޅެންދާ ޓީމުގެ ކުޅުންތެރިންނާއި އަދި އެ ކުޅުންތެރިންނާ ޙަވާލުވެވަޑައިގެން ވަޑައިގަންނަވާ އޮފިޝަލުންނާ ބައްދަލުވުމަށް ބޭއްވޭ ބައްދަލުވުމަކަށް މި ބައްދަލުވުންވާތީ.
އާދެ، ދެންމެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ފަދައިން، މި ދަތުރަކީ ވަރަށް ދިގު ދަތުރެއް. އަދި ވަރަށްގިނަ ޢަދަދަކަށް މެޗް ކުޅެންވެސްޖެހޭ ދަތުރެއް. ހަމައެއާއެކުގައި މިއީ، އަޅުގަނޑުމެންގެ ޓީމެއް، ދުނިޔޭގެ އޮލިމްޕިކް މުބާރާތުގައި ފުޓްބޯޅައިގެ ރޮނގުން އެންމެ ފުރަތަމަ ބައިވެރިވާ ފަހަރު ކަމަށްވާތީ، އެގޮތުންވެސް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭ ދަތުރެއް މި ދަތުރަކީ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެ މުހިންމު މުބާރާތަކީ އޮލިމްޕިކް މުބާރާތް. ވަރަށް ޒަމާނުއްސުރެ ބޭއްވެމުން އަންނަ މުބާރާތެއް އެއީ. އެހެންވީމާ، އެފަދަ މުހިންމު މުބާރާތެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް ލިބޭ ވަރަށްވެސް ބޮޑު ޝަރަފެއް. އަދި ޚާއްޞަކޮށް، ފުޓްބޯޅައަކީ ރާއްޖޭގެ ރައްޔިތުންވެސް އެންމެ ޝައުޤުވެރިކަންދޭ ކުޅިވަރު ކަމަށްވާތީ، މިފަހަރު އަޅުގަނޑުމެން މިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ.
އާދެ، ދެންމެ، މި ޓީމު ތައްޔާރުކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ކުރެއްވި މަސައްކަތްތަކުގެ ވާހަކަ އަހާފައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރިން. އެއީ، މިހާ ދިގު މުއްދަތެއްގައި ވަރަށް ރަނގަޅަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ހިނގާފައިވާތީ. 8 މަސް ދުވަސް ވަންދެން މެދުކެނޑުމެއްނެތި، ވަރަށް އެކަށީގެންވާ ގޮތެއްގައި ޕްރެކްޓިސް ކުރުމުގެ ކަންތައް ހިނގަމުންދިޔަ ވާހަކަ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔައީ. އާދެ، އަޅުގަނޑު ދަންނަވާނީ މި ޓީމުގެ ކުޅުންތެރިން
އެ ކުރި މަސައްކަތަކީ އެއްގޮތަކަށްވެސް ގެއްލިގެންދާނެ މަސައްކަތެއް ނޫނޭ. ކާމިޔާބުގެ ސިއްރު ކަމުގައި ހިމެނޭ ވަރަށްބޮޑު ދެކަމެއް، މި ޓީމުގެ ކުޅުންތެރިން ކޮށްފި ކަމަށް، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އަދި ސްޕޯޓްސް ޑިވިޜަންގެ ވަކީލުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އެއީ، ޙާޟިރީއަށް ފަރުވާބެހެއްޓުމާއި، ކިޔަމަންތެރިވުމާއި، މިއީ ވަރަށް މުހިންމު ދެކަންތައް. އެއްވެސް ކުޅިވަރެއް ކުޅޭ ބަޔަކު ރަނގަޅަށް އެ ކުޅިވަރަކަށް ފަރިތަވެގެން ނޫނީ އެ ކުޅިވަރެއް ނުކުޅެވޭނެ. އެއީ، ޕްރެކްޓިސް އޮންނަ ގަޑިއަށް ފަރުވާތެރިކަން ބަހައްޓައިގެން ޙާޟިރުވެ އަދި ކޯޗުން ދެއްވާ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަ ކިޔަމަންތެރިކަމާއެކުގައި ޕްރެކްޓިސް ކުރަންޖެހޭ. އަދި ކޯޗުންގެ އިތުރަށް، ޓީމުގެ ކަންތަކާ ޙަވާލުވެވަޑައިގެން ތިއްބަވާ ވެރިންގެ ނަޞޭޙަތާއި، އިރުޝާދަށްވެސް ހުރިހާ ކުދިން ބޯލަނބަންޖެހޭނެ.
އެހެންވީމާ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، ޙާޟިރީއަށް ފަރުވާބެހެއްޓުމާއި އަދި ކުދިން ކިޔަމަންވާންޖެހޭ ފަރާތްތަކަށް ކިޔަމަންވުމާ އެއީ، ކާމިޔާބުގެ ސިއްރު ކަމުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަރަށް މުހިންމު ދެކަމެކޭ. އެ ދެކަންތައް ތިޔައޮތީ ތިޔަކުދިން ވަރަށް ފަރުވާތެރިކަމާއެކު ކޮށްފައޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި ތިޔަކުދިންނަށް ކާމިޔާބު ލިބުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެކޭ.
އާދެ، މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، ތިޔަކުދިން ތިދާ މުބާރާތަކީ އަދި ކުޅެންޖެހޭ މެޗްތަކަކީ ވަރަށް ވަރުގަދަ މެޗްތަކަކަށް ވާނެކަން. ދެންމެ ޙާމިދު ޢަބްދުލްޣަފޫރުގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ޓީމު، މިބުރުގައި މި ބައްދަލުކުރަންޖެހެނީ ވަރަށް ރަނގަޅު ފެންވަރެއްގެ ހަތަރު ޓީމަކާ. އެއިން ކޮންމެ ޤައުމަކީ އަޅުގަނޑުމެންނަށްވުރެ، ކުޅިވަރުގެ ގޮތުން މާބޮޑަށް ކުރިއަށް ގޮސްފައިވާ ޤައުމެއް. ޚާއްޞަކޮށް، ޗައިނާ. ދުނިޔޭގައި އޮތް އެންމެ މީސްގިނަ ޤައުމު. އެގޮތުން ބެލިނަމަވެސް، އަޅުގަނޑުމެންނާ ވަރަށް ތަފާތު. އެހެންވީމާ، އެ މީހުންގެތެރޭގައި ޤުދުރަތީ ގޮތުން، އެ ކުޅަދާނަކަން ލިބިފައިވާ މީހުންގެ ޢަދަދުވެސް އެހާ ގިނަވާނެ. އަޅުގަނޑުމެންނަށްވުރެ އެތައްހާސް ގުނައެއް ގިނަވާނެ. ޓެލެންޓްހުރި، މޮޅު ކުދިން. ދެން އެމީހުންގެ ޤައުމުގައި ހުރި ފަސޭހަތައްވެސް ހަމައެހާ ގިނަވާނެ. ދެން އޮތީ އުތުރު ކޮރެއާ. އުތުރުކޮރެއާ އެއީވެސް އަޅުގަނޑުމެންނަށްވުރެ ހުރިހާ ކަމެއްވެސް މާ ކުރިއަށް ގެންގޮސްފައިވާ ޤައުމެއް. ސިންގަޕޫރުގެ ވާހަކަ ދައްކާނެ ކަމެއްވެސް ނެތް. އަޅުގަނޑުމެން އެންމެންނަށް އެނގޭ، ސިންގަޕޫރަކީ ވަރަށް މަތީ ފެންވަރެއްގެ ތަނެއްކަން. ހުރިހާ ކަމެއްވެސް އެތާނގައި ހުންނަނީ ވަރަށް ރަނގަޅު ފެންވަރަކަށް ގެންގޮސްފައި. ކުޅިވަރުގެ ކަންތައްވެސް. އެތާނގައި އެކަމުގެ ފަސޭހަތައް ހުރުމާއި، ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރަނގަޅަށް ހަމަޖެހިފައި އޮތުމާއި، ފައިސާގެ ދަތިކަމެއް ނެތުމާ، މިކަހަލަ ކަންތައްތައް މިހެން ހުރީމާ، ޝައްކެއްނެތް، އޭގެ ސަބަބުން، އެ ކުޅިވަރު ކުޅޭ ކުދިންނަށް ކުރިއަށްދިޔުމުގެ ޖާގަ ވަރަށްވެސް ބޮޑުވާނެ.
ދެން އޮތީ ނޭޕާލް. ޙާމިދުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ނޭޕާލާ އަޅުގަނޑުމެންނާ ދެން ދާދި އެއްފެންވަރެއްގައޭ ކިޔިދާނެ، ކުޅުމުގެ ގޮތުން. އެހެންނަމަވެސް، އަޅުގަނޑުމެންނަށްވުރެ މާބޮޑު ޤައުމެއް އެއީވެސް. އަޅުގަނޑުމެންނަށްވުރެ މީހުންވެސް މާގިނަ ޤައުމެއް. ގިނަ ގޮތްގޮތުން އަޅުގަނޑުމެންނަށްވުރެ ކުރިއަށް ގޮސްފައި އޮތް ޤައުމެއް، ނޭޕާލަކީ. އެހެންވީމާ، އެގޮތުން ބަލާއިރު އެއީވެސް މާފަސޭހަ ޓީމަކަށްނުވެ ހިނގައިދާނެ. އެހެންނަމަވެސް، ފުޓްބޯޅައިގެ މައިދާނުގައި އަޅުގަނޑުހިތުން ދިވެހިރާއްޖެއަށް ނޭޕާލާ ވާދަކުރެވިދާނެ. އަދި އަޅުގަނޑުމެން ރަނގަޅަށް މަސައްކަތްކޮށްފިއްޔާ، ވަރުގަދަ ޢަޒުމަކާއެކު ކުޅެފިއްޔާ، ނޭޕާލް ބަލިވެސްކުރެވިދާނެއޭ އަޅުގަނޑު ދަންނަވާނީ.
އެހެންވީމާ، ތިދާ ދަތުރުގައި، މި ދިމާވާ މެޗްތައް ކުޅުމުގައި، ވަރަށް ބޮޑަށް އަޅުގަނޑުމެން ހިތްވަރުކުރަންޖެހޭނެ. ކޮންމެ މެޗެއް ކުޅޭއިރުވެސް، ކުޅެން ދަނޑަށް އަރަންވާނީ، އެ މެޗަކީ އަދި ކޮންމެ ޤައުމަކާ ދެކޮޅަށް ކުޅޭ މެޗެއް ކަމުގައިވިޔަސް، ދަނޑަށް އަރަންވާނީ، އެ މެޗް ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދުގައި. އެހެންނޫނީ އަރާނެކަމެއް ނެތް. ފުޓްބޯޅައަކީ ވަށް އެއްޗެއް. އޭގައި މޮޅެއް، ދެރައެއް ނޯވޭ. އެފަހަރަކު ދަނޑުގައި ރަނގަޅަށް މަސައްކަތްކުރި ޓީމަކަށް، ގިނަފަހަރު ފުޓްބޯޅައިގައި ކާމިޔާބު ލިބެނީ. މިއީ، އަޅުގަނޑުމެން އެންމެންނަށްވެސް ފެނިފައި، ތަޖުރިބާ ކުރެވިފައި އޮންނަ ތަނެއް. މާލޭގައި މި ބޭއްވޭ މުބާރާތްތަކުގައިވެސް، އަޅުގަނޑުމެން އަމިއްލައަށް ވިސްނާލާއިރު، މާ އާދައިގެ ފެންވަރެއްގެ ޓީމެއް ކަމަށް ހީކުރާ ޓީމެއް، އެއަށްވުރެ މާމޮޅު ޓީމެއް ބައެއްފަހަރަށް ބަލިކޮށްފާނެ. ވަރަށްގިނައިން ދިމާވެފައި ހުންނަ ތަނެއް އެއީ. އެހެންވީމާ، އެއްގޮތަކަށްވެސް ދަނޑަށް އަރާއިރު، އަޅުގަނޑުމެން މި ކުޅެންޖެހެނީ އުތުރު ކޮރެއާގެ ޓީމާއޭ، ނުވަތަ ޗައިނާގެ ޓީމާއޭ، ނުވަތަ ސިންގަޕޫރުގެ ޓީމާއޭ، ހިތަށްއަރާފައި ބިރުގަންނާނެ ކަމެއްނެތް. ޖެހިލުންވާނެ ކަމެއްނެތް. ހަމަ ވަރުގަދަ ހިތްވަރާއެކުގައި ކުޅެންވީ. ކުޅެގެން ހަމަ މޮޅުވެސްވެވިދާނެ. އެއީ، އެއްގޮތަކަށްވެސް ދުރުގައި އޮތް ކަމެއްނޫން.
ދެން ކޮންމެއަކަސް، މި ބުރުގައި އަދި މި ކުޅޭ މެޗްތަކުން އަޅުގަނޑުމެންގެ މި އޮލިމްޕިކް ކުޅިވަރާ ހަމައަށް ނުވަތަ މުބާރާތާ ހަމައަށް ދާން އޮތްމަގު އަދި މުޅިން އެހިސާބުން ނިމެނީކީ ނޫން. އެހެންނަމަވެސް، ކުރިއަށް އޮތް މަގު އެއީ، ވަރަށް ދަތި އުނދަގޫ މަގެއް. އެއީ، ދެންމެ ޙާމިދު އެވިދާޅުވިފަދައިން، 126 ޤައުމުގެ ތެރެއިން 15 ޤައުމު މުޅި ދުނިޔެއިން މި ހޮވެނީ. އަޅުގަނޑުމެން އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން 29 ޤައުމު، މި ކޮލިފައިން ބުރުގައި ބައިވެރިވެފައިވޭ. 6 ގްރޫޕަކަށް ބެހިގެން. އެ 29 ޤައުމުގެ ތެރެއިން ބާސެލޯނާއަށް ދެވެނީ އެންމެ ތިން ޤައުމަށް، އެންމެ ތިން ޓީމަށް. އޭޝިޔާއިން މި ނަގަނީ، އެ 29 ޓީމުގެ ތެރެއިން ޖުމްލަ ތިން ޓީމު. އެހެންވީމާ، މިފަހަރު މި ކުޅޭ ބުރުންވެސް، ކޮންމެ ގްރޫޕަކުން އެއްވަނައަށް އަންނަ، އޭޝިޔާގެ މި 6 ގްރޫޕް ތެރެއިން އެއްވަނައަށް އަންނަ ޓީމު މި ހޮވެނީ ދެވަނަ ބުރަކަށް. އެހެންވީމާ، ދެވަނަ ބުރު ކުޅެގެން، އެންމެ ތިން ޓީމު މިދަނީ ބާސެލޯނާއަށް. އެހެންވީމާ، އެއީ ދެން ވަރަށް ދިގު މަގެއް. ކޮންމެހެން އެ މަގުގައި އަޅުގަނޑުމެންނަށް ދެވޭނެއެކޭ އަޅުގަނޑު ނުބުނަން. އެއީ، އަޅުގަނޑުމެންނަކީ ފުޓްބޯޅައިގެ ރޮނގުގައި އަދި ވަރަށް އާ ބައެއް، ދުނިޔޭގެ ނިސްބަތުގައި. އަޅުގަނޑުމެންނަކީ މާމޮޅު ބައެއްނޫން. އެހެންވީމާ، އެހިސާބަކަށް އަދި އުއްމީދެއް ނުކުރެވޭ. އެހެންނަމަވެސް، މިހާރު ތިޔަކުދިން ތިޔަ ބައިވެރިވާންދާ ބުރުގައި ކޮންމެވެސް ރަނގަޅު ނަތީޖާއެއް ހޯދުމަކީ، ތިޔަކުދިންގެ ހިތުގެ އަޑީގައި އޮންނަ ވަރުގަދަ ޢަޒުމަކަށްވާންޖެހޭނެ. ތިޔަކުދިންނަކީ ވަރަށް ޅަކުދިންކޮޅެއް. ޞިއްޙަތުގެ ގޮތުންވެސް ވަރަށް ރަނގަޅު ކުދިންކޮޅެއް ކަމަށް އަޅުގަނޑަށް އެނގިފައި ވަނީ.
ދެންމެ ސްޕޯޓްސް ޑިވިޜަންގެ ވަކީލު އަދި އެފް.އޭ.އެމް.ގެ ސެކްރެޓަރީގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ޞިއްޙީ އެކިއެކި ޓެސްޓްތައް ކޮށްގެންވެސް، ތިޔަކުދިންނަކީ ވަރަށް ފިޓް އަދި ހުރިހާ ގޮތަކުންވެސް ޞިއްޙަތު ރަނގަޅު ކުދިން ކަމުގައި މިހާރުވަނީ ސާބިތުވެފައި. އަދި ކޯޗު ތިޔަކުދިންނަށް ދެއްވި ޓެސްޓްވެސް، ތިޔަ ހުރިހާ ކުދިން ވަނީ ކާމިޔާބުކޮށްފައި. 12 މިނިޓްއިރު ތެރޭގައި ތިންހާސް މީޓަރު ދުވުން. އެކަންވެސް ވަނީ ތިޔަކުދިން ކޮށްފައި. އަދި މެދުނުކެނޑި 8 މަސް ދުވަސް ވަންދެން ވަނީ ފުޓްބޯޅައިގެ ހުނަރުތަކަށް ވަރަށް ރަނގަޅަށް ތަމްރީނު ލިބިފައި. އެހެންވީމާ، ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖޭގައި އަދި ތައްޔާރުނުކުރެވޭ ފެންވަރަށް މިފަހަރު މިއޮތީ ޓީމެއް ތައްޔާރުކުރެވިފައި. އެހެންވީމާ، އަޅުގަނޑުގެ އުންމީދު ވަރަށް ބޮޑު. ތިޔަކުދިން، ތިޔަދާ ދަތުރުގައި، ކޮންމެވެސް މިންވަރެއްގެ ކާމިޔާބީއެއް ހޯދާނެކަމާމެދު.
އާދެ، މީގެކުރީގައި ދިވެހި ޓީމުތައް ފުޓްބޯޅައިގެ ރޮނގުގައި، ބޭރު ޤައުމުތަކާއި އަދި ބޭރުގެ ޓީމުތަކާ ކުޅެފައި ހުރި މެޗްތަކަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް އަދި މާ އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނެތް. އެހެންނަމަވެސް، އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިތްވަރު އެލެންވީ ކަމެއްނޫން. އަޅުގަނޑުމެން އަދި މިތިބީ ވަރަށް ދިގު މަގެއްގެ އެންމެ ކުރީކޮޅު. އަދި ކިރިޔާ ފުރަތަމަ ފިޔަވަޅު މި އަޅަނީ. އެހެންވީމާ، އެއީކީ އަޅުގަނޑުމެން ލަދުގަންނަންވީ ކަމެއްވެސް ނޫން. 1979 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަޅުގަނޑުމެންގެ ޤައުމީ ޓީމާއި އަދި އެކި ފެންވަރުގެ ޤައުމީ ޓީމު ކުޅުނު ވާހަކަ މި ދެންނެވީ. ފުރިހަމަ ޤައުމީ ޓީމާއި އަދި 19 އަހަރުން ދަށުގެ ޓީމާއި އަދި އެކިއެކި ކްލަބްތަކުގެ ޓީމުތަކާ، މި ހުރިހާ ޓީމެއް ކުޅުނު މެޗްތަކަށް ބަލައިލާއިރު، އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތަކީ، 1979ން ފެށިގެން މިހާތަނަށް ބޭރު ޓީމުތަކާ އެކުގައި އަޅުގަނޑުމެން 48 މެޗް ކުޅެފިކަމަށް. އޭގެތެރެއިން އަޅުގަނޑުމެންނަށް ކާމިޔާބުކުރެވުނީ ތިން މެޗް. ފަސް މެޗް، ނަތީޖާ އެއްވަރުވެގެން ނިމުނީ. އަޅުގަނޑުމެން ބަލިވީ 40 މެޗުން.
އެހެންވީމާ، މި ނަތީޖާ ދައްކާގޮތުން އަދި އަޅުގަނޑުމެންނަށް ފުޓްބޯޅައިގެ މައިދާނުގައި، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިންވެސް މާބޮޑު ކާމިޔާބީއަކާ ހަމައަކަށް ނުދެވޭ. އެހެންނަމަވެސް، އަޅުގަނޑު ކުރިންވެސް މި ދެންނެވިފަދައިން، އެއީކީ އަޅުގަނޑުމެންގެ ހިތްވަރު އެއްގޮތަކަށްވެސް އެލެންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ ޢަޒުމް ބަލިވާންވީ ސަބަބެއްވެސް ނޫން. އަޅުގަނޑުމެންނަށް ރަނގަޅަށް މަސައްކަތް ކުރެވިއްޖިއްޔާ މުސްތަޤްބަލްގައި ޝައްކެއްނެތް، އަޅުގަނޑުމެންނަށް ކުޅިވަރުގެ ރޮނގުންވެސް ކާމިޔާބު ހޯދޭނެ.
މި ޓީމު ތައްޔާރުކުރެއްވި ބޭފުޅުންނަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަންޖެހޭ. އެއީ، ވަރަށް ބުރަ މަސައްކަތެއް އެބޭފުޅުން އެ ކުރެއްވީ. 8 މަސް ދުވަހުގެ ތެރޭގައި. އޭގެތެރޭގައި، ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު. އޭނާއަކީ ކުޅިވަރާބެހޭ ހުރިހާ ކަމެއްގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކުގައި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް. ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމުގެ ގޮތުން. އެހެންވީމާ، އެ މަނިކުފާނަށް މި ފުރުޞަތުގައިވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއް ކަމަށް ދެކެން. ހަމައެއާއެކުގައި، މިކަމުގައި ބައިވެރިވަޑައިގެން ދެއްވި އެހެން ފަރާތްތައް، ޚާއްޞަކޮށް، ސަރުކާރުގެ ސްޕޯޓްސް ޑިވިޜަންގެ ވެރިން، އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެވެސް ވެރިން، ޓީމުގެ މެނޭޖަރުންނާއި، ކޯޗުންނާއި އަދި ޞިއްޙީ ކަންތައްތައް ބަލަހައްޓަވާ ބޭފުޅުން، މިހުރިހާ ބޭފުޅުން. ހަމައެއާއެކުގައި، އެކިއެކި ސްކޫލްތަކުގެ ވެރިން. މި ޓީމުގައި ސްކޫލްކުދިންގެ 7 ކުއްޖަކު ހިމެނިފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ، އެ ސްކޫލްތަކުގެ ފަރާތުންވެސް މިކަމަށް ބެހެއްޓެވި ޝައުޤުވެރިކަން، އެކަމުން އަޅުގަނޑަށް ދޭހަވަނީ. އެހެންވީމާ، އެމް.އީ.އެސް. ސްކޫލަށާއި، އީ.ޕީ.އެސް.އެސް. އަށާއި އަދި މަދްރަސަތުލް އަމީރު އަޙްމަދަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުމެންނަށް ވަރަށް ފަހުން ލިބުނު ކޯޗެއްގެ އިރުޝާދު މިހާރު އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިންނަށް ލިބެމުން އެދަނީ. ދެމަސް ދުވަހެއް ވަންދެން، ހަންގޭރީން އަޅުގަނޑުމެންނަށް ލިބިފައިވާ ކޯޗު، އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ޕްރެކްޓިސް ކޮށްދެއްވަމުން މިގެންދަވަނީ. މިސްޓަރ ޓެމަސް ފަރީ ނިކޮލަސް. އެހެންވީމާ، އޭނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިރޭ ޝުކުރު ދަންނަވަން. ތިޔަކުދިންނަށްވެސް އެނގޭނެ، ހަންގެރީއަކީ ފުޓްބޯޅައިގެ ގޮތުން ވަރަށް މަތިވެރި މަޤާމެއް ހޯދާފައިވާ ޤައުމެއް. 1950 ވަނަ އަހަރުތަކުގެ ކުރީކޮޅުގައި، ހަންގެރީއަކީ ދުނިޔޭގައި އޮތް އެންމެ މޮޅަށް ފުޓްބޯޅަ ކުޅޭ ޤައުމޭ ބުންޏަކަސް އެއީ، ދޮގަކަށް ނުވާނެ. 1950، 1951، 1952، 1953، އެހާހިސާބުގައި. އޭރު އިނގިރޭސިވިލާތް އެއީވެސް ވަރަށް މޮޅު ޓީމެއް. އެހެންނަމަވެސް، އިނގިރޭސިވިލާތް އެއްފަހަރު 6 - 0 ން ހަންގެރީ ބަލިކުރި. އަނެއްފަހަރު 7 - 1 ން ބަލިކުރި. އެއީ، އެޒަމާނުގައި ވަރަށްބޮޑު ރެކޯޑަކަށް އޮތީ ވެފައި. އަދި 1954 ވަނަ އަހަރުގެ ދުނިޔޭގެ ތައްޓަށް ކުޅުނު މުބާރާތުގައިވެސް އެންމެންވެސް ހީކޮށްގެން ތިބީ ހަންގެރީ ތަށި ހޯދާނެ ކަމަށް. އެހާވެސް މޮޅު އެޓީމު. އެހެންނަމަވެސް، ފުޓްބޯޅައިގައި ދިމާވާ، ބައެއް ގޮތްތައް ދިމާވުމާއެކީގައި އެފަހަރު ތަށި ލިބޭގޮތެއްނުވި. ހުޅަނގު ޖަރުމަނަށް އެފަހަރުވެސް ތަށި ލިބުނީ. 1954 ވަނަ އަހަރު. އެހެންނަމަވެސް، ފަހަކަށްއައިސް މިހާރު މި ބްރެޒިލް މަޝްހޫރުވެގެން އުޅޭ ފެންވަރަށް އޭރުއޮތީ ހަންގެރީ މަޝްހޫރުވެފައި. އަދި ހަންގެރީގެ ކްލަބްތަކުގެ ތެރެއިން "އޮންގެޓް" ކިޔާ ޓީމެއް، އެއީވެސް ވަރަށް މަޝްހޫރު ޓީމެއް އޭރު. އެޓީމުގެ ކުޅުން ފެނުމުގެ ނަޞީބު އަޅުގަނޑަށް އެ ދުވަސްވަރު އޮތީ ލިބިފައި. އަޅުގަނޑު ހުރި ތަނަކުން އެޓީމް، އެއްފަހަރު އައިސް ކުޅުނުތަން ދުށިން. އޭގެތެރޭގައި ވަރަށް މަޝްހޫރު، ފަހަކާޖެހެންދެންވެސް ހަމަ ފުޓްބޯޅައިގެ ތާރީޚްގައި މަޝްހޫރު ބައެއް ކުޅުންތެރިން ތިބި. އޭގެތެރެއިން އެކަކީ "ފުޝްކަސް" އަނެކަކީ "ޑިސްޓިފަނޫ" އެ މީހުން އެއީ، ފޯވާރޑުން ގޮތުގައި ކުޅުނު މީހުން. ވަރަށްމޮޅު ކުޅުންތެރިން. އެމީހުން ކުޅެނިކޮށް އަޅުގަނޑު ދުށިން. ވަރަށް ފެންވަރު ރަނގަޅު. އެހެންވީމާ، ހަންގެރީއަކީ އެގޮތުން ބަލާއިރު، ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް ރަނގަޅު ފެންވަރެއް ޙާޞިލްކޮށްފައިވާ ޓީމެއް. މިހާރުވެސް އެ ޓީމު ދެރައެއްނޫން. އެހެންނަމަވެސް، ދެން އެ ޓީމަށްވުރެ ގަދަ ޓީމުތަކެއް ދުނިޔޭގައި މިހާރު އުފެދިފައިވާތީ، މި ފަހުން އަޅުގަނޑުމެންނަށް ހަންގެރީގެ ވާހަކަ މާބޮޑަކަށް ނީވޭ.
އަޅުގަނޑު ދަންނަވާލަން މި އުޅޭ ވާހަކައަކީ، އެހެންވީމާ، އަޅުގަނޑުމެންގެ ކޯޗު މިއީ ވަރަށް ތަޖްރިބާހުރި މޮޅު ކޯޗަކަށް ވާނެކަން ޔަޤީނޭ. އެއީ، އެކަހަލަ ޓީމަކުން ދުރުވެ ހުންނެވި ބޭކަލަކަށްވާތީ. އެހެންވީމާ، މިކަހަލަ ފުރުޞަތެއްގެ ބޭނުން އަޅުގަނޑުމެން ހިފަންޖެހޭނެ ވަރަށްބޮޑަށް. އޭނާގެ އިރުޝާދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އޭނާ އެ ދައްކަވާ ގޮތަކަށް އަޅުގަނޑުމެން ކުޅެންވާނީ.
އާދެ، އަޅުގަނޑު ދެން މާދިގުކޮށް ވާހަކަ ދައްކާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑުގެ ހަމަ ބޭނުމަކީ، މި ޓީމު މާދަމާ ވަރަށް ދިގު ދަތުރެއްގައި ފުރާތީ ޓީމަށް ހިތްވަރު ދިނުން. އެންމެ ފުރަތަމަ މެލޭޝިޔާއަށް ގޮސް، މެލޭޝިޔާގައި ދުވަސްކޮޅެއް އެބަ ހޭދަކުރަންޖެހޭ. އެވެސް ޕްރެކްޓިސް ކުރުމުގައި. އޭގެ ފަހުން މި މެޗްތައް މި ފެށެނީ. ދެ ޤައުމަކަށް ގޮސްގެން ކުޅެން މިޖެހެނީ. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ދަތިވާކަހަލަ ގޮތަކަށް އެ ކަންތައްތައް އޮންނާނީ. އެހެން މި ދެންނެވީ، ފުރަތަމަ ކަމަކަށް، މޫސުމްވެސް ވަރަށް ތަފާތުވާނެތީ. މެލޭޝިޔާއާއި ރާއްޖެއަކާ މޫސުމް ތަފާތެއްނުވާނެ. އެކަމަކު އެތާކު ނޫން އަޅުގަނޑުމެން މެޗުތައް ކުޅެން މި ޖެހެނީކީ. އަޅުގަނޑުމެން އެއްބައި ކުޅެން މި ޖެހެނީ ޕިޔޮންގ ޔޮންގގައި. އެއީ، އުތުރުކޮރެއާގެ ވެރިރަށް. އަނެއްބައި މެޗްތައް ކުޅެން މި ޖެހެނީ ބެއިޖިންގގައި. އެއީ، ޗައިނާގެ ވެރިރަށް. އެ ދެތަނަކީ، އަޅުގަނޑުމެންގެ ރާއްޖެއާ މޫސުމުގެ ގޮތުން ވަރަށް ތަފާތު ދެތަން. ދަނޑުވެސް ތަފާތުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަ އެއީ، ބީރައްޓެހި ތަނަކަށްވާނީ.
އެހެންވީމާ، މެޗްތައް އެއީ، މާ ފަސޭހަ މެޗްތަކަކަށް ނުވާނެ. އެހެންނަމަވެސް، ކުރިން އަޅުގަނޑު ދެންނެވި ގޮތުގެމަތިން، އަޅުގަނޑުމެން ހިތްވަރުކުރަންޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖެއަށް ރީތިނަމެއް ލިބޭތޯ މަސައްކަތް ކުރަންޖެހޭނެ. މަސައްކަތް ކުރީމާ، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކަށް ވެވުނު އެންމެ ބޮޑަކަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްފިއްޔާ، އެ ކުއްޖެއްގެ ވާޖިބު އަދާވެ ނިމުނީ. އިތުރަކަށް އެހެން ކަމެއް ބޭނުމެއްނުވޭ. އެއީ، ކޮންމެހެން މެޗަކުން މޮޅުވުން އެއީކީ ޝަރުޠެއް ނޫން. މޮޅުވެވޭތޯ މަސައްކަތް ކުރަނީ. މޮޅުވިއްޔާ ކިތަންމެހާވެސް ރަނގަޅު. މޮޅުނުވިނަމަވެސް، އޭގައި މައްސަލައެއް ނެތް.
ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފާހަގަކޮށްލެއްވި ނުކުތާއެއް ދަންނަވާލަންޖެހޭ. އެއީ، އަޅުގަނޑުމެންނަކީ ދިވެހިންކަން އަބަދުވެސް ހަނދާންކުރަން ޖެހޭނެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އަޅުގަނޑުމެން ތިއްބަސް، ކޮންމެކަހަލަ ޙަރަކާތެއްގައި ބައިވެރިވިޔަސް، އެއީ، ކުޅިވަރު ކަމުގައިވިޔަސް، ކިޔެވުން ކަމުގައިވިޔަސް، ވިޔަފާރި ކަމުގައިވިޔަސް، ނުވަތަ އެހެން ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ ދިވެހިންކަން އަބަދުވެސް ހަނދާންކުރަން ޖެހޭނެ. އެއީ، އަޅުގަނޑުމެން ކުރާ ކަމެއް ނިސްބަތްވާ ޤައުމެއް އެބައޮތްކަން. އަޅުގަނޑުމެން ރަނގަޅަށް ކަންތައް ކޮށްފިއްޔާ ރީތިނަމެއް ޤައުމަށް ލިބޭނެކަން. އަޅުގަނޑުމެން ގޯސްކޮށް ކަމެއް ކޮށްފީވިއްޔާ، އަޅުގަނޑުމެންގެ ޤައުމަށް ލިބޭނީ ހުތުރު ނަމެއްކަން. މިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. ދެން އަނެއްކަމަކީ، ހަމަ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އަޅުގަނޑުމެންނަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް ތަމްސީލުކުރާ ބައެއްކަންވެސް އަބަދު ހަނދާންކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ އަޚްލާޤާއި، ސުލޫކާއި، އުޅުން ހުންނަންވާނީ އަޅުގަނޑުމެންގެ މި މާތް ޢަޤީދާގެ އުޞޫލުތަކާ ތަފާތުނުވާ ގޮތެއްގެ މަތިން. އެއީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ހުރިހާ ކުދިންވެސް، އެ ކުދިންނަކީ ދިވެހިކުދިންކަމާއި، މުސްލިމް ކުދިބައެއްކަން ރަނގަޅަށް ހަނދާންކޮށްގެން، އެއާ އެއްގޮތްވާ ގޮތުގެމަތިން، ހުރިހާ ކަމެއްވެސް ބެހެއްޓުން.
ދެން ޕްރެކްޓިސް ކުރާއިރުގަޔާއި، ދަތުރުމަތީގަޔާއި، މެޗް ކުޅޭއިރުގަޔާއި، ދަނޑުގަޔާއި، ދަނޑުން ބޭރުގަޔާއި، ހުރިހާ ވަގުތެއްގައިވެސް ތިޔަކުދިންގެ ވެރިންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ފުރިހަމައަށް ކިޔަމަންތެރިވާންޖެހޭނެ. އިޚްލާޞްތެރިވާންޖެހޭނެ. އޭރުން މުސްތަޤްބަލުގައި ކުރިއަށްދެވޭނީ. ކުރިންވެސް އަޅުގަނޑު ބުނި ފަދައިން، ކާމިޔާބުގެ ސިއްރު ކަމުގައި ހިމެނޭ ދެކަމުންކުރެ އެއްކަމެއް، ކިޔަމަންތެރިވާންޖެހޭ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުން. ޑިސިޕްލިން ހިފެހެއްޓުން. އެހެންވީމާ، އެގޮތުން، ކޯޗުގެ އިރުޝާދަށާއި އަދި މެނޭޖަރާއި، އެސިސްޓެންޓް މެނޭޖަރާއި އަދި ކޯޗާ އެހީތެރިވާން ހުންނެވި ބޭފުޅަކާއި، އަދި އެނޫންވެސް ތިޔަކުދިންގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް ތިޔަކުދިން ވާނެ ކިޔަމަންތެރިވާން. އިޚްލާޞްތެރިވާން.
ދެން އަޅުގަނޑު އުންމީދުކުރަނީ، މި މެޗްތައް ނިމިގެން ތިޔަކުދިން ރާއްޖެއަށް އަންނައިރު އަންނާނީ، ކޮންމެވެސްވަރެއްގެ ކާމިޔާބީއެއްވެސް އިރާދަކުރެއްވިއްޔާ ހޯދައިގެން ކަމަށް. އެއްގޮތަކަށްވެސް ގްރޫޕުން އެއްވަނައަށް އަންނާށެކޭ އަޅުގަނޑު ނުބުނަން. އެއީ، ވެވޭނެ ކަމެއްވެސް ނޫންކަންނޭނގެ. އެހެންނަމަވެސް، ކޮންމެ މެޗެއްވެސް ހިތްވަރާއެކު ކުޅެވިދާނެ. ރަނގަޅު ނަތީޖާއެއް ހޯދޭތޯ މަސައްކަތް ކުރެވިދާނެ. އަދި ބައެއް މެޗްތަކުން ރަނގަޅު ނަތީޖާ ހޯދިވެސްދާނެ. އެހެންވީމާ، އެގޮތަށް ތިޔަކުދިންގެ ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކޮށްފިއްޔާ ޝައްކެއްނެތް، ދިވެހިރާއްޖެއަށް ވަރަށްވެސް ރީތިނަމެއް ލިބޭނެ.
އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ކުދިންނަށް އުފާވެރި ދަތުރަކަށް މި ދަތުރުވުން. ދަތުރުގައި ކާމިޔާބީއެއް ލިބޭގޮތްވުން. އަދި ރާއްޖެއަށް ތިޔަކުދިންގެ ފަރާތުން ރީތިނަމެއް ލިބިގެންދިޔުން. އަދި މި ދަތުރަކީ ތިޔަކުދިންނަށް ފައިދާހުރި ތަޖްރިބާތަކެއް ލިބިދޭނެ ދަތުރަކަށްވެސްވުން. ޝައްކެއްނެތް، ކޮންމެ ކަމެއް ކާމިޔާބު ކުރުމުގައިވެސް ތަޖުރިބާއަކީ ވަރަށް މުހިންމު ބައެއް އަދާކުރާ ކަމެއް. އެހެންވީމާ، މިފަދަ ދަތުރުތަކުން ލިބޭ ތަޖުރިބާއިން މުސްތަޤްބަލުގައި ކުޅެވޭ މެޗްތަކުގައި ކާމިޔާބުކުރުމާ ހަމަޔަށް ދެވޭގޮތްވުމަކީ އެއްގޮތަކަށްވެސް ދުރުގައި އޮތް ކަމަކަށް ނުވާނެ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ ތިޔަ ހުރިހާ ކުދިންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. އަދި ތިޔަކުދިންނަކީ ދިވެހި ޤައުމަށް ވަފާތެރި، ތެދުވެރި ބަޔަކު ކަމުގައި ވުމުގެ ތައުފީޤު ދެއްވައި، ތިޔަކުދިން ޤައުމަށް ޚިދުމަތްކުރުމުގެ ގޮތުން ތިޔަކުރާ މަސައްކަތް އެއީވެސް ކާމިޔާބު މަސައްކަތެއް ކަމުގައި އެކަލާނގެ ލެއްވުން.
والسّلام عليكم ورحمـة اللّـه وبر كاته.