بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހުރާގެ ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުން، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުން، އަދި ވަޒީރުންނާއި، އެހެނިހެން މަޖިލިސް މެންބަރުން، މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން، އަދި މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށަށް އާދެވުނީ ވަރަށް ހޫނުގަދަ ވަގުތެއްގައި. އެހެން ނަމަވެސް، ހުރިހާ ރައްޔިތުން އަޅުގަނޑަށް އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް ވިދާޅުވީ އެއަށްވުރެ މާ ހޫނު، ވަރަށް ފުރިހަމަ މަރުޙަބާއެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، ތިޔަ ވިދާޅުވިގޮތަށް، އަޅުގަނޑަށް ކެމްޕެއިން ތެރޭގައިވެސް ނާދެވިފައި އޮތީ. އެކަމަށްޓަކައި މާފަށްވެސް އެދެން. ދެން ވަރަށް ކުޑަވަގުތުކޮޅެއް ރަށްރަށަށް ދާން ލިބެނީވެސް. ނަމަވެސް، މިއަދު ވަރަށް އުފާވޭ މި ރަށަށް އާދެވުނީމަ.

އާދެ، އަޅުގަނޑު އިސްކަންދޭނީ ޙަޤީޤަތުގައިވެސް ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް، ކޮށްދެވޭތޯ ބެލުމަށް. މި ރަށުގައި ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް. އެގޮތަށް ނިންމައިދޭނަން. އަދި އެބަހުރި ހަމަ އެފަދައިން، މުހިންމު ގިނަ ކަންކަން ކުރަން. ނިމިގެންމިދާ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މާގިނަ މަސައްކަތްތަކެއް، އަޅުގަނޑުވެސް ޙަޤީޤަތުގައިވެސް ބޭނުންވި ގޮތަށް ކުރެވޭގޮތެއްނުވި. ސަބަބަކީ ބަޖެޓް އޮތްގޮތުން. ދެން އެ ވާހަކަ ތަކުރާރެއް ނުކުރާނަން. އެއީ، އެހެން ނަމަވެސް، ޙަޤީޤަތް. މި ނިމިގެންދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ، އޭރުގެ މަޖިލީހަށް ފޮނުވައިގެން، އަޅުގަނޑުމެން އެދުނު އެއްވެސް ކަމެއް ނުހިމަނައި ފާސްކުރި ބަޖެޓެއްވީމަ، އަޅުގަނޑުމެންނަށް ކަންކަން ނުކުރެވޭގޮތަށް، ކުދިކުދި ޢަދަދުތަކުން މަޝްރޫޢުތަކަށް ފައިސާ ހިމަނައިގެން ބަޖެޓް އޮތީ ތަޅުއަޅުވާފައި. ދެން އެ ވާހަކަ އެ ނިމުނީ އިރާދަކުރެއްވީތީ.

މިހާރު މިއޮތީ ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދޭނެ، ފާސްކޮށްދޭނެ މަޖިލީހެއް ތިޔަބޭފުޅުން ހޮއްވަވާފައި. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާ، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދޭގޮތަށް އިރާދަކުރެއްވީތީ، 2025ގެ ބަޖެޓް މިއޮތީ ހަމަޖެހިފައި. މި އަންނަ އަހަރު އަޅުގަނޑު އެންމެ އިސްކަންދެނީ މުޅި ރާއްޖޭގެ ގެދޮރުވެރިކަމަށް. މި އަންނަ އަހަރުގެ ބަޖެޓަކީ، ގެދޮރު، ނޫނީވިއްޔާ ބޯހިޔާވަހިކަމުގެ ބަޖެޓް.

އޭގެއިތުރަށް، އެންމެ އިސްކަން ދެން ދޭ ކަންކަމަކީ، ތަޢުލީމީ ދާއިރާއިން ކުރަންހުރި މަސައްކަތްތައް. މި ރަށުގެ ސްކޫލަށް. އަޅުގަނޑު ދަންނަވާލަން ހަމަ ބޭނުން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ މަލްޓި-ޕަރޕަސް ހޯލު، މި އަންނަ އަހަރު ބަޖެޓުން އަޅައިދޭނަން. ހަމަ އެއާއެކީގައި، ތަޢުލީމީ ދާއިރާއާ އެއްވަރަކަށް އަޅުގަނޑުމެން ދެން އެންމެ އިސްކަން މިދެނީ، ޞިއްޙީ ދާއިރާ ތަރައްޤީކުރަން. މި އަންނަ އަހަރު ބަޖެޓުގެ ޕްލޭން މިއީ. އެންމެ އިސްކަންދެނީ ގެދޮރުވެރިކަމަށް. ދެން ތަޢުލީމާއި ޞިއްޙަތަށް.

އެހެންވީމާ، ޞިއްޙީ ދާއިރާއިންވެސް ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން އެބަހުރި. ހެލްތް ސެންޓަރ ތަރައްޤީކުރުމުގައި. ސްކޭންކުރެވޭ ޚިދުމަތް ޤާއިމުކުރުމާއި، އަދިވެސް އިތުރު ވަސީލަތްތައް ޤާއިމުކޮށް ފުރިހަމަކުރުމަށް. އެކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އެއީ، އަޅުގަނޑުމެން ޕްލޭންކޮށްފައި، ވަޢުދުވެފައި ހުރި ކަންކަން.

އާދެ، ދެންމެގައި ކައުންސިލްގެ ރައީސް އެ ވިދާޅުވިގޮތަށް، ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލާ ގުޅިވަޑައިގެން މިހާރު އެވަނީ އޭ.ޓީ.އެމް.ގެ މަސައްކަތް ޢަމަލީގޮތުން މިތާނގައި ޤާއިމުވާ ހިސާބަށް ގޮސްފައި. އެގޮތަށް ދެންހުރި ކަންކަންވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

އާދެ، ޖުމްލަގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތަރައްޤީގެ މަޝްރޫޢުތައް، ހުރާގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ގެންދާނަމޭ. އަދި ޖުމްލަކޮށް، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށް އިސްކަންދީގެން ކުރިއަށް ގެންދާނަމޭ. މި އަންނަ އަހަރަކީ އަދި އެއާ ޖެހިގެން ދެން އަންނަ އަހަރަކީ، 2025 އާއި 2026 އަކީ މިގޮތަށް ޕްލޭންކޮށްފައި އޮތް ދެ އަހަރޭ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ. އަދި މި އަންނަ އަހަރު ނުފެށޭ މަޝްރޫޢުތައް، ދެން އަންނަ އަހަރު ފެށި، އިރާދަކުރެއްވިއްޔާ، މި ދެ އަހަރު ވެގެންދާނީ، އަޅުގަނޑު އިންތިޚާބުގައި ވެފައި ހުރި ވަޢުދުތައް ޢަމަލީގޮތުން ފުދިގެންދާ ދެ އަހަރަށޭ. އެގޮތަށް އިރާދަކުރެއްވިއްޔާ ތަރުތީބު ކުރެވިގެން މިދަނީ. މި އަހަރު މި ބޭނުންކުރަންޖެހުނީ ބޮޑު ދަރަންޏެއްގައި އަޅުގަނޑުމެން ބެދިފައި އޮތީމަ، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތީމަ، އެކަމުން ސަލާމަތްވުމަށް. ފައިސާ ޗާޕުނުކޮށް އެކަން ކުރަންޖެހުނީމަ، ވަރަށްގިނަ ކަންކަން ހަމަޔަކަށް އަޅުވަންޖެހުނު. ދެން ތަފްޞީލުތައް އެހެރީ މަޖިލީހުގައި. އަދި ޕަބްލިޝްވެސް ކުރެވިފައި.

އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އިރާދަކުރެއްވީތީ ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ކަށަވަރުކުރުމާ އެކީގައި، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު، ދިވެހި ރައްޔިތުންނަށް އިސްކަންދޭ ސިޔާސަތެއްގެ ގޮތުގައި ބައްޓަންކޮށްގެން، ހުރިހާ ޤައުމަކާ ބެލެންސްޑް ފޮރިން ޕޮލިސީއެއް ޤާއިމުކުރުމުގެ މަގުމަތީގައި، ނޫނީވިއްޔާ އެ ފައުންޑޭޝަންގެ މަތީގައި ކުރިއަށްދިޔުމަށް. އަދި ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންކަމާއި، އިޖުތިމާޢީ ކަންކަމާއި، ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންކުރުމަށް. މިގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް މިގެންދަނީ.

އެހެންވީމާ، އަޅުގަނޑުމެންނަށް މުހިންމު، އެހެން ނަމަވެސް، މިއަދާ ހަމަޔަށް އަޅައިނުލެވި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރަންވެސް އިސްކަންދެނީ. އަޅުގަނޑުމެންނާ ހަވާލުވި އިޤްތިޞާދު އޮތް ޙާލަތުން އަޅުގަނޑުމެންގެ ޤައުމުގައި މުހިންމު ޑިޒިޝަންސްތަކެއް، މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައި އޮތީ. އެހެންވީމާ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް ކަންކަން ބައްޓަންކުރަމުން މިދަނީ. އެއީ، ރައްޔިތުންނަށްޓަކައި. ރައްޔިތުންގެ ކުރިމަގަށްޓަކައި.

ޑޮލަރުގެ ތާށިކަން ކުރިމަތިކުރީވެސް އަޅުގަނޑުމެންނަށް ވާރުތަކޮށްފައި އޮތް އިޤްތިޞާދުގެ ތެރެއިން، އޭރުގައި އަޅުގަނޑުމެންނަށް އައި ކަންކަމުގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށް މި ބޭރު ފައިސާ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތެރޭގައި މި ދައުރުވާ، ނޫނީވިއްޔާ އަޅުގަނޑުމެންގެ އިޤްތިޞާދަށް މި އަންނަ ބޭރު ފައިސާއިން ކޮންމެވެސް ބައިކުޅަބައެއް، ބޭންކިންގ ނިޒާމުގެ ތެރޭގައި މާރުކުރެވިގެން ދާންޖެހޭނެ ގޮތަށް. އެއީ، ޙަޤީޤަތުގައިވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް. ރައްޔިތުންނަށް އެކަންކަމުގެ ތެރެއިން ވިޔަފާރިއާއި، އެހެނިހެން ކަންކަމުގައި ވަރަށްގިނަ ފައިދާތައް ވާނެ ކަމެއް. އަޅުގަނޑު ވާނީ މިދޭތެރެއިން ވަރަށް ތަފްޞީލުކޮށް، އެކަން ކުރުމުގެ ސަބަބުން ވާނެ ކަންކަންވެސް ކިޔައިދީފައި. 17 ނޮވެންބަރުގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ވާނެ ތަފްޞީލުކޮށް ކިޔައިދީފައި. އެހެންވީމާ، ތަކުރާރެއް ނުކުރާނަން.

އަޅުގަނޑުމެން މި ނިންމީ، އެކި ކެޓަގަރީތަކަށް ބަހާލައި، ރިޒޯޓުތަކުން ވިއްޔާ 500 ޑޮލަރު، ބޮލަކަށް މާރުކުރާގޮތަށް. އެކަން ހަމަ އެގޮތަށް އޮންނާނީ. ދެން އޭގެއިތުރަށް، ގެސްޓްހައުސްތަކާއި، ކުދި ވިޔަފާރިތައް، ސިޓީ ހޮޓާތަކާއި، ދެން މި ހުންނަ ލިވަރބޯޑު، މިފަދަ ތަންތަނުން ބޮލަކަށް 25 ޑޮލަރު. މިފަދަ ގޮތަކަށް. އެހެންވީމާ، އެ ގަވާއިދު އިރާދަކުރެއްވިއްޔާ އެގޮތަށް ތަންފީޛު ވެގެންދާނީ. ދެން އެކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި އެކަމާ ގުޅޭ ޤާނޫނެއް ތަޢާރުފް ކުރުމަށް ބިލެއް މަޖިލީހަށް ފޮނުވާނެ ވާހަކަ އަޅުގަނޑު ދެންނެވީ.

މިއަދު އެމް.އެމް.އޭ.އިން ވަނީ އެމް.އެމް.އޭ.ގެ ބޯޑުން އިއްޔެގައި ފާސްކޮށް، އެމް.އެމް.އޭ.ގެ ފަރާތުން އެ ބިލު މަޖިލީހަށް ފޮނުވާފައި. އޭގައި އޮންނާނީ އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ގަވާއިދުގައި އޮތް ގޮތަށް، ރިޒޯޓުތަކުން 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް. އަދި އަޅުގަނޑު ދެންނެވިން، އެއީ ގާތްގަނޑަކަށް 20 އިންސައްތައޭ އާމްދަނީގެ. ޖުމްލަ ރެވެނިއުގެ، އެ މަހަކަށްޖެހޭ ރެވެނިއުގެ 20 ޕަސެންޓޭ ގާތްގަނޑަކަށް. އެހެންވީމާ، ރިޒޯޓުތަކުގެ ބޭފުޅުންނާ ކުރެވުނު މަޝްވަރާގެ އަލީގަޔާވެސް އެކީގައި ހަމަ 500 ޑޮލަރު މާރުކުރަންޖެހޭގޮތަށް، ނުވަތަ 20 ޕަސެންޓް. ޕަސެންޓޭޖެއްވެސް އަޅުގަނޑުމެން މިދިނީ. ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ނުވަތަ 500 ޑޮލަރު މާރުކުރަންޖެހޭނެއޭ. އެއީ، ޤާނޫނުން މަޖުބޫރު މި ކުރަނީ. އެހެންވީމާ، އަޅުގަނޑު ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ އެއްވެސް ބަދަލެއް ނުގެނެސް އެކަން އެއޮތީ. ދެން ހަމަ ކުދި ލޯކަލް ޓޫރިޒަމްގެ ތެރެއިން 25 ޑޮލަރު، އަދި އެއާއެކީގައި، 20 ޕަސެންޓް، އެ ލޯކަލް ޓޫރިޒަމް ތެރޭގައިވެސް. އެ އޮޕްޝަން މިދެނީ.

އެހެންވީމާ، މިގޮތަށް އެމް.އެމް.އޭ.ގެ ފަރާތުން ޤާނޫނެއް ތަޢާރުފް ކުރަން އެވަނީ މިއަދު މަޖިލީހަށް ފޮނުވާފައި. މި ޤާނޫނު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު، މި މަހުގެ 15 ގައި ނިމުމުގެ ކުރިން، މަޖިލީހުން އަޅުގަނޑު ޔަޤީންކުރަން ފާސްކޮށްދެއްވާނެ ކަމަށް. ފާސްވެގެން ދިޔައިމަ، އެއަށް ޢަމަލުކުރަން އެ ދުވަހުން ފެށިގެން ފަށާނެ. ފެށުމާއެކީގައި އިރާދަކުރެއްވިއްޔާ ބޭންކިންގ ނިޒާމުގެ ތެރޭގައި، މި ދެންނެވި ގޮތަށް ޑޮލަރު މާރުވެގެންދާނެ. އޭގެ ސަބަބުން ވިޔަފާރިތަކަށާއި، ޢާންމު ރައްޔިތުންނަށާއި، ޖުމްލަކޮށް މުޅި ޤައުމަށް ފައިދާވެގެންދާނެ. އަޅުގަނޑު ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިފަދަ ކަންތައްތައް އަޅުގަނޑުމެން މި ކުރަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި. މުއްސަނދިކަން ގެނެސްދިނުމަށްޓަކައި.

އާދެ، އިރާދަކުރެއްވިއްޔާ މިގޮތަށް ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން ރައްޔިތުންގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި ކަންކަން ކުރިއަށް ގެންދާނަން.

އަޅުގަނޑުމެން ދެމުންދާ އެއްވެސް ސަބްސިޑީއެއް ނުކަނޑާނަން. ލިބެމުންދާ އެއްވެސް ޢިނާޔަތެއް، ޕެންޝަނެއް، ބެނެފިޓެއް އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި، މި ދެންނެވި ފަދަ ފިޔަވަޅުތައް އަޅައިގެން، މުއްސަނދިކަން ހޯދައިދެވޭނެ ގޮތްތައް އަޅުގަނޑުމެން ފަހިކޮށްދޭނީ.

މި އަންނަ އަހަރު ސިވިލް ސަރވިސްއާއި، ޖުޑީޝަރީގެ މުސާރަ، ޕޭ ހާމަނައިޒޭޝަން ޕޮލިސީގެ ތެރެއިން، ބަދަލުވެގެން، ބޮޑުވެގެންދާނެ. ދެން 2026 ގައި ދެންހުރި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ. އެއްޗެއް އުނިނުކޮށް، މުއްސަނދިކަން އިތުރުކޮށްދޭނީ.

އެހެންވީމާ، އެ ސިޔާސަތު އަޅުގަނޑުމެން ތަންފީޛު ކުރަނީ. ހަމަ އެއާއެކީގައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ. އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމަށް. މި އަންނަ އަހަރު ރިޔާސީ އިންތިޚާބުގެ ތެރޭގައި އަޅުގަނޑު ވަޢުދުވިން. އެކި ރަށްރަށުގައި ހުންނާނެ، ލިޔެވިފައި އެހެރީ ވަޢުދުތައް. ގެދޮރު ބިނާކޮށްދޭނެ ޢަދަދުތަކާ އެކީގައި. އެ ހުރިހާ މަޝްރޫޢެއް، މި އަންނަ އަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެށޭނެ.

ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއަށް ވެފައި ހުރި ވަޢުދުތަކުގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ އެއާއެކީގައި، ދެންހުރި ދާއިރާތަކުން، އިޖުތިމާޢީ އެހެން ހުރިހާ ދާއިރާތަކެއްގެ މަޝްރޫޢުތައްވެސް ބަހާލައިގެން ކުރިއަށް ގެންދާނަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ ހުރާއަށްވެސް އަދި އެހެން ރަށްތަކަށްވެސް ތަރައްޤީގެ ވަރަށްގިނަ ފޮނިމީރުކަން ލިބިގެންދާނެ އަހަރަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އަދިވެސް އެއްފަހަރު، ހުރާގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ވިދާޅުވި ހޫނު މަރުޙަބާއަށް. އަދި އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދިޔައިމަ، ބަނދަރު ނިމިގެން، ނޫނީ އެހެން މަޝްރޫޢުތައް ނިމިގެން، މި ރަށަށް އަނެއްކާވެސް ތިޔަބޭފުޅުން ގާތަށް އައުމުގެ އުންމީދުގައި ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި، އުފާފާގަތި މުސްތަޤްބަލެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.