بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަތިވެރި ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިން، މަތިވެރީގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ވަޒީރުންނާއި، އެމް.ޑީންނާއި، މަޖިލިސް މެންބަރުންނާއި، އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދުގެ ހަވީރުގެ ވަގުތެއްގައި މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަތިވެރީގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، އިރާދަކުރެއްވިއްޔާ މި ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅުވެގެންދާނެ. އަޅުގަނޑު ބޭނުންވަނީ މިގޮތަށް ރައްޔިތުންގެ ގާތަށް އައިސްގެން، ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އޮޅުންފިލުވައިގެން، ރައްޔިތުން އެދޭ އަމާޒަށް ރާއްޖޭގެ ކަންކަން ގެންދަން. އިރާދަކުރެއްވިއްޔާ މި ސިލްސިލާގެ ބައްދަލުވުންތަކުގެ ތެރެއިން ހުރިހާ ކައުންސިލަކާއި، ޑަބްލިޔޫ.ޑީ.ސީ.ތަކާ މާލަސްތަކެއްނުވެ ބައްދަލުކޮށް ނިމޭނެ. އަދި އެ ބައްދަލުވުންތައް ނިމުމުން، ދެން އަޅުގަނޑަށް ނުދެވި ހުރި އެހެން ހުރިހާ ރަށްތަކަކަށްވެސް މި ފެށޭ އަހަރުތެރޭގައި، އެ އަހަރު ތެރޭގައި އަޅުގަނޑަށް ވަގުތު ލިބޭ މިންވަރަކުން ބަހާލައިގެން އިރާދަކުރެއްވިއްޔާ ދާނަން ރާއްޖޭގެ ހުރިހާ ރަށަކަށް. އޭގެ ބޭނުމަކީ، ހަމަ މި ދެންނެވި ފަދައިން، ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކޮށް، ރައްޔިތުން އެދޭ ކަންކަމުގައި ވާހަކަ ދައްކައި، ކަންކަމުގައި މަޝްވަރާ ކުރެވިގެން ކުރިއަށްދިޔުން.

އާދެ، ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ބައްޓަންކުރުމުގައި، އަޅުގަނޑު މި އިސްކަން މިދެނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އެންމެ ފުރަތަމަ އިސްކަންދީގެން، ތާވަލުކުރެވިގެން، ތަރައްޤީގެ ކަންކަން ގެނެސްދިނުމަށް.

އާދެ، އަޅުގަނޑު ކުރިންވެސް، އެހެން ރަށްތަކުގައިވެސް އަދި އެހެން ބައްދަލުވުންތަކުގައިވެސް މި މައުޟޫޢުގައި އަޅުގަނޑު ދަންނަވާފައިވާނޭ ފަދައިން، މި އަހަރުގެ ތެރޭގައި، މި ނިމިގެންމިދާ 2024ގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ދެންނެވި މަގުން ތަރައްޤީގެ ކަންކަން ކުރުމުގައި ބައެއް ދަތިތައް ދިމާވި. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާނަށް ގެންނަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަށް މި އަންނަ ސުވާލަކީ، އަންނަންވެސް ޖެހޭނެ ސުވާލެއް. އަންނަ ސުވާލަކީ، ކީއްވެގެންތޯ އެހެން އެ މަސައްކަތްތައް އެގޮތަށް އެދިޔައީ؟ އެއީ، އޭގެ ޖަވާބަކީ އަޅުގަނޑުމެން ތަންފީޛު ކުރަންޖެހުނު ބަޖެޓް ހެދީ އަޅުގަނޑުމެންނެއް ނޫން. މިއީ ޙަޤީޤަތް. މިދިޔަ ސަރުކާރު ނިމެމުންދިޔައިރުގައި، އާ ސަރުކާރެއް ރައްޔިތުން އިންތިޚާބުކޮށްފައި މިއޮތީ. ދެން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ނިޒާމު އޮންނަގޮތުން، އަދި އެ ސަރުކާރުން، އެ ނިމެމުންދިޔަ ސަރުކާރުން ބަޖެޓް ހަދަންޖެހެނީ. މިއީ އަޅުގަނޑު ހިތުން ކުރިއަށް އޮތް ތަނުގައި، ފަންނީ ގޮތެއްގައި މަޝްވަރާވެސް ކުރަންޖެހޭ ކަމެއް. ސަރުކާރުތައް ބަދަލުވާއިރުގައި ބަޖެޓް ހަދަންޖެހެނީ ކޮންބައެއްތޯ. މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިގެން ހުށަހެޅުއްވި ބަޖެޓެއް. އޭރުގައި އޮތް މަޖިލީހުން އަދި އޭރުގައި އޮތީވެސް، އޭރުގެ ސަރުކާރުގެ ފުލް ކޮންޓްރޯލް އެއްކޮށްހެން އޮތް މަޖިލީހެއް. އަޅުގަނޑުމެން ބޭނުންވި އެއްވެސް ކަމަކަށް ފުރުޞަތު ނުލިބޭގޮތަށް. މިއީ ޙަޤީޤަތް އިނގޭތޯ. ލިޔެކިޔުންތައް ހުންނާނެ މަޖިލީހުގައި މިހާރުވެސް. މި ރަށާއި ދެންވެސް ހުރި އެއްވެސް ރަށެއްގައި، އަޅުގަނޑުމެން ބޭނުންވިގޮތަށް މަޝްރޫޢުތައް ހިންގޭނެވަރުގެ ޖާގަތައް ނުލިބޭގޮތަށް ބަޖެޓް ފާސްކޮށް ނިންމާފައި އޮތީ.

ދެން ހަނދުމަފުޅު ހުންނާނެ، މި އަހަރުގެ ކުރީކޮޅު އަޅުގަނޑު މިގޮތަށް ކުރި ދަތުރުތަކުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ގާތުގައި މި ވާހަކަ އަޅުގަނޑު ދައްކައި، ރައްޔިތުން ގާތު އެދުނީ، މަޖިލީހެއް ހޮވައިދޭށޭ، ރައްޔިތުން އެދޭގޮތަށް އަޅުގަނޑު ކަންކަން ކުރަން ފަސޭހަކޮށްދޭނެ މަޖިލީހެއް. އެހެންވެގެން ރައްޔިތުން ޕީ.އެން.ސީ.ގެ މަޖިލީހެއް ހޮއްވަވައި ދެއްވާފައި މިއޮތީ. ފުލް މެޖޯރިޓީ، ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެއް. އެހެންވީމާ، ދެން މި ހެދިގެން މިއައީ، މި އަންނަ އަހަރަށް މި ފަށާ ބަޖެޓަކީ، މި ތަޅުން ނެއްޓި، ރައްޔިތުން އެދޭގޮތަށް އަޅުގަނޑަށް ކަންތައްތައް ކުރެވޭނެ ބަޖެޓެއް. ނަމަވެސް، މި އަހަރު ނިމެންދެން މި ތަންފީޛުވަނީ މި ދެންނެވި ފަދައިން، ކުރިން ހެދިފައި އޮތް ބަޖެޓް.

މިސާލަކަށް، މި ރަށުގެ ބިންހިއްކުންވިޔަސް، ބަނދަރުވިޔަސް، ސްކޫލްވިޔަސް، ދެންހުރި މަޝްރޫޢެއްވިޔަސް ހިންގޭވަރުގެ ޖާގައެއް ނުލިބޭ މި ބަޖެޓަކުން. މިސާލަކަށް، ބަނދަރެއް ހަދަން ޢާންމުކޮށް މިހާރު ހަތްދިހަވަރަކަށް މިލިއަން ޚަރަދުވޭ. އެކަމަކު ބަޖެޓުގައި، ރަށްރަށުގެ ބަނދަރުތައް ހަދަން ހުންނަނީ ދެ މިލިއަނުން، ތިން މިލިއަނުން، ފަސް މިލިއަނުން، މިހެން ހިމަނާފައި. އެހެންވީމާ، އެއްވެސް ރަށެއްގައި ކަމެއް ނިންމާލެވޭވަރަކަށް ނުވި. ފަށައިފީވިއްޔާ މެދުތެރެއިން ހުއްޓާލަންޖެހޭކަހަލަ ގޮތަކަށް އޮތީ. އެވަރުންވެސް އަޅުގަނޑުމެން ވާނީ 22 މިނިސްޓްރީގެ ތެރެއިން އެކި ދާއިރާތަކުން، ވީ އެންމެ ބާރުމިނެއްގައި، އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކޮށްފައި. އަދި ނިމެމުންވެސް އެބަދޭ. ނިމެންވެސް ނިމިއްޖެ، މި އަހަރުގެ ތެރޭގައި. ނަމަވެސް، މި އަންނަ އަހަރު އެހެނެއް ނުވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިއު ޕޮލިސީ އިނީޝިއޭޓިވްސް ތެރޭގައި ހިމަނާފައި އެވާ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ، 3.8 ބިލިއަން ރުފިޔާއަކީ މަޝްރޫޢުތައް، އަލަށް މަޝްރޫޢުތައް ފެށުމަށާއި އަދި އޭގެއިތުރަށް ބަޖެޓުގައި ޖާގަ ހިމަނާފައި ވާނެ، މިހާރު ހިނގަމުންދާ މަޝްރޫޢުތައް. އެކިއެކި މަރުޙަލާތަކުގައިވާ މަޝްރޫޢުތައް. އެކިއެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި މި އަންނަ އަހަރު އަޅުގަނޑު މި ޕްލޭން މިކުރިގޮތަށް ދެން މަސައްކަތްތައް ހިނގާނީ. މި އަންނަ އަހަރާއި ދެން އަންނަ އަހަރަށް ބަހާލައިގެން. އަޅުގަނޑު މިގޮތަށް ރަށްރަށަށް ކުރިން އައިސް، ޕޯޑިއަމްތަކުގައި އަދި މެނިފެސްޓޯގައި ހިމަނައިގެން ވެފައި ހުރި ވަޢުދުތައް ޢަމަލީގޮތުން ފުއްދުމުގެ މަސައްކަތް ހިނގާނެ. މި ރަށާއި ދެންހުރި ހުރިހާ ރަށެއްގައިވެސް ޢަމަލީގޮތުން މި ދެންނެވި މަސައްކަތްތައް ފެށި ނިމިގެންދާތަން، 2025 އަދި 2026 ގައި ފެންނާނެ. އެގޮތަށް މިވަނީ ޕްލޭން ކުރެވިފައި. އެގޮތަށް އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ތަރައްޤީ ރައްޔިތުންނަށް ފެނިގެންދާނެ. އެކަމުގެ ޔަޤީންކަން ދެން.

އާދެ، ޖުމްލަ ގޮތެއްގައި އެއީ، ކަންކަން ދާނެގޮތް. ދެން މި ރަށަށް ބަލާއިރުގައިވެސް، މި ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތްތައް އެބަހުރި. ސްކޫލްގެ ދަތިކަން. ސްކޫލަށް ޖާގަ އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތް، ކުރަން ފަށާފައި އަދި ކުރަން ޖެހިފައި ހުރި މަސައްކަތްތައް އެހެރީ. މި މަޝްރޫޢުވެސް އަދި ދެންވެސް ހުރި ގިނަ މަޝްރޫޢުތައް ހުރީ ކުރިއަށް ގެންދަން ޖެހިފައި.

ކުޅިވަރުގެ ދާއިރާއިންވެސް ވަރަށްގިނަ މަސައްކަތްތައް އެބަހުރި. އަންހެން ބޭފުޅުންނަށް ބޭނުންވާ ހޭންޑްބޯލް ކޯޓުފަދަ އަދި ގިނަ މަސައްކަތްތަކެއް އެބަހުރި ކުރިއަށް ގެންދަން. އެހެންވީމާ، އޭގެއިތުރަށް، ހަމަ ރަށުގެ ބިން ހިއްކުމާއި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްތައްވެސް އެބަހުރި. މި ދެންނެވި ހުރިހާ ކަމެއް އަޅުގަނޑު ވަކިން ލިސްޓްކޮށް، ކޮންމެ ކަމެއް ނުދެންނެވިޔަސް، ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑު ދެންނެވި ފަދައިން، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ މަސައްކަތްތައް އެއީ، އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ މަސައްކަތްތަކެއް. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށިގެންދާނެ. ފެށި، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ތަންފީޛުވާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އަދި ހަމަ އެއާއެކީގައި، މި ދާއިރާއާއި އަދި މި އަތޮޅުގައިވެސް އަޅުގަނޑަށް ނުދެވޭ ރަށްތައް އެބަހުރި މި ދަތުރުގައި. އެހެން ނަމަވެސް، ކުރިއަށް އޮތް ތާނގައި، މި އަންނަ އަހަރު ދާނަން. އެކަމަކު ކައުންސިލްތަކުގެ ބައްދަލުވުންތަކުގައި ދެންނެވި ފަދައިން، މި އަތޮޅުގެ ތަރައްޤީގައިވެސް މި ދެންނެވި ސިޔާސަތު ތަންފީޛު ކުރާނަން.

އާދެ، ދެން ތަންކޮޅެއް ފުޅާ ދާއިރާއެއްގައި ވިސްނާލައި، ހުރި ކަންކަމަށް ބަލާއިރުގައި، އިޤްތިޞާދީ ގޮތުން ބަލާއިރު، މި ރަށަށްވެސް އަދި މި އަތޮޅަށް، މި ދާއިރާއަށްވެސް، މި ސަރަޙައްދަށްވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ، އިކޮނޮމިކަލީ ވައަބަލް ކަމެއް މިތާނގައި، މި ރަށުގައި އެއަރޕޯޓެއް އެޅުމަކީ. އެހެންވީމާ،މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، އެންމެ އިސްކަމެއް ދީގެން، އަލަށް ފަށާ އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރޭގައި، މި ރަށުގެ އެއަރޕޯޓް އެޅުން ކުރިއަށް ގެންދާނެކަން ޔަޤީންކަމާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން. ސަބަބަކީ ރިޒޯޓުތައްވެސް އެބަހުރި. އަދި ލޯކަލް ޓޫރިޒަމް ވަރަށްފުޅާ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ އަދި ކަނެކްޓިވިޓީއަށް ބަލާއިރުގައިވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ކަނެކްޓިވިޓީއަށް ބަލާއިރުގައިވެސް އަޅުގަނޑުމެން މި ކުރިއަށް ގެންދަން ބޭނުންވާ ސިޔާސަތުގެ ތެރެއިން މި ސަރަޙައްދުގައި އަޅަންޖެހޭނެ އެއަރޕޯޓެއް. އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވެގެންދާނީ، މި ރަށަށާއި މި ދާއިރާއަށް އަދި މި ސަރަޙައްދުގެ އެހެން ރަށްތަކަށްވެސް ޚާއްޞަކޮށް، ޓޫރިޒަމްގެ ދާއިރާއިން އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަކަށް. އަދި އިޤްތިޞާދީ އެހެނިހެން ކަންކަން ކުރުމުގައިވެސް އެއީ ނަފާ ލިބޭ، ފަސޭހަތައް ލިބިގެންދާނެ ކަމަކަށްވާނީ. އާދެ، އެހެންވީމާ، އެއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭ ޔަޤީންކަމެއް.

އާދެ، ހަމަ އެއާއެކީގައި، އެހެންވީމާ، ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން އަޅުގަނޑު އެދެނީ، ވީ އެންމެ އަވަހަކަށް ކޮންސެޕްޓާއި، މީގެ ޕްލޭން ރައްޔިތުންގެ މަޝްވަރާއާ އެކީގައި ނިންމަން. އެއާއެކީގައި، ރަށަށް ބޭނުންވާ ބިން އިތުރުކުރުމާއި، އަދި މި ދެންނެވި ގޮތަށް، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްތައް ހިނގާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. އަދި މި އަންނަ އަހަރުގެ ވަކި ހިސާބެއްގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތާއި، މި ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅު ކުރުން، ޚިދުމަތްތަކާއި، ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ހަމަ އޭގެތެރޭގައި ކުރިއަށްދާނެ.

މި ދެންނެވި ގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަޅުގަނޑުމެން މި އަންނަ އަހަރަށް ތަންފީޒު ކުރަން ނިންމާފައި އޮތް ސިޔާސަތުގައި، އެންމެ އިސްކަން މިދެނީ ބޯހިޔާވަހިކަމަށް. އެންމެ އިސްކަންދެނީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން. މި އަންނަ އަހަރުގެ ބަޖެޓުގައި، އެއްކަމަކަށް، އެންމެބޮޑު ޢަދަދެއްގެ ފައިސާ ހިމަނާފައި އޮންނާނީ، ބަޖެޓުގައި ޖަހާފައި އޮންނާނީ، 1.5 ބިލިއަން، 1500 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގަން. އެއީ، ގެދޮރުގެ މަސައްކަތް ހިންގަން.

ދެން ހިނގާނީ ތަޢުލީމީ ދާއިރާގައި، ސްކޫލްތަކާއި އަދި މި ދެންނެވި ފަދައިން، ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް. ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާ، ބޯހިޔާވަހިކަން، ދެން ތަޢުލީމީ ދާއިރާ ތަރައްޤީކުރުން، ޞިއްޙީ ދާއިރާ ތަރައްޤީކުރުން. އެހެންވީމާ، އޭގެތެރޭގައި މި ރަށް ހިމެނޭނެ. އަދި މި ދެންނެވި ފަދައިން، ދެންހުރި ރަށްތަކުގައިވެސް، މިހާރު އަޅުގަނޑުމެން ލިސްޓްކޮށްފައި ހުންނާނެ، މަޢުލޫމާތު އެއްކޮށްގެން. އަދި އޭގައި އެންމެ އިސްކަންދީފައި ހުންނާނީ އަޅުގަނޑުގެ ވަޢުދުތަކަށް. އަދި އޭގެއިތުރަށްވެސް ހިމެނިފައި ހުންނާނީ.

ހަމަ އެއާއެކީގައި، ފެނާއި ނަރުދަމާގެ މަސައްކަތްތައް. ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިފައި ހުންނަ ރަށުގައި މަގު ހެދުމުގެ މަސައްކަތްތައް. ދެން އެއާއެކީގައި، ކުޅިވަރު ފެސިލިޓީޒްތަކާއި، އިޖުތިމާޢީ ދެންހުރި ކަންތައްތައް އޭގެ ފަހަތުން އަންނާނީ.

އެހެންވީމާ، މި ތަރުތީބުން އަޅުގަނޑުމެން އަންނަ އަހަރު މަޝްރޫޢުތައް ކުރިއަށް ގެންދާނީ. ބޯހިޔާވަހިކަން، ޞިއްޙީ، ތަޢުލީމީ ދާއިރާ. ދެން އެއަށްފަހު، ފެނާއި ނަރުދަމާ. ފެނާއި ނަރުދަމާއަށްފަހު މަގުހެދުން. ދެންހުރި އިޖުތިމާޢީ ހުރިހާ ދާއިރާތަކެއް. ކުޅިވަރާއި، ދެންހުރި ހުރިހާ ދާއިރާތަކެއް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ދެންނެވި ތަރުތީބުން ރާއްޖޭގެ ރަށްރަށުގައި ޕްލޭން ކުރެވިގެން މަސައްކަތްތައް ހިނގާނެ. ޖަނަވަރީ މަހުން ފެށިގެން އަޅުގަނޑުމެން ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތްތައް އިޢުލާނުކުރަމުން ދާނަން. އިރާދަކުރެއްވިއްޔާ ފެނިގެންދާނީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ، އޭގެ ސަބަބުން ފުޅާވެގެން ކުރިއަރައިގެން ދާތަން. ކުރިއަރައިގެންދާ ތަނާއި، އަދި ހަމައެއާއެކީގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ ސަބަބުން ފައިސާ ލިބި، ތަނަވަސްކަން ލިބިގެންދާ ތަން. އެއީ، އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑު ރާވާފައި އޮތް ގޮތަކީ.

އާދެ، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ފަދައިން، މި ރަށަށް އައިސް އަޅުގަނޑު އެންމެ ފުރަތަމަވެސް ދިޔައީ، ތިޔަބޭފުޅުންނަށް ވަރަށް ދަތިވެފައި އޮތް މައްސަލައެއް ބަލައިލުމަށް. ސާޅީސް އެތައްހާސް އަކަފޫޓުގެ ބިމެއްގެ މަސައްކަތް އެއޮތީ އަށެއްކަ އަހަރު ވަންދެން އެއްވެސް ގޮތަކަށް ރަށަށް ފައިދާއެއް އެއިން ނުވާގޮތަށް ހުއްޓިފައި. ޓޫރިޒަމްގެ، ލޯކަލް ޓޫރިޒަމްގެ ވަރަށް ބޮޑެތި ފައިދާތަކެއް، އޭގެކުރިން މި ރަށަށް ވަމުންދިޔަ މަޝްރޫޢެއް އެއީ. އެހެން ނަމަވެސް، ވަރަށް ހިތާމަހުރި، މިހާރު އެކަން އެ އޮތްގޮތާ ދޭތެރޭގައި. ދެންމެގައި ތިޔަ ވިދާޅުވެލެއްވީ، ވަރަށް ނާޖާއިޒު ގޮތެއްގައޭ، މިދިޔަ ސަރުކާރުގެ ތެރޭގައި، އޭރުގެ ޓޫރިޒަމް މިނިސްޓްރީ ތެރެއިން އެކަން ކޮށްފައި އެއޮތީ. އަޅުގަނޑު މިހާރު އެޓަރނީ ޖެނެރަލަށް ދަންނަވައިފިން، މި މައްސަލަ ބަލައިދިނުމަށް. ބަލައި، އެއިން ނުކުމެވޭނެ ގޮތެއް، ޤާނޫނީ ހަމަތަކުގެ މަތިން އޮތްތޯ ބަލައިދިނުމަށް އަޅުގަނޑު ދަންނަވައިފިން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަށް އަޅުގަނޑު މި އިންތިޒާރު ކުރަނީ. އެހެންވީމާ، މި ދޭ ޔަޤީންކަމަކީ، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް، މަތިވެރީގެ ރައްޔިތުންނަށް، އަޅުގަނޑު ބަލާނީ ޤާނޫނީ ހަމަތަކުގެ މަތިން މި އެއްބަސްވުން ރޫޅާލަން. ރޫޅާލައި، ރަށުގެ ރައްޔިތުންނާ އެތަން ހަވާލުކުރަން.

އެހެންވީމާ، އެޓަރނީ ޖެނެރަލްގެ ޖަވާބުގެ އިންތިޒާރުގައި އަޅުގަނޑު ހުންނާނަން. އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުން ބޭނުންވާގޮތަށް އިރާދަކުރެއްވިއްޔާ ކައުންސިލާ ހަވާލުކުރެވޭނެ ކަމަށް. އޭރުން ތިޔަބޭފުޅުންނަށް އަނެއްކާވެސް ކޮންމެވެސް ރަނގަޅު ބަޔަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެ. އަދި ކުރާނެކަންވެސް އަޅުގަނޑަށް ޔަޤީން. މި ރަށުގައި މިހާރުވެސް އަށާރަވަރަކަށް ގެސްޓްހައުސް އެބަހުރި. އަދި އިތުރު ތަންތަން ހަދަމުންވެސް އެބަދޭ. ދެން އެހާބޮޑު ބިމެއް، އެހާ ބޮޑު އިމާރާތްތަކެއް އެޅިފައި ހުރި ތަނެއް އަދި އެއީ، ވަރަށްރީތި ބީޗެއް އޮތް ތަނެއް. ހަމަ ޔަޤީނުންވެސް ކުރީގައި އޮތްގޮތަށް އަދި އެއަށްވުރެވެސް ރަނގަޅަށް ރައްޔިތުންނަށް ފައިދާވާނެ އެތަނުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ޤާނޫނީގޮތުން އަޅުގަނޑުމެން ބަލައި، އެންމެ ރަނގަޅު ގޮތެއް، ދައުލަތަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް، އެކަން ނިމުމަކަށް ގެނެސްފައި، ރައްޔިތުންނަށް ހަވާލުކުރެވޭނެ ކަމަށް. އެހެންވީމާ، އެކަން ކުރަން ފަށައިފި ވާހަކަ އަޅުގަނޑު ދަންނަވާލަން.

އާދެ، އެހެންވީމާ، މި ދަންނަވާލެވުނީ ވަރަށްކުރު ގޮތަކަށް، އެހެން ނަމަވެސް، ވަރަށްގިނަ ވާހަކަ. ވަރަށްގިނަ ވާހަކަ. މުޅި ރާއްޖޭގެ ތަރައްޤީ، މި އަހަރު، މި ނިމިގެންމިދާ އަހަރު ކިހިނެއްތޯ މިވީ؟ ވީގޮތް ވަރަށް ސާފުކޮށް ދަންނަވައިފިން. އަޅުގަނޑުމެން ކަމެއް ނުކޮށް ތިބީކީ ނޫން. އަޅުގަނޑަށް ވަރަށް އުނދަގޫވާނެ، ކަންކަން ނުކޮށް ހުންނަންވެސް. އަޅުގަނޑަށް މުހިންމީ ނަތީޖާ ނެރުން. ހަނދުމަފުޅު ހުންނާނެ ލޮބުވެތި ރައްޔިތުން، އިންތިޚާބުގެ ތެރޭގައި އަޅުގަނޑު ވަރަށް ގިނައިން ބުނަމުން އައި އެއްޗެއް. ވަރަށް ގިނައިން ދެންނެވި ވާހަކައެއް. އަޅުގަނޑަށް މުހިންމީ ނަތީޖާނެރުމޭ. ރިޒަލްޓް އޮރިއެންޓަޑް ސަރުކާރެއް ހިނގާށޭ.

އަޅުގަނޑުމެން މަސައްކަތްކުރީ އެގޮތަށް. އެހެން ނަމަވެސް، ނަމަކަށް ފާސްކޮށްފައި އޮތް ބަޖެޓެއް. ހަމަ ޙަޤީޤަތުގައިވެސް ކަންކަން ކުރިޔަނުދޭން. އަޅުގަނޑުމެން ދިނީމޭ، ފުލް ބަޖެޓެއް ހަދާފައި. އަޅުގަނޑުގެ ވަޢުދުތައް ހިމަނާފައި. ދެން ހަމަ ގަސްދުގައި، އެއްވެސް ކަމެއް ނުވާގޮތަށް ބަޖެޓް ފާސްކޮށްލީ. އެހެން ނޫންތޯ، ފުލް ކޮންޓްރޯލް އޮތް އެ ބޭފުޅުންގެ. ފުލް ކޮންޓްރޯލް. ޕީ.ޕީ.އެމް.، ޕީ.އެން.ސީ.ގެ ހައެއްކަ މެންބަރުން ތިބީ. އެހެންވީމާ، ދެން އެއީ މާޒީ.

މި ދެންނެވީ މިދިޔަ 12 މަސް މިދިޔައީ މިހެންކަން، މިހެން މިދިޔައީ ކީއްވެކަން، އެއީ، ދެން ހަމަ ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއް. އެކަން އެއްވެސް ބަޔަކަށް ބަދަލެއް ނުކުރެވޭނެ. އެއީ ވީގޮތް. ދެން ކުރިއަށް އޮތް އަހަރަށް، އަދި ދެން އޮތް އަހަރަށް ޕްލޭންކުރާގޮތްވެސް މި ދެންނެވީ. 2025، 2026ގައި ފެންނާނީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ޕޯޑިއަމްތަކުގަޔާއި، ލިޔެފައި މެނިފެސްޓޯގަޔާއި، ހުރި ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ތާވަލުކުރެވިގެން، ދެންމެ މި ދެންނެވި ތަރުތީބުން ހިނގަމުންދާ ތަނޭ. ކަން ކުރަންވާގޮތާއި، ކުރާނެގޮތް ވަރަށް ސާފުކޮށް މި ދެންނެވީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަންކަން ކުރިއަށްދާނެއޭ. އަދި ހަމައެއާއެކީގައި، ދެން ރަށްރަށަށް ވަކިން ޚާއްޞަކޮށް ހުންނަ ކަންކަންވެސް ކޮށްދޭނެ ވާހަކަ މި ދަންނަވަނީ. މި ރަށަށް ވަރަށް ޚާއްޞަ ކަމެއް، ދެންމެ މި ދެންނެވީ. އެ ބިމުގެ ކަންތައްވެސް ޙައްލުކުރުން. އަދި އެއަރޕޯޓު އެޅުމުގެ މަސައްކަތް. އަދި ދެންހުރި މުހިންމު މަޝްރޫޢުތައް ކުރިއަށްދާނީ.

އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ކުރިއަށް މިގެންދަނީ އަޅުގަނޑުމެންނަށް ކުރިމަތިވި އިޤްތިޞާދީ ޙާލަތުންވެސް އަރައިގަނެގެން. ދެންމެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އެ ވިދާޅުވި ފަދައިން، 120 ބިލިއަނެއްހާ ރުފިޔާ އަދި އެއަށްވުރެވެސް ބޮޑު ޢަދަދެއް. ހަމަ ތަކުރާރުކޮށް މި ވާހަކަ ދެއްކިއްޖެ މިހާރު. އައި.އެމް.އެފް. ތަންތަނުން އޮތީ ލިޔުމުން، އަޅުގަނޑުމެން ލިޔެކިޔުންތައް ބަލައިލާއިރު، ޑޮކިއުމެންޓް ކޮށްފައި އޮތީ، ރާއްޖެ ބަނގުރޫޓުވާނެއޭ، އެ ޓްރެޖެކްޓަރީގައި، އެ މަގުން އަޅުގަނޑުމެންނާ ހަވާލުވީއިރު އޮތްގޮތަށް، ހަވާލުވީއިރުގައި ސަރުކާރު ހިނގަމުންދިޔަގޮތަށް ގެންދިޔަނަމަ. އެހެންވީމާ، އަޅުގަނޑުމެން އެ މަގު ބަދަލުކުރީ. ފައިސާ ޗާޕުކުރުން އެންމެ މުހިންމު ކަމަކަށް ހުއްޓާލީ. ހުއްޓާލާފައި، ދެން ރަނގަޅުކުރަން ފެށީ ކަންތައްތައް.

އެހެންވީމާ، ބަނގުރޫޓުވުމުން ސަލާމަތްވުން އެއީ، ޙަޤީޤަތުގައިވެސް ފެންނަން، އަތުން ނުހިފޭ، ފެންނަން ނެތް، އެހެން ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ބޮޑު ކަންތައް. މިހާރު މިއޮތީ ރަނގަޅު ފައުންޑޭޝަނެއްގެ މަތީގައި. އިޤްތިޞާދީ ގޮތުން ސްޓްރޯންގް ބޭސްއެއް ޤާއިމުކުރެވިފައި. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ، ޓޫރިޒަމްގެ ދާއިރާއިންވެސް، މަސްވެރިކަމުގެ ދާއިރާއިންވެސް، ދަނޑުވެރިކަން އަދި މުޅިން އާ އިޤްތިޞާދީ އެކިއެކި ދާއިރާތަކުންވެސް އެކިކަހަލަ ކަންތައްތައް ފެށިގެންދާ ތަން. ކޮންސްޓްރަކްޝަންގެ އެކި ދާއިރާގެ މަސައްކަތްތައް. މި ދެންނެވި ފަދައިން، ޕްރޮޖެކްޓްސްތައް ހިނގަން ފެށީމަ، ވަރަށް ބާރު ސްޕީޑްގައި ފުޅާވެގެންދާ ތަން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިގެންދަނީ.

ރާއްޖެ އިސްކޮށްގެން، މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީއެއްގެ ތެރެއިން އަޅުގަނޑުމެން ބެލެންސްޑް ޚާރިޖީ ސިޔާސަތެއް ގެންގުޅޭތީ، އޭގެތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމަށް އަޅުގަނޑުމެން އިސްކަންދީ، އަޅުގަނޑުމެންގެ މިނިވަންކަން އަބަދުމެ ޔަޤީންކޮށްގެން ކުރިއަށްދާތީ. އަޅުގަނޑުމެންގެ މިނިވަންކަމަކީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެއަކަށް އެހެން ބަޔަކަށް ފުރުޞަތެއް، އެހެން ގޮތެއް ދައްކައިދޭނެ ކަމަކަށް ނުވާނެކަން، މުޅި އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް އަޅުގަނޑުމެން ވަރަށް ރީތިކޮށް ސާބިތުކޮށްދެމުން، ވަރަށް އެކުވެރި، ރީތި ޑިޕްލޮމެޓިކް ގުޅުންތަކެއްގެ ތެރެއިން ޤައުމަށް ފައިދާހުރި ކަންކަން ކުރަން މަސައްކަތް ކުރާތީ، މިހިސާބަށް މި އާދެވުނީ.

ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނީ ހަމަ އެގޮތަށް. ގެންދާއިރުގައި، އެއްވެސް ރައްޔިތަކަށް ލިބެމުންދާ އެއްވެސް ސަބްސިޑީއެއްވެސް ނުކަނޑާނަން. އާސަންދައެއްވެސް ނުކަނޑާނަން. ރިޓަޔަރމަންޓް ޕެންޝަނެއްވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅުކޮށްދޭނީ. އަޅުގަނޑު އިޢުލާނުކުރި ފަދައިން، މި އަންނަ އަހަރު، މިހާތަނަށް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރަ ބޮޑުނުވާ އެހެން ހުރިހާ ސިވިލް ސަރވަންޓުންނަށް 2025ގެ ތެރޭގައި، މުސާރަ ބޮޑުކުރަން އަޅުގަނޑުމެން އެއޮތީ ނިންމާފައި. އަދި ޖުޑީޝަރީގެ ދާއިރާގައިވެސް މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް. ދެން އަންނަ އަހަރު 2026 އަކީ، ދެންހުރި އެހެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ، މި ދެންނެވި ގޮތަށް ޕޭ ހާމަނައިޒް ކުރެވި، ބޮޑުވެގެންދާނެ އަހަރު.

އެހެންވީމާ، މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް، އާމްދަނީ އިތުރުކޮށްދިނުން. ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަނުދީ، ޤައުމަށް އިޤްތިޞާދީ ގޮތުން ތަރައްޤީ ގެނެސްދެމުން، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްދިޔުން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ މިގެންދަނީ.

އެހެންވީމާ، އެއްވެސް ސަބްސިޑީއެއް، މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުންޏެއް ނުވާނެ. އޭގެ ބަދަލުގައި، ބޭކާރުވަމުންދާ، ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ޚަރަދުތައް އަޅުގަނޑުމެން ހުއްޓާލައި އުނިކުރަމުންދާނީ. މިސާލަކަށް، ބޭސް. ބޭހުގެ ވިޔަފާރީގެ ތެރޭގައި އުޅެމުންދާ އެތައް ބަޔަކު އުޅޭ. އާސަންދައިގެ ތެރެއިން އެތައް ސަތޭކަ ޕަސެންޓެއްގެ ޕްރޮފިޓްލާފައި ބޭސް ވިއްކަމުންދާ. އެކަން ހުއްޓުވަން އެބަ. އެއީކީ ރައްޔިތުންނަށް އުނދަގުލެއްވާ ކަމެއް ނޫން. ރައްޔިތުންނަށް ލިބެމުންދާ އެއްވެސް އާސަންދައެއްވެސް އުންޏެއް ނުވާނެ. އެކަމަކު މި ދެންނެވި ގޮތަށް ވަރަށްގިނަވާނެ، ތިޔަބޭފުޅުންނަށްވެސް ފާހަގަވެވަޑައިގަންނަވާނެކަންނޭނގެ. ކުޑަކުޑަ 12 ފޫޓު، 13 ފޫޓުގެ ތަންކޮޅެއް ނަގައިގެން ބޭސްފިހާރައެއް ހުޅުވާލާ މީހާ، އިސާހިތަކު މަސްދޯނި އެއްޗެހި ގަނެލާނެ. ނޫނީވިއްޔާ ބޮޑެތި ގޭގެ ހަދާތަން ފެންނާނެ. އެވާގޮތަކީ، ބައެއް ބޭސް އެބަ ވިއްކާ އާސަންދައަށް. އާސަންދައިން އެބަނަގާ، 1000 ޕަސެންޓަށްވުރެވެސް ބޮޑު ޕްރޮފިޓްލާފައި. މި ހުރިހާ ޑީޓެއިލް އެބަހުރި. އެއީ، އެންމެ ގިނައިން ވިއްކޭ 250 ބޭސް އެކަނި ބެލީމާވެސް މިކަން އޮތީ މިހެން.

އެހެންވީމާ، އަޅުގަނޑުމެން މި ހެދިގޮތަކީ، އެބައިތައް ކުޑަކޮށްލީ. އެސް.ޓީ.އޯ.ގެ ރޭޓުގައި، އެ ހުރިހާ ބޭހެއް އެސް.ޓީ.އޯ. ލައްވައި، ނޫނީ ސަރުކާރުން އެކަމުގެ ތެރެއަށް އިންޓަރވިން ކޮށްގެން، އެ ބޭސްތައް މަދުނުވެ ލިބޭ ނިޒާމު ޤާއިމުކޮށް، ބަލްކް ޕްރޮކިއުމަންޓް ނިޒާމެއްގެ ތެރެއިން، ދުނިޔޭގެ އެންމެ ރަނގަޅު ތަންތަނުން ބޭސްތައް ގެނެވޭނެގޮތަށް މިހާރު އެއޮތީ ކަންކަން ރޭވިފައި. އެހެންވީމާ، އެގޮތަށް ޤާއިމުކުރީމާ، އަދި ޕްރައިވެޓް ސެކްޓަރސްގައިވެސް އުޅޭ ފަރާތްތައް ހަމަ މި ދެންނެވި ރޭޓަށް ކުޑަކޮށްގެން ކުރިއަށްދާންވީ. އެހެންވީމާ، އެގޮތަށް މި ބަދަލުކުރީ. އެއްގޮތަކަށްވެސް ޢާންމު ރައްޔިތުންގެ އާސަންދައަކުން އެއްވެސް އެއްޗެއް އުންޏެއްނުވާނެ. މިގޮތަށޭ އާސަންދަ ރިފޯމް މިކުރަނީ. އެހެންވީމާ، ވަރަށްބޮޑު ތަނުން އިސްރާފު އެބަ ކުޑަވެގެންދޭ.

މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރާނީ. އެއްގޮތަކަށްވެސް ޢާންމު ރައްޔިތުންނަށް ލިބެމުންދާ އެއްވެސް އެއްޗެއް އުންޏެއް ނުވާނެ. މި އަންނަ އަހަރު ރަމަޟާން މަސް އަންނަން މާގިނަ ދުވަހެއް ނެތް. ވަރަށްމަދު މަސްތަކެއް މިއޮތީ. ހަމަ މިދިޔަ ފަހަރު ދިންހެން، ރާއްޖޭގެ ތާރީޚުގައި އަލަށް ރޯދަމަހުގެ ޑިސްކައުންޓް އަޅުގަނޑުމެން ބިލްތަކުން ދިނިން. ކަރަންޓާއި ފެނުން. ހަމަ އެކަން އަނެއްކާވެސް ހަމަ އެ ޑިސްކައުންޓް ދޭނަން އިރާދަކުރެއްވިއްޔާ. މި އަންނަ އަހަރުވެސް ރޯދަމަހު. އަދި އޭގެއިތުރަށްވެސް އަޅުގަނޑުމެން ވީހާވެސް ގިނަ އެހީތެރިކަން ދޭނަން. އެހެންވީމާ، ވީވަރަކުން ކަންކަމުގައި ޚަރަދުތައް، އަތަށް ލުއިކޮށްދީގެން، ޚަރަދުތައް ލުއިކޮށްދީ، އާމްދަނީ އިތުރުކޮށްދެވޭނެ ގޮތްގޮތް އަޅުގަނޑުމެން ހަދާނީ. އެހެންވީމާ، އެ މަގުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނީ.

މިކަންކަން ކުރުމާ އެކީގައި، އަޅުގަނޑުމެން ބަލަނީ، ޤައުމުގައި ހުރި، ދެންހުރި ބޮޑެތި މައްސަލަތައްވެސް ޙައްލުކުރެވޭތޯ. އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ކަންކަން އެއްފަހަރާ ޙައްލުކުރަން ފަށައިގެން މިއުޅެނީ. ދުވަހަކުވެސް ރާއްޖޭގައި ޙައްލުނުކޮށް، ފަހަށް ބަހައްޓާފައި ހުންނަ ކަންކަން. މިސާލަކަށް، އެންމެބޮޑު އެއް މައްސަލައަކީ، ޒުވާނުންގެ ތެރޭގައި، ކުޑަކުދިންގެ ތެރޭގައި ވޭޕްގެ މައްސަލަ. އެކަން އަޅުގަނޑުމެން މިވަނީ ހުއްޓާލާފައި މިހާރު.

ދެން މިހެންހުރި ވަރަށްގިނަ ކަންތައް. ބޭރު މީހުންގެ މައްސަލަ. ނުގަވާއިދުން އުޅޭ ބޭރު މީހުން. މިއީ ރާއްޖޭގައި ހަމަ ޙަޤީޤަތުގައިވެސް އެންމެ ގޯސްކޮށް ވިސްނައިފީވިއްޔާ، މިނިވަންކަމަށްވެސް ނުރައްކާހުރި ކަމެއް. ރާއްޖޭގެ އާބާދީއާ އެއްވަރަށް މިތާނގައި، ނުގަވާއިދުން ބޭރު މީހުން އުޅެންޏާ، ދެން ވިސްނައިލައްވާ، އެކަން ނުބައި އަތަކަށް ހިނގައްޖެއްޔާ ވާނެގޮތް. ބޭރުން ކޮންމެހެން ބަޑިތަކެއް ހިފައިގެން ބަޔަކު އަންނާކަށް ނުޖެހޭނެ. އެހެންވީމާ، ބޭރު މީހުންގެ މައްސަލަ، ނުގަވާއިދުން އުޅޭ ބޭރު މީހުންގެ މައްސަލަ މިތާނގައި މިއޮތީ ދޫކޮށްލާފައި. އެކަން ކުރަމުންދާ ބަޔަކު ކުރަމުން ދިޔައީ. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭނުމެއްނޫން، އެހެން އެކަން ވާކަށެއް. ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަމެއް ކުރާނަމަ، މިހެންހުރި ކަންކަން ޙައްލުކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، އެ މައްސަލަ ޙައްލުކުރަން އަޅުގަނޑުމެން ތެދުވީ.

ދެން މި ދާއިރާއިން މި ދެންނެވި މައްސަލަ ޙައްލުކުރުމުގައިވެސް އަޅުގަނޑު ބައެއް ފެކްޓްސް ދަންނަވާލަން ގަސްދުކުރަން. އަޅުގަނޑުމެން މިހާރު މިދިޔަ އެއް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުތައް ފޮނުވައިގެން، މި ދެންނެވި ބޭރު މީހުން 170 ރަށުގައި ހޯދައިފިން. ނުގަވާއިދުން އުޅޭ ބޭރު މީހުން އުޅެމުންދާ ތަން ހޯދައި، ނުގަވާއިދުން އުޅޭ 16841 ބޭރު މީހުންގެ ހުރިހާ ބައޯ މެޓްރިކްސް، ފިންގަރ ޕްރިންޓްތައް ނަގައިފި. އެހެންވީމާ، އަޅުގަނޑުމެންގެ އަތުގައި މިހާރު އެބަހުރި، އެ މީހުންގެ މަޢުލޫމާތު. މިއީ ކިހާބޮޑު ކަމެއްތޯ؟ މިއީ ކުރިން ނުކުރާ ކަމެއް. ނުކުރާ ކަމެއް. 2023 ގައި ނެތް، އެއްވެސްވަރަކަށް މިކަން ކޮށްފައެއް.

އެހެންވީމާ، މިކަން ކޮށްފައި، ރާއްޖޭގައި ސިސްޓަމަށް ވަދެ، ރެގިއުލަރައިޒް ވެގެން، މިތާނގައި މަސައްކަތުގައި ގެންގުޅެން ބޭނުންވާ ބޭރު މީހުން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތްވެސް އެބަ ކުރެވޭ. އަޅުގަނޑު ހަމަ ނަންބަރު ދަންނަވާލަން. މިދިޔަ އަހަރު އެކަނި 24540 މީހުން އަޅުގަނޑުމެން ރެގިއުލަރައިޒް ކުރިއިރުގައި، އޭގެ ކުރީގެ ފަސް އަހަރު އެއްކޮށްވެސް ރެގިރުލަރައިޒް ކޮށްފައި އޮތީ، 21425 މީހުން. އޭގެ ކުރީގެ ފަސް އަހަރަށްވުރެ ގިނައިން އެއް އަހަރު އަޅުގަނޑުމެން މި މީހުން އުޅޭ ތަންތަން ހޯދައިގެން، ބައޯ މެޓްރިކްސް ނަގައިގެން، ރެގިއުލަރައިޒް މިކުރީ. އަދި އޭގެއިތުރަށް، ފޮނުވާވެސްލައިފިން، މިދިޔަ އަހަރުގެ ތެރޭގައި، 5223 ބޭރު މީހުން. ނުގަވާއިދުން އުޅުނު މީހުން ފޮނުވާވެސްލައިފިން. އެއީ، އޭގެ ކުރީ އަހަރު އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި، 2023ގެ ނޮވެންބަރާ ހަމަޔަށް ފޮނުވާލި ޢަދަދުގެ ދެގުނައަށްވުރެވެސް ގިނަ. ފޮނުވާލާފައި އޭރުގައި ވަނީ 2021 މީހުން. މިއީ ފެންނަން ހުރި ފެކްޓްސް.

އެހެންވީމާ، ސީރިއަސް މައްސަލަތައް ޙައްލުކުރުމުގައިވެސް އަޅުގަނޑުމެން މިގެންދަނީ، ވަރަށް އިޚްލާޞްތެރި، ޒިންމާދާރު މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ މި ބޭރު މީހުން، ނުގަވާއިދުން އުޅޭ މައްސަލަ ޙައްލުވީމާ، ޙަޤީޤަތުގައިވެސް ރައްޔިތުންނަށް، ދިވެހިންނަށް ވާނީ ފައިދާ. އެކިއެކި ދާއިރާތަކުން މަސައްކަތް ކުރަންތިބި ދިވެހިންނަށްވެސް ވާނީ ފައިދާ. އަދި ޖުމްލަގޮތެއްގައި ޤައުމުގެ މުޖުތަމަޢަށްވެސް އެއިން ލިބިގެންދާނީ ފައިދާތަކެއް.

އާދެ، އަޅުގަނޑުމެން މި ހުރިހާ މަސައްކަތްތަކެއް މިކުރަނީ، ޤައުމަށް ހަމަޖެހުން ގެނެސް، ޤައުމަށް ތަރައްޤީ ގެނައުމަށްޓަކައި. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުމެން ޤާނޫނުއަސާސީއަށްވެސް ބަދަލުތަކެއް ގެންނަން ނިންމީ.

އާދެ، އަޅުގަނޑު ގަސްދުކުރަން މިރޭ ތިޔަބޭފުޅުންނަށް މި މައުޟޫޢުގައި ކޮންމެވެސްވަރަކަށް ޕްރެޒެންޓޭޝަނެއްގެ ޒަރީއާއިން މަޢުލޫމާތުތަކެއް ދެވޭތޯ ބަލައިލަން.

އެއީ، ފެންނާން ހުރި ޙަޤީޤަތެއްވީމަ، ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއްވީމަ، އަޅުގަނޑު ހިތުން މިކަމުގައި ރައްޔިތުންނަށް ސާފުކޮށް މަޢުލޫމާތުތައް އެނގެންޖެހޭނެ.

އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަނީ ރައްޔިތުންގެ ޙައްޤުގައި. ރައްޔިތުންގެ ދިފާޢުގައި. އަޅުގަނޑަށް މުހިންމީ ރައްޔިތުން. އަޅުގަނޑު ﷲ ގަންދީ ހުވާކުރީ، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ ޙިމާޔަތުގައި ކަންކަން ކުރަން. އެހެންވީމާ، ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ ދިފާޢުގައި އަޅުގަނޑުމެން ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެނައީ.

އާދެ، އަޅުގަނޑުމެން އިޞްލާޙުކުރީ ފަސް މާއްދާއެއް. އޭގެތެރޭގައި މިއޮތީ، ރާއްޖޭގެ ސަރަޙައްދާބެހޭ މާއްދާއަށް ގެނައި އިޞްލާޙަކާއި، އަދި ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖޭގައި ޢަސްކަރީ ބޭނުމަށް ތިބުމާ ބެހޭގޮތުން ޤާނޫނުއަސާސީގައި އޮންނަ މާއްދާތައް އިޞްލާޙު ކުރުމާއި، އަދި ރާއްޖޭގައި، އާދެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުން ކަމުގެ މާއްދާއާ ބެހޭ އިޞްލާޙާއި އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭގޮތުން އޮންނަ މާއްދާއަށް ގެނައި އިޞްލާޙު. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ބަޔާންކޮށްފައިވާ މާއްދާތަކަށް ގެނައި އިޞްލާޙު. އާދެ، މީގެތެރެއިން މިހާރު އަޅުގަނޑުމެންނަށް އަޑުއިވެނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުޠުތައް، ނޫނީ މެންބަރުކަމާ ބެހޭ މާއްދާއަށް ގެނައި އިޞްލާޙުގެ ވާހަކަ އެކަނި. ދެން މިހިރަ އެއްވެސް ކަމެއްގެ ވާހަކަ ނުދައްކައެއް ނޫންތޯ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން، ވަރަށް ކަނުލައި އަޑުއެއްސެވުމަށް.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކީއްކުރާ އެއްޗެއްތޯ ޤާނޫނުއަސާސީއަކީ ޤައުމެއްގައި؟ ކޮބައިތޯ ޙަޤީޤަތުގައި އޭގެ ބޭނުމަކީ؟ ވިސްނާވަޑައިގަންނަވާ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި ފަންނީ ގޮތެއްގައި ވިސްނާވަޑައިގަތީމަ ފާހަގަވެވަޑައިގަންނަވާނެ، ޤާނޫނުއަސާސީގެ ބޭނުމަކީ، ދައުލަތުގެ ސިޔާދަތީ ބާރާއި، އެ ބާރު ހިނގާ ސަރަޙައްދު ކަނޑައެޅުން. ސިޔާދަތީ ބާރު، ސޮވްރެންޓީ، އަދި އެ ސަރަޙައްދު، ސޮވްރެންޓީ ހިނގާ ޓެރިޓަރީ ކަނޑައެޅިގެންދިޔުން. ކަނޑައެޅުން އެއީ، ޤާނޫނުއަސާސީގައި އެންމެ މުހިންމު އެއްބާރު. މަޤްޞަދު.

ހަމައެއާއެކީގައި، ރައްޔިތުންގެ ބާރުތަކަކީ، ރައްޔިތުންގެ ޙައްޤުތަކަކީ ކޮބައިކަން ބަޔާންކުރެވިގެން ދާންޖެހޭ. އެއީ، ޤާނޫނުއަސާސީއެއްގެ އަނެއް ބޭނުމަކީ. ހަމަ އެއާއެކީގައި، ރައްޔިތުންގެ ޒިންމާތަކަކީ ކޮބައިކަންވެސް ކަނޑައެޅިގެން އެބަޖެހޭ ލިޔުމެއްގައި އޮންނަން. އެހެންވީމާ، އެއީ ޤާނޫނުއަސާސީގެ ދެން އޮތް މަޤްޞަދަކީ. ދެންހުރި ހުރިހާ ކަމެއް، ދައުލަތުގައި ޤާނޫނީ ވެރިކަމެއް ހިންގުމާއި، ނިޒާމުތައް ރޭވިފައި އޮންނަ ގޮތް ތަރުތީބު ކުރުން އެއީ، ޤާނޫނުއަސާސީގެ ދެންއޮތް ޒިންމާ.

އާދެ، ރާއްޖޭގެ ސަރަޙައްދު، މި މާއްދާއަށް ގެނައި އިޞްލާޙު އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ދައްކާލަން ބޭނުންވޭ. އާދެ، ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ޗާޓުގައި އެއޮތީ، ރާއްޖޭގެ ސަރަޙައްދާ ބެހޭގޮތުން ޤާނޫނުއަސާސީއަށް މި ގެނައި އިޞްލާޙު ކިޔައިދީފައި. އާދެ، އެތެރެކަނޑު އެއީ، ރަށްތަކާ ކައިރިން އޮންނަ ޓެރިޓަރީ. އެންމެ ކައިރި ބައުންޑަރީ. އެއާއެކީގައި، ދެން 12 ނޯޓިކަލް މޭލާ ހަމަޔަށް، މިއަށް ކިޔަނީ ސަރަޙައްދީ ކަނޑު. އަދި އޭގެ ބޭރަށް މި އޮންނަނީ، 200 ނޯޓިކަލް މޭލާ ހަމަޔަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު.

އާދެ، މި ތިން ސަރަޙައްދުގެ ތެރެއިން މިހާރު ޤާނޫނުއަސާސީއަށް މި ގެނައި އިޞްލާޙުގެ މުހިންމުކަން، ރައްޔިތުން އަތަށް ބާރުދާގޮތް އަޅުގަނޑު ކިޔައިދޭން މިއުޅެނީ.

އާދެ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ކުރިން، ރާއްޖޭގެ ސަރަޙައްދު އެކަނި މި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ކަނޑައަޅަން. ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ކަނޑައަޅަން މި އޮންނަނީ، ރާއްޖޭގެ މި ދެންނެވި ގޮތަށް ސަރަޙައްދީ ކަނޑު 12 ނޯޓިކަލް މޭލާ ހަމަޔަށް އެކަނި. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެން ޤާނޫނުއަސާސީގައި މި ލިޔުނީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ވާހަކަވެސް. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަދަލެއް ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ވޯޓަކާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންކަން. މިއީ ވަރަށް މުހިންމު ކަމެއް. މި އޮތްހާ ދުވަހު ރާއްޖޭގެ މިއޮތް ބޮޑު އިޤްތިޞާދީ ސަރަޙައްދު ބަދަލުކުރުމުގައި ނުޖެހޭ ރައްޔިތުންގެ އެއްވެސް ސޭއެއް އަހާކަށް. އެއްވެސްވަރަކަށް ރައްޔިތުން ކައިރީގައި އަހާކަށް ނުޖެހޭނެ. ކުރީގައިވިއްޔާ، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓަކުން ރާއްޖޭގެ ސަރަޙައްދު، މި ދެންނެވި 12 ނޯޓިކަލް މޭލުގެ ސަރަޙައްދު ބަދަލުކޮށްލެވޭ. އެހެން ނަމަވެސް، އަޅުގަނޑުމެން މި ގެނައި ބަދަލުގައި މިހާރު އެންމެ އަކަ އިންޗިއެއްވެސް ބަދަލުކުރެވޭނީ، ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުން. ކުރީގައި ޓޫ ތާރޑް މެޖޯރިޓީ އެކަނި ބޭނުންވާނީ. މިހާރު ތްރީ ފޯރތް، ހަތަރުބައިކުޅަ ތިންބައިގެ މެޖޯރިޓީގެ ވޯޓުން އެކަނި ސަރަޙައްދު ބަދަލުކުރެވޭނީ. އަދި ހަމަ އޭގެއިތުރަށްވެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެބަ ދާންޖެހޭ. އެހެންވީމާ، ހަމައެކަނި މަޖިލިސް މެންބަރުންނަކަށް މިހާރު ރާއްޖޭގެ ސަރަޙައްދެއް ބަދަލެއްނުކުރެވޭނެ. ރައްޔިތުން ގާތަށް ގޮސް، 50 އިންސައްތައަށްވުރެ އިތުރަށް އެއް ބޭފުޅަކު، އެއް ރައްޔިތަކު، މިހާރު މަޖިލީހުގައި އެންމެފަހުން ނެގި ވޯޓުގައި، ވޯޓުލީ ޢަދަދަށް ބަލައިފީވިއްޔާ، އެއްލައްކަ ސާޅީސް ތިންހާސް ތިންސަތޭކަ ބައްތިރީސް ރައްޔިތުން، ތިމަންނަމެންނަށް އެންމެ ރަނގަޅޭ ރާއްޖޭގެ ސަރަޙައްދަށް ބަދަލުގެނަޔަސް، އަދި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަދަލުގެނަޔަސް އެންމެ ރަނގަޅޭ ބުނެގެން ނޫނީވިއްޔާ، މި ދެ މަރުޙަލާ ކަޑައްތުކޮށްގެން ނޫނީވިއްޔާ މިހާރު ރާއްޖޭގެ ސަރަޙައްދީ ކަނޑުވިޔަސް، ރާއްޖޭގެ އީ.އީ.ޒެޑެއްވެސް ބަދަލެއްނުކުރެވޭނެ.

އެހެންވީމާ، ކުރިންތޯ، ފަހުންތޯ، މިހާރުތޯ ރައްޔިތުންގެ ބާރުވެރިކަން މި ދިފާޢު ކުރެވުނީ. މިހާރު ރައްޔިތުންގެ އަތްމައްޗަށް މިއޮތީ އައިސްފައި ނޫންތޯ ޙަޤީޤީ ބާރު. ރައްޔިތުންގެ އަތްމައްޗަށް މިހާރު މިއޮތީ ޤާނޫނުއަސާސީގައި ލިޔެވިގެން ގެނެވިފައި. ރައްޔިތުންނޭ ނިންމާނީ، ރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޮޑުމިން، ކުޑަކޮށް ބޮޑުކުރުންވެސް. އަދި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކުޑަކޮށް ބޮޑުކުރަންވިޔަސް، އެކަންވެސް ނިންމާނީ މަޖިލީހުން ހަތަރުބައިކުޅަ ތިންބައި ވޯޓު ހޯދައިގެން. އަދި އޭގެ ފަހުން އައިސް ރައްޔިތުންވެސް ފެންނަ، ނުފެންނަ ވޯޓެއްލައިގެން، 50 އިންސައްތައަށްވުރެ ގިނަ މީހުން އާނއެކޭ ބުނެގެން އެކަންޏޭ. ކުރީގައި ކުރަންނުޖެހޭ ކަމެއް މިއީ. ކުރީގައި މަޖިލީހުގައި އެކަނި، މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އެކަނި ވޯޓެއް ލައިގެންވެސް މިކަންކަން ބަދަލުކޮށްލެވޭނެ. އެހެންވީމާ، މިހާރު ނޫންތޯއޭ ރަނގަޅަށް މިއޮތީ. މިހާރު ނޫންތޯ ޙަޤީޤަތުގައި ރައްޔިތުންގެ ބާރު މިއައީ. އެއީ، އެއް ބަދަލު.

ދެން ހަމަ އޭގެއިތުރަށް، ވަރަށް މުހިންމު އަނެއް ބަދަލަކީ، މިތާނގައި ބޭރު ސިފައިން ތިބުމުގެ ވާހަކަ. އާދެ، ބޭރު ސިފައިން ތިބުމާ ބެހޭގޮތުން މި އޮންނަނީ ކިހިނެއްތޯ، ޤާނޫނުއަސާސީގައި ކުރިން ލިޔެވިފައި. ކުރިން އޮންނަ ގޮތުގައިވިއްޔާ، ޢަސްކަރީ ބޭނުމަކަށް ރާއްޖޭގައި ބޭރު ސިފައިން ތިބެވޭނީ، މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްގެން ކަމަށް މި އޮންނަނީ. އެއީ، ޢަސްކަރީ މަރުކަޒެއް ޤާއިމުކުރުން. އެހެން ނަމަވެސް، މިހާރު މިދިޔަ ސަރުކާރުގައި އަޅުގަނޑުމެންނަށް އަދި އޭގެކުރިންވެސް ފެނިފައި އޮތީ، މީގެ ނާޖާއިޒު ފައިދާ ނެގިތަން. ޢަސްކަރީ މަރުކަޒެއް ނަހަދައޭ، އެހެންވީމާ، ބޭރު ސިފައިންނަށް ތިބެވިދާނޭ. މަޖިލީހަކަށްވެސް ނުދޭ. ޢަސްކަރީ މަރުކަޒެއް ނަހަދާތީ މަޖިލީހަކަށް ނުދޭ. ނުގޮސް ބޭރު ސިފައިން މިތާތިބީ. އެއީ ނޫންތޯ ވެފައި އޮތް ގޮތަކީ. އެހެން ނަމަވެސް، މިއީ ޙަޤީޤަތް. 2011 އިން ފެށިގެން މިތާ ބޭރުގެ ޢަސްކަރީ ސިފައިން ރާއްޖޭގައި ތިބި ތިބުން، މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމެވީ، އެގޮތަކަށް ތިމަންނަމެންނަށް ބޭނުމެއް ނޫނޭ، މިތާނގައި އެންމެ ބޭރު މީހަކުވެސް ހުރެގެން ނުވާނެއޭ.

މިހާރު މި ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގެ ނަތީޖާއަކަށްވަނީ، އެންމެ ބޭރު ސިފައިންގެ މީހެއްވެސް، އެންމެ ޢަސްކަރީ ބޫޓަކަށްވެސް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ، މަޖިލީހުން އަޣްލަބިއްޔަތު ހޯދައިގެންކަން. ކުރީގައި ވެއްޖިއްޔާ މަރުކަޒެއް. މިހާރު އެންމެ މީހަކުވެސް، އެންމެ މީހަކަށްވެސް، ބޭރު ސިފައިންގެ އެންމެ މީހަކަށްވެސް މިތާނގައި އޮޕަރޭޓް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން އަޣްލަބިއްޔަތުން ފާސްކޮށްގެން. އެހެންވީމާ، ކުރީގައިތޯ އަދި މިހާރުތޯ، ރައްޔިތުންގެ ބާރުވެރިކަން މި ޔަޤީންވެގެންދަނީ، ޢަސްކަރީ ސިފައިން މިތާ ތިބުމާ ބެހޭގޮތުންވެސް މިހާރު. ކުރީގައި ވެއްޖިއްޔާ، ޢަސްކަރީ ބޭސްއެއް، ޢަސްކަރީ މަރުކަޒެކޭ ބުނެފައި އޮންނާތީ، އޭގެ ނާޖާއިޒު ފައިދާ ނެގީ، 2011 އިން ފެށިގެން މިއަދާ ހަމަޔަށްއައިއިރު. މިހާރު ކޮންމެހެން މަރުކަޒެއް ނޫން، އެންމެ ސިފައިންގެ މީހަކަށްވެސް މިތާނގައި ޢަސްކަރީ ބޭނުމެއްގައި، ޓްރޭނިންގއެއް ފިޔަވައި އެހެން ކަމެއްގައި އައިސް އޮޕަރޭޓް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން. އެހެންވީމާ، އެއީ ޤާނޫނުއަސާސީއަށް އަޅުގަނޑުމެން ގެނައި ދެވަނަ އިޞްލާޙު. ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތްމައްޗަށް. ރައްޔިތުން ހޮވާފައިވާ މަންދޫބުން މެދުވެރިކޮށް އެއޮތީ ލިބިފައި.

ދެން އަނެއް ކަންތަކަކީ މެންބަރުންކަން. މިއީ އެންމެ މަޝްހޫރުކޮށް މިއުޅޭ ކަންތައް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށްގެން، ނޫނީވިއްޔާ އަމިއްލަގޮތުން ކުރިމަތިލައިގެން މިދަނީ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވާން. ބައިވެރިވެގެން މި ހޮވެނީ. އޭގެ އެއް ސިނާރީއޯއަކީ، ތިމަންނަ ކުރިމަތިލާނީ، ކޮންމެވެސް ޕާޓީއަކުންނޭ. އެހެންވީމާ، އެ ޕާޓީގެ މީހުން، އޭނަ އެ ޕާޓީން ކުރިމަތިލީތީ ވޯޓުލަނީ. ނޫނީވިއްޔާ މިނިވަންކޮށޭ ތިމަންނަ ކުރިމަތިލާނީ. އެއްވެސް ޕާޓީއަކަށް ނުވަންނާނަމޭ. އެހެންވީމާ، ވޯޓުދޭށޭ. ބުނީމާ އޭނައަށް ތާއީދުކުރަން ބޭނުންވާތީ، އޭނަ ހޮވަނީ. އެހެންވީމާ، މިއޮތީ ޙަޤީޤަތުގައި ސޯޝަލް ކޮންޓްރެކްޓެއް، ނޫނީވިއްޔާ ޢަހުދެއް ވެވިފައި. ރައްޔިތުން އޭނައަށް މި ވޯޓުދެނީ، އޭނަ އެހުރި ސިޔާސީ އެލައިންމަންޓަށް ބަލާފައި. ކޮންމެވެސް ޕާޓީއަކުން އައީމަ. ނޫނީ މިނިވަންކޮށް ހުރީމަ. ދެން އެއަށްފަހު، އޭނަ ކޮންމެވެސް ސަބަބެއް ދިމާވެގެން، ކޮންމެވެސްކަހަލަ ގޮތަކުން ބަދަލުވަނީ. އެއްކަލަ ބޮންޑް ބްރޭކް ކުރަނީ. އޭނަ ހޮވިގޮތް ބަދަލުކުރަނީ. ރައްޔިތުން އޭނަ ހޮވީ ކޮންމެވެސް ޕާޓީއަކުން އައިމަ. ނޫނީ އަމިއްލައަށް އައިމަ. އެހެން ނަމަވެސް، އެކަން ދޫކޮށްލީމަ، ކޮބައިތޯ ރައްޔިތުންގެ ޙައްޤު. އޭނައަށް ވޯޓުލީ މީހުންގެ ބާރު. އެ ޙައްޤު. އެހެންވީމާ، އެކަން މި ޙިމާޔަތް މިކުރަނީ. ރައްޔިތުން އޭނައަށް ވޯޓުލީ މީހުންނަށް ބާރު އަނބުރާ ދެނީ. ޤާނޫނެއްގައި އެކަން ކުރެވޭނެގޮތް ތަފްޞީލުކޮށް ބަޔާންކުރާގޮތަށް، ޤާނޫނުއަސާސީއަށް އިޞްލާޙެއް މިގެނައީ. އެއީ، މިކުރި ކަމަކީ. އެހެންވީމާ، ކުރިންތޯ، މިހާރުތޯ ރައްޔިތުންގެ ބާރުވެރިކަން ޔަޤީންވެގެންދަނީ؟ އެއީ، ވަރަށްސާފު ސުވާލެއް. އެހެންވީމާ، ރައްޔިތުން މަޖިލީހަށް މެންބަރަކު ހޮވާފައި، އެ ރައްޔިތުން އޭނަ ހޮވި ސަބަބު ބޮލާލައި ޖަހާފައި، އެހެން ގޮތަކަށް ދިޔައިމަ، ރައްޔިތުންގެ ޙައްޤު ކޮބައިތޯ؟ އެހެންވީމާ، އެކަން ޙިމާޔަތް ކުރުމަށްޓަކައި އެކަން މި ޔަޤީންކުރަނީ ޤާނޫނުއަސާސީގައި. ވަރަށް ސާފު މައްސަލައެއް މިއީ. އެހެންވީމާ، ރައްޔިތުންގެ ބާރުވެރިކަން މިއިން މި ކަށަވަރުކޮށްދެނީ.

އާދެ، ދެން އެންމެ މުހިންމު އެއް މާއްދާ. އެންމެ ނުރައްކާތެރިކޮށް މިއޮތްހާ ދުވަހު އޮތް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން އޮންނަ މާއްދާ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޤާނޫނުއަސާސީގައި އޮވޭ ބައެއް ކަންތައްތައް. އެއީ، އަސާސީ ޙައްޤުތަކާއި، މިނިވަންކަމާބެހޭ ބާބަށް އެއްވެސް ބަދަލެއްގެނެވޭނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ޤާނޫނުއަސާސީގައި އޮވޭ. އޭގެތެރޭގައި، މިސާލަކަށް، ޚިޔާލުފާޅުކުރުމުގެ ޙައްޤު. ނޫސްވެރިކަމުގެ މިނިވަންކަން، ވޯޓު ދިނުމުގެ ޙައްޤު، އެއްވެއުޅުމުގެ މިނިވަންކަން، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސީ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާގޮތް. މިކަންކަން ބަދަލުކުރެވެނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. އެހެން ނަމަވެސް، އަޅުގަނޑުމެން މި އިޞްލާޙު ގެނައުމުގެ ކުރިން، މި ފެންނަ ނުފެންނަ ވޯޓު ނެގުމާއި ނުނެގުން ބަދަލުކޮށްލެވޭ މަޖިލީހުން. ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަމެއްނެތޭ، ފެންނަ ނުފެންނަ ވޯޓު ނުނަގާނަމޭ. އެގޮތަށް، އެ މާއްދާއަށް ބަދަލުގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އެބައޮވޭ. އެކަމަކު މިހާރު މިގެނައި ބަދަލަކީ، އެ މާއްދާ ބަދަލުކުރެވޭނީވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނޭ. މާނައަކީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަންހުރި ކަންކަން ބަޔާންކުރާ މާއްދާވެސް ބަދަލުކުރެވޭނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނޭ. އިތުރު ލޭޔަރެއްލައި، ރައްޔިތުންނަށް ބާރުވެރިކަން މިދިނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން މިކުރި ކަމަކީ.

އެހެންވީމާ، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، މިނިވަންކަމާއި، ރިޔާސީ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، މިހެންހުރި މުހިންމު އެކަންކަމަށް ބަދަލުގެނައުމުގެ ޕްރޮސީޖަރސް ބަދަލުކުރަންޏާ، ރައްޔިތުންގެ ގާތުގައި އަހަންޖެހޭގޮތަށް މިހާރު މި ބަދަލުކޮށްލީ. އެހެންވީމާ، މިހާރު ނޫންތޯ، ރައްޔިތުންނަށް ކުރިއަށްވުރެ ބޮޑަށް ރައްޔިތުންގެ ޙައްޤުގައި ޤާނޫނުއަސާސީ މި ބައްޓަންކުރެވުނީ.

އެހެންވީމާ، މިއީ އަޅުގަނޑުމެން މިގެނައި ބަދަލުތަކަކީ ޙަޤީޤަތުގައި. ދެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މި ހިމެނީ ހަމައެކަނި އެންމެ ތަންކޮޅެއް. އެއީ، އަޅުގަނޑުމެން ފަށައިފިން، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް ހެދުމުގެ މަސައްކަތް. ރައްޔިތުންގެ ގާތުން އަހައިގެން. އެއް އަހަރު ދުވަހުގެ ޕްރޮޖެކްޓެއް މި ފެށީ. އެގޮތަށް ޕްލޭންތައް ހެދުމުގެ މަސްއޫލިއްޔަތު ޤާނޫނުއަސާސީގައި ނެތީމަ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މި އިތުރުކުރީ، ކުރު ރާސްތާ، މެދު ރާސްތާ އަދި ދިގު ރާސްތާގެ މާސްޓަރ ޕްލޭންތައް ހެދުން.

އެހެންވީމާ، މި ބަދަލުތައް ޤާނޫނުއަސާސީއަށް މިގެނައީ. އެހެންވީމާ، ސިޔާސީ ތަޢައްޞުބުން އެއްކިބާވެވަޑައިގެން، ވިސްނާވަޑައިގަންނަވައިފި ކޮންމެ ރައްޔިތަކަށްވެސް، ކޮންމެ ބޭފުޅަކަށްވެސް ވަރަށް ފަސޭހައިން ފަހުމްވެވަޑައިގަންނަވާނެ، މިހާރުކަން މިއޮތީ ކުރިއަށްވުރެ ރަނގަޅަށް ރައްޔިތުންގެ ބާރުވެރިކަން ޤާނޫނުއަސާސީގައި ޔަޤީންކުރެވިފައި. ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންގެ އަތްމައްޗަށް، ރައްޔިތުން ބޭނުންވާ ގޮތަށް ކޮންޓްރޯލް ލިބިފައި. ރާއްޖޭގެ ސަރަޙައްދު ބަދަލުކުރަންވިޔަސް، ބޭރު ސިފައިން ރާއްޖޭގައި ތިބުން ކަމަށްވިޔަސް، އެ ރައްޔިތުން އިންތިޚާބުކުރި މެންބަރުންގެ ބާރު ރައްޔިތުންގެ އަތަށް ލިބުން ކަމުގައިވިޔަސް، އަދި އަސާސީ ޙައްޤުތަކާއި، މިނިވަންކަމާއި، މިކަންކަމާ ބެހޭ ކަންކަން ބަދަލުކުރުމުގެ ބާރު ކަމުގައިވިޔަސް، މި ހުރިހާ ބާރެއް އެއައީ ރައްޔިތުންގެ އަތްމައްޗަށް.

އެހެންވީމާ، ކުރިން އަޅުގަނޑު ދެންނެވި ގޮތަށް، ދައުލަތުގެ ސިޔާދަތާއި ބާރު ހިނގާ ސަރަޙައްދު، ރައްޔިތުންގެ ބާރު، ރައްޔިތުންގެ ޙައްޤުތައް، ދައުލަތުގެ ޤާނޫނީ ނިޒާމު، މި ހުރިހާ ކަމެއް މިހާރު މިއޮތީ ރައްޔިތުންގެ ބާރުވެރިކަން ޤާނޫނުއަސާސީގައި ޔަޤީންވެގެން ގޮސްފައި. ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ ދިފާޢުގައި ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލުތައް މިއޮތީ ވަރަށް ސާފުކޮށް ފެންނަން. އެހެންވީމާ، މިއީ އަޅުގަނޑުމެން މިކުރި ކަމަކީ.

އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ރައްޔިތުންގެ ފަޅީގައި ހުރެގެން. ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ކުރިމަގަށްޓަކައި، ޤައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި ސާބިތުވެ، އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ، ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކީގައި، ރައްޔިތުން އެދޭގޮތަށް.

އާދެ، އަދިވެސް އެއްފަހަރު، ލޮބުވެތި ހުރިހާ ރައްޔިތުންނަށް، މަތިވެރީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން އަދި މި ދާއިރާ އަދި މި އަތޮޅުގެ ތަރައްޤީއަށްވެސް ކުރަންހުރި ކަންކަމާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރަންހުރި ކަންކަން، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ކުރިއަށްދާނެ މި އަންނަ އަހަރު. އަދި އިރާދަކުރެއްވިއްޔާ، ބާރު ސްޕީޑްގައި އެކަންކަން ކުރިއަށްދާނީ. އަޅުގަނޑުމެން އެކަންކަން ކުރަމުންދާނީ، ރާއްޖޭގެ އިޤްތިޞާދު މިހާރު މި ބިނާކުރި ބިންގަލުގެ މަތީގައި އާރާސްތު ކުރަމުން، އަދި އެއާއެކީގައި، އަޅުގަނޑުމެންގެ ޙައްޤުތަކާއި، މިނިވަންކަން ޔަޤީންކޮށްދީ، ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް ރައްޔިތުން އިސްކޮށްގެން، ދިވެހިން އިސްކޮށްގެން ކުރިއަށްދާ ސިޔާސަތުގެ މަތިން ރާއްޖޭގެ ކަންކަން ބައްޓަންކުރަމުން.

އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން މިގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރައްވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.