بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތޮއްޑޫ ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.، ތޮއްޑޫގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، މުއައްސަސާތަކުގެ ވެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.ތަކާ ބައްދަލުކުރުމަށްޓަކައި ފަށާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މެދުކެނޑުމަކަށްފަހު، މިއަދު އަނެއްކާވެސް މިހާތަނަށް ބައްދަލުނުވެވާ ރަށްތަކުގެ ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.ތަކާ ބައްދަލުކުރުމަށް ދަތުރު ފެށިގެން މިދިޔައީ. އެގޮތުން، އެންމެ ފުރަތަމަ މި ރަށަށް މި އާދެވުނީ.

މިއަދު މި ބައްދަލުވީ އަޅުގަނޑަށް މި ސިލްސިލާގެ ތެރެއިން 170 ވަނަ ކައުންސިލާ. އާދެ، އެހެންވީމާ، ވަރަށްމަދު ކައުންސިލްތަކެއް ބާކީ މިއޮތީ ބައްދަލުކޮށްލަން. އިރާދަކުރެއްވިއްޔާ، މި ދަތުރުގައި އޭގެތެރެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކައުންސިލަކާ މިއަދާއި މާދަމާ ބައްދަލުވާނެ ކަމަށް އުންމީދު ކުރަން.

އާދެ، އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުން. ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ ގާތަށް ގޮސް، އެ ރައްޔިތުން އެދޭ ކަންކަން، އެ ބޭފުޅުންގެ ކިބައިން އޮޅުންފިލުވައިގެން، އެ ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ޙައްލު ގެނެސްދޭން މަސައްކަތް ކުރުން. އަޅުގަނޑު ހުރި ތަނަކަށް، އެ އިންތިޚާބުވެފައި ތިބި ބޭފުޅުން ގެނައުމުގެ ބަދަލުގައި. އެހެންވީމާ، އެގޮތުން މިއަދު ކައުންސިލާއި ޑަބްލިޔޫ.ޑީ.ސީ.އާ ބައްދަލުވި. އަދި ވަރަށް މުހިންމު ކަންތައްތަކެއް އެ ބޭފުޅުން ވަނީ ޙިއްޞާ ކުރައްވާފައި.

އާދެ، މި ރަށުގެ ތަރައްޤީއަށް ބަލާއިރުގައި، ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި އާބާދީއެއް އޮތް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. ޚާއްޞަގޮތެއްގައި ދަނޑުވެރިކަމުގެ އިތުރުން، ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއަކީ، މި ރަށުގެ ރައްޔިތުން މި ރަށުގައި ޤާއިމުވެ ތިބެގެން، ވަރަށް މުރާލިކަމާ އެކީގައި މަސައްކަތް ކުރަމުންދާ، ފުޅާކުރަމުންދާ ދެ އިންޑަސްޓްރީ. ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީ. އަދި ދަނޑުވެރިކަމަކީ މި ރަށުގައި ޒަމާންތަކެއްވީ އެންމެ މުހިންމު އެއް ދާއިރާ.

އާދެ، އެހެންވީމާ، ސަރުކާރުން އިސްކަންދޭނީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މި ދެންނެވި ދާއިރާތަކުން، އިންޑަސްޓްރީތަކުން ކުރިއަށްދިޔުމުގައި މަގުފަހިކޮށްދޭން. މި ރަށުގައި އެބައޮތް، ކައުންސިލްގެ ފަރާތުން އުފައްދާފައިވާ ކުންފުންޏެއްވެސް، ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއްވެސް. އަދި އެއީ، އަޅުގަނޑަށް އެނގޭގޮތުގައި، މި ރަށުގައި އުފެދުނު އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކޮމްޕެނީވެސްމެ.

އަޅުގަނޑު މިއަދު ކައުންސިލްގެ ރައީސަށް ދަންނަވާލިން، އަޅުގަނޑު އޭރުގައި ކުރިން ހުރި މަގާމުގައި ހުރިއިރުގައި، މާލޭގައިވެސް މިފަދަ ކޮމްޕެނީއެއް އުފައްދަން ވަރަށް ބޮޑަށް މަސައްކަތް ކުރީމޭ. ނަމަވެސް، އޭރުގައި އޮތް ސަރުކާރުން އަޅުގަނޑަށް އެ ފުރުޞަތު އޭރުގައި ނުދިނީ، ސިޔާސީ ވިސްނުމެއްގައި. އަޅުގަނޑު އެގޮތަކަށް ކަންކަމެއް ނުކުރާނަމޭ. ކައުންސިލްގެ ފަރާތުން، ކައުންސިލްގެ މި ކޮމްޕެނީ، ލޯކަލް އޮތޯރިޓީ ކޮމްޕެނީން ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމަށްޓަކައި، މުއްސަނދިކަން އިތުރުކޮށްދިނުމަށްޓަކައި ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން ދޭނެ. އެއީ، އެ ކުންފުންޏަށް އިންވެސްޓްމަންޓް ހަމަޖައްސައިދިނުން ކަމަށްވިޔަސް، އަދި އެހެނިހެން މަގުތަކުން މަގުފަހިކޮށްދިނުން ކަމަށްވިޔަސް. އޭގެ ނަތީޖާއަކަށް ވާނީ، ރައްޔިތުންނަށް ފައިދާވުން. އެހެންވީމާ، އެ ކުންފުންޏަށް ކަންކަމުގެ މަގު ފަހިކޮށްދިނުމުގައި، އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަމޭ.

އޭގެ ނަތީޖާއަކަށް ވާނީ، ކައުންސިލުން ބޭނުންވެލައްވާ މައިސް ޓޫރިޒަމް ޤާއިމުކުރުމާއި، މިތަނުގައި ކޮންވެންޝަން ސެންޓަރ ޤާއިމުކުރުމާއި، މިފަދަ ކަންކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް ހޯދުމާއި، މިކަންކަމަށް ކުންފުންޏަށް ކެޕިޓަލް ހޯދުން. ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާނީ، ސިޔާސީ ވިސްނުމެއް ނުގެންގުޅޭނަމޭ. އަދި ތަފާތުވެސް ނުކޮށް މިއަދާ ހަމަޔަށްވެސް މިއައީ. އަޅުގަނޑު ޚިދުމަތްކުރާއިރުގައި ބޭނުންވަނީ އެއްވެސްވަރެއްގެ ސިޔާސީ ވިސްނުމެއް ނުގެންގުޅެ، މިއަދާ ހަމަޔަށް އައިއިރުގައިވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަޅުގަނޑަށް ހުރިހާ ރައްޔިތުންވެސް ހަމަހަމަ. ކައުންސިލްގެ ފަރާތުން ކުރާ ކަންކަމުގައި އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ފަރާތުން ކުރާ ކަންކަމުގައިވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ޚިދުމަތް ދޭނަން.

އާދެ، ރަށުގެ ތަރައްޤީއަށް ބަލާއިރުގައި، މަގުތައް ވަރަށް ހާލުބޮޑު. ކުރިންވެސް އަޅުގަނޑަށް މިކަން އެނގިފައިވޭ. އަދި މި ރަށަށް އާދެވިފައިވެސްވޭ. ރައްޔިތުން ބޭނުންވާ ކޮންސެޕްޓެއްގައި، އެއީ، ގާ އަތުރައިގެން މި ރަށުގެ ޓޫރިޒަމަށްވެސް އެންމެ މަގުފަހިވާ ގޮތަށް ކަމުގައިވާނަމަ. އަދި އަޅުގަނޑަށް މިހާރު މަޢުލޫމާތުވެސް ލިބޭ، އެގޮތަށްކަން ރައްޔިތުން ބޭނުންވަނީ.

މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢަކީ ސޮއިކުރެވިފައި އޮތް މަޝްރޫޢެއް. އަދި އަޅުގަނޑުމެން 2025 ގައި ކުރިއަށް ގެންދަން ފާސްކޮށްފައި އޮތް ބަޖެޓުގައި، އެންމެ އިސްކަމެއް ދޭ އެއްކަމަކަށް އޮންނާނީ، ފެނާއި ނަރުދަމާ އެޅުމާ އެކީގައި މަގުހެދުން. މި ރަށުގައި ފެނާއި ނަރުދަމާގެ ކަންކަން މިހާރު ނިމިފައިވުމާ އެކީގައި، މަގުހެދުމާ ހަމަޔަށް އޮތީ ގޮސްފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، މި އަންނަ އަހަރު ވެގެންދާނީ، މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢު ހިނގާ އަހަރަށް. އެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެން.

އާދެ، އެކަމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ. ސްކޫލަށް ކުދިން އައުމުގައި، ވިއްސާރަ ދުވަސް ދުވަހު، މައިންބަފައިން އުޅެންޖެހޭ ދަތިކަމާއި، އަދި ޖުމްލަކޮށް، އިޤްތިޞާދީ ކުރިއެރުން ރަށަކަށް އައުމުގައި، ފެންވަރު ރަނގަޅު މަގުތަކެއް ހުރުމަކީ، ހަމަ ޙަޤީޤަތުގައިވެސް އެތައް ގުނައަކަށް އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކަށް ކުރިއެރުން ލިބޭ ކަމެއް. އެހެންވީމާ، މަގު ހެދުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ.

ޞިއްޙީ މަރުކަޒު، އަޅުގަނޑު މި ޖަލްސާ ނިންމާފައި އިރާދަކުރެއްވިއްޔާ މަރުކަޒަށް ވަދެވެސްލާނަން. އާދެ، މި ތަނުގައި މިހާރުހުރީ މި ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަކަށް ޚިދުމަތް ދެވޭވަރުގެ މަރުކަޒެއް ނޫން. އެހެންވީމާ، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޞިއްޙީ މަރުކަޒު ފުޅާކުރެވި، ޚިދުމަތްތައް އިތުރުކުރެވިގެންދާނެ. އެކަމުގެ ޔަޤީންކަންވެސް ލޮބުވެތި ރައްޔިތުންނަށް ދެން. އެހެންވީމާ، ޞިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ސްކޫލްވެސް ހަމަ އެފަދައިން. ސްކޫލް އެއް ދަންފަޅިއަކަށް، އޭ ލެވެލްއާ ހަމަޔަށް ކިޔަވައިދިނުމަށް ޖާގަ އިތުރުކުރަންޖެހޭ. އެހެންވީމާ، އެއީވެސް އަޅުގަނޑު ވަޢުދުވެފައިވާ ކަމަކަށްވާތީ، އިރާދަކުރެއްވިއްޔާ ސްކޫލަށް ބޭނުންވާ ކްލާސްރޫމްތަކާއި އަދި އެހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް، ސްކޫލްގެ ބާކީއޮތް ޖާގައިގައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ހަމަ ކުރިއަށްގެންދާނަން.

އާދެ، މި އަހަރު، މި ނިމޭ އަހަރު މިފަދަ ކަންކަން ނުކުރެވުނު ސަބަބު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. އެއީ، ފޮރުވިފައި އޮތް ވާހަކައެއް ނޫން. އެއީ، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް ޝާމިލް ޙަޤީޤީ އެއް ވާހަކަ. އެއީ، އަޅުގަނޑު ކުރީގައި މިފަދަ 169 ކައުންސިލާ ބައްދަލުކުރިއިރުގައިވެސް ދެއްކި ވާހަކަ. އެއީ، އަޅުގަނޑުމެންގެ ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫން ތަންފީޛުކޮށް ނިންމަން މިޖެހުނީ. މި އަހަރު މި ނިމެނީ. މި އަހަރު މި މަހާ އެކީގައިވެސް މި ހިނގަނީ މިދިޔަ ސަރުކާރުން، މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ، މިދިޔަ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކަށް ހުށަހަޅައިގެން، އޭރުގައި އަޅުގަނޑުމެން ޓްރާންސްސެޝަން ޕީރިއަޑްގައި ހުށަހެޅި ކަންކަމަށް އެއްވެސްވަރަކަށް ރިޢާޔަތްނުކޮށް ފާސްކޮށްފައި އޮތް ބަޖެޓެއް. އެއްވެސްވަރަކަށް މަސައްކަތެއް ކުރިއަށް ނުގެންދެވޭ ގޮތަށް ފާސްކޮށްފައި އޮތް ބަޖެޓެއް. އެ ޙަޤީޤަތް ބަދަލެއްނުވޭ، އަޅުގަނޑުމެންނަށް، ޕީ.އެން.ސީ.އަށް މެޖޯރިޓީ އޮތް މަޖިލީހެއް ރައްޔިތުން ހޮވި ނަމަވެސް. ބަޖެޓުގެ މަރުޙަލާ މި ނިމެނީ މި އަހަރުގެ ނިޔަލަށް. މިހާރު އެއޮތީ އަޅުގަނޑުމެން ރައްޔިތުންނަށް ކަންކަން ކޮށްދެވޭގޮތަށް، މި އަންނަ އަހަރު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ފާސްކުރި ބަޖެޓް. 2025 ގައި އެ ބަޖެޓް ހިނގާނީ. މި މަހުގެ ފަހުކޮޅުން ފެށިގެން އަޅުގަނޑުމެން އޭގެ ޢަމަލީ މަސައްކަތް މި ފަށަނީ.

އެހެންވީމާ، މަޖިލިސް އަދި ޕީ.އެން.ސީ. އަށް މެޖޯރިޓީ އޮންނަ މަޖިލީހަކަށް ރައްޔިތުން ކަނޑައަޅުއްވާފައި އޮތް ނަމަވެސް، ކުރީގެ ސަރުކާރުން ފާސްކުރި 2024ގެ ބަޖެޓް އޮތީ. އެހެންވީމާ، އެ ބަޖެޓުގައި މިއޮތީ، މަގުހެދުން ކަމުގައި ބެއްޔަސް، މަގުހަދަން ތިން މިލިއަން ރުފިޔާ މިސާލަކަށް. ނޫނީވިއްޔާ ބަނދަރެއް ހަދަން ބެއްޔަސް، ދެތިން ލައްކަ ރުފިޔާ އޮވެދާނެ ޖަހާފައި. އެއްވެސްވަރަކަށް މަޝްރޫޢެއް ނުގެންދެވޭ ގޮތަށް އޮތް ބަޖެޓެއް. އެއީ، އަޅުގަނޑު ތަކުރާރުކޮށް ކުރީގައި، މި ސިލްސިލާގެ ކުރީކޮޅު ދިޔަ ހުރިހާ ރަށެއްގައި ދެއްކި ވާހަކަ. އެ ޙަޤީޤަތް ބަދަލެއްނުވޭ.

އެހެންވީމާ، ސަރުކާރަށް މި އަހަރުގެ ތެރޭގައި މަސައްކަތްތައް ކުރުމުގައި ދިމާވި އެންމެބޮޑު ހުރަހަކަށްވީ ސިޔާސީ ވިސްނުމެއްގައި، މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި އޭރުގައި އޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް. އިރާދަކުރެއްވިއްޔާ އެކަން މިހާރު މި ނިމުނީ. ދެން އަންނަ އަހަރު މި ފެށިގެން މިދަނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓުން އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން ފާސްކޮށްދެއްވި ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގެ ބަޖެޓް. އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ، އަޅުގަނޑު ރަށްރަށަށް ގޮސް، ރިޔާސީ އިންތިޚާބުގައި ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި ޢަމަލީގޮތުން އެ މަސައްކަތްތައް ހިނގާ ދެ އަހަރަށް.

މި އަންނަ އަހަރު ކުރީކޮޅުގައި، 2025ގެ ޖަނަވަރީން ފެށިގެން ޑިސެންބަރާ ހަމަޔަށް އަދި 2026، 24 މަސް ދުވަސް. މި ދެ އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހައިލެވިގެން، ތަރުތީބެއްގެ ތެރެއިން، އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދެއް، އެއީ، ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލް، ހޮސްޕިޓަލް ކިޔާނެ ކަމެއް ނެތް. ކުޅިވަރާބެހޭ ކަންކަން. ތަރުތީބެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޢަމަލީގޮތުން މަސައްކަތްތައް ފަށައި، އަދި އެކި މަޝްރޫޢުތައް ނިމެމުންވެސްދާނެ.

އެހެންވީމާ، ތާވަލު ކުރެވިގެން، ތަރުތީބެއްގެ ތެރެއިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މިއީ މިކަން މިއަދާ ހަމަޔަށް މިއައި ގޮތަކީ. މިއީ ފޮރުވުމެއް ނެތް ޙަޤީޤަތެއް.

އެހެންވީމާ، މަގުހެދުމުގެ މަޝްރޫޢު، ސްކޫލްގެ އެކްސްޕޭންޝަން، ޞިއްޙީ މަރުކަޒު ތަރައްޤީކޮށް ބޮޑުކުރުން، ކުނި މެނޭޖް ކުރުމުގެ މަސައްކަތް. މިފަދަ ކަންކަމަކީ މި ރަށަށް ކޮންމެހެން ބޭނުންޖެހިފައި ހުރި ކަންކަން.

ކުނި މެނޭޖް ކުރުމަށްޓަކައި އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތަކީ، މި ރަށަށް އެކަންޏެއް ނޫން، މުޅި ރާއްޖޭގައިވެސް އަޅުގަނޑުމެން ވަރަށް ކޮންސޮލިޑޭޓަޑް ގޮތެއްގައި، ނޫނީވިއްޔާ އެކުއެކީގައި ގެންދެވޭ ރީޖަންތަކަކަށް ބަހައިލެވިގެން، އަޅުގަނޑުމެން، އަޅުގަނޑުމެންނަށް ލިބޭ ގްރީން ޓެކްސްގެ ބޭނުންހިފައިގެން، އަޅުގަނޑުމެން ކުނި މެނޭޖް ކުރުމުގެ މަޝްރޫޢުތަކެއް ގެންދާނަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ތަރައްޤީގެ މި ދެންނެވި މަސައްކަތްތައް އަޅުގަނޑުމެން މި އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނަން.

އާދެ، ރަށުގެ ރައްޔިތުން ލޯކަލް ޓޫރިޒަމަށް މިހާ ޚާއްޞަ ކަމެއް ދީގެން ކުރިއަށް ގެންދާތީ، އެކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ފަންސާހެއްހާ ގެސްޓްހައުސް އެބަހުރި. އަދި އިތުރު ގާތްގަނޑަކަށް ސާޅީހަކަށް މަޝްރޫޢު އެބަ ކުރިއަށްދޭ. އެހެންވީމާ، އެއް ރަށެއްގައި، ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސް ތެރޭގައި ތިންހާހެއްހާ ޓޫރިސްޓުން ގެނެވޭހާ ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއެއް އުފެދެމުން މިދަނީ. އެހެންވީމާ، ޑޮލަރުގެ ވިޔަފާރި ވަރަށް ބޮޑަށް އެބަ ހިނގާ.

އަޅުގަނޑު ގަސްދުކުރަނީ، ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ޚިދުމަތްކުރުމުގެ ސިޔާސަތުގެ ތެރެއިން، މި ރަށުގައި ތިބެގެން ޑޮލަރު ވިތްޑުރޯ ކުރެވޭނެ ގޮތް ހެދުމަށް. ޑޮލަރުގެ އޭ.ޓީ.އެމް.އެއް އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން. އެހެންވީމާ، ލޯކަލް ބޭންކިންގ، ރުފިޔާ އަދި ޑޮލަރު، އެ ރަށެއްގެ ރައްޔިތުންނަށް، އެ ރަށެއްގެ އާމްދަނީން ލިބޭނެގޮތަށް ހެދުން. މި ރަށަށް ވެއްޖިއްޔާ ޑޮލަރުގެ އާމްދަނީ ވަރަށް ބޮޑަށް ލިބޭ ރަށެއްވީމާ، ޑޮލަރުގެ އޭ.ޓީ.އެމް.އެއް ޤާއިމުކޮށްދޭނަން. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާގެ އޭ.ޓީ.އެމް. ޤާއިމުކުރުމުގެ މަޝްރޫޢު އެއޮތީ ފެށިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އިޢުލާނުކުރި ގޮތަށް، 2025ގެ ތެރޭގައި، މުޅި އަހަރަށް ބަހައިލެވިގެން، ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އޭ.ޓީ.އެމް. ޤާއިމުކުރާނަން. އޭ.ޓީ.އެމް. ނެތް ހުރިހާ ރަށެއްގައި، މި އަންނަ އަހަރު ނިމެންވާއިރަށް، ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް. ބަހައްޓާނެ. އަދި ބައެއް ރަށްތަކުގައި އެމް.އައި.ބީ.ގެ އޭ.ޓީ.އެމް.ވެސް ބަހައްޓާނެ. އޭގެ ބޭނުމަކީ، ރައްޔިތުންގެ ގެދޮރާ ކައިރިން، ދިރިއުޅޭ ތަނާ ކައިރިން ބޭންކިންގ ނިޒާމު ލިބިގެންދިޔުން. ހަމަހަމަކަން ގެނެސްދިނުން. ކޮންމެ ރައްޔިތަކަށްވެސް، އެ މީހަކު ހުރި ރަށަކުން، އެ މީހަކަށް ބޭންކަކުން، ނޫނީވިއްޔާ އޭ.ޓީ.އެމް.އަކުން ލިބޭ ޚިދުމަތްތައް ލިބިގެންދިޔުން. އަދި އާބާދީ ބޮޑު، ތަރައްޤީގެ ކަންތައްތައް ގިނަ ބައެއް ރަށްރަށުގައި ބްރާންޗްތައްވެސް ޤާއިމުކުރުން.

އެހެންވީމާ، ބޭނުންވަނީ، އެ މީހަކާ ގާތުން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާ އެކީގައި މި ދެންނެވި ގޮތަށް ބޭންކިންގ ނިޒާމުގެ ޚިދުމަތް ލިބޭނެގޮތް ޤާއިމުކުރެވިގެން ދިޔުން. ފައިނޭންޝަލް ފުރުޞަތުތައް ލިބިގެންދިޔުން. މަގުފަހިވެގެން ދިޔުން. އެއީ، ޙަޤީޤަތުގައި އަޅުގަނޑުމެން މިކަން ކުރާ ގޮތަކީ.

މިކަން ކުރުމާ އެކީގައި، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައްވެސް، ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައްވެސް ހިނގަމުންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް، ޑޮލަރު އޭ.ޓީ.އެމް. ޤާއިމުކުރުމަށް އަޅުގަނޑު ބީ.އެމް.އެލް.ގައި ދަންނަވައި، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް ގެންދާނަން.

އެހެންވީމާ، ޖުމްލަގޮތެއްގައި، ރަށުގެ ތަރައްޤީއަށްޓަކައި، މި ދެންނެވިހެން މަގު ހެދުމާއި، ސްކޫލާއި، ހެލްތު ސެންޓަރާއި، އަދިވެސް މި ދެންނެވި ގޮތަށް ހުރި ކަންތައްތައް ކުރިއަށް ގެންދެވޭނެ. އަދި ހަމައެއާއެކީގައި، ކުޅިވަރުގެ ދާއިރާއިންވެސް، މިރަށުގައި ކުރިއަށްގެންދާ ބެޑްމިންޓަން ކޯޓުގެ މަސައްކަތާއި އަދި އިރާދަކުރެއްވިއްޔާ، ޒުވާނުންނަށް ބޭނުންވާ ކަންކަން ހިނގާނެ.

އާދެ، އަޅުގަނޑުމެން މި ބަލަނީ މި ދެންނެވި ގޮތަށް، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވައިލައިގެން ކުރިއަށް ގެންދަން. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، މަސައްކަތްތައް ގެންދެވުނު ސްޕީޑާއި، އެކަންކަމުގައި ދިމާވި ދަތިކަން މި ދެންނެވީ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، ބަޖެޓުގެ ތެރެއިން، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ހިނގާނެ.

އެހެންވީމާ، އެއީ އަޅުގަނޑުމެން މިކަންކަން ކުރިއަށް ގެންދާ ގޮތަކީ. އަދި ހަމައެއާއެކީގައި މި ބަލަނީ، ރާއްޖޭގައި ހުރި އުނދަގޫ ބޮޑެތި ގިނަ މައްސަލަތައްވެސް ޙައްލުކުރުމަށް. އަޅުގަނޑުމެން މިކަންކަން ކުރުމުގައި އެއްގޮތަކަށްވެސް ސިޔާސީ ވިސްނުމެއް ނުވައްދަން. ޤައުމީ ވިސްނުމެއްގައި ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ޚިދުމަތް ދެވޭތޯ މި ބަލަނީ.

އެގޮތުން ބަލާއިރު، އެއްކަމަކީ ޤައުމަށް ހަމަޖެހުން ގެނެސްދިނުން. މަގުމަތީގެ ހަމަޖެހުން. މުޖުތަމަޢުގެ ހަމަޖެހުން. މީގެކުރިން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި ވަނީ، އެކިއެކި އިންތިޚާބުތަކާ ދިމާކޮށް، ޖަލުތަކުގައި ތިބޭ ކުށްވެރިން، އެއްވެސްވަރެއްގެ ރީހެބިލިޓޭޝަނެއްގެ ތެރެއަށް ނުގޮސް، މަގުމައްޗަށް ދޫކޮށްލާ ތަން. އޭގެ ސަބަބުން، އެކި ކަހަލަ ވަރަށް ގިނަ ނުރައްކާތެރި ކަންކަން، އަނިޔާވެރި ކަންކަން މަގުމަތީ ހިނގައި، ހަމަނުޖެހުން އުފެދިފައިވޭ. އަޅުގަނޑު ހަމަ އަދަދުތަކާ އެކީގައި، ރެކޯޑް ދަންނަވާލަން ގަސްދުކުރަން.

އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި، އަދި މި ނިމޭ އަހަރު، މުޅި އަހަރަށް ބަހާލައިގެން، ކްލެމެންސީގެ ތެރެއިންވިޔަސް، އަދި ޤާނޫނުގައި އޮންނަ ފުރުޞަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ލުއިގެ ތެރެއިންވިޔަސް، ޖުމްލަކޮށް، އަދަބު ލުއިކޮށްދީ، ނޫނީވިއްޔާ ދޫކޮށްލާފައި ވަނީ ޖުމްލަ 86 މީހުން. މި ކޮމްޕެއަރ ކޮށްލާނަން އަޅުގަނޑު އޭގެ ކުރީ އަހަރާއި 2023އާ. 2023 ގައި ރިޔާސީ އިންތިޚާބު އައީ. 2023ގެ އިންތިޚާބާ ދިމާކޮށް، އެ އަހަރުގެ ތެރޭގައި 429 މީހުންވޭ ދޫކޮށްލާފައި. 429 މީހުން. 2022 ގައި 256 މީހުން. 2021 އަކީ ލޯކަލް ކައުންސިލް އިންތިޚާބު އޮތް އަހަރު. ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އެ އަހަރު 458 މީހުން، އޭރުގައި އޮތް ސަރުކާރުން ދޫކޮށްލި. މި އަހަރުވެސް އޮތޭ އިންތިޚާބެއް. މަޖިލިސް އިންތިޚާބު. އަޅުގަނޑުމެން އިންތިޚާބާ ދިމާކޮށް ސިޔަސީ ވިސްނުމެއްގައި، ބަޔަކު މަގުމައްޗަކަށް ދުލެއްނުކޮށްލަން. ޖުމްލަ 86 މީހުން ދޫކޮށްލީ. 2019 ގައި، އޭރުގައި އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް، 762 މީހުން ދޫކޮށްލި.

މި ދަންނަވާ ވާހަކައަކީ އަޅުގަނޑުމެން ޚިދުމަތް ދެނީ، ސިޔާސީގޮތުން ވިސްނައިގެނެއް ނޫނޭ. ޤައުމަށް ރަނގަޅު، ޤައުމަށް މުހިންމު ކަންކަން، ރައްޔިތުންނަށް ވިސްނައިދީގެން ކޮށްދެނީ. ސިޔާސީގޮތުން އަމިއްލަ ފައިދާއެއް ހޯދުމަކަށް ނޫން.

އެހެންވީމާ، އަޅުގަނޑުމެން އޭގެ ބަދަލުގައި އެ މީހުންނަށް ކަންތައްތަކެއް ދަސްކޮށްދެނީ. އިހަށްދުވަހު، ކެބިނެޓުން މި ފާސްކުރީ، ޖަލުގައި ތިބޭ މީހުންނަށްވެސް، ރީހެބިލިޓޭޓް ވުމަށް، ނޫނީވިއްޔާ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަން. ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގައި، އޭގެތެރެއިން އަޚްލާޤު ރަނގަޅު މީހުންނަށް އިސްކަންދީގެން ބައިވެރިކުރަން. މިސާލަކަށް، މަގުހެދުމުގެ މަޝްރޫޢު. ނޫނީވިއްޔާ ކޮންމެވެސް މަޝްރޫޢެއްގައި، އޭގެ ތެރެއިން މީހުން ބައިވެރިކޮށްގެން، ކަންކަން ދަސްކޮށްދީގެން، އޭގެތެރެއިންވެސް އިތުރު ލުއިތައް ދީގެން ގޮސް، ދެން ދޫކޮށްލަން. އޭރުން ނުކުންނައިރުގައި ތިބޭނީ، އެ މީހުންނަށްވެސް ކަންތައްތަކެއް ދަސްވެ، މުޖުތަމަޢަށް ކަމެއް ކޮށްދެވޭ ގޮތަށް އަދި އާމްދަނީ ހޯދޭނެ ފުރުޞަތުތަކެއްވެސް ލިބޭގޮތަށް ތައްޔާރުވެފައި.

އެހެންވީމާ، މިއީވެސް އަޅުގަނޑު އެއް މިސާލު ދަންނަވާލަން މި ދަންނަވަނީ. ތަރައްޤީގެ މަޝްރޫޢުތައް، ކުރިއަށް ގެންދިޔުމާ އެކީގައި، މުޖުތަމަޢުގެ ތެރޭގައި ހުރި މި ކަހަލަ ކަންކަމަށްވެސް އަޅުގަނޑުމެން މި އަންނަނީ ވިސްނުމެއްގެ ތެރެއިން، ޕްލޭން ކުރެވިގެން ޙައްލުތަކެއް ގެންނަމުންނޭ. މިކަންކަމަށް ޙައްލު ގެންނަންޖެހޭނީ މިގޮތަށް. އޭރުން ދެމެހެއްޓެނިވި ނަތީޖާ ނުކުންނާނީ. ދެމެހެއްޓެނިވި ކަމަކަށްވާނީ.

އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމަޢަށް ހަމަޖެހުން އަންނަން. ސްޓެބިލިޓީ އަންނަން. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން ކަންކަން މިގެންދަނީ. ސިޔާސީ ވިސްނުމެއް އިސްކޮށް، ބަދަލުހިފަން، ނޫނީވިއްޔާ އެނޫން ވިސްނުމެއްގައި އަޅުގަނޑުމެން ކަންކަމެއް ނުކުރާނެ.

އާދެ، އަދިވެސް އެއްފަހަރު، ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން، މިހާ ހެނދުނުގެ ވަގުތެއްގައިވެސް، އަޅުގަނޑުމެންނާ އެކީގައި ތިޔަބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށްޓަކައި. މި ރަށުގެ ތަރައްޤީއަށް ކުރަންހުރި، ހުރިހާ ދާއިރާއަކުން، ތަޢުލީމީ ދާއިރާއިން، ޞިއްޙީ ދާއިރާއިން، އިޖުތިމާއީ، އިޤްތިޞާދީ ދާއިރާތަކުން ކުރަންހުރި ކަންކަމުގައި އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ތިޔަބޭފުޅުންނަށް އެހީތެރިވާނަން. ކައުންސިލުން ކުރިއަށް ގެންދަވާ ކަންކަމުގައިވެސް، އަދި މުޖުތަމަޢުގެ ތެރެއިން، ސީދާ ވިޔަފާރިވެރިން ކުރިއަށް ގެންދަން ބޭނުންވާ ކަންކަމުގައި، މިސާލަކަށް، އެސް.އެމް.އީ. ލޯނު ހޯދުމުގެ ކަންކަމުގައިވެސް އަޅުގަނޑުމެން ބަލާނަން، ކުރިއަށް އޮތް އަހަރު ފެށިގެން ދާއިރުގައި، އިރާދަކުރެއްވިއްޔާ އެސް.ޑީ.އެފް.ސީ.ގެ ތެރެއިން އިތުރު ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތް ހޯދަން.

އެހެންވީމާ، ކުދި ލޯނުތައް ނެގުމަކީ، ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ފަހިކަމަކަށް ހަދައިދިނުމަކީ، އަޅުގަނޑުގެ ވިސްނުން. އެގްރިކަލްޗަރ ދާއިރާއިންވިޔަސް، ލޯކަލް ޓޫރިޒަމްގެ ދާއިރާއިންވިޔަސް، އަދި އެއާ ގުޅިފައި ހުންނަ މަސައްކަތްތަކުގެ ތެރެއިންވިޔަސް. ޓޫރިޒަމާ ގުޅޭ ކަންކަމަށް ބޭނުންވާ އެކި ކަހަލަ ކޮމްޕްލިމެންޓްރީ ވިޔަފާރިތައް ހުރޭ. އަދި އަޅުގަނޑު އެދެން ތިޔަބޭފުޅުން، ޓޫރިޒަމް ފުޅާކުރުމަށްވެސް ތަންކޮޅެއް ޑައިވަރސިފައި ކުރެވޭނެ ކޮންސެޕްޓްތަކެއްވެސް ވިސްނަން. އެގްރިކަލްޗަރ މިތާނގައި އޮތުމާ އެކީގައި، އޭގެތެރެއަށް ޓޫރިޒަމް ފުޅާކުރެވޭނެ، މިހާރަށްވުރެ ބޮޑަށް ފުޅާކުރެވޭނެ ކޮންސެޕްޓެއް ގެނައުން.

ހަމައެއާއެކީގައި، މި ރަށަކީ، ލޯކަލް ޓޫރިޒަމް އޮތުމާ އެކީގައި، ރިނިއުބަލް އެނަރޖީ، ދެމެހެއްޓެނިވި ހަކަތަ އެންމެ ބޮޑަށް ބޭނުންކުރާ އެއް ރަށަކަށް ޓޫރިޒަމްގެ ތެރެއިން ހަދައިދެވިއްޖިއްޔާ، އެވެސް ވާނެ ސެލިންގ ޕޮއިންޓަކަށް. ސޯލަރ ޕަވަރޑް ގެސްޓްހައުސްތަކަކަށް، މި ރަށުގެ ގެސްޓްހައުސްތައް ހެދިއްޖިއްޔާ، އެ ވާނެ ތިޔަބޭފުޅުންނަށް އެހެން ރަށްތަކަށްވުރެ މައްޗަށް، އެކަން ސެލް ކުރެވޭނެ، މިރަށް އެއީ އެކަހަލަ ރަށަކަށް ހެދިއްޖިއްޔާ. މިހާރު ދުނިޔޭގައި ވަރަށް އިސްކަންދޭ، ޓޫރިޒަމްގެ ދާއިރާއިން، ޓޫރިސްޓުން ގްރީން އެނަރޖީ، ނޫނީވިއްޔާ ރިނިއުބަލް އެނަރޖީ ބޭނުންކުރާ ދިމަދިމާއަށް ދަތުރުކުރަން. އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތަކީވެސް، މުޅި ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ، 2028 އަންނަން ވާއިރަށް ރިނިއުބަލް އެނަރޖީއަށް ބަދަލުކުރުން. ސޯލަރ ޕަވަރއަށް ބަދަލުކުރުން. ނޫނީވިއްޔާ އެހެން ވައްތަރެއްގެ ރިނިއުބަލް އެނަރޖީއަށް ދިޔުން.

އެހެންވީމާ، ތިޔަބޭފުޅުން އެކަމަށް އިސްނަންގަވާނަމަ، ސަރުކާރުގެ ތެރެއިން ފައިނޭންޝިއަލް ޕެކޭޖަސްތައް، ނޫނީވިއްޔާ މަގުތައް ފަހިކޮށްދިނުމަކީ، އަޅުގަނޑު ވަރަށް ޝައުޤުވެރިވާނެ ކަމެއް. ލޯކަލް އޮތޯރިޓީ ކޮމްޕެނީން އެކަން ކުރަން ބޭނުންވިޔަސް، ނޫނީވިއްޔާ އިންޑިވިޖުއަލީ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ސޯލަރ ޕަވަރއަށް ދާން ބޭނުންވިޔަސް، އަޅުގަނޑު ބަލާނަން، އެކަންކަމަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން މަގުތައް ފަހިކޮށްދޭން. ރާއްޖެއަށް މިފަހަރު އަލަށް ލިބިއްޖެ، ވާރލްޑް ލީޑިންގ ގްރީން ޑެސްޓިނޭޝަން އެވޯޑުވެސް. އެހެންވީމާ، އޭގެ މައްޗަށް ބިނާކޮށް، ތިޔަބޭފުޅުންނަށް އަޅުގަނޑު ހިތްވަރުދެން، އެ މަގުންވެސް ކުރިއަށް ދާން. ރައްޔިތުންގެ ޖީބަށް މުއްސަނދިކަން ލިބިގެންދާނެ މަގުމަގަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުރުޞަތު ހޯދައިދޭނަން.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން، ޑަބްލިޔޫ.ޑީ.ސީ.ގެ ބޭފުޅުންނަށް ދަންނަވާލަން. އެއީ، މުޅި ރާއްޖޭގެ ހުރިހާ ޑަބްލިޔޫ.ޑީ.ސީ.ތަކަށްވެސް ދޭ މެސެޖެއް. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، އަޅުގަނޑު ވީ ވަޢުދު. ޑަބްލިޔޫ.ޑީ.ސީ.ގެ ބޭފުޅުންގެ މައިގަނޑު އެއް ރިކްއެސްޓަކަށް ވެފައި އޮތީ، މުސާރައެއްގެ ގޮތުގައި އެ ލިބޭ އެލަވަންސްގެ ސްޓޭޓަސް ބަދަލުކޮށްދިނުން. އަދި އެއާ އެކީގައި، ރޯދަމަހުގެ ޢިނާޔަތްތަކާއި، ވިހެއުމުގެ ޗުއްޓީތަކާއި، މިފަދަ ކަންކަން ލިބޭނެގޮތް ހެދުން. މިއީ، ޤާނޫނަށް ގެންނަންޖެހޭ ބަދަލެއްކަން އަޅުގަނޑު ދެންނެވިން. މިހާރު އެ މަސައްކަތް އެބަ ހިނގާ. މަޖިލިސް މިހާރު ބަންދުވެފައި، ފެބުރުވަރީގައި ހުޅެވޭނެ. ކަމާބެހޭ ބައެއް ޤާނޫނުތައް އިޞްލާޙުކުރަން ޖެހޭތީ، ލާމަރުކަޒީ ޤާނޫނާއި، އެމްޕްލޯއިމަންޓް ޤާނޫނާ، މިފަދަ ޤާނޫނުތައް މަޖިލިސް ދެން ހުޅުވޭ ދައުރުގައި އިޞްލާޙުކޮށްގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ވަޢުދު ފުއްދައިދޭނަން. އޭރުން ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ.

އަދިވެސް އެއްފަހަރު، ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ ޤައުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހެޔޮ ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.