އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ އަދި އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ އެންޑްރޫ ކޮކްސް، އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުއްވުމަށްޓަކައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙުތައް ގެނެވެމުން ދިޔަ މުހިންމު ދަނޑިވަޅުގައި އ.ދ. އިން ދެއްވާފައިވާ އެހީތެރިކަމާއި، އަދި މިހާރު ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތަށް އ.ދ.ގެ އެކި އިދާރާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިންގާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް، އ.ދ.ގެ އެކި އިދާރާތަކުން އެހީތެރިކަން ފޯރުއްވައިދެއްވުމާއި، ޚާއްޞަ ގޮތެއްގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ ގްރެޖުއޭޓްވުމުން ރާއްޖޭގެ ތަރައްޤީއަށް އ.ދ.އިން ފޯރުކޮށްދެވޭނެ އެހީތެރިކަމާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިސްޓަރ ކޮކްސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އ.ދ.ގެ އެހީތެރިކަން ލިބެމުންދާނެ ކަމަށާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ ގްރެޖުއޭޓްވުމުން އ.ދ.ގެ އެހީތެރިކަން އެކިރޮނގު ރޮނގުން ރާއްޖެއަށް ލިބެމުންދާނެ ކަމުގައި ވިދާޅުވިއެވެ. އ.ދ.އިން ރާއްޖޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ބިނާވެފައިވަނީ، ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ ކަންތައްތައް ޙާޞިލު ކުރެއްވުމުގެ މައްޗަށް ކަމުގައިވެސް މިސްޓަރ ކޮކްސް ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިޚާބު ވެފައިވާތީ، މިކަމަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ. އަދި މިއީ، ފާއިތުވެދިޔަ ދުވަސްތަކުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ޑިމޮކްރެސީގެ މަގުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ފާހަގަވެގެންދާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން އަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.