ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލާ ބެހޭގޮތުންނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ބިލާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޚިޔާލުފުޅު ހުރިގޮތް، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ އެމަނިކުފާނު ޙިއްޞާ ކުރައްވައިފިއެވެ.

ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ތަޞްދީޤު ކުރެއްވުމަށްޓަކައި އެމަނިކުފާނަށް ފޮނުއްވުމުން، އެބިލެއް ތަޞްދީޤު ކުރައްވަނީ، އެބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމުން ކުރިމަތިވެދާނެ ޤާނޫނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށާއި، އެޤާނޫނު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމުގައި ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު"

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރައްވައި އަދި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، އެމަނިކުފާނު މިބިލު ތަސްދީޤު ކުރެއްވީ، ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ ކައުންސިލްތަކާއި، މަޤާމުތަކާއި އިދާރާތައް އުފެއްދުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑަށް ޢަމަލުކުރުން އިތުރަށް ލަސްކުރުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ފެނިވަޑައިނުގަންނަވާތީ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމުން ޤާނޫނީ އަދި މާލީގޮތުން ކުރިމަތިވެދާނެ މައްސަލަތަކާއި، އެޤާނޫނު ތަންފީޛުކުރުމުގައި ހުރި ދަތިތައް ޙައްލުކޮށް، އެޤާނޫނު ތަންފީޒުކުރުމަށް ކޮންމެހެން ހުށަހަޅަންޖެހޭ އިސްލާޙުތައްވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާގޮތުގެމަތިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ މެދުވެރިކުރައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާކަންވެސް ހާމަކުރެއްވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ބިލު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ބިލުގެ ބައެއް މާއްދާތައް ބައްޓަންކުރެވިފައިވަނީ އެތަކެއް ރައްޔިތުންގެ އަސާސީ ޙައްޤަކުން އެމީހުން މަޙްރޫމްވެދާފަދަ ގޮތަކަށް ކަމަށާއި، އެހެންކަމުން ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށްޓަކައި، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.