"މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު"ގެ ނަން، މިއަދުން ފެށިގެން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރައްވައިފިއެވެ. އަދި އެ އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަމަށް ބަދަލުކުރެއްވީ، ދިވެހިރާއްޖޭގައި މަތީ ތަޢްލީމުދޭ މުއައްސަސާތައް އިތުރުވެ، އަމިއްލަ ފަރާތްތަކުން މަތީ ތަޢްލީމު ދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވަމުންމިދާ ދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ ރެގިއުލޭޓްކޮށް، މަތީ ތަޢްލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީ ކުރައްވައި ހަރުދަނާ ކުރެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.