ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޑޮކްޓަރ ލޫކާ ފިޔޮމެންޓޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލްގެ ހައްސިއްޔަތުން ރާއްޖެއަށް އެހީތެރިވެދެއްވުމުގެ ގޮތުން ޑޮކްޓަރ ފިޔޮމެންޓޭ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މިގޮތުން ދަނޑުވެރިކަމުގެ ދާއިރާގައި އިޓަލީވިލާތުގެ ޔުނިވަރސިޓީތަކުން ދިވެހި ކިޔަވާކުދިންނަށް ސްކޮލަރޝިޕް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް އިޓަލީވިލާތުގެ ކުންފުނިތަކުން އިންވެސްޓްމަންޓް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުންވެސް ޑޮކްޓަރ ފިޔޮމެންޓޭ ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، ޞިއްޙީ ދާއިރާގައިވެސް އިޓަލީވިލާތާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހި ކުރުމާބެހޭގޮތުން، އަދި ވަކިން ޚާއްޞަކޮށް ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިޓަލީވިލާތުގެ އެހީތެރިކަން އިތުރުކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް އެކި ރޮނގުތަކުން އިޓަލީވިލާތުގެ އެހީތެރިކަން ހޯއްދަވައިދެއްވުމަށް ޑޮކްޓަރ ލޫކާ ފިޔޮމެންޓޭ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމްވެސް ބައިރިވެވަޑައިގެންނެވިއެވެ.