ލީބިޔާގެ މަތިންދާބޯޓެއް އެޤައުމުގެ ވެރިރަށް ޓްރިޕޮލީއަށް ވެއްޓި، އެ ބޯޓުން ދަތުރުކުރި ލީބިޔާގެ އެންމެން މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ލީބިޔާގެ ޒަޢީމް ކާނަލް މުޢައްމަރުލް ޤައްޒާފީއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަދި، އެ ބޯޓުން ދަތުރުކުރި ނެދަރލޭންޑްސްގެ ކުޑަކުއްޖަކު ފިޔަވައި، އެ ޤައުމުގެ އެހެން އެންމެން މަރުވެފައިވާތީ، އެކަމުގެ ހިތާމައިގައި ނެދަރލޭންޑްސްގެ ރާނީ ބީޓްރިކްސްއަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ލީބިޔާގެ ޒަޢީމަށާއި، ނެދަރލޭންޑްސްގެ ރާނީއަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ދެ މެސެޖުގައި، މިޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ކާނަލް ޤައްޒާފީއަށާއި، ލީބިޔާ ސަރުކާރަށާއި ރައްޔިތުންނަށާއި، ރާނީ ބީޓްރިކްސްއަށާއި، ނެދަރލޭންޑްސްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.