بســم اللّـه الرّحمـن الرّحيــم
އާދެ، މި ރެޔަކީ، ވަރަށްވެސް އުފާވެރި ރެއެއް. ސަރުކާރު މުވައްޒަފުންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރާ ރޭ. ނުވަތަ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ނާދީގެ ފަރާތުން ބޭއްވެވި ޕްރޮގްރާމްތައް ނިމޭ ރޭ. އާދެ، ކޮންމެއަކަސް، މުނާސަބަތަކީ އުފާވެރި މުނާސަބަތެއް. އެހެންކަމާއެކު، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، ސަރުކާރު މުވައްޒަފުންގެ ނާދީގެ ހުރިހާ މެމްބަރުންނަށް، ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، މުބާރަކްބާދީއާއި ތަހުނިޔާ ދެންނެވުން. ހަމައެއާއެކު، ނާދީ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އޭގެތެރޭގައި، އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކޮށްލަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު. އެ މަނިކުފާނުގެ ބުރަ މަސައްކަތްޕުޅުގެ ތެރޭގައި، ނާދީގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެއްލެވުމާއި، ނާދީގެ އިސްވެރިއެއްގެ ގޮތުން ޙަރަކާތްތެރިވެވަޑައިގަތުން ހިމެނޭ. އެކަން އެ މަނިކުފާނު ކުރައްވާފައި ވަނީ، ހުރިހާ ކަމެއްވެސް އެމަނިކުފާނު ކުރައްވާހާ އިޚްލާޞްތެރިކަމާއި، ފުރިހަމަކަމާއި، މުރާލިކަމާ އެކުގައިކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.
އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އަލްފާޟިލް އިބްރާހީމް ނަޢީމް ވިދާޅުވިފަދައިން، ނާދީގެ އެންމެ ހިންގުންތެރި ސޯބު، އާދެ، އެބޭފުޅެއްގެ އަވަދިނެތި މަސައްކަތްޕުޅާއި، އިޚްލާޞްތެރި ޚިދުމަތާ ނުލައި، މި ނާދީ ހިނގަމުން ނުދާނެ ބޭފުޅެއް ކަމުގައިވާ ނާދީގެ ހިންގުންތެރި އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހީމް މުޙައްމަދު މަނިކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އޭނާގެ ބެއްލެވުމުގެ ދަށުން ނާދީގެ އިދާރީ ބައިގައި އުޅުއްވާ ހުރިހާ މުވައްޒަފުންވެސް ވަރަށް ހީވާގި ޙިއްޞާއެއް ނާދީގެ ކަންތައްތަކުގައި އަދާކުރައްވާފައިވާކަން ފާހަގަކުރަމުން، ނާދީގެ އިދާރާގައި ހިމެނޭ ހުރިހާ މުވައްޒަފުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން.
އާދެ، ސަރުކާރު މުވައްޒަފުންގެ ނާދީއަކީ، ވަރަށް ބޭނުންތެރި މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ނާދީއެއް. އެ މަޤްޞަދުތަކުގެ ވާހަކަ މިރޭ އަޅުގަނޑު ކޮންމެހެން ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް އެ ކަންތައްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ދެކޭގޮތުގައި، މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، ނާދީގެ މަޤްޞަދުތައް ވަނީ ވަރަށް ފުރިހަމައަށް ޙާޞިލްވާން ފަށާފައި. ވަރަށް ގިނަ ޢަދަދެއްގެ މެމްބަރުން ނާދީއަށް ވަޑައިގެން، ނާދީގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިއްޕަވަމުން ގެންދަވާފައިވޭ. އާދެ، މިރޭ ތިން ބޭފުޅަކަށް، އެންމެ ގިނައިން ނާދީއަށް ވަޑައިގެންނެވި ބޭފުޅުންގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވިގެން، އެ ބޭފުޅުންނަށް އިނާމުތަކެއް ރައްދުކުރެވިއްޖެ.
އާދެ، އެ އިނާމުތަކަކީ، އެ ބޭފުޅުންގެ ޙާޟިރީއަށް ބަލާފައި، އޮފީސް އޮފީހުގެ މުވައްޒަފުން އޮފީހަށް ޙާޟިރުވާންޖެހޭ ގޮތަށް، ނާދީއަށް ޙާޟިރުވެވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންނެވި އިނާމުތަކެއް ނޫން. އެގޮތުން، ފާހަގަކުރެވުނު ބޭފުޅުންކޮޅެއް ނޫން އެއީކީ. އޮފީހަކަށް ޙާޟިރުވުމާއި، ނާދީއަށް ޒިޔާރަތްކުރުމާއި، އެއީ ވަރަށް ތަފާތު ދެކަމެއް. އެހެންނަމަވެސް، އަޅުގަނޑު ހިތުން ނާދީގެ އިދާރާއިން ފާހަގަކުރެއްވި ކަމަކީ، ނާދީގެ ބޭނުން އެންމެ ބޮޑަށް ކުރެއްވި ބޭފުޅުންނަކީ، އެ ބޭފުޅުން ކަމަށްވާކަން. ނާދީ ހުޅުވާލާފައި މިހިރީ ނާދީގެ ބޭނުން މެމްބަރުން ހިއްޕެވުމަށް. އެހެންވީމާ، އެގޮތުން އެންމެ ގިނަ ރޭރޭ އަދި އެންމެ ގިނަ ދުވަސްދުވަހު ނާދީއަށް ވަޑައިގެން، ނާދީން ލިބެންހުރި ފަސޭހަތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިއްޕެވީ، އެ ތިންބޭފުޅުން ކަމަށް ފާހަގަކުރެވިގެން، އެ ބޭފުޅުންނަށް އެ އިނާމުތައް މިރޭ އެ ރައްދުކުރެވުނީ.
އާދެ، އަޅުގަނޑުގެ އެދުމަކީ، ނާދީގެ މެމްބަރުން ވީހާވެސް ބޮޑަކަށް ނާދީގެ ބޭނުން ހިއްޕެވުން. އޭރުން، މި ނާދީ އެ މަޤްޞަދަކަށްޓަކައި، ސަރުކާރުން އުފެއްދި މަޤްޞަދުތައް ޙާޞިލްވާނީ. އާދެ، އަޅުގަނޑުގެ ވާހަކައިގައިވެސް، އަޅުގަނޑަށް އިޙްސާސް ކުރެވޭ ކުޑަކުޑަ އުނިކަމެއްގެ ވާހަކަ ދަންނަވާލާނަން. އެއީ، އިބްރާހީމް ނަޢީމް އެ ވިދާޅުވިފަދައިން، ތަޖްރިބާހުރި، ތަންކޮޅެއް ދުވަސްވީ ބޭފުޅުން ނާދީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާލެއް މަދުކަން ފާހަގަކުރެވިފައިވާ ފަދައިން، އަޅުގަނޑަށްވެސް ފާހަގަކުރެވޭ، ސަރުކާރުގެ އޮފީސްތަކުގެ ވަކި ފެންވަރެއްގެ ބޭފުޅުން މާގިނަގިނައިން ނާދީއަށް ވަޑައިނުގަންނަވާކަން. ނާދީއަކީ ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ހުޅުވިފައި ހުރި ތަނެއް. ވީހާ ގިނަ މެމްބަރުން ވަޑައިގަތުމަކީ ނުވަތަ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވީހާ ގިނަބަޔަކު ނާދީގެ މެންބަރުންނަށް ވެވަޑައިގަތުމަކީ އަޅުގަނޑު ހިތުން ސަރުކާރުން ބޭނުންވާނެ ކަމެއް. އަދި ނާދީ ހިންގަވާ ފަރާތްތަކުގެވެސް އެދިވަޑައިގަތުމަކަށް އެކަން ވާނެ.
އެހެންނަމަވެސް، މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ގިނަ ޢަދަދެއްގެ މެމްބަރުން ތިއްބެވި ކަމުގައިވިޔަސް، އަޅުގަނޑު މި ދެންނެވި ފެންވަރުތަކުގެ ބޭފުޅުން ނާދީން ފެންނަލެއް ވަރަށްވެސް މަދު. އަދި އަޅުގަނޑު ހިތުން އޭގެ ތެރޭގައި މި ދެންނެވި ފެންވަރުތަކުގައި ނާދީގެ މެމްބަރުންނަށް ވެވަޑައިނުގަންނަވާ ވަރަށް ގިނަ ބޭފުޅުންވެސް އެބަ ތިއްބެވި. އާދެ، ނާދީގެ މެމްބަރުންނަށް ވެވަޑައިގަތުމަކީ ކޮންމެހެން މަޖުބޫރުކަމެއް ނޫން. އެހެންނަމަވެސް، ނާދީ އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އުފެއްދުމާއި އަދި ދިމާވާ އެކި ކަންކަމުގައި އޮފީސްތަކުގެ ވެރިން މަޝްވަރާކޮށްލެއްވުމާއި، އެ ކޮށްލައްވާ މަޝްވަރާއެއްގެ ސަބަބުން ކަންތައްތައް ފަސޭހަވެގެންދިޔުމާއި، މިއީ، މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް. އަޅުގަނޑު ހިތުން މި މަޤްޞަދުތައް ޙާޞިލުވާނީ އަޅުގަނޑު މި ދެންނެވި ފެންވަރުގެ ބޭފުޅުންވެސް ތަންކޮޅެއް ގިނައިން ނާދީއަށް ވަޑައިގެން، ނާދީގެ ބޭނުން ހިއްޕަވައި، އަދި ނާދީގައި ތިއްބަވާ އެހެން އޮފީސްތަކުގެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވައިލައްވައި، މަޝްވަރާ ކުރެއްވުމުގެ ފުރުޞަތުވެސް ހޯއްދެވުމުން.
އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ނުވަތަ އުންމީދަކީ، ސަރުކާރުގެ ވީހާގިނަ މުވައްޒަފުން ނާދީގެ ބޭނުން ހިއްޕެވުން. އަދި މި ދެންނެވި ފެންވަރުތަކުގެ އޮފީސް އޮފީހުގެ ވެރިންގެ ފެންވަރުގެ ބޭފުޅުން ތަންކޮޅެއް ގިނައިން ނާދީއަށް ވަޑައިގެން، ނާދީގެ ބޭނުން ހިއްޕަވައި، ނާދީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައްވައި އަދި އެހެން މެމްބަރުންނާ ވާހަކަފުޅު ދައްކަވައިލައްވައި، އެހެން އޮފީސް އޮފީހުގެ ބޭފުޅުންނާވެސް ބައްދަލުކޮށްލައްވައި، ސަރުކާރުގެ ކަންތައްތަކާ ދޭތެރޭގައިވެސް ޚިޔާލު ބަދަލުކޮށްލައްވައި، ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅު ކުރެއްވޭތޯ، މި ވަގުތުކޮޅުގެ ތެރޭގައިވެސް ބައްލަވަމުން ގެންދެވުން.
އާދެ، މިރެޔަކީ މާދިގު ވާހަކަތަކެއް ދައްކާގޮތަށް ޕްރޮގްރާމް ހަމަޖެހިފައިވާ ރެއެއް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، ނާދީގެ ހުރިހާ މެމްބަރުންނަށް، މި އުފާވެރި މުނާސަބަތުގައި، އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން. އަދި ނާދީގެ ހިންގުންތެރިންނަށްވެސް ތަހުނިޔާ ދަންނަވަމުން. އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ ސަބަބުންނާއި އަދި ނާދީގެ މެންބަރުން، އާދެ، ތިޔަބޭފުޅުން ނާދީއަށް ދެއްވާ އަހަންމިއްޔަތާއި، ނާދީގެ ކަންތައްތަކާ މެދު ބަހައްޓަވާ ޝައުޤުވެރިކަމާއި، މިކަންކަމުގެ ސަބަބުން ނާދީއަށް އިތުރު ކުރިއެރުމާއި، ކާމިޔާބީ އެއްދުވަހުން އަނެއް ދުވަހަށް ލިބެމުންދިޔުމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރާ ވާހަކަ ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ.