بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ލޮބުވެތި ހުރިހާ ދަރިވަރުން، ބެލެނިވެރިން، ސީ.އެޗް.އެސް.އީ. ގެ އިސްވެރިން، ތަޢުލީމީ ވަޒީރު، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ. އަޅުގަނޑު ގަސްތުކުރީ މިއަދު މަސައްކަތް ފަށަން މި ތަނުން. ސަބަބަކީ މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރަމުންދާއިރުގައި، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް،މި ތަނަށް، ތިޔަ ބޭފުޅުން ގާތަށް، ތިޔަ ދަރިވަރުން ގާތަށް އައިސް ބައްދަލުކޮށްލަން ވަގުތުކޮޅެއް ހޭދަކޮށްލުމަކީ.

މީގެ ގިނަ އަހަރުތަކެއް ކުރިން ގާތްގަޑަކަށް 30 އަހަރު ކުރިން އަޅުގަނޑު މި ސްކޫލުގައި އުޅުނިން. 1995 ން 1997 އަށް. ވަރަށް ދުވަސް ކުރި. އެހެންނަމަވެސް، ވަރަށް އުފާވެރި ހަނދާންތަކެއް ވޭ. އޭރުގައި ކިޔަނީ އެހެން ނަމެއް. އެއީ އެސް.އީ.ސީ. (ސައިންސް އެޑިޔުކޭޝަން ސެންޓަރ) އެހެންނަމަވެސް، ތަނަކީ އެއް ތަން. ހުންނަ ތަންވެސް ބަދަލުވެއްޖެ. އެހެންނަމަވެސް، ކުރަނީ އެއްކަމެއް. ކުދީންނަށް ކިޔަވައިދެނީ. އަދި ވަރަށް މުހިންމު މަރުހަލާއެއް ކަޑައްތު ކުރަމުންދާ ދަރިވަރުންތަކަކަށް މި ކިޔަވައި ދެވެނީ. އެއީ ކީއްވެގެންތޯ؟ ސަބަބަކީ ތިޔަ ކުދީން ތިޔަ ކިޔަވަމުންދާ ދަނޑިވަޅަކީ، ތިޔަ ކުދީންގެ މުސްތަގުބަލު ބައްޓަން ކުރުމުގެ އެންމެ މުހިންމު ދަނޑިވަޅު ކަމަށް ވާތީ. އޭލެވެލް ނިންމާއިރުގައި، އެ ހާސިލު ކުރެވޭ މިންވަރެއް މި ކަނޑައަޅަނީ، ދެން ހަޔާތުގައި ކުރިއަށް ދާނެ ގޮތް. ޔުނިވަރސިޓީއަކުން ޖާގަ ހޯދުމާއި އަދި ލިބޭ ފުރުޞަތުގެ ފަހިކަމާއި، ދެން އެއާ ގުޅިގެން ހަޔާތުގައި ކެރިއަރ ބިލްޑް ކުރާނެ ގޮތާ.

މި ހުރިހާ ކަމެއް ގުޅިފައި އޮންނަނީ މި މަރުހަލާގައި ކިޔެވޭ އެއްޗެއްގެ މައްޗަށް. މިއީ ދެވަނަ ޗާންސެއް އޮންނަ ކަމެއް ނޫން. ދެވަނަ ފުރުޞަތެއް އޮންނަ ކަމެއްވެސް ނޫން. މި ދެ އަހަރު، މި އޭލެވެލްގައި ހޭދަކުރާ ވަގުތުކޮޅު މިއީ ހަމައެކަނި މި ކަމަށް ލިބޭ ފުރުޞަތު. އެހެންވީމާ، އެހާ މުހިންމު ވަގުތުކޮޅަކަށް ވަނީ. އެހެންވީމަ، ތިޔަ ހުރިހާ ކުދިންވެސް އިސްކަން ދޭންވީމި ފުރުޞަތުގެ ބޭނުން އަމިއްލަ ހަޔާތަށްޓަކައި ފުރިހަމަ ގޮތުގައި ބޭނުން ހިފުމަށް.

މައިންބަފައިން ކޮންމެގޮތެއް ވިޔަސް ބޭނުންވާނެ، އެ ކުއްޖަކަށް އެންމެ މައްޗަކަށް ދެވޭ ހިސާބަކަށް ކިޔަވައިދޭން. އެއީ، ހަމަ ޔަޤީން ކަމެއް. އެހެންނަމަވެސް، އެއަށްވުރެ ބޮޑަށް އަމިއްލަ ނަފުސަށްޓަކައި ތިމަންނަ ކުރިއަށް ދާން ބޭނުންވާ ހިސާބަކަށް ދިޔުމުގެ ޢަޒުމު ކަނޑައަޅައި، އެ ޢަޒުމު އޮންނަންވާނެ. އެހެންވީމާ، އެ ޢަޒުމު ހާސިލު ކުރުމަށްޓަކައި އެ ދާން ބޭނުންވާ ޓާގެޓް ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ޢަޒުމު، އެކަމަށްޓަކައި ލިބޭ ފުރުޞަތު މި ފުރުޞަތަކީ. އެހެންވީމާ، މި އޭލެވެލްއަށް ކިޔަވާއިރުގައި، ތި ހޭދަ ކުރާ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭ. ވަރަށް ދަތި ހާލުގައި، ވަރަށް އުނދަގުލުގައި އުޅޭ ކުދިން ގިނަވާނީ.

އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ހާލަތު އޮތްގޮތް. އެ ހުރިހާ ތަފުސީލަކަށް ދިއުމުގެ ބޭނުމެއް ނެތް. ޚާއްޞަގޮތެއްގައި ގެދޮރުގެ ހާލަތު ވަރަށް ދަށް. ގިނަ ކުދިން ކިޔަވަމުން ދާނީ ވަރަށް ހާލުގައި. މައިންބަފައިން ވަރަށް ދަތި އުނދަގުލުން، އެކި ގޮތްގޮތުން އާމްދަނީ ހާސިލު ކުރަމުން، ތަންތަން ކުއްޔަށް ނަގައިގެން، އެކި ގޮތްގޮތަށް ވަރަށް ހާލުގައި ގިނަ ކުދިން ކިޔަވަމުން ދާނީ. އެ ޗެލެންޖާ އެކީގައި، އެ ގެދޮރުގެވެސް، އެ އާމްދަނީގެވެސް އެ ޗެލެންޖާ އެކީގައި ތިޔަ ކުދިންނަށް މި ލިބޭ ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފަންޖެހޭ. ކާމިޔާބީ ހާސިލު ކުރުމުގައި ވަރަށް މުހިންމު ކަމެއް، ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން.

އެހެންވީމާ، ކޮންމެ ކަމެއްގައި ވިއަސް ކާމިޔާބު ހާސިލު ވާނީ އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން، ފުރަތަމަ ކަމަކަށް. ތިމަންނަގެ ކިބައިގައި އެބަހުއްޓޭ، އެ ކަމެއް ހާސިލު ކުރުމުގެ ފެންވަރު، އެ ގެރެންޓީ، އެ ކޮންފިޑެންސް، އަމިއްލަ ނަފުސަށް އޮންނަންޖެހޭނެ. އެއީ، ކުޑަކުޑަ ކަމެއް ވިޔަސް. ހަޔާތުގައި އަންނާނެ ވަރަށް ގިނަ ކަންތައްތައް. ވަރަށް ގިނަ ކަންތައްތައް އަންނާނެ. އެހެންނަމަވެސް، އެއިން ކޮންމެ ކަމެއް ވެސް ހާސިލު ވާނީ ފުރަތަމަ ކަމަކަށް، އަމިއްލަ ނަފުސަށް އިތުބާރު ކުރެވިގެން.

އެހެންވީމާ، ކިޔެވުމުގެ މި މަރުހަލާގައި ވެސް އެ ގެރެންޓީ، އެ ކޮންފިޑެންސް އޮންނަން އެބަޖެހޭ. މި ހުރިހާ ޗެލެންޖެއްގެ ތެރެއިން، ގެދޮރުގެ ޗެލެންޖު އަޅުގަނޑަށް އެނގޭ، ވަރަށް ބޮޑަށް، ވަރަށް ރަނގަޅަށް އެނގޭ. ތިޔަ ބޭފުޅުންނަށް، ތިޔަ ކިޔަވާ ކުދިންނަށް އެނގިވަޑައިގަންނަވާނެ، އެކި މަރުހަލާތަކުގައި ވަރަށް ގާތުން ރައްޔިތުން އުޅެމުންދާ ގޮތް ބެލިފައި ވަނީ. ގޭގެއަށް ވަރަށް ގިނައިން ދެވިފައި ހުރީ. އެހެންވީމާ، އެނގޭ އުޅެމުންދާ ގޮތް.

މި ހުރިހާ ޗެލެންޖެއްގެ ތެރޭގައިވެސް މަސައްކަތް ކުރަމުންދާއިރު، ދިރިއުޅެމުން ދާއިރުގައި އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރު އޮވެމެ، ކުރިއަށް ދިއުމުގެ ޢަޒުމުގައި މަސައްކަތް ކުރަންޖެހޭނެ. އިރާދަކުރެއްވިއްޔާ ކާމިޔާބީ ހާސިލުވާނެ. ގަދައަޅައި މަސައްކަތް ކުރުން ހާޑް ވާރކް، ގަދައަޅައި މަސަކަތް ކުރުމަކީ، މި ދެންނެވި އަމިއްލަ ނަފުސަށް އިތުބާރު ކުރުމާ އެކީގައި ކުރަންވީ ކަންތައް. އެ ލިބޭ ފުރުސަތުގެ ބޭނުން ހިފައިގެން، އެންމެ ރަނގަޅަށް ނަތީޖާ ހާސިލު ކުރުމަށް، ކިޔަވަމުންދާ ހުރިހާ މާއްދާއަކުން ހޯދޭނެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ވަރަށް މުހިންމު ކަމެއް. އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން އެކަން ކުރެވޭނީ. ތިމަންނައަކަށް ނުވާނެއޭ، ތިމަންނައަކީ އެހާ މޮޅު ކުއްޖެއް ނޫނޭ ކިޔާފައި، ގިވްއަޕް ކުރުމަކީ އެއްވެސް ކަމެއް ހާސިލު ވާނެ ކަމެއް ނޫން. ގިވްއަޕް ނުކުރާތި. އެއްވެސް ކަމަކުން، އެއްވެސް އިރަކު، އެއްވެސް އިރެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ. އެހެންވީމާ، ހާޑް ވާރކް، ގަދައަޅައި މަސައްކަތް ކުރުން. އަދި އެ މަސައްކަތް ކުރާއިރުގައި، ކެތްތެރިކަމާ އެކީގައި، ޕޭޝަންސްއާ އެކީގައި، މަސައްކަތް ކުރަންޖެހޭނީ. ވަރަށް މާޔޫސްވާ ވަގުތު އަންނާނެ. ބޭނުންވާ ނަތީޖާ، އެ އޮންނަ ޔުނިޓު ޓެސްޓަކުން، ޓަރމް ޓެސްޓަކުން ނުލިބިދާނެ. އެހެންނަމަވެސް، އުންމީދު ކަނޑާލައިގެން ނުވާނެ. ޕޭޝަންސްއާ އެކީގައި، ޕަރސިވިއަރ ކުރަންޖެހޭނެ. އެ ޕަރސިވަރެންސް، އެ ރެޒިލިއަންސް، އެ ޑްރައިވް އެއީ، އެންމެ މުހިންމު ތިންވަނަ ކަންތައް.

އެހެންވީމާ، މި ތިން ކަންތަކާ އެކީގައި މަސައްކަތް ކޮށްފިނަމަ، ހަޔާތް ކުރިއަށް ގެންދިއުމުގައި، ދިރިއުޅުން ކުރިއަށް ގެންދިއުމުގައި މަސައްކަތް ކުރަންޏާ އިރާދަކުރެއްވިއްޔާ މަތިވެރި ކަންތައްތައް މިންވަރު ކުރައްވަވާނެ. އަޅުންނަށް އޮތީ މަސައްކަތް ކުރުން، ﷲއަށް ދުޢާ ދެންނެވުން. މަސައްކަތްކޮށް، ދުޢާ ދަންނަވާފައި، ދެން އޮތީ ވާނެގޮތް ބެލުން. އިރާދަކުރެއްވިޔާ ކާމިޔާބީ ލިބޭނެ، ކުރާ ކޮންމެ ކަމެއްގައިވެސް.

އެހެންވީމާ، ތި ކުދިން ތި ކިޔަވަމުންދާ މި ދަނޑިވަޅުގައި، މި ދެ އަހަރު ތި ކުރާ މަސައްކަތަކީ، މި ދެންނެވި ގޮތަށް ކުރާ މަސައްކަތަކަށް ހަދަންޖެހޭނެ. އޭރުން އިރާދަކުރެއްވިއްޔާ އަމިއްލަ ހަޔާތް ކުރިއަށް ގެންދިއުމުގައި ލައިފުގައި ބޭނުންވާކަހަލަ މަތީ ހިސާބުތަކަށް ވާސިލުވުމުގައި ކާމިޔާބު ލިބޭނެ. މައިންބަފައިންވެސް އުފާވާނެ. ޤައުމު އުފާވާނެ. ތިޔަ ކުދިންނަކީ ޤައުމުގެ މުސްތަޤުބަލް، ޤައުމަށް ބޭނުންވާ އެކި ކަންކަމުގައި ޤައުމަށްވެސް ކަމެއް ކޮށްދޭން ތިބީ ތިޔަ ކުދިން. އަބަދުވެސް ދެކެން ޖެހޭނީ ތިމަންނައަށް ތިމަންނަގެ ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ؟ އެ ޤައުމީ ލޯބި ހުންނަން ޖެހޭނެ. އެ ޤައުމީ ލޯބި ހުރެގެން ކަމެއް ކޮށްދެވޭނީވެސް، އަމިއްލަ ނަފުސަށް ކަމެއް ކޮށްދީގެން. އެކަން ކުރުމުގެ ފުރުޞަތު މި ތަނުން މި ލިބެނީ. އެކަން ކޮށްދޭން ޕްރިންސިޕަލް މި ހުންނަނީ. ޓީޗަރުން މި ތިބެނީ. މެނޭޖްމަންޓް މި އޮންނަނީ. ސަރުކާރު މި އޮންނަނީ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ތިޔަ ކުދިންނަށް އަދި އޭލެވެލްއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް ގިނަ ފުރުޞަތުތައް އިތުރުކުރަން ނިންމާފައި މިވަނީ. އޭގެ ބައެއް ތަފުސީލު މިނިސްޓަރު އެ ދެއްވީ. މާލޭގައިވެސް އިރާދަކުރެއްވިއްޔާ ހަމަ މި އަހަރު، ދެން މި އަންނަ އަހަރު އެއަށްވުރެ ފުޅާކޮށް ފުރުޞަތު ލިބޭނެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް. އެހެންވީމާ، ފުރުޞަތު ހުޅުވައިލެވޭނެ އިރާދަކުރެއްވިއްޔާ. ރަނގަޅު ޓީޗަރުން ބިނާކުރަން މަސައްކަތް ކުރާނަން. ގެދޮރުގެ ފުރުޞަތު އިރާދަ ކުރެއްވިއްޔާ ތިޔަ ހުރިހާ ކުދިންނާއި ބެލެނިވެރިންނަށް ލިބޭނެގޮތް ފަހިކުރުމަށް މަސައްކަތް މި ވަނީ ފަށާފައި. އާމްދަނީގެ ފުރުޞަތުތައް، ތިޔަ ކުދިން ކިޔަވައި ނިމި، ރާއްޖޭގައި، ނޫނީ ރާއްޖެއިން ބޭރުގައި ޔުނިވަރސިޓީ ތަޢުލީމް ހާސިލުކޮށްގެން އައިސް ވަޒީފާއަށް ނުކުންނަން ވާއިރަށް، އާމްދަނީ ފުރުޞަތުތައް ހުޅުވައިލުމުގެ މަސައްކަތް މި ދަނީ ކުރަމުން. ދިވެހިންނަށް ޚާއްޞަ އެތައް ދާއިރާތަކެއް މިހާރުވެސް އެވަނީ ކަނޑައަޅައި، އެ މަސައްކަތް ފެށިފައި.

އެހެންވީމާ، ވަޒީފާގެ ފުރުޞަތުތައް ހުޅުވާލާނަން. ތިޔަ ކުދިން ކުރަންވީ ކަމަކީ އެ ކަމަށްޓަކައި ތައްޔާރުވާންވީ. އަމިއްލަ ނަފުސު ދެކެ އިތުބާރުކޮށް، ގަދައަޅައި މަސައްކަތްކޮށް، ކެތްތެރިކަމާ އެކީގައި، ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތް ކުރަންވީ. މަސައްކަތް ކުރީމަ އިރާދަކުރެއްވިއްޔާ ބޭނުންވާ ކަންކަން ހާސިލުވާނެ. އޭރުން ތިޔަ ކުދިންގެ ހަޔާތް ބިލްޑް ކުރާއިރުގައި، ތިޔަ ކުދިންގެ ފެމިލީސް ބިލްޑް ކުރާއިރުގައި، އެ ކުދިންނަށްވެސް ތިޔަ ކުދިންނަށް ތިޔަ ކުދިންގެ ހަޔާތުގައި ދެން އަންނާނެ މަރުހަލާތަކުގައިވެސް ރޯލް މޮޑެލުންނަށްވެސް ވެވޭނީ.

އެހެންވީމާ، މި ވަރުގަދަ ޢަޒުމުގައި މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން ކުރަންވީ ކަންތައްތައް. އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ، ލިބޭ ފުރުޞަތު. މި ވަގުތަކީ ދެން އަންނާނެ ވަގުތެއް ނޫން. ލިބޭ ވަގުތުގެ، ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަކީ ކާމިޔާބީއާއި ނާކާމިޔާބީގެ ތަފާތު. ވަގުތު އަނބުރާ ނާންނާނެ. ވެން އިޓްސް ގޯން، އިޓްސް ގޯން. ނިމުނީ.

އެހެންވީމާ، ވަގުތުގެ ފުރުޞަތުގެ ބޭނުން ހިފަން ވަރަށް މަސައްކަތް ކުރަންޖެހޭނެ. އެއީ ސްމާޓު ވުމަކީ. އެ ވަގުތާއި އެ ފުރުޞަތުގެ ބޭނުން އަމިއްލަ ނަފުސަށް އިތުބާރުކޮށް، ވަރުގަދަ ޢަޒުމެއްގައި މަސައްކަތްކޮށްގެން ހާސިލު ކުރުމަކީ، އެ ވަގުތު ބޭނުންކޮށްގެން ކާމިޔާބީ ހާސިލު ކުރުމަކީ ކޮންމެ ކުއްޖަކަށްވެސް ކުރެވޭނެ ކަމެއް. އަޅުގަނޑަށް އެ ޔަޤީންކަން އެބައޮތް. ޔަޤީންކަން ތިޔަކުދިންގެ ހިތުގައި އޮންނަންވީ. އަޅުގަނޑަށް ޔަޤީން އެ ގޮތަށްކަން މަސައްކަތް ކުރާނީ.

އާދެ. މާގިނަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. މި ވާހަކަ އެކަނި ދައްކަން ބޭނުންވީ. އެކަމަކު މިއީ އަޅުގަނޑު ގަބޫލު ކުރަނީ ތިޔަ ހުރިހާ ކުދިން ގަބޫލު ކުރާނެ ވާހަކައެއް ކަމަށް. އުމުރުދުވަހު އަބަދުވެސް، ކޮންމެ ކަމެއްގައިވެސް މިގޮތަށް މަސައްކަތް ކުރައްވާ. އިރާދަކުރެއްވިއްޔާ ކާމިޔާބީ ލިބޭނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. މި އިންސްޓިޓިއުޝަނަށް އަދި ދިވެހިރާއްޖެއަށްވެސް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.