بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފޮނަދޫގެ ލޮބުވެތި ރައްޔިތުން، ފޮނަދޫ ދާއިރާގެ ލޮބުވެތި ރައްޔިތުން، ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި އިސްވެރިން، ފޮނަދުއާއި ފޮނަދޫ ދާއިރާގެ އެކިއެކި މަގާމުތަކުގައި ތިއްބެވި އިސްބޭފުޅުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚްތުންނާއި، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު ކެމްޕެއިން ފަށަމުން، އިޢުލާނުކުރި ޕްލޭން، ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން، ނޫނީވިއްޔާ ވިސްނުން އެއީ، ރައްޔިތުން ބަލައިގެން އެއްޗަކީ. ރައްޔިތުން ބޭނުންފުޅުވަނީ އަބަދުމެ ވާހަކައިގެ ގޮތުގައި ތަރައްޤީ ނުބާއްވައި، ޢަމަލީގޮތުން ރައްޔިތުންނަށް އެކަން ފެންނަން. ދެމެހެއްޓެނިވި ގޮތެއްގައި އެކަން ވެގެންދާން. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހަޅައި، ރައްޔިތުން ބަލައިގެން ގޮތަކީ. އޭގައިވާ ގޮތުން، މި އަތޮޅަކީ ތަރައްޤީގެ ވަރަށް މުހިންމު، ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާނެ އަތޮޅެއް ގޮތުގައި އަޅުގަނޑު އިޢުލާނު ކުރިން. އަދި ކެމްޕެއިން ތެރޭގައި މި ރަށާއި މި އަތޮޅަށް އަޅުގަނޑު އައިސް، އެކިފަހަރު ބޭއްވުނު އެކި ބައްދަލުވުންތަކުގައި، އެ ވާހަކަ ދެކެވި، ރައްޔިތުން އެކަމަށް ބޭނުންވާތީ، އެގޮތަށް ކުރިއަށްދާން އަޅުގަނޑަށް ތާއީދު ކުރެއްވީ. އަޅުގަނޑު އެކަމަށްޓަކައި އަދިވެސް މި ރަށާއި މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް، ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ދެއްވި ފުރިހަމަ އިތުބާރާއި، ކުރެއްވި ތާއީދަށް ހިތުގެ އެންމެ ފުންމިނުން ހަމަ މިރޭވެސް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ދޭ ޔަޤީންކަމަކީ، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އެއީ، އިރާދަކުރެއްވިއްޔާ ފުއްދާނެ ވަޢުދުތަކެއް ކަމަށް. ހުރިހާ ވަޢުދެއް ފުއްދާނަން އިރާދަކުރެއްވިއްޔާ. އެގޮތުން، މި އަތޮޅުގެ ތަރައްޤީއަށް ޖުމްލަކޮށް ވެފައި ހުރި ހުރިހާ ވަޢުދުތަކެއް ހިމެނޭހެން މި ފޮނަދުއާއި މި ސަރަޙައްދުގެ ތަރައްޤީއާއި އަދި އޭގެ ސަބަބުން ހަމަ މުޅި އަތޮޅަށްވެސް އަދި ޙަޤީޤަތުގައި މުޅި ރާއްޖެއަށްވެސް ފައިދާވާނެ މަޝްރޫޢުތަކެއްގެ ފެށުން މިރޭ މި ފެށުނީ.

މިރޭ މި ފެށޭ މަޝްރޫޢުތަކަކީ، އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، ކެމްޕެއިން އިޢުލާނުކުރި ރޭ ފެށި، ނޫނީ އިޢުލާނުކުރި ތަރައްޤީގެ މާސްޓަރ ޕްލޭންގެ ބައެއް. ދެމެހެއްޓެނިވި ތަރައްޤީއެއް ރާއްޖެއަށް ބޭނުންވާތީ އެގޮތަށް އަޅުގަނޑު އިޢުލާނުކުރީ. ދެމެހެއްޓެނިވި ތަރައްޤީއަކަށް މިވަނީ އޭގެ ސަބަބުން އަހަރުތަކަކަށް އަޅުގަނޑުމެންގެ ދަރިންނާއި، އަދި އެ ދަރިންގެވެސް ދަރިންގެ، އަދި އޭގެވެސް ފަހަށް ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ކުރާނެ ތަރައްޤީއެއްގެ ވާހަކަ، ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކައަކީ.

އެ ވިސްނުމުން ބަލާއިރުގައި، އަޅުގަނޑު އިޢުލާނުކުރީ އަދި ރަސްމީކޮށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި މިހާރު ހިމެނިފައި މިއޮތީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަކީ، އެކުއެކީގައި ތަރައްޤީ ކުރެވޭ ހަތަރު އަތޮޅު ކަމަށް. އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައްޔާއި، ހަމަ އެފަދައިން، ދެކުނުގެ، އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން ޑިވެލޮޕްމަންޓް އިންޓަރގްރޭޓަޑް ޒޯން ހިމެނޭގޮތަށް. ދެން އޭގެއިތުރަށް، ރާއްޖޭގެ ހަތް ސަރަޙައްދެއް އެއީ، އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް. މިއިން ކޮންމެ ތަނަކީ މާލޭގައި މި ހުންނަ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ތަނެއް. އަދި އެއަށްވުރެވެސް ރަނގަޅަށް މާލެވެސް ހަމަ ތަރައްޤީ ކުރުން އެބައޮތް. މިއިން ކޮންމެ ތަނެއްގައި، މި ދެންނެވި ހުރިހާ ޚިދުމަތްތަކެއް އެންމެމަތީ ފެންވަރެއްގައި ޤާއިމުކުރެވިފައި ހުންނަންވާނެ ތަންތަނުގެ ގޮތުގައި. އެއީ، އަރބަން ސެންޓަރުގެ މަފްހޫމަކީ. މިގޮތުން ކަނޑައެޅީ ހަތް ސަރަޙައްދެއް އޮންނާނެ ކަމަށް. އޭގެތެރެއިން އެއް ރަށަކީ މި ރަށް، ލ. އަތޮޅު ފޮނަދޫ. އެކަން އަޅުގަނޑު ވާނީ ކުރިންވެސް އިޢުލާނުކޮށްފައި.

އަރބަން ސެންޓަރަކަށް މި ދެންނެވީ ވާގޮތް. ވާއިރުގައި އެންމެމަތީ ފެންވަރުގައި ހުރިހާ ޚިދުމަތްތަކެއް ޤާއިމުކުރެވިގެންދާނޭ. އެހެންވީމާ، އެ ޕްލޭންގެ ތެރެއިން މިދަނީ. މިއީ އެއްގޮތަކަށްވެސް ކުއްލި ކުއްލިއަށް، ނޫނީވިއްޔާ އެޑްހޮކްކޮށް މިކިޔާހެން ދައްކާ ވާހަކަތަކެއް ނޫން. އަޅުގަނޑު އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކަ، އެ ޕްލޭންގެ ދަށުން ހުރިހާ ވާހަކައެއް މި ދައްކަނީ. އެނަލައިޒް ކުރާ މީހަކަށް، ނޫސްވެރިންނަށް ވިޔަސް، އެނަލައިޒް ކުރާ މީހަކަށްވިއްޔާ ފާހަގަވާނެ، ހަމަ ސީދަލަށްކަން. އެއްވެސް ވާހަކައެއް އެނޫން ގޮތަކަށް އަޅުގަނޑު ނުދައްކަން އަދިއެއް. ތަރައްޤީގެ ވާހަކަ މި ދައްކަނީ އެއް ވާހަކައެއް. އެހެންވީމާ، މި ރަށުގެ ތަރައްޤީ މިއޮތީ މި ދެންނެވި ގޮތަށް، މި ދެންނެވި ހަތް ސަރަޙައްދުގެ ތެރެއިން އެއް ރަށް މި ރަށަކީ. އެހެންވީމާ، މި ރަށަށް އަންނަ ތަރައްޤީ، މި ދެންނެވީ، އެންމެ މަތީ ފެންވަރުގައި ޤާއިމުކުރަން ނިންމީ. ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ، މި އަތޮޅަށާއި މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމަކަށްވާތީ.

ދެން ކޮންކަހަލަ ކަންކަމެއްތޯ މީގައި ހިމެނޭނީ. އެއްކަމަކީ ގެދޮރުވެރިކަން. އެންމެ މުހިންމު ކަމަކީވެސް ގެދޮރުވެރިކަން. އެއީ، ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ކަމެއް. ކޮންމެ ރައްޔިތަކަށްވެސް އެއީ، މި ރަށްވިޔަސް، މާލޭގައި ހުރި މީހަކަށް ކަމުގައިވިޔަސް، ހަމަ އެންމެ ކުޑަކުޑަ އާބާދީ، 200 މީހުންގެ އާބާދީގެ ރަށެއްގެ މީހާއަށްވިޔަސް، އަސާސީ އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން. އެއީ، އެ ގެދޮރު ނުލިބި، އޭނާގެ ބޮލުގެ މައްޗަށް ހިޔާކުރެވިފައިވާ ހިޔާވައްސެއް، ފުރާޅެއް ނެތިއްޔާ، ދެން ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނީ. އެކަން އަދި އަމުދުން ފެންނާނެ، ބިން ނެތް، ބައިބޯ ރަށްރަށުގައި. އަރބަން ސެންޓަރެއްގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޔަޤީންވެގެންދާނީ ގެދޮރުވެރިކަން.

އެހެންވީމާ، މި ރަށުގެ ތަރައްޤީގައި އިތުރަށް ބިން ހިއްކަން އަޅުގަނޑު ވަޢުދުވީ އެހެންވެގެން. ބިން ހިއްކުމާ އެކީގައި، ރާއްޖޭގެ އެކި ކަންކޮޅަށް ހައުސިންގ މަޝްރޫޢުތައް ބެހިގެންދާއިރުގައި، އެކި ސްކޭލްގައި އެކި ރަށްތަކުގައި ހިންގިގެންދާއިރުގައި، އެންމެ ގިނަ ހައުސިންގ ޔުނިޓް އެޅޭ ރަށްރަށުގެ ތެރޭގައި ހިމެނޭ ހަތް ރަށަކަށް މިވަނީ، ހަތް އަރބަން ސެންޓަރު ކަމަށްވާއިރުގައި، މި ރަށުގައި މި ބިން ހިއްކުމުގެ މަޝްރޫޢާ އެކީގައި، ދެންމެ އިޢުލާނުކުރި މަޝްރޫޢެއް ނޫން. އެއީ، އެއަރޕޯޓް ބިން ހިއްކުން. މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢަކާ އެކީގައި، މި ދެންނެވި ފަދައިން، އިރާދަކުރެއްވިއްޔާ ހައުސިންގގެ ބިޔަ ބޮޑު މަޝްރޫޢެއް މި ރަށުގައި ހިންގާނަން. އެއީ، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން، ސީދާ ބަޖެޓުގެ ޚަރަދުގެ ތެރޭގައި ހިމަނައިގެންނާއި، އެކިކަހަލަ އިންވެސްޓަރުންގެ ފަރާތުންނާއި، އެކިކަހަލަ ފައިނޭންޝަލް މޮޑެލްތަކުގެ ތެރެއިން ހިންގާނެ މަޝްރޫޢުތައް. މީގެ ފައިދާއަކަށްވާނީ، މި ދެންނެވި ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން އަންނަ ކަންތައްތައް. އެއީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ވިސްނުން. މި ރަށުގައި މިހާރުވެސް މިގޮތަށް އާބާދީ އެއްފަސްކުރެވިފައި އެބަވޭ. ހަމަ ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުގެ ވިސްނުމަކީ، އަދި ސަރުކާރުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނީ އާބާދީ ކޮންސެންޓްރޭޓް ކުރެވިގެންނޭ. އެއީ، މަޖުބޫރުން ކުރާނެ ކަމެއް ނޫން. ހިތާއި ރުހުމުން ދުރު ރާސްތާއަށް ވިސްނައި، އަމިއްލައަށް ޚިޔާރުކުރާނެ ކަމެއް، އާބާދީ އެއްފަސްކުރުމަކީ. އެ ތަނެއްގައި އެ ހުރިހާ ޚިދުމަތެއް ޤާއިމުވެފައި ހުރިއްޔާ، އެބަންޑަންޓްލީ ހައުސިންގ، ބޭނުންވާވަރަށް ހައުސިންގ، ހައުސިންގ ނީޑަށްވުރެ ބޮޑަށް ހައުސިންގ ސްޓޮކް އެވޭލަބަލް ކަމަށްވަންޏާ، ނޫނީވިއްޔާ ގެދޮރު ބޭނުންވާވަރަށް ލިބޭ ކަމަށްވަންޏާ، އަދި އެއާ އެކީގައި، ރަނގަޅު ފެންވަރުގެ ޢުމްރާނީ ތަރައްޤީ އެ ތަނެއްގައި އޮތްނަމަ، އަދި އަމުދުން ވަޒީފާގެ ފުރުޞަތުތައް ލިބޭ ކަމަށްވަންޏާ، ހަމަ އެއާއެކީގައި، ޞިއްޙީ ނިޒާމު ވަރުގަދަކުރެވި، އެންމެމަތީ ފެންވަރަށް ތަޢުލީމު ލިބެންޏާ، އަމިއްލައަށްވެސް އެ ތަނަކަށް ހިޖުރަކުރާނެ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ.

އެހެންވީމާ، މި ރަށުގެ ތަރައްޤީގައި އަޅުގަނޑުމެންގެ ވިސްނުން މިހިރީ އެގޮތަށް. ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫޢަކާ އެކީގައި، ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫޢަކާ އެކީގައި ތަރައްޤީ ކުރިއަށް ގެންދިޔުން. އެ ވާހަކަ މި ދައްކަނީ. އަދި އެގޮތަށް ވަޢުދުވެސް ވެފައި އެވަނީ.

ދެން މިއޮތީ އާމްދަނީ، ނޫނީވިއްޔާ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން. މި އަތޮޅަށް އިޤްތިޞާދީ ފުދުންތެރިކަން އަދި އައިސްފައެއް ނެތް. ގެނެވިފައެއް ނުވޭ. އަންނަން ގާތްވެސްނުވޭ. އެހެންވީމާ، އިޤްތޞާދީ ފުދުންތެރިކަން ގެނައުމަށްޓަކައި ދުރު ރާސްތާއެއްގައި އެކަން ކުރުމަށްޓަކައި ކައްދޫ އެއަރޕޯޓުގެ ބިޔަ މަޝްރޫޢެއް ހިންގަން މިޖެހެނީ. އެހެންވީމާ، މި މަޝްރޫޢުގައި މިރޭ ސޮއިކުރެވިގެން މިދިޔައީ. އެއާ އެކީގައި، އެ އެއަރޕޯޓް މަޝްރޫޢާ އެކީގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، ކައްދޫގެ އެއްބަޔަކީ ޓޫރިޒަމަށްވެސް ޚާއްޞަކުރެވޭ ތަނަކަށް ހެދުން. ޙަޤީޤަތުގައި ކައްދުއަށް ޓޫރިޒަމް ގެންނަންޖެހޭ. ހަމަ އެއާއެކީގައި، މުޅި އަތޮޅަށްވެސް. އަޅުގަނޑުމެންގެ ވިސްނުމުގައި މިއޮތީ، މި އަތޮޅުގެ ހުރިހާ ދާއިރާއެއްގައިވެސް، ހުރިހާ ދާއިރާއެއްގައިވެސް، އެ ދާއިރާއެއްގައި މީހުން ދިރިއުޅޭ ރަށްތައް ކައިރިން ރިޒޯޓުތަކެއް ތަރައްޤީވެގެން ދިޔުން. އެކި ކޮންސެޕްޓްގެ ރިޒޯޓުތައް. އެއީ، އިކޯ ޓޫރިޒަމް. މިސާލަކަށް، ގާދޫ. އަދި މި އަތޮޅުގެ އެހެން ދާއިރާތައްވެސް އިކޯ ޓޫރިޒަމަށް ވަރަށް އެކަށޭނަ ތަންތަން އެބަހުރި. އިކޯ ޓޫރިޒަމާއި، ސިޓީ ހޮޓެލް އެޅުމާއި، ޢާންމުކޮށް މި ހުންނަ ކަހަލަ ޓޫރިސްޓް ރިޒޯޓުތަކާއި، ގަމުގައި އަޅުގަނޑުމެން އިޢުލާނުކުރި އައްސޭރި ޓޫރިޒަމް.

އެހެންވީމާ، މިހެންގޮސް އެކިކަހަލަ ޓޫރިޒަމް ޕްރޮޑަކްޓްތައް އެބަހުރި ގެނެވެން. އެއީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ގޮތަކީ. މިހާރު ޓޫރިޒަމް މިނިސްޓަރ ވަރަށް ބުރަކޮށް އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ. އަޅުގަނޑުމެންނެއް ނުދާނަން މަޑުމަޑުންނެއް. ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ ތަރައްޤީ ގެންނަން ބޭނުންވަނީ. އެހެންވީމާ، ކައްދުއަށް ޓޫރިޒަމް ގެނެވޭނެ. އަޅުގަނޑުމެންގެ ވިސްނުމުގައި މިހިރީ އެތަނުގައި އެމް.އެން.ޑީ.އެފް.ގެ ވަރުގަދަ ފެސިލިޓީއެއް ހުރީމަ، އެތަން އަނެއްކާ ބޮޑު ޚަރަދެއް ކޮށްފައި އެހެން ތާކަށް ރިލޮކޭޓް ކުރުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެތީ، އެތަންވެސް އެތާ ހުންނާނެ ގޮތަށް ބިން ހިއްކުމުގެ މަޝްރޫޢުގެ ލޮކޭޝަން ރަނގަޅަށް ކަނޑައަޅައިގެން ބިން ހިއްކައި، އެއަރޕޯޓް ތަރައްޤީ ކުރުމަށް. އެހެންވީމާ، އެންމެ ބޭނުންތެރި ގޮތުގައި މި ކުރެވޭ ޚަރަދުކޮށްގެން، ބޭނުންތެރި ގޮތުގައި، މި އަތޮޅަށާއި މި ރަށަށް އޭގެ ފައިދާ އެންމެ ބޮޑުވާނެ ގޮތަށް މި އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށްދާނީ.

ދެން މި އެއަރޕޯޓް ކުރިއަށް ގެންދަން ބަލާއިރުގައި، މިހާތަނަށް އެއަރޕޯޓުގެ ކޮމްޕެނީއެއް މިއޮތީ ކައްދޫ ޑިވެލޮޕްމަންޓް އެއަރޕޯޓް ކޮމްޕެނީއެއް ގޮތުގައި އޮތް ކޮމްޕެނީ. އެކަމަކު އޭގެ ސަބަބުންނެއް މި މަޝްރޫޢު ކުރިއަކަށް ނުއެއް ގެންދެވޭނެ. ވަރަށްގިނަ ސަބަބުތައް އޭގައި ހުރީމަ. އަޅުގަނޑު މިހާރު ވާނީ އެގޮތަށް ނިންމައި، ކައްދޫ އެއަރޕޯޓް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާ ހަވާލުވެސް ކޮށްފައި. ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ އެމް.ޑީ.ވެސް މިތާ އެބަ އިންނެވި. ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން ކައްދޫގެ އެއަރޕޯޓް ހިންގަން ނިންމައި އަދި އެކަން މިހާރު ހަވާލުވެސް ކުރެވިފައި އެވަނީ.

އެހެންވީމާ، ކައްދޫގެ އެއަރޕޯޓް ތަރައްޤީ، އިންޓަރނޭޝަނަލް ވަރުގަދަ އެއަރޕޯޓަކަށް ހެދިގެންދާއިރުގައި، މި ދެންނެވި އެމް.އެން.ޑީ.އެފް.ގެ ފެސިލިޓީވެސް ހަމަ އެތާހުރެ، އެ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާނީ އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތަށް ރާވައިގެން.

ދެން ހަމަ އެއާއެކީގައި، މި ދެންނެވިހެން ފޮނަދޫގައި ކުރިން މި ދެންނެވި ގޮތަށް، އަރބަން ސެންޓަރެއްގައި ހުންނަންޖެހޭނެ ހުރިހާ ޚިދުމަތްތަކެއް ހިމެނޭގޮތަށް ގެދޮރުވެރިކަމާއި، އަދި ކުރިން އަޅުގަނޑު ވަޢުދުވެފައިވާ ހުރިހާ ކަމެއް، އޭގެތެރޭގައި މިސާލަކަށް، ދެ ޔުނިވަރސިޓީގެވެސް ކެމްޕަސް މިތާ ޤާއިމުކުރުން. މިހާރު ބަޖެޓުގައިވެސް ހިމަނާފައި އޮންނާނީ، ވަޢުދުވީ ގޮތަށް. ދެ ޔުނިވަރސިޓީގެ ކެމްޕަސް، ލޭންގްވިޖް ސްކޫލެއް ޤާއިމުކުރުންވެސް، އޮފީސް ކޮމްޕްލެކްސް އިމާރާތް އެޅުމާއި، ހުރިހާ މަގެއް ރަނގަޅު ފެންވަރުގައި ހެދުމާއި، ބަނދަރު، ރަނގަޅު ފެންވަރުގައި، މުދާ އަރުވައި ބޭލޭ ފެންވަރުގައި ރަނގަޅު ރީޖަނަލް ބަނދަރަކަށް ހެދުމާއި، މި ހުރިހާ ކަމެއް އެހެރީ ވަޢުދުވެފައި. އަދި އެގޮތަށް ޕްލޭން ކުރެވި، އަދި މި އަހަރުގެ ބަޖެޓުން ކޮންމެވެސްވަރަކަށް ޖާގަ ހަމަޖެހިފައި ހުރީ. އެހެން ނަމަވެސް، ޔަޤީނުންވެސް ކުރިއަށް ގެންދާނަން. މި އަންނަ އަހަރުވެސް ބަޖެޓްތެރެއިން އިރާދަކުރެއްވިއްޔާ ބާކީ މަސައްކަތް ހިމެނޭނެ.

މިގޮތަށް ހުރިހާ މަޝްރޫޢުތަކެއް އެހެރީ ރޭވިފައި. އެހެންވީމާ، މި ހުރިހާ ކަމެއް ކުރިއަށްދާއިރުގައި، ނަތީޖާއަކަށްވާނީ މި ތަރައްޤީގެ މާސްޓަރ ޕްލޭންގައި، މި އަތޮޅާއި، މި ދާއިރާ އަދި ޖުމްލަކޮށް މި ހައްދުންމަތި އެކުއެކީގައި މި އަތޮޅުގެ ރައްޔިތުން އުންމީދުކުރާ ގޮތަށް އެންމެ ބޮޑަށް ތަރައްޤީގެ މިންވަރު ހާސިލު ކުރެވިފައިވާ އަތޮޅެއް ގޮތަށް މި އަތޮޅުވެސް ހިމެނިގެންދިޔުން. އިރާދަކުރެއްވިއްޔާ އެކަން ހާސިލުކޮށްދޭނަން. އެ ޔަޤީންކަން އަޅުގަނޑު ދެން.

އޭގެ ނަތީޖާއަކަށްވާނީ، ދެންމެ މި ދެންނެވިހެން ރާއްޖޭގެ ހަތް ސަރަޙައްދެއް މި ފެންވަރަށް ތަރައްޤީ ކުރެވި، އެންމެ އުތުރާއި، އެންމެ ދެކުނުގައި އެ ފެންވަރުގައި ތަންތަން ތަރައްޤީ ކުރެވުނީމަ، ދެން ދުރު ރާސްތާގައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރައްޔިތުންނަށް އެންމެމަތީ ފެންވަރުގެ ޚިދުމަތް ލިބިފައި ހުންނާނީ. އެހިސާބަށް ދަންދެން މިހާރު މި ހިނގާ ގޮތަށް ހިނގާނެ. އެންމެ ކުޑަ ރަށަށްވެސް، އެ ރަށަކަށް ބޭނުންވާ ކަންކަން ކޮށްދޭނަން. އެންމެ ބޮޑު ރަށުގައިވެސް ހަމަ އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ، އެ ރަށެއްގެ އާބާދީވެސް އެ ބޭނުންވާވަރުގެ ކަންތައްތައް ބަޖެޓުގައި ހިމަނައިގެން، ސްކޫލް، ހޮސްޕިޓަލް، ހެލްތް ސެންޓަރ، ދެންވެސް ހުންނަ ހުރިހާ ކަމެއް، ކުޅިވަރު ކަންތައްތައް، އެ ރަށެއްގެ ނިސްބަތުން ޤާއިމުކޮށްދީގެން، މި ދެންނެވި ތަރައްޤީގެ ބިޔަ ކަންކަން ކުރުން. ކުރީމަ ދެން ރައްޔިތުން ޚިޔާރު ކުރާނެ، ދެން އޮތް މަރުޙަލާގައި ތިމަންނަމެން ހިޖުރަކުރާނީ މިވެނިތާކަށޭ. ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ، އަޅުގަނޑު މި ވާހަކަ ދައްކާއިރު، މިކަން އޮޅުވާލަންވެސް އުޅެފާނެ. ދެން ރައްޔިތުން ވަރަށް ސާފުކޮށް އަޑުއައްސަވާނެ. ވަރަށް ސާފުކޮށް އަޅުގަނޑު މި ވާހަކަ މި ދައްކަނީ. ވަރަށް ކަނުލައި އަޑުއައްސަވާ، މީހުން މި ދައްކާ ވާހަކަތައް. އަޅުގަނޑު މި ދަންނަވާ ވާހަކަތައް، އެއްވެސްވަރަކަށް އޮޅުވައިލެވޭނެހެނެއް ހިއެއްނުވޭ. ހުރިހާ ރަށެއްގެ ރައްޔިތުން އަޅުގަނޑު ގާތު ހަމަހަމަކަމަށް އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ. އެންމެ ކުޑަ ރަށަށްވެސް، އެ ރަށެއްގެ ރައްޔިތުންނަށް ހުރިހާ ޚިދުމަތެއް ލިބޭނޭ. އެގޮތަށޭ ބައްޓަން ކުރެވިފައި މިއޮތީ. އެގޮތަށް ކުރިއަށްވެސް މިދަނީ. ދާއިރުގައި، މެދު ރާސްތާ އަދި ދުރު ރާސްތާއަށް ދެމެހެއްޓެނިވި، އެއް ފެންވަރެއްގެ އެންމެމަތީ ޚިދުމަތް ދެވޭނީ، މި ދެންނެވި ގޮތަށް ސަރަޙައްދީ ތަރައްޤީ ގެނެސްގެން ކަމުގައިވާތީ، ދެ ކަންތައް އެއްކޮށް ގެންދާ ވާހަކަ މި ދައްކަނީ. އެހެންވީމާ، މި ވާހަކަ އޮޅުވައެއްނުލެވޭނެ. ވަރަށް ސާފުކޮށް މިއޮތީ. ފުރަތަމަ ދުވަހު މެނިފެސްޓޯ އިޢުލާނުކުރި ރޭ ދެއްކި ވާހަކަ މިރޭ މިތާވެސް މި ދައްކަނީ.

އެހެންވީމާ، ރައްޔިތުން ގާތު އަޅުގަނޑު އެދޭ ކަމަކީ، އަދި ބަޔަކު ސިޔާސީ ވިސްނުމެއްގައި، އެ ބޭފުޅުން ކަންކަން އޮޅުވާލަން ދައްކާ ވާހަކަތައް ދެއްކެވިޔަސް، އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް އަމިއްލަ ސިކުނޑިން ވިސްނާވަޑައިގަންނަވާށޭ، ކޮބައިކަން ތެދު ޙަޤީޤަތަކީ. އެއީ، އަޅުގަނޑު އެންމެ މުހިންމު މެސެޖެއްގެ ގޮތުގައި މިކަމުގައި ދޭންއޮތް މެސެޖަކީ. އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި މި ރޭވިފައި ހުރި ހުރިހާ ކަމެއް ކުރިއަށްދާއިރުގައި، އޭގެ ފޮނިމީރުކަން، ފޮނަދޫގެ ރައްޔިތުންނަށް އަދި މުޅި އަތޮޅުގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ.

ދެން މާދަމާ ގަމުގައި ޖަލްސާ އޮތީމަ، އެ ރަށުގެ ހުރިހާ ކަމެއް މިރޭ ޙިއްޞާ ނުކުރިޔަސް، ކުރިން ވާނީ ހަމަ ހުރިހާ ކަމެއް އިޢުލާނު ކުރެވިފައި މެނިފެސްޓޯގައިވެސް ހިމަނައި ވަޢުދުވެވިފައި. ކޮންމެ ރަށަކަށްވެސް ވީ ވަޢުދެއް، ކޮންމެ އަތޮޅަކަށްވެސް ވެފައި އޮތް ވަޢުދެއް ވިއްޔާ، ފުއްދުމުގެ ނިޔަތުގައި ވަޢުދުވީ. ފުއްދަންވެގެން. ފުއްދޭނެކަން އެނގޭތީ އިރާދަކުރެއްވީތީ. އަދި ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތީމަ. ރައްޔިތުންގެ ކިބައިން ބޭނުންވަނީ އެއްބާރުލެއްވުން. ރައްޔިތުންގެ އަތްޕުޅުގައި އެބައޮތް އެ އެއްބާރުލުން ދެއްވޭނެ ގޮތް. އެއީ، ރައްޔިތުންގެ މަޖިލީހާ ނުލައި ޙަޤީޤަތުގައިވެސް ނުވާނެ. މިއީ އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ނޫން. ވިސްނާވަޑައިގަތީމަ ފަހުމްވެވަޑައިގަންނަވާނެ. ޙަޤީޤަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާ ނުލައި ނުކުރެވޭނެ ތަރައްޤީގެ މަސައްކަތްތަކެއް. ނުކުރެވޭނެ. ބަޖެޓުގައި ނުހިމަނައި ކިހިނެއްތޯ އެ މަޝްރޫޢުތައް، ދެންމެ މި ދެންނެވި މަޝްރޫޢުތައް ކުރިއަށް ގެންދާނީ. މި ރަށުގައި އޮފީސް ކޮމްޕްލެކްސް އެޅުން، މަގުހެދުން، ބިން ހިއްކުން، ޔުނިވަރސިޓީތަކުގެ ކެމްޕަސް ޤާއިމުކުރުން، ލޭންގްވިޖް ސްކޫލް ހެދުން، ބަނދަރު ހެދުން. ދެން ހައުސިންގ މަޝްރޫޢުތައް ހިންގުން، ބަޖެޓުގައި ނުހިމަނައެއް ނުގެންދެވޭނެ ކުރިއަކަށް. ހަމަ އެފަދައިން، ދެންހުރި ރަށްތައްވެސް.

އެހެންވީމާ، މަޖިލީހުގެ ސަޕޯޓް، ޒަރޫރީ އެއްޗަކަށް މިވަނީ. އެކަން ކޮށްދެވެން މިއޮތީ ރައްޔިތުންނަށް. އެއީ، އިންތިޚާބަކުން މަޖިލިސް ހޮވާތީވެ. ރައްޔިތުންގެ އަތްޕުޅަށް އެބަ އާދޭ، ކަންދިމާކުރި ގޮތުން، މީގެ ދިހަވަރަކަށް ދުވަސް ފަހުން އެ ބާރު. އެހެންވީމާ، އެ ވާހަކަ ހަނދާންކޮށްދެވޭތޯ މި ބަލަނީ.

އަޅުގަނޑު އެދެނީ އަދި ޔަޤީންވެސް ކުރަނީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އަޅުގަނޑު މި ދައްކާ ވާހަކަ ގަބޫލުކުރައްވާނެ ކަމަށް. އަޅުގަނޑު މި ދައްކަނީ އިޚްލާޞްތެރިކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވާހަކަ. ރައްޔިތުން އެދޭގޮތަށް ނަތީޖާ ނެރެދިނުމުގެ ވާހަކަ. ރައްޔިތުން ބޭނުންވާ ތަރައްޤީ، ރައްޔިތުންނަށް ގެނެސްދިނުމުގެ ވާހަކަ. ރައްޔިތުން ބޭނުންވާ ގޮތަށް މި ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމުގެ ވާހަކަ. އަޅުގަނޑު ބޭނުމެއްނޫން، މިތާނގައި ތާއަބަދު، ތާއަބަދު ދެކޮޅުވެރިކަމާއި، ހަމަނުޖެހުމާއި، ބަދަލުހިފުމުގެ ރޫޙު އޮންނަ ޤައުމަކަށް މިތަން ވާކަށް. ރައްޔިތުންނަށް އެއަށްވުރެ މާ މުހިންމު، ހަމަޖެހިގެން ރައްޔިތުން އުފާފާގަތިކަމުގައި ކުރިއަށްދާނެ ދުވަސް މިތާނގައި ޤާއިމުވެގެންދާން. އެއީ، އަޅުގަނޑު ބޭނުންވާ ކަމަކީ. އެކަން ކުރެވޭނީ، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރާނެ މަޖިލީހަކާއި، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރާނެ ސަރުކާރެއް އޮވެގެން. ސަރުކާރު މިއޮތީ ރައްޔިތުންނާ އެކީގައި.

އަޅުގަނޑު މި ވާހަކަ މި ދައްކަނީ، މި ޤައުމުގައި ހަމަޖެހުމާ އެކީގައި ރައްކާތެރިކަންވެސް ޤާއިމުވެގެންދާން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ މިނިވަންކަންވެސް ރައްކާތެރިވެފައި އޮންނަން. ރައްޔިތުންވެސް ބޭނުންވަނީ އެގޮތް. މިދިޔަ އިންތިޚާބުގައި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވި ކަންތައް އެއީ، މިނިވަންކަމުގެ ރައްކާތެރިކަން ނެތިގެން. މިތާނގައި އެހެން ޤައުމެއްގެ ސިފައިން އެބަތިބި. އަޅުގަނޑުމެންގެ މިނިވަންކަމެއް ޔަޤީނެއްނުވޭ. މިނިވަންކަމުގެ އިޙްސާސެއްވެސް އޭރަކު ނުވޭ. ކޮންމެ ކަމެއް ކުރަންވީމަވެސް، ކޮންމެވެސް އެހެން ބައެއްގެ ބާރުގެ ދަށުގައި އަޅުގަނޑުމެން ކަންކަން ނިންމާ ހިސާބުގައި ޤައުމު އޮތީ. އެހެންވީމާ، ޤައުމަށް މިނިވަންކަން ޔަޤީންވެ، އަޅުގަނޑުމެންނަކީ ސިޔާދަތީ ބާރު އޮތް، އަޅުގަނޑުމެންގެ އިމުގެ ތެރޭގައި އަޅުގަނޑުމެންގެ ބަސްކިޔާ ޤައުމަކަށް އަޅުގަނޑުމެން ބޭނުންވާތީ، ރައްޔިތުން އެގޮތަށް ގޮތް ނިންމީ.

އެހެންވީމާ، އެގޮތުގައި ކުރިއަށް ދެވޭނީ، އަދި އެކަން ފުރިހަމައަށް ޔަޤީން ކުރެވޭނީ، ރައްޔިތުން އެގޮތުގައި އެއްބާރުލުން ދެއްވަންޏާ. މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، މި ހުރިހާ ގޮންޖެހުމަކާ އެކީގައިވެސް، މަޖިލިސް ތެރެއިން އައި ހުރިހާ ގޮންޖެހުމަކާ އެކީގައިވެސް ވަރަށްގިނަ ކާމިޔާބީތައް، މި މިނިވަންކަން ޔަޤީންކުރުމުގެ ތެރެއިންވެސް މިވަނީ އިރާދަކުރެއްވީތީ ހާސިލުކުރެވިފައި. ބޭރުގެ ސިފައިން ބޭލުމުގެ ކަންތައް އެދަނީ، ދެފަރާތުން އެއްބަސްވި ތާވަލާ އެއްގޮތަށް ކުރިއަށް. އަދި ދެންހުރި ކަންކަންވެސް. އަޅުގަނޑުމެންގެ އަމިއްލަ، އަމިއްލަ ބާރުވެރިކަން. ދުވަހަކުވެސް ކުރެވިފައި އޮތް ކަމެއް ނޫނޭ މިއީކީ. އަޅުގަނޑުމެންގެ މި ބިޔަ ބޮޑު އިޤްތިޞާދީ ސަރަޙައްދު ދުވަހަކުވެސް އަމިއްލައަކަށް ބެލެހެއްޓުނު ތަނެއް ނޫން މިއީ. އެކަމަކު މިހާރު އިރާދަކުރެއްވީތީ މިހާރު އަޅުގަނޑުމެންގެ އަމިއްލަ އެއަރ ކޯރއެއް، އެމް.އެން.ޑީ.އެފް.ގައި ޤާއިމުކުރެވި، އެން.އެން.ޑީ.އެފް. އިން ބެލެހެއްޓުމުގެ ކެޕޭސިޓީ އެއޮތީ ޤާއިމުކުރެވިފައި. އެއެއް ނޫންތޯ، މިނިވަންކަން އިޙްސާސް ވުމަކީ. މި ހުރިހާ ގޮންޖެހުމެއްގެ ތެރެއިންވެސް. އަދި ދެން މަޖިލީހުގެ ފުރިހަމަ ތާއީދު، މި ސަރުކާރުން މިކުރާ ކަންކަމަށް ލިބެންޏާ، ވިސްނާވަޑައިގެން، ދެން އަޅުގަނޑުމެންނަށް މި ހުރިހާ ކަމެއް ފުރިހަމަކުރެވޭނެ މިންވަރު.

އެހެންވީމާ، ޤައުމީ ވިސްނުމެއްގައި ކުރިއަށް ދާން އަޅުގަނޑު މި އެދޭ ސަބަބަކީ އެއީ. ޤައުމީ ވިސްނުމެއްގައި، މި ޤައުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ކުރާ ކަންކަން މިއީ. ކުރަންޖެހޭ ކަންކަން މިއީ. އެ ވާހަކަ އަޅުގަނޑު މި ދައްކަނީ. ރައްޔިތުން އެދޭ ތަރައްޤީ އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. ރައްޔިތުން އެދޭގޮތަށް ޤައުމުގެ ހަމަޖެހުން ޤާއިމުކޮށްދޭނަން. ރައްޔިތުން އެދޭފަދަ އަމާން، ރައްކާތެރި، މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ކުރިއަށް ގެންދާނަން. މިކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވެން އޮތް ހުރިހާ ކަމެއްގައި ދެއްވާ ކަމަށްވަންޏާ ނަތީޖާ ވަރަށް ތަފާތުކޮށް، ވަރަށް ފުރިހަމައަށް ނެރެވޭނެ.

އަޅުގަނޑު ބޭނުންވަނީ މިގޮތަށް ކުރިއަށްދާން. ބައްލަވާ އިޤްތިޞާދު، އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތް ހިސާބު. އަޅުގަނޑުމެންގެ އިޤްތިޞާދު އޮތީ ހަމަ ޙަޤީޤަތުގައިވެސް، މިނިސްޓަރ ސަޢީދު މިއަދުވެސް އެ ވާހަކަފުޅު ވިދާޅުވި. އެ ބޭފުޅުން ރާވާފައި އޮތް ގޮތަށް ދިޔަނަމަ، ޙަޤީޤަތުގައިވެސް އޮތީ އަޅުގަނޑުމެންގެ އިޤްތިޞާދު އެކީ ހަލާކުވެގެން، ދަރަނިވެރިވެގެން، ބޭރުގެ ދަރަނި ނުދެއްކޭ ހިސާބަށް އަޅުގަނޑުމެން ގެންދާގޮތަށް ރާވާފައި. ބޭރުގެ ދަރަނި ނުދެއްކިއްޖިއްޔާ ދެން އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމާއި، އެކީގައި މިނިވަންކަން ގެއްލުނީ. އިޤްތިޞާދީ މިނިވަންކަން ގެއްލުނީމާ ޙަޤީޤަތުގައި ޤައުމުގެ މިނިވަންކަން އެދިޔައީ. އެހެން އޮތީ. އެހެން ނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެން މިވަނީ ވަރަށްގިނަ މަސައްކަތް ކޮށްފައި. ވަރަށް އުނދަގޫ މަރުޙަލާތަކެއް ކުރިއަށް މި ކަޑައްތުކުރީ. ކުރުމުގެ ސަބަބުން މިހާރު މިވަނީ އަޅުގަނޑުމެންގެ ރުފިޔާގެ އަގު މައްޗަށް އަރަން ފަށާފައި. ރުފިޔާގެ އަގު މައްޗަށް އަރަން ފަށާފައި. އެއީ، އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލީމަ. ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ މި ޤައުމުގެ އިޤްތިޞާދު މި ޤައުމުގައި އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތް ހިސާބުން ކުރަން އެންމެ އުނދަގޫ ކަންތައް. އެހެންވީމާ، އައި.އެމް.އެފް. އިންވެސް އެކަން އެހާބޮޑަށް ފާހަގަކުރަނީ. އަޅުގަނޑާ އެންމެފަހުން ޔޫ.އޭ.އީ.ގައި ބައްދަލުވި، އައި.އެމް.އެފް.ގެ މެނޭޖިންގ ޑިރެކްޓަރ. އެ ބޭފުޅާ ވިދާޅުވީ، މި ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ، ހަމައެކަނި އެންމެ ގޮތެކޭ. އެއީ، ކުރިއަރައިދިޔުމޭ. އެނޫން ގޮތެއް ނެތޭ. އެކަމަށް ހެކިވެވަޑައިގަންނަވާނެ މިނިސްޓަރުން މިތާ އެބަ ތިއްބެވި. އެ މީޓިންގގައި ތިއްބެވި.

އެހެންވީމާ، ނަތީޖާ ރަނގަޅުވާނެ. އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި މި ފެށި މަސައްކަތުން ރައްޔިތުންނަށް ދައްކަން ހުރި ފައިސާ އަޅުގަނޑުމެން ދައްކަމުން، ބޭރަށް ދައްކަންހުރި ފައިސާ ދައްކަމުން، ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައިގެން ކުރިއަށް މިގެންދަނީ. އަދި މިއާ އެކީގައި، އެ އެހާ ހާލުގައި ބަޔަކު ޖައްސާފައި އޮތީމަ، ދެވެންހުރި ލުޔެއްވިއްޔާ ރައްޔިތުންނަށް ދެވޭތޯވެސް ބަލަމުން މިގެންދަނީ އިރާދަކުރެއްވީތީ.

މި ރަމަޟާން މަހުވެސް އަޅުގަނޑުމެން މި ބެލީ އެގޮތުން ވީހާވެސް ގިނަ ލުއިތަކެއް، ޚަރަދުގެ ތެރެއިން ކަނޑާލާފައި، ޚަރަދު ކުރަންޖެހޭވަރު ކުޑަކުރުމަށް ބިލްތަކުންނާއި ގޮތްގޮތުން ލުއިތައް ދެވޭތޯ. އެގޮތުން ބަލާއިރުގައި، އަޅުގަނޑުމެން މިހާރު އިތުރު އެހެން ކަމެއްވެސް ކުރަން ނިންމާފައި މިއޮތީ ލުއި ދިނުމުގެ ގޮތުން. މިދިޔަ ކޯވިޑުގެ ތެރޭގައި ވަރަށްގިނަ މީހުން ހާލުގައި ޖެހުނު. ވަރަށްގިނަ މީހުން ލޯނުނެގި. ކޯވިޑުގެ ސަބަބުން ނެގި ލޯނުތައް. އެސް.ޑީ.އެފް.ސީ. ބޭންކުން ނެގި ލޯނު. މި ލޯނުގެ އިންޓްރެސްޓް އަރަމުން ގޮސް، ނުކަތާ ހިސާބަށް އެ ލޯނު ނެގި ފަރާތްތައް ވަނީ ގޮސްފައި. ދެން މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ، އެ އިންޓްރެސްޓް މާފުކުރާނަމޭ. އެކަމަކު ނުކުރޭ. ނުކޮށް ވެރިކަން ބަދަލުވެގެންދިޔައީ. އަޅުގަނޑުމެން ހަވާލުވެފައި، މި ކޯވިޑް ލޯނު ނެގި ފަރާތްތަކުގެ އިންޓްރެސްޓް މާފުކުރުމަށްޓަކައި މަސައްކަތް ފެށިން. މިދިޔަ ހަތަރުމަސް ތެރޭގައި އެ މަސައްކަތް ކުރެވިފައި އެވަނީ. ކޮށް މިހާރު ހުރިހާ މަސައްކަތެއް އެވަނީ ނިންމާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ޢީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުޞަތު ދޭނަން. ކޯވިޑުގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް، ސަރުކާރުން މާފުކުރަން މިހާރު މިއޮތީ ނިންމާފައި. އެއީ، އެ ލޯނު ނެގި ހުރިހާ އެންމެންނަށް އިންޓްރެސްޓް މާފުވާނެ. ދެން އެ ލޯނު ނެގި ފަރާތްތަކުން، ޢީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެސް.ޑީ.އެފް.ސީ. ބޭންކަށް އެޕްލައި ކުރީމަ، އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަކޮށްފައި އެގްރީމަންޓް ހެދީމަ ލޯނުގެ މި އިންޓްރެސްޓް މާފުވާނެ.

ހަމަ އެއާ އެކީގައި، މި ކޯވިޑާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗް.ޑީ.އެފް.ސީ. އިން ހައުސިންގ ލޯނު ނަގާފައި ތިބި ފަރާތްތައްވެސް އެބަވޭ. އެ މީހުންނަށްވެސް އޭރުއޮތީ މޮރިޓޯރިއަމަކުން މަހުން މަހަށް ދައްކަންޖެހޭވަރު ލަސްކޮށްދީފައި. ނަމަވެސް، އިންޓްރެސްޓް އަރަމުން އަރަމުން ގޮސްފައި ނުކަތާ ހިސާބުގައި އޮތީ. އެވެސް މާފުކޮށްދޭނެ ކަމަށް އެ ސަރުކާރުން ވާހަކަ ދެއްކީ. ޢަމަލީގޮތުން ނުކުރޭ. އަޅުގަނޑުމެން އެ މަސައްކަތްވެސް މިހާރު ކޮށްފިން. އިދާރީ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ހަވާލުވެފައި. އަޅުގަނޑުމެން އެއްވެސް ކަމެއް ނުބާއްވަމޭ، އިންތިޚާބެއް އައިސް ބޯމަތިވީމަ ކުރާކަށް. ފުރަތަމަ ދުވަހު ހުރިހާ ކަމެއްވެސް ފަށައިގެން މިއަދާ ހަމަޔަށް މި އަންނަނީ. އަދި ހަތަރުމަސްވީ. މިހާރު އެވެސް އެއޮތީ ނިމުމަކާ ހަމަޔަށް ގޮސްފައި. އެހެންވީމާ، އެޗް.ޑީ.އެފް.ސީ. އިން ހައުސިންގ ލޯނު ނެގި ފަރާތްތަކަށްވެސް، އެ ކޯވިޑުގައި އެ އެރި އިންޓްރެސްޓް އެކީގައި މާފުކުރަން ސަރުކާރުން މިއޮތީ ނިންމާފައި. އެވެސް އެޕްލައި ކުރެވޭނެ، އެޗް.ޑީ.އެފް.ސީ. އަށް، ޢީދު ބަންދަށްފަހު ހުޅުވުނީމަ.

އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން މި ބޭނުންވަނީ ރައްޔިތުންނަށް ލުއިދޭން. ފައިސާ ޗާޕްނުކޮށް، ލުއިދެމުން، ބޭރުގެ ދަރަނި ދައްކަމުން، އެތެރޭގެ އެކި ކުންފުނިތަކަށް ސަރުކާރުން އެކި ތަންތަނުން ދަރާފައި ހުރި ދަރަނި ދައްކަމުން، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން، ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުން، އާމްދަނީ އިތުރުކުރުން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. މިނޫން ގޮތަކަށް އެބަ ގެންދަންތޯ އަޅުގަނޑުމެން، ނުގެންދަން. މިނޫން ގޮތަކަށް ނުގެންދަން. ސަރުކާރުގެ ހުރިހާ ކުންފުނިތައް އޮތީ، ދެތިން ކުންފުންޏެއް ފިޔަވައި ދަރާފައި، އަޅުގަނޑުމެންނާ ހަވާލުވީއިރު. އެކަމަކު މިހާރު މިއިން ކޮންމެ ކުންފުންޏެއް ފައިމައްޗަށް ތެދުވަމުން އެދަނީ. ފެނަކަ އެމް.ޑީ. އެބަ އިންނެވި. އެމް.ޕީ.އެލް.، އެކި ކުންފުނިތައް. އެމް.ޓީ.ސީ.ސީ. މި ހުރިހާ ކުންފުނިތައް އޭރު އޮތީ ކިހިނެއްތޯ؟ އެހެން ނަމަވެސް، މިހާރު އެ ބޭފުޅުން އެކި ފަރާތްތަކަށް ދަރާފައި ހުރި ދަރަނިތައް ދައްކަމުން، އެކި މީހުން އަތުން ނަގާފައި ހުރި ލޯނުތައް އަދާކުރަމުން، ކުންފުންޏަށް އާމްދަނީ އިތުރުކުރަމުން، ކުންފުނި ނަގައި ކޮޅަށްޖަހަމުން ނޫންތޯ އެދަނީ. އެއީ، އަޅުގަނޑުމެންގެ މަސައްކަތް ހުންނަ ގޮތަކީ.

އެހެންވީމާ، މި ކުރެވޭ އިޚްލާޞްތެރި، ތެދުވެރި، އަމާނާތްތެރި މަސައްކަތަށް، ރައްޔިތުންނަށް ދެވެންއޮތް އެއްބާރުލުމަކީ، މިކަންކަމުގައި ކުރިއަށްދާން އެހީތެރިކަން ދޭނެ މަޖިލީހެއް ހޮވައިދިނުން. އެއީ، އެ މަޖިލިސް ތެރެއިން މި ހުރިހާ ކަމަކަށް ހުރަސްއެޅުމުގެ ފުރުޞަތު އޮންނާނީ. އެއީ، ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނަ ތަނެއް މަޖިލީހަކީ. އަޅުގަނޑު ޔަޤީންކުރަނީ، މި ރަށުގެ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑު މި ދައްކާ ވާހަކަ ގަބޫލުކުރައްވާނެ ކަމަށް. އަދި ގަބޫލުކުރައްވައި، އަޅުގަނޑުމެންގެ ވިސްނުން މިއަދާ ހަމަޔަށް އައިއިރުގައި، އެހެން ގޮތަކަށް ހުރި ކަމުގައިވިޔަސް، ބާކީ މިއޮތް ނުވަވަރަކަށް ދުވަހު ވިސްނުން އެއްގޮތް ކުރައްވައިގެން، އަޅުގަނޑުމެންގެ ފަރުދީ ކުރިއެރުމުގެ މަޞްލަޙަތަށްޓަކައިވެސް، އަޅުގަނޑުމެންގެ ޢާއިލާގެ ކުރިއެރުމުގެ މަޞްލަޙަތަށްޓަކައިވެސް، ރަށުގެ ކުރިއެރުމުގެ މަޞްލަޙަތަށްޓަކައިވެސް މި ވިސްނުން އިސްކުރައްވާނެ ކަމަށް. ތަރައްޤީގެ ވިސްނުން އިސްކުރައްވާނެ ކަމަށް. ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމުގެ ވިސްނުން އިސްކުރައްވާނެ ކަމަށް. އަދި ޤައުމުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ވިސްނުން އިސްކުރައްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށްބޮޑު ތަނުން ރަނގަޅު ވެގެންދާނެ. އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް، ހަމަހަމަކަމާއި އިންޞާފުވެރިކަމާ އެކީގައި ތަރައްޤީ ހާސިލުވެގެންދާނެ.

އަޅުގަނޑު ޙަޤީޤަތުގައިވެސް ވަރަށް އުފާވި، މި ރަށަށް އައުމުން، މި ޢީދު ލައިޓްތައް މި ރަށުން ފެނުނީމަ. އަޅުގަނޑުމެން މިކަން ނިންމާފައި، އެހެން ނަމަވެސް، މާލެއިން ބޭރަށް އަދި ކިރިޔާ މި އާދެވުނީ. އިއްޔެ ޢީދު. މި ރަށުން މި ފެނުނީމަ އަޅުގަނޑަށްވެސް މި ޢިހްސާސްވީ، މި ރަށުގެ ރައްޔިތުންނަށް އެއިން ލިބެމުންދާނެ އުފާވެރިކަން. އަޅުގަނޑުމެން ބޭނުންވީ، މުޅި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޢީދު ލައިޓް ހަރުކުރަން. އެހެން ނަމަވެސް، އަޅުގަނޑު ވަޢުދުވިން، ކެރިފޯރުންތެރިކަން، ސަރުކާރުގައި ހުރި މިންވަރަކުން މިކަން ކުރަން. ފުރަތަމަ ފަހަރު، މި އަހަރު އަޅުގަނޑުމެން އެކަން ކުރާނީ، ވެރިކަން ކުރާ ރަށްތަކުގައްޔާއި، ސިޓީތަކުގައި އެކަންޏޭ. އިރާދަކުރެއްވިއްޔާ ދެން އަންނަ އަހަރަކު އަދި މިއަށްވުރެ ގިނަކުރާނަން. އެއީ، ވިސްނުމަކީ. ދެން ގޮސް ހުރިހާ ރަށެއްގައިވެސް އިރާދަކުރެއްވިއްޔާ ހަމަހަމަކޮށް މި ފެންވަރުގައި ހުރިހާ ރަށެއްގައިވެސް ޢީދު ލައިޓް ހަރުކުރުމާއި، ތަކުބީރު އިއްވުމާއި، މި ޢީދުގެ އުފާ އިޙްސާސްކޮށްދޭން ބޭނުންވޭ. އެއީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާތީ. މުސްލިމް ޤައުމެއްގައި ކުޑަކުދިންނާއި، ޒުވާނުންނާއި، ޢާއިލާތަކަށް، މުސްލިމުންނަށް އެންމެ މުހިންމު ދެ ދުވަސް އެއީ، ޢީދު ކަމަށްވާއިރުގައި، އޭގެ އިޙްސާސްވާންޖެހޭނެ. އުފާވެރިކަން ހާސިލުކޮށްދިނުމުގައި އަޅުގަނޑުމެން ސަރުކާރުން ޖެހޭނެ އެއްބާރުލުން ދޭން. މިހާތަނަށް އެކަން ނުވެފައި އޮތީ.

އެހެންވީމާ، އެކަން ކުރުމަށް އަޅުގަނޑު ނިންމީ. މި ރަށުގައިވެސް އެކަން މިވަނީ މާލޭގައިވެސް އޮތް ގޮތަށް. މި ހަމަހަމަކަން ޤާއިމުކުރަން އަޅުގަނޑުމެން ބޭނުންވޭ. މި ހަމަހަމަކަމާއި އިންޞާފުވެރިކަމާ އެކީގައި މިކަންކަން ކުރެވޭނީ، މިކަންކަން ކުރެވޭނެގޮތް އަޅުގަނޑުމެންނަށް ޤާއިމުވެފައި އޮތިއްޔާ.

އާދެ، އަދިވެސް އެއްފަހަރު ފޮނަދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ޖުމްލަކޮށް ހައްދުންމަތީ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަ ދެއްވާ އެއްބާރުލުމާއި، ކުރައްވާ ތާއީދާއި އަދި އިތުބާރަށް. އަޅުގަނޑު އެދެނީ، ތިގޮތުގައި ތިއްބަވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ކުރިއަށް ގެންގޮސްދެއްވުމަށް. އިތުބާރު ކުރެއްވުމަށް. ތާއީދު ދެއްވުމަށް. އެއީ، އަޅުގަނޑުމެންގެ ޤައުމަށްޓަކައި. ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭނެ ކަމަކަށްވާނެ. އެއީ، ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ ފުދުންތެރިކަން ޔަޤީންކޮށް، އިތުރުކުރުމަށް ކުރެވޭ ކަމަކަށްވާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަކީ، މިނިވަން ޤައުމެއްގެ ގޮތުގައި ތާއަބަދު ލަހައްޓަވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.