بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިސްދޫ އަދި ކަލައިދޫގެ ލޮބުވެތި ރައްޔިތުން، އަދި މާބައިދޫގެ ބައެއް ބޭފުޅުންވެސް އެބަ ތިއްބެވި. ޖުމްލަކޮށް މި ތަނަށް ވަޑައިގެން ތިއްބެވި މި ދާއިރާގެ ލޮބުވެތި ރައްޔިތުން، އަދި ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބޭފުޅުންނާއި، އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ހުރިހާ އަޚުންނާއި އުޚުތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ބަރަކާތްތެރި ފިޠުރުޢީދުގެ ހެޔޮ ތަހުނިޔާ ދަންނަވަމުން، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ވަރަށް ވަރަށް ހޫނުގަދަ ދުވަހެއްގައި، އަދި އެހާވެސް ހަމަ ހޫނުގަދަ ވަގުތެއްގައި ނަމަވެސް، ވަރަށްގިނަ ބޭފުޅުން މިއަދު ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން. ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ފުދުންތެރިކަން ބޭނުންވަނީ. އަޅުގަނޑު ބޭނުމެއްނޫން، އެންމެ ދުވަހެއްވެސް މިކަމުގައި ބޭކާރުވެގެންދާކަށެއް. ބާރު ސްޕީޑްގައި ހަލުވި ދުވެލީގައި ރައްޔިތުންނަށް ކަންކަން ކޮށްދީ، ނަތީޖާ ނެރެދޭން ބޭނުންވަނީ.

އެހެންވީމާ، ކުރިއަށް މިއޮތް ދުވަސްތަކުގައި، އަޅުގަނޑު ޔަޤީންކުރަނީ، އަދި މިދިޔަ ހަތަރު ފަސްމަހުގެ ތެރޭގައި ކުރެވުނު ވަރަށްވުރެ ގިނަ މަސައްކަތް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ސަރުކާރަށް ކޮށްދެވޭނެ ކަމަށް. މި ރަށުގެ ތަރައްޤީއަށް. އިސްދޫގެ، ކަލައިދޫގެ ތަރައްޤީއަށް، ކުރަންހުރި ކަންކަން ދެ ކައުންސިލުން ޙިއްޞާ ކުރެއްވި. އަދި ކުރިންވެސް ތިޔަބޭފުޅުން ވަނީ އަޅުގަނޑާ މިކަންކަން ޙިއްޞާ ކުރައްވައި، އެކަމާ ގުޅޭގޮތުން ތިޔަބޭފުޅުން އަޅުގަނޑު ގާތު އެ ވާހަކަތައް ވިދާޅުވެފައި.

އެހެންވީމާ، މި އިސްދޫ އަދި ކަލައިދޫގެ ތަރައްޤީއަށް އަދި މި ދާއިރާގެ ހަތަރު ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ވަރަށް އިސްކަން އަޅުގަނޑުމެން ދޭނަން. އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، އެކަންކަން ހިމެނިގެން މިހާރުވެސް ކުރިއަށް މިގެންދަނީ. އެކި ކަހަލަ ދަތިތައް މި ހުންނަނީ. ބަޖެޓުގެ ތެރޭގައި ހުރި ދަތިތައް މައިގަނޑު ގޮތެއްގައި. މި ބަޖެޓް ފާސްވެފައި މިއޮތީ، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ނޫން. މިހާރު މި ބޭނުންކުރާ ބަޖެޓަކީ، އަޅުގަނޑުމެން މި ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫން.

ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މިދިޔަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު ހިސާބުގައި، އޮކްޓޫބަރުގެ ތެރޭގައި އޭރުގައި އޮތް ސަރުކާރުގެ ފިނޭންސް މިނިސްޓަރ ހުށަހެޅުއްވީ، އަޅުގަނޑުމެން ހިމަނަން ހުށަހެޅި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ހިމަނާފައި. އަޅުގަނޑު ހިމެނިން، ވަޢުދުތަކުގެ ތެރެއިން މި އަހަރަށް ފުއްދަން ބޭނުންވާ ހުރިހާ ކަމެއް. ލިސްޓް ކުރިން އަޅުގަނޑުމެން، އަޅުގަނޑުމެންނަށް ދިން ފުރުޞަތުގައި. އެކަމަކު ވަރަށްމަދު ޢަދަދެއްގެ މަޝްރޫޢު ހިމެނުނީ. އަދި ހިމެނުނު މަޝްރޫޢުތަކުގެ ތެރެއިންވެސް ފުދޭވަރަކަށް މަދު އަދަދެއްގެ ފައިސާގެ އަދަދުތަކެއް ހިމަނުއްވާފައި ފާސްކުރެއްވީ. އެހެންވީމާ، އެޕްރީލް، މޭ ހިސާބުގައި ފަށަން ބޭނުންވިޔަސް، ގިނަ މަޝްރޫޢުތައް ފެށޭގޮތަށް މިއޮތީ އަހަރުގެ ފަހުކޮޅު.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް މި އަހަރުގެ ތެރޭގައި، މިހާރު މި އޮތް މަޖިލީހުން ފާސްކޮށްދީފައި އޮތް ބަޖެޓް އޮތް ގޮތުން ތަރައްޤީ ގެންދެވޭކަށް ނެތް. އެހެން ނަމަވެސް، މި ބަލަނީ ވީހާވެސް އަވަހަކަށް ގިނަ މަސައްކަތްތަކެއް ފެށޭތޯ. ވަރަށްގިނަ މަޝްރޫޢުތައް ހުރީ އަޅުގަނޑުމެންނާ ހަވާލުވީއިރު ހުއްޓިފައި. ފައިސާ ނުދީ ހުރީމަޔާ އެކީގައި. އެހެންވީމާ، އަޅުގަނޑުމެން މިދަނީ އެ ހުރިހާ ރަށްރަށަށް، އެ ހުރިހާ މަޝްރޫޢުތައްވެސް ފެށޭނެ ގޮތްގޮތް ހަދައިދެމުން. އެކަންކަން ކުރަމުންދިޔަ ފަރާތްތަކަށް ފައިސާ ދޫކޮށް، އަލުން މޮބިލައިޒް ކުރުވައިގެން، އެކި ރަށްރަށުގައި މަސައްކަތްތައް ފަށައިފިން މިހާރުވެސް. އަދި އަލަށް ޓެންޑަރ ކޮށްގެން ފަށަންޖެހޭ ކަންތައްތައްވެސް މިދަނީ ފެށޭތޯ ބަލަމުން. ގިނަ މަސައްކަތްތަކެއްހެން ފެށޭ ހިސާބުގައި. އަދި ބައެއް ކަންކަން ފެށިއްޖެ.

އެހެންވީމާ، އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިގޮތަށް ކުރިއަށް ގެންދާނަމޭ ހުރިހާ ކަންކަމެއްވެސް. އަޅުގަނޑު ދޭ ޔަޤީންކަމަކީ، މިގޮތުން، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މި ދެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަދި މި ދާއިރާގެ ހަތަރު ރަށުގެ ރައްޔިތުންނަށް ބޭނުންވާ އެއީ، ބަނދަރުގެ މަސައްކަތް ކަމުގައިވިޔަސް، މަގުހެދުން ކަމުގައިވިޔަސް، ހޮސްޕިޓަލާއި، ސްކޫލާއި، ކުޅިވަރާ، މިހެންގޮސް މި ހުރިހާ ދާއިރާގެ ކަންކަންވިޔަސް އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. އެކަންކަމުގައި އެއްވެސްވަރަކަށް އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް ނުދާނަމޭ. ބާރު ސްޕީޑްގައި ގެންދިޔުމޭ ވިސްނުމަކީ.

އެހެންވެ ފަށަމުންވެސް ދެންނެވީ، އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމޭ. ކޮންމެ ދުވަހަކީ މިގޮތުން ހޭދަވާ ދުވަހަކަށް ހަދަން ބޭނުންވަނީ. މިކަންކަމަށް ރައްޔިތުންގެ ފަރާތްޕުޅުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް އަޅުގަނޑަށް ލިބޭ ކަމަށްވަންޏާ، މިދިޔަ ހަތަރު ފަސް މަހަށްވުރެ މާ ބާރު ސްޕީޑްގައި، އަޅުގަނޑަށް ހަމަ ފުރިހަމަ ޔަޤީންކަން އެބައޮތް، މި އަހަރުގެ ބާކީއޮތް ދުވަސްތަކުގައި ގެންދެވޭނެކަން. އެ ފުރުޞަތު އޮތީ ރައްޔިތުންގެ އަތްޕުޅުގައި. އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

މިގޮތުން ހުރިހާ މަޝްރޫޢުތަކެއް އަޅުގަނޑު ލިސްޓްކުރަން ވެއްޖިއްޔާ ވަރަށްގިނަ ވަގުތު ދާނެ. ތިޔަބޭފުޅުން ވިދާޅުވި ހުރިހާ ކަންކަން ހުންނާނީ އަޅުގަނޑުމެން ކުރަން ނިންމައި އަދި މަސައްކަތްތައް އެހެރީ ތަރުތީބު ކުރެވިފައި. މި ރަށާ ކޯޒްވޭއަކުން މި ގުޅައިލެވޭ ދަނބިދޫ އިސްދޫ ކޯޒްވޭގެ މަސައްކަތްވެސް ޙަޤީޤަތުގައި ރައްޔިތުން އެދޭ ސްކޭލްއަކު ނޫން އެ މަޝްރޫޢު އޮތީ، މި ފެށިގެން، އެއީ، މިދިޔަ ސަރުކާރު ނިމުނުއިރުގައި. މިދިޔަ ސަރުކާރުގައި ހަނިކޮށް، ނޫނީވިއްޔާ ސްކޭލް ކުޑަކޮށް އެއޮތީ.

އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑު ކުރީގައި ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، އޭރުގައި ހެދުނު ޑިޒައިން، އެއަށްވުރެ މާ ތަނަވަސް ޑިޒައިނެއް އޮންނާނީ. އެ ޑިޒައިން އޮތީ މިދިޔަ ސަރުކާރުން ބަދަލުކޮށްފައި. ރައްޔިތުން ބޭނުންވަނީ ކުރީގެ ޑިޒައިން. އެހެންވީމާ، ކޮންސްޓްރަކްޝަން މިނިސްޓަރަށް އަޅުގަނޑު ދަންނަވައިފިން، ކުރީގައި އޮތް ޑިޒައިނަށް، ރައްޔިތުން އެދޭގޮތަށް ދެވޭނެގޮތެއް ބަލައި، އެ އެގޮތަށް ބަދަލުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ ތަނަވަސްކޮށް ކޯޒްވޭގެ މަސައްކަތް ދާނީ.

ދެން ދެ ރަށުގެ ބަނދަރު. މި ކިޔަނީ އިސްދޫ ދަނބިދޫގެ ބަނދަރު. ދެ ރަށުގައި ހުރީ ތަފާތު މައްސަލަތައް. ކަލައިދޫގައި އޮތީ، އިސްދޫ ކަލައިދޫގެ، ކަލައިދޫގެ ބަނދަރު ހަމަ އެކީގައި އާ ބަނދަރެއް. ބަޖެޓުގައި ކުޑަކުޑަ ޢަދަދެއްގެ ފައިސާ އޮތީ. އެހެން ނަމަވެސް، އެވެސް ކައުންސިލާ މަޝްވަރާކޮށްގެން ގެންދާނީ. އަދި އިސްދޫގެ ބަނދަރުގައިވެސް އެބަހުރި، ނެރާއި ފައިކަށީގަޔާ، މިހެންގޮސް ވަރަށްގިނަ މައްސަލަތައް.

އަދި ދެންހުރި މައްސަލަތައްވެސް އެހެރީ. މިކަންކަންވެސް އަދި މައި މަގާއި އަދި ބޮޑެތި މަގުތައް ހެދުމާ. މި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ. ހެލްތު ސެންޓަރުގެ މަސައްކަތް. ހެލްތު ސެންޓަރަށް ޚިދުމަތް އިތުރުކުރަންޖެހޭ. ޑޮކްޓަރުންނާއި އަދި އެކިއެކި ޚިދުމަތްތައް. ރައްޔިތުން އެދޭގޮތަށް އެ ހެލްތު ސެންޓަރަކީ، އިރާދަކުރެއްވިއްޔާ ހޮސްޕިޓަލަކަށް އަޅުގަނޑުމެން ބަދަލުކޮށްދޭނަން. ބަދަލުކުރުމަށްޓަކައި ބަޖެޓުގައި ފައިސާ ހިމަނަންޖެހޭ. ބަޖެޓުގެ ތެރެއިން މަޝްރޫޢެއް ކުރިއަށް ގެންދަންޖެހޭނީ. ހަމައެކަނި ޑޮކްޓަރުން އިތުރުކުރުމަކުން، ނޫނީވިއްޔާ ވަސީލަތް އިތުރުކުރަން ކުރެވޭ ކަމަކުން ނުވާނެ. އިމާރާތުގެ ގޮތުންވެސް ޖާގަ އިތުރުކުރަންޖެހޭނެ.

މިހެންގޮސް ބަޖެޓް މުހިންމުވޭ. މަޖިލިސް މުހިންމުވޭ. މަޖިލީހުން ބަޖެޓް ފާސްވަނީ. އެހެންވީމާ، މިހެންގޮސް ވަރަށްގިނަ ކަންކަން ކުރަން ޖެހިފައި މިހިރީ. ރައްޔިތުން އެދޭ ވަރަށްގިނަ ކަންކަން އެބަހުރި. ތަޢުލީމީ ދާއިރާއިން ބެއްޔަސްވެސް ރައްޔިތުން އެބަ ބޭނުންވޭ، މަތީ ތަޢުލީމު. ހައި ސެކަންޑަރީ ސްކޫލެއް ޤާއިމުކުރަން. އެވެސް ބަޖެޓުގެ ތެރެއިން ކުރެވޭނެ ކަންކަން. ބަޖެޓް މި ފާސްކޮށްދެނީ ރައްޔިތުންގެ މަޖިލީހުން.

އެހެންވީމާ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭން، ސަރުކާރުން ރައްޔިތުންނަށްޓަކައި މިކަންކަން ކޮށްދޭން ބޭނުންވާ ވިސްނުމުގައި މަސައްކަތް ކުރެވޭނެ މަޖިލީހެއް އޮތުމުގެ ޒަރޫރީ ބޭނުން އަޅުގަނޑު ހަމަ ފާހަގަ މިކޮށްލަނީ.

ހަމަ އެއާއެކީގައި، ދެންވެސް ހަމަ މުހިންމު ގިނަ ކަންކަން މިހިރީ. ދެންމެގައި ޓޫރިޒަމް މިނިސްޓަރ އެ ފާހަގަކޮށްލެއްވީ ޓޫރިޒަމްގެ ވާހަކަ. އަޅުގަނޑުމެންގެ ޕްލޭންގައި މިއޮތީ ރައްޔިތުންގެ އުންމީދުތައް ހާސިލުވާ މިންވަރަށް އިރާދަކުރެއްވިއްޔާ މި އަތޮޅަށް ޓޫރިޒަމް ގެނައުމަށް.
މި ދާއިރާއަށްވެސް އަދި މި އަތޮޅުގެ ދެންހުރި ދާއިރާތައްވެސް، އެ ރަށްރަށުގެ ކައިރިއަށް ޓޫރިޒަމް ގެނައުން. އެކަން ކުރުމުގެ ޕްލޭންގެ މަސައްކަތް ފެށިފައި ވަނީ. ޓޫރިޒަމް މިނިސްޓްރީން މިނިސްޓަރ ފަށްޓަވައިގެން އެ އުޅުއްވާ މަސައްކަތުގައި އިންވެސްޓަރުންނާ ހަމަޔަށް މިހާރު ވަނީ ދެވިފައި.

އެހެންވީމާ، އިންވެސްޓްމަންޓްސް، މި އަހަރުގެ ތެރޭގައި އާ ރިޒޯޓުތަކެއް މި ދާއިރާގަޔާއި، މި އަތޮޅުގެ އެކި ދާއިރާތަކަށް ގެނައުން، އެކަން ހާސިލުކުރުން ހިމެނޭ. ހާސިލުކުރެވޭނީ އެކަމަށްޓަކައި އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން. ނަތީޖާއަކަށްވާނީ ޒުވާނުންނާއި، އެކި އުމުރުފުރައިގެ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ ވަޒީފާގެ ތަނަވަސް ފުރުޞަތުތައް ޓޫރިޒަމް ތެރެއިން ފަހިވެގެންދިޔުން.

އެހެންވީމާ، މި އަތޮޅުގެ ހަތަރު ދާއިރާގައިވެސް އެކި ރަށްރަށާ ކައިރިން، އެކިކަހަލަ ޓޫރިޒަމް ޕްރޮޑަކްޓްސްތައް، އައްސޭރި ޓޫރިޒަމް، ނެޗުރަލް އައިލެންޑް ޓޫރިޒަމް، ވަކިވަކި ރިޒޯޓުތައް، މިކަހަލަ ޓޫރިޒަމް މަޝްރޫޢުތައް މިވަނީ ރޭވިފައި. އެހެންވީމާ، މި ހުރިހާ ކަމެއް ކުރުމަށްޓަކައި
މި މަސައްކަތްތައް ފެށިފައި މިވަނީ.

އާދެ، އެއަރޕޯޓުވެސް ހަމަ އެގޮތަށް. ދެވަނަ އެއަރޕޯޓުގެ ޑެސްޓިނޭޝަން، ނޫނީވިއްޔާ ކޮންތާކުތޯ ހަދާނީ. އަޅުގަނޑުމެން މިދަނީ ތިޔަބޭފުޅުންގެ އަޑުވެސް އަހަމުން. އަދި އެހެން ރަށްތަކުގެ، މިކަމަށް ބޭނުންވާ ރަށްރަށުގެ ބޭފުޅުންގެވެސް އަޑުއަހަމުން މިދަނީ. އަދި ދިރާސާވެސް ކުރަމުން. ހަމަ އެކަމުގައި އަޅުގަނޑުމެން ގޮތެއް ނިންމާނަން ވަރަށް ބޮޑަށް ވިސްނާފައި، މި އަތޮޅަށް އެންމެ ފައިދާވާގޮތަށް. ޓޫރިޒަމް ފުޅާކުރާކަމުގައިވިޔަސް، ގައިމުވެސް މި އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އޮންނަންޖެހޭ. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެން ފަހުން ގޮތެއް ނިންމާނަން، ރައްޔިތުންގެ އަޑުއަހައިގެން.

އާދެ، ޖުމްލަކޮށް ހަމަ ކުރުކޮށް ދެންނެވިޔަސް، މިއީ ވަރަށްގިނަ ވާހަކަ. ހުރިހާ ދާއިރާއަކުން މި އަތޮޅުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ސަރުކާރުން ވަރަށް އިސްކަންދީގެން، ހައްދުންމަތީގެ ތަރައްޤީ، ހައްދުންމަތީގެ ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. އެ ޔަޤީންކަން އަޅުގަނޑު ދެން. އެކަމުގައި ރައްޔިތުންގެ ފަރާތްޕުޅުން ދެއްވެން އޮތް އެހީތެރިކަމެއް ވިއްޔާ ދެއްވުމަށް އަޅުގަނޑު އެދެނީ. ޔަޤީނުންވެސް ދެއްވެން އެބައޮތް. އެއީ، މަޖިލިސް ނުލައި ސަރުކާރަކަށް ރައްޔިތުންނަށް ކަންކަމެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ އެ އެއްބާރުލުން ލިބޭނެކަމަށް.

އާދެ، އެހެންވީމާ، ޖުމްލަކޮށް މި ވާހަކަތައް މި ދަންނަވާލީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަސްތަކަކީ، މި އަތޮޅުގެ ތަރައްޤީއަށް ޢަމަލީ ސިފައިގައި ތަރައްޤީ ފެންނާނެ ދުވަސްތަކަކަށްވާނެ. ޢަމަލީ ސިފައިގައި. ހަމައެކަނި ލިޔެކިޔުމުން ހިނގާ ތަރައްޤީއެއް ނޫން. ބަހުގެ ޛަރީޢާއިން ބުނާ އެއްޗަކަށް އެކަނި ނިމޭ ތަރައްޤީއެއް ނޫން. ޢަމަލީ ސިފައިގައި ތަރައްޤީ ފެންނާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަމުން، ތިޔަބޭފުޅުން މި ޢީދުގެ ބަންދުގެ ތެރޭގައި ހުރިހާ ކަމެއް ހުއްޓަވާލައްވާފައި މި ވަގުތު ހޭދަކޮށްދެއްވައި، ތިޔަ ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަމުން، އަދިވެސް އެއްފަހަރު ޢީދުގެ ތަހުނިޔާ ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ބަރަކާތް ލެއްވުން. މި އަތޮޅުގެ ތަރައްޤީއަށް، ތިޔަބޭފުޅުން އެދޭ އަދި އުންމީދުކުރާ ތަރައްޤީ މިންވަރުކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.