بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާވަށުގެ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން، އަދި މި ދާއިރާގެ، މިތަނަށް ވަޑައިގެން ތިއްބެވި ލޮބުވެތި ހުރިހާ ރައްޔިތުން، މި ރަށާއި، މި ދާއިރާ އަދި މި އަތޮޅުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ރަށު ކައުންސިލްގެ ރައީސާއި، ޑަބްލިޔޫ.ޑީ.ސީ.ގެ ބޭފުޅުންނާއި، ކައުންސިލަރުން އަދި ޖުމްލަކޮށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނާއި، މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ދިވެހި ހުރިހާ އަޚުންނާއި އުޚުތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ފުރަތަމަވެސް ބަރަކާތްތެރި ފިޠުރުޢީދުގެ ހެޔޮ ތަހުނިޔާ، ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރިސްކުރަން. ހަމަ އެއާއެކީގައި މި ހޫނުގަދަ ވަގުތުގައި މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ޢީދުގެ އުފާފާޅުކުރުމުގައި ތިޔަބޭފުޅުން އުޅުއްވަނިކޮށް މި ރަށަށް މި އާދެވުނީ. އާދެ، އަޅުގަނޑު ގަސްތުކުރީ، ކުރީގައި އަޅުގަނޑު ފެށި ދަތުރުތައް، ރަމަޟާން މަހަށް މެދުކަނޑާލާފައި ކުރިއަށް ގެންދަން. ހަނދުމަފުޅު ހުންނާނެ، ރަމަޟާން މަސް އައިއިރުގައި، އަޅުގަނޑު ވާނީ 150 ކައުންސިލާ ބައްދަލުކޮށްފައި. އެ ހުރިހާ ކައުންސިލްތަކަށާއި އަދި ރަށްރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން. 151 ވަނައަށް މިއަދު މި ބައްދަލުވީ މާވަށު ކައުންސިލާ. އާދެ، ރަމަޟާން މަސް މެދަށް އައީ. އައިމަ އަޅުގަނޑުމެން މަޝްވަރާ ކޮށްލާފައި ނިންމީ، ރޯދަމަހު ދަތުރުކުރީމާ ތަންކޮޅެއް އުނދަގޫވާނެއޭ ހުރިހާ ބޭފުޅުންނަށްވެސް. ދެން 6 ރޯދައިގައިވެސް ހަމަ އުނދަގޫތަކެއް ހުންނާނެ. އެހެން ނަމަވެސް، ހިތަށްއެރީ ދެން އެ ފެށި ދަތުރުތައް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމާލަން. އެހެންވީމާ، މިއަދު މި ފެށީ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަބޭފުޅުން ހަމަ ތިޔަ ދެއްވާ އެއްބާރުލެއްވުމަށް.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ މަސައްކަތް ކުރަން އެބަހުރި. އަދި ކުރިން އަޅުގަނޑު އެކަމާ ބެހޭގޮތުން ވަޢުދުތައްވެސް ވެފައި ވާނީ. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮބައިކަން އެ ކަންތައްތަކަކީވެސް. ރަސްމީ ސިފައިގައި ލިޔެކިޔުމަށް ތިރިކުރެވި، ފޮތުގައި އެހެރީ ލިޔެވިފައި. އެކަންކަން މެނިފެސްޓޯގައި ހުރީ. އަދި ބަޖެޓުގައިވެސް،
މި އަހަރުގެ ބަޖެޓުގައިވެސް ކޮންމެވެސްވަރަކަށް ޖާގަ ހެދިފައި އެބަހުރި، ބައެއް ކަންކަން ކުރިއަށް ގެންދަން.

ދެން އެ ބަޖެޓަކީ އަޅުގަނޑުމެންގެ ސަރުކާރުގެ މެޖޯރިޓީއެއް އޮވެގެން ފާސްވި ބަޖެޓެއް ނޫން. ދެތިން ހަތަރު އެމް.ޕީސް އެކަނި އޭރުގައި ތިބީ. އޭގެތެރެއިން ބައެއް ބޭފުޅުން މިހާރު ކެބިނެޓުގައި މި ތިއްބެވީ. އެހާވެސް މެންބަރުން މަދު. ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހެޅުއްވީވެސް. އެއީ، އެ ސަރުކާރު އޮތްއިރުގައި ފާސްކުރި ބަޖެޓެއްވީމާ، އަޅުގަނޑުމެން ބޭނުންވި ހުރިހާ ކަމެއް ނުވެސް ނެތް ޙަޤީޤަތުގައި ހިމަނައިދީފައެއްވެސް. ދެން އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ހަމަ ހުރިހާ ރަށެއްގެ، ހުރިހާ މަޝްރޫޢެއް ހަމަ ބާރު ސްޕީޑްގައި، މިހާރަށްވުރެ ބާރަށް ގެންދެވޭވަރުގެ ޖާގަ އުފެއްދޭ ބަޖެޓެއް ފާސްކުރެވޭ އަހަރަކަށް ވާނޭ ކަމަށް.

ކޮންމެއަކަސް މިހާރުވެސް މި ރަށުގެ ތަރައްޤީއަށް އަދި މި ދާއިރާގެ ރަށްރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ފަރުވާތެރިކަމާ އެކީގައި ފަށައިގަނެގެން ކުރިއަށް ގެންދިޔުމުގެ މަސައްކަތް މި ކުރަނީ. މި ދެންނެވީ އަޅުގަނޑު ކެމްޕެއިން ތެރޭގައި ރަށްރަށަށް ދިޔައިރުގައި މި ރަށް ހިމެނޭހެން، ގިނަ ރަށްރަށުގައި މިހިރީ އެކި ސަބަބުތަކާ ހެދި މަސައްކަތްތައް ހުއްޓިފައި. އެއީ، އަޅުގަނޑުމެންނަށް ފެންނަން ހުރި ކަންކަން. ސްކޫލެއްވިޔަސް، ހެލްތު ސެންޓަރެއްވިޔަސް، ކުޅިވަރާ ބެހޭ ކޮންމެވެސްކަހަލަ މަޝްރޫޢެއްވިޔަސް، ނަރުދަމާއެއްވިޔަސް، ދެން ކިޔާނެ ކަމެއްނެތް. މަގުހެދުން ކަމަށްވިޔަސް. އެކި ރަށްތަކުގައި ހުރީ ހުއްޓިފައި. އަޅުގަނޑުމެން މިކުރި ކަމަކީ، ދެންމެ ސަޢީދު އެ ފާހަގަކުރެއްވިހެން، ފައިސާ ޗާޕްނުކޮށް. އެއީ، ވަރަށް އުނދަގޫ ކަމެއް ޙަޤީޤަތުގައިވެސް. ސަރުކާރެއް ހިންގުމުގައި އަދި އަމުދުން ފައިސާއާއި މާލީ ކަންކަމުގައި އުޅުއްވާ، ޕްރައިވެޓް ސެކްޓަރގައިވެސް އުޅުއްވާ، މިކަމުގެ ދާއިރާގެ ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ، މިކަމުގެ ހުރި ބޮޑުކަން. އެއީ، ކިހާ އުނދަގޫ ކަމެއްކަން، ރާއްޖެ އިޤްތިޞާދީ ގޮތުން އޮތް ޙާލަތުގައި، ފައިސާ ޗާޕްނުކޮށް ކުރިއަށްދިޔުމަކީ. ވަރަށް ގިނަ ރައްޔިތުންގެ މިހުރީ ބިލުތައް ނުދައްކާ. އަޅުގަނޑު ދަންނަވައިފިން، އެފަދަ އެކި ޖަލްސާތަކުގައި، އެއްކޮށްލާއިރުގައި ނުވަހާހެއްހާ މިލިއަން ރުފިޔާ. 9 ބިލިއަން. 9000 މިލިއަން ރުފިޔާގެ ފައިސާ. ރައްޔިތުންނަށް ދޭންހުރި ފައިސާގެ ޢަދަދު އަރައޭ. ދެން ގޮސް ބޭރު ދަރަނި.

އެހެންވީމާ، ކުރީގައި އެދިޔަގޮތަށް ނުގެންދަންވެގެން ފައިސާ ޗާޕްކުރުން ހުއްޓާލީ. އެކަން އެހެން ކުރިނަމަ، އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ވާނީ ކުރިއަށް އޮތް ތާނގައި. އިޤްތިޞާދު ގޮސް އަނދަވަޅަކަށް ވެއްޓި، އަޅުގަނޑުމެން ފުރަތަމަފަހަރަށް ޑިފޯލްޓް ވާނީ. މާނަޔަކީ ބޭރުގެ ދަރަނި ދެއްކުމުގައި އަޅުގަނޑުމެން ފެއިލްވާނީ. އަޅުގަނޑުމެން ބޭނުންނުވީ އެކަން ކުރަން. އެހެންވީމާ، ފައިސާ ޗާޕްނުކޮށް، އާމްދަނީ އިތުރުކޮށް، ލިބޭ އާމްދަނީއަކުން މިހިރަ މަޝްރޫޢުތައް ފަށައިގަނެގެން މިދަނީ ރަށްރަށުގައި. މި ރަށުގައިވެސް އަޅުގަނޑަށް ހީވަނީ އެގޮތަށް ހުއްޓިފައި ހުރި ބައެއް ކަންކަން ފެށިފައި ހުރީ މިހާރު.

އެހެންވީމާ، އެއީ އެއް ކަންތައް އަޅުގަނޑުމެން މިކުރި، މިދިޔަ ހަތަރު ފަސްމަސް ތެރޭގައި. އެކި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތަކަށް، އެ ކުންފުނިތަކަށް ފައިސާދީގެން، އެ މީހުން ލައްވައި، އަލުން މޮބިލައިޒް ކޮށްގެން މަސައްކަތް ފެށުނީ.

ދެވަނަ ކަމަކީ، މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ބާރެއް ނެތް ނަމަވެސް، އެކި މަޝްރޫޢުތައް އެކިވަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި، ކުދިކުދި ޢަދަދުތަކުން ފައިސާ ޖަހައި ފާސްކޮށްދީފައި އޮތީ. އެހެން ނަމަވެސް، މި ބެލީ ފެށެންހުރި މަޝްރޫޢުތައް، އެކި ކޮންޓްރެކްޓަރުންނާ މިދިޔަ ހަތަރު ފަސްމަސް ތެރޭގައިވެސް ހަވާލުކުރެވޭތޯ. މާ ބޮޑެތި ނޫން މަޝްރޫޢުތައް ހުންނާނީ މިހާރު ގިނަ ރަށްތަކުގައި ފެށިފައި އެގޮތަށް އަލަށްވެސް. މިއީ ޖުމްލަކޮށް މުޅި ރާއްޖެއަށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މި ރަށުގައިވެސް ހަމަ އެހެން ހުރި ކުދި މަޝްރޫޢެއްވިއްޔާ އަޅުގަނޑުމެންނަށް ފެށޭނެ. ބޮޑެތި މަޝްރޫޢުތައް، ބިން ހިއްކުން، ބަނދަރު ހެދުން، މަގުހެދުން، މި ބަލަނީ މިހާރު އަހަރު މެދަށް މިދަނީ. ޖޫން، ޖުލައި ހިސާބުގައި މިކަހަލަ މި ސްކޭލްގެ މަޝްރޫޢުތައް ރަށްރަށުގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި އަހަރުވެސް، މިހާރުވެސް، މި އެޕްރީލް މަހުވެސް އަޅުގަނޑުމެން ފަށާނަން. އަދި ދެން އަންނަ މަހު އެއަށްވުރެ ގިނައިން. އެގޮތަށް ބަހާލައިގެން، މި ދަންނަވާ 50 މިލިއަނުން މަތީގެ ޚަރަދު ހިނގާ މަޝްރޫޢުތައް ޖުމްލަކޮށް ފެށިގެންދާނެ. ގިނަ މަޝްރޫޢުތައް. ދެން އިރާދަކުރެއްވިއްޔާ އާމްދަނީ މެނޭޖްކޮށްގެން، ބާކީ ފަހު ކުއާރޓަރަށް ދާއިރުގައި ދެންހުރި ގިނަ މަޝްރޫޢުތައް، ބަޖެޓުގައި ހުރި މަޝްރޫޢުތައް ފަށާނީ.

މިހެން ތަރުތީބުކޮށްގެން އަޅުގަނޑުމެން މި ބަލަނީ، އަޅުގަނޑުމެން ފައިސާ ޗާޕްނުކޮށް، އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަނިވެސް ދައްކަމުން ގެންދަން. މިހާތަނަށް، މި އެޕްރީލް މަހާ ހަމަޔަށް އައިއިރުގައި، ޑެޑްލައިން އައިސްފައި ހުރި، މާނަޔަކީ ބޭރުގެ ދަރަނި ދައްކަން ހުރި ހުރިހާ ތާރީޚުތަކަކަށް އަޅުގަނޑުމެން ދަރަނި ދައްކައިފިން. އަޅުގަނޑުމެން ނުބާއްވަން އެއްވެސް އެއްޗެއް ނުދައްކާ. ފައިސާއަކީ، ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ނަމުގައި ނަގާފައި ހުރި ލޯނުތައްވެސް ދައްކަމުން، އެތެރޭގައި މިހިރަ ބިލްތައް ޕޭ ކޮށްގެން، މަޝްރޫޢުތައް ފަށަމުން، އިޤްތިޞާދު މެނޭޖް ކުރެވޭތޯ މި ބަލަނީ ވީހާވެސް ރަނގަޅަކަށް.

އެހެންވީމާ، މިކަމާ ގުޅޭ އިންޓަރނޭޝަނަލް ދެ ބޮޑީ، އައި.އެމް.އެފް. އަދި ވާރލްޑް ބޭންކުން ރާއްޖޭގެ ސިޔާސަތު ބަލައިގަތީ. އެހެން ނޫންނަމަ، އަޅުގަނޑުމެން ވެއްޓޭނީ ފުން އަނދަވަޅަކަށް. އަޅުގަނޑުމެން ދަރަނިވެރިވާނީ، ކައިރީގެ ބައެއް ޤައުމުތައްވެސް މިދޭތެރެއިން ވީގޮތަށް. އަޅުގަނޑުމެންނަށް އަރައިނުގަނެވޭނެ. އަނެއްކާ ތެލަށްވެސް ފައިސާ ދައްކަމުން، ހަމަ ހުރިހާ ކަމެއް ކުރަމުން މިގެންދަނީ ފައިސާ ޗާޕްނުކޮށް. އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައްވެސް މިގޮތުން ކުރިއަށްދާނެ. އެންމެ މުހިންމު ކަންތައްތަކަށް ހަމަ އިސްކަންދޭނަން.

ދެން އަޅުގަނޑު ފާހަގަކޮށްލާނީ، އެއް ކަމަކަށް، މުޅި ރާއްޖެއަށްވެސް އެންމެ މުހިންމީ ރައްޔިތުންނަށް ގެދޮރުވެރިކަން، ބޯހިޔާވަހިކަން. ބޯހިޔާވަހިކަމަށް ބަލާއިރުގައި، ގިނަ ރަށްތަކުގައި ބިން ނެތީ. މި ރަށުގައިވެސް ހަމަ އެހެން. ގެދޮރުވެރިކަން ޤާއިމުކޮށްދެންޏާ ބޭނުންވާނީ ޖާގަ. ހައުސިންގ މަޝްރޫޢު ހިންގަން، ނޫނީ ގޯތިދޭން. ތިޔަބޭފުޅުންނަށް ކުރީގައި އޮތީ ފަނަރަވަރަކަށް ހެކްޓަރުގެ މަޝްރޫޢެއްގެ މަސައްކަތް. އަޅުގަނޑު ގަސްތުކުރަނީ އަދި ރައްޔިތުންވެސް ބޭނުންފުޅުވަނީ އެވަރެއް ނޫން. އެއަށްވުރެ އިތުރުކުރަން.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، 15 ހެކްޓަރެއް ނޫނޭ، 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް މި ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނަމޭ. މިހާރު ވީހާވެސް އަވަހަކަށް ޢަމަލީގޮތުން އިރާދަކުރެއްވިއްޔާ ފުރަތަމަ ކުރެވޭނީ ކޮންމެގޮތެއްވިޔަސް އެ ޖަހަންޖެހޭ ބަންޑްވޯލް، ނޫނީވިއްޔާ އެ ބިން ހިއްކުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް. ފަށައިގެން ހަމަ ބާރަށްދާނެ. ގޮސް ނިމޭއިރު 30 ހެކްޓަރު ހަމަކޮށްދޭނަން އިރާދަކުރެއްވިއްޔާ. 30 ހެކްޓަރު ހިއްކަން މި ނިންމީ، އެއީ، ޒުވާނުންނާއި، އެކި އުމުރުފުރާގެ ރައްޔިތުންގެ މި ގެދޮރުގެ މައްސަލައަށް އެންމެ ބޮޑު ޙައްލެއް ލިބޭނެ ކަންތަކަށްވާނެތީ.

ދެން ހަމަ އެއާއެކީގައި، ގެދޮރުވެރިކަން ހާސިލުކޮށްދެވޭނީ އެކަމަށް ފައިސާ ދެވިގެން. ނޫނީވިއްޔާ ލޯނު ދޫކުރެވިގެން. ނޫނީވިއްޔާ ހައުސިންގ މަޝްރޫޢުތަކެއް ހިންގައިދީގެން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު އޮތް ގޮތަކީ. ހައުސިންގ ޔުނިޓް، ނޫނީވިއްޔާ ހައުސިންގ މަޝްރޫޢުތަކެއް އެކި ރަށްރަށުގައި އަޅުގަނޑުމެން ހިންގަން އޮތީ ނިންމާފައި. އެހެންވީމާ، ބިން ހިއްކައިދީ، ހައުސިންގ މަޝްރޫޢުތައް އެ ލޭންޑް ޔޫސް ޕްލޭންގައި، އެ ކަނޑައެޅޭ ސަރަޙައްދެއްގައި ހައުސިންގ މަޝްރޫޢު ހިންގައިދިނުންވެސް މި ރަށުގައި ކުރިއަށް ގެންދާނަން އަޅުގަނޑުމެން. ގެދޮރުވެރިކަމުގެ ހައުސިންގ ޔުނިޓް މަޝްރޫޢުތައްވެސް މި ރަށުގައި ދާނެ.

ހަމަ އެއާއެކީގައި، މުޅި ރާއްޖެއަށް މިދޭ ފުރުޞަތު، އެއީ، ލުއި ލޯނު ސްކީމްތައް، އަމިއްލައަށް ލޯނު ނެގުން. އެއީ، ފަސް ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގެ ލޯނު. އެއީ، ވަރަށް ލުއި ލޯނު. މާބޮޑު އާމްދަނީއެއް ނެތި ކޮންމެ ބޭފުޅަކަށްވެސް ނެގޭނެ ލޯނު އެއީ. މިހާރު މި ބޭންކްތަކުން މި ދޭ 12 ޕަސެންޓް، 15 ޕަސެންޓުގެ އަގުބޮޑު ލޯނެއް ނޫން. އަދި ބޮޑު އާމްދަނީގެ އަދަދެއް ރިޒަރވް ކޮށްފައި، އިކުއިޓީގެ ގޮތުގައި ބަހައްޓަންޖެހޭ ލޯނެއްވެސް ނޫން. ވަރަށް ލުއި ލޯނު ސްކީމެއް އަޅުގަނޑުމެން ތަޢާރުފް ކުރާނީ. އެ މަސައްކަތް ހިނގަނީ މިހާރު. އިދާރީ ހުރިހާ ކަމެއް. ދެން އަނެއްކާ މަހުން މަހަށް ދައްކަންޖެހޭ ފައިސާވެސް، މިހާރު ވެއްޖިއްޔާ ބޭންކްތަކުން ނަގާ ލޯނުގައި ހަމަ ވިހިހާހުން، ތިރީސްހާހުން، މަދުވެގެން ފަނަރަހާހުން، ކޮންމެ މަހަކު ދައްކަންޖެހޭވަރުގެ އަގުބޮޑު ލޯނުތައް އެ ހުންނަނީ. އެހެންވީމާ، މިއީ ހުރިހާ ގޮތަކުންވެސް ލުއި، އެފޯޑެބަލް ލޯނު ސްކީމް އަޅުގަނޑުމެން ތަޢާރުފް ކުރަން ނިންމައިގެން މަސައްކަތް ފަށާފައި މިވަނީ. އެއީ، އަޅުގަނޑު ވީ ވަޢުދަކީ. އެހެންވީމާ، އެކަހަލަ ލޯނު ސްކީމްތައް މުޅި ރާއްޖެއަށް ލިބޭނެ. ހަމަ އޭގެ ފައިދާ ތިޔަބޭފުޅުންނަށްވެސް ކުރާނެ. އަދި ހައުސިންގ މަޝްރޫޢުތައް ހިންގާނަން.

މިއީ ގެދޮރުވެރިކަމުގެ ސިޔާސަތު އޮތް ގޮތަކީ. ޕްރޮގްރާމް ރޭވިފައި އޮތް ގޮތަކީ. އެކަންކަން އަޅުގަނޑުމެން ކުރާނީ އެގޮތަށް. އެހެންވީމާ، އުންމީދު ކުރައްވަންވީ. އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް މިކަން ހަދައިދޭނަން. މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް މިކަން ޙަޤީޤަތަކަށް ހަދައިދޭގޮތަށް.

ދެން އޮތީ އާމްދަނީގެ ފުރުޞަތު ހޯދައިދިނުން. ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި ފަދައިން، އަދި ކައުންސިލް މީޓިންގގައި ޓޫރިޒަމް މިނިސްޓަރ ތަފްޞީލު ދެއްވި ފަދައިން، ރިޒޯޓުގެ މަޝްރޫޢުތައް ހިންގުން. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، މާލަސްތަކެއްނުވެ މި ރަށާ ކައިރިން ޓޫރިސްޓް ރިޒޯޓުތަކުގެ ކަންކަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. އެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ވަރަށް ބާރު ސްޕީޑްގައި ޓޫރިޒަމް މިނިސްޓަރ އެ ގެންދަވަނީ ހަމަ އެ އޮންނަ އުޞޫލުގެ ތެރެއިން، ހަމަ ގެންދެވޭނެ އެންމެ ބާރަކަށް އިންވެސްޓްމަންޓް މިތަނަށް ގެނައުމުގެ މަސައްކަތް. އެކަން ޔަޤީން ކުރައްވާ. އޭގެ ނަތީޖާއަކަށްވާނީ، ޒުވާނުންނަށް ޚާއްޞަކޮށް، އަދި ހުރިހާ ބޭފުޅުންނަށްވެސް އާމްދަނީ ހޯދުމަށް ވަޒީފާގެ ފުރުޞަތު ރަށު ކައިރިން ލިބުނީމަ، އެ ލިބޭ ފައިދާޔާ އެކީގައި އެކަން ހަމަޖެހިގެން ދިޔުން.

އެހެންވީމާ، ހަމަ އެއާއެކީގައި ދެން ހުރި ކަންކަންވެސް. ބިން ހިއްކުމާ އެކީގައި އަދި މަގުހެދުމުގެ މަޝްރޫޢުވެސް ފެށުމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ އެ ގެންދަވަނީ ހަމަ ބާރު ސްޕީޑްގައި. ކުރީގައި ސޮއިކޮށްފައި އޮތީ. މިހާރު އިރާދަކުރެއްވިއްޔާ ޢަމަލީ މަސައްކަތަށް މިދަނީ. ދާއިރުގައި އަދި އިތުރު ސްކޯޕް ބޮޑުކުރުން ކަމުގައިވިޔަސް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުމެން މަޝްރޫޢު ކުރިއަށް ގެންދާނީ. އެއާ އެކީގައި، ބިން ހިއްކުމުގެ މަޝްރޫޢާއި، މި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގާއިރުގައި، އުދައަރާ އެރުމަށް ޙައްލެއް ގެނައުމަށްޓަކައި ރަށް ޕްރޮޓެކްޓް ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

އެހެންވީމާ، މި ހުރިހާ ކަމެއް އިރާދަކުރެއްވީތީ ރޭވިފައި މިއޮތީ. ޕްލޭން ކުރެވިފައި މިއޮތީ. ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުން. ދެންހުރި ހުރިހާ މަސައްކަތްތަކެއްވެސް. ރައްޔިތުން އެދޭގޮތަށް އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ކަންކަން ކޮށްދޭން.

އާދެ، ދެން ތިޔަބޭފުޅުން ވިދާޅުވި ބޭނުންވާ ހުރިހާ ކަމަކީވެސް އަޅުގަނޑު އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ބޮޑަށް އިޖާބަދޭނެ ކަންކަން ކަމުގެ ޔަޤީންކަން ދެން. ކައުންސިލުން އެދިވަޑައިގެންނެވި އިޚްތިޞާޞް ތެރެއަށް ފަޅުރަށްތަކެއް ހިމަނައިދިނުންވެސް، އާމްދަނީ ހޯދުމަށްޓަކައި. މިހެންގޮސް އެތައް ކަމެއް އެބަހުރި. އެހެންވީމާ، އަޅުގަނޑު ހުރިހާ ވާހަކައެއް ނުދަންނަވައި، އެންމެ މުހިންމު ކަންކަން ހިމެނޭގޮތަށް ދަންނަވާލަން ބޭނުންވަނީ، މާވަށުގެ ރައްޔިތުން އެދޭ ކަންކަމުގައި ކުލަ ޖައްސައިދިނުމަކީ، އަޅުގަނޑު މަސައްކަތް ކުރާނެ ގޮތް ކަމުގައި. އެކަމަށްޓަކައި މަސައްކަތް ކޮށްދޭނަން.

އެހެންވީމާ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި، ސަރުކާރުން މިކުރާ މަސައްކަތްތަކަށް ތިޔަބޭފުޅުންނަށް ދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވީމާ، ކަންކަން ހާސިލުވުމުގައި ނަތީޖާ އަވަސްވެގެންދާނެ. އަޅުގަނޑަށް ހުރިހާވެސް ފޯކަސްއަކީ ނަތީޖާ ނެރެދިނުން. އަޅުގަނޑު ބޭނުމެއްނޫން، ލަސް ސްޕީޑްގައި، ލަހުން ކަންކަން ވާކަށެއް. ރައްޔިތުންވެސް ބޭނުމެއްނުވާނެ.

އެހެންވީމާ، ބާރަށް ކުރިއަށް ގެންދެވޭނެ ހުރިހާ މަގެއް ފަހިކޮށްދެއްވަންވީ. އެއީ، އެންމެ ބޮޑު ކަމަކަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބެން ބޭނުންވަނީ. މިދިޔަ ހަތަރު މަހަކު ނުލިބޭ އެއްބާރުލުމެއް. އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް އޮތް ތަނުގައި އެއްބާރުލުން ލިބޭނެގޮތް ރައްޔިތުން ހައްދަވައި ދެއްވާނެ ކަމަށް. ކޮންމެގޮތެއްވިޔަސް އެއީ، ޙަޤީޤަތް. ރާއްޖޭގެ ޤާނޫނުއަސާސީ ހަދާފައި އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހުން ނުކޮށްދީފިއްޔާ ރައްޔިތުން ތިބެންޖެހޭނީ، ސަރުކާރުން ކިތަންމެ ކަމެއް ކުރަން ބޭނުންވިޔަސް، މަގުމަތިވެފައި، މަޑުޖެހިފައި. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްނުކޮށްދީފިއްޔާ، ބޭނުންވާ ގޮތަށް، އަޅުގަނޑުމެން ބޭނުންވާފަދަ ބަޖެޓެއް ފާސްނުކޮށްދީފިއްޔާ، މަޝްރޫޢުތައް ކުރިއަކަށް ނުގެންދެވޭނެ. ރައްޔިތުންނަށްޓަކައި ގެދޮރުވެރިކަން ޤާއިމުކުރަން، ކޮންމެގޮތެއްވިޔަސް ލޯނު ނަގަންޖެހޭނެ. މުޅި ރާއްޖޭގައި އަޅުގަނޑު ބޭނުން ހައުސިންގ މަޝްރޫޢުތައް ހިންގަން. އެކަމަކު ބަޖެޓް ފާސްކުރާއިރުގައި، ނޫނީ ލޯނު ފާސްކޮށްނުދީފިއްޔާ، އެކަންވެސް ނުވީ. އެހެންވީމާ، މިހެންގޮސް މި އޮންނަނީ ގުޅިލާމެހިފައި ސަރުކާރަކުން ކަމެއް ކުރުމުގައި. ރައްޔިތުންނަށް ކަމެއް ފޯރުކޮށްދިނުމުގައި.

އެހެންވީމާ، މުޅި ރާއްޖޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތް ކަމަކީ، މިކަމަށް އެއްބާރުލުން ދެއްވާށޭ. މި ރަށުގެ ރައްޔިތުންގެ ކިބައިންވެސް އެދެން އޮތީ އެ ކަންތައް. މި އަތޮޅުގެ ރައްޔިތުންގެ ކިބައިންވެސް އެދެން އޮތީ އެ ކަންތައް. މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުންގެ ކިބައިންވެސް އެދެން އޮތީ، ކުރިއަށް އޮތް ތަނުގައި، ބާރު ސްޕީޑްގައި ތަރައްޤީ ގެނައުމުގައި އެއްބާރުލުން ދެއްވާށޭ. އެ މަގު ފަހިކޮށްދެއްވާށޭ. ރައްޔިތުން އުންމީދުކުރާވަރުގެ ތަރައްޤީއެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. އެ ޔަޤީންކަން އަޅުގަނޑުމެންގެ އެބައޮތް. ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނަން. އެއީ، ޢުމްރާނީ ގޮތުން ކަމުގައިވިޔަސް، މި ދެންނެވިހެން މަގުހެދުން، ބިން ހިއްކުން، ނަރުދަމާ، އެހެންގޮސް، ޢުމްރާނީ ހުރިހާ މަސައްކަތެއް ކަމުގައިވިޔަސް، ގެދޮރުވެރިކަން ޔަޤީންކޮށްދިނުން ކަމުގައިވިޔަސް، އިޤްތިޞާދީ މަޝްރޫޢުތައް ހިންގުން ކަމުގައިވިޔަސް، ޓޫރިޒަމް މަޝްރޫޢުތަކާއި، އެކިކަހަލަ އިޤްތިޞާދީ މަޝްރޫޢުތައް ހިންގުން ކަމުގައިވިޔަސް. މިހެންގޮސް މުޅި ރާއްޖޭގެ ރައްޔިތުން މި ބޭނުންވާ ތަރައްޤީ ޔަޤީންވެގެންދާނެ. ބާރު ސްޕީޑްގައި ޔަޤީންވެގެންދާނޭ، އަޅުގަނޑުމެންނަށް މި މަގު ތިޔަބޭފުޅުން ފަހިކޮށްދެއްވައިފިއްޔާ. އެހެނެއް ނޫން، ކޮންމެ ދުވަހަކު ވަޒީރަކު ގެންގޮސް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާއި، ސަރުކާރުން ހިންގާ ކަމަކަށް އެއްބާރުލުން ނުދިނުމާއި، ދެންވެސް ހުންނަ އެކިކަހަލަ ކަންކަމުގެ ޤާނޫނުތައް ފާސްކޮށްނުދިނުމާއި، މިހެންގޮސް ކޮންމެ ދުވަހަކު ސަރުކާރު ބުރަކިޖެހި، މަޑުޖެހެންޏާ ރައްޔިތުން ތިބޭނީ، އަޅުގަނޑު ދެންމެ މި ދެންނެވި ބާރު ސްޕީޑްގައި މަސައްކަތް ނުވެފައި.

ކުޑަ މިސާލެއް ފާހަގަކުރަން. މިހާރު މަޖިލީހުގެ ކޮމިޓީއެއްގައި މިއޮތީ، އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭންޖެހޭ ރުހުން ހޯދުމުގެ ކަންތައް. މިއީ އަޞްލުގައި ވަރަށްކުޑަ ކަމެއް. އެކަމަކު އެ ކޮމިޓީ ބާއްވައިނުދެއްވައޭ. ނުބޭއްވޭ. ހަމަ ދިގުލައިގެން އެދަނީ. ސަފީރުން އެތިބީ ނުފޮނުވިފައި. މިއީ އަދި މަޝްރޫޢަކާ ގުޅޭ ކަމެއްވެސް ނޫން. އެހެންވީމާ، މިކަހަލަ ގޮތަކަށް ރައްޔިތުންގެ ކަންކަން މަޑުޖެހޭ ހިސާބަށް ދާން ފުރުޞަތު ނުދެއްވުމަކީ، ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައި ހުރި ކަންކަން ކުރަން އަޅުގަނޑު ބޭނުންވާތީ އަދި އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަން އެއީ. މިކަންކަން ހާސިލުކޮށްދޭން، ނަތީޖާ ނެރެން ބޭނުންވާތީ އަޅުގަނޑު އެދޭ ކަމެއް.

އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ، މާވަށުގެ ރައްޔިތުންވެސް އަދި މުޅި ރާއްޖޭގެ ރައްޔިތުންވެސް މި ވިސްނުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް. ހުރިހާ ކަމެއްގައިވެސް ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ޚިދުމަތް ކުރާނަން. އަޅުގަނޑަކަށް މުހިންމެއް ނޫން، އެ ބޭފުޅަކު ހުންނަ ޕާޓީއެއް. ކޮންމެ ރައްޔިތަކީ އަޅުގަނޑަށް މުހިންމު ރައްޔިތެއް. ކޮންމެ ރައްޔިތަކު އަޅުގަނޑު ކުރިމަތީ ހަމަހަމަ. ކޮން ޕާޓީއެއްތޯ، ކޮން ވިސްނުމެއްތޯ އެއީ، އަޅުގަނޑަށް މެޓަރވާ ކަމެއް ނޫން.

އެހެންވީމާ، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އަޅުގަނޑު މި ބޭނުންވާ ބާރު ސްޕީޑްގައި، ރައްޔިތުންވެސް މި ބޭނުންވާ ގޮތުގައި މި ހުރިހާ ކަމެއް ކުރަން ބޭނުންވާތީ، މި ވާހަކަ މި ދައްކަނީ. މީގައި އެންމެން އެކަތިގަނޑަކަށްވާންވީ އެހެންވެގެން. މީގައި މި ވިސްނުން އިސްކުރަންވީ އެހެންވެގެން. މިއިން ކޮންމެ ކަމަކުންވެސް ފައިދާވާނެ، ހަމަހަމަކަމާ އެކީގައި. އެ މީހާ ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެ ރަށަކަށް ތަރައްޤީ އައިމަ، ވަޒީފާގެ ފުރުޞަތުތައް ލިބިގެންދިޔައިމަ، ގެދޮރުވެރިކަން ލިބިގެން ދިޔައިމަ، ދެން އޮތް ކަމެއް ހާސިލުވެގެން ދިޔައިމަ، އެ ފައިދާ އެބަވޭ ކޮންމެ ޕާޓީއެއްގައި ހުއްޓަސް. އަޅުގަނޑު މިހިރީ ކަން ކުރަން. ތިޔަބޭފުޅުން އަޅުގަނޑާ މަސައްކަތް ހަވާލުކުރީ. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވާ މަގު ފަހިކޮށްލަދިނުން އަޅުގަނޑު އެދެނީ. އަޅުގަނޑު ޔަޤީންކުރަން، އެގޮތުގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް.

އާދެ، ޖުމްލަކޮށް މި ވާހަކަތައް ދަންނަވާލާފައި، ދެންވެސް މި ރަށުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތް ކުރަން އެބަހުރި، ޒުވާނުންނާ ގުޅިފައި ހުރި. އެކި ފުޓްބޯޅަ ދަނޑު، ފުޓްސަލް ދަނޑު ހެދުން. އިންޑޯ ވޮލީކޯޓު ހެދުން. ހަމަ ބަޖެޓުގައި ހިމަނަން އަދި އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަން. ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުންވެސް، ވަރަށް އަވަހަށް އެ މަޝްރޫޢަށްވެސް ޢަމަލީ ސިފަ ގެނައުން. މިހެންގޮސް އެބަހުރި ވަރަށްގިނަ މަސައްކަތްތައް. އަޅުގަނޑަށް ހުރިހާ ކަމެއް ދަންނަވާނުލެވުނަސް، އެންމެ މުހިންމު ކަންތައްތައްވެސް ހިމެނޭހެން މި ދަންނަވާލަނީ. އަދި ދެންހުރި ކަންކަންވެސް.

އެހެންވީމާ، އަޅުގަނޑު މި އެދޭ ކަންތަކުގައި، އަދި ރައްޔިތުންގެ ކިބައިން މި އެދޭ އެދުމުގައި، ކުލަ ޖައްސައިދިނުން ވާނީ އަޅުގަނޑުމެންނަށް ކޮށްދޭ ކަމަކަށް. ރައްޔިތުންނަށް ރައްޔިތުން ކޮށްދޭ ކަމަކަށް. ކުރިއަށް އޮތް ތަނުގައި، މި ބާރު ސްޕީޑްގައި ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމުގައި.

އާދެ، އަދިވެސް އެއްފަހަރު، މާވަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ހޫނުގަދަ ދުވަހު، މި ހޫނުގަދަ ވަގުތުގައި، ހުރިހާ ކަމެއް ހުއްޓަވާލައްވާފައި ވަޑައިގެން، މިކަމުގައި އަޅުގަނޑާ އެކީގައި ތި ވަގުތުކޮޅު ހޭދަކޮށްލެއްވި ކަމަށްޓަކައި. ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމުގައި ތިޔަބޭފުޅުން ތި އެދޭގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެން އެދޭ ތަރައްޤީ އަޅުގަނޑުމެންގެ ރަށްތަކަށް ގެނައުމުގައި އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރުކުރެއްވުން. ޤައުމަށް އުފާފާގަތިކަން މިންވަރުކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.