بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ﷲ އަށް ޙަމްދުކުރަން، އަޅުގަނޑުމެންނަށް ބަރަކާތްތެރި ރަމަޟާން މަސް މިންވަރު ކުރެއްވީތީ. އަދި އެ މަހުގައި އަޅުކަމުގައި އަޅުގަނޑުމެންނަށް އުޅެވި އަދި އެކަމުގެ އުފަލެއްގެ ގޮތުގައި ބަރަކާތްތެރި ފިޠުރު ޢީދު މިންވަރުކުރެއްވީތީ.

އާދެ، ފިޠުރުޢީދުގެ ހެޔޮދުޢާއާއި ތަހުނިޔާ، ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން. ޢީދު މުބާރިކް.

އާދެ، މިއީ އުފަލުގެ ވަގުތު. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ފަޚުރުވެރި ދިވެހިން. ދިވެއްސަކަށްވީތީ، އަޅުގަނޑުމެން ފަޚުރުވެރިވާންވީ. އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى އެންމެ މަތިވެރި ނިޢުމަތް، އިސްލާމްދީނުގެ ނިޢުމަތް ދެއްވާފައިވާތީ. އަޅުގަނޑުމެންނަކީ އިސްލާމްދީނަށް ނަޞްރުދޭ، އިސްލާމްދީން ކުރިއެރުވުމުގައި ފަޚުރުވެރިވާ ބަޔަކަށްވާންޖެހޭ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ދެ ޢީދު، ފިޠުރުޢީދާއި، އަޟްޙާޢީދު އެއީ، އުފާފާޅުކުރުމަށް އެކަލާނގެ ނިޢުމަތުން ދެއްވާފައިވާ ދެ ދުވަސް. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ކުދި ބޮޑު ހުރިހާ އެންމެންނަށް، ޚާއްޞަކޮށް، ކުޑަކުދިންނަށް، ޒުވާނުންނަށް މީގެ މުހިންމުކަން އިޙްސާސްވާން. އިސްލާމްދީނުގައި މި ދެއްވާފައިވާ މި ނިޢުމަތުގެ މުހިންމުކަން އިޙްސާސްވާން.

އަޅުގަނޑުމެންގެ ޤައުމަކީ، ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އެހެންވީމާ، މި ޤައުމުގައި އަޅުގަނޑުމެން ޢީދުދުވަހަށް ކުރިއްސުރެ އިންތިޒާރުކޮށް، ޢީދުދުވަހަށްޓަކައި ތައްޔާރުވެ، ދީނީ ހަމަތަކުގެ މަތިން، ޢީދުގެ އުފަލުގައި ފުރިހަމައަށް ބައިވެރިވެ، ޢީދުގެ އުފާފާޅުކުރަންވާނެ.

އެހެންވީމާ، އަޅުގަނޑު ގަސްތުކުރީ މިކަން މިގޮތަށް ކުރިއަށް ގެންދަން. ވަރަށް އުފާކުރަން. ﷲ އަށް ޙަމްދުކުރަން. އަޅުގަނޑުމެންނަށް މިގޮތަށް މިކަން މުޅި ރާއްޖޭގައި މިފަހަރު ފާހަގަކުރަން ފެށޭތީ. މިފަހަރު މާލެސިޓީއާއި، ހުރިހާ ސިޓީތަކެއްގައްޔާއި، ވެރިކަންކުރާ ހުރިހާ ރަށެއްގައި އިރާދަކުރެއްވީތީ ޢީދުގެ ދިއްލުން މިވަނީ ދިއްލިފައި. އަޅުގަނޑު އުންމީދު ކުރަނީ، އަދި އަޅުގަނޑު ގަސްތުކުރަނީވެސް ދެން ކުރިއަށް އޮތް އަހަރު އަދި މިއަށްވުރެ ގިނަ ރަށްތަކުގައި އަޅުގަނޑުމެންނަށް ޢީދުގެ ދިއްލުންތައް އިރާދަކުރެއްވިއްޔާ ދިއްލޭނެ ކަމަށް. މިހާރުވެސް ވަރަށްގިނަ ރަށްތަކުން އެބަ ރިކްއެސްޓް އާދޭ، އެ ރަށްތަކުގައި ޢީދު ލައިޓް ހަރުކޮށްދިނުމަށް. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މި އަންނަ އަހަރަށް އަދި އަޟްޙާޢީދަށް އިރާދަކުރެއްވިއްޔާ މިއަށްވުރެ ގިނަކުރާނަން. ގިނަ ރަށްތަކުގައި.

އެހެންވީމާ، ކުޑަކުދިން، ޢާއިލާތަކުން ޢީދުގެ އުފަލުގައި ބައިވެރިވެ، ޢީދު، އޭގެ ފުރިހަމަގޮތުގައި ފާހަގަކުރައްވާ! އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެން އެކުގައި، އެއް ރޫޙެއްގައި، އެއްބައެއްގެ ގޮތުގައި މި ޢީދު ފާހަގަކުރަން. އަޅުގަނޑުމެންނަކީ ދިވެހިން. ފަޚުރުވެރި ދިވެހިން. ދިވެއްސަކަށްވީތީ އަޅުގަނޑުމެންނަކީ އެއްބައެއް. އެއް ނަސްލަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ އެއްބައެއް. އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއް.

އެހެންވީމާ، މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ގޮސްގެން ނުވާނެ. ކޮންމެފަދަ ކަމެއް ކުރިމަތިވިޔަސް، ކޮންމެކަހަލަ ޚިޔާލުތަފާތުވުމެއް، އެއްވެސް ވަގުތަކު ދިމާވިޔަސް، މިކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހިންކަން. ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ޖެހޭނެކަން. ދިވެއްސަކަށްވީތީ އަޅުގަނޑުމެންނަކީ ދިވެހި ޤައުމުދެކެ ލޯބިވާ، އިސްލާމްދީނަށް ނަޞްރުދޭ ބަޔަކަށްވާންވާނެކަން. އެ ޢަޒުމް، އެ ކަންތަކުގައި ތަފާތުވެގެން ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން މައިންބަފައިން، ހުރިހާ ކުޑަކުދިންނަށްވެސް ދަސްކޮށްދޭންވީ މި ކަންތައް. އަޅުގަނޑުމެންނަކީ އެންޑް އޮފް ދަ ޑޭ އެއްބައެއް.

އެހެންވީމާ، މި އެއްބައިވަންތަކަމުގެ ޢަޒުމް މިއަދު އާކުރައްވަވާ! މި އެއްބައިވަންތަކަމާ އެކީގައި އަޅުގަނޑުމެންގެ ޤައުމު އާރާސްތު ކުރަމާ ހިނގާ! އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ކޮންމެ ކުޑަ ކުއްޖަކަށް އުފާވެރިކަން ގެނެސްދޭން. އަޅުގަނޑުމެންގެ ކޮންމެ ކުޑަ ކުއްޖަކަށް، އެ ކުއްޖާގެ އުންމީދުތައް ހާސިލުކޮށްދޭން. ޢާއިލާތަކަށް އުފާވެރިކަން ގެނެސްދޭން. އެހެންވީމާ، އެންމެން އެކުގައި މިކަންކަމައިގެން ކުރިއަށްދިޔައިމަ، އަޅުގަނޑުމެންގެ އުންމީދުތައް އިރާދަކުރެއްވިއްޔާ ހާސިލުވާނެ.

އަދިވެސް އެއްފަހަރު، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޢީދުގެ ތަހުނިޔާ އަޅުގަނޑު ދަންނަވަން. އަދި މި ޢީދުގައި ހަމަ އުފާވެރިކަމާ އެކީގައި، އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ބާރުއަޅަން. މާލެ ސިޓީގައިވެސް މީގެ ކުރީގައި ނުގެންދާ މިންވަރަށް އަޅުގަނޑު އެދެން، ހަމަ ޢީދުގެ އުފާވެރިކަން ފާޅުކޮށް، މަގުމަތީގައިވެސް ޢާއިލާތަކުން ނުކުމެ، ތިޔަބޭފުޅުން ބޭނުންވެލައްވާ ގޮތަކަށް މަގުތަކާއި ގޯޅިތަކުގައި އެކިކަހަލަ ހަރަކާތްތައްވެސް ހިންގަވަން. މި ޢީދަކީ ރަށްރަށުގައިވެސް ހަމަ އުފާވެރިކަމާ އެކީގައި ނުކުމެ، އަޅުގަނޑުމެން މުސްލިމުންނަށްވީތީ، ފަޚުރުވެރިކަމާ އެކީގައި ފާހަގަކުރާ ދުވަހަކަށް ހައްދަވަން. އިރާދަކުރެއްވިއްޔާ އޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އަދިވެސް އެއްފަހަރު، ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮ ތަހުނިޔާ، ހުރިހާ ބޭފުޅުންނަށް ދަންނަވަން.

ނިންމާލުމުގެ ކުރިން، މި ބުރަ މަސައްކަތް މިހިސާބަށް ގެނައުމުގައި، މިކަމުގައި ބައިވެރިވި ހުރިހާ ބޭފުޅުން، ސިޓީޒް މިނިސްޓްރީ، ސްޓެލްކޯ، ފެނަކަ، ހުރިހާ ކައުންސިލްތައް، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ ނަން ފާހަގަކުރަން.

އާދެ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެދޭފަދަ ދުވަސްތަކެއް، ލޮބުވެތި ދިވެހި ރައްޔިތުންނަށް މިންވަރުކުރެއްވުން. އަޅުގަނޑުމެންނަކީ ފަޚުރުވެރިކަމާ އެކީގައި، އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އިސްލާމްދީނަށް ނަޞްރުދޭ، އެކުވެރި، އެއްބައިވަންތަ، އެއްބައެއްވަންތަ ގޮތެއްގައި އަބަދުމެ ތިބޭ ބައެއް ކަމުގައި މިންވަރުކުރައްވާށި! އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ އުފާފާގަތިކަން މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.