بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނައިފަރުގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ނައިފަރުގެ މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ކެމްޕެއިން ތެރޭގައި މި ރަށަށް ދެފަހަރަކު އާދެވުނު. ދެވަނަފަހަރު ދެތިން މިނިޓަށް ނަމަވެސް އާދެވުނު. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، މި ރަށުން ދެއްވި ފުރިހަމަ ތާއީދަށްޓަކައި ނައިފަރުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ވާނީ ވަރަށްގިނަ ކަންކަމުގައި ރައްޔިތުންނަށް ވަޢުދުތަކެއް ވެފައި. އާދެ، މި ރަށުގެ ބިން ބޮޑުކުރުމުގެ މަޝްރޫޢެއް ފެށިފައި އޮތް ނަމަވެސް، އެއީ، ރައްޔިތުން އެދޭ މިންވަރަށް ހިނގަމުންދާ މަޝްރޫޢަކަށް ނުވާތީ، ރައްޔިތުން އެދިވަޑައިގަންނަވާވަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގުމަކީ، އޭރު ރައްޔިތުން ވިދާޅުވި ވާހަކަފުޅު. އަދި މިއަދު މި ކައުންސިލް ބައްދަލުވުމުގައިވެސް އެކަން ވަނީ ފާހަގަކުރައްވާފައި.

އާދެ، އަޅުގަނޑު ޔަޤީންކަން ދެން، އަޅުގަނޑު ވަޢުދުވީ ގޮތަށް، 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް މި ރަށުގައި ހިންގައިދޭނަން. މިހާރު ހިނގާ މަޝްރޫޢު ނިމޭއިރުގައި، 45 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ ހިއްކައި ނިމޭނެ.

އާދެ، ބިން ހިއްކުމަކީ ބިން ނެތީމަ ކުރާ ކަމެއް. ބިން ބޭނުންވަނީ ގެދޮރުވެރިކަން ޔަޤީންކުރަން. ގެދޮރުވެރިކަން ހާސިލުކުރަން. ޢުމްރާނީ ތަރައްޤީ، އިޤްތިޞާދީ ތަރައްޤީ އަދި އިޖުތިމާޢީ ތަރައްޤީ ހާސިލުކުރަން. ގެދޮރުވެރިކަމުގެ ދާއިރާއިން ބަލާނަމަ، ނައިފަރުގައި ވަރަށްގިނަ ރައްޔިތުން ގެދޮރު ބޭނުންވޭ. މުޅި ރާއްޖޭގައިވެސް އަދި އަމުދުން ބައިބޯ ހުރިހާ ރަށެއްގައި އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ޔަޤީންކޮށްދިނުން. އެހެންވީމާ، ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ މައްސަލަ ފިޔަވައި އެންމެބޮޑު ސިޔާސަތެއްގެ ގޮތުގައި، އެންމެ އިސްކަންދޭ ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑު ކަނޑައެޅީ އެކަން.

ވަރަށްގިނަ ކަންކަން ހިނގަމުން އެބަދޭ. ވަރަށްގިނަ މަސައްކަތް އެބަ ކުރަން. އެކިކަހަލަ ލޯނު ނެގޭނެ ނިޒާމު ތަޢާރުފް ކުރުން އެއީ، އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް. ފަސް ޕަސެންޓަށްވުރެ ބޮޑުނުވާނެ އިންޓްރެސްޓް ރޭޓުގައި. އަމިއްލަ ގޯތީގައި ގެ އެޅުމާއި، ހަދަން ފަށައި ނުނިމިހުރި ގެތައް ނިންމުމަށާއި، ހަދާފައި ހުރި ގޭގެ ރިނޮވޭޝަން ފަދަ ކަންކަމަށް އެކިކަހަލަ ލޯނު ސްކީމްތަކާއި، ގެދޮރު އަޅައިދިނުމުގެ މަޝްރޫޢުތައް ހިންގުމަށް ކަންކަން ފަހިކުރަން. މި ރަށުގައި އަޅުގަނޑު ވަޢުދުވީ 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގަން. އަދި އެވަރަކުންވެސް ނުފުދޭނެ. މި ދެންނެވި ލޯނުތައް ނެގޭ ހިސާބަށް ގެންދެވުނީމަ، އޭގެ ފަސޭހަކަމެއްވެސް މި ރަށަށް ލިބޭނެ. އަދި ރާއްޖޭގެ އެހެން ރަށްތަކަށްވެސް ލިބޭނެ.

އެހެންވީމާ، މި ދެންނެވި ފަދައިން އިރާދަކުރެއްވިއްޔާ ނައިފަރުގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެކަށީގެންވާވަރުގެ ޙައްލެއް ގެނެވޭވަރަށް މި ރަށުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތައް ހިންގާނަން. އަޅުގަނޑު ދެންނެވިވަރަށް، އެންމެ މަދުމިނުންވެސް، އެންމެ ކުޑަކޮށްވެސް 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢު މި ރަށުގައި އިރާދަކުރެއްވިއްޔާ ހިންގާނެ ވާހަކަ ދަންނަވަން.

މިއީ ކުރިން ވީ ވަޢުދު ތަކުރާރުކޮށްލަނީ. އެއްގޮތަކަށްވެސް އާ ވަޢުދެއް ވަނީކީ ނޫން. އާދެ، ވަރަށް ގިނަ މަޝްރޫޢުތައް ހިންގާނެ ކަމަށް އަދި ހިނގަމުންދާ ބައެއް ކަންކަން ރަނގަޅަށް ހިންގާނެ ކަމަށްވީ ވަޢުދު. މަގު ހެދުމުގެ މަސައްކަތަކީ ވަރަށް މުހިންމު ކަމެއް. މަގުހަދާއިރުގައި މިހާރު ސްކޯޕް ކަނޑައަޅާފައި އެއޮތީ ވަރަށްމަދު މަގުތަކެއް ހަދަން. އެހެން ނަމަވެސް، ހަހާހެއްހާ ރައްޔިތުން ދިރިއުޅޭ، މިހާގިނަ މަސައްކަތްތައް ހިނގާ، މަސްވެރިކަމުގެ މިހާގިނަ އޮޑިދޯނިފަހަރު އޮތް ރަށެއްގައި އާބާދީއަށްވެސް ބަލާއިރުގައި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މިންގަނޑުން ބަލާއިރުގައިވެސް މުހިންމު ކަމެއް ދޭންޖެހޭ މަގުހަދަން.

އަޅުގަނޑު ކެމްޕެއިން ފަށަމުން މެނިފެސްޓޯ ހުށަހަޅަމުންދިޔައިރުގައި، އެރޭ ހުށަހެޅި މާސްޓަރ ޕްލޭން، ނޫނީވިއްޔާ އަޅުގަނޑު ވިސްނާގޮތް ހުށަހެޅިއިރުގައި ދެންނެވިން، ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާ ގޮތަކަށް ކަންކަން ކުރުމޭ. އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭގޮތަށް، އުތުރުގެ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ކޮންސެޕްޓްގައި ކުރިއެރުވުމާއި، ދެކުނުގެ ހަތަރު އަތޮޅު ހިމެނޭގޮތަށް ސަދަން ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރުމާއެކު، މެދު ރާއްޖެތެރޭގެ އެކި ސަރަޙައްދުތައް ހިމެނޭގޮތަށް 7 އަރބަން ސެންޓަރެއް ތަރައްޤީކުރުން. އެއީ، ކޮންމެ ރަށަކަށްވިޔަސް، އެ ރަށަކަށް ބޭނުންވާ ކަންކަން ކޮށްދެމުންދާއިރުގައިވެސް މެދު ރާސްތާ އަދި ދުރު ރާސްތާއަށް ވިސްނާއިރުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެމަތީ ފަންތީގައި ހުރިހާ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ގޮތަކީ އެއީ ކަމަށްވާތީ. އެގޮތަށް ސިޔާސަތު ކަނޑައަޅައި، ރައްޔިތުން އެކަން ބަލައިގަތީ.

މިގޮތަށް ޤާއިމުކުރެވޭ އަރބަން ސެންޓަރުތަކުގައި، އެންމެ މަތީ ފެންވަރުގައި، އެ ރަށެއްގައި ތިބެގެން ކަންކަން ހާސިލުކުރެވޭ މިންވަރަށް ކަންކަން ޤާއިމުކުރެވެންޖެހޭނެ. އެއީ، ވިސްނުމަކީ. އެއީ، އިރާދަކުރެއްވިއްޔާ އެކަން ކުރާނެ ގޮތަކީވެސް. އާދައިގެ ހޮސްޕިޓަލެއް ނޫން. އެކަހަލަ އަރބަން ސެންޓަރެއްގައި، ޞިއްޙީ ނިޒާމުގައި ހުންނާނެ، އެންމެ މުހިންމު ހުރިހާ ދާއިރާތަކުން ޚިދުމަތް ދެވޭގޮތަށް. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ޢާއިލާތަކަށް ބޭނުންވާ ސްޕީޗް ތެރަޕީއާއި، އެކިކަހަލަ ތެރަޕީތައްވެސް ދެވޭގޮތަށް ވަސީލަތްތައް ޤާއިމުކުރެވިފައި. އެންމެމަތީ ފެންވަރުގައި ތަޢުލީމީ ނިޒާމުވެސް ޤާއިމުކުރެވިފައި، މަގުތައްވެސް އެންމެ ރަނގަޅަށް ހެދިފައި، އަދި ދެންހުރި ކަންކަންވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނީ.

އެހެންވީމާ، މި ދެންނެވި 7 އަރބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ނައިފަރު ކަމަށް އަޅުގަނޑު ދަންނަވާލަން.

އާދެ، އެހެންވީމާ، މި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދާއިރުގައި، ދެންހުރި ކަންކަންވެސް ކުރިއަށްދާނީ، މި ދެންނެވި ހައި ޕްރިއޮރިޓީ ދެވިގެން. އަޅުގަނޑު ވަޢުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ހިނގާނީ. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް ހޮސްޕިޓަލްވެސް ތަރައްޤީކޮށްދޭނަން. ޞިއްޙީ ހުރިހާ ދާއިރާތަކަކުން ޚިދުމަތް ލިބޭ ފެންވަރަށް އިރާދަކުރެއްވިއްޔާ ހޮސްޕިޓަލް ހަދައިދޭނަން.

ހަމަ އެގޮތަށް، މަސްވެރިކަމުގެ ދާއިރާއަށް ގެންނަންޖެހޭ ތަރައްޤީވެސް އިރާދަކުރެއްވިއްޔާ ގެނެސްދޭނީ. އައިސް ޕްލާންޓް ޤާއިމުކުރުމުގެ ވަޢުދުވިން. ބަނދަރު ބޮޑުކޮށްދޭންވެސް އަޅުގަނޑު ވަޢުދުވިން. މިހާރު މިއޮތް ބަނދަރަކީވެސް ރާއްޖޭގެ ރަށެއްގައި އޮތް އެންމެބޮޑު އެއް ބަނދަރު. އެހެން ނަމަވެސް، މަސްވެރިކަމުގައި މިހާ ފުޅާކޮށް މަސައްކަތް ކުރާ ރަށަކަށްވާއިރުގައި، ބޮޑުކުރެވެން އެބައޮތް. އަދި ބޮޑުކުރަންޖެހޭ. އެހެންވީމާ، ވަޢުދުވީ ގޮތަށް އެކަންވެސް ހިނގާނެ. އަޅުގަނޑު ދެންނެވިން، އިސްލާމީ މަރުކަޒެއް ޤާއިމުކުރާ ވާހަކަވެސް. އެކަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އާދެ، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީގެ ހުރިހާ މަސައްކަތެއް، ހުރިހާ ދާއިރާއެއްގެ މަސައްކަތް ހިނގާނެ. އެންމެމަތީ ފަންތީގެ އަރބަން ސެންޓަރެއް، އަދި ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ޢުމްރާނީ ތަރައްޤީގެ ހުރިހާ ކަމެއް، އިޖުތިމާޢީ ތަރައްޤީގެ ހުރިހާ ކަމެއް، ކުޅިވަރުގެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ނައިފަރުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދެން.

މިކަންކަން ހާސިލުކުރުމުގައި އަޅުގަނޑަށް ތިޔަބޭފުޅުން އެއްބާރުލުން ދެއްވުން އެދެން. އަޅުގަނޑަށް އޭރު އިތުބާރު ކުރެއްވި ގޮތަށް މިހާރުވެސް ކުރެއްވުން އެދެން. އަޅުގަނޑު އެދޭގޮތަށް ތިޔަބޭފުޅުން އަޅުގަނޑަށް ދެއްވެން އޮތް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވައިގެން، ކަންކަން ކޮށްދެއްވުމަކީ އަޅުގަނޑު އެދޭގޮތް.

އާދެ، ރައްޔިތުންގެ މަޖިލީހަކީ ބަޖެޓް ފާސްކޮށްދޭ ތަން. ޤާނޫނުތައް ހަދާ ތަން. ޤާނޫނުތަކަށް ބަދަލުގެނެސްދޭ ތަން. ގެދޮރުވެރިކަން ހާސިލުކުރުމަށް ދާއިމީ ޙައްލެއް ގެންނަންޏާ ކޮންމެހެން ހަދަންޖެހޭ ޤާނޫނުތަކެއް އެބަހުރި. އަޅުގަނޑުމެން މިހާރު މިދަނީ އެ ބިލުތައް ހަދައި، މަޖިލީހަށް ފޮނުވަމުން. މި ރާއްޖޭގައި މިހާރު އޮތް ދެތިން ޤާނޫނަކުން ޙައްލުވާވަރުގެ ކަމެއް ނޫން ގެދޮރުވެރިކަމުގެ މައްސަލައަކީ.

އެހެންވީމާ، އެ ބިލުތައް ޤާނޫނަށް ހަދައި ފާސްކޮށްދޭނީވެސް ރައްޔިތުންގެ މަޖިލީހުން. ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް އަޅުގަނޑު އިޢުލާނުކުރި ސިޔާސަތު، އަޅުގަނޑުމެންގެ ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ އާމްދަނީގެ ބައިކުޅަ ބައެއް ކައުންސިލްތަކަށް ޖަމާކޮށްދޭން އަޅުގަނޑު ނިންމި ނިންމުން. އެކަންވެސް ކޮށްދެވޭނީ މަޖިލީހުން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް. އެ ކޮމިޓީތަކަށް ރަމަޟާން މަހުގެ ޢިނާޔަތް ލިބޭގޮތްވެސް ހަދައިދެވޭނީ މަޖިލީހުން. އެ ކޮމިޓީތަކަށް ލިބޭ އެލަވަންސަކީ، މުސާރައެއްގެ ގޮތުގައި ކަނޑައަޅައި، އެކަށީގެންވާ މުސާރައަކަށް ހަދައި، އެ ކޮމިޓީގެ މެންބަރުންނަށް ވިހެއުމުގެ ޗުއްޓީއާއި، މުވައްޒަފުންނަށް ލިބޭ ހުރިހާ ޗުއްޓީތައް ލިބޭނެގޮތް ހަދައިދީ، ބޭންކަށް ގޮސް ލޯނު ނެގޭނެގޮތް ފަހިކޮށްދީ، އެ ލިބޭ ފަސް ޕަސެންޓަކީ، ޑަބްލިޔޫ.ޑީ.ސީ.ތަކުގެ ހަރަކާތްތަކަށް ޚާއްޞަ އެއްޗަކަށް ހަދައިދިނުމާއި، މުޅި ކައުންސިލްގެ ބަޖެޓަށް އިތުރުކުރެވޭ ބަޔަކުން މުސާރަ ދެވޭގޮތް ހަދަން އަޅުގަނޑު ބޭނުން. އެކަންވެސް ކޮށްދެވޭނީ، މި ހުރިހާ ކަމެއްވެސް ކޮށްދެވޭނީ މަޖިލީހުން ޤާނޫނުތައް އިޞްލާޙުކޮށްގެން.

މިހެންގޮސް އެތައް އެތައް ކަމެއް އަޅުގަނޑު ބޭނުން، މި ރަށުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރަން. މަޖިލިސް ތެރެއިން ކުރެވެންހުރި ކަންކަން ކުރެވޭނީ މަޖިލިސް ތެރެއިން އެކަންކަން ފަހިވެގެން. އެކަންކަން ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން. ރައްޔިތުންގެ އެއްބާރުލުން ލިބެންޖެހޭ ވާހަކަ މި ދަންނަވަނީ، މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުން ކަމަށްވާތީ.

އާދެ، އެހެންވީމާ، އަޅުގަނޑު އެދެނީ، މި ރަށުގެ ތަރައްޤީއަށް ކުރަން މިހިރަ ހުރިހާ ކަމެއް އަޅުގަނޑު މި ދެންނެވި މިންގަނޑުގައި، އަރބަން ސެންޓަރެއްގެ ފެންވަރުގައި މިތަން ތަރައްޤީ ކުރުމުގައި މި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ބަޖެޓް ފާސްކޮށްދިނުމާއި، އަދިވެސް ދެންހުރި ކަންކަން ކުރަން. ދޫކުރުމަށް މި ބޭނުންވާ ލޯނުތައް، ލުއި ލޯނުތައް، ހައުސިންގ ލޯނުތައްވެސް ދޫކުރެވޭނީ ޤާނޫނުތައް އިޞްލާޙުކޮށްގެން. އާ ޤާނޫނުތަކެއްވެސް ގެނެވިގެން. އެ ވާހަކަ މި ދަންނަވަނީ. ދާއިމީ ގޮތެއްގައި ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރަންޏާ، ދުނިޔޭގެ ތަރައްޤީވެފައި ހުރި ޤައުމުތަކުގައި ހުރި ޤާނޫނުތައް ކޮންމެހެންވެސް މިތަނަށް ތަޢާރުފް ކުރަންޖެހޭ.

އެހެންވީމާ، މި ހުރިހާ ކަމެއް ކޮށްދޭން އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވުމަކީ، ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް. މުޅި ރާއްޖޭގެ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް. އެހެންވީމާ، މިކަމުގައި އަޅުގަނޑަށް އެއްބާރުލުން ދޭނެ ކަހަލަ ބޭފުޅުން، ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައި ދެއްވުމަކީ، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ، އަޅުގަނޑު ޔަޤީންވެސް ކުރާ ކަމެއް. އަދި މި ރަށުގެ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެކަމަށް ޔަޤީންކުރަން.

އާދެ، ވަގުތުވެސް އެބަ ވަރަށް ކުޑަވޭ. އަޅުގަނޑު ދަތުރުތައް ފަށައިގެން މަހެއްހާ ދުވަސް މިވީ. ހުރިހާ ރަށަކަށް ނުދެވުނު ނަމަވެސް، ކައިރީގައި ހުރި ރަށްރަށުގެ ކައުންސިލްތައްވެސް ގެނެސް، ކައުންސިލްތަކާވެސް އެބަ ބައްދަލުކުރަން. ޑަބްލިޔޫ.ޑީ.ސީ.ތަކާ އެބަ ބައްދަލުކުރަން. އޭގެ ސަބަބުން އަޅުގަނޑަށް އެބަ ވަރަށް ފަސޭހަވޭ. އެހެންނޫނީ މިވާގޮތަކީ، އޮފީހުގައި ހުރެގެން ރަށްރަށުގައި ހިނގާ ކަންކަން ބަލަންވީމާ، އެ އޮންނަ ސަރުކާރުގެ ނިޒާމުގެ ތެރެއިން އެނގޭ ކަމެއްވިއްޔާ އެނގޭނީ. ރަށެއްގައި ހިނގަމުންދާ ކަމެއް، ރަށަށް ދަތިވާ ކަމެއް، ވަރަށްލަހުން އެނގޭ ނިޒާމެއް ޙަޤީޤަތުގައި މި އޮންނަނީ. އެހެންވީމާ، ރައްޔިތުން ގާތަށް ދިޔައިމަ، ރައްޔިތުން ބޭނުންވާ ކަންކަން އެބަ އެނގޭ.

މި ރަށުގައި މިއަދު ދެންމެ ނިމުނު ނައިފަރު ކައުންސިލްގެ ބައްދަލުވުމަކީ، 150 ވަނަ ކައުންސިލް ބައްދަލުވުން އަޅުގަނޑަށް ބޭއްވުނު. ނައިފަރު ކައުންސިލާ ބައްދަލުވީމަ އެ ބައްދަލުވީ، 150 ކައުންސިލާ. ޑަބްލިޔޫ.ޑީ.ސީ.ވެސް ހިމެނޭގޮތަށް. ބާކީ ދެން ތިރީސްފަސްވަރަކަށް ކައުންސިލް އަދި ޑަބްލިޔޫ.ޑީ.ސީ. އޮތީ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އުންމީދު ކުރަން، އެ ހުރިހާ ކައުންސިލްތަކާވެސް ބައްދަލުވާނެ ކަމަށް. މި މަޝްވަރާތަކުން، މި ބައްދަލުވުންތަކުން ރައްޔިތުން ސީދާ ބޭނުންވާ ކަންތައްތައް، ކައުންސިލަރުންނާއި ޑަބްލިޔޫ.ޑީ.ސީ. އެބަ ޙިއްޞާ ކުރައްވާ. އޭގެ ސަބަބުން ކަންކަން އަވަހަށް ކޮށްދިނުމުގައި، އަވަހަށް ނަތީޖާ ނެރެދިނުމުގައި ފަސޭހަތަކެއްވޭ. އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއެއް ހުރީ ނަތީޖާ ނެރެން. ރައްޔިތުން ބޭނުންވަނީ ނަތީޖާ. ކަންކަން ވާން. ރިޒަލްޓް އޮރިއެންޓަޑް ގަވަރންމަންޓެކޭ އަޅުގަނޑު ދެންނެވީ ޤާއިމުކުރާނީ. އެހެންވީމާ، ރިޒަލްޓް ނެރެންޏާ، ރައްޔިތުން ގާތަށް ގޮސްގެން ރައްޔިތުންގެ ކަންކަން، ރައްޔިތުންގެ ކިބައިން އޮޅުންފިލުވައިގެން ވާނީ.

އެހެންވީމާ، ވަރަށް އުފާކުރަން. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ހުރިހާ ރައްޔިތުންނަށް، ހުރިހާ ކައުންސިލަރުންނަށް، ޑަބްލިޔޫ.ޑީ.ސީ.ތަކަށް. މިއަދާ ހަމަޔަށް އައިއިރުގައި، ތިޔަ ދެއްވި އަދި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް. އިރާދަކުރެއްވިއްޔާ ކައުންސިލްތައް ފުރިހަމައަށް ބާރުވެރިކުރުވައިގެން، ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑްގައި ގެންގޮސް ފުރިހަމަކޮށްދޭނަން.

އާދެ، ދެ ދުވަހެއްގެ ތެރޭގައި، މާދަމާ ނޫން އަނެއް ދުވަހު، މިހާރު ކަލަންޑަރު އޮތް ގޮތުންވިއްޔާ ރަމަޟާން މަސް މި ފެށެނީ. ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާ އަޅުގަނޑު ދަންނަވަން. އަޅުގަނޑު އެދެނީ، މި ރަމަޟާން މަހަކީ ފުރުޞަތެއްގެ ގޮތުގައި ބައްލަވައި، ރަނުގެ ފުރުޞަތެއްގެ ގޮތުގައި މި މަހުގެ ބޭނުންހިއްޕެވުމަށް. އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ މާތް އަޚްލާޤު، ރިވެތި ގޮތްތައް އަށަގެންނެވުމަށް. ދޮގުހެދުމާއި، ފުރައްސާރަ ކުރުމާއި، ޙަޤީޤަތެއް ނެތް ދެރަ ކަންކަން މީހުންނަށް ކުރިމަތިކުރުމާ، މިކަހަލަ ކަންކަމުން ދުރުވެ، އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރި ބަޔަކަށްވެ، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ޢަޒުމް ކަނޑައަޅާ ފުރުޞަތަކަށް މި ބަރަކާތްތެރި ރަމަޟާން މަސް ހެއްދެވުމަކީ، ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ސަބަބަކީ ރަމަޟާން މަހަކީ އަޅުގަނޑުމެން ތަޤުވާވެރިކަން އިތުރުކުރުމަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވާ ފުރުޞަތެއް. ޙަޤީޤީ މާނައިގައި ރޯދަހިފާނަމަ، އަޅުގަނޑުމެން މިކަންކަމަށް އިސްކަންދޭނެ.

މަޖިލިސް އިންތިޚާބަކީ ވާދަވެރި އިންތިޚާބެއް. އެ ވާދައިގެ ތެރޭގައިވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް ޙަޤީޤަތާ ޚިލާފަށް ދޮގު ބަސްތައް ރައްދުނުކޮށް، ޙަޤީޤަތާ އެއްގޮތަށް ރީތި ބަހުރުވައިން ކެމްޕެއިންކޮށް، ރީތި އާދަތައް އާލާކޮށް، ކުޑަކުދިންނަށްވެސް ރީތި ގޮތްތައް ދަސްކޮށްދީ، ބޮޑެތި މީހުންނަށް އިޙްތިރާމް އަދާކުރަން، ޒުވާނުންނާއި ކުޑަކުދިންނަށް ބާރުއަޅައި، މިކަހަލަ ކަންކަން މި ބަރަކާތްތެރި ރަމަޟާން މަހު ކުރެއްވުމަކީ، ލޮބުވެތި ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު އެދޭ ކަމެއް. އެއްވެސް ހާލެއްގައި ދޮގަށް ފުރުޞަތު ނުދެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑުމެންނަށް އެބަ ފެނޭ، ކާކު ހިންގާ ވެބްސައިޓްތަކެއްކަން ނޭނގޭ އެތައް ވެބްސައިޓްތަކެއްގައި، ނޫސްތަކެއްގައި، އަންޑަރ ގްރައުންޑް ވެބްސައިޓްތަކުގައި، އެއްވެސްވަރެއްގެ ޙަޤީޤަތެއް ނެތް ވާހަކަތައް ލިޔަމުންދާ ތަން. ދިވެހި އަކުރުން، ދިވެހިބަހުން ލިޔެފައި ހުންނަނީ. އެހެންވީމާ، ދިވެހިން ކަމަށް މި ބަލަނީ އެ ވެބްސައިޓްތައް އެ ހިންގަނީ.

އަޅުގަނޑުމެންނަކީ މުސްލިމުން. ކީރިތި ޤުރްއާނުގައިވެސް ވަރަށް ސާފުކޮށް އެ އޮންނަނީ، އިސްލާމުންނަކީ އެކަކު އަނެކަކަށް އަޅާލައި، އެކަކު އަނެކަކުގެ ކިބައިން އެކަހަލަ ނުބައި ކަންތައްތަކަށް ބާރުއަޅާނެ ބައެއް ނޫންކަން. ތެދުބަހުން ވާހަކަ ދައްކާނެ ބައެއްކަން. އީމާންތެރިކަމެއް ހުރި މީހަކުވިއްޔާ ދޮގު ނުހަދާނެކަން. ދޮގުބަހުން ވާހަކަ ނުދައްކާނެކަން. އެހެންވީމާ، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވާތީ، މި ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން މިކަމަށް އިސްކަންދީ، އަޅުގަނޑުމެންގެ ތަޤުވާވެރިކަން އިސްކޮށް، މި ރީތި ގުޅުންތައް ޤާއިމުކޮށް، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން. އަޅުގަނޑު ޔަޤީންކުރަން، މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނެ ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން އަންނަން. ހަމަޖެހުން އަންނާނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙުކޮށްގެން. ނަފްސު އިޞްލާޙުނުކޮށް، ނަފްސު ތަރައްޤީނުކޮށެއް އަޅުގަނޑުމެންގެ ޤައުމަކަށް އަންނާނެ ކުރިއެރުމެއް، ހަމަޖެހުމެއް ނެތް. ކިތަންމެ ބޮޑު ބަނދަރުތަކެއްވެސް ހެދިދާނެ. މަގުތައްވެސް ހެދިދާނެ. އަދި ދެންހުރި ހުރިހާ މާއްދީ ކަންކަން ކުރެވިދާނެ. އެކަމަކު އަމިއްލަ ނަފްސު އޮތީ ވަރަށްބޮޑު އަނދަވަޅެއްގައި ކަމަށްވަންޏާ، އެއީކީ މާނަހުރި ތަރައްޤީއެއް ނޫން އެ ގެނެވެނީކީއެއް. މި މާނަހުރި ތަރައްޤީ، ނަފްސަށް ގެނައުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. އެކަމަށްޓަކައި ލިބޭ ރަނުގެ އެންމެ ބޮޑު ފުރުޞަތު މި ލިބެނީ ރަމަޟާން މަހު.

އަޅުގަނޑު އެދެނީ ލޮބުވެތި ހުރިހާ ރައްޔިތުންގެ ކިބައިން މި ފުރުޞަތުގެ ބޭނުންހިފަން. މި ފުރުޞަތުގެ ބޭނުން ނުހިފީމާ، ދެން ދީނުގައި އެ އޮންނަ ގޮތަށް، ރަމަޟާން މަސް ނިމިގެންދާއިރުގައި، އެއަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތިވި، އެއަށްވުރެ ބޮޑު ނިކަމެތި މީހެއް ނުހުރޭ. އެހެންވީމާ، އެހެންވިޔަ ނުދޭން ކޮންމެ ބޭފުޅަކުވެސް ޢަޒުމް ކަނޑައަޅުއްވައި، އެކުވެރިކަމާއި، ލޯތްބާއި ކުލުނު އާލާކުރުމާއި، ރީތި އާދަތައް އާލާކުރުމަށް ޢަޒުމް ކަނޑައަޅަން ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން. އިލްތިމާސް ކުރަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، އިސްލާމްދީނަށް ނަޞްރުދޭ ބައެއް ކަމުގައި ލެއްވެވުން. މި ޤައުމު އިސްލާމްދީން މަތީގައި، މިނިވަންމަތީ ތާއަބަދުމެ ލަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.